ad_banner
ހުރުމުޒު ކޮއްލަވާނި ކޮންޓުރޯލުކުރާން އެމެރިކާއިން ކުރާ ހަނގުރާމައިގެ އަދާހަމަ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

22 ޖުލައި 2026

މަދަނީ ބޭނުންތަކަށް ނިއުކުލިއަރު ފައްކާކޮށް ބޭނުންކުރުމަކީ ބައިނަލްއަގުވާމީ 'ގާނޫނު' ހުއްދަކުރާ ކަމަކަށްވާތީ އީރާނުން އެ މީހުންގެ އިލެކުޓުރިކު ހަކަތަ އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކުރުމަށް ޓަކައި ޔޫރޭނިއަމް ފައްކާކުރާތާ ދަހަރުތަކެއް ވެއްޖެއެވެ. އެމެރިކާގެ ނުފޫޒުން 47 އަހަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ތެރޭގައި އޮވެއެވެ. ނަމަވެސް އެމެރިކާގެ މި ދިގުލީ ދަތިކުރުންތަކުގެ ސަބަބުން ވެސް އީރާނު މަޑުމަޑުން އެކަމަކު ހަމަކަށަވަރުން އައީ ކުރިއަރަމުންނެވެ. އެ މީހުން ބޮޑަށް ކުރިއަރާން މަސައްކަތްކުރަނީ ޢިލްމީ ދާއިރާއިންނެވެ. މިއީ އެމެރިކާއަށް ތަހައްމަލުކުރެވޭ ކަމަކށް ނުވިއެވެ. އެ މީހުން ބޭނުންވަނީ އެމެރިކާގެ ކުރިމަތީގައި އީރާނުން ކުޑަކަކޫޖަހާށެވެ. އަދި އީރާނުގެ ތެލާއި ގޭހުގެ ނަފާ ލިބިގަންނާށެވެ. މި ކަމަށް ޓަކައި ހުރުމޫޒު ކަނޑުގެ ކޮއްލަވާނީގެ ކޮންޓުރޯލު އެމެރިކާ ކޮންމެހެން ވެސް ބޭނުންވެއެވެ. އީރާނު ރުއްސައިގެން މި ކަން ނުވެއްޖެ ނަމަ، ބާރު ބޭނުންކޮށްގެން ވެސް މި ކަންކުރެވޭތޯ އެމެރިކާއިން ޤުރުބާންވާނެއެވެ.

މިހާރު މި ދިޔަ ފެބުރުވަރީ މަހު 28އިން ފެށިގެން އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ފަށައިގެން އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ހަނގުރާމައިގެ މައިގަނޑު އަމާޒަކީ އަދި މަގުސަދަކީ ވެސް ހުރުމުޒު ކަނޑުއޮޅީގެ ކޮންޓުރޯލު ހޯދުމެވެ. މިއީ ދުނިޔޭގެ ތެލުގެ %20 އެކި ގައުމުތަކަށް ގެންދިޔުމަށް ޓަކައި އާގުބޯޓުފަހަރު ދަތުރުކުރާ، އަދި އިސްތިރާޖީ ގޮތުން ކަނޑުގެ މުހިންމު މަގެކެވެ.

އެމެރިކާގެ މައްޗަށް އީރާނަށް ބޭނުންހިފޭނެ އެންމެ ބާރުގަދަ ހަތިޔާރަކީ ހުރުމުޒު ކަނޑުގެ ކޮއްލަވާންޏެވެ. އެހެންކަމުން މި ކޮއްލަވާނި ކޮންޓުރޯލުކުރާން އެމެރިކާއަށް ކުރެވުނުހައި މަސައްކަތެއް އެބަ ކުރެއެވެ. އެއީ އެމެރިކާއާ ބެހޭ ތަނަކަށް ނުވިޔަސް އަދި ބައިނަލްއަގުވާމީ ސަރަހައްދަކަށް ނުވިޔަސްވެހެވެ. ބޭއިންސާފާއި އަނިޔާވެރިކަމާއި ގަދަބަދަވިކަން ދެއްކުމުގެ އިންތިހާއެވެ. ނަމަވެސް އީރާނުން ހުރުމުޒު ކޮންޓުރޯލު ހިފެހެއްޓުމަށް ޓަކައި ކޮންމެ ޤުރުބާނީއެއް ވެސް ވާން އޮތީ ތައްޔާރަށެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ މި ކަނޑުއޮޅު ބަންދުކޮށްފައިވާކަމަށް އިޢުލާނުކޮށް، އީރާނުގެ އިރުޝާދުތަކަށް ބޯނުލަނބައި އެ ސަރަޙައްދުން ދަތުރުކުރާން މަސައްކަތްކުރާ އުޅަނދުތަކަށް ޙަމަލަދޭން ފަށައިފައެވެ.

ކަނޑުދަތުރުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމުގެ ނަމުގައި ހުރުމުޒުގެ މައްޗަށް އީރާނުގެ ކޮންޓުރޯލު އަތުލުމަށް ޓަކައި، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ އައްސޭރިފަށުގެ ސަރަޙައްދުތައް ޙިމާޔަތްކުރާން ބޭނުންކުރާކަމަށް އެމެރިކާއަށް ފެންނަ ވަސީލަތްތަކާއި، ކަނޑުގެ އަސްކަރީ ވަސީލަތްތަކާއި، މިސައިލު ހަރުތަކާއި، ވައިގެ ދިފާޢީ ނިޒާމުތަކަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ފުލުފުލުގައި ވައިގެ ޙަމަލާތަކެއްދީފައެވެ.

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ ކުވައިތާއި ބަޙުރައިނާއި ޤަޠަރާއި އުރުދުނާއި އެކުވެރި ޢަރަބު އިމާރާތް (ޔޫއޭއީ) ހިމެނޭހެން އަވައްޓެރި ޤައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިއްތިހާދުގެ ވަސީލަތްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯނާއި މިސައިލުން ޙަމަލާތަކެއްދީފައެވެ.

މީގެ ތެރެއިން ގިނަ މިސައިލާއި ޑުރޯނުތައް ވައިގެ ތެރޭގައި ހަލާކުކޮށްލެވިފައިވާކަމަށް ގަލްފުގެ ގައުމުތަކުން ބުނެއެވެ. އީރާނުން މި ކަމަށް އެއްބަސްވެފައެއް ނެތެވެ. މި ޙަމަލާ ބަދަލުކުރުންތަކުގެ ސަބަބުން ސަރަޙައްދީ ވައިގެ ދަތުރުފަތުރަށާއި، ވިޔަފާރި އުޅަނދުފަހަރުގެ ދަތުރުތަކަށާއި، ބަނދަރުތަކުގެ ޙަރަކާތްތަކަށް ބުރޫއަރައި، ސަރަޙައްދުގެ ގިނަ އުދުހުންތަކެއް ވަނީ ކެންސަލުކުރާންޖެހިފައެވެ.

ތެހެރާނަށް ތާއީދުކުރުމުގެ ގޮތުން، ޔަމަނުގެ ހޫޘީ ޖަމާޢަތުން ވަނީ ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ކަނޑުމަގުން ދަތުރުފަތުރުކުރުމުގެ މަގު ބަންދުކޮށްފިކަން އިޢުލާންކޮށްފައެވެ. މިއީ ބާބުލްމަންދަބު ކަނޑުއޮޅު ކައިރީން ރަތްކަނޑުގެ ދަތުރުފަތުރުގެ މަގުތައް ބަންދުކުރާނެކަމުގެއިންޒާރެކެވެ.

ފެބްރުވަރީ 28ގައި އެމެރިކާއާއި އިޒުރޭލުން އެއްވެސް ކަމަކުން ކަމަކާ ނުލައި އީރާނަށް ދޭންފެށި ޢުދުވާނީ ޙަމަލާ ހުއްޓައިލުމަށް ޓަކައި މި ދިޔަ ޖޫން މަހު މެދުތެރޭގައި އެކުލަވައިލެވުނު 60 ދުވަހުގެ ވަގުތީ އެއްބަސްވުމާ އެކު، ޙަމަލާތައް ހިސާބަކަށް މެދުކަނޑައިލުމަށް ފަހު، އެ އެއްބަސްވުން ވަނީ ރޫޅިފައެވެ. ޕާކިސްތާނުގައި ބޭއްވުނު މަޝްވަރާތައް ހިމެނޭ ގޮތުން، ތިންވަނަ ފަރާތަކުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރެވުނު މަސައްކަތްތަކާ އެކު ވެސް އެމެރިކއިން ވަނީ އަލުން ޙަމަލަދޭން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން ޓުރަންޕުގެ ސޮޔަކީ އެއްވެސް އިތުބާރެއް އަގެއް ނެތް އެއްޗެއްކަމަށް ބުނެ، އީރާނުން ވެސް ވަނީ އެ އެއްބަސްވުން އުވިއްޖެކަމަށް ރަސްމީކޮށް އިޢުލާނުކޮށް ގަލްފުގައި ހުންނަ އެމެރިކާގެ މަޞްލަޙަތުތަކަށް ޑުރޯނާއި މިސައިލުން ޙަމަލާދޭން ފަށައިފައެވެ.

ހުރުމުޒު ކޮއްލަވާނި ބޭނުންކޮށްގެން ކުރާ ދަތުރުފަތުރަށް ބުރޫއެރުމާއި ރަތްކަނޑުގެ މަގުތަކަށް ދެވޭ އިންޒާރުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ގަލްފު ސަރަޙައްދުގެ ވައިގެ ސަރަޙައްދުތައް ބަންދުކުރުމާއި އުދުހުންތައް ލަސްކޮށް، ފަސްކޮށް، ކެންސަލުކުރުމުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ މައި ހަބުތަކަށް ވަނީ އެ ކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަބު        ނ.     (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި. hub   

ކޮއްލަވާނި    ނ.     (1) އެއްމަގަކުން ނޫނީ ވަދެވޭން ނޯންނަ ގޮނިލައިފައި ހުންނަ ތަންތަން. (2) އެއްކޮޅު  ބެދިފައި ހުންނަ ހަނި ދަތި ގޯޅި. (3) ގޭގޭއިން ދަތިކޮށް ނެރެފައި ހުންނަ ކޮޓަފާޅި ފަދަ ތަންތަން.

މިސައިލު    ނ.     ބޮލެއްލައިފައި އޮންނަ ދުރަށް ފޮނުވާލެވޭ ހަނގުރާމަމަތީ ހަތިޔާރެއް. މިއީ ތަންތަން ނުވަތަ އެއްޗެހި ގޮއްވައިލުމަށް ޓަކައި ފޮނުވައިލެވޭ އެއްޗެކެވެ. މި ހުންނަނީ ހިމަދިގުކޮށް ކުރިއަށް އޫކޮށެވެ. missile

ދަހަރު      ނ.     ދިހަ އަހަރު   decade

ޑުރޯނު      ނ.     ފޮޓޯނެގުމާއި ވީޑިއޯކުރުމާއި ތަކެތި ރައްދުކުރުމާއި އަސްކަރީ ބޭނުންތަކުގައި ބޭނުންކުރާން ތައްޔާރުކޮށްފައިވާ މީހުންނާ ނުލައި އުދެހޭ އުޅަނދެއް ނުވަތަ ރޮބޮޓެއް ނުވަތަ މެޝިނެއް. drone

ކޮމެންޓު