ad_banner
ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ސުޢޫދީ ޢަރަބިއްޔާއަށް ދޭން އެމެރިކާއިން ތައްޔާރުވުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

20 ޖުލައި 2026

·    ޓުރަންޕު ސޮއިކުރުމުގެ މަރުހަލާގައިވާ މި އެއްބަސްވުމުގެ ސަބަބުން، ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު ރިޔާޟަށް ލިބޭނެއެވެ.

ސައޫދީ އަރަބިއްޔާއަށް ނިއުކުލިއަރު އަމިއްލަ ޕުރޮގުރާމެއް ހިންގުމާއި ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދިނުމަށް އެމެރިކާއިން އެއްބަސްވެފައިވާކަމަށް، ވާހަކަތަކުގެ ޑުރާފުޓު ލިޔެކިޔުންތަކާއި މަޝްވަރާތަކާގުޅޭ މަސްދަރުތަކާ ހަވާލާދީ ސީ.އެން.އެން.އިން ރިޕޯޓުކޮށްފިއެވެ. ހަނިމާދުއިރު (ހޮނިހިރު ދުވަހު) އެ ނޫހުން ލިޔެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ޑުރާފުޓު ތައްޔާރުކޮށް ނިމި، މިހާރު އޮތީ ރައީސް ޑޮނަލްޑު ޓުރަންޕު ސޮއިކުރުމުގެ މަރުހަލާގައެވެ.

މި ރިޕޯޓުގައިވާ ގޮތުން، މި އެއްބަސްވުމުގެ ދަށުން އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ(IAEA) ގެ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅެއްކަމަށްވާ [އެޑިޝަނަލް ޕުރޮޓޮކޯލް] ސުޢޫދީ ޢަރަބިއްޔާއިން ފުރިހަމަކުރާކަށް ނުޖެހޭނެއެވެ. މި ޕުރޮޓޮކޯލަކީ އިންސްޕެކުޓަރުންނަށް ނިއުކުލިއަރުމަރުކަޒުތަކަށް ވަދެނިކުމެވުމުގެ ހުއްދަ ފުޅާދާއިރާއެއްގައި ދޭ އަދި އިޢުލާންނުކޮށް ހިންގާ ނިއުކުލިއަރު ހަރަކާތްތައް ދެނެގަތުމަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.

މި އެއްބަސްވުމުގެ ސަބަބުން، ހުޅަނގުގެ ގައުމުތަކާއި އީރާނާ ދެމެދު އެތައް އަހަރެއް ވަންދެން ހިނގަމުންދާ ދެ ބަސްވުމުގެ މައިގަނޑު އަސާސްކަމުގައިވާ ޔުރޭނިއަމް މުއްސަނދިކުރުމުގެ ފަންނިއްޔާތު ސުޢޫދީ ޢަރަބިއްޔާއަށް ލިބިދެވޭނެއެވެ. ވޮޝިންގޓަނާއި އިސްރާއީލުން ޒަމާނުއްސުރެ ވަކާލާތުކުރަމުން އައީ ތެހެރާންގެ ޔޫކުރެނިއަމް މުއްސަނދިކުރުމުގެ ޕުރޮގުރާމް ނިއުކުލިއަރު ހަތިޔާރު އުފެއްދުމަށް ބޭނުންކޮށްފާނެކަމަށެވެ. އަދި މި އަހަރު ކުރީކޮޅު އީރާނުގެ ނިއުކުލިއަރު ބިނާރަށް ހަމަލާދިނުމުގައި ވެސް އެ ގައުމުތަކުން ދެއްކީ ބިރުވެރިކަމުގެ މި ބަހަނާއެވެ.

އީރާނުން އަބަދު ވެސް ބުނަމުންދަނީ އެ ގައުމުގެ ނިއުކުލިއަރު ޕުރޮގުރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕުރޮގުރާމެއްކަމަށާއި، ނިއުކުލިއަރު ނޮން-ޕުރޮލިފަރޭޝަން ޓުރީޓީ(NPT) ގެ ބައިވެރިއެއްގެ ހައިސިއްޔަތުން މަދަނީ ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދިކުރުމަކީ އެގައުމަށް ލިބިގެންވާ [ނިގުޅައިނުގަނެވޭނެ ހައްގެއް]ކަމަށެވެ. އީރާނުން ކުރިން އައީ އައި.އޭ.އީ.އޭ ގެ އެޑިޝަނަލް ޕުރޮޓޮކޯލަށް ވަގުތީ ގޮތުން އަމަލުކުރަމުންނެވެ. އެއީ އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވުރެ ފުޅާދާއިރާއެއްގައި އިންސްޕެކްޓަރުންނަށް ފުރުސަތުދިނުމަށެވެ. ނަމަވެސް އިރާނާއި އެތައް ގައުމަކާ އެކު އެމެރިކާއިން ހަދައިފައި އޮތް އެއްބަސްވުން ޓުރަންޕު އުވައިލުމާ އެކު، އީރާނުން ވެސް އެއަށް ޢަމަލުކުރުން ހުއްޓައިލީއެވެ.

ސުޢޫދީ ޢަރަބިއްޔާއިން ނިއުކުލިއަރު ސިނާއަތެއް ގާއިމުކުރާން އެދޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ގައުމުން ބުނާ ގޮތުގައި ބޭނުންވަނީ ގައުމުގެ އަމިއްލަ ޔުރޭނިއަމް ވަސީލަތްތައް ތަރައްގީކުރުމަށާއި، ހަކަތަ އުފައްދާ ވަސީލަތްތައް އިތުރުކުރުމަށާއި، އެކްސްޕޯޓުކުރުމަށް ޓަކައި ގިނަ އަދަދެއްގެ ތެޔޮ ސަލާމަތްކުރުމަށެވެ. އަދި ސިނާއީ މަޝްރޫއުތަކާއި ފެން އުފައްދާ ނިޒާމުތައް ހިންގުމަށެވެ. މީގެ އިތުރަށް، އެން.ޕީ.ޓީ.ގައި ސޮއިކޮށްފައިވާ ގައުމެއްގެ ހައިސިއްޔަތުން، ސުލްހަވެރި ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އެހެން މެންބަރު ގައުމުތަކެކޭ އެއްފަދައިން ސައޫދީއަށް ވެސް ލިބިގެންވާކަމަށް ރިޔާޟުން ވެސް ވަކާލާތުކުރެއެވެ.

މި ރިޕޯޓުކުރެވުނު އެއްބަސްވުމަކީ މަދަނީ ނިއުކުލިއަރު އެއްބާރުލުމުގައި ވޮޝިންގުޓަނުން ޒަމާނުއްސުރެ ގެންގުޅެމުންދާ  އެންމެ މަތީ މިންގަނޑު (ރަން މީޔާރު)ގެ އުސޫލާ ވެސް ޚިލާފުވުމެކެވެ. 2009ވަނަ އަހަރު، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) އިން އެމެރިކާގެ ނިއުކުލިއަރު އެއްބާރުލުން ހޯދުމުގެ ބަދަލެއްގެ ގޮތުން ޔުރޭނިއަމް މުއްސަނދިކުރުމާއި ޕުލޫޓޯނިއަމް ރީޕުރޮސެސްކުރުން ދާއިމީގޮތަކަށް ދޫކޮށްލިއެވެ. އޭގެ ފަހުން އެމެރިކާގެ ޖެހިޖެހިގެން އައި ސަރުކާރުތަކުން އެ އެއްބަސްވުން ދައްކަމުން އައީ މެދުއިރުމަތީގެ ނިއުކުލިއަރު ބައިވެރިވުންތަކުގެ ނަމޫނާއެއްގެ ގޮތުގައެވެ.

މިހިރީ އެމެރިކާއާއި ދުނިޔޭގެ އިންސާފާއި ހަމަ ހުންނަ ގޮތެވެ. އީރާނުން މަދަނީ ބޭނުންތަކަށް ޓަކައި ޔޫރޭނިއަމް ފައްކާކުރާތީ، އެއީ ނިއުކުލިއަރު ހަތިޔާރު އުފައްދާން ކުރާ ކަމެކޭ ކިޔައިގެން މުޅި އީރާނު ތަޅައި ސުންނާފަތިކުރަނީއެވެ. ނަމަވެސް އެމެރިކާއަށް އަޅުވެތިވެގެން އުޅޭ ސުޢޫދީ ޢަރަބިއްޔާއަށް އެ ކަންކުރާން ހުއްދަދޭންވީމާ ހަމަ [އޯކޭ]އެވެ. އަދި އިޒުރޭލުން ކިތަންމެ ގިނަ ނިއުކުލިއަރު ހަތިޔާރެއް ހެދިޔަސް އޯކޭއެވެ.

މި ޚަބަރު ފެނުމުން އަޅުގަނޑުގެ ހިތަށް އެރިއެވެ. ޓުރަންޕަކީ ދުނިޔޭގެ ރަސްގެފާނުހެއްޔެވެ؟ ބައިނަލްއަގުވާމީ މުއާހަދާއަކުން ގައުމުތަކަށް ދީފައި އޮންނަ ހައްގެއްގެ ބޭނުންހިފާން އެމެރިކާއިން ހުއްދަ ހޯދާންޖެހެނީ ކީއްވެހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އެ މީހުންގެ ގޮތެއްފޮތެއް ނެތް ޢަމަލުތަކުން ލިބެއެވެ. އެ މީހުންނަށް މާތް ﷲ ދެއްވައިފައިވާ ހަތިޔާރުގެ ބާރު ބޭނުންކުރުމުގައި އެއީ ހަމައެއްލަމައެއް އަދުލެއް އިންސާފެއް އޮންނަ ބަޔެއްނޫނެވެ. އެމެރިކާގެ ރުުހުން ނެތި އެ  ފަދަ ކަމެއް ކޮށްފި ނަމަ، އެ ގައުމަކާ ދެކޮޅަށް ހަތިޔާރު އުފުއްލާކަށް އެމެރިކާއަކުން ލަދެއްނުގަންނާނެއެވެ. އަދި އެ މީހުން ހިނގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމުގެ ކެރުންތެރިކަމެއް ގާބިލުކަމެއް އދ.އަކަށް ލިބިގެނެއް ނުވެއެވެ. ސުޢޫދީޢާރަބިއްޔާއިން އެމެރިކާގެ ހުއްދަ ހޯދަނީ އެހެންވެގެންނެވެ. އެއީ ގާނޫނީ ގޮތުން އެ ކަމުގެ ހުއްދަދޭން އެމެރިކާއަށް އިޚުތިޔާރު ލިބިފައި އޮންނާތީއެއް ނޫނެވެ.

މަރުޖާ:

https://www.rt.com/news/643224

ކޮމެންޓު