ކެޕްޓަން މުޙަންމަދު ޝަރީފު، ހ. އެލިއަތުވިލާ
16 ޖުލައި 2026
ގިނިހިލައިގެ ވާރޭ ނުވަތަ މީޓިއޯޝަވާރސްއަކީ ފަހަރެއްގައި ވެސް ތަރިތަކުން ނުވަތަ ގިނިހިލަތައް ދުނިޔޭގެ ޞަތަޙައަށް ވަދެ ފުނޑުފުނޑުވެގެން ފާއިބާ އެއްޗެއް ނޫން އިނގޭތޯއެވެ!
ރަސޫލު ﷲ rގެ ޙަޔާތްޕުގައި ވެސް ގިނިހިލާއިގެ ވާރޭ އައިސްފައިވާކަން ލިޔެކިއުންތަކުން އަޅުގަނޑުމެން ސާބިތުވާން އެބަ ހުއްޓެވެ. ހަމަ މި ޙާލަތުގައި އަޅުގަނޑުމެން މުސްލިމުންގެ ހަނދާންނަށް އަންނަނީ ލޫތު uގެ ގައުމަށް ﷲ I ފޮނުއްވި ގިނިހިލައިގެ (ކޯފާ) ތޫފާންގެ މަތީންނެވެ. މިއީ ގިނިހިލައިގެ ވާރޭހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. އެހެނީ މީޓިއޯރ ޝަވާރސްއަކީ ލޫތު uގެ ގައުމަށް ﷲ I ފޮނުއްވެވި ގިނިހިލައިގެ ކޯފާއާއި މީޓިއޯރ ޝަވާރސްގެ ތަބީޢަތުގައި، ޢިލްމީ ގޮތުން ބަލާ އިރު، ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނަ ދޭއްޗަކަށް ވާތީވެވެ. އަދި މީޓިއޯރ ޝަވާރސްއަކީ ﷲ Iގެ ކޯފާއަކަށް ވެސް ނުވާތީވެއެވެ. އެއީ ދުނިޔެ އުފެދުމުގެ އެންމެ ފުރަތަމަ މަރުޙަލާއިން ފެށިގެން ވެސް ދުނިޔެ ތަޖުރިބާކުރަމުން އަންނަ ކައުނީ ޙަގީގަތެކެވެ. ކައުނީ ސުންނަތެވެ. ސުންނަތުﷲއެވެ.
މީޓިއޯރ ޝަވާރސް ނުވަތ ގިނިހިލައިގެ އަސާސަކީ ދުނިޔޭގެ ބޭރު ޖައްވު (އައުޓަރ ސުޕޭސް)ގެ ނުރައްކާތަކުން ދުނިޔެ ސަލާމަތްކުރެއްވުމަށް ޓަކައި ﷲ I ލައްވައިފައިވާ ޙިމާޔަތުގެ ފަށަލަތަކުގެ ތެރެއިން އެންމެ މުހިންމު އެއް ފަށަލަކަމުގައިވާ އޫރުޓު ކުލައުގެ ތެރޭގައި އެނބުރެމުންސެނބުރެމުންދާ ދުންތަރި (ކޮމެޓު)ތަކުން އުފަންވާކަމެކެވެ. ނުވަތަ [ޑާޓީ ސުނޯބޯލް]ގެ ނަގުލެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. )وَجَعَلْنَا السَّمَاء سَقْفًا مَّحْفُوظًا وَهُمْ عَنْ آيَاتِهَا مُعْرِضُونَ( ([އަދި ރައްކާތެރިކުރައްވައިފައިވާ ފުރާޅެއްކަމުގައި، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ (އިރުހަނދާއި، ތަރިތައް ފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ.]) (سورة الأنبياء:32)
ދުންތަރި (ކޮމެޓު)ތައް އިރުގެ ވަށައިގެން އެނބުރެމުން ދައުރުކުރަމުންދާ ދިއުމުގައި އެ ކޮމެޓެއްގައި ޒަމާންތަކެއް ވަންދެން ގަނޑުވެ ހިލަވެފައި ހުންނަ އައިސްތަކަށް ހޫނުވަމުން ގޮސް، އެ ކޮމެޓެއްގެ ފަހަތަށް ދޫކުރަމުންދާ ގޭސްތަކާއި ހިރަފުހުގެ (ޑަސްޓުގެ) ކުނޑިބޮނޑިތަކާއި ކުދިކުދި ހިލަ ކޮޅުތަކުގެ ސަބަބުން އުފެދެމުންދާ ކޯރެއް ފަދައިން ސިފަޖެހިގެން ދެއެވެ. މި ޙާލަތުގައި އަޅުގަނޑުމެން ހަނދާންނަށް ގެންނާންޖެހޭ އެންމެ މުހިންމު އެންމެ ވަރުގަދަ ޢިލްމީ އެއް ހަގީގަތަކީ މި ދާއިރާއަކީ [ޒީރޯ-ޖީ]ގެ ދާއިރާއެއްކަމަށްވުމާ އެކު، އިސްވެ ދެންނެވުނު އެތިކޮޅުތައް ދޫކުރަމުންދާ ކޮމެޓުގެ ބޮޑުކުޑަމިނުގެ ނިސްބަތުގައި ދަމާ ބާރު (ގުރެވިޓޭޝަނަލް ފޯސް) ނުވަތަ އެ ކޮމެޓުގެ ޖާޒުބިއްޔަތުގެ ބާރު އެ ކޮމެޓުގެ ވަށައިގެން އެނބުރެމުން ގޮސްގޮސް ހުންނާނެކަމުގެ ނަތީޖާއަކަށް ވާނީ އެ ކޮމެޓުން އުފައްދައި، އެ ކޮމެޓުގެ ފަހަތަށް ދޫކޮށްފައިފައިވާ ބޮޑު ކޯރެއް ފަދަ ބައި އެ ކޮމެޓުގެ ފަހަތުން ދަތުރުކުރަމުން ކޮމެޓާ އެކު ދާނެކަމެވެ.
މި ކަމާ ގުޅިފައިވާ އަނެއް ޙަގީގަތަކީ ދުނިޔެ އިރުވަށައި ބުރުޖަހަމުން ދަނީ ސިކުންތަކު 30 ކިލޯމީޓަރުގެ ނުވަތަ ގަޑިއަކު 67000 މޭލުގެ ބާރުމިނުގައި ކަމެވެ. ވުމާއި އެކު ދުނިޔެ އޭގެ އޯބިޓުގައި އިރުގެ ވަށައިގެން ދަތުރުކުރަމުން މިލްކީވޭ ގެލެކްސީގައިދާ އިރު، ހަމަ ދުނިޔެއާ އެކުއެކުގައި އިސްވެ ދެންނެވުނު ކޮމެޓުތައް ވެސް އިރުވަށައިގެން ދައުރުކުރުމުގައި އެއް ވަގުތަކަށް ދުނިޔެއާ ބުރު ހަމަކުރަމުން ދެއެވެ. މާނައަކީ ދުނިޔެއަށް ފެންނަ ކޮމެޓުތައް ވެސް އަހަރު ފުރިހަމަވާ ދުވަސްވަރު ނުވަތަ އެ ކޮމެޓެއްގެ އޯބިޓު ފުރިހަމަވާ ދުވަސްވަރު އަބަދު ވެސް ފެންނަމުންދާނެކަމީ ފަލަކީ ހަގީގަތެކެވެ. (އެސްޓްރޮނޮމިކަލް ފެކުޓެކެވެ.) މިސާލަކަށް ދަންނަވާ ނަމަ، ހޭލީސް ދުންތަރި (ހޭލީސް ކޮމެޓު)އަކީ ކޮންމެ 75 އަހަރަކުން ދުނިޔެއަށް ފެންމުންދާ ކޮމެޓެކެވެ. ދެން މި ހޭލީސްކޮމެޓު ދުނިޔެއަށް ފެންނާނީ 2061ގައެވެ. އެންމެ ފަހުން މި ކޮމެޓް ދުނިޔެއަށް ފެނިފައި ވަނީ 1886ގައެވެ. މި ގޮތަށް ތަފާތު ބާވަތްތަކުގެ ކޮމެޓުތައް ދުނިޔެއަށް ފެންނަމުން ދާނީ، ވަރަށް ބަރާބަރަށް، ކަނޑައެޅިފައިވާ ތާރީޚުތަކެއްގައެވެ.
ދުނިޔޭގެ އެޓްމޮސްފިޔަރގެ 100 ކިލޯމީޓަރާ ހަމައިގައި (ކޮމެޓަކާ އެކީގައި ދަތުރުކުރަމުންދާ) ކުދިކުދި ވެލިފުއްތަކެއް ވަރުގެ ހިލަކޮޅުތައް ދުނިޔޭގެ އެޓުމޮސްފިޔަރގެ އެކިއެކި ދިމާއިން އެކި ދުވަސްވަރު އޮހެމުންދަނީ ސިކުންތަކު 35-70 ކިލޯމީޓަރު ނުވަތަ ގަޑިއަކު (130000-250000) ކިލޯމީޓަރުގެ ވެލޯސިޓީއެއްގައެވެ. އަދި މި ފަދަ ބާރު ވެލޯސިޓީއެއްގައި އެ ކުދިކުދި އެތިކޮޅު އޮހެމުންދަނީ އެ އެތިކޮޅުތަކުގެ ކުރިމަތީގައިވާ ވައިފަށަލަ ފިއްތައިލުމުގެ ސަބަބުން °1650 ސެލްސިއަސް އެ ކުދިކުދި އެތިކޮޅުގެ ހޫނުމިން އަރައިގެން ދިއުމުން، ވަގުތުން އެ ކުދިކުދި އެތިކޮޅުތަކުގައި ރޯވެ ދުންޏަކަށް ކަހަލަ ގޮތަކަށް (ޝޫޓިން ސްޓާރސް ކަހަލަ ގޮތަކަށް) ގިނިހިލައިގެ ވާރޭވެހޭ ތަން (މީޓިއޯރ ޝަވާރސް) ފެނެއެވެ.
މި ކަމުގައި 2026 ޖުލައި މަހު 17އިން ފެށިގެން 2026 އޯގަސްޓް މަހު 24ގެ ނިޔަލަށް އިސްވެ ދެންނެވުނު ކަހަލަ ގިނިހިލައިގެ ވާރޭ (މީޓިއޯރ ޝަވާރސް) ފެންނާން ފަށާނެއެވެ. އަދި އާދަޔާ ޚިލާފަށް ގިނައިން ގިނިހިލަ އޮއްސޭތަން ފެންނާނެއެވެ.
އަންނަ ހަފުތާއިން ފެށިގެން، ހޫނު މޫސުމުގެ ހިތްގައިމު ރޭތަކުގެ ބޭނުން ހިފައި، މި ދުނިޔެއިން ބޭރުގެ އާދަޔާޚިލާފު އަލީގެ ކުޅިވަރެއް ބަލައިލުމުގެ ފުރުސަތު މި ކަމުން ލިބޭނެއެވެ.
އެމެރިކަން މީޓިއޯރ ސޮސައިޓީއިން ބުނާ ގޮތުގައި، މި އަހަރުގެ އެންމެ ގިނައިން ގިނިހިލަ އޮއްސޭނެކަމަށް ބެލެވޭ ދުވަސްވަރު (ޕަރސީޑްސް) ފެށޭނީ ޖުލައި 17ގައެވެ. އަދި އޮގަސްޓް 24ގެ ނިޔަލަށް މި ދުވަސްތައް ދެމިގެންދާނެކަމަށް ލަފާކުރެވެއެވެ. ނާސާއިން ސިފަކުރާ ގޮތުގައި، [ހަލުވި އަދި އަލިގަދަ] ގިނިހިލަތަކެއް މި ދުވަސްވަރު ވަރަށް ސާފުކޮށް ފެންނާނެއެވެ. ގިނިހިލައިގެ އާދަޔާ ޚިލާފު މި ހަރަކާތް އޭގެ ކުންނަށް ދާނީ އޮގަސްޓް މަހުގެ މެދުތެރޭގައެވެ. މި ގިނިހިލަތައް އުޑުމަތީން ދަތުރުކުރާ އިރު، ގިނަ ފަހަރަށް އަލީގެ ރޮނގުތަކާއި ކުލަތައް ފަހަތަށް ދޫކުރަމުންދެއެވެ. މިއީ ބަލައިލާން ވަރަށް ހިތްގައިމު މަންޒަރަކަށްވާނެއެވެ.
މި ފަހަރު މި ފެންނަނީ ކޮންމެ 133 އަހަރަކުން އެއް ފަހަރު އިރު ވަށައިގެން ބުރުޖަހާ [ސްވިފްޓް-ޓަޓްލް/109ޕީ]ގެ ނަމުން ނަން ދެވިފައިވާ ދުންތަރީން ދޫކޮށްފައިދާ ކުނިބުނިތަކުން އުފެދޭ ގިނިހިލަތަކެކެވެ. މި ދުންތަރި ފުރަތަމަ ފަހަރަށް ހޯދިފައިވަނީ 1962 ޖުލައި 16ގައެވެ.
މި ދުންތަރީގެ ބޮޑުމިނަކީ 26 ކިލޯމީޓަރެވެ. މިއީ މުޅި ދުނިޔެއިން ޑައިނަސޯރ ނެތިގެން ދިޔުމުގެ ސަބަބަކަށްވި ގިނިހިލައަށް ވުރެ ދެ ގުނަ ބޮޑު އަދި ނިއުކުލިޔަރު ބާރު ވެސް ގަދަ ގިނހިލައެކެވެ. މި ގިނިހިލަ ދުނިޔޭގެ ބިމާ އަމާޒުވެއްޖެ ނަމަ، މުޅި ދުނިޔޭގެ ހުރިހައި ދިރުމެއް ނެތިގެން ދިޔުމުގެ ފުރުސަތު އޮންނާނެއެވެ. އެ ފަދަ ކަމެއް މިންވަރުނުކުރައްވާށިއެވެ!
ދުނިޔޭގެ އެންމެ ކައިރީން ވެސް މި ދުންތަރި ދަތުރުކުރާނީ 143 މިލިއަން ކިލޯމީޓަރު ދުރުންނެވެ. ދުންތަރީގެ އެންމެ ދުރު ދާއިރާއަކީ 7.7 ބިލިއަން ކިލޯމީޓަރެވެ. އެހެންވީމާ މި ދުންތަރީގެ އޯބިޓު ފުޅާކަމުން އޭގެ އޯބިޓު ފުރިހަމަކުރެވެނީ 133 އަހަރަކުންނެވެ.
މި ދުންތަރިއަކީ ސޫރުދަ ނިޒާމުގެ ބޭރުންނާއި ސޫރުދަ ނިޒާމުގެ އެތެރެއިން ވެސް ދަތުރުކުރަމުންދާ ދުންތަރިއެކެވެ. މި ދުންތަރީގެ އުމުރަކީ 4.6 ބިލިއަން އަހަރުކަމަށް ކޮޒްމޮލޮޖިކަލް ގޮތުން ބެލެވެއެވެ. މާނައަކީ މިއީ އަޅުގަނޑުމެންގެ ސޫރުދަ ނިޒާމު (ސޯލަރ ސިސްޓަމް)އާ އެކު ވުޖޫދަށް އައި ދުންތަރިއެއްކަން ފަލަކީ ޢިލްމުގެ ހިސާބުކުރުންތަކުން ސާބިތުވުމެވެ.
ނާސާއިން ބުނާ ގޮތުގައި، ގިނިހިލަ ފެތުރުން (އާންމުކޮށް ކިޔާ ގޮތުން ނަމަ "ޝޫޓިންގ ސްޓާރސް" ނުވަތަ ދަތުރުކުރާ ތަރިތައް) އުފެދެނީ، ކުރީން ވެސް ދަންނަވައިލެވުނު ފަދައިން، ކޮމެޓުން ދޫކޮށްފައިދާ ކުނިބުނިތަކުގެ އެތިކޮޅުތައް ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަންނަ އިރު ހޫނުވެ، އަދި އަނދައިގެން ދިއުމުގެ ސަބަބުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން އުޑުމަތީން ދަތުރުކުރާ އުޖާލާ އަލީގެ ހިތްގައިމު މަންޒަރެއް ފެންނާނެއެވެ.
[ޕާރސީޑްސް]އަށް މި ނަން ދެވިފައި މި ވަނީ [ޕާރސިއަސް ކޮންސްޓަލޭޝަން] ތަރިތަކުގެ ބައިގަނޑަށް ނިސްބަތްކޮށެވެ. އެހެނީ މި [ގިނިހިލައިގެ ވާރޭ] (މީޓިއޯރ ޝަވާރސް) އުޑުމަތީން ފާޅުވާނެކަމަށް ގަބޫލުކުރެވެނީ ޕާސިއަސް ކޮންސްޓަލޭޝަނާ ދިމާއިންކަމަށްވާތީއެވެ.
މި ހިނގާ 2026ވަނަ އަހަރު، ޕަރސީޑް ގިނިހިލަ ފެތުރުން އެންމެ މައްޗަށްދާނެކަމަށް ލަފާކުރެވެނީ އޮގަސްޓް 12ވާ އަންގާރަ ދުވަހުގެ ރޭގަނޑުން ފެށިގެން އޮގަސްޓް 13ވާ ބުދަ ދުވަހުގެ ފަތިހާ ހަމައަށެވެ. އެއީ ދުނިޔެ އިރު ވަށައިގެން އޭގެ އޯބިޓުގައި ދަތުރުކުރަމުންދާ އިރު، މި[ސްވިފްޓް-ޓަޓްލް/109ޕީ] ކޮމެޓުން އުފެދިފައިވާ ކުނިބުނީގެ އެންމެ ބޯ އަދި ހިރަފުސް ގިނަ ސަރަހައްދުގެ ތެރެއިން ދަތުރުކުރާ ވަގުތެވެ. މި ވަގުތުކޮޅުގައި އެތަކެތި ދުނިޔޭގެ އެޓްމޮސްފިއަރގެ ތެރެއަށް ވަންނަމުންދާ އިރު އެޓްމޮސްފިޔަރގައި ސިކުންތަކު 59 ކިލޯމީޓަރު ބާރުމިނުގެ ވެލޯސިޓީއެއްގައި ޖެހި އަލިފާން ރޯވެ ދަނޑިދަނޑިއަށް ފައިބަމުންދާ ތަން ފެންނަމުންދާނެއެވެ. އެހެންކަމުން، މި ގިނިހިލަތައް ބަލައިލުމަށް އެންމެ ރަނގަޅު ފުރުސަތަކަށް ވާނީ އޮގަސްޓް 12އާއި 13ގެ ހެނދުނުގެ ވަގުތުތަކެވެ. އާންމުކޮށް މި މަންޒަރު އެންމެ ފުރިހަމައަށް ފެންނަނީ ފަތިސްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރީންނެވެ. މީގެ އިތުރަށް، މި އަހަރުގެ މި ހަރަކާތް އޭގެ ކުންނަށް ދާ ވަގުތަކީ ކަޅުފޮއި ރޭތަކަކަށް (ހަނދުވަރުނުދޭ ދުވަސްވަރަކަށް) ވާތީ، މަންޒަރު ބަލައިލުމަށް އުޑުމަތި ވަރަށް ބޮޑަށް އަނދިރިވެ، ފުރިހަމަ މާޙައުލެއް ލިބޭނެތީއެވެ. އާރތު-ސުކައި އޯގައިނައިޒޭޝަނާ ޙަވާލާދީ ބައެއް ލިޔުންތެރީން ބުނެފައިވާ ގޮތުގައި، ހަނދުގެ އަލިނެތް އަނދިރިކަން ފެތުރިފައިވާ އުޑެއްގެ ދަށުން، މި މަންޒަރު ބަލާ ފަރާތްތަކަށް ގަޑިއަކު 90އަށް ވުރެ ގިނަ ގިނިހިލަ ފެންނަކަމަށް ރިޕޯޓުކުރެއެވެ.
ގިނިހިލަތައް އެންމެ ފުރިހަމައަށް ބަލައިލުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި، އަލި ވިސަޑު (ލައިޓް ޕޮލިއުޝަން) އެންމެ ކުޑަ ސަރަހައްދެއް ހޯދާންވާނެއެވެ. އަދި އުޑުމައްޗަށް ބަލަހައްޓައިގެން ގިނައިރުވަންދެން ފަސޭހަކަމާއެކު އިށީނދެގެން ނުވަތަ އޮށޯވެގެން ތިބުމަށް ޓަކައި ގޮނޑިއަކާއި ރަޖާ ފަދަ ތަކެތި ގެންދާށެވެ. ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން މި ހަރަކާތްތައް މަޑުމަޑުން އިތުރުވަމުން ގޮސް، އޮގަސްޓް 12އާއި 13ގައި އެންމެ މައްޗަށް ދާ އިރު، އެ ދުވަސްވަރު ވެސް މަދުމަދުން ދަތުރުކުރާ ތަރިތައް (shooting stars) ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އޯގަސްޓް 12އާއި 13ގެ ރޭގަނޑު ގަޑިއަކު 30-150 ގިނިހިލަ (މީޓިއޯރސް) ފެންނާނެކަމަށް ލަފާކުރެއެވެ. އަދި މިކަމުގައި ސާފުކޮށް މީޓިއޯޝަވާރސް ބައްލަވާން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން ފޯނުގެ އިސްކިރީނަށް ނުބައްލަވައި ވިއްސަކަށް މިނިޓު ހޭދަކުރެއްވުން ރަނގަޅުވާނެކަމަށް ވެސް މި ކަމުގެ މާހިރުން ލަފާ ދެއްވައިފައި ވެއެވެ. އަދި އެންމެ ރަނގަޅު ވަގުތެއްކަމަށްވަނީ މެންދަމުން އަލިވެ ދޭއް ޖެހީއްސުރެ ފަތިހު ހަތަރަކާ ހަމަށެވެ.
ޕާސިއަސް ކޮންސްޓަލޭޝަންގެ ގެ ޑެކްލިނޭޝަނަކީ °31-°59 އުތުރުގެ ކޮންސްޓަލޭޝަނެއްކަމަށްވެފައި މި ގިނިހިލައިގެ ވާރޭ ނުވަތަ މީޓިއޯރ ޝަވާރސް ފާޅުވާ ދާއިރާއަކީ ޕާރސިއަސް ކޮންސްޓަލޭޝަންގެ ދާއިރާއަށް ވީހިނދު، އިސްވެ ބަޔާން ކުރެވުނު މީޓިއޯރ ޝަވާރސް ނުވަތަ ގިނިހިލައިއިގެ ވާރޭ ދިވެހިރާއްޖޭގެ ބޮޑުބަޔަކަން ފެނުމުގެ ފުރުޞަތު އޮތް ވާހަކަ ދަންނަވައިލަމެވެ. ނަމަވެސް އެންމެ ސާފު ކޮށް ފަހިކޮށް ފެންނާނީ ހއ. އަތޮޅާއި ހދ. އަތޮޅާއި، ށ. އަތޮޅާއި ނ. އަތޮޅުގެ ސަރަހައްދުގެ ރަށްތަކަށެވެ. މާލެއަށްވެސް ފެނުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް އެންމެ ފަހިކޮށް އަދި ސާފުކޮށް ފެންނާނީ، ޅ. އަތޮޅުން ފެށިގެން އުތުރުގެ ރަށްތަކަށެވެ. އުތުރަށްދާ ވަރަކަށް ފެންނަލެއް ރީތިވާނެ ވާހަކަ ވެސް ދަންނަވަމެވެ.
ބައެއް ލަފުޒުގެ މާނަ:
ވިސަޑު ނ. އިތުރު އެއްޗެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލޭ ގެއްލުން ނުވަތަ އަންނަ ނޭދެވޭ ބަދަލު. pollution
ގިނިހިލަ ނ. ޖައްވުގެ ތެރޭގައި ރޯވެފައި ނުވަތަ ދޮންވެފައި ހުންނަ ހިލަ. meteor
ދުންތަރި ނ. ވަކި ދުވަސްވަރަކު ރޭގަނޑު އުޑުމަތިން ފެންނަ ތަރިއަކަށް ވުރެ ބޯޅައަކާ ވައްތަރު އައްޔެއް. މި އަލީގައި އެކުލެވެނީ ނުގުޅި ހުންނަ ކުދިކުދި އެތިކޮޅު ތަކެކެވެ. މި އަލި އިރާއި ކައިރިވުމުން ދިގު ނިގުލެއް ފާޅުވެއެވެ. މި ނިގޫ ފެންނާނީ، ނިއުޅާލައިފައިވާ އިލޮށި ފައްޗެއްހެންނެވެ. ނޫނީ ދިގު އިސްތަށިގަނޑެއްހެނެވެ. comet
ސޫރުދަ ނިޒާމު ނ. އިރު ނުވަތަ ސޫރުދައާއި އޭގެ ވަށައިގެން ދައުރާނަވާ ގުރަހަތަކާއި ގުރަހިލަތަކާއި ދުންތަރިތައް އެކުލެވޭ ކައުނީ ނިޒާމު. Solar System
ޖާޒުބިއްޔަތު ނ. އެއްޗަކަށް ދަމާބާރު gravitational force