އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
23 ޖުލައި 2026
ވޭތުވެދިޔަ 18 ގަޑިއިރަށް އެކަނި ބަލައިލިޔަސް އީރާނާ ދެކޮޅަށް އެމެރިކާއިން ދޭ ޙަމަލާތައް ވަނީ ހައްދުންނައްޓައިފައެވެ. މެދުކެނޑެމެއް ނެތި ވިދިވިދިގެން ޙަމަލާދޭތާ ވަނީ ދޮޅަސް ރޭ ފާއިތުވެފައެވެ. ރޭ ވެސް ވަނީ ރަމްޝީރު ޕްރޮވިންސާއި އަހުވާޒު ޕްރޮވިންސާއި ބުޝެހުރު ޕްރޮވިންސްގެ މުހިންމު އެތައް ތާކަށް ހަމަލާދީ ހަލާކުކޮށްލައިފައިކަމަށް އެމެރިކާގެ އަސްކަރީ މައި މަރުކަޒު (ސެންޓުކޮމް) އިން ބުނެއެވެ.
އެމެރިކާގެ ބަސްއަހައިގެން އީރާނުގެ އިރުޝާދުތަކަށް ތަބާނުވެ ހުރުމުޒު ކޮއްލަވާނީން ދަތުރުކުރާ ކޮންމެ އުޅަނދަކަށް އީރާނުން ޙާމަލާދެއެވެ. މި ކަމާ ގުޅިގެން އެމެރިކާގެ ރައީސް ޓުރަންޕު ބުނެފައިވަނީ ހުރުމުޒު ކޮއްލަވާނީގައި ޙަމަލާދޭ ކޮންމެ އުޅަނދަކަށް، އޭގެ ބަދަލުގައި އީރާނުގެ ފާލަމަކަށް ނުވަތަ އިންޖީނުގެއަކަށް ވަރުގަދަ ޙަމަލާތަކެއްދީ އެ ތަންތަން ސުންނާފަތިކޮށްލާނެކަމަށެވެ. ހަގީގަތުގައި މި ބުނުމަކީ ވެސް ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ބުނުމެކެވެ. އެހެންނަމަވެސް ރައީސް ޑޮނަލްޑު ޓުރަންޕު ދީފައިމިވާ އިންޒާރާ ގުޅިގެން، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޣުޗީ ވަނީ [ލޮލަކަށް ލޮލެއް، ކަންފަތަކަށް ކަންފަތެއް]ގެ އުސޫލުން ބަދަލުހިއްޕަވާނެކަމަށް ވިދާޅުވެ ޓުރަންޕަށް ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ. އަދި ބޮމުއަޑީގައިވާ ވަސީލަތްތަކަށް އެމެރިކާއިން ދޭ އިންޒާރުތަކަށް ރައްދު ދެއްވަމުން، ތަކުރާރުކޮށް އީރާނުން ބުނެފައިވަނީ ސިއްރުން ނިއުކްލިއަރު ފައްކާކުރާ މަރުކަޒުތަކެއް އިރާނަކު ނުހުންނާނެކަމަށެވެ.
ހަގީގަތުގައި ނިޔުކުލިއަރު ހަތިޔާރުގެ ވާހަކައަކީ އީރާނު ސުންނާފަތިކޮށްލާން ހަމަލާދޭންވެގެން އެމެރިކާއިން ދައްކާ ބަހަނާއެކެވެ. އިރާގަށް އަރާންވެގެން ދޮގު ތުހުމަތެއްކޮށް ދޮގު ރިޕޯޓެއް ހަދައިގެން މުޅި ދުނިޔެ އެއްކޮށްގެން އިރާގަށް ޙަމަލާދިން ގޮތަށެވެ. މި ފަހަރުގެ ތަފާތަކީ އެމެރިކާ ދައްކާ ވާހަކަތަކަށް އިޒުރޭލާއި ގަލްފުގެ މުނާފިގު ގައުމެއް ނޫނީ އިތުބާރު ނުކުރާތީ އެމެރިކާއާ ބައިވެރިވާނެ ވިލާތުގެ ގައުމެއް ނުވިކަމެވެ. އެކަމަކު އިރާގު ތަޅާއި ސުންނާފަތިކޮށްލައި ވެރިކަމުގެ ނިޒާމު ބަދަލުކޮށްލިހައި ފަސޭހަކޮށް ޓުރަންޕު ބުނާ ގޮތަށް [ޒަމާންވީ ޙަޟާރަތެއް] (އީރާނު) ވުޖޫދުން ފޮހެލުމަކީ ޓުރަންޕަށް ކުރެވޭނެ ކަމެއްކަމަކަށް ގަބޫލެއްނުކުރެވެއެވެ. އެމެރިކާގެ ހަގީގީ ބޭނުމަކީ މެދުއިރުމަތީގައި އެއްވެސް ގައުމެއް ބާރުގެ ގޮތުން ކުރިއަރައިގެން ދިޔަނުދިނުމެވެ. އެއީ އިސްރާއީލު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި އެމެރިކާއާއި އިނގިރޭށިވިލާތުން ގެންގުޅޭ އިސްތިރާޖެކެވެ. ގަލްފުގެ ހުރިހައި ގައުމެއް ޖެހޭނީ އެމެރިކާއަށް ބަރޯސާވެގެން ތިބޭށެވެ. ގަލްފުގައި ހުރި ގައުމުތަކުގެ ތެރެއިން ބޯނުލަނބާ ހަމައެކަނި ގައުމަކީ އީރާނެވެ. އީރާނަށް ޙަމަލާދޭ ހަގީގީ ސަބަބަކީ އެއީ އެވެ.
އީރާޏުގެ ޙަމަލާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުގައި ގައިމުކޮށްފައިވާ އެމެރިކާގެ ހަނގުރާމައިގެ މަރުކަޒުތަކަށް އީރާނުން ވެސް މެދުނުކެނޑި ޙަމަލާތައްދެމުންދެއެވެ. މިހައި ތަނަށް އެމެރިކާގެ 18 ވަރަކަށް ސިފައިން މަރުވެފައިވާކަމަށް އެމެރިކާއިން ވެސް އެއްބަސްވެއެވެ. ލަފާކުރެވޭ ގޮތުން މި ޢަދަދު އެތައް ގުނައެއް އިތުރުވާނެއެވެ. އަދި 100 ވަރަކަށް ސިފައިންނަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާކަމަށް ވެސް އެމެރިކާއިން އެއްބަސްވެފައިވެއެވެ.
އީރާޏުގެ ރައްދު ޙަމަލާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުން އީރާނު ކުށްވެރިކުރަމުން ދެއެވެ. އަދި ބައެއް ގައުމުތަކުން ވަނީ އަލިފުދާލަށް މައްސަލަ ވެސް ހުށައަޅައިފައެވެ. ނަމަވެސް މި މައްސަލައިގެ އަސްލަކީ އެމެރިކާއޭ ބުނެ އެމެރިކާ ކުށްވެރިކުރާކަށް ގަލްފުގެ ގައުމަކަށް ނުކެރެވެއެވެ. އެ މީހުން ތިބީ އެހައި ބޮޑަށް އެމެރިކާއާއި އިޒުރޭލުގެ މުށުތެރޭގައި ފިތި ތާށިވެފައެވެ.
އީރާނުގެ އަވައްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ނަތީޖާއާ ބެހޭ ގޮތުން ވޭތުވެ ދިޔަ 18 ގަޑިއިރުގެ ތެރޭގައި ކުވައިތު ފިޔަވައި އެހެން ގައުމަކުން ވާހަކަދައްކައިފައެއް ނެތެވެ. ކުވެރިތުން ދަޢުވާކުރާ ގޮތުގައި ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އީރާނުގެ ނުރައްކާތެރި ޑުރޯނުތަކާއި މިސައިލު ޙަމަލާތައް ހުއްޓުވައިފައެވެ.
ޔަމަނުގެ ހޫޘީޖަމާޢަތުން އިޢުލާނުކޮށްފައިވާ ގޮތުގައި އެ މީހުންގެ އިންޒާރަށް ބެލުމެއް ނެތި ރަތްކަނޑުން ދަތުރުކުރަމުން ދިޔަ ސުޢޫދީ ޢަރަބިއްޔާގެ ދެ ތެޔޮބޯޓަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެއެވެ. މި ކަމާ ބެހޭ ގޮތުން ސުޢޫދީ ޢަރަބިއްޔާއަކުން ވަކި އެއްޗެއް ނުބުނެއެވެ.
އެމެރިކާގެ އެއަރުފޯސްގެ E-3B ސެންޓްރީ AWACS މަތީންދާބޯޓެއް، ސުޢޫދީ ޢަރަބިއްޔާގެ މަތީން ދަތުރުކުރަނިކޮށް [ކުއްލި ޙާލަތެއް ދިމާވެގެން]ކަމަށް ބުނެ އިމަޖެންސީގައި ޖައްސާންޖެހުނުކަން ވަނީ އިއުލާނުކޮށްފައެވެ. މިއީ އީރާނުން ނުވަތަ ހޫޘީންގެ ޙަމަލާއެއްގެ ސަބަބުން ދިމާވި [ކުއްލި ޙާލަތެއް]ކަމަށް ލަފާކުރެވުނު ނަމަވެސް، މިއީ އެމެރިކާއިން ފަސޭހައިން އިޢުތިރާފުވާނޭ ކަމެއް ނޫނެވެ. އެ މީހުން އެ ކަމަށް އިޢުތިރާފުވާނީ އެހެން ގިނަ މަސްދަރުތަކަކުން މީސްމީޑިއާގައި އެ ކަން ހާމަކޮށްފިއްޔާއެވެ.
ހުރުމުޒު ކޮއްލަވާނީގައި އިތުރުވަމުންދާ ޢަސްކަރީ ޙަރަކާތްތަކުގެ ސަބަބުން ސާފުނުކުރާ ތެލުގެ އަގު ފީފާއެއް 90 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ވިޔަފާރި މަސްދަރުތަކުން ޚަބަރު ލިބެއެވެ. އަދި މުދާ އުފުލާ އާގުބޯޓުފަހަރުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ތެލުގެ ބާޒާރަށް ކުރިމަގުގައި ނޭދެވޭ އަސަރުތައް ކޮށްފާނެކަމުގެ ބިރުވެރިކަން ވަނީ މުޅި ދުނިޔޭގައި އިތުރުވެފައެވެ. (މަޢުލޫމާތު: އެންޑީޓީވީ، ސީބީއެސް ނިއުސް، ދަ ގާޑިއަން، ދަ މޮނިޓަރ، އަލްޖަޒީރާ، ބީބީސީ، އާރުޓީނިއުސް)
ބައެއް ލަފުޒުގެ މާނަ:
ކޮއްލަވާނި ނ. (1) އެއްމަގަކުން ނޫނީ ވަދެވޭން ނޯންނަ ގޮނިލައިފައި ހުންނަ ތަންތަން. (2) އެއްކޮޅު ބެދިފައި ހުންނަ ހަނި ދަތި ގޯޅި. (3) ގޭގޭއިން ދަތިކޮށް ނެރެފައި ހުންނަ ކޮޓަފާޅި ފަދަ ތަންތަން.
އިސްތިރާޖު ނ. ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް. strategy
މަރުޖާ ނ. ސައްހަ ސަނަދަކުން ކަށަވަރުވާ މަސްދަރު. Authoritative source
މިސައިލު ނ. ބޮލެއްލައިފައި އޮންނަ ދުރަށް ފޮނުވާލެވޭ ހަނގުރާމަމަތީ ހަތިޔާރެއް. މިއީ ތަންތަން ނުވަތަ އެއްޗެހި ގޮއްވައިލުމަށް ޓަކައި ފޮނުވައިލެވޭ އެއްޗެކެވެ. މި ހުންނަނީ ހިމަދިގުކޮށް ކުރިއަށް އޫކޮށެވެ. Missile
ދޮޅަސް ނ. ބާރަ (12)
ޑުރޯނު ނ. ފޮޓޯނެގުމާއި ވީޑިއޯކުރުމާއި ތަކެތި ރައްދުކުރުމާއި އަސްކަރީ ބޭނުންތަކުގައި ބޭނުންކުރާން ތައްޔާރުކޮށްފައިވާ މީހުންނާ ނުލައި އުދެހޭ އުޅަނދެއް ނުވަތަ ރޮބޮޓެއް ނުވަތަ މެޝިނެއް. drone