އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
24 ޖުލައި 2026
ބުރުކީނާ ފާސޯގެ ނުފޫޒުގަދަ އިސްލާމީ ޢިލްމުވެރިންގެ ތާއީދު މީގެ ކުރީން ވަރަށް ބޮޑަށް އޮތް، ރައީސް އިބްރާހީމް ޓުރައުރޭއާ އެ ޢިލްމުވެރީންނާ ދެމެދު ވަރަށް ބޮޑު ޚިޔާލު ތަފާތުވުންތަކެއް މިހާރު ވަނީ އުފެދިފައެވެ. އެއީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަށް ޓަކައި ޤާނޫނެއް ފާސްކުރައްވައި އެ ޤާނޫނާ ޚިލާފުވާ މީހުން ޖަލަށްލާން ފެށުމުން އުފެދިފައިވާ އިޚުތިލާފެއްކަމަށް ޚަބަރުލިބެއެވެ. ބުރުކީނާ ފާސޯގެ ރައީސް އިބްރާހީމް ޓްރައުރޭ މިހާރު ގެންދަވަނީ ބަންދުކުރެވޭ ބަންދުކުރުންތަކާއި، އާ ޤާނޫނުތަކާއި، ދީނީ ހައްދުފަހަނައެޅުންކަމަށް އޭނާ ސިފަކުރައްވާ ކަންކަމާ ދެކޮޅަށް ހިންގަވާ ހަރަކާތްތަކާ ގުޅިގެން ބޮޑުވަމުންދާ ޚިލާފުތަކާ ކުރިމަތިލައްވަމުންނެވެ.
ބުރުކީނާ ފާސޯގެ ރައީސް ކެޕްޓަން އިބްރާހީމް ޓުރައުރޭ ވަނީ ނުފޫޒުގަދަ އިސްލާމީ ޢިލްމުވެރިންނާއެކު އޮތް ކުރިމަތިލުން ވަރަށް ބޮޑަށް ވަރުގަދަކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި [ރެޑިކަލް އިސްލާމް]އަށް އެ ޤައުމުގައި އެއްވެސް ޖާގައެއް ނެތެވެ. އަދި ދީނީ ހައްދުފަހަނައެޅުމަށް ހިތްވަރުދޭކަމަށް އޭނާ ތުހުމަތުކުރައްވާ ފަރާތްތަކާ ދެކޮޅަށް [ހަނގުރާމަ ފެށިއްޖެ]ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރުދެއްވައިފައެވެ.
ހައްދުފަހަނައަޅައިފައިވާ ފިކުރުތައް ފަތުރާކަމަށް އިބްރާހީމް ޓުރައުރޭ ތުހުމަތުކުރެއްވި ޢިލްމުވެރީންނާ މުޚާޠަބުކުރައްވައި ޓުރައުރޭ ވިދާޅުވިއެވެ: [މިއީ ތިޔަ ބޭފުޅުންގެ އިސްލާމްދީންކަމަށްވާ ނަމަ، އަޅުގަނޑުމެން އެ ކަމާ ދެކޮޅަށް ހަނގުރާމަކުރާނަމެވެ. ހައްދުފަހަނައަޅައިފައިވާ މީހުން ބަދަލުވާންޖެހެއެވެ. އެ މީހުން ބަދަލުނުވެއްޖެ ނަމަ، ހަނގުރާމަ މި ވަނީ ފެށިފައެވެ.]
އޭނާގެ މި ވާހަކަފުޅުތަކުން ދޭހަވަނީ ސަރުކާރާއި ބުރުކީނާ ފާސޯގެ މުސްލިމް މުޖުތަމަޢުގެ ބައެއް ޢިލްމުވެރީންނާ ދެމެދު އުފެދެމުންދާ ނުތަނަވަސްކަން ނުވަތަ ޚިލާފުތައް އިތުރުވަމުން ބޮޑުވަމުންދާކަމެވެ. އެއް އިރެއްގައި ރައީސް އިބްރާހީމް ޓުރައުރޭއަށް އޮތް ތާއީދުގެ މުހިންމު މަސްދަރެއްކަމަށްވާ މަޝްހޫރު ބައެއް ޢިލްމުވެރީން މިހާރު ވަނީ ދީނީ މިނިވަންކަމުގެ ޤާނޫނާއި، މަޝްހޫރު ބައެއް އިމާމުން ހައްޔަރުކުރުމާއި، އަދި ދީނީ ހައްދުފަހަނައެޅުމާ ދެކޮޅަށް ސަރުކާރުން ހިންގާ ހަރަކާތްތަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ.
ޓުރައުރޭ ވިދާޅުވާ ގޮތުގައި އިސްލާމް ދީން ފަތުރާންޖެހޭނީ މަޖުބޫރުކުރުމާއި އަނިޔާވެރިކަމުގެ ތެރެއަކުންނެއްނޫނެވެ. އެއާ ޚިލާފަށް އެ ކަން ކުރާންވާނީ ރީތި ސުލޫކާއި ހެޔޮ ނަމޫނާ ދެއްކުމުގެ ތެރެއިންނެވެ. ކުލުނާއި ރަޙުމާއި ލޯތްބާއި ހަމްދަރުދީއާއި އޯގާވެރިކަމުގެ ތެރެއިންނެވެ. ކައު ރަސޫލާ އިސްލާމް ދީން ދުނިޔެއަށް ފެތުރުއްވި މަންހަޖަކީ މިއީއެވެ. އަދި އާ ޤާނޫނާ ބައެއް އިމާމުން ދެކޮޅުވަނީ ކީއްވެގެންތޯ ސުވާލުކުރައްވައި، ޚުޠުބާތައް ބޭނުންކޮށްގެން ހައްދުފަހަނައެޅި ފިކުރުތައް ފަތުރާ އިމާމުން ވަޒީފާއިން އެއްފަރާތްކުރެވޭނެކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފައެވެ.
އޭގެ އިތުރަށް، އިސްލާމްދީނުގެ ސަމާޙަތާއި ސުލްޙަވެރި ތަފުސީރުތަކަށް ވަކާލާތުކުރައްވާ ޢިލްމުވެރީންނަށް ދައުލަތުން އަބަދު ވެސް އެހީތެރިކަން ދެއްވާނެކަމަށް ވެސް އޭނާ ވައުދުވެވަޑައިގަތެވެ. އަދި ބުރުކީނާ ފާސޯ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓައިލުމަށް ޓަކައި ބޭރުގެ ބާރުތަކުން ދީނުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ޓުރައުރޭ ވަނީ އަރަބި ޤައުމުތަކުގައި އިސްލާމީ ޝަރީޢާ އުނގެނެމުންދާ ބުރުކީނާ ފާސޯގެ ދަރިވަރުން އަނބުރައި ޤައުމަށް ގެނައުމުގެ ރޭވުންތައް ވެސް އިޢުލާނުކުރައްވައިފައެވެ. އޭނާ ލަފާކުރައްވާ ގޮތުގައި 800000 (އަށް ލައްކަ)އަށް ވުރެ ގިނަ ދަރިވަރުން ޢަމަލީ މަސައްކަތުގެ ހުނަރެއް ނެތި ރާއްޖެއިން ބޭރުގައި ދީނީ ތަޢުލީމު ޙާޞިލުކުރަމުންދެއެވެ.
އަދި އެނބުރި އައުމަށް އިންކާރުކުރާ ދަރިވަރުންގެ ބުރުކީނާ ފާސޯގެ ރައްޔިތުކަމާއި ހުވިއްޔަތުކަން ގެއްލުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
މި އިޢުލާނު ކުރައްވާފައިވަނީ ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލުކުރާން އެދޭ ދަރިވަރުން، މަތީތަޢުލީމާ ބެހޭ ވުޒާރާގެ ހުއްދައެއް ކުރީން ހޯދާންޖެހޭ ގޮތަށް މި ދިޔަ ޖޫން މަހުގެ ފަހުކޮޅު ސަރުކާރުން ނެރުނު އިޢުލާނަކަށް ފަހުގައެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބަޔާންކުރައްވައިފައިވާ ގޮތުގައި މި ފިޔަވަޅުގެ ބޭނުމަކީ ރާއްޖެއިން ބޭރުގައި ހިންގާ ތަޢުލީމީ ޕްރޮގްރާމްތަކަކީ އެއީ ޤައުމީ ތަރައްޤީއަށް އިސްކަންދޭ ކަންކަމާއި ޤައުމީ އަމާޒުތަކާ އިތުރަށް ގުޅުންހުރި ޕުރޮގުރާމްތަކެއްކަން ކަށަވަރުކުރުމެވެ. އެ ފިޔަވަޅުތަކުގެ އެހެން ބޭނުމެއް ނެތެވެ.