އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
20 ޖުލައި 2026
ކޮންމެ ބަހެއްގައި ވެސް އެ ބަހަކުން ވާހަކަދައްކާ ތަފާތު ސަރަހައްދުގައި ތަފާތު ބަހުރުވަތައް ހުންނާނެއެވެ. ބަހުރުވަތަކަކީ ބަހެއްގެ އެންމެ މުހިންމު ބައިތައް ވެސް މެއެވެ. މިއީ ވަކި ބަހަކަށް ޚާއްޞަ ކަމެއް ނޫނެވެ. މަޝްހޫރު ޢަރަބިބަހާއި އިނގިރޭސިބަހުގައި ވެސް ތަފާތު ބަހުރުވަތައް ހުރެއެވެ. ހަގީގަތުގައި ކޮންމެ ބަހެއްގެ ވެސް އަސްލަކީ ބަހުރުވަތަކެވެ. އެހެންކަމުން އެ ބަހުރުވަތައް ޙިމާޔަތްކުރުމަށް ޓަކައި އެ ބަހުރުވައެއްގެ އަހުލުވެރީން އެ މީހުންގެ މެދުގައި އެ ބަހުރުވައިން މުޢަމަލާތުކުރުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. އެހެންނަމަވެސް އެ ބަހަކުން ވާހަކަދައްކައި މުޢާމަލާތުކުރުމުގެ ފަސޭހައަށް ޓަކައި ކޮންމެ ބަހެއްގައި ވެސް ރަސްމީ ކަންކަމުގައި ބޭނުންކުރާ މީޔާރު ބަހުރުވައެއް އޮވެއެވެ. މީޔާރު ބަހުރުވައަށް ރަސްމީ ބަހުރުވައޭ ވެސް ކިޔައިފާނެއެވެ.
ދިވެހިބަހަށް ބަލާ އިރު، އާންމު ގޮތެއްގައި މާލޭ ސަރަހައްދުގައި މުޢާމަލާތުކޮށް ހަދަނީ މީޔާރުބަހުރުވައިންކަމަށް ބެލިދާނެއެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން ވެސް މާލޭގެ ހަތަރު އަވަށުގައި ވެސް ބަހުރުވަ ތަފާތެވެ. އެހެންކަމުން މީޔާރު ބަހުރުވައަކީ މާލޭ މީހުންގެ ބަހުރުވައެއް ނޫނެވެ. އެއީ ރާއްޖޭގެ އެންމެންގެ މީޔާރު ބަހުރުވައެވެ. މިއީ ބައެއް މީހުންނަށް އޮޅިފައި އޮންނަ ކަމެކެވެ. ދިވެހިބަހުގެ މީޔާރު ބަހުރުވައަކީ މަލިކުން ފެށިގެން އައްޑޫގެ ނިޔަލަށް އެންމެންނަށް ނިސްބަތްވާ ބަހުރުވައެކެވެ. އެންމެންގެ ބަހުރުވައެކެވެ. އާންމު މުޢާމަލާތުތަކުގައްޔާއި ރަސްމީ ކަންކަމުގައި އެންމެންގެ ފަސޭހައަށް ޓަކައި ބޭނުންކުރާ [ރަސްމީ] ބަހުރުވައެވެ. އެއީ ވަކި ރަށަކަށް، ވަކި އަތޮޅަކަށް، އަދި މާލެއަކަށް ވެސް ޚާއްޞަ ބަހުރުވައެއް ނޫނެވެ. މާލެއާއި މާލެއާ ކައިރި ރަށްރަށުގެ އަހުލުވެރީން ވާހަކަދައްކައި އުޅޭ ބަހުރުވައާއި މީޔާރު ބަހުރުވައާ ކިތަންމެ ކައިރި ނަމަވެސް މީޔާރު ބަހުރުވައަކީ ވަކި ސަރަހައްދެއްގެ ބަޔަކަށް ޚާއްޞަ ބަހުރުވައެއް ނޫނެވެ.
މީޔާރު ބަހުރުވައަކީ، ގާނޫނުތަކާއި ގަވާއިދުތައް ލިޔެފައި ހުންނަ ބަހުރުވައެވެ. އަދަބީ އުފެއްދުންތައް ހުންނަ ބަހުރުވައެވެ. ގަވާއިދުތައް ލިޔެފައި ހުންނަ ބަހުރުވައެވެ. ހުކުރު ޚުޠުބާ އިއްވަނީ އެ ބަހުރުވައިންނެވެ. އެކި ފޮތްތައް ލިޔެފައި ހުންނަނީ އެ ބަހުރުވައިންނެވެ. މިއީ ހަމައެކަނި ދިވެހިބަހަށް ޚާއްޞަކަމެއް ނޫނެވެ. މިސާލަކަށް، އެންމެ ބަހުރުވަ ގިނަ އެއް ބަހަކަށް ޢަރަބިބަސް ވާނެއެވެ. ނަމަވެސް އެއްވެސް ޢިލްމީ، އަދި އަދަބީ ލިޔުމެއް މީޔާރު ބަހުރުވައިން ނޫނީ ލިޔެފައެއް ނުހުރެއެވެ. ރަސްމީ މުޢާމަލާތުގައި އެހެން ބަހުރުވައެއް ބޭނުމެއް ނުކުރެއެވެ. އެއީ އެންމެންގެ ފަސޭހައަށް ޓަކައެވެ. ސުޢޫދީ ޢަރަބިއްޔާގައި އާންމުން ވާހަކަދައްކާ ބަހުރުވައާއި މިޞްރުގައި އާންމުން ވާހަކަދައްކާ ބަހުރުވަ ވަރަށް ތަފާތުވާނެއެވެ. އަދި ޔަމަނާއި ޤަޠަރާއި އެހެން ޢަރަބި ޤައުމުތަކުގައި ވެސް ޢާންމު ބަހުރުވަ ތަފާތުވާނެއެވެ. ހައްތާ ވެސް ޢަރަބިބަހެވެ. ނަމަވެސް ހުރިހައި ގައުމެއްގައި ވެސް ރަސްމީ ކަންކަމުގައި ބޭނުންކުރާނީ ޢަރަބި ބަހުގެ މީޔާރު ބަހުރުވައެވެ. އެއީ އެންމެންގެ ލާބައާއި މަންފާއަށް ޓަކައެވެ. މުއާޞަލާތުގެ ފަސޭހައަށް ޓަކައެވެ.
އާދޭހެވެ! އާންމު މުޢާމަލާތުތަކަށް ނުވަތަ ރަސްމީ މުއާޞަލާތުގައި މީޔާރު ބަހުރުވަ ބޭނުންކުރަނީ ތަކުރާރުކޮށް މި ދަންނަވާ ފަދައިން އެންމެންގެ ފައިދާއާއި ފަސޭހައަށް ޓަކައެވެ. ހުރިހައި ބަހުރުވައެއް، އެ ބަހަކުން ވާހަކަދައްކާ އެންމެންނަށް ނޭނގުނު ނަމަވެސް މީޔާރު ބަހުރުވަ އެންމެންނަށް ވެސް އެނގޭނެއެވެ. އެހެންކަމުން ޤާނޫނަކުން މަޖުބޫރުކޮށްފައި ނެތަސް ރަސްމީ ކަންކަމުގައި މީޔާރު ބަހުރުވަ ބޭނުންކުރުމަކީ ހުރިހައި ގައުމެއްގައި ވެސް އިޖުތިމާޢީ ގިޔަމެކެވެ. އެންމެން ގަބޫލުކުރާ އުރުފެކެވެ. އެހެނީ މުޢާމަލާތުކުރުމުގެ ބޭނުމަކީ ތިމާ ބޭނުންވާ އެއްޗެއް އަނެކަކަށް އަންގައިދީ އަނެކާ ބުނާ އެއްޗެއް ތިމާ ފަހުމުކޮށް ދެނެގަތުމެވެ. އެއީ [ގޭމު] ގުޅޭހެން ނުވަތަ [އަރަތް] ބޭނުންކުރާހެން ކުޅޭ ކުޅިވަރެއް ނޫނެވެ.
ނަމަވެސް މި ފަހަކަށް އައިސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ ތަފާތު ބަހުރުވަތަކުން މުޢާމަލާތުކުރެވޭ އަޑު އެބަ އިވެއެވެ. މިއީ އެ ފަދަ މުއައްސަސާތަކުގެ ޤަދަރާއި އިޙުތިރާމަށް ވަރަށް ބޮޑަށް އުނިކަން އަންނާނެ ކަމެކެވެ. އެހެނީ އެކި ބަހުރުވަތަކުން އެ ފަދަ މުއައްސަސާތަކުގައި މުޢާމަލާތުކުރާ ނަމަ، މުޅި ރާއްޖޭގެ ހުރިހައި ރައްޔިތުންނަކަށް ފަހުމެއް ނުވާނެއެވެ. އަދި ބައެއް އަތޮޅުތަކުގެ ބަހުރުވަ ގިނަ ރައްޔިތުންނަށް މޭރުމެއް ވެސް ނުވާނެއެވެ. އެހެންކަމުން މިއީ މި ދެންނެވި ފަދަ ރައްޔިތުންނަށް ކުރެވޭ އިހާނާތެކެވެ. އަދި އެ ބަހުރުވަތަކަށް ވެސް ކުރެވޭ ޤަދަރުކުޑަކޮށްލުމެކެވެ.
ބައެއް މެންބަރުންނަށް ހީފުޅުވެފައި އޮންނަނީ އަދި ގިނަ އާންމުންނަށް ހީވެފައި އޮންނަނީ، އެކި ދާއިރާތަކުން މެންބަރުން އިންތިޚާބުކުރަނީ ހަމަ އެކަނި އެ ދާއިރާއަށް ޓަކައި މަސައްކަތްކުރައްވާންކަމަށެވެ. މިއީ އޮޅުމެކެވެ. އެހެނީ ޤާނޫނުއަސާސީގެ 75ވަނަ މާއްދާގައި އޮންނަނީ، [ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞަލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއްނުވާނެއެވެ. އަދި އެބައިމީހުން އެބައިމީހުން އިންތިޚާބުވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ.] މި ފަދައިންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ތަފާތު ދާއިރާތަކުން މެންބަރުން ޝާމިލުކުރަނީ، ގައުމީ ކަންކަން ނިންމާ އިރު، ރާއްޖޭގެ ހުރިހައި ކަންކޮޅަކުން ވެސް ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު ހިއްސާކޮށް އެ ރައްޔިތުންގެ ބައިވެރިވުން ތަމްސީލުކުރުމަށް ޓަކައެވެ. ކޮންމެ ދާއިރާއަކުން އިންތިޚާބުވެފައި ހުންނެވި މެންބަރެއް ނަމަވެސް އެއީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. ވީމާ، ކޮންމެ މެންބަރަކު ވެސް އަދި މަޖިލީހުގައި އާންމު ރައްޔިތުންނަށް ޖަވާބުދާރިވެވަޑައިގަންނަވާ ވަޒީރުން ވެސް މި ނުކުތާއަށް ސަމާލުކަންދެއްވާންވާނެއެވެ. މަޖިލީހުގައި މެންބަރުންނާއި ވަޒީރުން ދައްކަވާ ވާހަކަފުޅަކީ މުޅި ރާއްޖޭގެ ރައްޔިތުން ވަރަށް ސީރިއަސްކޮށް އަޑުއަހައި ވިސްނާނެ ވާހަކަފުޅެކެވެ. ވީމާ، ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ނޭނގޭ ނުވަތަ ފަހުމުކޮށްގަންނާން އުނދަގޫ ބަހުރުވައަކުން ވާހަކަފުޅުދެއްކެވުމަކީ އެ ކަމުގެ ސީރިއަސްކަން ކުޑަވާ ކަމެކެވެ. އަދި ރައްޔިތުންނަށް ކުރެވޭ ޖެއްސުމެކެވެ.
ކަން މިހެން އޮތް އިރު، ރައްޔިތުންގެ މަޖިލީހުގައި އާންމުންނަށް ނޭނގޭ ތަފާތު ބަހުރުވަތަކުން މުޢާމަލާތުކުރުމަކީ ޤާނޫނުއަސާސީގެ 75ވަނަ މާއްދާއާ ޚިލާފުވުންކަމަށް މާނަކުރެވިދާނެއެވެ. ސަބަބަކީ އެއީ ވަކި މަޞްލަޙަތެއް ކުރިއަރުވާން ކުރެވޭ މަސައްކަތެއްކަމުގައި ބެލެވިދާނެތީއެވެ. އަދި ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ނޭނގޭ ބަހުރުވައަކުން މުޢާމަލާތުކުރުމަކީ މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ މަންފާއަށް ރިޢާޔަތްނުކުރުންކަމަށް މާނަކުރެވިދާނެތީއެވެ.
މި ބާވަތުގެ ނޭދެވޭ ކަންކަން މި ހިނގަނީ ޒަމާނުއްސުރެ މީހުންގެ ސިކުނޑީގައި ހަރުލައިފައި އޮންނަ ނުރަނގަޅު ވިސްނުމެއްގެ ސަބަބުންނެވެ. އެއީ ރަސްމީ މުޢާމަލާތުތައް މި ކުރެވެނީ [މާލޭ މީހުން ވާހަކަދައްކާ ބަހުރުވަ]އިންކަމަށް ގަބޫލުކުރެވިފައި އޮންނަ ކުށް ގަބޫލުކުރުމުގެ ސަބަބުންނެވެ. ނޫނެވެ. ނޫނެކެވެ. ރަސްމީ މުޢާމަލާތުގައި ބޭނުންކުރެވޭ [މީޔާރު ބަހުރުވަ]އަކީ ވަކި ސަރަހައްދަކަށް ޚާއްޞަ ބަހުރުވައެއް ނޫނެވެ. މާލެއާއި މާލެއާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން މޮށެ އުޅޭ ބަހުރުވަތަކާއި މީޔާރު ބަހުރުވައާ ގާތްކަމެއް ހުރުމަކީ މީޔާރު ބަހުރުވައިގެ ހައްގު އެ މީހުންނަށް އެކަނި ލިބުމެއް ނޫނެވެ. އެއީ އެންމެންގެ ބަހުރުވައެވެ. ރާއްޖޭގެ އެންމެން ރަސްމީ ކަންކަމުގައްޔާއި ޢިލްމީ ކަންކަމުގައި ބޭނުންކުރާ މީޔާރު ބަހުރުވައެވެ. އެ ބަހުރުވައިގެ ހައްގު ރާއްޖޭގެ ހަމަ ކޮންމެ ރައްޔިތަކަށް ވެސް ހަމަ އެއް ވަރަކަށް ލިބިގެންވެއެވެ.
ވީމާ، ރަސްމީ މަޖިލީސްތަކުގައްޔާއި ރަސްމީ މުޢާމަލާތުތަކުގައި މީޔާރު ބަހުރުވަ ދޫކޮށް ތަފާތު ސަރަހައްދުތަކުގެ ބަހުރުވަ ބޭނުންކުރުމަކީ ރައްޔިތުންނަށް ކުރެވޭ އިހާނާތެއްކަމަށް ނޫނީ ނުވާނެއެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75ވަނަ މާއްދާގެ ރޫޙާ ވެސް ޚިލާފު ކަމެކެވެ. މި ކަން އިސްލާޙުކުރުމަށް ޓަކައި އަޅުގަނޑުމެން ވެސް އެންމެ ކަމެއް ގަބޫލުކުރާން އެބަ ޖެހެއެވެ. ކޮންމެ ބަހެއްގައި ވެސް ރަސްމީ ކަންކަމުގައި ބޭނުންކުރާ މީޔާރު ބަހުރުވައަކީ ވަކި ސަރަހައްދަކަށް ޚާއްޞަވެފައިނުވާ، އަދި އެންމެންނަށް އެއްވަރަކަށް ހައްގު ލިބިގެންވާ އެންމެންގެ ބަހުރުވައެއްކަމަށް ގަބޫލުކުރުމެވެ. އޭރުން، ރަސްމީ މަޖިލީސްތަކާއި ރަސްމީ މުޢާމަލާތްތަކުގައި އެކި ސަރަހައްދުގެ ބަހުރުވަތައް ބޭނުންކޮށްގެން އެ ތަންތާންގެ ހައިބަތަށް އުނިކަން އަންނަ ގޮތަށް ކުރެވޭ [ސަމާސާ] ކަންކަން ހުއްޓިދާނެއެވެ. ވީމާ، ރަސްމީ ޙައްިސިއްޔަތުން މުޢާމަލާތުކުރައްވާ އިރު، މި ނުކުތާއަށް ސަމާލުކަންދެއްވުން އެދި ހުރިހައި ބޭފުޅުންގެ އަރިހުގައި ވަރަށް އަދަބުވެރިކަމާ އެކު، އިލްތިމާސްކުރަމެވެ. (ފޮޓޯ: ސިނާރު ބޭނުންކޮށްގެން އުފައްދައިފައިވާ ޚިޔާލީ ކުރެހުމެއް)
ބައެއް ލަފުޒުގެ މާނަ:
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values
މީޔާރު ނއ. އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. standard
މީޔާރު ނ. (1) އާންމު ހަމަ. (2) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (3) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް. standard
އިހާނާތް ނ. (1) ކަމޭނުހިތާ ނުހިތުން. (2) އިޙްތިރާމު ނުކުރާ ނުކުރުން. (3) ރަހުމުކުޑަ ނުވަތަ އަނިޔާވެރި އަމަލު.
އުރުފު ނ. މުޖުތަމަޢެއްގައި އެ ބަޔެއްގެ ސުލޫކާއި މުޢާމަލާތުތަކުގައި ރަނގަޅުކަމަށް ޒަމާންތަކެއް ވަންދެން ބަލައިގެންފައިވާ ކަންތައްތަކާއި އާދަތައް. އެހެނަސް ކޮންމެ އާދައަކީ އުރުފެއް ނޫނެވެ. norms