ޑރ. މޫސާ އަންވަރު ޙަސަން
1 އޯގަސްޓް 2026
މިއަދުގެ ދުނިޔޭގެ ޙާލަތަށް ފުންކޮށް ބަލައިލުމުން ވަރަށް ސާފު މަންޒަރެއް ފެނެއެވެ. ސައިންސާއި، ފަންނިއްޔާތާއި، އިޤްތިޞާދާއި އަދި އަސްކަރީ ގޮތުން ކުރިއަރައިފައިވާ ދުނިޔެ، ނަފްސާނީ އަދި ރޫޙާނީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިލަމުންދެއެވެ. އެއީ އަޚުލާޤާއި އުޞޫލުތައް މުޅީން ފުނޑުފުނޑުވުމެވެ. ހުޅަނގުން ދިގު މުއްދަތަކަށް އުފުލި މިނިވަންކަމާއި އިންސާނިއްޔަތުގެ އުޞޫލުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ޙަޤީޤަތް، "ޠޫފާން އަލްއަޤްޞާ"އާއި ޣައްޒާގެ ދެ އަހަރުވީ ޙާލަތުން ވަނީ ފަޟީޙަތްކޮށް، ހާމަކޮށްދީފައެވެ. އެ ޝިޢާރުތައް އުފުލައި، އެއީ ޤައުމުތަކާއި ރައްޔިތުން އަޅުވެތިކުރުމުގެ ވަސީލަތަކަށް ހަދައިފައިވާ ހުޅަނގުގެ މީހުންގެ ކިބައިން، އެ އުޞޫލުތަކަށް ޢަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. ނަމަވެސް، ޒުވާނުންނާއި، ބައެއް ޢިލްމުވެރިންނާއި މުފައްކިރުން ވެސް އެ ކަމަށް ހެއްލި، އެ މީހުން ފުރިހަމައަށް ކޮޕީކުރުމަށް ގޮވައިލިއެވެ.
މި ބަލިމަޑުކަން ހަމައެކަނި ސިޔާސީ އުޞޫލުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިސާބުން ހުއްޓުނީއެއްނޫނެވެ. އީމާންކަމުގެ އަސާސްތަކާއި، ފިޠުރަތާއި، ޢާއިލާގެ ނިޒާމާ ހަމައަށް ވެސް މީގެ އަސަރު ފޯރައި، ރޫޙާނީ ހުސްކަމާއި، ނަފްސާނީ ބަލިތަކާއި، އިންސާނާގެ ދިރިއުޅުމުގެ މަޤްޞަދު އޮޅުންބޮޅުންވުން ވަނީ އިތުރުވެފައެވެ.
އަނެއްކޮޅުން، އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވަނީ މިއަށް ވުރެ ކުޑަނޫން ނުރައްކާތެރި މައްސަލަތަކެކެވެ. އޭގެ ތެރޭގައި ކަށީގެ މަދަށް ވާޞިލުވެފައިވާ ބައިބައިވުމުގެ މައްސަލައާއި، ދާޢީންނާއި ވާޢިޡުންނާއި އިސްލާމީ ޙަރަކާތްތަކުގެ މެދުގައި އޮތް ފުން އަދި ނުރައްކާތެރި ޚިލާފުތައް ހިމެނެއެވެ. މީގެ އިތުރަށް، އިސްލާމީ ގިނަ ޤައުމުތަކެއްގައި ފަސްޖެހުމާއި، ފަޤީރުކަމާއި، ވަޒީފާނެތުމާއި، ބަލިމަޑުކަމުގެ މައްސަލަތައް އޮތީ އިންތިހާއަށެވެ.
އިސްލާމީ އުންމަތުގެ ކުރިމަތީގައި ބޮޑު ދެ މައްސަލައެއް އެބައޮތެވެ. އެއީ ޙަޟާރީ ގޮތުން ފަސްޖެހުމުގެ މައްސަލައާއި، އެތެރޭގެ ބައިބައިވުމުގެ މައްސަލައެވެ. މިއީ ޞައްޙަ ވަޙީއާއި، އަލިގަދަ ބުއްދިއާއި، އުންމަތުގެ ދިގު ތާރީޚުގެ ތަޖުރިބާތަކުގެ އަލީގައި ފުންކޮށް ވިސްނާންޖެހޭ ދެ ކަމެކެވެ.
ފުރަތަމަ: އިސްލާމީ އުންމަތް މި ޙާލަތަށް ވެއްޓުނީ ކީއްވެ؟
(ފިޤުހުލްމީޒާން)ގެ އަލީގައި ބަލާ އިރު، އިސްލާމީ އުންމަތުގެ ކުރިމަތީގައި އޮތް ހަމައެކަނި މަގަކީ، އިންސާނާ ހެއްދެވުމުގެ އިލާހީ މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތްކުރުމެވެ. އެއީ ޞައްޙަ ވަޙީގެ މައްޗަށް ބިނާކޮށް، ފުރިހަމަ ދީންވެރިކަމާއި، ފައިދާހުރި ޢުމްރާނީ ތަރައްޤީ ޙާޞިލުކުރުމެވެ.
މި އުންމަތަކީ އެންމެ ހެޔޮ އުންމަތްކަމަށް މާތްﷲ ވަނީ ހެކިވެވޮޑިގެންފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ) (سورة آل عمران 110) މާނައީ: "މީސްތަކުންނަށް ޓަކައި ނެރުއްވުނު އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ." އެހެންވީމާ، ބޮޑު ސުވާލަކީ، ހެޔޮކަމުގެ ހެކި ލިބިފައިވާ އުންމަތެއް މިހައި ބަލިކަށިވެ، ފަސްޖެހުނީ ކީއްވެގެންހެއްޔެވެ؟
ފިކުރީ ގޮތުން ބަލާއިރު މީގެ ޖަވާބަކީ، ރިސާލަތުގެ ދުވަސްވަރު އުންމަތް ހިނގަމުންދިޔައީ ރަސޫލާ صلى الله عليه وسلم ގެ ފިޔަވަޅުފުޅުތަކުގެ މައްޗަށާއި، ޚުލަފާއުއްރާޝިދޫންގެ މަންހަޖުގެ މައްޗަށެވެ. އެއީ ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ އިސްލާމީ މަންހަޖަށް ފުރިހަމައަށް ތަބާވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجاً) (سورة المائدة 48) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ."
މި އިސްލާމީ މަންހަޖަކީ ވަޙީގެ ނޫރާއި ބުއްދީގެ ނޫރު އެއްކޮށްލާ މަންހަޖެކެވެ. މިއީ އިންސާނާ ޚަލީފާއެއްގެ ގޮތުގައި ފޮނުއްވުމުގެ މައިގަނޑު ތިލަފަތެވެ. އެއީ ބޭރުފުށާއި އެތެރެފުށް ޝާމިލުވާ ޞައްޙަ ދީންވެރިކަމާއި، އައު އީޖާދުތަކުގެ މައްޗަށް ބިނާވާ ފައިދާހުރި ޢުމްރާނީ ތަރައްޤީ އެއްކޮށްލުމެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم އަކީ މި ދެ އަސާސް އެއްކޮށްލެއްވުމުގެ އެންމެ މަތިވެރި ނަމޫނާއެވެ. އެކަލޭގެފާނު މާތް ﷲ އަށް ފުރިހަމައަށް ތަވައްކަލުކުރެއްވުމާ އެކު، ހުރިހައި ސަބަބުތަކެއްގައި ހިއްޕެވިއެވެ. އަބޫބަކުރުގެފާނާ އެކު ކުރެއްވި ހިޖުރައިގެ ދަތުރުފުޅުގައި، ފައިދާހުރި ހުރިހައި ސަބަބެއް ބޭނުންކުރެއްވިއެވެ. ޢަލީގެފާނު އެކަލޭގެފާނުގެ އެނދުދާންކޮޅުގައި އަވަހާރަފުޅުލައްޕަވާން އަމުރުކުރެއްވިއެވެ. ގެކޮޅުގެ ފަހަތު ދޮރުން ނުކުމެވަޑައިގަތެވެ. މަދީނާއާ އިދިކޮޅު މިޞްރާބަށް ދަތުރުކުރެއްވިއެވެ. ކާބޯތަކެތި ގެނެސްދޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. ފިޔަވަޅުތަކުގެ ނިޝާން ފޮހެލުމަށް މީހަކަށް ޙަވާލު ކުރެއްވިއެވެ. އަދި މަގުދައްކާ މީހެއްގެ އެހީތެރިކަން ހޯއްދެވިއެވެ.
ހަމަ އެ ފަދައިން، ހަނގުރާމަތަކުގައި ވެސް މަޝްވަރާއާއި ތަޖުރިބާގެ ބޭނުންހިއްޕެވިއެވެ. ބަދުރު ހަނގުރާމައާއި ޚަންދަޤު ހަނގުރާމައިގައި ކަންވީ އެ ފަދައިންނެވެ. މި މަގުން ޚުލަފާއުއްރާޝިދޫންނާއި، ތާރީޚުގައި ކާމިޔާބު ހޯއްދެވި ޚަލީފާއިންނާއި ސަލާޠީނުން ހިނގައި، ޢިލްމީ އަދި ޙަޟާރީ ކުރިއެރުން ހޯއްދެވިއެވެ. އެހެންކަމުން، ތަފުސީރާއި، ޙަދީޘާއި، ފިޤުހު ފަދަ ޢިލްމުތަކާ އެކު، ދުނިޔަވީ ތަރައްޤީއާ ގުޅުން ހުރި ސައިންސްގެ ޢިލްމުތައް ވެސް ވަރުގަދައަށް ކުރިއަރަމުންދިޔައެވެ. ދީނީ ބޮޑެތި އިމާމުން އުފެދުނު ފަދައިން، ހިސާބު ޢިލްމާއި، ޖަބުރާއި، ބޭސްވެރިކަމުގެ ދާއިރާއިން ބޮޑެތި މުއައްސިސުން އުފެދުނެވެ.
ވަޙީއާއި ބުއްދި، އަދި ދީންވެރިކަމާއި ތަރައްޤީ އެއްކޮށްލުމުގެ ސަބަބުން، ހުރިހާ ދާއިރާއެއް ޝާމިލުވާ އިސްލާމީ ތަހުޒީބެއް ބިނާވިއެވެ. ނަމަވެސް، ހިޖުރައިން ހަތަރުވަނަ ގަރުނަށް ފަހު އުންމަތަށް ކަންނެތްކަމާއި ޖުމޫދުކަން ވެރިވިއެވެ. ފިކުރީ ގޮތުން ދުނިޔެ ދޫކޮށްލުމުގެ ވިސްނުން ޢާންމުވިއެވެ. މިއީ އުންމަތުގެ ކުރިއެރުން ހުއްޓުވައިލި ސަގާފަތަކަށް ބަދަލުވިއެވެ.
ފިޤުހުލްމީޒާން ގެއްލިފައިވާކަމުގެ ހެއްކަކީ، ގިނަ މުސްލިމުންގެ ގާތުގައި "އަޅުކަން"އަކީ ހަމައެކަނި ދީނީ ޝިޢާރުތައް އަދާކުރުންކަމަށް ދުށުމެވެ. ނަމަވެސް ޙަޤީޤަތުގައި އަޅުކަމަކީ ދީނާއި ދުނިޔޭގެ ހުރިހައި ކަމެއް ޝާމިލުވާ އެއްޗެކެވެ. "ޝަރުޢީ ޢިލްމު"އަކީ ހަމައެކަނި ތަފުސީރާއި ފިޤުހުކަމަށް ހީކުރެވުނު ނަމަވެސް، އުންމަތަށް ބޭނުންވާ ފައިދާހުރި ކޮންމެ ޢިލްމަކީ ފަރުޟު ކިފާޔާގެ ތެރޭގައި ހިމެނޭ ޝަރުޢީ ޢިލްމެކެވެ.
އުންމަތުގެ ފަސްޖެހުމުގެ މައިގަނޑު ސަބަބަކީ، އެންމެ ބޮޑު ތިލަފަތްކަމުގައިވާ ވަޙީއާ އެކު، ބުއްދިއާއި އޭގެ މިންތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ. މި ތިލަފަތް ގެއްލުމުން، އުންމަތް ޙަޟާރީ ގޮތުން ފަސްޖެހި، އީޖާދުކުރުމުގެ ބާރު ކެނޑިގެންދިޔައެވެ.
ދެވަނަ: އުންމަތުގެ މެދުގައި ޚިލާފާއި ބައިބައިވުން މިހައި ބޮޑުވީ ކީއްވެ؟
މިއީ ފުރަތަމަ ސުވާލަށް ވުރެ ކުޑަނޫން ނުރައްކާތެރި ސުވާލެކެވެ. މާތްﷲ ވަނީ ދެބަސްވުމާއި ނާކާމިޔާބީ ގުޅުއްވައިފައެވެ. ވަޙީކުރެއްވިއެވެ. (وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ) (سورة الأنفال 46) މާނައީ: "އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުންނުވާށެވެ! (ދެބަސްވެ އަރާރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ."
މި ޤުރްއާނުގެ ނައްޞުން އެނގެނީ އަރައިރުންވުމަކީ ނާކާމިޔާބީއާއި ބާރު ދެރަވުމުގެ ސީދާ ސަބަބެއް ކަމެވެ. ޚިލާފުތައް ގިނަވެ، އެއްބައިވަންތަކަން ކެނޑިގެންދިޔުމުން އުންމަތުގެ ޙަޤީޤަތުން މި ކަން ފެނިއްޖެއެވެ.
މުސްލިމުންގެ މެދުގައިވާ ޚިލާފު ދެ ބަޔަކަށް ބެހެއެވެ:
ބޭރުގެ ރޭވުންތަކާއި ސިޔާސީ އެދުންތަކުން އުފެދޭ ޚިލާފުތަކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا فَرِيقاً مِنَ الَّذِينَ أُوتُوا الكِتَابَ يَرُدُّوكُمْ بَعْدَ إِيمَانِكُمْ كَافِرِينَ) (سورة آل عمران 100) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން ކިޔަމަންވާ ނަމަ، (ތިޔަބައިމީހުންގެ) إيمان ކަމަށް ފަހު، އެއުރެން ތިޔަބައިމީހުންނީ އަލުން كافر ންކަމުގައި ރައްދުކުރާނެތެވެ." މި ބައިބައިވުން ޙައްލުކުރެވޭނީ ހަމައެކަނި ޝިޢާރުތަކަކުން ނޫނެވެ. ނަމަވެސް ޞައްޙަ ތިލަފަތްތައް އަލުން ބިނާކޮށް، ސާބިތު ކަންކަމާއި ބަދަލުވާ ކަންކަން ވަކިކޮށްގެންނެވެ.
ޢަޤީދާއާއި ފިކުރީ ޚިލާފުތަކުން އުފެދޭ ބައިބައިވުންތަކެވެ. ޚަވާރިޖުންނާ ހިސާބުން ފެށިގެން މިއަދުގެ ފިކުރީ ފިރުޤާތަކާ ހަމައަށް އުފެދުނު ބައިބައިވުމެވެ. މީގެ އަޞްލަކީ ތިލަފަތްތަކުގެ އޮޅުންބޮޅުމެވެ. ވަޙީއާއި ބުއްދީގެ ތިލަފަތް ގެއްލުމުން، ފިކުރީ މައްސަލަތައް ބަދަލުވަނީ ހަނގުރާމައާއި ބައިބައިވުމުގެ ސަބަބުތަކަށެވެ.
ފިޤުހުލްމީޒާން:
އިސްލާމީ އުންމަތުގެ މައްސަލައަކީ އެކަނި އޮތް މައްސަލައެއް ނޫނެވެ. އެއީ އެކުވެފައިވާ ބޮޑު މައްސަލައެކެވެ. އެއް ކޮޅުން ވަޙީއާއި ބުއްދީގެ ތިލަފަތުގައި ހުރި އުނިކަމެވެ. އަނެއްކޮޅުން އެއްބައިވަންތަކަމާއި ޚިލާފުގެ ތިލަފަތް ގެއްލުމެވެ. ކުރިއެރުމުގެ ހަމައެކަނި މަގަކީ ޚަލީފާވެރިކަމުގެ މަޤްޞަދަށް ރުޖޫޢަވުމެވެ. އެއީ ޞައްޙަ ދީންވެރިކަމާއި، ފައިދާހުރި ޢުމްރާނީ ތަރައްޤީއާއި، ﷲ ގެ ވާފަށުގައި ހިފެހެއްޓުމެވެ. ބޭރުގެ ރޭވުންތަކާއި ފިކުރީ ކުށްތަކާ ދެކޮޅަށް ތެދުވުމެވެ. ވަޙީއަކީ އެންމެ މަތީ ހިދާޔަތްކަމާއި، ބުއްދިއަކީ ތަރައްޤީގެ ވަސީލަތްކަމާއި، އެއްބައިވަންތަކަމަކީ ދިރިހުރުމުގެ ޝަރުޠެއްކަން ދަންނާންޖެހެއެވެ.
(މި މަގާލުގެ އަސްލު ލިޔުއްވީ: އައްޝައިޚު ޢަލީ މުޙްޔިއްދީން އަލްޤަރަދާޣީ. ތަރުޖަމާކުރެއްވީ: ޑރ. މޫސާ އަންވަރު ޙަސަން)