އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
15 ޖުލައި 2026
މީހުންގެ ކިބައިން ފެންނަ ރަނގަޅު ކަންކަން ފާހަގަކުރުމާއި ފެންނަ ކުދިކުދި އުނި ކަންކަން ހަނދާންނައްތައިލުމަކީ އިސްލާމް ދީން އަޅުގަނޑުމެންނަށް އިރުޝާދުދޭ ގޮތެވެ. އިންސާނުން އުފައްދަވައިފައިވަނީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން މުޖުތަމަޢުގައި އުޅެވޭނޭ ފަދަ ގޮތަކަށެވެ. އެހެންކަމުން [ކަންކަމުގެ ރަނގަޅު ފަރާތަށް ބަލާށެވެ!] އަބަދުވެސް ބުނާ އަޑު އިވެއެވެ. [ބިއްލޫރިތަށީގައި ދެބައިކުޅަ އެއްބައި ހުރީ ނުފުރިއޭ] ބުނުމުގެ ބަދަލުގައި [ތަށިގެ ދެބައިކުޅައެއްބައި ހުރީ ފުރިފައޭ] ބުނީމާ އިޙުސާސްކުރެވޭ ގޮތް ތަފާތެވެ. އަބަދު ވެސް ކަންކަމުގައި [ހަމައެކަނި ފަހި ވިސްނުން ގެންގުޅޭށޭ] މީހުން ބުނެ އުޅެއެވެ. މިއީ އަހަރެމެން އެންމެންނަށް ވެސް އިވޭ އާންމު އިރުޝާދުތަކެކެވެ. ކަންބޮޑުވުންތަކާއި ހާސްކަމުން ފުރިގެންވާ މި ދުނިޔޭގައި، މި ފަދަ އިރުޝާދުތަކަކީ ހަގީގަތާ ދުރު، ޢަމަލުކުރުން އުނދަގޫ، ނުވަތަ ހަމައެކަނި ހުވަފެނީ ވިސްނުންތަކެއްގެ ގޮތުގައި އިނބަށް ސިފަވެދާނެއެވެ. ނަމަވެސް ދިރިއުޅުން ކާމިޔާބުކުރުމަށް ޓަކައި މިއީ ވަރަށް މުހިންމު އިރުޝާދުތަކެކެވެ.
އާދޭހެވެ! ފަހި ވިސްނުމަކީ ދިރިއުޅުމުގެ މައްސަލަތަކަށް ލޯ މަރައިލައިގެން ހުރުމަށް ކިޔާ ނަމެއް ނޫނެވެ. އަދި ހުރިހައި ކަމެއް ހުރީ ފުރިހަމައަށްކަމަށް ހެދިގެން އުޅުމެއް ވެސް ނޫނެވެ. އެއީ ގަސްތުގައި އިޚުތިޔާރުކުރާ، ހަރުދަނާ ވިސްނުމެކެވެ. އެއީ ނޭދެވޭ ކަންކަމުގެ ތެރޭގައި ތާށިވެފައި ހުރުމުގެ ބަދަލުގައި، ކުރެވޭން ހުރި ކަންކަމަށާއި، ހައްލުތަކަށާއި، އަދި ބިނާކުރަނިވި ނަތީޖާތަކަށް ވިސްނުން އަމާޒުކުރުމެވެ.
ކަންކަމާ މެދު ދެކޭ ގޮތް ފައްސިކޮށް، އެ ދިމާއަށް ސިކުނޑި ހޭނުވުމުން، އޭގެ ފައިދާތައް ދިރިއުޅުމުގެ ހުރިހައި ދާއިރާއަކަށް ފެތުރިދެއެވެ. އެހެންކަމުން ފަހި ވިސްނުމުގެ ސަބަބުން ލިބިދޭނެ ބައެއް ފައިދާތަކުގެ މައްޗަށް ބަލައިލަމާ ހިނގާށެވެ!
އިނބަގެ ސިކުނޑި އަބަދު ވެސް މަސައްކަތްކުރަނީ ތިބާ އެއަށް ވިސްނައިދޭ ޚިޔާލުތަކުގެ މައްޗަށެވެ. ކަންކަމުގައި ދިމާވެދާނެ އެންމެ ގޯސް ހާލަތްތަކާ މެދު (އިދިކޮށް) އަބަދު ވިސްނާ ނަމަ، ސިކުނޑީގައި ހިމެނޭ ނުރައްކާ ދެނެގަންނަ ނިޒާމު ހަރަކާތްތެރިވެ، އަބަދު ވެސް ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި އިނބަ ބަހައްޓާނެއެވެ.
އެހެންކަމުން ފަހި ވިސްނުން ގެންގުޅޭ މީހުން ދެކޭނީ ކަންކަމުގައި ދިމާވާ ހުރަސްތަކަކީ އޭނާ އަބަދު ގައިދެއްގެ ތެރޭގައި ބަހައްޓާނެ ކަމެއްގެ ބަދަލުގައި އެއީ ވަގުތީ ހުރަސްތަކެއްގެ ގޮތުގައެވެ. މި ކުޑަކުޑަ ބަދަލުގެ ސަބަބުން ހަށިގަނޑުގައި ކޯރޓިސޯލް މިންވަރު ދަށްކޮށްދީ، ހާސްވުމުން އުފެދޭ [ފައިޓް-އޯ-ފްލައިޓް] ރައްދު ޢަމަލު (ނުވަތަ ރިއެކްޝަން) ކޮންޓުރޯލުކޮށްދެއެވެ.
ދިރިއުޅުމުގައި ހިތާމަވެރި ހިތްދަތި އުނދަގޫ ޙަލަތްތަކާ ކުރިމަތިލާންޖެހުމަކީ ނުވެނުދާނެ ކަމެކެވެ. އެއީ ގަބޫލުކުރާންޖެހޭ ހަގީގަތެކެވެ. ފަހި ވިސްނުމަކީ ޖަޒުބާތީ ގޮތުން ލިބޭ ކުއްލި ސިހުންތަކުން ސަލާމަތްކޮށްދޭ އައްޑަނައެކެވެ. [މި ކަން މި ދިމާވީ ހަމައެކަނި އަހަންނަށް ބާވައޭ] ސުވާލު އުފައްދައި ކަންބޮޑުވުމުގެ ބަދަލުގައި، ފަހި ވިސްނުން ގެންގުޅޭ މީހުން އަބަދު ވެސް އޭނާގެ ނަފުސާ ސުވާލުކުރާނީ [މިކަމުން އަހަންނަށް ދަސްކުރެވޭނީ ކޮން އެއްޗެއް ބާވައޭ]އެވެ.
ޖިސްމާއި ނަފުސުގެ ގުޅުމަކީ، އެހެން ގޮތަކަށް ދަންނަވާ ނަމަ، ހަށިގަނޑާއި ސިކުނޑީގެ ގުޅުމަކީ އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ ގުޅުމެކެވެ. ތިބާގެ ސިކުނޑީގައި ހިނގާ ކަންކަމުގެ އަސަރު، ސީދާ ގޮތެއްގައި ޖިސްމާނީ ދުޅަހެޔޮކަމަށް ފޯރައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކަންކަމުގައި ނައްސިކޮށް ވިސްނާ މީހުންނާ އަޅައި ބަލާ އިރު، ފަހި ވިސްނުން ގެންގުޅޭ މީހުންގެ ޖިސްމާނީ ދުޅަހެޔޮކަން މާ ފުރިހަމައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ނައްސިކޮށް ވިސްނާ ނަމަ، ނޭދެވޭ ޖަޒުބާތުތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ބަލިކަށިވެއެވެ. ނަމަވެސް، މިއާ ޚިލާފަށް ފައްސިކޮށް ވިސްނުމުގެ ސަބަބުން ބަލިތަކުން ދިފާއުވުމަށް ހަށިގަނޑުގައި މާތް ﷲ ލައްވައިފައިވާ ގުދުރަތީ ނިޒާމު ހަރަކާތްތެރިވެ، ތަމްރީނުވުމަށް އެހީތެރިވެދެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ފަހި ވިސްނުން ގެންގުޅުމަކީ ހިތުގެ ބަލިތަކާއި ސުޓުރޯކުޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. ފަހި ވިސްނުން ގެންގުޅޭ މީހުން ހާސްކަން (ނުވަތަ ސުޓުރެސް) ފިލުވައިލާން ވަރަށް މޮޅުވާނެއެވެ. މި ކަމުގެ ސަބަބުން އެމީހުންގެ ހިތަށާއި ލޭހޮޅިތަކަށް ކުރާ ބާރު ކުޑަވެއެވެ. ލޭގެ ފިއްތުން (ޕުރެޝަރު) ދަށްކޮށްދެއެވެ.
ކުރުކޮށް ދަންނަވާ ނަމަ، ފަހި ވިސްނުން ގެންގުޅޭ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. ހާސްކަން ކުޑަވުމާއި، ސިއްހަތަށް ފައިދާހުރި އާދަތަކާއި، އަދި ޖަޒުބާތީ ހަމަޖެހުމާއި މި ހުރިހައި ކަމެއް އެކުވުމުން، އިނބަގެ އުމުރު ދިގުވުމުގެ އިތުރަށް ދިރިއުޅުމުގެ އުފާވެރިކަން ވެސް އެތައް ގުނައެއް އިތުރުކޮށްދެއެވެ.
ކަންކަމުގައި ހާސްވެ ކަންބޮޑުވެ ނައްސިކޮށް ވިސްނާ ނަމަ، ސިކުނޑިއަށް ހަނި ދާއިރާއަކަށް އެކަނި ވިސްނުމުގެ އިޙުސާސެއްކުރެވެއެވެ. މިއަށް މި ދާއިރާގެ ބޭފުޅުން ވިދާޅުވެފައި ހުންނަނީ މިއީ [ޓަނަލް ވިޜަން]ކަމަށެވެ. މިއީ އިނބަގެ އުފެއްދުންތެރި ވިސްނުންތައް ހުއްޓުވައި، ހަމައެކަނި ކުރިމަތިވެފައިވާ ނުރައްކަލަށް ނުވަތަ މައްސަލައަށް ތިބާގެ ސަމާލުކަން އަނބުރައިލައި ވިސްނުން ހަނިކޮށްލާ ކަމެކެވެ.
މިއާ ޚިލާފަށް ފަހި ވިސްނުމުގެ ސަބަބުން އިނބަގެ ސިކުނޑީގެ ދުރުވިސްނުން ފުޅާވެދެއެވެ. އެއީ އާ ޚިޔާލުތަކަށް ތިބާގެ ސިކުނޑި ހުޅުވައިދީ، ނޭދެވޭ ގޮތްގޮތަށް ވިސްނާ މީހަކަށް އެއްގޮތަކަށް ވެސް ނުފެންނާނެ ފަދަ ގުޅުންތަކާއި، ފުރުސަތުތަކާއި، އަދި ހައްލުތައް ދެނެގަތުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ކާމިޔާބު ނަތީޖާއެއް ހާސިލުކުރެވިދާނެކަމަށް ތިބާ ގަބޫލުކުރާ ނަމަ، އެ ކަން ހާސިލުކުރުމަށް ބޭނުންވާ މަސައްކަތް ކުރުމުގެ ފުރުސަތު މާ ބޮޑެވެ. ހެޔޮވިސްނުމަކީ މަސައްކަތް ކުރުމުގެ ޝައުގުވެރިކަމާއި ކަށަވެތިކަން އުފައްދައިދޭ ކަމެކެވެ. އަދި ނާކާމިޔާބީގެ ބިރުވެރިކަމުގެ ތެރޭގައި އިނބަ ތާށިވެފައި ހުރުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ކާމިޔާބީއާ ދިމާއަށް މަސައްކަތްކުރާން އިނބަށް ހިތްވަރު ލިބެއެވެ.
އިންސާނާގެ ހަކަތައަކީ އެކެއްގެ ކިބައިން އަނެކަކަށް ނަގުލުވާ އެއްޗެކެވެ. އެކުގައި އުޅޭން އިނބަ އެންމެ ބޭނުންވާ މީހުންނާ މެދު ވިސްނައިލަމާހެއްޔެވެ! އަބަދު ޝަކުވާކޮށްގެން އިނބަގެ ހަކަތަ ދަމައިގަންނަ މީހުންގެ ބަދަލުގައި، ތިބާއަށް ހިތްވަރުދީ އުފާވެރިކަން ގެނެސްދޭ މީހުންނެވެ. މި ފަދަ މީހުންނާ އެކު، އިނބަ ގިނަ ވަގުތު ހޭދަކުރާން ބޭނުންވާނެއެވެ. އަބަދު ޝަކުވާކޮށް އިނބަގެ ހަކަތަ ހުސްކުރާ ނަމަ، އެ ފަދަ މީހުންނާ އޮންނަ ގުޅުމަށް ބުރޫއަރާނެއެވެ.
ފަހި ވިސްނުން ގެންގުޅޭ މީހުންނަކީ އާންމު ގޮތެއްގައި އެހެން މީހުންގެ އިހުސާސްތައް ދަންނަ، ހުޅުވައިލެވިފައިވާ ވިސްނުމެއް ގެންގުޅޭ، (އޯޕަން މައިންޑެޑު) އަދި ގުޅިގެން މަސައްކަތްކުރާން ބޭނުންވާ ބަޔެކެވެ. އެ މީހުން އަބަދު ވެސް ބަލާނީ އެހެން މީހުންގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަށެވެ. މީގެ ސަބަބުން ކުދިކުދި ދެބަސްވުންތައް ވަރަށް ބޮޑަށް މަދުވެދެއެވެ. އަދި ފަހި ވިސްނުމަކީ މީހުން ގާތްކުރުވާ ކަމަކަށް ވާތީ، މި ފަދަ ވިސްނުން ގެންގުޅޭ މީހުންނަށް ދެމެހެއްޓެނިވި، ދުޅަހެޔޮ ގުޅުންތަކެއް ބިނާކުރާން ފަސޭހަވެއެވެ. އަދި ދިރިއުޅުމުގައި ދަތި ދަނޑިވަޅެއް ކުރިމަތިވާ ހިނދު، އެ މީހުންނަށް އެހީތެރިވާން ތައްޔާރަށް އޮންނަ އެހީތެރިކަމުގެ ވަރުގަދަ ވިއުގައެއް ގާއިމުވެފައި އޮވެއެވެ.
ނިންމައިލަމުން ދަންނަވައިލާން ބޭނުންވަނީ ފަހި ވިސްނުމަކީ ޠަބީޢީ ގޮތުން އިންސާނާގެ ކިބައިގައި އެކުލެވިފައި ހުންނަ ކަމެއް ނޫނޭއެވެ. ގަބޫލުފުޅުކުރައްވާށެވެ! އެއީ މައިންބަފައިންގެ ފުށުން (ތަރިކައިން) ވާރުތަވާ ނަސީބެއް ވެސް ނޫނެވެ. އެއީ އިނބަގެ ކިބައިގައި އަށަގަންނުވައި، އަމިއްލައަށް ބިނާކޮށް ތަރައްގީކުރެވިދާނެ އާދައެކެވެ. މީގެ ފެށުމަކީ ތިބާގެ ހިތަށް ވަންނަ ނޭދެވޭ ޚިޔާލުތަކާއި ފާޑުކިޔުންތައް ދެނެގަނެ، އެފަދަ ނޭދެވޭ ކަންކަމާ ދެކޮޅަށް މަސައްކަތްކޮށް، އަދި ކޮންމެ ދުވަހަކު ވެސް ކަންކަމަށް ޝުކުރުވެރިވެ، ތަޝައްކުރަކީ އިނބަގެ އާދައަކަށް ހެދުމެވެ. ފަހި ވިސްނުން އިނބަށް ލިބިދޭނެ ގޮތަކީ މިއީއެވެ. މިއީ އޭގެ ސަބަބުން އިނބަގެ މުޅި ދިރިއުޅުން ހެޔޮމަގަށް ބަދަލުކޮށްލާނެ ކަމެއްކަން ކަށަވަރެވެ.
ކަންކަމާމެދުގައި ދެކޭގޮތް އިދިވުމީ ޝައްކުގެ ފެށުން
ކަންކަމުގެ ވިސްނުން މިހެން ހުންނާނެނީ ގައިމޭ ކުށުން
ރަންޒަމާނުގެ ދިރިއުޅުން ޖެހިދާނެޔޭ އަބަދަށް ފުށުން
ބައެއް ލަފުޒުގެ މާނަ:
ހަކަތަ ނ. (1) ހަށިގަނޑު ޙަރަކާތްކުރުމުގެ ކުޅަދާނަކަން ލިބިދޭ ބާރު، ނުވަތަ ގައިގެ ވަރު. (2) އެއްޗެއްގައި ހުންނަ އެހެން އެއްޗެއް ހިންގައިދިނުމުގެ ބާރު. (3) އިރުގެ އަލި ނުވަތަ ވައި ނުވަތަ ރާޅުން ކަރަންޓު އުފައްދާ ބާރު. (4) އެއްޗެއް ވަކިވަރަކަށް ވުރެ ބާރަށް އެނބުރުމުން އުފެދޭ ކަރަންޓު އުފެއްދުމުގެ ބާރު.
ނައްސި ނއ. ނޭދެވޭ ނުވަތަ ނުރުހެވޭ. (2) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ނުދައްކާ. (3) ސުމަކަށްވުރެ ދަށް. (4) ބެޓެރީގައި ކަނޑާ ފާހަގަ (-) ޖަހައިފައި ހުންނަ ތަން ނުވަތަ ކޮޅު.
ފަހި ނއ. (1) ތަނަވަސް. (2) ނިޔާމަ. (3) ފަސޭހަ. (4) ޖެހޭ ވަޔާ އެއްކޮޅަށް
ފައްސި ނއ. ގަބޫލުވެވޭ ނުވަތަ ރުހެވޭ. (2) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ދައްކާ. (3) ސުމަކަށްވުރެ މަތި. (4) ބެޓެރީގައި އެއްކުރާ ފާހަގަ (+) ޖަހައިފައި ހުންނަ ތަން ނުވަތަ ކޮޅު.
ތަޝައްކުރު ނ. ލިބުނު އެހީއެއް ބަލައިގަތުމުގެ ބަސް ނުވަތަ އަދާކުރާ ޝުކުރު. acknowledgement