އަލްއުސްތާޒު އަޙުމަދު މާޖިދު
21 ޖުލައި 2026
ދިވެހި ޤައުމު އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި، އަދި އުޞޫލުތަކަކާއި ހަމަތަކެއްގެ މައްޗަށް ހިނގާ ދައުލަތެއްގެ ގޮތުގައި، 2500 އަހަރަށް ވުރެ ދިގު ޙަޔާތެއް ހޭދަކޮށްފިއެވެ. އަމިއްލަ ބަހަކާއި އަމިއްލަ ސަގާފަތެއް އޮތް ބަޔެއްގެ ގޮތުގައެވެ. ހަރުދަނާ، ބަދަހި، އުޞޫލުތަކާއި ހަމަތަކުގެ މަތީގައި ހިނގާ މުޖުތަމަޢުތަކެއްގެ ގޮތުގައެވެ. މިއީ ކުޑަކުޑަ ކަމެއް ނޫނެވެ. މިއީ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް، ﷲގެ ރަޙުމަތްޕުޅުން، ހޯދުނު ވަރަށް ބޮޑު ކާމިޔާބެކެވެ. މި ކާމިޔާބުގެ މައިގަނޑު އެއް ސަބަބަކީ، އަޅުގަނޑުމެން ދިވެހީންގެ ލޮބުވެތި ކާބަފައިން އެކިއެކި ދާއިރާތަކުން އެއް ކުޅަ، އަދި ތަރައްޤީ ކުޅަ، ޢިލްމީ ޚަޒާނާތަކެވެ.
އާދޭހެވެ! ދިވެހި ކާބަފައިން މި ބިމުގައި [ތިބީކީ] ނޫނެވެ! ޢިލްމާއި ތަހުޒީބާއި ތަމައްދުންގެ އަހުލުވެރީންތަކެއްގެ ގޮތުގައި މި ރަށްތަކުގައި އެ މީހުން [ދިރިއުޅުނީ]އެވެ. މި ޖަޒީރާތައް ތަޢުމީރުކުރީއެވެ. އެ މީހުންގެ ކިބައިގައި އެތައް ދާއިރާއަކުން އެތައް ޢިލްމުތަކެއް ހުއްޓެވެ. އޮޑިފަހަރު ބަނުމުގެ ޢިލްމެވެ. ދިވެހި ކަނޑުތަކުގެ އޮއިވަރާއި މަސްވެރިކަމާއި އެންވެރިކަން އޮންނަ ގޮތުގެ ޢިލްމުތަކެވެ. އެ ކަނޑުތަކުގެ ފަރުފަރާއި ފަޅުފަޅާއި އެ ތަންތަނުގައި ދަތުރުކުރުމުގެ ޢިލްމުތަކެވެ. ދިވެހި ޖައްވުގައި ވައި ހިނގާ ގޮތާއި މޫސުން ބަދަލުވާ ގޮތުގެ ޢިލްމުތަކެވެ. ނަކަތްތެރިކަމުގެ ޢިލްމުތަކެވެ. ތަރިރުހަނދުގެ މަޤާމުތަކާއި، އެ މަޤާމުތަކާ ގުޅިގެން ދުނިޔޭގައި އަޅުގަނޑުމެންގެ ރާއްޖެ އޮންނަ ސަރަޙައްދުގެ ޙާލަތަށް އަންނަ ބަދަލުތަކާ ބެހޭ ޢިލްމުތަކެވެ. ވަށައިގެން މި އޮތް ބޮޑު ހިންދު މާކަނޑުގެ އޮޔާއި ވަޔާއި މޫސުން އޮންނަ ގޮތުގެ ޢިލްމުތަކެވެ. ދިވެހި އޮޑިފަހަރުގައި، އެ، ހިންދު މާކަނޑުގެ ހުރަހަށާއި ދިގަށް، އޭޝިޔާއާއި އެފުރިކާގެ ބޮޑެތި ބަނދަރުތަކަށް، ދަތުރުފަތުރުކުރުމުގެ ޢިލްމުތަކެވެ. ދިވެހި ބިމުގައި ރުއްގަސް ހެއްދުމުގެ ޢިލްމުތަކެވެ. އެ ރުއްގަހުގެ މަތިވަރު ރަނގަޅުވަނީ ކިހިނެއްކަމާއި، އެ ރުއްގަސް ފުރިހަމަ ސިއްހަތެއްގައި ހުންނާނީ ކިހިނެއް ބެލެހެއްޓީމާކަމުގެ ޢިލްމުތަކެވެ. ދިވެހި ބިމުން ލިބޭ މޭވާއާއި ތަރުކާރީއާއި ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ހެއްދުމާއި ބޭނުންކުރުމުގެ ޢިލްމުތަކެވެ. މި ބިމުގައި ހެދޭ ފަތްޕިލާވެލީގެ ބޭނުންތަކުގެ ޢިލްމެވެ. ދިވެހި ބޭސްވެރިކަމުގެ ޢިލްމެވެ. މި ބިމުގައި މި ބިމުން ލިބޭ އެއްޗެހި ބޭނުންކޮށްގެން، މި ބިމުގެ މޫސުމާ އެކަށޭނަ ގޮތްގޮތަށް ގެދޮރުއެޅުމުގެ ޢިލްމެވެ.
އާދޭހެވެ! މި ބިމުގައި މާލިމީންނާއި، ފޭރާން ވިޔާ މީހުންނާއި، ވަޑީންނާއި، ކުމޭރުންނާއި، މަޢުދަނުގެ މަސައްކަތްކުރާ މީހުންނާއި، ބޭސްވެރީންނާއި، ބޭކެނބީންނާއި، ތިލޭރުންނާއި، ފޭރާން ވިޔާ މީހުންނާއި، ވަޑާންވެރީން (ވަޑީން)ނާއި، ލިޔެލާޖަހާ މީހުން އުޅުނެވެ. މަސްވެރިކަމާއި ދަނޑުވެރިކަން އެ ކަންކަމުގެ ޢިލްމާއި ހުނަރު ހުރެގެން ކުރި މީހުން ތިއްބެވެ. ދީނީ ޢިލްމުވެރީން ތިއްބެވެ. ޅެންވެރީންނާއި މުސައްނިފުން ތިއްބެވެ. މިހެން ގޮސް، އިންސާނީ ތަހުޒީބާއި ސަގާފީ ތަރައްޤީގެ ކޮންމެ ދާއިރާއެއްގައި ވެސް، ދިވެހި ކާބަފައިން ތިބީ ޙަޟާރަތްތެރިކަމަކަށް ތައްޔާރު ވެފައެވެ.
ދިވެހީންގެ ތަހުޒީބާއި ތަމައްދުނުގެ އެއް މިސާލަކީ، ދިވެހި މުސްކުޅި މިސްކިތްތަކުގައި ފެންނާން އެހެރަ ގަލުވަޑާމާއި ލަކުޑީގެ ވަޑާމުގެ ފަންނުވެރިކަމާއި މަހާރަތުތަކުގެ ރިވެތި އަދި ފުރިހަމަ މިސާލުތަކެވެ. އެ ހިސާބަށް ބަޔެއްގެ ފަންނުވެރިކަން ކުރިއަރައިގެން އަންނަނީ [ވަޔަކުން]ނޫނެވެ. އެއީ މަތީ ދަރަޖައެއްގެ ޢިލްމާއި ފިކުރުގެ ނަތީޖާއެވެ. އިތުރު މިސާލަކަށް، މި ބިމުން ލިބޭ ތަކެތީން ދިވެހި ކާބަފައިން ތަރައްޤީ ކުރި ރަހަ ރަނގަޅު "ސުފުރާފަތް(cuisine)] ފުދެއެވެ. ހަމައެކަނި ދިވެހި ރުކުން ލިބޭ ތަކެއްޗާއި ކަށިކޭލާއި ބަނބުކޭލުން ދިވެހި ކާބަފައިން ތައްޔާރުކުރި ތަކެތީގެ ސުފުރާއެއް އަތުރައިލައްވައިފައި، ބައްލަވައިލެއްވީމާ، އަޅުގަނޑު މި ދަންނަވަނީ ކަނު ފަޚުރެއްގެ އަލިފާނުން ކައްކާ ޖަޒުބާތީ ފޮނުގެ ހުސް ބަސްތަކެއް ނޫންކަން އެނގިވަޑައިގަންނަވާނެއެވެ.
ދިވެހި ކާބަފައިން އެއްކޮށް، ތަރައްޤީކޮށް، ދިރިއުޅުމަށް ތަތުބީގުކުރަމުން ދިޔަ ޢިލްމުތަކާއި ޢިލްމީ ނިޒާމުތަކަކީ ހަމައެކަނި ހަނދާންތަކެއްނޫނެވެ. އެއީ ޒަމާންތަކަކުން، އެތައް ޤަރުނަކުން، އެތައް ހާސް ބުއްދިއެއްގެ ޙިއްޞާގެ ވަސީލަތުން، ތަރައްޤީކުރެވުނު ޤައުމީ ބޮޑު ޚަޒާނާއެކެވެ. އަގުމަގުނުކުރެވޭ ވަރުގެ މާތް ޒަޚީރާތަކެކެވެ. ޤައުމެއްގެ ޤައުމީ ޙަޔާތުގެ ކަންކޮޅުތަކުގައި ދިއްލުނު ދަންމަރުތަކެކެވެ. ކާބަފައިންތަކެއް، އެމީހުންގެ ދަރިފަސްކޮޅަށް ދޫ ކުޅަ ތުރާސެކެވެ. ދުނިޔޭގެ އެހެން މާޙައުލުތަކާއި ޖުޣުރާފީ ނިޒާމުތަކާ ވަރަށް ތަފާތު، ފުރާދަ މާޙައުލެއްގައި ދިރިއުޅެމުން، އެ މާޙައުލުގައި ދިރިއުޅުން ފަސޭހަކުރުމަށް ޓަކައި ފިކުރު ހުރި ޤައުމެއްގެ ފިކުރުން ގެނައި އެތައްއެތައް ކަމެކެވެ. އެހެންނަމަވެސް ... މި ހުރިހައި ޢިލްމެއްހެން، މިއަދު އަޅުގަނޑުމެންގެ އަތުން ބީވެއްޖެއެވެ. ދިވެހި ކާބަފައިން އެތައް ޤަރުނެއްގެ މުލާހަޒާ(observation) އާއި، ތަޙުޤީޤާއި، ތަޖުރިބާގެ ތެރެއިން ހޯދައި އެއްކުޅަ ޢިލްމީ ޚަޒާނާތަކުގެ ބޮޑު ބައެއް އަޅުގަނޑުމެންގެ އަތުން ގެއްލިއްޖެއެވެ. ... ނޫން ... މި ދެންނެވުނީ އަދި ރަނގަޅަކަށެއް ނޫނެވެ! ... ގެއްލުނީއެއް، ބީވީއެއް، ނޫނެވެ! އެ ޢިލްމީ ޚަޒާނާތައް، ދިވެހިރާއްޖޭގައި ފާއިތު ވެދިޔަ ފަންސާހަކަށް އަހަރު ވެރިކަންކުރި ސަރުކާރުތަކުގެ ފަރުވާކުޑަކަމާއި ޒިންމާދާރުކަން ކުޑަކަމާއި ޙިކުމަތެއް ވިސްނުމެއް ނެތުމުގެ ތެރެއިން ގެއްލުވައިލީއެވެ. ނަގައިލީއެވެ. އުކައިލީއެވެ.
އަޅުގަނޑުމެންގެ ވެރިކަމުގައި ތިބި ބަޔަކަށް ވަކި ހިސާބަކުން ހީވި ގޮތުގައި، ޒަމާނީ ތަޢުލީމަކީ ތިމާމެންގެ ކާބަފައިންގެ ފުށުން އައި ކޮންމެ އެއްޗަކީ [ބޯދާ، މުސްކުޅި، ޒަމާނަށް ނުފެތޭ، ޒަމާނާ ނުގުޅޭ، ބޭކާރު، އަގެއް ނެތް، އެއްލައިލާންވީ] އެއްޗެއްކަމަށް ހެދުމެވެ. އެމީހުން [ޒަމާނީ ތަޢުލީމު] މާނަ ކުރީ، އިހުއްސުރެ ޤައުމުގައި ހުރި ޢިލްމީ ޚަޒާނާތައް އުކައިލައިފައި، ހުޅަނގުގެ ވަކި ފަލްސަފާތަކެއްގެ ތެރެއިން ޒަމާނީ ތަޢުލީމުގެ ގޮތުގައި ދެވެމުން ދިޔަ ތަޢުލީމަށް ހުސްވެގަތުމަށެވެ. އެ ނޫން ޢިލްމެއްގެ އަދި ތަޢުލީމެއްގެ އަދި އުނގެނުމެއްގެ ބޭނުމެއް ފައިދާއެއް މާނައެއް ނެތްކަމަށް އެ މީހުންނަށް ހީކުރެވުނެވެ.
ޝައްކެއް ނެތެވެ! ޢިލްމާއި ދިރާސާތުގެ ދާއިރާތަކުގައި ވެސް، ޒަމާނާ ފައިހަމަކުރުމަކީ ހަމަ ކޮންމެ ޤައުމަކަށް ވެސް ލާޒިމު އަދި ވާޖިބު ކަމެކެވެ. ޗައިނާއިން ވިޔަސް، އިނގިރޭސިވިލާތުން ވިޔަސް، ތުރުކީވިލާތުން ވިޔަސް، އެފުރިކާއިން ވިޔަސް، ޒަމާނީ ސައިންސާއި، ޒަމާނީ ބޭސްވެރިކަމާއި، ޒަމާނީ ފަންނިއްޔާތާއި، ޒަމާނީ މަސައްކަތްތެރިކަމުގެ އެކިއެކި ޢިލްމުތައް އަޅުގަނޑުމެން ހޯދާންވާނެއެވެ. އަޅުގަނޑުމެންގެ މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި އެ ޢިލްމުތައް ކިޔަވައިދޭންވާނެއެވެ. އެ ޢިލްމުތަކުން ދިރާސާތައްކޮށް، ފޮތާއި މަޒުމޫނު ލިޔެ، އަޅުގަނޑުމެންގެ ސިޔާގުގައި އެ ޢިލްމުތައް އިތުރަށް ތަރައްޤީކުރާން ވެސް ވާނެއެވެ. އެއީ ޤައުމަށް ހަމަ ކޮންމެހެން ބޭނުންތެރި، ޒަރޫރީ ކަމެކެވެ.
ޝައްކެއް ނެތް ގޮތުގައި، ގޯހަކީ ޒަމާނީ ޢިލްމާއި ތަޢުލީމު ގެނައުމެއް ނޫނެވެ. ގޯހަކީ ގެނެވުނު ގޮތެވެ. އާދޭހެވެ! ޒަމާނީ ތަޢުލީމަކީ އިހުއްސުރެ އަޅުގަނޑުމެންގެ އަތުގައި ހުރި ޢިލްމީ ޚަޒާނާތައް އުކައިލައިފައި އޭގެ [ބަދަލުގައި] ގެންނަ އެއްޗަކަށް ހެދި ހެދުމެވެ. އެހެން ނުހަދައި، ޒަމާނީ ތަޢުލީމު އަޅުގަނޑުމެންގެ ތެރެޔަށް ގެނެސް، އެއީ އަޅުގަނޑުމެންގެ މުސްކުޅި ޢިލްމީ ތުރާސުގައި ހުރި އުނި ކަންކަން ފިލުވައި، އެ ތުރާސް އިތުރަށް ފުޅާކޮށް، އެ ތުރާސް އިތުރަށް ތަރައްޤީކޮށް، އެ ތުރާސް އިތުރަށް މުއްސަނދިކޮށް، އެ ތުރާސް ޤައުމުގައި އިތުރަށް ވަރުގަދަކުރުމަށް ބޭނުން ކުރެވުނު ވަސީލަތަކަށް ހެދި ނަމަ، ކިހައި ރަނގަޅު ވީސްތޯއެވެ؟ ޙިކުމަތްތެރިކަމާ އެކު، އަޅުގަނޑުމެންގެ މުސްކުޅި ޢިލްމީ ތުރާސާއި، ޒަމާނީ ޢިލްމުތައް އެއް މޭޒެއްގެ ދޮށަށް ގެނެސް، އެ ދެ ނިޒާމުގެ [ދިވެހި މަސްހުނިގަނޑެއް" ހަދައިލެވުނު ނަމަ ކިހައި ރަނގަޅު ވީސްތޯއެވެ؟ މިސާލެއްގެ ގޮތުން، ދިވެހި އަދި ހިންދު މާކަނޑުގެ އޮޔާއި ވަޔާއި މޫސުމާއި އެ ކަނޑުތަކުގެ ދިރުންތަކާއި ޖުޣުރާފީ އެހެނިހެން ސިފަތަކާ މެދު އަޅުގަނޑުމެންގެ ކާބަފައިން ދެނެ ތިބި ހުރިހައި އެއްޗެއް ރައްކައުކޮށް، އެ ޢިލްމުތަކުގެ އަހުލުވެރީން އެއް ތަނަކަށް ގެނެސް، އެ މީހުންގެ މެދުގައި ޢިލްމީ ބަހުސްތައްކުރުވައި، އެ މީހުންގެ ޢިލްމު ފޮތްފޮތުގައި ލިޔެހަދައިފައި، ދެން [އޯޝަނޯގްރަފީ]އާއި [މީޓިއޮރޮލޮޖީ] ފަދަ ޒަމާނީ ޢިލްމުތައް އޭގެ ތެރެޔަށް ގެނެސް، ދެ ނިޒާމު ފުރިހަމަ ގޮތެއްގައި އެއްކޮށްލި ނަމަ، ކޮން ފަދަ ފުރިހަމަވީސްތޯއެވެ؟ ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ބޭސްވެރިކަމާއި، އޮޑިދޯނިފަހަރުބަނުން ފަދަ ހުރިހައި ދާއިރާތަކެއްގައި ވެސް މިހެން ހެދުނު ނަމަ ކިހައި ރަނގަޅުވީސްތޯއެވެ؟
އެކަމަކު، އަޅުގަނޑުމެންގެ [ރަން] ސަރުކާރުތަކުން، އަޅުގަނޑުމެންގެ [ޑިމޮކްރަސީގެ ޗެމްޕިއަން] ސަރުކާރުތަކުން، އަޅުގަނޑުމެންގެ [ހެޔޮ ވެރިކަން] ސަރުކާރުތަކުން، އަޅުގަނޑުމެންގެ [ޠާހިރު] ސަރުކާރުތަކުން ކަންކުޅައީ ދިމާ އިދިކޮޅަށެވެ. ދިވެހި މުސްކުޅި އެއްވެސް ޢިލްމީ ޒަޚީރާއެއްގެ އަގު އެ މީހުން ވަޒަނެއްނުކުރިއެވެ. ޤައުމުގައި ދެ ޔުނިވަރުސިޓީ ހެދިފައި ހުރި އިރު، އެއިން އެއްވެސް ތަނެއްގައި، ޤަދީމީ ދިވެހި ޢިލްމުތައް ހޯދައި، އެއްކޮށް، ރިކޯޑުކޮށް، ތަރުތީބުކޮށް، ޝަރަޙަކޮށް، ތަންޤީދީ ގޮތެއްގައި އެ ޢިލްމުތައް ތަޙުޤީޤުކޮށް، ޒަމާނީ ޢިލްމުތަކާއި ދިރާސާގެ އެހީގައި އެ ޢިލްމުތައް ތަރައްޤީކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގައެވެ. މިއީ ކަން އޮންނާން ވީ ގޮތެއް ނޫނެވެ. ރާއްޖޭގެ ޔުނިވަރުސިޓީތަކުގައި މުސްކުޅި ދިވެހި ޢިލްމުތަކާ ގުޅޭ މުއައްސަސާތައް ހުންނާންވާނެއެވެ. އެ ޢިލްމުތައް ދިރާސާކުރާ ދިރާސާވެރީން ތިބޭންވާނެއެވެ. އެ ޢިލްމުތަކުގެ ފޮތްފޮތާއި ޖާނަލު މަޒުމޫނުތައް އަބަދުމެ ޝާއިޢުކުރެވެމުން ދާންވާނެއެވެ. އެ ޢިލްމުތައް ތަރައްޤީކުރުމާ ބެހޭ ޢިލްމީ ޕުރޮގިރާމުތައް ހިންގޭން ވާނެއެވެ. އެ ޢިލްމުތަކުގެ މުސްކުޅި ތަޖުރިބާކާރުންގެ [ޕަބްލިކް ލެކްޗަރުތައް] އެ ޔުނިވަރުސިޓީތަކުގެ ބޮޑުމާލަންތަކުން ޤަވާޢިދުން އިވޭންވާނެއެވެ. އެ ޢިލްމުތައް ހޯދުމުގެ [ފީލްޑްވޯރކް]ގައި ރާއްޖޭގެ ޔުނިވަރުސިޓީތަކުގެ ޕުރޮފެސަރުންނާއި ދިރާސާވެރީންނާއި ދަރިވަރުން ޤައުމުގެ އެކި ހިސާބުހިސާބުގައި އަބަދުމެ ޙަރަކާތްތެރިވާ ތަން ފެންނާންވާނެއެވެ.
މިއިން ކަމެއް ނުހިނގާ ތާނގައި، އަޅުގަނޑުމެންގެ ޔުނިވަރުސިޓީތައް ވެސް ހިނގަމުން ދަނީ ފެންވަރު ދަށް އަދި މުހިންމު އެތައް ޢިލްމަކުން ހުސްވެގެންވާ ފީކަޅާ މަދަރުސާތަކެއް ނުވަތަ ޓިޔުޝަން ސެންޓަރުތަކެއް ފަދައިންނޭ ބުނުމަކީ، ޙަޤީޤަތާ މާ ބޮޑު ތަނުން ދުރު ބުނުމެއްކަމަކަށް ނުފެނެއެވެ.
މި ދަންނަވާ ބޮޑު ގެއްލުން، ދެން ފޫބެއްދިދާނެ ބާވައެވެ! މުޅީން ފޫބެއްދޭނޭކަމަކަށެއް ނުފެނެއެވެ. އިހުގެ ޢިލްމުވެރީން، ފަންނުވެރީން، މަސައްކަތްތެރީންގެ ޢިލްމާއި މަޢުލޫމާތު ހުރީ ފޮތްތަކެއްގައި ލިޔެވިފައެއް ނޫނެވެ. އަދި އެ ކަންކަން ފަހުގެ ޖީލުތަކަށް ނިޒާމީ ގޮތެއްގައި އުނގަންނައިދެވެމުންނެއް ނާދެއެވެ. ވީމާ، އެ ޢިލްމުތަކާއި މަޢުލޫމާތު ހުރީ ބަޔެއްގެ [ސިކުނޑިތަކުގަ]އެވެ. އެ މީސްމީހުން މަރުވުމުން، އެ ޢިލްމާއި މަޢުލޫމާތު ވެސް ދަނީ ގަބުރަށެވެ. މި ގޮތުން، ރާއްޖޭގެ ކުޅަދާނަ ނެވީންނާއި މާލިމީން، ދަނޑުވެރީން، ބޭސްވެރީން، އަތްތެރި މަސައްކަތްތަކުގެ ފަންނުވެރީން، ވަޑީން، ތިލޭރުން، އަދި ބޭކެނބީން ފަދަ އެތައް ބަޔަކު ވަނީ އެ މީހުން ވާރުތަކުރި ޢިލްމުތަކާ އެކު އަޅުގަނޑުމެންނާ ވަކި ވެފައެވެ. އާދޭހެވެ! ބައި ޤަރުނެއް ޤަރުނެއްހައި ދުވަހުގެ ބޮޑު އިހުމާލުން، ޤައުމަކަށް ލިބިފައި އޮތް ފޫނުބެއްދޭވަރުގެ ބޮޑު ދެރައެވެ.
އެކަމަކު، ދެން ވެސް ކުރެވިދާނޭ، ކުރާން ޖެހޭ ކަންކަން އެބަހުއްޓެވެ. ޤައުމީ ޔުނިވަރުސިޓީއާއި އިސްލާމީ ޔުނިވަރުސިޓީއާއި ޤައުމީ ކުތުބުޚާނާ ފަދަ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނޭ ނިޒާމެއްގައި، މުސްކުޅި ދިވެހި ޢިލްމުތައް ހޯދައި، ދިރާސާކޮށް، ރިކޯޑުކޮށް، އަދާހަމަކުރުން ފަދަ މަސައްކަތްތައް ކުރާނޭ މުއައްސަސާއެއް ނުވަތަ މުއައްސަސާތަކެއް ޤާއިމުކުރާންވީއެވެ. ރާއްޖޭގެ ރަށްރަށުގައި ވަކިވަކީން އަތްފުނާ އަޅައިގެން ވެސް، ދެންނެވުނު ފަދަ މުސްކުޅި ޢިލްމުތަކުގެ ތެރެއިން މިހާރު ލިބޭން ހުރި ހުރިހައި އެއްޗެއް ހޯދައި އެއްކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާންވީއެވެ. މުސްކުޅި ޢިލްމުތަކުގެ އަހުލުވެރީން ކުރެ އަދި ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ޢިލްމު ފޮތްފޮތަށާއި މަޒުމޫނުތަކަށާއި ޢާއްމު ތަޤުރީރުތަކަށާއި ޓީވީ-ރޭޑިއޯ ޕަރޯގިރާމުތަކަށް ގެންނާންވީއެވެ. އެ ބޭފުޅުންގެ އަގު ވަޒަންކުރާންވީއެވެ. ސިޔާސީ މަޤާމުތަކުގައި ތިބޭ ބޭކާރު މީހުންނަށް މުސާރައޭ ކިޔައިގެން ކޮރަޕްޝަނުގެ މަގުން ދައުލަތުގެ ޚަޒާނާ ބެހުމުގެ ބަދަލުގައި، ޤައުމުގެ މުއްސަނދިކަން މި ދަންނަވާ ފަދަ ބޭފުޅުންގެ ޢިލްމީ މަސައްކަތްޕުޅުތަކަށް ހޭދަކުރާންވީއެވެ. މުސްކުޅި ޢިލްމުތަކުގެ ދިވެހި ބަސްކޮށާރުތައް ދިރުވާންވީއެވެ. އެ ޢިލްމުތައް އަޅުގަނޑުމެންގެ ޒަމާނީ މަދަރުސީ އަދި ޔުނިވަރުސިޓީ ތަޢުލީމުގެ މުޤައްރަރުތަކުގެ ތެރެޔަށް ގެންނާންވީއެވެ. ރާއްޖެއިން ބޭރުން ވެސް މި ފަދަ ޕަރޯގިރާމުތަކަށް މާލީ އެހީ ލިބޭނެއެވެ. [މަޢުނަވީ ސަގާފީ ތުރާސްތައް ޙިމާޔަތްކުރުމާ ބެހޭ މުޢާހަދާ [(Convention for the Safeguarding of the Intangible Cultural Heritage) މި ނަމުގައި އަލިފުދާލުގެ ޔުނެސްކޯގެ ބެލުމުގެ ދަށުން 2003ވަނަ އަހަރު ބައިނަލްއަޤުވާމީ މުޢާހަދާއެއް އެކުލަވައިލައި، ދުނިޔޭގެ އެތައް ޤައުމަކުން އޭގައި ބައިވެރިވެފައި ވެސް ވެއެވެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، ރާއްޖެއަކީ އެ މުޢާހަދާގައި ބައިވެރިވާ ޤައުމެއް ވެސް ނޫނެވެ. އެ މުޢާހަދާގައި ބައިވެރިވެ، އެ މުޢާހަދާގެ އޮނިގަނޑުގެ ތެރެއިން ވެސް، މި އިޝާރާތްކުރާ މަސައްކަތަށް ރަނގަޅު މިންވަރަކުން މާލީ އެހީ ހޯދިދާނެއެވެ.
ލޮބުވެތި ދިވެހި މުވާޠިނުން، ލޮބުވެތި އަޚުން އުޚުތުންނޭވެ! ބޭރުން [ކުއްޔަށް ހިފާ] ނުވަތަ [ދަރަންޏަށް ނަގާ] ތަޢުލީމީ ނިޒާމަކުން، އަމިއްލަ، އަމިއްލަވަންތަ، އަމިއްލަ ޤައުމަށް ދިރޭ ތަޢުލީމެއް ދަރީންނަކަށް ނުދެވޭނެއެވެ. ޢިލްމާއި ތަޢުލީމުގެ މައިދާނުގައި އަމިއްލަ ޝަޚުޞިއްޔަތާއި އަމިއްލަ ސަގާފަތާއި އަމިއްލަ ފުދުންތެރިކަމުގެ މަގުގައި ހިނގާން ނޭނގުނު ޤައުމަކަށް، މުސްތަޤުބަލެއް ނޯންނާނެއެވެ. އެފަދަ ޤައުމެއްގެ ޢުމުރުގެ ދުވަސްތައް ދާނީ ގުނެމުންނެވެ. ތިރިޔަށެވެ. ސުމަކާ ދިމާޔަށެވެ.