ad_banner
އީރާނާ އެކު އެމެރިކާ ވެސް "ފުނޑޭނެ"!

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

28 ޖުލައި 2026

އެމެރިކާ ކުރިއަށް އެ ދަނީ، އެ ދަންތުރައެއްގައި ޖެހި ސޯވިއެޓު ޔުނިއަން (ރޫސީ އިއްތިޙާދު) މަރުވި ދަންތުރައާ ދިމާއަށެވެ. އަދި އެއްވެސް މީހަކު އެ ކަމެއް ނުހުއްޓުވައެވެ. ޚަލީޖުގެ ޤައުމުތަކުން އެ ދަނީ އެ މީހުންގެ އަމިއްލަ ޖަނާޒާއަށް ފައިސާ ދައްކަމުންނެވެ. އަދި ވޮޝިންޓަނުން އެ ދަނީ އެ މީހުންގެ ކަށްވަޅުތަކަށް ފަސްއަޅާނޭ ފަކީރާއާއި، އުދަލި ފޯރުކޮށްދެމުންނެވެ. އަހުރެމެން މި ދެކެނީ ފަހުގެ ތާރީޚެއްގައި ބަޔަކަށް ފެންނާނޭ އެންމެ ބޮޑު ޖިއޯޕޮލިޓިކަލް ދަންތުރައިގައި، އެތައް ޤައުމެއް ވަގުތުން ވަގުތަށް ޖެހެމުންދާތަނެވެ. ގާތްގަނޑަކަށް އެއްވެސް މީހަކު އެ ހުސްތަންތަން ފުރައިފައެއް ނުވެއެވެ. އެމެރިކާއިން ދުނިޔެއަށް ވިއްކަމުންދަނީ ކާމިޔާބީގެ ވާހަކައެވެ. އަހުރެން ދައްކާން މި އުޅެނީ ޙަޟާރަތްތަކެއްގެ ވެއްޓުމުގެ ވާހަކައެވެ. އެއީ ހަމައެކަނި އީރާނުގެ ނިމުމެއްނޫނެވެ. އެއީ މެދުއިރުމަތީގެ ނިމުމެވެ. އެއީ އެމެރިކާ ނިމި، އެއަށްފަހު މަޑުމަޑުން ދުނިޔޭގެ ވެސް ނިމުމެވެ. ހަމަ ސޯވިއެޓު ޔޫނިއަން (ރުސީ އިއްތިޙާދު)އެކޭ އެއް ފަދައިންނެވެ. މި ފަހަރު ފިޔަވައި އެހެން އެއްވެސް ފަހަރަކު މި ކަންތައް އަންނަ ތަނެއް އެއްވެސް މީހަކަށް ނުފެނެއެވެ.

ޔަހޫދީ ޢަރަބިއްޔާއާއި ކެހިވެރި ޢަރަބި ޢިމާރާތާއި ޤަޠަރާއި ބަހުރައިނާއި މި ޤައުމުތަކަކީ ހަމައެކަނި ހަނގުރާމަ ހިނގާ ގޮތް ބަލާން ތިބި ޤައުމުތަކެއް ނޫނެވެ. އެ ކަމަށް މަގުފަހިކޮށްދެނީ އެ މީހުންނެވެ. ވައިގެ ސަރަޙައްދު ހުޅުވައިލުމާއި، ޖާސޫސީ މަޢުލޫމާތު ޙިއްޞާކުރުމާއި މި ފަދަ އެހީތެރިކަމުންނެވެ. އަދި އެމެރިކާގެ ޢަސްކަރީ ސިފައިން ތިބީ މި ދެންނެވި ޤައުމުތަކުގެ ފަސްގަނޑުގައެވެ. އެމީހުން ވަނީ މި ހަނގުރާމައަށް ފެހި ސިގުނަލު ދީފައެވެ. އެކަމަކު، ސުވާލަކީ، ސީދާ އެ މީހުން ގާތުން މިހައި ތަނަށް އެއްވެސް މީހަކު ނުކުރާ ސުވާލެކެވެ. އެމެރިކާ މީހުން ޤަބޫލުކުރާ ގޮތުގައި، އެ މީހުން މިއަދު އެ ތިބީ ކޮން ބަޔެއްގެ ބިމެއްގައިކަން އެނގޭހެއްޔެވެ؟ 1982ވަނަ އަހަރު އިޒުރޭލުގެ ސަރުކާރާ ގުޅިފައިވާ އިސްތިރާތިޖީ ޚަބީރެއް ކަމަށްވާ އޮޑެޑް ޔިނޯން، ދުނިޔޭގެ ޞަހުޔޫނީ ޖަމިއްޔާ މެދުވެރިކޮށް ލިޔެކިޔުންތަކަށް ތިރިކޮށްފައިވާ ތަދުބީރެއް ޝާއިޢުކުރިއެވެ. އެ ތަދުބީރުގެ މައިގަނޑު މަޤުޞަދަކީ ކޮބައިހެއްޔެވެ؟ އިޒުރޭލުން ޖިއޯޕޮލިޓިކަލް ވެށި އަލުން ރާވާން ޖެހޭނީ ވަށައިގެންވާ ޢަރަބި އިސްލާމީ ދައުލަތްތައް ކުދި އަދި ބަލިކަށި ދައުލަތްތަކަކަށް ހަދައިލައިގެންނެވެ.

ޞަހުޔޫނިއްޔަތުގެ ބާނީ ތިއޮޑޯ ހަރޒެލް، އޭނާގެ އަމިއްލަ ޑައިރީތަކުގައި ލިޔެފައިވަނީ ޞަހުޔޫނީ ދައުލަތުގެ ސަރަޙައްދަކީ މިޞްރުގެ ނީލަކޯރުން ފެށިގެން ފުރާތުކޯރާ ހަމައަށްކަމަށެވެ. ޔަހޫދީ ޙިބުރެއްކަމަށްވާ ފިޝްމަން 1947ވަނަ އަހަރު، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގައި ހާޒިރުވެ ތިބި އެންމެންގެ ކުރިމަތީގައި، "އެ މީހުންނަށް ވަޢުދުކުރައްވާފައިވާ ބިމަކީ" މިޞްރުގެ ނީލަކޯރުން ފެށިގެން ފުރާތުކޯރާއި ދެމެދުގައިވާ ބިންތައްކަމަށް އިޢުލާންކުރިއެވެ. އެ ޗާޓުގައި ޔަހޫދީ ޢަރަބިއްޔާއާއި، އުރުދުނާއި، ކެހިވެރި ޢަރަބި ޢިމާރާތުގެ ބައެއް ސަރަޙައްދާއި، ޢިރާޤާއި، އަދި ސީރިއާގެ ހުރިހައި ތަނެއް ހިމެނެއެވެ. އަދި މިހާރު މި ވަމުންދާ ގޮތް ބަލައިބަލާށެވެ. ލުބުނާނު އެއްކޮށް ދިރުވައިލީއެވެ. ޢިރާޤު ފުނޑުފުނޑު ކޮށްލީއެވެ. ސީރިއާ އޮތީ ލެއިން ތައްތެޅި ހިކިފައެވެ. ލީބިޔާ ފޮހެލީއެވެ. މިހާރަކު ކުރީގެ ލީބިޔާއެއް ނެތެވެ. ޔަމަން އޮތީ ދާއިމީ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓައިލާފައެވެ. ސެޕްޓެންބަރު އެގާރައަށް ފަހު، ފަސް އަހަރު ދުވަހުގެ ތެރޭގައި ހަތް ޤައުމު ހަލާކުކުރާން ޕެންޓަގަނުން ރާވައިފައިވާކަމަށް، އެމެރިކާގެ ހަތަރު ތަރީގެ ޖެނެރަލެއްކަމަށްވާ ޖެނެރަލް ވެސްލީ ކުލާކު ވަނީ ފާޅުގައި ބުނެފައެވެ. އެއީ، ޢިރާޤާއި، ސީރިއާއާއި، ލުބުނާނާއި، ލީބިޔާއާއި، ސޯމާލިއާއާއި، ސޫދާނާއި އީރާނެވެ.

އެ ލިސްޓުގައި އެންމެ ފަހުން އޮތީ އީރާނެވެ. އީރާނު ފުނޑައިލާން މިއަދު ނިކުމެ އޮތީ އެމެރިކާގެ ޢަސްކަރިއްޔާއެވެ. އެ ސަރަޙައްދުގައި އެންމެ ފަހުން އޮތް ސީރިއަސް ޢަސްކަރީ މުޤާވަމާކަމަށްވާ އީރާން ނައްތައިލާށެވެ. އަދި އެ ކަމަށް ބޭނުންވާނޭ މަގު އޮތީ ފުޅާކޮށް ހުޅުވައި ދީފައެވެ. މި ހަނގުރާމައާ މެދު ހިތްހަމަޖެހި، އުފަލުން ތިބި ޚަލީޖުގެ ރަސްކަންތަކަކީ، އިޒުރޭލާއި، އެމެރިކާގެ އެ ތަދުބީރުގެ ބައިވެރީންނެއް ނޫނެވެ. ދެން އޮތް މަރުޙަލާގެ އަމާޒަކީ ހަމަ އެ ރަސްކަންތަކެވެ. އެ މީހުންނަށް އަދި ހަމަ ނޭނގެނީއެވެ. އެ މީހުންނަށް އެ މީހުންގެ ނަފުސު ވެސް ޙިމާޔަތެއް ނުކުރެވޭނެއެވެ. ހޫޘީންގެ އެންމެ ޑުރޯނެއް ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ދިފާޢީ ނިޒާމުތައް ފޫއަޅުވައިލުމުން، "ރިޔާޟް" އޮތީ ބިރުން ދެކަމުން ޙާޖިތަށް ދެވިފައެވެ. އެމެރިކާގެ ޢަސްކަރިއްޔާ ސަޢޫދީއިން ފޭބުމާ އެކު، އެ މީހުން ޙިމާޔަތްކުރާނޭ އެއްވެސް ބަޔަކު ނުތިބޭނެއެވެ. އެކަކުވެސް ނުހުންނާނެއެވެ.

މިހާރު، އެމެރިކާ މެދުއިރުމަތީގައި ތަޅުލެވިފައި އޮތް އިރު، ޗައިނާ އޮތީ ނިދައިފައެއް ނޫނެވެ. ދުނިޔޭގެ ޒަމާނީ ސެމީކޮންޑަކްޓަރުގެ 90 އިންސައްތައަށް ވުރެ ގިނައިން އުފައްދަނީ ޓައިވާނުންނެވެ. ކޮންމެ ސިނާރު ނިޒާމެއް، ކޮންމެ ފައިޓަރު ޖެޓެއް، ކޮންމެ ސުމާޓް ފޯނެއް، ކޮންމެ ކާރެއް، އަދި ކޮންމެ ޢަސްކަރީ ގައިޑެންސް ނިޒާމެއް އުފައްދަނީ ޓައިވާންގެ ޗިޕްތައް ބޭނުންކޮށްގެންނެވެ. އެމެރިކާ އޮތީ އީރާނުގެ އިންޤިލާބީ ގާޑުންގެ ދަންތުރައިގައި ރަނގަޅަށް ޖެހި ތާށިވެފައެވެ. ޗައިނާއިން ޓައިވާނަށް އަރާނެއެވެ. ސެމީކޮންޑަކްޓަރު ބޭރުކުރުން ހުއްޓުވާނެއެވެ. ޢާލަމީ ޓެކް އިޤްތިޞާދު ގަނޑުވާނެއެވެ. ދެ ހަނގުރާމައެކެވެ. ދެ ދިމާއަކުންނެވެ. ޙަޟާރަތެއް ފަނާވެގެން ދާނެއެވެ.

އީރާނަށް ޙަމަލާދިނުމުގެ މާކުރީން، އެމެރިކާގެ އެތެރޭގެ އިޤުތިޞާދީ ތަފާސްހިސާބުތަކުން ދައްކުވައިދެނީ ބިރުވެރި މަންޒަރެކެވެ. ހަމައެކަނި 2025ވަނަ އަހަރު، އެމެރިކާގެ އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުނެވެ. އެ ޢަދަދަކީ 2024ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާ އިރު، 60 އިންސައްތަ އިތުރު ޢަދަދެކެވެ. ހަމައެކަނި 2025ވަނަ އަހަރު، ފަންނިއްޔާތުގެ ދާއިރާއިން 127،000އަށް ވުރެ ގިނަ މަސައްކަތްތެރިންގެ ވަޒީފާ ގެއްލުނެވެ. 2025 ވަނަ އަހަރުގެ މާރިޗު މަހު އެކަނި 275،240 މީހުންގެ ވަޒީފާ، އެންމެ މަހެއްގެ ތެރޭގައި ގެއްލުނެވެ. އެއީ، އެމެރިކާގެ ތާރީޚުގައި މިހައި ތަނަށް ރެކޯޑްކުރެވުނު ތިންވަނައަށް އެންމެ ގިނަ ބަޔެއްގެ ވަޒީފާ ގެއްލުނު މަހެވެ. އެމެރިކާގައި ވަޒީފާގެ ޙާލަތު މި ވަރަށް ގޯސްވި ހަމަ އެކަނި މަސްތަކަކީ ކޮވިޑުގެ ޢާލަމީ ވަބާގެ ދުވަސްވަރުއެވެ. އެމެރިކާގައި ޢާލަމީ ވަބާގެ އިސްޕީޑުގައި، މިހާރު އެ ދަނީ ވަޒީފާތައް ގެއްލެމުންނެވެ. ޢާލަމީ ވަބާއެއްގެ ޙާލަތު ކުރިމަތިނުވެ، ވަޒީފާތައް ގެއްލެނީއެވެ.

ދެން ހަނގުރާމަ ފެށުމުން އެމެރިކާގެ އެތެރޭގެ ޙާލަތާ ބެހޭ ގޮތުން ވާހަކަދައްކައިލަމާ ހިނގާށެވެ. ޕެޓްރޯޑޮލަރު އޮތީ މަރުގެ ތުންފަތް މަތީގައެވެ. ޚަލީޖުގެ ޤައުމުތަކުން ޔުއާންއިން ތެލުގެ ވިޔަފާރި ކުރާ ހިސާބުން، އެމެރިކާއަށް ހިތުހުރި ވަރަކަށް ފައިސާ ޗާޕުކުރުމުގެ އެކަށޭނަކަމެއް ނުއޮންނާނެއެވެ. އަދި 39 ޓްރިލިއަން ޑޮލަރުގެ ދަރަންޏަކީ، ނިސްބަތުން އެމެރިކާގެ ކޮންމެ ރައްޔިތަކަށް ގާތްގަނޑަކަށް 114،000 ޑޮލަރެވެ. އެއީ، އެމެރިކާއަށް ސަލާމަތުން ދެމި އޮވެވޭވަރުގެ ދަރަންޏެއް ނޫނެވެ. ކުންފުނިތަކުން ދާނީ ބޭރަށް ނުކުމެގެންދާ ފައިސާގެ ފަހަތުންނެވެ. އޭގެ ސަބަބުން އިތުރު ވަޒީފާތައް ގެއްލޭނެއެވެ. އިތުރު ސަހަރުތައް ފަޅުވާނެއެވެ. އަދި މިހުރިހައި ކަމެއް ކުރިއަށްދާ އިރު އެމެރިކާގެ އާދައިގެ މީހަކު ކާން ބޭނުންކުރަނީ ކޮން އެއްޗެއް ހެއްޔެވެ؟ އެމެރިކާގެ ކާނާގެ ގާތްގަނޑަކަށް 70 އިންސައްތަ މިހާރު އެކުލެވިގެންވަނީ ތައްޔާރީ ކާނާގެ މައްޗަށެވެ. އެމެރިކާގެ ކޮންމެ ހަތަރު މީހަކުން އެކަކުގެ ދުވަހީ ކާނާއަކީ ފާސްޓް ފުޑެވެ. އެމެރިކާގެ ބޮޑެތި މީހުންގެ ދުވާލެއްގެ ކެލޮރީގެ 53 އިންސައްތައަކީ މަތީދަރަޖައިގެ ތައްޔާރީ ކާނާއެވެ. އެމެރިކާގެ ކުޑަކުދީންގެ ތައްޔާރީ ކާނާގެ ނިސްބަތް އުޅެނީ 62 އިންސައްތައިގައެވެ. އެމެރިކާގެ ސުޕަމާރުކޭޓުތަކުގެ ހަރުތަކުގައި ހުރި ކާނާގެ 73 އިންސައްތައަކީ މަތީ ދަރަޖައިގެ ތައްޔާރީ ކާނާއެވެ. ޤައުމެއްގެ އަމިއްލަ އާބާދީ، މަސްނޫއީ ކާނާގެ މައްޗަށް ބަރޯސާވެފައިވާ އިރު، ބޮޑު ހަނގުރާމައެއް ދެމެހެއްޓެނިވި ގޮތެއްގައެއް ނުކުރެވޭނެއެވެ. އަދި، އެ ޤައުމުގެ މަސައްކަތްތެރިންގެ "ލަޝްކަރުގެ" އެތައް މިލިއަން ބަޔެއްގެ ވަޒީފާތައް އެ ދަނީ ގެއްލެމުންނެވެ. މިއީ ކާބޯތަކެތީގެ ތަފާސްހިސާބެއް ނޫނެވެ. މިއީ، ޤައުމީ ހަލާކެއްގެ ތަފާސްހިސާބެވެ.

ދެން އޮތީ އެމެރިކާގެ ރަނުގެ ރިޒާވްގެ ވާހަކައެވެ. 1950ގެ ފަހުން، ފޯޓް ނޮކްސްގައި ރައްކާކޮށްފައި ހުރި ރަނުގެ ރިޒާވްގެ ފުރިހަމަ މިނިވަން އޮޑިޓެއްކޮށްފައި ނުވެއެވެ. ބޭންކިންގ ދާއިރާގެ މީހުން މާލީ ނިޒާމު ކޮންޓްރޯލްކުރާ ދުނިޔެއެއްގައި، އެ ރަންތަކުގައި އަތްނުލައި ތިބޭނެކަމަށް އަހުރެމެން އިޚުލާސްތެރިކަމާ އެކު ޤަބޫލުކުރާންވީހެއްޔެވެ؟ މިއީ ތާރީޚުން ލިއްބައިދޭ ފިލާވަޅެވެ. ސޯވިއެޓް އިއްތިޙާދު ވެއްޓުނީ ހަނގުރާމައިގެ މައިދާނެއްގައި ބަޔަކު މީހުންނާއި ހަނގުރާމަކޮށް ބަލިވުމުގެ ސަބަބަކުންނޫނެވެ. އެއީ މާބޮޑަށް ފުޅާކުރުމުގެ ސަބަބުން ވެއްޓުނު ވެއްޓުމެކެވެ. މާ ގިނަ ހަނގުރާމަތަކާއި، މާ ބޮޑެތި ޚަރަދުތައްކުރުމުގެ ސަބަބުން ވެއްޓުނު ވެއްޓުމެކެވެ. ސޯވިއެޓް ފައިސާ ރޫބެލަށް ހިފަހައްޓައިނުލެވުނީއެވެ. އެއީ ވުޖޫދުން ފޮހެވުމާ ހަމައަށް އަމިއްލަ ޕްރޮޕެގެންޑާއެއް ޤަބޫލުކުރި އަމްބަރާޠޫރިއްޔަތެކެވެ. އަފްޣާނިސްތާނަށް އަރައިގަތުންވީ އެކަން އަވަސްވުމަށް މެދުވެރިވި ސަބަބަކަށެވެ. ކާމިޔާބުނުކުރެވުނު އެންމެ ހަނގުރާމައެކެވެ. 10 އަހަރު ތެރޭގައި ސޯވިއެޓު ޔުނިއަން ނެތި ފަނާވެގެން ދިޔައީއެވެ.

އެމެރިކާއަށް ބަލަމާ ހިނގާށެވެ! އަފުޣާނިސްތާންގައި 20 އަހަރުގެ ނާކާމިޔާބު ހަނގުރާމައެއްކުރިއެވެ. ޢިރާޤަށް ޓުރިލިއަން ޑޮލަރު ޚަރަދުކޮށްފިއެވެ. އެއަށްފަހު، ލީބިޔާއާއި، ސީރިއާއެވެ. މިހާރު އީރާނެވެ. ނާކާމިޔާބުވާ ކޮންމެ ހަނގުރާމައަކުން އެމެރިކާގެ ކަރުގައި އެޅިފައިވާ ދަންމަޅިއަށް ބާރުވަމުން ދާނެއެވެ. އެހެންކަމުން، އެންމެ ފަހުގެ ތަސްވީރު ކުރަހައިލަމާ ހިނގާށެވެ. އީރާން ވެއްޓިދާނެއެވެ. އޭރުން، ބޮޑު އިޒުރޭލަށް އޮތް އެންމެ ފަހުގެ ހުރަސް ނައްތައިލެވުނީއެވެ. އެކަމަކު، އެމެރިކާގެ ޢަސްކަރީ މަރުކަޒުތައް ނެތިފަނާވެގެން ދާނެއެވެ. ވެނެޒުއެލާގެ ތެޔޮ ޙިޞާރުކޮށްފިއެވެ. އެކަމަކު އިޤުތިޞާދީ ގޮތުން އޮތީ ނުތަނަވަސްކަމެވެ. ފުރިހަމައަށް ތެޔޮ އުފެއްދުމަށް އަދި ދިހަވަރަކަށް އަހަރު ހޭދަވާނެއެވެ. ދުނިޔޭގެ ތެލުގެ ރިޒާވްގެ 80 އިންސައްތަ ކޮންޓުރޯލު ކުރަނީ އޯޕެކުންނެވެ. ޕެޓްރޯޑޮލަރ ވެއްޓޭނެއެވެ. ޗައިނާގެ ބަޔަކަށް ޓައިވާނު ހަދާނެއެވެ. އަދި ސެމީކޮންޑަކްޓަރުތަކުގެ އެކުސްޕޯޓު ހުއްޓައިލާނެއެވެ. އެމެރިކާގެ އެއް މިލިއަން މީހުންގެ ވަޒީފާ މިހާރު ވެސް ވަނީ ގެއްލިފައެވެ. އެމެރިކާގެ 70 އިންސައްތަ މީހުން ކަނީ ތައްޔާރީ ކާނާއެވެ. ރަނުގެ ހިސާބުކިތާބު އޮޑިޓެއްނުކުރެއެވެ. 39 ޓްރިލިއަން ޑޮލަރުގެ ދަރަންޏާ އެކު އެމެރިކާ އޮތީ ގޮވާން ތައްޔާރަށެވެ. ނޭނގެނީ ގޮވާނެ އިރެކެވެ. އަދި އެ ހުރިހައި ކަމެއް ހިނގައި ނިމުމުން ޚަލީޖުގެ ރަސްރަސްކަލުން، އެ މީހުން ވަށައިގެން ވީރާނާވެފައިވާ ތަންތަނަށް ބަލައިލާ އިރު، އެމީހުންގެ ބިންތައް އޮންނާނީ ޞަހުޔޫނީންނަށް "ވަޢުދުކުރެއްވި ބިމުގެ" ބައެއްގެ ގޮތުގައެވެ. އާދޭހެވެ! ބޮޑު އިޒުރޭލުގެ ގޮތުގައެވެ. އެ މުނާފިޤުންނަށް އެ ކަން ވިސްނޭ އިރު އޮންނާނީ މާބޮޑަށް ލަސްވެފައެވެ. މިއީ ކޮންސްޕިރެސީ ތިއަރީއެއް ނޫނެވެ. މިއީ، ލިޔުންތަކަށް ތިރިކޮށްފައިވާ އިސްތިރާތިޖީ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ވެރިފައިޑް (ކަށަވަރުވެފައިވާ) އިޤުތިޞާދީ ޑޭޓާއިން ނަގައިފައިވާ މަޢުލޫމާތެވެ. މި ތަނުގައި އަހުރެން މި ފުރައިލީ އެ މީހުން ފުރާން ބޭނުން ނުވާ ހުސްތަންތަނެވެ. އެމެރިކާ މިހާރު އެއޮތީ އަލުން އަނބުރައި ނާދެވޭނޭ ހިސާބަށް ގޮސްފައެވެ.

 

ބައެއް ލަފުޒުގެ މާނަ:

ޚަބީރު      ނ.     (1) ކަމެއްގެ މާހިރެއް. (2) މަޢުލޫމާތު މުއްސަނދި މީހެއް. (3) ތަޖުރިބާކާރެއް.

އިސްތިރާޖީ   ނއ.    މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic

ތަދުބީރު     ނ.     ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން.  plan(2) ޙިކުމަތް

ކޮމެންޓު