ad_banner
ޗައިނާއާއި ރަޝިއާއިން ޑޮލަރާ ދުރަށް ޖެހިލުން – އިގުތިޞާދަށް ފޯރާނެ އަސަރުތައް

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް

28 ޖުލައި 2026

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން 2022ވަނަ އަހަރު ރަޝިޔާއާ ދެކޮޅަށް އަޅާންފެށި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، ރޫސީވިލާތާއި ޗައިނާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުން ހުޅަނގުގެ ފައިސާ މަދުކުރުމަށް ދެ ގައުމުން ކުރަމުންދިޔަ މަސައްކަތްތައް ވަރަށް ބޮޑަށް އަވަސްކުރިއެވެ. ދެ ގައުމުގެ ސަރުކާރުގެ ރަސްމީ ބަޔާންތަކުން އެނގޭ ގޮތުގައި، މީގެ ދަހަރެއްގެ ކުރީން ރަޝިޔާއާއި ޗައިނާއާ ދެމެދު ކުރެވުނު ވިޔަފާރީގެ 90 އިންސައްތައަށް ވުރެ ގިނަ މުއާމަލާތް އެމެރިކާ ޑޮލަރުން ކޮށްފައިވީ ނަމަވެސް، މިހާރު ރަޝިޔާ–ޗައިނާގެ ވިޔަފާރީގެ 90 އިންސައްތައާއި 99 އިންސައްތައާ ދެމެދުގެ މުއާމަލާތްތައް ކުރިއަށްގެންދަނީ ޗައިނާގެ ޔުއާނާއި ރަޝިއަން ރޫބަލުންނެވެ.

ރަޝިޔާއާއި ޗައިނާއާ ދެމެދު ކުރެވޭ ވިޔަފާރި އެ ގައުމުތަކުގެ އަމިއްލަ ފައިސާއަށް ބަދަލުކުރުމަކީ ފިނި ހަނގުރާމައަށް ފަހު ބައިނަލްއަގުވާމީ މާލީ ދާއިރާއަށް އައި އެންމެ ބޮޑު އެއް ބަދަލެވެ. އެމެރިކާ ޑޮލަރަކީ އަދިވެސް ދުނިޔޭގައި އެންމެ ފުޅާކޮށް ބޭނުންކުރެވޭ ރިޒާވް ފައިސާގެ ގޮތުގައި ދެމިއޮތް ނަމަވެސް، ދުނިޔޭގެ ދެ ބާރުގެ ދެމެދުގައި އަހަރަކު ކުރެވޭ 200 ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ވިޔަފާރީން ޑޮލަރުގެ ބޭނުން ވަރަށް ފުރިހަމައަށް މަދުކުރުމަކީ، ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރުވާނެކަމެއްކަން ކަށަވަރެވެ. ޞައްޙަ މަރުޖާތަކުން ފެންނާން ހުރި ޑޭޓާއަށް ބަލާ އިރު، ދުނިޔޭގެ އިޤުތިޞާދަށް މި ބަދަލުގެ ސަބަބުން އަންނާނެކަމަށް އަޅުގަނޑަށް ފެންނަ ބަދަލުތައް ދަންނަވައިލާނަމެވެ.

1. އެމެރިކާއާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އިގުތިސާދު ރައްކާތެރިކުރުން

މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމާއި، އިގުތިސާދަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމެވެ.

·    ސްވިފްޓް (SWIFT) ނިޒާމު ދޫކޮށްލުން: އަމިއްލަ ގައުމުގެ މެސެޖިން ނިޒާމުތައް (މިސާލަކަށް: ޗައިނާގެ ސީ.އައި.ޕީ.އެސް އަދި ރަޝިޔާގެ އެސް.ޕީ.އެފް.އެސް) މެދުވެރިކޮށް އަމިއްލަ ފައިސާއިން ވިޔަފާރިކުރުމުން، އެމެރިކާއިން އަޅާ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާއި މުދާ ހިފެހެއްޓުމުން ދެ ގައުމަށް ލިބޭ ނުރައްކާ ވަރަށް ބޮޑަށް ކުޑަކުރެވެނެއެވެ.

·    ފިޔަވަޅުތަކުން ތަވާޒުނުވުން: އެމެރިކާ ޑޮލަރުން ކުރެވޭ މުއާމަލާތްތައް އެންމެ ފަހުން ނިންމާންޖެހެނީ އެމެރިކާގެ މާލީ އިދާރާތައް މެދުވެރިކޮށްކަމަށްވާތީ، ފައިސާގެ އެ ފަދަ މުޢާމަލާތްތަކުގެ މައްޗަށް އެމެރިކާގެ ގާނޫނީ ބާރު ހިނގައެވެ. މުއާމަލާތްތައް ޔުއާނާއި ރޫބަލްއަށް ބަދަލުކުރުމުން މި ނިކަމެތިކަން ނެތިގެންދެއެވެ.

2. ޗައިނާގެ ޔުއާން ބައިނަލްއަގުވާމީ ފެންވަރުގައި ބޭނުންކުރުން އަވަސްވުން

ރޫސީވިލާތުގެ ރޫބަލް ބޭނުންކުރުން ބޮޑުބަޔަކަށް ރަޝިޔާގެ ތެރޭގައި މަހުދޫދުވެފައި އޮތް ނަމަވެސް، މި ގެނެވުނު ބަދަލުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ޗައިނާގެ ޔުއާނަށެވެ. ޗައިނާގެ ޔުއާނަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އެއްޗަކަށްވުން މި ފިޔަވަޅުގެ ސަބަބުން އެތައް ތަނެއް އަވަސްވާނެއެވެ.

·    ރަޝިޔާގެ އިސްތިރާޖީ ރިޒާވްގެ ގޮތުގައި ޔުއާން: ހުޅަނގުގެ މާލީ މާރުކޭޓުތަކަށް ވަނުމުގެ ފުރުސަތު ބަންދުވުމާ ގުޅިގެން، ރަޝިޔާގެ ބޭންކުތަކާއި، ކުންފުނިތަކާއި، އަދި މަރުކަޒީ ބޭންކުން ވަނީ އެ ގައުމުގެ މައިގަނޑު ބޭރު ފައިސާގެ އެސެޓެއްގެ ގޮތުގައި ޗައިނާގެ ޔުއާން ބޭނުންކުރާން ފަށައިފައެވެ.

·    ދުނިޔޭގެ ބާޒާރުގައި ހިއްސާ ބޮޑުވުން: ރަޝިޔާއިން ޔުއާން ބޭނުންކުރާން ފެށުމުން، ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ޔުއާންގެ ހިއްސާ އިތުރުވެ، ހުޅަނގުގެ ނޫން އެހެން އިގުތިސާދުތަކަށް (މިސާލަކަށް: ބްރިކްސްގެ މެންބަރު ގައުމުތަކަށް) އަމިއްލަ ފައިސާއިން ވިޔަފާރިކުރުމުގެ ނިޒާމުތައް ހޯދާން ހިތްވަރު ލިބިގެންދިޔައެވެ.

3. ދުނިޔޭގެ މާލީ ނިޒާމު ބައިބައިވުން

އެތައް ދަހަރެއް ވަންދެން، ދުނިޔޭގެ ވިޔަފާރި ބިނާވެފައި އޮތީ އެމެރިކާއިން އިސްނަގައިގެން އުފައްދައިފައިވާ [އެކުވި] މާލީ އޮނިގަނޑެއްގެ މައްޗަށެވެ. އެކަމަކު، ގައުމުތަކުގެ އިޚުތިޔާރުގައި ހިނގާ، ސަރަހައްދީ ރޮނގުން ބޭރުން ފައިސާ ދެއްކުމުގެ މިނިވަން ނިޒާމެއް ގާއިމުވުމުން، މީގެ މުގާބިލުގައި ހިނގާނެ އެހެން މާލީ އުނގޫތަކެއް އުފެދިދެއެވެ.

އާދޭހެވެ! މި ބަދަލުގެ ސަބަބުން އެމެރިކާ ޑޮލަރު އަދި މުޅީން ދުނިޔެއިން އިނދަޖެހެނީކީ ނޫނެވެ. ދުނިޔޭގެ ބޭރު ފައިސާގެ ރިޒާވްތަކާއި ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތަކުގައި އަދިވެސް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޑޮލަރެވެ. ނަމަވެސް، ރޫސީވިލާތާއި ޗައިނާއިން އެޅި މި ފިޔަވަޅުގެ ސަބަބުން އަންގައިދެނީ މުޅި ދުނިޔެއިން އާންމުކޮށް ގަބޫލުކުރާ، އަދި އެކަކު ވެސް އިޢުތިރާޒުނުކުރާ މާލީ އޮނިގަނޑެއްގެ ނިމުމެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ ވިޔަފާރި މިހާރު މިވަނީ މާލީ ދެ ދާއިރާއަކަށް ކަފިވެގެން ގޮސްފައެވެ. އެއީ އެމެރިކާ ޑޮލަރާއި ޔޫރޯގެ މައްޗަށް ބިނާވެފައިވާ ހުޅަނގުގެ ނިޒާމަކާއި، ޗައިނާ ޔުއާން އިސްވެ އޮތް ހުޅަނގުގެ ނޫން އެހެން ގައުމުތަކުގެ ބަދީލު ނިޒާމެކެވެ. މިއީ އެމެރިކާގެ ބާރު ހުރިހައި ދާއިރާއެއްގައި ވެސް ދަށަށްދާކަމުގެ ފާޅުކަން ބޮޑު ނިޝާނެކެވެ.

ނަމަވެސް ޕެޓްރޯޑޮލަރ (ހަމައެކަނި ޑޮލަރަށް ތެޔޮވިއްކުމުގެ) އުސޫލު ޢަރަބި ގައުމުތަކުން ދޫކޮށްލައިފި ނަމަ، އެމެރިކަ ޑޮލަރު އިނދަޖެހޭނެއެވެ. ނަމަވެސް ގަލްފުގެ ތެޔޮ އުފައްދާ ގިނަ ގައުމުތަކަކީ އެމެރިކާގެ ބައިވެރީންކަމަށްވާތީ، މި ކަމަކީ އެހައި އަވަހަކަށް ވާނޭ ކަމެއްކަމަކަށް ނުފެނެއެވެ. ނަމަވެސް ޗއިނާއާއި ރޫސީވިލާތް ފަދަ ބޮޑެތި ބާރުތަކުން ޑޮލަރުގެ މުޢާމަލާތް މަދުކޮށްލުމީ އެމެރިކާގެ ޑޮލަރަށް ނިކަމެތިކަން އަންނާނޭ ކަމެކެވެ. އަދި މި އުޞޫލު އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުން ބޭނުންކުރާން ފަށައިފި ނަމަ، އެމެރިކާގެ ޑޮލަރުން ދުނިޔޭގެ އިގުތިޞާދު ކޮންޓުރޯލުކުރާކުރުން ނިމުމަކަށް އަންނާނެއެވެ. އާދޭހެވެ! އިރުއަރައި މެދުޖެހުމުން ދެން ދާނީ އޮއްސޭށެވެ.

 

 

ބައެއް ލަފުޒުގެ މާނަ

ބަދީލު      ނ.    (1) ކަމަކަށް ކަނޑައެޅިފައިވާ މީހާގެ ނުވަތަ އެއްޗެއްގެ ބަދަލު. (2) ކުރިމަގުގައި ހިނގައިފާނެކަމަށް ނުވަތަ ކުރިމަތިވެދާނެކަމަށް ބަލާ ޙާލަތު ނޫން ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ކަންތައް ކުރާން ރާވާ ރޭވުން. alternative

އިސްތިރާޖީ   ނއ.   މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic

ދަހަރު      ނ.    ދިހަ އަހަރު. decade

ކޮމެންޓު