ad_banner
ގަލްފު ސަރަހައްދު އަލުން ހޫނުވުން - ބޮމުގެ ވާރޭވެހުން

އަބާ މުޙަންމަދު

13 ޖުލައި 2026

ހަގީގަތުގައި ހުރުމޫޒު ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް ނޫނެވެ. ހަގީގަތުގައި އެއީ ދެ ފަރާތުން އީރާނާއި ޢުމާނުން ޙިއްސާކުރާ ކޮއްލަވާންޏެކެވެ. ނަމަވެސް އެ ކޮއްލަވާންޏަށް ވަދެ ދަތުރުކުރާ އުޅަނދު ފަހަރުން، މި ފަހަކަށް އައިސް ނޫނީ ފީއެއް ވެސް ނަގައިފައެއް ނުވެއެވެ. އަދި އެ ހުރުމޫޒު ކޮއްލަވާންޏަށް ވަންނާން އެ ދެ ގައުމުން ކުރެ ގައުމަކުން ހުރަހެއް ވެސް އަޅައިފައެއް ނެތެވެ. އެއި ގަލްފުގެ ގައުމުތަކުގެ އިގުތިސާދަށް ވަރަށް މުހިންމު ކޮއްލަވާންޏެކެވެ.

ނަމަވެސް އެއްވެސް ހައްގުން ކަމަކާ ނުލައި މި ދިޔަ ފެބުރުވަރީމަސް ނިމެމުން ދަނިކޮށް އެމެރިކާއާއި އިސްރާއީލުން އީރާނަށް ޙަމަލާދިނުމުން އޭގެ ބަދަލުގައި ހުރުމޫޒު ކޮއްލަވާނި ކޮންޓުރޯލުކުރާން އީރާނުން ނިންމިއެވެ. ޢުމާން ވެސް އެ ގޮތަށް އެއްބަސްވެގެންނެވެ. އަދި އެ ކޮންޓުރޯލު ދޫކޮށްލާކަށް ވެސް އީރާކުން މިހާރަކު ބޭނުމެއް ވެސް ނުވެއެވެ. އެއީ ވަރުގަދަ ބާރަކަށްވާތީއެވެ.

އެހެންކަމުން އީރާނުގެ އިރުޝާދުތަކަށް ބެލުމެއް ނެތި، ފަންނިއްޔަތުގެ އާލަތްތައް ނިއްވައިލައި އަނދިރިކޮށްގެން އެ ކޮއްލަވާންޏަށް (ވަގަށް) ވަދެނުކުމެވާ އުޅަނދުފަހަރު އީރާނުން ހުއްޓުވައެވެ. މިއީ މުޅި ދުނިޔޭގެ ރަސްގެފާނަށް ހެދިގެން އުޅޭ އެމެރިކާއަށް ކެތްވާ ވަރުގެ ކަމަކަށް ނުވިއެވެ. ދުނިޔޭގައި އެމެރިކާ އޮންނަ ފަރާތް ނޫން އަނެއް ފަރާތުގައި އޮންނަ ތަނެއް ނަމަވެސް ހުރުމޫޒު ކޮއްލަވާންޏަށް ވެސް ބާރުފޯރުވާން ޖެހެނީ އެ މީހުންނޯލައެވެ. މިއީ އެ މީހުންނާ ކޮން ބެހޭ ތަނެއްހެއްޔެވެ؟ އީރާނަކުން، ޢުމާނަކުން އެމެރިކާ ބައްރުގައި ހުންނަ ތާކަށް ދަނީކީ ވެސް ނޫނެވެ.

ކޮންމެއަކަސް އެމެރިކާއަކީ އެމެރިކާއެވެ. ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ހަމަނުޖެހުމެއް، ހަނގުރާމައެއް ހިންގުމަކީ އެ މީހުންގެ އިސްތިރާޖީ ތަދުބީރެކެވެ. އެހެނީ އެމެރިކާގެ މައިގަނޑު އުފެއްދުމަކީ ފަނާކުރަނިވި ހަތިޔާރެވެ. އެ ތަކެތި ޓެސްޓުކުރުމާއި މާރުކޭޓުކުރުމަކީ އެ މީހުން އަބަދުވެސް ބޭޏުންވާނޭ ކަމެކެވެ. އެހެންކަމުން އަނެއްކާ ވެސް ތަނެއްދޮރެއް ނުބަލައި އީރާނުގެ ދެކުނު އައްސޭރި ސަރަހައްދުތަކަށް މިސައިލުގެ ވާރޭ އޮއްސައިލީއެވެ. ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނީއެވެ.

އީރާނަކީ މަރަށް ބިރުގަންނަ ގައުމެއް ނޫނެވެ. އެހެންކަމުން އެމެރިކާއިން މި ދިން ބޮމުގެ ޙަމަލާތަކަށް ބަދަލުހިފުމެއްގެ ގޮތުން، ބަޙްރައިނާއި ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ޙަމަލާދިނީއެވެ. މި ތަންތަނަކީ އީރާނަށް ޙަމަލާދޭން އެމެރިކާއިން ބޭނުންކުރާ މަރުކަޒުތަކެވެ. މި ތަންތަނަށް ޙަމަލާދީފައިވާނެކަމަށް އީރާނުން ވެސް ވަނީ ބުނެފިއެވެ. އީރާނުން ހަމަލާދޭން ފެށުމާ އެކު، އެ ގައުމުތަކުގައި ހަނގުރާމައިގެ ސައިރަހުން ވަނީ ގުގުމައިފައެވެ. އަދި ހާމަތަންތާނގައި ނުތިބޭން ރައްޔިތުންނަށް ވަނީ އިންޒާރުދީފައެވެ. ބާރުގަދަ އަޑުއަޑު އިވުނަސް ބިރު ނުގަތުމަށާއި އެއީ އީރާޏުގެ ޙަމަލާތަކުން ދިފާޢުވާން ދޭ ރައްދު ޙަމަލާގެ އަޑުކަމަށް ވެސް ވަނީ އަންގައިފައެވެ.

ބަޙްރައިންގެ ދާޚިލީ ވުޒާރާއިން ވަނީ ރައްކާތެރިކަމުގެ ހިމާޔަތް ހޯދުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ހާމަ ތަންތަނުގައި ނޫޅުމަށް ވެސް އާންމުންނަށް ވަނީ އިރުޝާދުދީފައެވެ. އެ އިންޒާރަށް ފަހު، އީރާނުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަޙްރައިންގައި ހުންނަ ޝެއިޚު ޢީސާ ވައިގެ މަރުކަޒަށް ހަމަލާދީފައިވާނެކަމަށެވެ. އީރާނުން ބުނި ގޮތުގައި ހަމަލާގެ އަމާޒަކީ އެމެރިކާގެ އަސްކަރީ ޑުރޯނުތަކުގެ ކޮމާންޑު އެންޑު ކޮންޓުރޯލު މަރުކަޒާއި މަރާމާތުކުރާ މަރުކަޒުތަކެވެ.

އުރުދުނުން ވެސް ސައިރަންގެ އަޑުތައް ވަނީ އިވިފައެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުގައި ދިން ހަމަލާތަކުގެ އަމާޒަކީ ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ މަރުކަޒުތަކެވެ.  ކުވެއިތުގެ އަސްކަރިއްޔާއިން ރޭ ފަތިހު ނެރުނު އިންޒާރެއްގައި ބުނެފައިވަނީ، ދެކޮޅުވެރި ވައިގެ ހަމަލާތަކަކާ ކުރިމަތިލަމުންދާ ކަމަށާއި، ބާރުގަދަ އަޑުތަކެއް އިވުނު ނަމަވެސް ހާސްނުވުމަށެވެ. އެއީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން އެ ހަމަލާތަކަށް ރައްދުދޭ އަޑުތަކެއްކަމަށް ވެސް ބުނެފައިވެއެވެ. އީރާނުން ބުނަމުންދަނީ އެމީހުން ހަމަލާދިނީ ޢަލީ އައްސާލިމް ވައިގެ މަރުކަޒުގައި ހުރި ރާޑަރު ނިޒާމުތަކާއި ވައިގެ ދިފާއީ ނިޒާމުތަކަށް ކަމަށެވެ.

އީރާނުގެ ދެކުނަށް އެމެރިކާއިން ޙަމަލާދީފައިވަނީ ކުރީން ވެސް ދެންނެވި ފަދައިން ހުރުމުޒު ކޮއްލަވާނީގެ މައްސަލައިގައި މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ޙަމަލާދީފައިވާ ތަންތާގެ ތެރޭގައި ބަނދަރު ޢައްބާސާއި ސިރީކާއި ޖާސްކު ފަދަ ބަނދަރުމަތީ ރަށްތަކުގެ އިތުރަށް ޤަޝްމް ޖަޒީރާއަށް ވެސް ބޮންއަޅައިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން ދިން ޢުދުވާނަށް ރައްދުދިނުމުގެ ގޮތުން އީރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ މަޞްލަޙަތުތަކަށް އީރާނުން ޙަމަލާދިނުމުން މެދުއިރުމަތީގެ ގައުމުތައް ކުށްވެރިކުރަނީ އީރާނެވެ. އެ މީހުންނަށް އެމެރިކާގެ ވާހަކަ ވެސް ބުނާކަށް ނުކެރެއެވެ. ނަމަވެސް އެ ހުރިހައި ގަމުމެއްގެ ބިން ބޭނުންކޮށްގެން އީރާނަށް އެމެރިކާއިން ޙަމަލާދިނުން އެ މީހުންނަށް ހަމަ [އޯކޭ]އެވެ.

މެދުއިރުމަތީގައި މި ފަދަ ކުރިމަތިލުންތަކެއް ފެށުމާ އެކު މުޅި ދުނިޔެއަށް އެ ކަމުގެ ނޭނދެވޭ އަސަރުކުރެއެވެ. ދުނިޔެއަށް ބޭނުންވާ ތެޔޮ އެކި ގައުމުތަކަށް ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވުމުން މުޅި ދުނިޔޭގެ އިގުތިސާދަށް އެ ކަމުގެ ގެއްލުން ފޯރައެވެ. މިހާރު ވެސް ތެލުގެ ރިޒާވް މާ ބޮޑަށް ދަށްވެފައިވާތީ އެމެރިކާއާއި އީރާނުގެ ދެމެދުގައި ދިގުދެމިގެންދާ ހަނގުރާމައެއް ކުރިއަށްގެންދިޔުމަކީ [ވަރަށް ނުރައްކާތެރި] ކަމެއްކަމަށް މުޙައްލިލުން ވިދާޅުވެއެވެ.

މި ކަމާ ގުޅޭ ގޮތުން ކުއިންސީ އިންސްޓިޓިއުޓު ފޮރ ރެސްޕޮންސިބަލް ސުޓޭޓުކުރާފުޓުގެ އެގުޒެކެޓިވު ވައިސް ޕުރެޒިޑެންޓު ޓްރީޓާ ފާރިސް އިތުރު ތަފުޞީލު ދެއްވައިފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ޚާރިޖީ ގުޅުންތަކަށް އޮތް އިތުބާރު ކުޑަނަމަވެސް، [ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކަށް ދިގުދެމިގެންދާ އިތުރު ހަނގުރާމައެއްގެ ބުރަ ނުއުފުލޭނެކަމުގެ ޔަގީންކަން މާ ބޮޑެވެ.] އޭގެ ނަތީޖާއެއްގެ ގޮތުން، "އެ މަޖުބޫރުވުންތަކުގެ ސަބަބުން، ކޮންޓްރޯލުން ނެއްޓިގެންދާ ފަދަ ދަރަޖައަކަށް މަސްރަޙު ގޯސްވިޔަނުދީ ދެ ފަރާތުން ވެސް މި ކަން މައިތިރިކުރާނެ]ކަމަށް އޭނާ ގަބޫލުކުރައްވައެވެ

ތެލުގެ ރިޒާވް ހުސްވަމުންދިއުމަކީ ދިގު ހަނގުރާމައަކަށް ދިއުން [މާބޮޑަށް އުނދަގޫވާ] މުހިންމު ސަބަބެއްގެ ގޮތުގައި ފާރިސް ފާހަގަކުރެއްވިއެވެ.

[ދުނިޔޭގެ ފެންވަރުގައި ވެސް ތެލުގެ ރިޒާވްތައް އަލުން ފުރިހަމަކުރެވިފައެއް ނުވެއެވެ. މިހާރު ދުނިޔޭގެ ނިސްބަތުން ވެސް ތެލުގެ ރިޒާވް ހުރީ މާ ދަށް ފެންވަރެއްގައި. އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް ވެސް ހުރީ ވަރަށް ދަށްވެފައެވެ.] އޭނާ ވިދާޅުވިއެވެ. [މިދިޔަ ފެބުރުވަރީ މަހާ އަޅައިބަލާ އިރު އީރާނުން ކަނޑުމަގުން އުފުލާ ތެލުގެ މިންވަރު ވެސް މިހާރު މަދެވެ. އެހެންކަމުން، ތެލުގެ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިދާނެކަމަށް ބެލެވޭ މުއްދަތު، ކުރީން ފެބްރުއަރީ މަހަށްކަމަށް ލަފާކުރި މުއްދަތަށް ވުރެ މިހާރުމާ ކުރެވެ.

ފާރިސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެކަށީގެންވާ ވަގުތު ލިބިއްޖެ ނަމަ، ހުރުމޫޒު ކޮއްލަވާނީގެ ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމަށް އީރާނަށް އޮތް ޤާބިލުކަން ކުޑަކޮށްލުމުގެ ފުރުޞަތު އެމެރިކާއަށް އޮންނާނެއެވެ. ނަމަވެސް، [އުފެދޭ ސުވާލަކީ އެ ކަމަށް ކިހައި މުއްދަތެއް ހޭދަވާނެތޯ އަދި އެ ދެމެދުގައި ތެލުގެ ބާޒާރަށް ކިހައި ބޮޑު ލޮޅުމެއް އަރާނެތޯއެވެ. މީގެ ނަތީޖާއަކަށް ވަނީ މި ކަން ޓުރަންޕުގެ އިދާރިއްޔަތަށް ސިޔާސީ ބޮޑު ކާރިސާއަކަށާއި ބިރުވެރި ހުވަފެނަކަށް ވުމެވެ.] އޭނާ ވިދާޅުވިއެވެ. [އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެމެރިކާއަށް އޮތް އަޞްލު މައްސަލައަކީ މިއީއެވެ.]

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާ މިދަނޑިވަޅުގައި، އެމެރިކާއާއި އީރާނުގެ މަސްރަޙު އިތުރަށް ގޯސްވެއްޖެ ނަމަ، ތެޔޮ ފޯރުކޮށްދޭން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެކަމަށް އިގުތިޞާދީ މާހިރުން ލަފާކުރެއެވެ. ޚާއްޞަކޮށް ހުރުމޫޒު ކޮއްލަވާނި ބަންދުވެއްޖެ ނަމަ، ދުނިޔޭގެ ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރު ވަރަށް އަވަހަށް ފެންނާން ފަށާނެއެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ހަނގުރާމައެއްގެ ފުރުޞަތު ކުޑަކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމަޢުން ދަނީ ދެ ފަރާތް ސުލްޙަވެރި މަޝްވަރާގެ މޭޒަކަށް ގެނައުމަށް ބާރުއަޅަމުންނެވެ. ނަމަވެސް، ދެޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމާއި އިތުބާރު ނެތުމުގެ ސަބަބުން މިފަދަ މަޝްވަރާތަކަކުން ދާއިމީ ޙައްލެއް ހޯދުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން މި ހަމަނުޖެހުންތަކަކީ އަދި ހައްލެއް އޮތް މައްސަލައެއް ނޫނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ކާރިސާ           ނ.     ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާ ފަދަ ނުވަތަ ގިނަ ތަންތަނަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ބޮޑެތި ހާދިސާ. tragedy

ކޮއްލަވާނި         ނ.     (1) އެއް މަގަކުން ނޫނީ ވަދެވޭން ނޯންނަ ގޮނިލައިފައި ހުންނަ ތަންތަން. (2) އެއްކޮޅު ބެދިފައި ހުންނަ ހަނި ދަތި ގޯޅި. (3) ގޭގެއިން ދަތިކޮށް ނެރެފައި ހުންނަ ކޮޓަފާޅި ފަދަ ތަންތަން. Strait, gulf  

އިސްތިރާޖީ        ނއ.    މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.  strategic

ތަދުބީރު          ނ.     ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް. plan

ކޮމެންޓު