އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
14 ޖުލައި 2026
2026ވަނަ އަހަރުގެ ވޯލްޑުކަޕަކީ ރެފުރީންނަށާއި ފީފާއަށް ބޮޑު ތުހުމަތުތަކެއް ކުރެވުނު މުބާރާތެކެވެ. މެޗުތައް ބަލާން އިންނަ އިރު، އަޅުގަނޑު ވެސް އެ ގޮތަށް ތުހުތުކުރަމެވެ. އެއީ ބައެއް ނިންމުންތައް އިންސާފުވެރި ނޫންކަމަށް ފެންނަ ގިނަ ކަންތައްތަކެއް ފެންނާން ހުރީތީއެވެ. އެހެންކަމުން މި ކަމާ މެދު ޢިލްމީ ގޮތެއްގައި ބަލައިލާން އަޅުގަނޑު ބޭނުންވީއެވެ.
އެންމެ ގިނައިން މީހުން ދައްކާ ވާހަކައަކީ ރެފުރީންގެ ނިންމުންތައް އިންސާފުވެރި ނޫން ވާހަކައެވެ. ގިނައިން މި ގޮތް ދިމާވަނީ އެ މީހަކު ތާއީދުކުރާ ޓީމަކަށް ދެރަ ގޮތް ދިމާވާ ދަނޑިވަޅުގައެވެ. ތެދަށް ދަންނަވާ ނަމަ، ރެފުރީންގެ ނިންމުންތައް ބައެއް ފަހަރު އިންސާފުވެރިއެއް ނޫނެވެ. މިއީ އެންމެން ވެސް އެއްބަސްވާނެ ހަގީގަތެއްކަމަށް ދެކެމެވެ. ނަމަވެސް އެއީ އާންމުކޮށް ވަކި ޓީމަކާ ދެކޮޅަށް ފީފާއާ ގުޅިގެން ނުވަތަ ރެފުރީ އަމިއްލައަށް ނަމަވެސް ރޭވުމެއް ރާވައިގެން ހިންގާ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
އާދޭހެވެ! ރެފުރީންނަކީ ވެސް އިންސާނުންނެވެ. އެއީ ރޮބޮޓުންނެއް ނޫނެވެ. އިންސާނުންނަށްވީތީ އިންސާނުންނަށް ހެދޭ ގޯސްތަކެއް ހުރެއެވެ. އަދި ކޮންމެ މީހެއްގެ ވެސް ހިތުގެ އަޑީގައި އޮންނަ ވަކި ފަރާތަކަށް ޖެހެވުމުގެ ޝުޢޫރުތަކެއް ހުންނާނެއެވެ. ޒަމާނީ ފުޓުބޯޅައިގެ ހަލުވި ދުވެއްޔަކީ ވެސް މި ކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. ރެފުރީންނާއި އެހެން އޮފިޝަލުން ވެސް އެ މީހުންގެ ކުރިމަގަށް ޓަކައި ބަރާބަރަށް އިންސާފުން ކަންކަން ނިންމާން ބޭނުންވާނެކަން ގަބޫލުކުރާންޖެހެއެވެ. އެހެނީ އޭނާގެ މަގުބޫލުކަމާއި [ޕްރޮފެޝަނަލިޒަމް]އަކީ އޭނާގެ މުސްތަގުބަލަށް ޓަކައި ދަމަހައްޓާން ބޭނުންވާނެ ކަންކަމެވެ. އެހެންވީ އިރު، އެންމެ އިންސާފުވެރިކޮށް، އެންމެ ފުރިހަމައަށް، އެ މީހުން މަސައްކަތްކުރާ ނަމަ، ބައެއް ފަހަރު ރެފުރީކަންކުރުން ބޭއިންސާފުކޮށް ފެންނަނީ ކީއްވެގެންހެއްޔެވެ؟ މި ސުވާލުގެ ޖަވާބަށް ޢިލްމީ ގޮތެއްގައި ބަލައިލާނަމެވެ.
ކުޅިވަރުގެ ސައިންސުގެ ދާއިރާއިން ހަދައިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި، ސަޕޯޓަރުންގެ ހަޅޭއްލެވުމުގެ އަޑުގެ ނުފޫޒު ރެފުރީންނަށް ވަރަށް ބޮޑަށް ފޯރައެވެ. ޕެނަލްޓީއަކަށް އެދި 60،000 މީހުން އެއް ފަހަރާ ހަޅޭއްލަވައިގަތުމުން، ހިތުގެ އަޑީގައި ނޭނގި ނަމަވެސް އެ ކަމަށް ވަރަށް ބޮޑު ބާރެއް އުފެދެއެވެ. ރެފުރީންނަކީ ވެސް އިންސާނުންނެވެ. ބެލުންތެރިންގެ ބާރު އަޑުގެ ސަބަބުން، ސިކުންތެއްގެ ތެރޭގައި ހިނގާ ކަމެއްގެ މައްޗަށް އެ މީހުން ދެކޭ ގޮތް ބަދަލުވެ، އަމިއްލަ ދަނޑުގައި ކުޅޭ ޓީމަށް، ނުވަތަ މަޝްހޫރު ޓީމަށް ކުޑަކޮށް ބުރަވެވޭ ގޮތް ވެވޭކަމަށް ދިރާސާތަކުން ދައްކައެވެ.
ރެފުރީން މެޗުތަކަށް ދަނީ ކުރީން އެނގިފައި ހުންނަ މައުލޫމާތަކާ އެކުގައެވެ. ވަކި ކުޅުންތެރިއަކީ ފައުލުހެދުމަށް ޓަކައި އަމިއްލައަށް ވެއްޓިގަންނަ ނުވަތަ އެ ގޮތަށް [އެކުޓުކުރާ] ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެއް ނަމަ، އޭނާ ވެއްޓޭ ވެއްޓުންތަކަށް ރެފުރީން ބަލާނީ ޝައްކުގެ ނަޒަރަކުންނެވެ. އަދި މިއާ ޚިލާފަށް، ވަރަށް ހަރުކަށިކޮށް [ގައްޑާކޮށް]، މާ ބޮޑަށް ޖިސްމާނީ ބާރު ބޭނުންކޮށްގެން ކުޅޭކަމަށް މަޝްހޫރުވެފައިވާ ޓީމެއް ނަމަ، އެ މެޗު ހަރުކަށިވާނެކަމަށް ލަފާކޮށް ރެފުރީ މާ އަވަހަށް އަދަބުދޭން އަވަސްވެގަތުން އެކަށީގެންވެއެވެ. އެއީ މެޗު މައިތިރިކުރުމަށް ޓަކައި އޭނާއަށް ވިސްނޭ ގޮތެވެ.
ވަރަށް މޮޅެތި ސުޕަރއިސްޓާރުންނަށް ނުވަތަ ތާރީޚީ ގޮތުން މޮޅު ޓީމުތަކަށް، ޝައްކު އުފެދޭ ފަދަ ނިންމުންތަކުގައި ފައިދާ ލިބޭކަން ވަނީ ހެކިތަކާ އެކު ސާބިތުވެފައެވެ. އާޖެންޓީނާއަކީ އެ ފަދަ ޓީމެކެވެ. އަދި ލައިނަލް މެއްސީއަކީ އެ ފަދަ މަޝްހޫރު ކުޅުންތެރިއެކެވެ. އެއީ ނޭނގި ނަމަވެސް ކުރެވޭ އިހުތިރާމެއްގެ ސަބަބުންކަމަށް ވިޔަސް، ނުވަތަ މަޝްހޫރު މީހުންގެ މެޗުތައް އިންސާފުކުރުމުގައި ހުންނަ [ޕްރެޝަރުގެ] ސަބަބުންކަމަށް ވިޔަސް، މި ފަދަ ޓީމުތަކާއި [ތަރީންނަށް] ޚާއްސަ ގޮތްތަކެއް ހަދާ ވާހަކައަކީ ވަރަށް އާންމު ޝަކުވާއެކެވެ.
ބައެއް ކުޅިވަރުތަކުގައި ޚައްޞަކޮށް ފުޓުބޯޅައިގައި ކުޅުން ހިނގަނީ ވަރަށް ހަލުވި މިނެއްގައެވެ. ރެފުރީ ހުންނަނީ އެންމެ ޒާވިޔާއެއްގައެވެ. އޭނާ ހުންނާނީ ބާރަށް ދުވާ ހާލަތެއްގައެވެ. އަދި ގިނަ ކުޅުންތެރިންތަކަކަށް އެއް ފަހަރާ ބަލާން ޖެހެއެވެ. ޓީވީގެ ލަސް ރީޕްލޭއަކުން އެހެން ޒާވިޔާއަކުން ބަލާ އިރު ސާފު ފައުލެއްގެ ގޮތުގައި ފެންނަ ކަމެއް، ރެފުރީ ހުރި ކޮޅުން ނުވަތަ ޒަވިޔާއިން ބަލާ އިރު، ފައުލެއްގެ ގޮތުގައި ފެނުމުގެ މަގު ބަންދުވެފައި އޮވެދާނެއެވެ.
މި ކަންކަން ޙައްލުކުރާން މަސައްކަތްކުރުމަށް ޓަކައި، ގިނަ ކުޅިވަރުތަކަށް ޚާއްޞަކޮށް ފުޓުބޯޅައަށް މިހާރު ވަނީ ފަންނިއްޔާތު ތައާރަފުކޮށްފައެވެ. މިސާލަކަށް ފުޓުބޯޅައިގައި ވީއޭއާރު، އެން.ބީ.އޭ، އެން.އެފު.އެލްގައި ރީޕްލޭ ރިވިއުއެވެ. މި ފަންނިއްޔާތުގެ ސަބަބުން އެންމެ ބޮޑެތި، ފާޅުކަން ބޮޑު ގޯސްތައް ނައްތައިލެވުނު ނަމަވެސް، މި ކަމާ މެދު ކުރެވޭ ބަހުސްތަކެއް ނުހުއްޓެއެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ސަބަބަކީ ގިނަ ގަވާއިދުތަކުގައި އަދިވެސް ރެފުރީގެ އަމިއްލަ ވިސްނުމުން ގޮތް ނިންމާން ޖެހޭ ކަންކަން ހުންނާތީއެވެ. މިސާލަކަށް: އަތުގައި ޖެހުނު ބޯޅަ (ހޭންޑު ބޯލް) އަކީ ގަސްތުގައި ކުރި ޢަމަލެއްހެއްޔެވެ؟ ނުވަތަ އެ ކަމުން އެ ކުޅުންތެރިޔާގެ ޓީމަށް ފައިދާއެއް ނުވަތަ އިދިކޮޅު ޓީމަށް ގެއްލުމެއް ލިބޭނެހެއްޔެވެ؟ މި ފަދަ ކަންކަމަށް ވަގުތުން ގޮތް ނިންމައި ފިޔަވަޅުއަޅާން ޖެހެނީ ރެފުރީއަށެވެ.
އާދޭހެވެ! ރެފުރީންގެ ބައެއް ނިންމުންތަކާ މެދު ޚުދު އަޅުގަނޑު ވެސް ނުރުހުންތެރިވާ އިރު، އަދި ބޭއިންސާފުކަމަށް ދަޢުވާކުރާ އިރު، އިސްވެ ދަންނަވައިލެވުނު ސަބަބުތައް އެހެން ހުރުމާ އެކު، ރެފުރީން މަސައްކަތްކުރަނީ އެއް ގޮތަކަށް ކަންކަން ނިންމާންކަމަށް ހިތާ ދެކޮޅަށް ނަމަވެސް ޖެހެނީ ގަބޫލުކުރާށެވެ. ނަމަވެސް، އެންމެން އެންމެ ހިތްހަމަޖެހޭ މިންވަރަށް، ރެފުރީކަން ކުރުން މުޅީން ފުރިހަމަވުމާއި އެއްވެސް ކޮޅަކަށް ނުޖެހި މެޗުތައް ނިންމުމަކީ އަޅުގަނޑުގެ ނަޒަރުގައި އިންސާނުންނަށް ވާސިލްވެވޭނެ ފަދަ މީޔާރެއް ނޫނެވެ. މާފުކުރައްވާށެވެ! މިއީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ މި ޚިޔާލަށް ބާރު ލިބޭ ގޮތަށް އެއް ރޭގެ މެޗެއްގައި ކުޅިވަރުގެ މުޙައްލިލު އަޒުމީން ވެސް ވަރަށް ބޮޑަށް ޚިޔާލުފާޅުކުރެއްވި އަޑު އެހީމެވެ. މި މަގާލު ލިޔެލާން އަޅުގަނޑަށް ހިތްވަރު ލިބުނީ އޭނާގެ ޚިޔާލު އަޑުއިވިފައިވާތީއެވެ.
ބައެއް ލަފުޒުގެ މާނަ:
މީޔާރު ނ. (1) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އާންމު ހަމަ. (3) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް. standard
މީޔާރު ނއ. އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.
ފައުލު ނ. (1) ހަމަޖެހިފައި އޮންނަ ހަމައާ ނުވަތަ ގަވާއިދާ ނުވަތަ އުސޫލާ ޚިލާފަށް ކުރާ އަމަލު. އާންމުކޮށް މި ލަފުޒު ބޭނުންކުރަނީ ކުޅިވަރުގެ މައިދާނުގައެވެ. (2) ކުޅިވަރެއް ކުޅުމުގެ ތެރޭގައި، އެ ކުޅިވަރެއްގެ ޤަވާޢިދާ ޚިލާފަށް ކުރާ ކަމެއް. faul
ތުހުމަތު ނ. ކުށެއް ނުވަތަ ނުބައި ކަމެއް ކުރިކަމަށް، ނުވަތަ ކުރާކަމަށް ކުރާ ޝައްކު. suspect
ޒާވިޔާ ނ. ސީދާ ދެ ރޮނގެއް ބައްދަލުވާ ނުކުތާގައި ދެ ރޮނގު ދޭތެރޭ އުފެދޭ ޖާގަ. މި ޖާގަ އާންމުކޮށް މިންކުރާނީ ދަރަޖައިންނެވެ. angle