ad_banner
އެމެރިކާގެ ޢުދުވާނު އީރާނުގެ މައްޗަށް އިންތިހާއަށް އިތުރުވެފައި!! – ތިންވަނަ ބޮޑު ހަނގުރާމަ!!؟؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

19 ޖުލައި 2026

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ކުރިމަތިލުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ސަބަބުން 2026 ޖޫން މަހު މެދުވެރިއެއްގެ އެހީގައި ގާއިމުކުރި ވަގުތީ ހަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން މިހާރު ވަނީ އުވިފައެވެ.

ޕާކިސްތާނުން މެދުވެރިވެގެން ޖޫން މަހު ސޮއިކުރި ފަހުމުނާމާއަށް އަމަލުކުރުން އީރާނުން ރަސްމީކޮށް ހުއްޓައިލައިފައިވާކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރުގެ ނާއިބު ވަނީ އިއުލާނުކުރައްވައިފައެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ވަނީ އެއްބަސްވުމާ ފުރަތަމަ ވެސް ޚިލާފުވެފައެވެ.

ވިޔަފާރިއަށް ހުރަސްއެޅުމާއި މިސައިލް ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ހުރުމުޒު ކަނޑުއޮޅި އަލުން ބަންދުކޮށްފައެވެ. ހުރުމުޒު ކަނޑުއޮޅި ހިމެނޭ ސަރަހައްދުން އީރާނުގެ ބަނދަރުތަކަށް ވަދެނިކުމެވޭ މަގުތައް އެމެރިކާ ސިފައިން ވަނީ އަލުން ބަންދުކޮށްފައެވެ.

އެމެރިކާއިން މެދުނުކެނޑި އީރާނަށް ޙަމަލާދެމުންދާ އިރު އެ މީހުންގެ ޙަމަލާތައް އަމާޒުކުރަނީ އަސްކަރީ މަރުކަޒުތަކުގެ ބަދަލުގައި އާންމު ބިނާރުތަކަށެވެ. އެމެރިކާގެ ވައިގެ ހަމަލާތަކުގެ އަމާޒަކީ މުޅި އީރާނު ސުންނާފަތިކޮށްލުންކަން އެ މީހުންގެ ޢަމަލުތަކުން ދޭހަވެއެވެ. އެމެރިކާއިން ދިން މި ފަދަ ހަމަލާތަކެއްގައި އީރާނުގެ ދެކުނުގެ ބުރިޖުތަކާއި އެއަރުޕޯޓަކަށް ހަމަލާދީ، މުދާ އުފުލުމުގެ މަގުތައް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރަށް ވެރިރަށް ތެހެރާނާ ކައިރީގައިވާ ސަރަހައްދުތަކަށް ވެސް ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ.

އެމެރިކާއިން ދޭ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އަވަށްޓެރި އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ މުހިންމު މަސްލަޙަތުތަކަށް ހަމަލަދީފައެވެ. މީގެ އިތުރަށް ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ ކާރުޚާނާއަކަށް ދީފައިވާ ޙަމަލާ ވެސް ފާހަގަކޮށްލެވެއެވެ. އީރާނުން ދަޢުވާކުރާ ގޮތުގައި ކުވައިތުގެ ބިން ބޭނުންކޮށްގެން އެމެރިކާއިން އީރާނަށް ޙާމަލާދޭނަމަ، އޭގެ ރައްދުގައި އީރާނުގެ އަމިއްލަ ދިފާޢުގައި ކުވައިތުގެ ކޮންމެ ތާކަށް ޙަމަލާދިނުމުގެ ޙައްގު އީރާނަށް ލިބިގެންވެއެވެ.

ހުރުމުޒު ކަނޑުއޮޅި ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ އީރާނަށް ދަތުރުކުރާ ތެޔޮބޯޑުފަހަރު ހުއްޓުވައި ބަލަމުންނެވެ. އަދި އެމެރިކާގެ އިންޒާރުތަކަށް ނުކިޔަމަންތެރިވި ބޯޓެއް އެމެރިކާ ސިފައިން ވަނީ ހުއްޓުވައިފައެވެ.

އެމެރިކާއިން އީރާނަށްދޭ ޙާމަލާތަކަށް ޚަރަދުކުރުމަށްޓަކައި 95 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާގެ ބަރުލަމާނުން (ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން) ވަނީ ފާސްކުރާން ފަށައިފައެވެ. މި ކަމަށް ޓުރަންޕުވަނީ މަރުޙާބާކިޔައި ތާރީފުކޮށްފައެވެ.

ހުރުމުޒު ކަނޑުއޮޅީގައި އެމެރިކާގެ ކަނޑުގެ ސިފައިން ހިންގަމުންދާ އޮޕަރޭޝަންތަކާއި، އީރާނުގެ ސަޕްލައި ރޫޓުތައް ބަންދުކުރުމަށް ދެމުންދާ ވައިގެ ހަމަލާތަކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި ރައީސް ޓުރަންޕު ވަނީ ސިފަކޮށްފައެވެ.

ރައީސް ޓުރަންޕު ވަނީ އީރާނުން އިސްލާމްއާބާދު އެމްއޯޔޫއާ ޚިލާފުވެ، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށާއި އަވަށްޓެރި ގައުމުތަކުގެ ބިނާރުތަކަށް ހަމަލާދެމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެމެރިކާގެ މަސްލަހަތުތަކާއި ގަލްފުގައި ތިބި އެމެރިކާގެ ބައިވެރީން ހިމާޔަތްކުރުމަށް ޓަކައި އަޅާންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ފަސްޖެހުމެއް ނެތް އަޅާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

އެމެރިކާގެ ރައީސް ޓުރަންޕުގެ ވާހަކަތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރުގެ ނާއިބު ބުނެފައިވަނީ، ޖޫން މަހު ގާއިމުކުރި އިސްލާމްއާބާދު އެމްއޯޔޫއާ ފުރަތަމަ ޚިލާފުވީ އެމެރިކާއިންކަމަށެވެ. އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ވިޔަފާރިއަށް ހުރަސްއަޅަން ފެށުމުން، އެ އެއްބަސްވުމަށް އަމަލުކުރުން އީރާނަށް ވެސް ރަސްމީކޮށް މެދުކަނޑައިލާން މަޖުބޫރުވީކަމަށް އީރާނުން ބުނެއެވެ.

އަދި އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށާއި ވެރިރަށް ތެހެރާނާ ކައިރިއަށް އެމެރިކާއިން ދެމުންދާ ވައިގެ ހަމަލާތަކަކީ އީރާނުގެ އިސްތިގުލާލަށް އަރައިގަތުންކަމަށް އީރާނުން ސިފަކުރެއެވެ. އަދި އަމިއްލަ ދިފާއުގައި ރައްދު ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއްކަމަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާއަށް ވާގިވެރިވާ ސަރަހައްދީ ގައުމުތަކުގެ މުހިންމު ތަންތަނަށް ހަމަލާދެނީ އެ ސަބަބާ ހުރެކަމަށް އީރާނުން ބުނެއެވެ.

ހުރުމުޒު ކަނޑުއޮޅީގައި އެމެރިކާ ސިފައިން އީރާނުގެ ތެޔޮބޯޓުތައް ހުއްޓުވައި، ބަލައި ފާސްކުރަމުންދާ ދިއުމަކީ [ކަނޑުފޭރުމުގެ އަމަލެއް]ގެ ގޮތުގައި އީރާނުން ވަނީ ސިފަކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ އިގުތިސާދަށް ގެއްލުންދޭން ކުރާ އެއްވެސް ކަމަކަށް އީރާނަކުން ދުލެއްނުދޭނެއެވެ.

މި ހަމަލާތައް އިތުރުވެ ގަލްފުގެ މަސްރަޙު އިތުރަށް ހޫނުވަމުންދާ މި ދަނޑިވަޅުގައި، އިސްރާއީލުގެ ދައުލަތުގެ މީޑިއާ (ކާން ޓީވީ ނިއުސް)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ މަސްރަހު ހޫނުވަމުންދާތީ އިސްރާއީލާއި އެމެރިކާގެ ސަލާމަތީ ނިޒާމުތަކާއި އިސްވެރީން ގެންދަނީ މުވާސަލާތުކޮށް ހާލަތު ދިރާސާކޮށް މަޝްވަރާކުރަމުންނެވެ. މި މަޝްވަރާތަކުގައި އެމެރިކާއިން އިސްރާއީލަށް މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއެވެ.

މި ކުރިމަތިލުންތައް އިތުރަށް ވަރުގަދަކުރުމަށް ޓަކައި އެމެރިކާއިން ވަނީ ވައިގެ ތެރޭގައި ބޯޓުފަހަރަށް ތެޔޮ އަޅައިދޭ އަސްކަރީ މަތިންދާބޯޓުތަކެއް އިސްރާއީލަށް ފޮނުވާފައެވެ. އެމެރިކާއިން މި ކަން އިސްރާއީލަށް އެންގުމުން، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ ބޯޓުތައް އިސްރާއީލުގެ އަސްކަރީ ބޭސްތަކުގައި ގާއިމުކުރާނެކަން ކަށަވަރުކޮށްދީ އެ ކަން އުފަލާ އެކު ބަލައިގެންފައެވެ.

މިހާރު ހިނގަމުންދާ ވައިގެ ހަމަލާތަކާއި ހަމަނުޖެހުންތަކުގައި އިސްރާއީލުން ސީދާ ގޮތުން ބައިވެރިނުވި ނަމަވެސް، އީރާނުން ވަނީ ހިޒްބުالله ފަދަ އެ ގައުމުގެ ސަރަހައްދީ ބައިވެރީން، އެމެރިކާއާ އެކު ކުރާ ބޮޑު ހަނގުރާމައަކަށް ތައްޔާރުވާން އަންގައިފައެވެ. މީގެ ސަބަބުން އިސްރާއީލަށް ވެސް އީރާނުގެ ހަމަލާތަކެއް އަމާޒުވެ، މި ހަނގުރާމައިގެ ތެރެއަށް އިސްރާއީލު ސީދާ ގޮތުން ވަދެދާނެތީ އެމެރިކާގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރަށް، މަސްރަހު ނުރައްކާވެ، އިތުރަށް ފުޅާވުމުގެ ފުރުސަތު އޮތުމުން، އެމެރިކާގެ އެމްބަސީން ވަނީ އިސްރާއީލުގެ އުތުރު ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެމެރިކާގެ ރައްޔިތުންނަށް އިންޒާރުގެ އިރުޝާދެއް ވެސް ނެރެފައެވެ.

މި ހަމަނުޖެހުންތަކުގެ އެންމެ ފަހުގެ ނިހާއީ ނަތީޖާއަކަށްވާނީ ކޮން ކަމެއްތޯ ގިނަ ބަޔަކު ސުވާލުކުރާނެއެވެ. އެމެރިކާއަށް އީރާނު ފުނޑުފުނޑުކޮށްލެވޭނެތޯ ނުވަތަ އީރާނުގެ މައްޗަށް އެމެރިކާއިން ވެރިވެގަނެވޭނެތޯ މީހުން ސުވާލުއުފައްދައެވެ. މިއީ އަޅުގަނޑުމެންގެ އިތުރަށް ސިޔާސީ އަދި އަސްކަރީ މާހިރުންގެ މެދުގައި ވެސް ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ މައުޟޫއެކެވެ. އެމެރިކާގެ އަސްކަރީ ބާރާއި ފަންނިއްޔާތު އީރާނަށް ވުރެ މާ ކުރީގައި އޮތް ނަމަވެސް، އީރާނު މުޅީން ހަލާކުކޮށްލައި އެ ގައުމުގެ މައްޗަށް މުޅީން ވެރިވެގަތުމަކީ އެމެރިކާއަށް ވަރަށް އުނދަގޫ އަދި މުސްތަޙީލު ކަމެއްގެ ގޮތުގައި ބެލެވެއެވެ.

އީރާނަކީ ފަރުބަދަތައް ގިނަ، އަދި އިރާގާއި އަފުޣާނިސްތާނަށް ވުރެ މާ ބޮޑު ސަރަހައްދެއް އޮންނަ ގައުމެކެވެ. މީގެ އިތުރަށް އެ ގައުމުގައި ގާތްގަނޑަކަށް 90 މިލިއަންގެ އާބާދީއެއް އޮވެއެވެ. މިފަދަ ބޮޑު ގައުމެއްގެ މައްޗަށް އަސްކަރީ ގޮތުން ވެރިވެގަނެ، އެ ތަން ދިގު މުއްދަތަކަށް ކޮންޓުރޯލުކުރުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ. ގިނަ ސިފައިން އިންތިހާއަށް ބޭނުންވާނެ ކަމެކެވެ. އަދި ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ވެސްމެއެވެ.

އީރާނުން ސީދާ ކުރިމަތިލުންތަކަށް ވުރެ ބޮޑަށް ބަރޯސާވަނީ އަގުހެޔޮ މިސައިލާއި ޑުރޯނު ޙަމަލާތަކަށާއި އަދި ކަނޑުއޮޅިތައް ބަންދުކުރުން ފަދަ ކަންތައްތަކަށެވެ. އީރާނުންދޭ ޙަމަލާތައް ނައްތައިލުމަށް އެމެރިކާއަށް ބޭނުންކުރާންޖެހެނީ އަގުބޮޑު ދިފާޢީ ނިޒާމެވެ. މިއީ ގަލްފުގައި އެމެރިކާގެ ބައިވެރި ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު އުނދަގުލެކެވެ.

މުޅި މެދުއިރުމަތީގައި އީރާނަށް ވަފާތެރި ހަތިޔާރުއެޅި ޖަމާއަތްތައް އެބަތިއްބެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް މި ފަދަ ދާއިމީ ހަނގުރާމައެއް ފަށައިފި ނަމަ، މި ޖަމާއަތްތަކުން ސަރަހައްދީ އެހެން ގައުމުތަކުގައި ތިބި އެމެރިކާގެ ސިފައިންނަށާއި ބައިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދޭނެއެވެ.

އަދި އީރާނަކީ ރަޝިޔާއާއި ޗައިނާއާ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އެމެރިކާއިން އީރާނު މުޅީން ހިފާން މަސައްކަތްކޮށްފި ނަމަ، އެ ދެ ގައުމުން ވެސް މަޑުން ތިބޭނެކަމަކަށް ލަފައެއް ނުކުރެވެއެވެ. ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި، ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު އޮވެއެވެ.

އެމެރިކާއިން މީގެ ކުރިން އިރާގާއި އަފުޣާނިސްތާނުގައި ކުރި ހަނގުރާމަތަކުން ނަތީޖާ ދެއްކި ގޮތުގައި، ގައުމެއްގެ ސަރުކާރު ވައްޓައިލުމަކީ މާ އުނދަގޫ ކަމެއް ނޫން ނަމަވެސް، އެ ގައުމެއްގެ މައްޗަށް ފުރިހަމައަށް ވެރިވެގަނެ ސުލްހަ ގާއިމުކުރުމަކީ އެމެރިކާއަށް ވެސް ކާމިޔާބުވެފައިވާ ކަންކަމެއް ނޫނެވެ.

އާދޭހެވެ! އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ އިގުތިސާދަށާއި ބިނާރަށާއި މިއުމާރިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެއެވެ. ނަމަވެސް، އީރާނު [މުޅީން ހަލާކުކޮށްލައި އެ ގައުމުގެ މައްޗަށް ވެރިވެގަތުމަކީ] އެމެރިކާއަށް ވެސް އިންތިހާއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެ، އަދި ކާމިޔާބުވުން ދުރު ކަމެކެވެ. އީރާނަކީ ބިރުގަނެ ފަހަތަށް ޖެހޭނެ ގައުމެއް ނޫނެވެ. އެހެންކަމުން މި ހަނގުރާމައިގެ ސަބަބުން އީރާނު ހިފުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް މި ހަނގުރާމަ ދިގުލައިގެންދާ ނަމަ، ތިންވަނަ ބޮޑު ހަނގުރާމައެއް ދުނިޔެއާ ބައްދަލުކުރުމުގެ ހިރާސް އެބަ އޮތެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހިރާސް          ނ.     ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (2) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު. (3) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް.

ބިނާރު           ނ.     ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތްތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހައި ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމުކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

މިއުމާރިއްޔަތު      ނ.     އިމާރާތްތައް ބިނާކުރުމާއި ފަރުމާކުރުމުގެ މަސައްކަތް، ނުވަތަ އެ ކަމުގެ ފަންނު.

ސުންނާފަތިކޮށްލުން   މ.     (1) ތަނެއް ހަލާކުކޮށްލުން. (2) ތަނެއް ފުނޑުފުނޑުކޮށްލުން

 

ކޮމެންޓު