ad_banner
ގަލްފުގެ ވައިގެ ދިފާއީ ނިޒާމުތަކާއި އީރާނުގެ އީމާނާއި ކެތްތެރިކަމާއި ހިތްވަރު – ކާމިޔާބު ލިބޭނީ ކޮން ބަޔަކަށް؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

16 ޖުލައި 2026

އެނގިވަޑައިގަންނަވާނޭ ފަދައިން ގަލްފުގެ ގައުމުތަކުން ވަނީ ފާއިތުވި ދަހަރެއްހައި ދުވަހުގެ ތެރޭގައި އެމެރިކާއާއި ވިލާތާއި އަދި ބައެއް ހާލަތްތަކުގައި ރޫސީވިލާތާއި ޗައިނާއާއި އިޒުރޭލުގެ ނިޒާމުތައް އެއްކޮށްލައިގެން، ފަށަލަފަށަލައަށް އެކުލެވިގެންވާ ވައިގެ ވަރުގަދަ ދިފާއީ ނިޒާމެއްގެ ވިއުގަތަކެއް ބިނާކޮށްފައެވެ.

މި ނިޒާމުތަކުގެ ތެރޭގައި 100 ކިލޯމީޓަރު (60 މޭލު)އަށް ވުރެ ދުރުން އަންނަ ޙަމަލާތަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިގެންވާ ދުރު ރާސްތާގެ އިންޓަރސެޕުޓަރ މިސައިލުތަކުން ފެށިގެން، ވަކިވަކި އަސްކަރީ މަރުކަޒުތަކާއި، ތެޔޮ އުފައްދާ ތަންތަނާއި އަދި ސިޓީތައް ހިމާޔަތްކޮށްދޭ މެދު ރާސްތާ އަދި ކުރު ރާސްތާގެ ނިޒާމުތައް ހިމެނެއެވެ.

ސައުދީ އަރަބިއްޔާއަކީ ގަލްފުގެ ވައިގެ ދިފާއީ އެންމެ ބޮޑު ވިއުގަ އޮތް ގައުމެވެ. މި ނިޒާމުގެ މައިގަނޑު އަސާސަކީ އެމެރިކާގައި އުފައްދައިފައިވާ ޓާމިނަލް ހައި އެލްޓިޓިއުޑު އޭރިއާ ޑިފެންސް (ތާޑު) ނިޒާމުތަކާއި ޕެޓުރިއަޓު ބެޓެރީތަކެވެ. ޔޫއޭއީން ވެސް [ތާޑު]އާއި ޕެޓުރިއަޓު ނިޒާމުތަކުގެ އިތުރުން އިސްރާއީލުގެ [ބަރަކު] ވައިގެ ދިފާއީ މަންސައިގެ ވަރޝަނެއް ބޭނުންކުރެއެވެ.

ގަތަރުން ވަނީ ޕެޓުރިއަޓު ބެޓެރީތަކާއި ނޯވޭއާއި އެމެރިކާ ގުޅިގެން އުފައްދައިފައިވާ ނަސަމްސް III ނިޒާމު ހޯދާން މިހާރު ވުނަކޮށްފައެވެ.

ކުވައިތުން ދުރު ރާސްތާގެ ދިފާއަށް ޕެޓުރިއަޓު ބެޓެރީތަކާއި، އިޓަލީގެ އެސްޕައިޑު ލޯންޗަރުތަކާ އެކު އިސްކައިގާޑު ނިޒާމުތައް ބޭނުންކުރާ އިރު، ވަކިވަކި ސަރަހައްދުތައް ހިމާޔަތްކުރުމަށް ޓަކައި އިސްޓިންގަރު، އިސްޓާބާސްޓު އަދި ފިމް 92 މިސައިލުތައް ބޭނުންކުރެއެވެ.

ބަހުރައިނުން ދާދި ފަހުން ވަނީ [ޕެޓުރިއަޓު މިސައިލު ސެގުމަންޓު އެންހާންސްމަންޓު] ނިޒާމު ގަނެފައެވެ.

ޢުމާނުގައި އަވަށްޓެރި ގައުމުތަކާ އަޅައި ބަލާ އިރު ކުރިއަރައިފައިވާ ދުރު ރާސްތާއާއި މެދު ރާސްތާގެ ނިޒާމުތައް މަދު ނަމަވެސް، އެ ގައުމުގައި ނޭޝަނަލް އެޑުވާންސްޑު ސާފަސް-ޓު-އެއާ މިސައިލް ސިސްޓަމްސް (ނަސަމްސް) އާއި، ފަރަންސޭސިވިލާތުގެ މިސްޓުރަލް މިސައިލްތަކާއި އަދި ކޮނޑަށްލައިގެން ފޮނުވައިލެވޭ ގޮތަށް ރޫސީވިލާތުން ހަދައިފައިވާ އިސްޓުރެލާ-2 ފަދަ ނިޒާމުތަކުގެ އިތުރަށް ވައިގެ ޙަމަލާތަކުގެ ދިފާއީ ބަޑީން ޙާމަލާދޭ ބައެއް މަންސަތައް އެބަ ހުއްޓެވެ.

އެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި މި ހަތިޔާރުގެ ނިޒާމުތަކުގެ ވިއުގަތަކުން ވަނީ ކުރިމަތިވާ ނުރައްކާތައް ހުއްޓުވުމުގެ ގާބިލުކަން ސާބިތުކޮށްދީފައެވެ. އަދި ގިނަ ފަހަރަށް މި ދިފާއުތަކަށް އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކުގެ އެހީތެރިކަން ލިބޭކަމަށް އެ ގައުމުތަކުން ބުނެއެވެ. ނަމަވެސް މި ފަދަ ދިފާޢީ އެއްވެސް ނިޒާމަކީ ފޫއަޅުވައިނުލެވޭނެ އެއްޗެއް ނޫންކަން ވެސް މިހާރު އީރާނުން ވަނީ ސާބިތކޮށްދީފައެވެ.

ގަލްފުގެ ގައުމުތަކުން ބުނާ ގޮތުގައި [މި ނިޒާމުތަކުން ހާމަވީ އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކަކީ އިންތިހާއަށް ބޭނުންތެރި އެއްޗެއް ކަމެވެ. އެ ގައުމުތަކުގައި އެމެރިކާގެ ވުޖޫދުގެ ސަބަބުން ގަލްފުގެ ގައުމުތަކަކީ ހަމަލާތަކުގެ އަމާޒަކަށް ވީނަމަވެސް، އެމެރިކާގެ އަސްކަރިއްޔާގެ ސަބަބުން އެ ގައުމުތައް ހިމާޔަތް ވެސް ކުރެވެއެވެ.]

ޗެތަމް ހައުސްގެ މިޑުލް އީސްޓު އެންޑު ނޯތު އެފްރިކާ ޕުރޮގުރާމުގެ އެސޯސިއޭޓު ފެލޯ އަދި ކުވައިތު ޔުނިވަރސިޓީގެ ޕުރޮފެސަރު ބާދަރު މޫސާ އައްސައިފް، އަލްޖަޒީރާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި، ގަލްފުން އެމެރިކާއާ އެކު ބާއްވާ ގާތް ސަލާމަތީ ގުޅުމުގެ ސަބަބުން، އެ ގައުމުތަކަށް [ނަމޫނާ ދިފާއީ ހާލަތެއް] ދެމެހެއްޓުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަލްފުގެ ގައުމުތަކުން ވަނީ [ހަމަލާތައް ހުއްޓުވުމުގައި މަތީ ރެކޯޑުތަކެއް ގާއިމުކޮށްފައެވެ.] [އެ ކަމުން ދައްކުވައިދެނީ އެމެރިކާއާ އެކު އޮންނަ ސަލާމަތީ ގުޅުންތަކަށް އެ ގައުމުތަކުން ކުރާ ދެމެހެއްޓެނިވި ވުނަތަކާއި، ދިފާއީ ބައިވެރިވުންތައް ސިންދަފާތުކުރުމަށް ކުރާ ފުޅާ މަސައްކަތް]ކަމަށް އޭނާ ވިދާޅުވިއެވެ.

އައްސައިފް އިޝާރާތްކުރެއްވީ ޖޫން 25ގައި އެމެރިކާއާއި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)އާ ދެމެދު ބޭއްވުނު މިނިސްޓަރުންގެ ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގައި އެމެރިކާގެ ސެކުރެޓަރީ އޮފް އިސްޓޭޓު މާކޯ ރޫބިއޯއާއި ގަލްފުގެ ވެރީން ވަނީ ސަރަހައްދީ ސަލާމަތަށް އޮތް ގުޅުން އަލުން ކަށަވަރުކޮށްދީފައެވެ. އެ ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ޖީސީސީގެ ގައުމުތަކުން ވަނީ [ހަނގުރާމަތައް ދާއިމީކޮށް ނިމުމަކަށް ގެނައުމަށް ޓަކައި ކުރެވޭ މަޝްވަރާތައް ކުރިއަށްދާ އިރު، އަމާޒާއި އެއްބައިވަންތަކަން ހިފެހެއްޓުމުގެ މުހިންމުކަން] ފާހަގަކޮށްފައެވެ.

މި ދިފާޢީ ނިޒާމުތަކުގެ ސަބަބުން އިގުތިސާދަށް ލިބޭ ގެއްލުން:

އީރާނުން ވަނީ، ރޭޑިއޯ ސިގުނަލްތަކަށް ފަސޭހައިން އަތުނުވާ ގޮތަށް ފަރުމާކޮށްފައިވާ، އަދި ނިސްބަތުން އަގުހެޔޮ، (ޝާހިދު) ޑުރޯންތައް އެ ގައުމުގައި އަމިއްލައަށް އުފައްދައި ބިނާކުރުމަށް ބޮޑު ވުނައެއް ކޮށްފައެވެ. މިއީ ވަކި ތަނެއްގައި ހަރުކޮށްފައި ހުންނަ ބޮޑެތި ރާޑަރު ނިޒާމުތަކަށް ބަރޯސާނުވެ، މުހިންމު ވަސީލަތްތަކަށް ނުރައްކާކުރުމަށް އުފައްދައިފައިވާ އެއްޗެހިތަކެކެވެ.

އީރާނުގެ ގިނަ ޑުރޯނުތަކަކީ އެ ތަކެތި ވައްޓައިލުމަށް ޓަކައި ބޭނުންކުރާ މިސައިލުތަކުގެ އަގާ އަޅައިބަލާ އިރު، ވަރަށް ކުޑަ ޚަރަދަކުން އުފެއްދޭ ތަކެއްޗެވެ. ރިޕޯޓުތައް ބުނާގޮތުން މީގެ ޑުރޯނެއް އުފައްދާން ޚަރަދުވަނީ އެންމެ 20,000 ނުވަތަ 30,000 ޑޮލަރެވެ.

މިއާ ޚިލާފަށް، މި ޑުރޯނުތައް ވައްޓައިލާން ބޭނުންކުރާ އިންޓަރސެޕުޓަރ ކޮންމެ މިސައިލެއްގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރައެވެ. އެހެންކަމުން، އީރާނުން މެދުނުކެނޑި ދޭ ހަމަލާތަކެއްގެ ސަބަބުން، ގަލްފުގެ ގައުމުތަކާއި އެމެރިކާއަކަށް ދިފާޢުގައި ގިނަ ދުވަހަކު ނުތިބެވޭނެއެވެ. އަގުހެޔޮ ހަތިޔާރުތަކަކާ ދެކޮޅަށް އަގުބޮޑު މިސައިލުތައް ބޭނުންކުރާން މަޖުބޫރުވުމުގެ ސަބަބުން އެ ތަކެތި ހުސްވެދާނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާއާއި ގަލްފުގެ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި އަގުބޮޑު މިސައިލުތައް ރައްކާކުރެވިފައި ހުރި މިންވަރު މަދުވުމެވެ. އަދި މިއީ ވަރަށް ބޮޑުވަމުންދާ ކަންބޮޑުވުމެކެވެ. ޚާއްސަކޮށް ނިސްބަތުން އަގުހެޔޮ ޑުރޯނުތަކާ ދެކޮޅަށް، އިންތިހާއަށް އަގުބޮޑު އިންޓަރސެޕުޓަރ މިސައިލުތައް މެދުނުކެނޑި ބޭނުންކުރާންޖެހުމަކީ އިގުތިސާދީ ގޮތުން އެއްވެސް ބަޔަކަށް އުފުއްލޭނެ ބުރައަކަށް ނުވާނެއެވެ.

އެހެންކަމުން، މުހައްލިލުން ބުނާ ގޮތުގައި، ގަލްފުގެ ވައިގެ ދިފާއީ ނިޒާމުގެ ހުރިހައި ފަށަލައެއް ފޫއަޅުވައިލުމަކީ އީރާނަށް ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ގަލްފާއި އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތައް އަބަދުވެސް ތައްޔާރީ ހާލަތެއްގައި ބައިތިއްބައިގެންނާއި، މިސައިލުތަކުގެ ހުސްކޮށްލައިގެންނާއި، އަދި ސިފައިންނާއި އިދާރީ ނިޒާމުތަކަށް ބާރުބޮޑުކޮށްގެން އެ މީހުން ކުރާންޖެހޭ ޚަރަދުތައް އެތައް ގުނައަކަށް އިތުރުކުރުވައިގެން އެމެރިކާއާއި ގަލްފުގައި ތިބި އެމެރިކާގެ ވަފާތެރި އެކުވެރި ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަކީ އީރާނަކަށް އުނދަގޫ ކަމެއް ނޫނެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި މި ކުރިމަތިލުމަކީ އަސްކަރީ ފަންނިއްޔާތުގެ ކުރިމަތިލުމެއްގެ އިތުރަށް، މިއީ ކެތްތެރިކަމާއި ހިތްވަރުގެ ކުރިމަތިލުމެކެވެ. އެހެންކަމުން ކެތްތެރިކަމާއި ހިތްވަރުގެ ކުރިމަތިލުމަކުން އީރާނު ބައްޔެއްނުކުރެވޭނެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ވިއުގަ         ނ.     މީހުން ނުވަތަ ތަންތަން ނުވަތަ ތަކެތީގެ ޖަމާއީ ގުޅުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ނިޒާމު ނުވަތަ ވިއުންގަނޑު. network

ވުނަ          ނ.     ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަކަށް ކުރާ ހޭދަ ނުވަތަ އެ ފަދަ ކަމެއްގައި ވާ ހިއްސާ.       investment.

ވުޖޫދު         ނ.     (1) އުފެދޭއުފެދުން. (2) ވުން. exist

މަންސަ        ނ.     (1) ޚާއްޞަ ބަޔަކު ތިބެން ހަދާ އިސްޓޭޖު ނުވަތަ އަށި. (2) ބަޔަކާ މުޚާތަބުކުރުމަށް މީހާ އޭގެ ފަހަތުގައި ހުއްޓި ހުންނަ އުސް މޭޒެއް ފަދަ އެތި. (3) ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. platform

މިސައިލު       ނ.     ބޮލެއްލައިފައި އޮންނަ ދުރަށް ފޮނުވާލެވޭ ހަނގުރާމަމަތީ ހަތިޔާރެއް. މިއީ ތަންތަން ނުވަތަ އެއްޗެހި ގޮއްވައިލުމަށް ޓަކައި ފޮނުވައިލެވޭ އެއްޗެކެވެ. މި ހުންނަނީ ހިމަދިގުކޮށް ކުރިއަށް އޫކޮށެވެ.

ދަހަރު         ނ.     ދިހަ އަހަރުގެ މުއްދަތު. decade

ސިންދަފާތު      ނ.     އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން.  diversity

ޑުރޯނު        ނ.     އިނސާނަކު ނުލައި އުދުހުވޭ ގޮތަށް ފަރުމާކޮށްފައިވާ ވައިގެ އުޅަނދެއް. މިއީ ފޮޓޯ ނެގުމަށާއި ތަކެތި އުފުލުމަށާއި އަދި ހަނގުރާމަތީގައި ޙަމަލާދޭން ބޭނުންކުރާ އެއްޗެކެވެ. drone

ކޮމެންޓު