އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
22 ޖުލައި 2026
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ނުތަނަވަސްކަން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެ، އަސްކަރީ ސީދާ ހަމަލާތަކާއި، ވިޔަފާރި އުޅަންދުފަހަރަށް ހުރަސްއެޅުމާއި، އަދި ގަލްފު ސަރަހައްދުގައި ބަދަލުކުރެވުނު ރައްދު ހަމަލާތަކެއް ވަނީ ފެނިފައެވެ.
ވޭތުވެދިޔަ 18 ގަޑި އިރަށް ބަލާ އިރު، ރޭ ވެސް އެމެރިކާގެ އަސްކަރީ އުޅަނދުތަކުން އީރާނުގެ އެތެރެއަށް ގިނަ ޙަމަލާތަކެއް ދީފައެވެ. މިއީ ވިދިވިދިގެން އީރާނުގެ މުހިންމު އަމާޒުތަކަށް ސީދާ ހަމަލާތަކެއްދޭތާ 11ވަނަ ރެއެވެ. ޕެންޓަގަންއިން އިޢުލާނުކޮށްފައިވާ ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ މަތިންދާބޯޓު ބަހައްޓާ ހެންގަރުތަކަށާއި، ޑުރޯނު ގުދަންކޮށްފައި ހުރި ތަންތަނަށާއި، އަސްކަރީ ޙަރަކާތްތައް ހިންގާ މަރުކަޒުތަކަށާއި އިދާރީ މަރުކަޒުތަކަށެވެ. ވެރިރަށް ތެހެރާނާއި ބުޝެހުރާއި ހުރުމުޒުގާނާއި ޚޫޒެސްތާނާއި އީރާނުގެ އިތުރު ބައެއް ޕްރޮވިންސްތަކުން ގޮވުންތަކުގެ އަޑު ވަނީ އިވިފައިވެއެވެ.
އީރާނުގެ އާންމު ޚިދުމަތްތައް ފޯރުކޮށްދޭ މުހިންމު ބިނާރުތަކަށް ޙަމަލާދީ ހަލާކުކުރުމަށް ފަހު، އާދައިގެ މަތީން އެމެރިކާގެ އަސްކަރީ މަރުކަޒު (ސެންޓްކޮމް)އިން ތަކުރާރުކޮށް ބުނެފައިވަނީ، މި ހަމަލާތަކުގެ މައިގަނޑު ބޭނުމަކީ ހުރުމުޒު ކޮއްލަވާނީން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދިނުމުގެ ގާބިލުކަން އީރާނުގެ ކިބައިން ކުޑަކުރުންކަމަށެވެ. [ނައްތައިލުން] މި ލަފުޒުގެ ބަދަލުގައި މި ފަހަރު ބޭނުންކޮށްފައިވަނީ [ކުޑަކުރުން] މި ލަފުޒުކަން ފާހަގަކޮށްލެވެއެވެ.
ކިތަންމެ ޢުދުވާނެއް ކުރިމަތިވިޔަސް އީރާނަކުން ވެސް އަމާނެއް ނުދެއެވެ. ހިމޭނަކުން ނުތިބެއެވެ. އެ މީހުން އަމިއްލައަށް އުފައްދާ އަގުހެޔޮ ޑުރޯނާއި މިސައިލުތަކުން ކުވައިތާއި ބަޙުރައިނާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް އީރާނުން ވަނީ އަލުން ހަމަލާތަކެއް ދީފައެވެ. ކުވޭތުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ޙަމަލާތަކުގެ ސަބަބުން ކަނޑުފެނުން ބޯފެން އުފައްދާ ނިޒާމުތަކަށާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ގެއްލުންތަކެއް ލިބި، ސަރަހައްދުގެ ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހުރަސްތަކެއްއެޅިފައެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން ދައުވާކުރާ ގޮތުގައި ބަޙުރައިނުގައި ހުންނަ އެމަޒޯން ޑޭޓާ މަރުކަޒު ވެސް ހިމެނޭހެން އެމެރިކާގެ ފަންނިއްޔާތުގެ އުމްރާނީ ވަސީލަތްތަކަށް ގިނަ ޙަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ. މި ކަމާ ގުޅިގެން އެމެރިކާއަކުން ވަކި އެއްޗެއް ނުބުނެއެވެ.
ހަގީގަތުގައި އީރާނަށް ލިބޭ ވަރަށް ގެއްލުން ނުލިބުނަސް އެމެރިކާއަށް ވެސް ބޮޑެތި ގެއްލުންތަކެއް އެބަ ލިބެއެވެ. އުރުދުނާއި އިރާގަށް ދެވުނު ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ހަތަރުވަނަ މީހަކު މަރުވެފައިވާކަން އެމެރިކާގެ ޕެންޓަގަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ފަހުގެ މި ހަމަނުޖެހުންތައް ފެށުނު ފަހުން އެމެރިކާ ސިފައިންގެ ތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 18އަށް އަރައިފައެވެ. އަދި މި މަހު އީރާނުން ދިން ހަމަލާތަކުގައި އެމެރިކާ އަސްކަރިއްޔާގެ ގާތްގަނޑަކަށް100އަށް ވުރެ ގިނަ ސިފައިން ބޮޑެތި ޒަޚަމުތަކަކުން ޒަޚަމުވެފައިވާކަމަށް އެމެރިކާއިން އެއްބަސްވެފައި ވެއެވެ.
އަނެއްކޮޅުން ކަނޑުގެ ރައްކާތެރިކަމާ ބެހޭ އިދާރާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުރުމުޒު ކޮއްލަވާނީން ދަތުރުކުރި ތެޔޮ ބޯޓަކަށް ހަމަލާއެއް އެރުމުގެ ސަބަބުން، ބޯޓުގެ ފަޅުވެރީންނަށް ވަނީ ބޯޓު ދޫކޮށްލާން ޖެހިފައެވެ.
އީރާނުގެ މަދަދުލިބޭ ކަމަށް މަޝްހޫރުވެފައިވާ ޔަމަންގެ ހޫޘީން ވަނީ ސުޢޫދީ ޢަރަބިއްޔާގެ މުދާ ބޭރުކުރުން ހުއްޓުވުމަށް ޓަކައި ރަތްކަނޑުގެ ވަކި ސަރަހައްދެއް ސުޢޫދީ އުޅަނދުތަކަށް ބަންދުކޮށްފައިވާކަން އިއުލާންކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ސައޫދީގެ މައި ދެ ތެޔޮ ބޯޓެއް ވަނީ ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ރަތްކަނޑުން ދަތުރުކުރި މިސްރާބު ބަދަލުކޮށްފައެވެ.
މި ދަންނަވައިލީ މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ އިތުބާރުހުރި ހުރިހައި މަސްދަރުތަކަކުން ލިބިފައިވާ ޚަބަރުތަކުގެ ކުރު ޚުލާޞާއެކެވެ. މި މަގާލަށް މަޢުލޫމާތު ހޯދައިފައިވާނީ 'ސީބީއެސް ނިއުސް'އާއި 'ދަ ގާޑިއަން'އާއި 'އެންޑީޓީވީ'އާއި 'ދަ މޮނިޓަރ'އާއި 'އަލްޖަޒީރާ'އާއި 'ބީބީސީ' ފަދަ މަރުޖާތަކުންނެވެ.
ބައެއް ލަފުޒުގެ މާނަ:
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure
ކޮއްލަވާނި ނ. (1) އެއްމަގަކުން ނޫނީ ވަދެވޭން ނޯންނަ ގޮނިލައިފައި ހުންނަ ތަންތަން. (2) އެއްކޮޅު ބެދިފައި ހުންނަ ހަނި ދަތި ގޯޅި. (3) ގޭގޭއިން ދަތިކޮށް ނެރެފައި ހުންނަ ކޮޓަފާޅި ފަދަ ތަންތަން.
މަރުޖާ ނ. ސައްހަ ސަނަދަކުން ކަށަވަރުވާ މަސްދަރު. Authoritative source
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. article (witten)
މިސައިލު ނ. ބޮލެއްލައިފައި އޮންނަ ދުރަށް ފޮނުވާލެވޭ ހަނގުރާމަމަތީ ހަތިޔާރެއް. މިއީ ތަންތަން ނުވަތަ އެއްޗެހި ގޮއްވައިލުމަށް ޓަކައި ފޮނުވައިލެވޭ އެއްޗެކެވެ. މި ހުންނަނީ ހިމަދިގުކޮށް ކުރިއަށް އޫކޮށެވެ. missile
ޑުރޯނު ނ. ފޮޓޯނެގުމާއި ވީޑިއޯކުރުމާއި ތަކެތި ރައްދުކުރުމާއި އަސްކަރީ ބޭނުންތަކުގައި ބޭނުންކުރާން ތައްޔާރުކޮށްފައިވާ މީހުންނާ ނުލައި އުދެހޭ އުޅަނދެއް ނުވަތަ ރޮބޮޓެއް ނުވަތަ މެޝިނެއް. dron