ad_banner
ކުރުވާހަކަ: އެ ދުވަސް

އަސްމާ އަބޫބަކުރު

19 ޖުލައި 2026

ދުނިޔެއަކީ މޫސުމީ ބަގީޗާއެކެވެ. މިއަދު ފޮޅޭ ރީތި މަލަކީ މާދަމާ މިލައިމޯޅިވެ، ފައިތިލަތަކުގެ ދަށުގައި ފިސްފިސްވެދާނެ އެއްޗެކެވެ. ތިމާގެ މުއްސަނދިކަމާއި ރީތިކަމަކީ އަބަދުގެ ނަސީބެއް ކަމަށް ހީކުރުމަކީ އަމިއްލަ ސިކުނޑިއަށް ދެވޭ ކެހިވެރި މަކަރެކެވެ.

ޝައިނީއާއި ޝާލީއަކީ މުޅި މާލޭގެވެސް ފެޝަންގެ ރާނީންނެވެ. މުއްސަނދި، ފުދިގެންއުޅޭ ޢާއިލާއެއްގެ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. ބަލައިލި ކޮންމެ މީހެއްގެ ހިތް އަތުލާނެ ފަދަ ހިތްގައިމު ސިފަތަކެއް ލިބިފައިވީ ނަމަވެސް، އެ ހަށިގަނޑުތަކުގެ އެތެރޭގައި ރާނައިފައިވަނީ ކިބުރުވެރިކަމާއި ބޮޑާކަމުގެ އުސް ފާރުތަކެކެވެ. މީހަކު ފެނުމާ އެކު ފައިން ފެށިގެން ބޮލަށް ބަލައިލާ ބަލައިލުމުން، ކުރިމަތީގައި ހުންނަ މީހާ ނިކަމެތިކޮށްލުމަކީ އެ ދެބެއިންގެ އާދައެކެވެ.

ރެސްޓޯރެންޓަކަށް ވަދެއްޖެ ނަމަ، އޯޑަރު ނަގާން އަންނަ ވެއިޓަރުގެ މޫނުމައްޗަށް މަލާމާތުގެ ހިނިތުންވުމެއް ރައްދުކުރުމަކީ ފުރަތަމަ ކަމެވެ. ކާއެއްޗެއް ލަސްވެއްޖެ ނަމަ، ނުވަތަ ޖޫސްތަށީގެ ފޮނިރަހަ ކުޑަކޮށް މަޑުވެއްޖެ ނަމަ ވެސް، މުޅި ތަނަށް އަޑުއިވޭނޭހެން އެ ނިކަމެތި ވެއިޓަރާ ދިމާއަށް ބަދުބަސްތައް އަމުނައިލާނެއެވެ. ނުވިތާކަށް ތަށިތައް މޭޒުމަތީން ބުރުވައިލައެވެ.

[މި ތަނަށް ކާން މިއަންނަނީ ކަލޭމެން ކަހަލަ ކަންނެތް މީހުންނަށް މުސާރަދޭން. ކާ އެއްޗެއް ރަނގަޅަށް ގެނެސްދޭން ނޭނގޭ މީހުން ކީއްކުރާން ކުރާ މަސައްކަތެއް މިއީ؟] މިއީ އެ މީހުންގެ ދުލުން ބޭރުވާ އާންމު ޖުމްލަތަކެވެ.

މަގުމަތީން ޓެކްސީއަކަށް އެރިޔަސް، ހަމަ އެ މަންޒަރެވެ. އޭސީގެ ފިނިމިން ކުޑަކޮށް ވަޑުވެއްޖެ ނަމަ ނުވަތަ މަގުމަތީގެ ޓްރެފިކް ބާރުބޮޑުވެގެން މަޑުކުރާންޖެހިއްޖެ ނަމަ، ޑްރައިވަރަށް އެއްޗެހިކިޔައި ފުރައްސާރަކުރާނެއެވެ. ތިމާގެ އަމިއްލަ ނަފުސަކީ އެހެން ހުރިހައި އިންސާނުންނަށް ވުރެ މަތީ ދަރަޖައެއްގެ ބަޔެއްކަމަށް ދުށުމުގެ ހަލާކުގެ ތެރޭގައި އެ ދެ ކުދީން ތިބީ ޣަރަޤުވެފައެވެ.

ޝައިނީގެ ހަޔާތަށް ހުމާމް އައީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ހުމާމަކީ މަޑުމައިތިރި، އަޚުލާޤު ރަނގަޅު، ބަސްމަދު ޒުވާނެކެވެ. ޝައިނީގެ ބޮޑާ ގޮތްގަނޑު ހުމާމަށް އެނގުނަސް، ލޯބީގެ ކަނުކަމުގައި އޭނާ ހީކުރީ ކައިވެންޏަށް ފަހު ޝައިނީ ބަދަލުވާނެކަމަށެވެ. އެ ދެ މީހުންގެ ކައިވެނީގެ ތާރީޚު ކައިރިވަމުން އައި ދުވަސްކޮޅެކެވެ. އުފަލާއި އަރާމުގެ ކުލަވަރުން ޝައިނީގެ މޫނު ވަނީ ދިއްލިފައެވެ.

އެއް ދުވަހެއްގެ ހަވީރެވެ. ޝައިނީ ނިންމީ ހުމާމަށް ސަޕްރައިޒެއް ދިނުމަށެވެ. އޭނާ ދިޔައީ ހުމާމް އެކަނި ދިރިއުޅޭ އެޕާޓްމަންޓަށެވެ. ހުމާމް އޮފީހުން އަންނާނެ ވަގުތަށް ބަލައި، ޝައިނީ އަތުގައި އޮތް އިތުރު ތަޅުދަނޑިން ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަނެވެ.

ނަމަވެސް، ގޭގެ ސިޓިންގރޫމަށް ވަތް ޝައިނީއަށް ފެނުނީ ހީނުކުރާ ފަދަ މަންޒަރެކެވެ. ބަދިގޭ ފަރާތުން ނުކުމެގެން އައީ އުމުރުން ދުވަސްވީ، އާދައިގެ ހެދުމެއްގައި ހުރި އަންހެނެކެވެ. އޭނާގެ އަތުގައި ކޮޓަރީން ނެރުނު ކުނިކޮތަޅެއް އޮތެވެ.

ޝައިނީގެ ހިތަށް ވަގުތުން ވެރިވީ ކިބުރުވެރިކަމުގެ ޝައިޠާނީ ވިސްނުމެވެ. ހުމާމަކީ އެކަނި އުޅޭ މީހަކަށްވެފައި، އެ ގޭގައި އެފަދަ ސިފައެއްގައި ހުރި އަންހެނަކު ފެނުމުން އޭނާއަށް ޔަގީންވީ އެއީ ގޭގެ މަސައްކަތްކުރާން ގެންގުޅޭ މީހެއް ނުވަތަ ނޯކަރެއް ކަމަށެވެ.

"ކަލޭ ތިޔައީ ކާކު؟ ކީއްކުރާން މި ގޭގެ ތެރޭގައި ތިޔަ އުޅެނީ؟" ޝައިނީގެ އަޑުގައި ހުރީ އަމުރުވެރި އަދި ފޫހިކަމުގެ ރާގެކެވެ.

އެ އަންހެންމީހާ ސިހިފައި ޝައިނީއަށް ބަލައިލިއެވެ. "އަހަރެން މިއީ..." އޭނާ ވާހަކަދައްކަން އުޅުނެވެ.

[ހުއްޓާލާ! ކަލޭގެ ތިޔަ ހަޑި ހަށިގަނޑާއި ހަޑި ހެދުމާ އެކު މި ސޯފާތަކުގައި އަތްނުލާތި. ހުމާމް ކަލޭ މިތަނަށް ގެނައީ ކީއްކުރާން؟ ކުނިކޮތަޅު ހިފައިގެން މި ތަނުން ނުކުމޭ! މިއީ މަގުމަތީން ފެންނަ ކޮންމެ މީހަކު ވަދެ އުޅޭ ތަނެއް ނޫން.] ޝައިނީގެ ދުލުން ހޫނު އަލިފާނުގެ އުންޑަތަކެއް ފަދައިން ބަސްތައް އަމުނާލިއެވެ.

އެ އުމުރުން ދުވަސްވީ އަންހެންމީހާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ އިސްދަށަށް ޖަހައިލައިގެން މަޑުމަޑުން ހުއްޓެވެ. ޝައިނީގެ ހިތަކަށް އެއްވެސް ރަޙުމެއް ނުވަނެވެ. އޭނާ ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ.

[ކަލެއަށް އަޑެއް ނީވޭތަ؟ ނިކުމޭ މިގެއިން! މާދަމާ އަހަރެން މިގެއަށް އަންނާނީ ކަލޭ ކަހަލަ ނިކަމެތިން މިތަނުން ބޭރުކޮށްފައި.] ޝައިނީގެ ބޮޑާކަމާއި ނަފުރަތުގެ އަލިފާން އެކުލެވޭ ރާގުން އެ އަންހެންމީހާ ވިރުވައިލި ކަހަލައެވެ. އޭނާހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ މި ތަނަށް އައީ ދަރިފުޅުގެ ކައިވެނިކުރެވޭތީއެވެ. ހުމާމަށް ޓަކައެވެ. މިއަދު ހުމާމުގެ ބައްޕަ ހުރި ނަމަ އަންނާނީ ދެ މީހުން އެކުގައެވެ.

އިންސާނާގެ ދުލަކީ ކަނޑިއަކަށް ވުރެ ތޫނު އެއްޗެކެވެ. އެއިން ޖަހާ އެތިފަހަރުން ހިތްތައް ފިސްފިސްވެ، ގުޅުންތައް އަޅިއަށްވެގެންދެއެވެ. ޚާއްޞަކޮށް ލޯބީގެ ބިންގަލަކީ އިޙުތިރާމްކަމަށްވާއިރު، އެ އިޙުތިރާމް ކެނޑޭ ހިސާބުން ލޯބީގެ ގަނޑުވަރު ބިމާހަމަވެއެވެ. އެއީ ދުނިޔޭގެ އާދައެވެ.

އެވަގުތަކީ ގޭގެ މައިދޮރު ހުޅުވައިލައިފައި ހުމާމް އެތެރެއަށް ވަން ވަގުތެވެ. ހުމާމަށް ފުރަތަމަ ވެސް އިވުނީ ޝައިނީގެ ހަޅޭކުގެ އަޑެވެ. އޭނާ ބާރަށް ހިނގައިލައިފައި ސިޓިންގރޫމަށް ވަން އިރު، ޝައިނީ ހުރީ އޭނާގެ މަންމައާ ދިމާއަށް އިނގިލި ދިއްކޮށްގެން، ހަޑިހުތުރު އެއްޗެހިގޮވާށެވެ. މަންމަ ހުރީ ރޮވިފައެވެ. އެ މަޑުމައިތިރި ސާދާ މަންމަގެ ހިތާމަވެރި މޫނު ފެނިގފައި ހުމާމަށް ވީގޮތެއް ވެސް ނޭނގެއެވެ. ހުމާމްގެ މުޅި ހަށިގަނޑުގައި ލޭކެކިގަތެވެ. އޭނާގެ ދެލޯ ރަތްވިއެވެ.

[ޝައިނީ!] ހުމާމްގެ ބާރު އަޑާ އެކު މުޅި އެޕާޓްމަންޓް ގުގުމައިގެން ދިޔައެވެ.

ޝައިނީ ސިހިފައި ފަސްއެނބުރި ބަލައިލިއެވެ. [ހުމާމް! ބަލާބަލަ މި ނޯކަރު މީހާ އުޅޭ ގޮތް. އަހަރެން ފެނުނީމާ ވެސް އިޙްތިރާމެއް ނުކުރި. ކޮޓަރިތަކަށް ވެސް މީނާ ވަދެގެން އެއްޗެހި ނެރެނީ.]

[ހުއްޓާލާ!] ހުމާމް ދުވެފައި ގޮސް އޭނާގެ މަންމަގެ ކޮނޑުގައި ހިފަހައްޓާލިއެވެ. [މިއީ ނޯކަރެއް ނޫން. މިއީ އަހަރެން މި ދުނިޔެއަށް އުފަންކުރި، އަހަރެންގެ މަންމަ!]

ޝައިނީގެ ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. އޭނާގެ ދޫ ބަންދުވިއެވެ. މޫނުގެ ކުލަވަރު ފާޑަކަށް ހުދުވެގެން ދިޔައެވެ.

[މަން... މަންމަ؟] ޝައިނީއަށް ބުނެވުނީ އެ ވަރަށެވެ.

ހުމާމްގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. އެއީ ދެރަވެގެން އައި ކަރުނައެއް ނޫނެވެ. އެއީ އިންތިހާ އަށް އައިރުޅީގެ ސަބަބުން އައި ކަރުނައެކެވެ.

[އާނ! މިއީ އަހަރެންގެ މަންމަ. ރަށުގައި އުޅެފައި އަހަރެންގެ ކައިވެންޏަށް މާލެ އައީ. މަންމަ އަކީ އަހަރެންގެ ހުރި ހަމައެކަނި މީހަކީ. ޝައިނީ! ކަލޭގެ ރީތިކަމާއި މުއްސަނދިކަމުގެ ފުރަގަހުގައި ތިޔަ ފަދަ ކިބުރުވެރި، ރަޙުމެއްނެތް ހިތެއް އޮތްކަމެއް އަހަންނަކަށް ނޭނގުނު.]

[ހުމާމް... އަހަންނަށް ނޭނގިގެން...] ޝައިނީ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

[ދުރުގައި ހުރޭ!] ހުމާމް އަތުގެ އިޝާރާތުން ޝައިނީ ހުއްޓުވިއެވެ.

 [މިއަދު އަހަންނަށް އެނގިއްޖެ ކަލޭމެން ދެ މީހުން ރެސްޓޯރެންޓްތަކުގެ ވެއިޓަރުންނަށާއި ޓެކްސީ ޑްރައިވަރުންނަށް ކުރާ ފުރައްސާރަ. އަހަރެން ހީކުރީ އެއީ ކުށްހީއެއް ކަމަށް. އެކަމަކު މިއަދު ޝައިނީ ތިޔަ ސާބިތުކޮށްދިނީ ތިޔަ ހިތުގައި އިންސާނިއްޔަތުކަމުގެ މިންވަރެއް ވެސް ނެތްކަން. ތިމާގެ މަންމައަށް އިޙްތިރާމް ނުކުރެވޭ އަންހެނަކަށް، ފިރިއަކަށް ނުވަތަ އެހެން އިންސާނަކަށް ދެވޭނެ އެއްވެސް ލޯތްބެއް ނޯންނާނެ.]

[ރެސްޓޯރަންޓަށް ގޮސް ވެއިޓަރުންގެ މޫނުމައްޗަށް ތަށިތައް ބުރުވައިލާ އިރު، އެ މީހުންނަށް ލިބުނު ގެއްލުން ތިޔަ ދެ މީހުންގެ ހިތަކަށް ނާރައިތަ؟ ޓެކްސީ ޑްރައިވަރުންނަށް އެއްޗެހިކިޔައިފައި ފައިބާއިރު ކިތައް ދުވަހު ފައިސާ ނުދީ ދަތުރުކުރިންތަ؟ ތިޔަ ގޭގައި އުޅޭ ނޯކަރަކީ އިންސާނެއް ނޫންތަ؟ ކަލޭމެންގެ ހިތުގައި އިންސާނިއްޔަތުކަން ކޮބާ؟]

ހުމާމް ބާރަށް ނޭވާއެއްލިއެވެ. އޭނާގެ ނިންމުން ވަނީ މޫނުމަތީން ފާޅުވެފައެވެ. ހުމާމު ބޭނުންވަނީ މި ވަގުތު އެންމެ ފަހުގެ ނިންމުން ނިންމާށެވެ.

[ޝައިނީ! އަހަރެމެންގެ ދެމެދުގައި އޮތް ހުރިހައި ގުޅުމެއް މިއަދުން ފެށިގެން ނިމުނީ. ކައިވެނި ކެންސަލްވެއްޖެ. ކަލޭގެ ތިޔަ ކިބުރުވެރި ދުނިޔެއަށް އެނބުރިދޭ. އަހަރެން ބޭނުމެއް ނޫން ކަލޭ ކަހަލަ އަންހެނަކު އަހަރެންގެ ހަޔާތަކަށް ގެންނާކަށް. އަހަރެންގެ މަންމައަށް އިޙުތިރާމާއި ގަދަރުނުކުރި މީހަކަށް އަހަރެންގެ ކުރިމަތީގައި އަގެއް ނޯންނާނެ.]

ޝައިނީއަށް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ބޮޑު ސިހުމެކެވެ. މުޅި ދުނިޔެ އެނބުރެމުންދާހެން އޭނާއަށް ހީވިއެވެ. ކައިވެނީގެ ހެދުންފެހިއްޖެއެވެ. ޕާޓީގެ އިންތިޒާމުތައް ހުރީ ދުރާލައި ނިމިފައެވެ. އޭނާގެ އަމިއްލަ ދުލުގެ ސަބަބުން މުޅި ހަޔާތް ބަނަވެގެން ދިޔައީއެވެ. ލޯބިވާ ހުމާމް އޭނާގެ ހަޔާތުން ދާއިމީކޮށް ވަކިވީއެވެ. އޭނާ ދައްކާ އެއްވެސް ވާހަކައެއް ހުމާމު އަޑުއަހާކަށް ބޭނުމެއް ނުވިއެވެ.

އޭނާ ދުވަމުން ކަހަލަ ގޮތަކަށް އެޕާޓްމަންޓުން ނުކުމެގެން ސިޑިން ފޭބިއެވެ. ކަރުނައިން ދެލޯ ފުރިފައިވީއިރު، ހިތްވަނީ ކުދިކުދިވެފައެވެ. ގެއަށް ގޮސް ޝާލީގެ ކުރިމަތީގައި އިށީނދެ ރޮއިގަތެވެ.

ކިބުރުވެރިކަމަކީ ހުރިހާ ނިޢުމަތެއް އަންދައިލާ އަލިފާނެކެވެ. ތިމާ އެހެން މީހުންނާ ދިމާއަށް އެއްޗެހިގޮވާ އިރު، އަމިއްލަ ނަފްސު ދަނީ ބާޒާރުމަތީގައި ގަދަރެއް ނެތް އެއްޗަކަށް ވަމުންނެވެ.

މިއަދު ޝައިނީ އާއި ޝާލީއަށް ވިސްނުނެވެ. މުއްސަނދިކަމާއި ފެޝަނަކީ އިންސާނާގެ އަގު ވަޒަންކުރާ މިންގަނޑެއް ނޫނެވެ. އިންސާނާގެ އަގަކީ އޭނާގެ ހިތުގެ ސާފުކަމާއި، އެހެން މީހުންނަށް ކުރާ އިޙްތިރާމެވެ. ނަމަވެސް، އެ ވިސްނުން އައިއިރު، ޝައިނީގެ ދިރިއުޅުމުގެ އެންމެ ބޮޑު އުފާ ވަނީ އޭނާގެ އަތުން ބީވެގެން ގޮސްފައެވެ.

ޝާލިނީގެ ޙަޔާތް އެކަނިވެރި ވެއްޖެއެވެ. ހުމާމްގެ ފޯނަށް ގުޅައިގުޅައި އެ ފޯނެއް ނުނެގިއެވެ. މިހާރު އޮންނަނީ އެ ނަންބަރު ނިއްވައިލައިފައެވެ. ޝައިނީގެ ހިތަށް ގެނެވުނީ މީގެ ކުރީން ވެއިޓަރަށް އެއްޗެހި ގޮވި މަންޒަރެވެ. ޓެކްސީ ޑްރައިވަރުންނަށްކުރި ޖެއްސުމެވެ. މިއަދު ޝައިނީއަށް މި އޮތީ އެކަމުގެ ސަޒާ ލިބިފައެވެ. ޝައިނީ ނުކައި ނުބޮއި ކޮޓަރީގައި އޮންނާތީ ޝާލީ ގޮސް އެ ވާހަކަ މަންމައާއި ބައްޕަގާތުގައި ބުނެފިއެވެ.

ޝައިނީގެ މަންމައާއި ބައްޕަ ޝައިނީއާ ވާހަކަދެއްކުމުން ރޮއިރޮއިފައި އެ މީހުން އުޅުނު ގޮތުގެ ވާހަކަ ކިޔައިދިނެވެ. އެކަމާ ޝައިނީގެ މަންމަ ވަރަށް ދެރަވެއްޖެއެވެ. ހުމާމު ހޯދާން ކުރި މަސައްކަތުން އެ ދުވަސްކޮޅު ހުމާމެއް ވެސް ނުފެނެއެވެ. އެޕާޓްމަންޓް ހުންނަނީ ތަޅުލައިފައެވެ. އެންމެފަހުން ހުމާމު ހޯދުން އެ މީހުން ހުއްޓައިލިއެވެ.

ހުމާމު ދުވަސްކޮޅަކަށް ދިޔައީ މަންމަ ގޮވައިގެން އެމީހުންގެ ރަށަށެވެ. ރަށުގައި ދުވަސްކޮޅަކު އުޅުމަށް ފަހު ރަށުން ކުއްޖަކާ ކައިވެނިކުރިއެވެ. މަންމަ ކިޔާވަރުންނެވެ. މަންމަ ދެއްކި އަންހެން ކުއްޖާއާ އެކު ކުރި ކައިވެނި އެއީ ރަނގަޅު ދިރިއުޅުމެއްގެ ފެށުމެކެވެ.

މާލެ ދިޔައީ އޭގެ އެއް މަސްދުވަސް ފަހުންނެވެ. އެއް ދުވަހަކު ހުމާމަށް ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. އެންމެ ގިނައިދާ ރެއސްޓޯރެންޓުގެ ވެއިޓަރާ އެކު ޝައިނީ ހިނގައިފައިދާ މަންޒަރު ފެނުމުން ހުމާމު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝައިނީއަށް ވެސް ހުމާމު ފެނިއްޖެއެވެ.

"ހުމާމް. އަހަރެން މިއީ އާޠިފްގެ އަންހެނުން." ރެސްޓޯރެންޓަށް ދާން ފެށީއްސުރެ އާޠިފަށް ޝައިނީއާ ދިމާއަށް ޚާއްސަ ނަޒަރަކުން ބެލެއެވެ. ކިތަންމެ އެއްޗެހި ކިޔަސް އޭނާގެ ހިތުގައި ޝައިނީއަށް އޮތް ލޯބިވީ އިތުރެވެ. އެންމެ ފަހުން ޝައިނީ އެކަނި އައި ދުވަހެއްގައި އާޠިފް ޝައިނީއަށް ލޯބި ހުށަހެޅިއެވެ. ޝައިނީ ގަބޫލުކުރީ ކޮންމެ މަސައްކަތެއްކުރާ މީހަކީ ވެސް ވަކި ދެރަ މީހެއް ނޫންކަމުގައި ހުމާމު އެ ދުވަހު ރުޅިއައިސް ގޮވި އެއްޗެހީގެ ސަބަބުންނެވެ. މިއަދު ޝައިނީއަށް އިންސާނިއްޔަތުކަން ދަސްވެއްޖެއެވެ. (ނިމުނީ)

ކޮމެންޓު