ad_banner
"އިންތިޚާބަށް އެހީވާ ކޮމިޝަން" އުވައިލުން – ޑިމޮކުރެސީއަށް ދިން ޙަމަލައެއް؟!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

13 ޖުލައި 2026

ރައީސް ޑޮނަލްޑު ޓުރަންޕު އެމެރިކާގެ އިންތިޚާބަށް އެހީވާ ކޮމިޝަން (އީ.އޭ.ސީ) ކުއްލި ގޮތަކަށް އުވައިލުމާ ގުޅިގެން، ގާނޫނީ އަދި ސިޔާސީ ގޮތުން ބޮޑެތި ބަހުސްތަކެއް އެމެރިކާގައި މިހާރު ވަނީ ފެށިފައެވެ. 2026ވަނަ އަހަރު ދައުރުގެ މެދުތެރެއިން ބާއްވާ (މިޑް ޓާރމް) އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ކޮމިޝަނުގައި ބާކީ ތިއްބެވި މެންބަރުން މަގާމުން ވަކިކުރާން ނިންމި ނިންމުމާ އެކު، ނުހަނު ޙައްސާސް ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެއީ އެމެރިކާގެ ރައީސްއަށް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވާ ބާރެއްގެ ބޭނުންހިއްޕެވުންހެއްޔެވެ؟ ނުވަތަ އެއީ އެމެރިކާގެ ދީމުގުރާތީ ނިޒާމަށް ނުފޫޒުފޯރުވާން ޓުރަންޕު ހިންގި ޣައިރުގާނޫނީ ޢަމަލެއްހެއްޔެވެ؟ މި ސުވާލުގެ ޖަވާބަށް ތަޙުލީލީ ނަޒަރަކުން ބަލައިލަމާތޯއެވެ!

ގާނޫނީ ހަގީގަތާއި ދިމިގުރާތީ ނަޒާހަތްތެރިކަން

މި ޢަމަލަކީ [ޣައިރުގާނޫނީ ނުފޫޒެއް]ކަމަށް ބެލެވޭނެތޯ ދެނެގަތުމަށް ޓަކައި، މެންބަރުން މަގާމުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތާއި، ކުރިމަގުގައި ހިނގައިފާނެ ކަންތައްތަކެއްގެ ގާނޫނީ ހައިސިއްޔަތަށް ވަކިވަކީން ބަލައިލާންޖެހެއެވެ.

·     ޓުރަންޕުގެ ޢަމަލު، ސަރުކާރުން ދިފާޢުކުރުން:

އިންތިޚާބަށް އެހީވާ ކޮމިޝަންގެ މެންބަރުން ވަކިކުރުކުރުން އެމެރިކާ ސަރުކާރުން ދިފާއުކޮށްފައިވަނީ 2026ވަނަ އަހަރު ޖޫން މަހު ފަހުކޮޅު އެމެރިކާގެ ސުޕުރީމް ކޯޓުން ނިންމި ތާރީޚީ ނިންމުމަކަށް ރިއާޔަތްކޮށްފައެވެ. މި ނިންމުމުގެ ސަބަބުން މިނިވަން ފަދުރާލީ އިދާރާތަކުގެ ވެރީން މަގާމުން ވަކިކުރުމަށް ރައީސްއަށް ލިބިވަޑައިގަންނަވާ ބާރު ވަނީ ފުޅާވެފައެވެ. ޤާޟާއީ މި އާ އުޞޫލުގެ ދަށުން، ކޮމިޝަނަރުން މަގާމުން ވަކިކުރުމުގެ އަމަލަކީ، ގާނޫނީ ގޮތުން ބަލާ އިރު، ސަރުކާރަށް (ވެރިކަން ހިންގާ ބާރަށް) ގާނޫނީ ގޮތުން ލިބިފައިވާ ބާރަކަށްވާތީ އެއީ ގާނޫނީ ގޮތުން [ސައްހަ] ޢަމަލެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

·     އިންތިޚާބުތަކަށް އެއީވާ ކޮމެޓީގެ ހަވާލަތު:

އީ.އޭ.ސީ.އަކީ އަމަލީ ގޮތުން އިންތިޚާބުތައް ބާއްވައި ވޯޓު ގުނައި ހަދާ އިދާރާއެއް ނޫނެވެ. އެމެރިކާގެ ގާނޫނުއަސާސީއިން އިންތިޚާބުތައް ބެލެހެއްޓުމުގެ ޒިންމާ ސީދާ ހަވާލުކޮށްފައިވަނީ ވަކިވަކި އިސްޓޭޓްތަކާއި ކޮންގުރެހަށެވެ. އޭގެ ބަދަލުގައި، އީ.އޭ.ސީ.އަކީ ދެ ޕާޓީ ޙިއްސާވާ ގޮތަށް އެކުލަވައިލައިފައިވާ، މައުލޫމާތު ބަދަލުކުރާ މަރުކަޒެކެވެ. ދިވެހިރާއްޖޭގައި ނަމަ، މި ކޮމިޝަނާ އެންމެ ގާތް މުއައްސަސާއަކީ އިންތިޚާބުތަކާ ގުޅިގެން ދައުލަތުން އުފައްދަވާ [ގައުމީ ލަފާދޭ ކޮމިޓީ]އާއެވެ. އެމެރިކާގައި އޮންނަ މި ކޮމިޝަނުން ކުރާ މަސައްކަތަކީ ވޯޓުލާ މެޝިންތައް ޓެސްޓުކުރުމާއި، ދައުލަތުން ދޫކުރާ އެހީގެ ފައިސާ ދޫކުރުމާއި، އަދި ގައުމީ ފެންވަރުގައި ސިޓީ މެދުވެރިކޮށް ވޯޓުލާން ރަޖިސްޓްރީކުރާ ފޯމު ބެލެހެއްޓުން ފަދަ ކަންކަމެވެ.

·     ޣައިރުޤާނޫނީ ރޮނގު:

ޔޫ.ސީ.އެލް.އޭގެ ގާނޫނީ ދާއިރާގެ ޕުރޮފެސަރެއްކަމަށްވާ ރިކު ހޭސަން ފަދަ ގާނޫނީ މާހިރުން ހާމަކުރައްވާ ގޮތުގައި، ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ އަމަލަކީ ސުޕްރީމް ކޯޓުގެ ނިންމުމުން ހިމާޔަތްލިބިގެންވާކަމަކަށްވީ ނަމަވެސް، ކޮމިޝަނުގެ ކޯރަން (ގާނޫނީ އަދަދު) ހަމަނުކޮށް، ވެރިއެއް ނެތް އެ އިދާރާ މެދުވެރިކޮށް ވޯޓުލާ މީހުން ރަޖިސްޓަރީކުރާ ފަދުރާލީ ގަވާއިދުތަކަށް (އަދި ރައްޔިތެއްކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުން ހުށަހަޅާން މަޖުބޫރުކުރުން ފަދަ ކަންކަމަށް) ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރާ ކޮންމެ މަސައްކަތަކަށް މެ، ބޮޑެތި ގާނޫނީ ގޮންޖެހުންތަކާ ވަގުތުން ކުރިމަތިލާން ޖެހޭނެއެވެ. އަދި އެއީ ޣައިރުގާނޫނީ އަމަލެއްކަމަށް ނިންމުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.

އެއްއުއިވެފައިވާ އިންތިޚާބުތަކުގެ ނުރައްކާތެރި ވަހުމު:

އެމެރިކާގެ ދީމުގުރާތީ ނިޒާމުގެ ނާޒުކު ފަރުމާގެ ތެރޭގައި، ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ހިންގުމަށްޓަކައި އެމެރިކާގެ އިންތިޚާބުތަކަށް އެހީވާ ކޮމިޝަން (އީ.އޭ.ސީ) ފަދައިން ސާފުކޮށް ފަރުމާކުރެވިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް މަދެވެ. 2000ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިމާވި ހަމަނުޖެހުންތަކުން ދެ ޕާޓީއަށް ވެސް ކުރެވުނު ހިތި ތަޖުރިބާގެ މައްޗަށް ބިނާކޮށް، ކޮންގުރެހުން އީ.އޭ.ސީ އުފެއްދީ ގަސްތުގައި ވަކި ކޮޅަކަށް ނުޖެހޭ ގޮތަށެވެ. ރައީސަކަށް ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް، ވޯޓުލާ ނިޒާމުތަކަށް ދޭ ފަދުރާލީ އެހީތެރިކަން ހަތިޔާރަކަށް ހަދައިފާނެތީ، އެ ކަން ހުއްޓުވުމަށް ޓަކައި ޑިމޮކުރެޓިކު ޕާޓީގެ ދެ މެންބަރުންނާއި ރިޕަބުލިކަން ޕާޓީގެ ދެ މެންބަރުން ހިމެނޭގޮތަށް ކޮމިޝަން އެކުލަވައިލީ ދެ ފަރާތަށް ހަމަހަމަވާނެ ގޮތަށެވެ.

އީމޭލުތަކެއް މެދުވެރިކޮށް ކުއްލި ގޮތަކަށް (އަދި މަގާމުން ވަކިވާން މަޖުބޫރުކޮށްގެން) ކޮމިޝަނުގެ ބާކީ ތިއްބެވި ވެރީން، ޓުރަންޕުގެ ސަރުކާރުން ވަކިކުރިކުރުމަކީ، އެއީ ސަރުކާރުން ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ނާޖާއިޒު ފައިދާނެގުމެއް އެކަންޏެއްނޫނެވެ. އެއާ ޚިލާފަށް އެއީ ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއި މާހަރާކަމާ އެކު، އިންތިޚާބުތައް ބެލެހެއްޓުމުގެ މުހިންމު ހަރުދަނާ އުސޫލުތައް މުޅީން ހަލާކުކޮށްލުމެވެ.

ޓުރަންޕުގެ މި ޣައިރުދީމުޤުރާތީ ނިންމުންތަކާ ގުޅިގެން ސަރުކާރުން ދައްކާ ދިފާއުން ގިނަ ކަންތައްތަކެއް ހާމަވެއެވެ. ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އިންތިޚާބީ ސަލާމަތާ ބެހޭ ގޮތުން ސަރުކާރުން ގެންގުޅޭ ލަނޑުދަނޑިތަކާ [މުޅިން އެއްއުއިނުވާ] ފަރާތްތައް މަގާމުން ވަކިކުރުމުގެ ބާރު ރައީސްއަށް ލިބިގެންވެއެވެ. ނަމަވެސް، އަސާސީ ގޮތުން އެންމެ ބޮޑު ގޯހެއް އޮތީ މި ހިސާބުގައެވެ. އެއީ އިންތިޚާބުތައް ބަލަހައްޓާ އިދާރާއަކީ ވެރިކަމުގައި ހުންނަވާ އެއްވެސް ރައީސެއްގެ ވިސްނުމާ އެއްގޮތްވާންޖެހޭނެ އިދާރާއެއް ނޫނެވެ. އެ އިދާރާގެ ހަމައެކަނި އަމާޒަކަށް ވާންޖެހޭނީ ވޯޓުލުމުގެ ހުރިހައި ނިޒާމެއްގެ އިންތިޒާމުތައް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއި މާހަރާކަމާ އެކު، ސައްޙަ ގޮތުގައި ކުރިއަށްގެންދިއުމެވެ. އެއީ ވޯޓުލާ މެޝިންތައް ރަނގަޅަށް މަސައްކަތްކުރާކަން ކަށަވަރުކުރުމާއި، ރަޖިސްޓްރޭޝަން ފޯމުތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި، އަދި އިންތިޚާބީ އޮފިޝަލުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމެވެ.

[އަޅުގަނޑުމެންގެ ވޯޓުލުމުގެ ނިޒާމު ބަލަހައްޓާ ފަރާތްތަކަކީ ވަކި ފިކުރަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރާ ބަޔަކަށް ވާން މަޖުބޫރުކުރުމަކީ، މެޗެއްގެ ރެފްރީއަކީ އެ މީހެއްގެ ޓީމުގެ ކުޅުންތެރިއެއްކަމަށް ހީކުރުން ފަދަ ކަމެކެވެ.] ޕްރޮފެސަރު ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ ހަގީގީ ބޭނުމަކީ ވޯޓުގެ ސަލާމަތްތެރިކަން ކަށަވަރުކުރުންކަމަށްވާ ނަމަ، ލޯކަލް އިންތިޚާބީ މުވައްޒަފުންނަށް އެހީތެރިވުމަށް ޚާއްސަކޮށްފައިވާ ހަމައެކަނި ފަދުރާލީ އިދާރާ ހުއްޓުމަކަށް ގެނައުމަކީ، އެ ކަން ސާބިތުކޮށްދިނުމަށް ކުރި ވަރަށް ހައިރާންކުރުވަނިވި (އާދަޔާ ޚިލާފު) ކަމެކެވެ. މިއަށް ވުރެ ބޮޑަށް ކަންބޮޑުވާންޖެހެނީ ގާނޫނީ މާހިރުން ދެއްވާ އިންޒާރުތަކަށެވެ. އެ ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި، މި ގޮތަށް އިދާރާގެ މަސައްކަތްތައް ހުއްޓުވުމަކީ މިއަށް ވުރެ ފުން ބާރުވެރިކަމެއް ހޯދުމަށް ޓަކައި ކުރާ ކަމެއްގެ ފެށުމެވެ. އެއީ ވެރިއެއް ނެތް އެ އިދާރާއަށް ފިއްތުންތައް ކުރިމަތިކޮށް، ކޮންގްރެސް މުޅީން އެއްފަރާތްކުރުމަށް ފަހު، ފަދުރާލީ ފެންވަރުގައި ވޯޓުލާ މީހުން ރަޖިސްޓަރީކުރުމުގެ ގަވާއިދުތައް އަލުން ލިޔާން ކުރާ މަސައްކަތެކެވެ.

އެންމެ ފަހުން މި ސިޔާސީ ޢަމަލަކީ ގާނޫނީ ގޮތުން ސައްހަ ކަމެއްކަމަށް ނުވަތަ ޣައިރުގާނޫނީ ކަމެއްކަމަށް ކޯޓުތަކުން ނިންމިކަމުގައިވީ ނަމަވެސް، ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލި، އެ ކަމުގެ ނުބައި އަސަރުތައް މިހާރު ވެސް ދަނީ އިތުރުވަމުންނެވެ. ރެފުރީން މަގާމުން ވަކިކޮށްގެން ކުޅިވަރުގެ ގަވާއިދުތައް އަލުން ލިޔަމުންދާ ނަމަ، ވޯޓުލާ މީހުންގެ ހިތުގައި މުޅި މި ނިޒާމުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެއެވެ. އިންތިޚާބުތަކުގެ ހަގީގީ ނަޒާހަތްތެރިކަން އުފަންވަނީ ވެރިކަން ހިންގާ ބާރުގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުންނެއް ނޫނެވެ. އޭގެ ބަދަލުގައި އެ ކަން ބިނާވެފައިވަނީ މިނިވަން، މަހަރާ، އަދި ދެ ފަރާތް ހިއްސާވާ މުއައްސަސާތަކެއްގެ މައްޗަށެވެ. އީ.އޭ.ސީ.ގެ މުޅި އިދާރިއްޔަތު މުޅީން ބަދަލުކޮށްލުމުން، އެމެރިކާ ސަރުކާރުން މި ވަނީ މުއައްސަސާގެ ހަމަޖެހުމުގެ ބަދަލުގައި ވަކި ޕާޓީއަކަށް ވަފާތެރިވުން އިޚުތިޔާރުކޮށްފައެވެ. މިއީ ދިވެހިރާއްޖެ ފަދަ ކުރި ގައުމުތަކަށް ޑިމޮކުރެސީ ދަސްކޮށްދޭ އެމެރިކާގެ ޑިމޮކުރެސީގެ ފެންވަރެވެ. ނަމަވެސް މި ވަރު ކަމެއް ނެތިގެން އަޅުގަނޑުމެންނާއި ދުނިޔޭގެ ގައުމުތަކުން މި ދުވަނީ މި ޚުދުމުޚުތާރު ބޭއިންސާފު އެމެރިކާގެ ފަހަތުންނެވެ. މިއީ އަޅުގަނޑުމެން ވިސްނާންޖެހޭ ކަންތައްތަކެއް ނޫންތޯއެވެ؟

 

ބައެއް ލަފުޒުގެ މާނަ:

ހަވާލަތު     ނ.     ކަނޑައެޅިފައިވާ ބާރުތަކަކާއެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ.  mandate

ކޯރަން       ނ.     ޖަލްސާއެއް ނުވަތަ ބައްދަލުވުމެއް ބޭއްވުން ޞައްޙަވުމަށް ޓަކައި ނުވަތަ ޖަލްސާއަކުން ނިންމާ ނިންމުމެއް ޞައްޙަވުމަށް ޓަކައި މީހުން ޙާޒިރުވެ ތިބޭން ޖެހޭ ކަމަށް ކަނޑައަޅައިފައިވާ އެންމެ މަދު އަދަދު.  quorum  

އެއްއުއިވުން   މ.     ކައުނީ ދެ ޖިސްމެއް ނުވަތަ ޖިސްމުތަކެއް ދައުރުކުރުމުގައި އެއް ރޮނގަކަށް ސީދާވުން. align

މާހަރާ      ނއ.    ސިއްރު ކުރުމެއް ނުވަތަ ފޮރުވުމެއް ނެތި ފެންނަ. transparent

މާހަރާކަން    ނއނ.  ސިއްރުކުރުމެއް ފޮރުވުމެއް ނެތި ފެންނަ ފެނުން. transparency

ފަދުރާލީ     ނއ.    ވަކިވަކި ދައުލަތްތަކެއްގެ މައްޗަށް ނުވަތަ ޕްރޮވިންސްތަކަކަށް ބައިކުރެވިފައިވާ އިއްތިޙާދެއްގެ މައްޗަށް އެކުލެވިގެން ހިންގާ ސަރުކާރުތަކުގައި މައި ސަރުކާރަށް ނިސްބަތްވާ. federal

ކޮމެންޓު