ad_banner
އެމެރިކާއާއި އީރާނުގެ ނުތަނަވަސްކަމުގެ ނުރައްކާ މުޅި ދުނިޔެއަށް މިސްރާބުޖަހައިފައި

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

24 ޖުލައި 2026

2026 ޖުލައި މަހު އަށްވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އީރާނުން އަލުން ހަމަލާތައް ބަދަލުކުރަމުން އަންނަ އިރު، އެމެރިކާ އޮންނަ ތަނުގެ ގޮތުން އީރާނުން ސީދާ އެމެރިކާއަށް އެއްވެސް ޙަމަލައެއްދީފައެއް ނުވެއެވެ. އެމެރިކާއިން ވެސް ޙަމަލާދެނީ އެމެރިކާގެ ފަސްގަނޑުގައި ތިބެގެންނެއް ނޫނެވެ. އީރާޏުގެ އަވައްޓެރި ހުރިހައި ގައުމެއްގައި އެ މީހުންގެ  ރުހުމާ އެކު ގާއިމުކޮށްފައިވާ މަރުކަޒުތަކާއި އެ މަރުކަޒުން އުދުއްސާ ބޯޓުފަހަރުންނެވެ. އެހެންކަމުން އެމެރިކާގެ ޙާމަލާތަކގެ ބަދަލުގައި އީރާނުން ގެންދަނީ މެދުއިރުމަތީގެ ގައުމުތަކުގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެމެރިކާއިން އީރާނަށް އެންމެ ފުރަތަމަ ހަމަލާދީފައިވަނީ އިރާނުގެ އިރުޝާދުތަކަށް ނުބަލައި އެމެރިކާގެ ބަސްއަހައިގެން ހުރުމުޒު ކޮއްލަވާނީން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާތައް ދިންކަމަށް ބުނެއެވެ. އެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ ބަހުރައިނާއި ކުވައިތާއި އުރުދުންގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދީފައެވެ. އެހެންކަމުން އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ އަދި ސިޔާސީ ނުތަނަވަސްކަން އަނެއްކާ ވެސް މި ވަނީ އިންތިހާއަށް ބޮޑުވެ، މެދުއިރުމަތީގެ މަސްރަޙު ނުރައްކާތެރި ހިސާބަކަށް ވާސިލުވެފައެވެ. ދެޤައުމުގެ ދެމެދުގައި ކުރެވޭ ހަމަލާތައް އިތުރުވެ، ބައިނަލްއަޤްވާމީ ދުނިޔެއަށް އަދި ޚާއްޞަކޮށް ދުނިޔޭގެ އިޤްތިޞާދަށް ދަނީ އޭގެ ނޭދެވޭ އަސަރު ބޮޑުވަމުންނެވެ.

މި ވޭތުވެދިޔަ 18 ގަޑިއިރަށް ބަލާ އިރު އެމެރިކާގެ މަރުކަޒީ ސިފައިންގެ ކޮމާންޑު (CENTCOM) އިން ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި، ކަނޑުގެ ބާރުތަކަށާއި، މިސައިލް އަދި ޑްރޯން ގުދަންތަކަށް އަމާޒުކޮށް ޖެހިޖެހިގެން 13 ރޭ ވަންދެން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

އަދި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ވަނީ އީރާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށް [ބޮޑު ހަމަލާއެއް] ދޭން ވިސްނަވަމުންދާކަމުގެ އިންޒާރުދީފައެވެ. ޓުރަންޕު ބުނެފައިވަނީ އީރާނުން އަދިވެސް ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް ހުރަސްއެޅުން ހުއްޓައެއް ނުލައެވެ.

މި އިންޒާރާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޣުޗީ ވިދާޅުވެފައިވަނީ އެމެރިކާގެ [ބުއްދިއެއް ނެތް އުދުވާންތަކުގެ] ސަބަބުން އެމެރިކާއިން ދައްކާންޖެހޭ އަގު ބޮޑުވާނެކަމަށެވެ. އަދި އީރާނުން ވަނީ ސަރަޙައްދުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ރައްދު ހަމަލާތައް ދީފައެވެ.

ޔަމަންގެ ޙޫޘީން ވެސް ވަނީ ރަތްކަނޑުން ދަތުރުކުރާ ތެޔޮބޯޓުފަހަރަށް ހަމަލާދޭން ފަށައިފައެވެ. މީގެ ސަބަބުން އެމެރިކާއިން ވަނީ ޙޫޘީންނަށާއި އީރާނަށް އަސްކަރީ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފައެވެ. އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެ ހަދާ އުޅަނދުފަހަރު ހުއްޓުވުމަށް ކަނޑުގެ ވަރުގަދަ ހުރަހެއް ޤާއިމުކޮށްފައެވެ.

ހުރުމުޒު ކޮއްލަވާނީން ދަތުރުފަތުރުކުރާން ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ ފިފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ.

މުޅި ދުނިޔޭގެ ތެލުގެ 20% ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެންދިޔުމަށް ޓަކައި ދަތުރުކުރާ ހުރުމުޒު ކޮއްލަވާނީގެ ނުތަނަވަސްކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ކުރި ދިގު ބަޙުސްތަކަށްފަހު، ރައީސް ޓުރަންޕު އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅުނު ހަނގުރާމައިގެ ބާރު ދަށްކުރުމަށް ޓަކައި ހުށަހެޅި ގަރާރު އެ މަޖިލީހުން ފާސްވިނަމަވެސް، މަޖިލީހުގެ މަތިގެ (ސެނެޓު)އިން ވަނީ އެ ހުށަހެޅުން ބޭރުކޮށްލައިފައެވެ. ނަތީޖާއަކީ އެމެރިކާގެ ސަރުކާރުން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ޙަރަކާތް އިތުރަށް ކުރިއަށް ގެންދިއުމުގެ މަގު ޓުރަންޕަށް ފަހިވުމެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ އަދިވެސް ހައްލުނުވެ، އިތުރަށް ވަރުގަދަވަމުންދާ އިރު، ސަރަޙައްދީ އަދި ދުނިޔޭގެ ސުލްޙައަށް މި ކަމުން ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. ދެޤައުމުގެ ދެމެދުގައި ސިޔާސީ ގޮތުން ވާހަކައްދައްކައިގެން ހައްލެއް ހޯދުމުގެ ފުރުޞަތު ކުޑަވަމުންދާ އިރު، އާންމު ރައްޔިތުންނާއި ދުނިޔޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއް ނެތި ކުރަމުންދާ މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ނުރައްކާތެރި ދަރަޖައަކަށް ހިނގައިދާނެކަމުގެ އިންޒާރު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މިހާރުވަނީ ދެއްވައިފިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ގުޓަރޭޒް ވިދާޅުވީ، ހަނގުރާމަތަކާއި ހަމަނުޖެހުންތައް އިތުރުވެ، އެ ކަންކަން ހައްލުކުރަން އުނދަގޫވެ، އެ ކަން ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އަދި މި ފަދަ އަނިޔާބެރި ޢުދުވާނުތައް ހިންގާ މީހުންނަށް އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތެއް ފެތުރެމުންދާކަމަށް ވެސް ވިދާޅުވިއެވެ. އޭނާ އެ އިޝާރާތްކުރައްވަނީ އެމެރިކާ ބޭޏުން ކޮންމެ ތާކަށް ޙަމަލާދީ ގައުމުތައް ހަލާކުރުމަުންދާ އިރު އެމެރިކާއާ ދެކޮޅަށް އދ.އިން އެޅޭނެ ފިޔަވަޅެއް ނެތްވާހަކައަށް ކަމަށް ލަފާކުރެވެއެވެ.

ގުޓަރޭޒް ވިދާޅުވީ، މަސްރަހު މިހާރު އޮތީ ކޮންޓްރޯލުންނެއްޓޭ ފަދަ ހާލަތެއްގައި ކަމަށާއި، މިއީ ހިތަށްވެސް ނުގެނެވޭހާ ބޮޑު ނުރައްކަލެއްގެ ކޮޅުމަތި ކަމަށެވެ.

ހުރުމުޒު ކޮއްލަވާންޏާއި ބާބުލްމަންދަބް ސަރަހައްދުގައި ދަތުރުފަތުރުކުރުމުގެ ހައްގުތައް ފުރިހަމައަށް އިއާދަކުރުމަށް އޭނާ ގޮވައިލެއްވިއެވެ. އަދި މި މައްސަލަތަކުގައި އޮތް ހަމައެކަނި ހައްލަކީ ޑިޕްލޮމެޓިކު ގޮތުން ވާހަކަދައްކައިގެން ހައްލު ހޯދުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމެރިކާއަށް އީރާނުން އެއްވެސް އިތުބާރެއް ނުކުރާތީ މިއީ އެހައި ފަސޭހަ ކަމެއްކަމަކަށް ގަބޫލެއް ވެސް ނުކުރެވެއެވެ.

ކޮމެންޓު