ad_banner
މަސްވެރިކަމަށް ދިވެހި ޒުވާނުން ޝައުޤުވެރިނުވަނީ ކީއްވެ؟ އެ ކަން ޙައްލުކުރާނީ ކިހިނެއް؟

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް

28 އޯގަސްޓް 2026

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު އެކުލެވޭ، އަދި މަސްވެރިކަމުގެ މައްޗަށް މުޅި ޤައުމުގެ އިގުތިސާދާއި ތާރީޚު، ބިނާވެފައިވާ ޤައުމެކެވެ. މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގުތިސާދާއި ސަގާފަތާ ގުޅިފައިވާ އެންމެ މުހިންމު އެއް ސިނާޢަތެވެ. ޒަމާނުއްސުރެ ދިވެހީންގެ ދިރިއުޅުން ބިނާވެފައިވަނީ ކަނޑުފަޅުގެ ނަފާގެ މައްޗަށެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއެކު ޤައުމުގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ޒުވާނުން މި ސިނާއަތާ ދުރަށް ޖެހެމުންދިއުމަކީ މިއަދު ގަބޫލުކުރާންޖެހޭ ހަގީގަތެކެވެ. އަދި އެއީ ދިވެހި އިގުތިސާދާއި އިޖުތިމާޢީ ދިރިއުޅުމާ ކުރިމަތިވެފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އާދޭހެވެ! މިއަދުގެ ޒުވާން ޖީލު މަސްވެރިކަމުގެ ސިނާއަތާ ދުރަށް ޖެހެމުންދިއުމަކީ ޤައުމީ ފެންވަރުގައި ސީރިއަސްކޮށް ވިސްނަންޖެހިފައިވާ މައްސަލައެކެވެ. މި މައްސަލައަށް ބަލާ އިރު، ޒުވާނުންގެ ޝައުޤުވެރިކަން މި ދާއިރާއަށް ކުޑަވުމުގައި ވަރަށް ގިނަ އިޖުތިމާޢީ، ސިޔާސީ، އިގުތިސާދީ ސަބަބުތަކެއް އެބަހުއްޓެވެ. މި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ މަންހަޖު ބައްޓަންކުރެވިފައިވާ ގޮތާއި މަންހަޖުގެ ތެރެއިން ދެވޭ ތަރުބިއްޔަތުގެ ދައުރު ވެސް ވަރަށް ބޮޑެވެ.

ޒުވާނުން ޝައުޤުވެރިނުވާ އިޖުތިމާޢީ އަދި އިޤްތިޞާދީ ސަބަބުތައް

މަސްވެރިކަމަކީ ނިކަމެތި އަދި ދަށް ފަންތީގެ މަސައްކަތެއްގެ ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ދުށުމަކީ ވެސް ޒުވާނުން މި ކަމަށް ޝައުގުވެރިނުވާ އެއް ސަބަބެވެ. އެއީ އެއްވެސް ހުނަރެއް ނެތް މީހުން، ކުރާނެ އެހެން މަސައްކަތެއް ދަސްވެފައި ނެތީމާ، ކުރާ މަސައްކަތެއްގެ ގޮތުގައި ސަގާފީ ގޮތުން ވެސް އޮންނަނީ ގަބޫލުކުރެވިފައެވެ. ނަމަވެސް ކަނޑުމަތީގައި ދުވާލު ހަތަރުދަމު ހޭދަކުރުމަކީ ހަމަ ގައިމު ވެސް އަޅުގަނޑުމެން ފަދަ ހުނަރެއް ނެތް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެންފަރުތައް ދެނެގަތުމާއި އެން ހިފުމާއި ހަލުވިކަމާ އެކު މަސް ބާނާ ގޮތަކީ ހުނަރުން ފުރިގެންވާ މަސައްކަތްތަކެކެވެ. ވީމާ މަސައްކަތްތެރިކަމުގެ ގޮތުން މިއަށް ވުރެ ވަކި ހުނަރުވެރި މަސައްކަތަކީ ކޮބައިހެއްޔެވެ؟ މިއީ ކޮން ފަދަ ހުނަރުވެރި މަސައްކަތެއްހެއްޔެވެ!

ޒުވާނުން މަސްވެރިކަމަށް ޝައުޤުވެރިނުވާ އަނެއް ސަބަބަކީ އެކި ދުވަސްދުވަހު މަސްވެރިކަންކުރެވޭ މިންވަރު ތަފާތުވުމުގެ ސަބަބުން ލިބޭ އާމްދަނީ މަދުވުމާއި، މަސް ގަންނަ އަގުތަކަށް އަންނަ ބަދަލުތަކާއި، މަސްކިރުވުމުގައި ދިމާވާ ތަކުލީފުތަކުގެ ސަބަބުން ގަވާއިދުން ލިބޭ އާމްދަނީއެއް ކަށަވަރުނުވުމެވެ. މި ކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ޓަކައި [ބެޔަސްނުބެޔަސް] އިސްކީމުގެ ނަމުގައި އިންޝުއަރެންސް އިސްކީމެއް ތާޢާރަފުކުރެއްވިޔަސް ބަޔަކު އެ ކަމަށް ޖޯކު ޖަހައި، އެއީ ކާމިޔާބުކަމާ އެކު ދެމި އޮތް އިސްކީމަކަށް ނުވިއެވެ. އެ އިސްކީމުގެ ދަށުން ކޮންމެ މަސްވެރިއަކަށް މަހަކު ދިހަހާސްރުފިޔާ ކަށަވަރުކުރެވެއެވެ.

ބާނާ މަސް ވިއްކައިގެން ރުފިޔާ ލިބުން ދަތިވެފައި ދިގު މުއްދަތެއް ހޭދަވެފައިވުމަކީ ވެސް މި ސިނާޢާތަށް އެޅުނު ހިޔަންޏެކެވެ. ނަމަވެސް މިހާރު އަދުގެ ސަރުކާރުން މި ކަމަށް ޙައްލު ގެންސްދެއްވައި މަސް ކިރާތާ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭ ގޮތްވަނީ ކަށަވަރުކޮށްދެއްވައިފައެވެ. މިއީ އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލަކީ ވެސް ޒުވާނުން މަސްވެރިކަމާ ދުރުވި އެއް ސަބަބުކަމަށް ވެދާނެއެވެ. ކުރިއާ ޚިލާފަށް މިހާރުގެ މަސްވެރިކަން ހުންނަ ގޮތުން އާއިލާއާ ދުރުގައި ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ހޭދަކުރާންޖެހުމަކީ މިއަދުގެ ޒުވާނުންނަށް އެ ހައި ކަމުދާ ކަމަކަށް ނުވެއެވެ. އަދި އެއީ ތަޙައްމަލުކުރާން އުނދަގޫ ކަމެކެވެ. މީގެ އިތުރަށް ރަށްފުށުގެ ދިރިއުޅުމަށް ވުރެ މާލެއާއި އެ ނޫނަސް ތަރައްގީވެފައިވާ ސިޓީތަކުގައި ޒަމާނީ ދިރިއުޅުމަށް ޒުވާނުން އިސްކަންދިނުމަކީ ވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލެކެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމު ބޮޑަށް ބައްޓަންވެފައިވަނީ ފައިވަނީ ގްރޭޑް 10 ނުވަތަ 12 ނިންމާ ގޮތަށް އޮފީހެއްގައި [ހުދުގިރުވާނުލީ] ވަޒީފާއެއް އަދާކުރާ ގޮތަށެވެ. ނުވަތަ މަތީތަޢުލީމުގެ ދާއިރާއަކުން ކުރިއަށް ދިއުމަށެވެ. ފަންނީ، ދަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ކުދީން އަހުލުވެރިކުރުމުގެ ބައި މަންހަޖުގައި ވަރަށް ކުޑައެވެ. އަދި އިސްކޫލު މަންހަޖުގައި ކަނޑުގެ ވަސީލަތްތަކާއި މަސްވެރިކަމާ ބެހޭ ތިއަރީ ބައިތައް ހިސާބަކަށް ހުރި ނަމަވެސް، ޢަމަލީ ގޮތުން މަސްވެރިކަމާއި ކަނޑުގެ ޢިލްމުގެ ހުނަރުތައް ދަސްކޮށްދެވޭ މިންވަރު ކުޑައެވެ. އެހެންކަމުން މަސައްކަތްތެރިކަމުގެ ދާއިރާއިން ކާމިޔާބީ ހޯދުމުގެ ބަދަލުގައި ތަޢުލީމީ ދާއިރާއިން ކުރިއަރައިގެން ދިއުމާ އެކު، އޮފީސްތަކުގެ އޭސީ ކޮޓަރިތަކުގައި އަދާކުރާ (ހުދު ގިރުވާނުލީ) ވަޒީފާތަކަށް ޒުވާނުން އިސްކަންދިނުމަކީ ވެސް މަސްވެރިކަމާ ދުރަށް ޒުވާނުން ޖެހިލައިފައިވާ ސަބަބެއްކަމަށް ބެލެވެއެވެ.

އިސްކޫލްތަކުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ޢިލްމު (ފިޝަރީޒް ސައެންސް ނުވަތަ މެރިން ސައިންސް)ގެ މާއްދާތަކަށް ދެވޭ ސަމާލުކަން ކުޑައެވެ. މި ފަދަ މާއްދާއެއް ސާނަވީގައި ކިޔަވައިދެނީ ވެސް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަދު އިސްކޫލެއްގައެވެ. އަދި މަސްވެރިކަމަކީ ޒަމާނީ ފަންނިއްޔާތާއި ޢިލްމު އެކުލެވޭ ފައިދާ ހުރި ދާއިރާއެއްގެ ގޮތުގައި ވިސްނައިދެވޭ މިންވަރު ވަރަށް ކުޑައެވެ. ނަތީޖާއެއްގެ ގޮތުން މި ދާއިރާއަށް ދަރިވަރުން ޅަފަތުއްސުރެ ޝައުޤުވެރިކުރެވޭނެ ގޮތެއް ނެތެވެ.

ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް އައި ބަދަލުގައި ފައިދާތަކެއް ހުއްޓަސް ޕާޓީ ނިޒާމގައި ގެއްލުންތަކެއް ވެސް ހުރިކަން ގަބޫލުކުރާންޖެހެއެވެ. ވަކި ޕާޓީއަކަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެ ޕާޓީގެ މީހުންނަށް އެކި ކުންފުނިތަކުން ބޭނުންނުވާ ވަރަށް ވަޒީފާތައްދީ މަސްވެރީން ކަންނެތްކުރުވާ ފަދަ ޙަރަކާތްތަކެއް ވެސް ހިނގައިފައިވާކަމަށް އެކި ރަށްރަށުން ވަނީ އަޑިއިވިފައެވެ. މި ކަމުގެ ސަބަބުން ބައެއް ދޯނިފަހަރަށް މަހަށް ފުރޭނެ ގޮތެއް ނެތި ފަޅުގައި އަޅާން ޖެނުނުކަމަށް ވެސް ބައެއް ރަށްރަށުން މަޢުލޫމާތު ލިބިފައިވެއެވެ. މިއީ ހަގީގަތެއްކަމަށްވާ ނަމަ، މިއީ ވެސް ގައުމުގެ އިގުތިސާދާއި އިޖުތިމާޢިއްޔަތަށް ސަމާލުކަންދީ ޚާއްޞަ ނަޒަރެއް މި ކަމަށް ބަހައްޓަންޖެހޭ ކަމެއްކަން ކަށަވަރެވެ.

މި މައްސަލަ ޙައްލުކުރުމަށް ޓަކައި ކުރެވިދާނެކަމަށް ފެންނަ ބައެއް ކަންތައްތައް

މި މައްސަލަ ޙައްލުކުރުމަށް ޓަކައި، ފަންނިއްޔާތުގެ ދާއިރާއިން އެޅިދާނެ ފިޔަވަޅަކީ މިހާރަށް ވުރެ ފުރިހަމައަށް ދޯނިފަހަރުގައި ޒަމާނީ ނެވިގޭޝަނާއި މަސް ހޯދާ އާލަތްތައް ބޭނުންކޮށް، މަސައްކަތުގެ ބުރަކަން ކުޑަކުރުމެވެ. މިއީ މިހާރު ވެސް ކުރެވެމުންދާ މަސައްކަތެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް އަދިވެސް ބޮޑަށް މަސްވެރިކަން ފަންނިއްޔާތުގެ ދާއިރާއާ އަހުލުވެރިކުރާންޖެހެއެވެ.

ލިބޭ އާމްދަނީ ކަށަވަރުކުރުމަށް ޓަކައި [ބެޔަސް ނުބެޔަސް] ފަދަ އިންޝުއަރެންސެއް ހަރުދަނާކަމާ އެކު ގާއިމުކުރެވިދާނެއެވެ. ބާނާ މަހަށް މަހަށް ހަމައަގު ލިބޭނެ ގޮތް މި އިންޝުއަރެންސް އިސްކީމުގެ ދަށުން، މަސްވެރިކަން ދަށް ދުވަސްވަރު ވެސް ލިބޭނެ ފައިސާގެ ޢަދަދެއް (މިނިމަމް ވޭޖެއް)، މި ފަދަ އިސްކީމެއް ކަށަވަރުކަމާ އެކު، ތަޢާރަފުކޮށް ގާއިމުކުރެވިދާނެއެވެ.

މި ދާއިރާގެ ތަޢުލީމާއި ތަމްރީނަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ކަނޑުމަހުގެ ނަފާ އިތުރުކުރާނެ ގޮތްތަކާއި ކަނޑާ ބެހޭ ޢިލްމު (މެރިން ސައިންސަސް)ގެ ދާއިރާއިން ޒުވާނުންނަށް ޚާއްޞަ ކޯސްތައް ފުޅާ ދާއިރާއެއްގައި ހިންގިދާނެއެވެ.

މިހާރު ވެސް މަސްދޯނިފަހަރު ފަރުމާކޮށްފައި ހުންނަނީ ފެންވަރު ރަނގަޅުކޮށެވެ. ރީތި ފެނުން ފެންވެރޭނެ ގޮތާއި އެއަރކޯން ކޮޓަރީގައި ނިދޭނެ ގޮތް ހުރިހައި ދޯންޏެއްގައި ވެސް ގާއިމުކުރުން މުހިންމެވެ. މިހާރު ވެސް މި ފަދަ ވަސީލަތްތައް ގިނަ ދޯނިފަހަރުގައި ހުންނަކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. އެއީ ފައްސި ނިޝާނެކެވެ. ނަމަވެސް ދޯނިފަހަރުގައި ޒުވާނުންނަށް ބޭނުންވާ އިންޓަނެޓާއި، މުނިފޫހިފިލުވުމުގެ ވަސީލަތްތައް ޤާއިމުކުރެވިދާނެއެވެ. ހިލޭ ވައިފައި ލިބޭނެ ގޮތެއް ކޮންމެހެން ވެސް ގާއިމުކުރުމަކީ ޒުވާނުންގެ ޝައުގުވެރިކަމަށް ޓަކައި މުހިންމު ކަމެކެވެ. އެހެނީ މަސްވެރިކަމުގެ ދަތުރުގައި ހުސްވަގުތު ވަރަށް ގިނައިން ލިބޭނެއެވެ. އެން ހިފާ ވަގުތާއި މަސްބާނާ ވަގުތުގައި ނޫނީ، ގިނަ ފަޅުވެރީން ތިބޭނީ ހުސްކޮށެވެ. މި ފަދަ ވަގުތުތަކުގައި ޒުވާނުންނަށް ބޭނުންވާ ފަދަ ވަސީލަތްތައް ގާއިމުވެފައި ހުރުމަކީ މުހިންމު ކަމެކެވެ.

އިސްކޫލު ނިންމާ ކުދީންނަށް އިސްކޫލު ނިމޭ އިރު، ކަނޑުމަތީގެ ސަލާމަތާއި، ދޯނިފަހަރުގެ ފަންނިއްޔާތަށް އަހުލުވެރިކުރުވާ މަސައްކަތްތެރިކަމުގެ (ވޮކޭޝަނަލް) ތަޢުލީމީ މަންހަޖުގައި ހިމެނުމަކީ މުހިންމު ކަމެކެވެ.

މިހާރު މަންހަޖުގައި ހުރި ކަނޑުގެ ޢިލްމު (މެރިން ސައިންސް)އާއި މަސްވެރިކަމުގެ ޢިލްމު (ފިޝަރީޒް ސައެންސް)އަކީ ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމާއި ސާނަވީ އަދި މަތީމަތީސާނަވީ ފެންވަރުގައި ފެންވަރުގައި ވެސް ޝައުޤުވެރި ގޮތަކަށް ކިޔަވައިދެވޭ މާއްދާތަކަކަށް ހެދުމަކީ މުހިންމު ކަމެކެވެ.

މަސްވެރިކަމަކީ ޤަދަރުވެރި، އަދި ފަންނިއްޔާތު ބޭނުންކޮށްގެން ބޮޑު އާމްދަނީއެއް ހޯދިދާނެ ސިނާޢަތެއްކަމާއި އަދި ފުޅާކުރެވިދާނެ ވިޔަފާރިއެއްކަން އަންގައިދޭ ހޭލުންތެރިކަމުގެ ގައުމީ ޚާއްޞަ ޕްރޮގްރާމެއް (ކެރިއަރ ގައިޑެންސް) ހިންގުމަކީ މުހިންމު ކަމެކެވެ.

އެންމެ މުހިންމު އެއް ކަމަކީ، މަސްވެރި ޒުވާނުން ކަންނެތްވާ ކަހަލަ ކުޑަ މުސާރައެއް ލިބޭ އާދައިގެ ވަޒީފާތައް ބޭނުމެއް ނެތް ގޮތުގައި ރަށްރަށުގައި އިތުރު ނުކުރުމެވެ. މުރާލިކަމާ އެކު ޒުވާނުންތަކެއް ދޯނިފަހަރުގައި މަހަށް ފުރަފުރައި ތިއްބައި، ކަމެއް ނުކުރިޔަސް މަހަކު ދިހަވަރަކަށް ހާސް ރުފިޔާ ލިބޭ ވަޒީފާތަކަށް މަސްވެރީން ޝައުޤުވެރިވަނީ މަސްވެރިކަމުން ލިބޭ އާމްދަނީއާ މެދު ޔަގީންކަން ނެތުމުންކަމަށް ވެދާނެއެވެ. މި ގޮތަށް ކަންތައްވުމުން ބައެއް ރަށްރަށުގެ މަސްވެރިކަން ހުއްޓި އިގުތިސާދީ ގޮތުން ގައުމަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ވީމާ، މަސްވެރިކަމަކީ ލިބޭ ކުޑަ މުސާރައަކަށް ވުރެ މާ ޔަގީންކަމާ އެކު ގިނަ ފައިސާ ލިބޭ މުހިންމު މަސައްކަތެއްކަން ޒުވާނުންނަށް ކަށަވަރުކޮށްދިނުމަށް ޓަކައި ފިޔަވަޅުތަކެއްއަޅާން ޖެހެއެވެ.

ނިންމައިލުމުގެ ގޮތުން:

އާދޭހެވެ! މަސްވެރިކަމަކީ ހަމައެކަނި ބުރަ މަސައްކަތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އެއީ ބުރަ ނޫން، ފައިދާހުރި، ފަންނިއްޔާތާ ރައްޓެހި، އަދި ޝަރަފުވެރި ދަންނީ (ޕްރޮފެޝަނަލް) ވަޒީފާއަކަށް ހެދުމަކީ މުހިންމު ކަމެކެވެ. ދައުލަތާއި އަމިއްލަ ސިނާއަތް ގުޅިގެން ޒުވާނުންނަށް މަސްވެރިކަމުގެ ތެރެއިން އުންމީދީ މުސްތަގުބަލެއް ދެއްކިއްޖެ ނަމަ، މި ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އަނބުރައި ހޯދިދާނެއެވެ.

އަނެއްކޮޅުން ބަލާ އިރު، މަސްވެރިކަމަށް ޒުވާނުންގެ ޝައުޤުވެރިކަން ކުޑަވުމާއި ތަޢުލީމީ މަންހަޖާ ދެމެދުގައި ވެސް ވަރަށް ބޮޑު ގުޅުމެއްވެއެވެ. އިސްކޫލު ދައުރުއް ސުރެ، ދިވެހިންގެ ސަގާފަތާއި ތަބީޢީ ވަސީލަތްތަކަށް ލޯބިކުރާން ދަސްކޮށްނުދެވޭ ނަމަ، މަސްވެރިކަމުގެ ސިނާއަތް ބޭރުގެ މަސައްކަތްތެރީންގެ އަތްމައްޗަށް މުޅިން ދިޔުމުގެ ނުރައްކާ އެބަ އޮތެވެ. އެހެންކަމުން، ތަޢުލީމީ މަންހަޖުގެ ތެރެއިން މަސްވެރިކަމަކީ ޒަމާނީ، ފައިދާ ހުރި، ޝަރަފުވެރި ދަންނަކަށް (ޕްރޮފެޝަނަކަށް) ހަދައިގެން އެ ގޮތަށް ފަރުމާކުރެވިގެން މެނުވީ މި މައްސަލައަށް ދާއިމީ ޙައްލެއް ނުލިބޭނެއެވެ. ނަމަވެސް މިއީ ހަމައެކަނި މަސްވެރިކަމާ ބެހޭ ވުޒާރާއަށް ކުރެވޭނެ ކަމެއް ނޫނެވެ. މި ކަން ޙައްލުކުރެވޭނީ މުޅި ދައުލަތާއި ރައްޔިތުންގެ ވަރަށް ވަރުގަދަ މަސައްކަތްތަކަކާއި ފުރިހަމަ އެއްބާރުލުމެއް ލިބިގެންނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ފަންނިއްޔާތު  ނ.     ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު.  technology

މަންހަޖު     ނ.     އިސްކޫލާއި ކޮލެޖު ފަދަ ކިޔަވައިދޭ ތަނެއްގައި ކިޔަވައިދޭން ބޭނުންކުރާ ތަރުބަވީ އުސޫލުތަކާއި މުގައްރަރުތަކާއި މާއްދާތައް.  curriculum

ފައްސި      ނއ.    ގަބޫލުވެވޭ ނުވަތަ ރުހެވޭ.  possitive

ފަންނީ      ނ.     ކަމެއްގެ ހުނަރުވެރިކަން ހުރި.

ދަންނު      ނ.     ވަކި ޚާއްޞަ ޢިލްމަކާއި ތަމްރީނު ލިބިފައިވާ ވަޒީފާއެއް. (2) ވަކި ދާއިރާއަކުން ހުނަރުލިބިގެން ދިރިއުޅުމަށް ޓަކައި ކުރާ މަސައްކަތެއް.  profession (މިއީ ރަދީފުގައި އޮންނަ ލަފުޒެއް ނޫނެވެ. މި މަގާލުގައި މި ލަފުޒު ބޭނުންކުރި މާނަ ލިޔެލީއެވެ.)

ސިނާއަތް    ނ.     ރޯމާއްދާ ނުވަތަ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ތަކެތި އުފެއްދުމުގެ ނުވަތަ ޚިދުމަތެއް ދިނުމުގެ މަސައްކަތް.  industry

ކޮމެންޓު