އަލްއުސްތާޒު އަޙުމަދު މާޖިދު
11 ޖުލައި 2026
2026 ވޯރލްޑް ކަޕުގެ ސޯޅަ ޓީމުގެ ބުރުގައި މިޞްރު އަތުން އާޖެންޓީނާ މޮޅުވި ގޮތާ މެދު ފާޑުކިޔުމުގެ އޮއިވަރެއް ހިނގަމުންދާ އިރު، ކުރެވެމުންދާ ބަހުސުގައި، ޒައިނިސްޓް އިސްރާއީލަށް އާޖެންޓީނާއިން ކުރާ، ހިފެހެއްޓުމެއް ނެތް ތާއީދުގެ ވާހަކަ ވެސް ދަނީ ދެކެވެމުންނެވެ. އަޅުގަނޑު ފަދަ އެތައް ބަޔަކު، އާޖެންޓީނާ މުބާރާތުން ކެޓުން އެދެނީ އެ ޤައުމުން އިސްރާއީލަށް ކުރާ ތާއީދާ ހުރެއެވެ. ޚާއްޞަކޮށް، މިހާރު އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ އަނިޔާވެރި ޤަތުލުޢާންމުތަކާއި އަނިޔާތަކަށް އާޖެންޓީނާ ފާޅުގައި ކުރާ ތާއީދާ ހުރެއެވެ.
އަނެއްކޮޅުން، އާޖެންޓީނާއަށް ތާއީދުކުރާ ބައެއް މީހުން އެބަ ބުނެއެވެ. [ކޮންމެ ކަމަކަށް ކަލޭމެން ދީން ވައްދަނީ ކީއްވެގެންހެއްޔެވެ؟ މިއީ ފުޓުބޯޅައެވެ. އަހަރެމެން ވެސް އިސްރާއީލަށް އާޖެންޓީނާ ކުރާ ތާއީދަކާ ނުރުހެމެވެ. ނަމަވެސް މިއީ ވަކި ކަމެކެވެ.] މިހެން ބުނާ މީހުން ދެކޭ ގޮތުގައި، އެ މީހުންގެ ބަހުރުވަޔާއި ބަސްމަގުން ދޭހަވާ ގޮތުގައި، އެ މީހުންނަކީ ދެން މާ "ބްރޯޑްމައިންޑެޑް" ބަޔެކެވެ! އެއީ ކަން އޮތް ގޮތްހެއްޔެވެ؟ އެ މީހުން ހަމަ "ބްރޯޑްމައިންޑެޑް"އީހެއްޔެވެ؟
ނޫނެކެވެ! އެ މީހުން "ބްރޯޑްމައިންޑެޑް"އީކީ ނޫނެވެ. އެ މީހުންނަކީ ގިޔަމުތަކާއި އުޞޫލުތަކަށް މާނަވެރި ގޮތެއްގައި ތަބަޢަވާން (values and principles) ނޭނގޭ ބަޔަކީއެވެ.
އެހެންޏާ، ރޫސީ ވިލާތުން ޔޫކުރެއިނަށް ޙަމަލަދިނުމުން، އެންމެން އެކައްޗެއް ކިޔައިގެން އެ ޤައުމު ފުޓުބޯޅައިގެ މައިދާނުން ތައުލީގުކޮށް ބޭރުކޮށްލީ ކިޔެއްވެގެންހެއްޔެވެ؟ އާނއެކެވެ! އެއީ ގިޔަމުތަކާއި އުޞޫލުތަކަށް ޓަކައެވެ. އެހެންޏާ ފަހެ، ރޫސީ ވިލާތުގެ ޓީމުގައި ތިބެނީ ޔުކުރެއިނަށް ޙަމަލަދޭން ނިންމި މަޖިލިހުގެ މެންބަރުންހެއްޔެވެ؟ ޙަމަލަދޭން ދިޔަ ލަޝްކަރުގެ ސިފައިންހެއްޔެވެ؟ "އެއީ ވަކި ކަމެކޭ، މިއީ ވަކި ކަމެކޭ" މި ޖަދަލު، މި ޙާލަތުގައި ނުކުރެވޭނީހެއްޔެވެ؟ ނޫނެކެވެ! ކުރެވޭނެއެވެ. ނަމަވެސް، ޤައުމެއްގެ ޢަމަލުތައް ޢަދުލުއިންޞާފާއި އިންސާނީވަންތަކަމާއި ހެޔޮ ގޮތްތަކާއި ހެޔޮ ޤާނޫނުތަކުގެ އިންތަކުން ބޭރުވުމުން، އެ ބަޔަކާ ގާތްކަން ބާއްވައި ގުޅުންތައް ބަދަހިކޮށް ތާއީދުކޮށް ހެދުމަކީ ހުތުރު ކަމެއްކަމުގައި ވަނީއެވެ. ޔޫކުރެއިނަށް ޙަމަލާ ދިނުމުން ރޫސީ ވިލާތް ފުޓުބޯޅައިން ބޭރު ކޮށްލީ، މި ވިސްނުމުގައެވެ. އެޕަރތައިޑު ޒަމާނުގައި، ކުޅިވަރުތަކުގެ ދާއިރާއިން ދެކުނު އެފުރިކާ ބޭރުކުރީ ވެސް ހަމަ މި ވިސްނުމުގައެވެ.
* * *
އާޖެންޓީނާއަކީ ޒައިނިސްޓުންގެ ބާރު ގަދަ ތަނެކެވެ. ޒައިނިސްޓު އިސްރާއީލަށް ތާއީދު ބޮޑު ތަނެކެވެ. ޚާއްޞަކޮށް، 2023ވަނަ އަހަރުން ފެށިގެން އަނިޔާވެރި ޒައިނިސްޓު އިޒުރޭލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޤަތުލުޢާންމުތަކަށް އެންމެ ބޮޑު އެއްބާރުލުމެއްދީ، އެންމެ ބޮޑު އެހީތެރިކަމެއް ވެދެމުންދާ އެއް ޤައުމަކީ އާޖެންޓީނާއެވެ. މުޅި ދެކުނު އެމެރިކާ ކަހަލަ ގޮތަކަށް އިސްރާއީލާ ދެކޮޅަށް ބަސް ބުނަމުންދާ އިރު، އާޖެންޓީނާ އޮތީ، ރައީސް ހާވިއާ މިލެއިގެ ގިޔާދަތުގައި، އިސްރާއީލުގެ އެކުވެރިޔެއްގެ ގޮތުގައެވެ. މިލެއިގެ ސަރުކާރުން ފައުޅުގައި ގެންދަނީ އިސްލާމް ދީނާއި އިސްލާމީ އުންމަތަކީ [އަހަރެމެން ހުޅަނގުގެ ދުޝްމަނުން] ކަމަށް ބުނަމުންނެވެ.
މި ދިޔަ ތިން އަހަރެއްހައި ދުވަހުގެ ތެރޭގައި، އާޖެންޓީނާއިން އިސްރާއީލަށް ދެމުންދާ "މަދަދު"ގެ މައްޗަށް އަވަސް ކަޅިއެއް ހިންގައިލަމާތޯއެވެ؟
· އާޖެންޓީނާއިން ވަނީ، އެތައް ފަހަރަކު، ޣައްޒާގެ ޤަތުލުޢާއްމުތައް ހުއްޓުވައި، އިސްރާއީލުގެ ޢުދުވާން ހުއްޓައިލުމަށް ގޮވައިލައި އަލިފުދާލުގެ ޢާއްމު މަޖިލިހުން ފާސް ކުރާން އުޅުނު ޤަރާރުތަކަށް ނޫން ވޯޓު ދީފައެވެ.
· 2024ވަނަ އަހަރުގެ މޭ މަހު، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމާ މެދު އަލިފުދާލުގައި ނެގި ވޯޓުގައި، އާޖެންޓީނާއިން އެކަމަށް ހެދީ ދެކޮޅެވެ.
· ފަލަސްޠީނާއި މުސްލިމުންނާ މެދު އެންމެ ޢަދާވާތްތެރި ޤައުމުތަކުން، އަދި ފަލަސްޠީނުގެ ޙައްޤުތަކާ މެދު އެންމެ އިހާނާތްތެރި މަދު ޤައުމުތަކަކުން ކުރާ އެއް ކަމަކީ، އިސްރާއީލުގައި ހުންނަ އެމީހުންގެ އެމްބަސީ ޓެލް އަވީވުން ޤުދުސަށް (ޖެރޫސަލަމަށް) ބަދަލު ކުރުމެވެ. އާޖެންޓީނާ ސަރުކާރުން ވަނީ މިކަން ކުރާނެކަން އިޢުލާން ކޮށްފައެވެ. އެކަން ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. މަސައްކަތް ލަސް ވަނީ، ބައިނަލްއަޤްވާމީ މައިދާނުގައި އެކަމާ މެދު އޮތް ނުރުހުމާއި ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ.
· ފާއިތު ވި ދެތިން އަހަރުގެ ތެރޭގައި، އާޖެންޓީނާގެ ރައީސާއި އޭނާގެ ސަރުކާރުގެ އިސް އެތައް ބޭފުޅުން، އިސްރާއީލާ އެކު "ބަދަހި އެކުވެރިކަމާއި އުޚުއްވަތްތެރިކަމެއް އޮތްކަން" ސާބިތު ކުރެއްވުމުގެ ދަތުރުފުޅުތައް އިސްރާއީލަށް ކުރައްވައިފައި ވެއެވެ. އޭގެ ތެރެއިން އެއް ދަތުރުފުޅެއްގައި، ރައީސް މިލެއި ވަނީ "އަޅުގަނޑަކީ ދުނިޔޭގެ އެންމެ ޒައިނިސްޓް ރައީސް" މިހެން ވިދާޅުވެ އިސްރާއީލުން ކުރާ ހުރިހައި ކަމެއްގައި އާޖެންޓީނާގެ އެހީތެރިކަން އޮންނާނެކަން ކަށަވަރު ކޮށްދެއްވައިފައެވެ.
· 2025ވަނަ އަހަރު، އާޖެންޓީނާ ސަރުކާރުން "އައިޒެކް އެކޯރޑްސް" ކިޔާ ޑިޕްލޮމެޓިކް ޕްރޮގްރާމެއް އިޢުލާންކުރިއެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ ދުނިޔޭގެ ނަޞާރާ/ޔަހޫދީ ދައުލަތްތަކާއި ބާރުތައް، އިސްރާއީލުގެ މަދަދުގައި އެކަތިގަނޑަކަށް ހެދުމެވެ. ޚާއްޞަކޮށް، ދެކުނު އެމެރިކާ ބައްރުގެ ޤައުމުތައް އިސްރާއީލަށް ތާއީދު ކުރުމުގެ ފަޅިއަށް ގެނައުމެވެ.
· އާޖެންޓީނާއިން ވަނީ، އެމެރިކާ އާއި އިސްރާއީލް އިސް ވެ އޮވެ، އީރާނަށް ޢުދުވާނީ އަދި އަނިޔާވެރި ޙަމަލަތަކެއް ދީ، އެ ޤައުމުގެ ކުށެއް ނެތް އެތައް ހާސް ކުޑަކުދީންނާއި ބޮޑެތި މީހުން މަރައި، މަދަނީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދިނުމުން، އެކަމަށް ތާއީދު ކުރުމުގައި އިސް ސަފަށް ނުކުމެ، އީރާނުގެ ރަސްމީ ޢަސްކަރިއްޔާ ކަމަށް ވާ "އައިއާރްޖީސީ" އާއި އެ ޢަސްކަރިއްޔާގައި ފަލަސްޠީނުގެ ޙިމާޔަތުގައި މަސައްކަތް ކުރާ ފައުޖެއްގެ ގޮތުގައި އޮންނަ "ޤުދުސް ފޯރސް" އަކީ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ރަސްމީ ސިޔާސަތުނާމާތަކުގައި ކަނޑައަޅައިފައެވެ.
· އާޖެންޓީނާގެ ދިފާޢީ ވުޒާރާ އާއި ދިފާޢީ ސިނާއީ ފަރާތްތަކުން ދަނީ އިސްރާއީލުގެ އަނިޔާވެރި އަދި ޖައްބާރު ޒައިނިސްޓް ފައުޖުތަކަށް އެކިއެކި ގޮތްގޮތުން އެހީތެރި ވަމުންނެވެ. އެގޮތުން، ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ޢަސްކަރީ ގުޅުންތަކުގެ އެތައް އެއްބަސްވުމެއްގައި ސޮއި ކޮށް، އެ އެއްބަސްވުންތައް ދަނީ ތަންފީޒު ކުރަމުންނެވެ. އެޑްވާންސްޑް ސައިބަރ ވޯރފެއަރގައި އާޖެންޓީނާއިން ދަނީ އިސްރާއީލާ ބައިވެރި ވެ އެހީތެރި ވަމުންނެވެ. ދެ ޤައުމުން ދަނީ ޢަސްކަރީ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރަމުންނެވެ. އާޖެންޓީނާއިން ދަނީ އިސްރާއީލަށް އަންމޭންޑް އޭރިއަލް ވިއެކަލް އަދި ބަޑިއަށް ލައްވާ އުންޑަ ފަދަ ހަތިޔާރުތައް ގިނަ ޢަދަދަކަށް ފޯރު ކޮށްދެމުންނެވެ.
· އިސްރާއީލާއި އެމެރިކާ އެދޭ ގޮތަކަށް ޣައްޒާގެ "ޞުލްޙަ ބަލަހައްޓައިދޭން" އާޖެންޓީނާގެ ސިފައިން ފޮނުވާން އެ ޤައުމުގެ ސަރުކާރުން ވަނީ ހުށައަޅައިފައެވެ.
· އާޖެންޓީނާ ސަރުކާރުން ވަނީ، މިޞްރާއި ބައެއް އެހެން އިސްލާމީ ޤައުމުތަކުގައި ޙަރަކާތްތެރިވާ "އިޚުވާނުލް މުސްލިމީން" ޖަމާޢަތަކީ "ޓެރަރިސްޓް ޖަމާޢަތެއް"ކަމަށް ލިސްޓު ކޮށްފައެވެ.
· އާޖެންޓީނާ ސަރުކާރުން 2024ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ފަލަސްޠީނުގެ ޙަމާސް ޖަމާޢަތަކަކީ "ބައިނަލްއަޤްވާމީ ޓެރަރިސްޓް ޖަމާޢަތެއް"ކަމަށް ވަނީ ކަނޑައަޅައި އެ ޤައުމުގެ ޓެރަރިސްޓު ލިސްޓުގައި ޙަމާސް ހިމަނައިފައެވެ.
· އާޖެންޓީނާގެ ރައީސް މިލެއި، އަދި އޭނާގެ ކެބިނެޓްގެ އެތައް މެންބަރުންނެއް (ފްރާންސިސްކޯ ސާންޗޭޒް ފަދަ)ގެ ތަޤްރީރުތަކާއި ބަސްދީގަތުންތަކުގައި، ތަކުރާރުކޮށް އިސްލާމް ދީނަކީ ޓެރަރިޒަމުގެ ދީނެއްކަމަށް ބުނެ، މުސްލިމުންނަކީ ދުނިޔޭގައި ޓެރަރިޒަމް ފެތުރި ބަޔެއްކަމަށް ބުނެ، މާޒީގައި މުސްލިމުން ދުނިޔޭގެ ތަންތަނުގައި ކުރި ހަނގުރާމަތަކާއި ހޯދި ފަތަޙަތަކަށް ނިސްބަތް ކޮށް ހުތުރު އެއްޗެތި ގޮވައި، މަލާމާތްކޮށް، އެއީ ފޭރުމާއި ޤަތުލުކުރުމުގެ އަނިޔާވެރި ޖަރީމާތަކެއްކަމަށް ބުނެފައެވެ. މި ގޮތުން އާޖެންޓީނާގެ ސަރުކާރުގެ ވެރީންގެ ބަހުރުވަ އިސްލާމް ދީނާއި މުސްލިމުންނާ މެދު ޢަދާވާތްތެރިވުމުގައި ޙައްދުފަހަނައަޅައި ގޮސް، އޯރގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން ފަދަ އެތައް ޖަމާޢަތަކުން ވަނީ އެ ކަން ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ. މި ސިޔާސަތުތައް އާޖެންޓީނާގެ ސަރުކާރުން ހިންގަމުންދާ އިރު، ރައްޔިތުންގެ އަޣުލަބިއްޔަތު އެ ސިޔާސަތުތަކާ ދެކޮޅެވެ. ނަމަވެސް އެ ސިޔާސަތުތަކަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު ވެސް އާޖެންޓީނާގައި އެބަ ތިއްބެވެ. އެޔާ އެކު، ޤައުމެއްގެ ސަރުކާރުގެ ސިޔާސަތުތައް މި ދަރަޖަޔަށް ވެއްޓި، އަނިޔާވެރިކަމާއި، ލާޤާނޫނިއްޔަތާއި، ޖައްބާރުކަމާއި، ބޭއިންޞާފަށް މި ފަދަ ކަނު ގޮތެއްގައި ތާއީދުކޮށް އެ ކަމުގައި އެތައް ގޮތަކުން އެ ޤައުމަކުން އެހީތެރި ވާން ފެށީމާ، ދެން ކުރާން ޖެހޭ ބަހުސަކީ އެ ޤައުމުގެ ސަރުކާރުން ހިންގާ ސިޔާސަތުތަކަށް ރައްޔިތުންގެ މެޖޯރިޓީ ތާއީދުކުރޭހެއްޔޭ ނޫންހެއްޔޭ، މިއެއް ނޫނެވެ. އެހެންނަމަ، ރޫސީ ވިލާތާއި ދެކުނު އެފުރިކާ، ފުޓުބޯޅައިން ތައުލީގުކުރުމުގެ ކުރީން، އެ ޤައުމުތަކުގެ ސަރުކާރުން ކުރަމުން ދިޔަ/ކުރާ ކަންތައްތަކާ މެދު ރައްޔިތުންގެ އަޣުލަބިއްޔަތު ދެކޭ ގޮތް ވެސް ބަލާން ވާނެތާއެވެ!ނުވަތަ ބެލީސްތާއެވެ!
* * *
އިސްލާމް ދީނާއި، އިސްލާމީ އުންމަތާ ދެކޮޅު ޤައުމުތަކަށް ފުޓުބޯޅައިގައި ނުވަތަ އެހެނިހެން ދާއިރާތަކުގައި ސަޕޯޓު ކޮށް، "އެޑްމަޔަރ"ކޮށް ހަދާ މީހުން "ކޮންމެ ކަމަކަށް ދީން ނުވައްދާށޭ" ކިޔަނީ، ކުރީން ވެސް ދެންނެވި ހެން، އެމީހުންގެ "ބްރޯޑްމައިންޑެޑް" ކަމަކުން ނޫނެވެ. އެ މީހުންނަކީ ތިމާމެންގެ ހުރިހައި ބަހަކާއި ޢަމަލެއް، ޤަބޫލުކުރާ އެއް ފަލްސަފާއެއްގެ މަތީގައި "ކޮންސިސްޓެންޓްކޮށް" (ހަރުދަނާކަމާ އެކު އެއް ހަމައަކުން) ދަމަހައްޓާން ނޭނގޭ ބަޔަކަށް ވާތީއެވެ. ތިމާގެ ހުރިހައި ބަހަކާއި ޢަމަލެއް އެއް ދިމާޔަކަށް މިސްރާބު ހިއްޕާނޭ ފަލްސަފާއެއް، ޕެރަޑައިމެއް، ނެތީމައެވެ. ޚާއްޞަކޮށް، ތިމާމެންގެ ހިތްތަކާއި ސިކުނޑިތަކާއި ބަހާއި ޢަމަލުތައް އަބަދު ވެސް އިސްލާމީ އުޚުއްވަތުގެ މަގުގައި ސީދާކުރާނޭ "އިސްލާމިކް ވޯރލްޑްވިޔު" އާއި "އިސްލާމީ ޕެރަޑައިމް"ގެ މައްޗަށް އެ މީހުންގެ ސިކުނޑިތަކާއި ހިތްތައް ތަންވީރުވެ ހުޅުވިފައި ނުހުންނާތީއެވެ.
ކުޑަކުޑަ އެކަމަކު މުހިންމު މިސާލެއް ދަންނަވައިލާނަމެވެ. ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި، ރޯމަނުންނާއި ފާރިސީންގެ ދެމެދުގައި ހަނގުރާމައެއްކުރިއެވެ. ރޯމަނުންނަކީ މުސްލިމުންނެއް ނޫނެވެ. އެކަމަކު މުސްލިމުން ފަދައިން ﷲ އާއި އެކަލާނގެ ރަސޫލުންނަށް ކޮންމެވެސް ސިފައެއްގައި އީމާންވި ބަޔެކެވެ. އަނެއްކޮޅުން، ފާރިސީންނަކީ ރަސޫލު ބޭކަލެއްގެ ތަޢުލީމެއްގެ މައްޗަށް ބިނާނުވާ ދީނެއްގައި އޭރު ތިބި ބަޔެކެވެ. މި ސަބަބަށް ޓަކައި، މުސްލިމުންގެ ހިތްތަކުގައި ރޫމީންނާ މެދު ހަމްދަރުދީ އުފެދި، އެ މީހުންނަށް "ސަޕޯޓް"ކުރިއެވެ. އެ "ސަޕޯޓް" ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ޞަޙާބީން ޙިއްޞާކުރެއްވިއެވެ. ﷲ އެ ކަމާ މެދު ރުހިވޮޑިނުގަތުމުގެ ބަސްފުޅެއް ނުއިއްވަވައެވެ. އިއްވެވި ބަސްފުޅުން ދޭހަ ވަނީ އެއީ މައްސަލައެއް ނޫންކަމެވެ. ރޫމު ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަކާއި އެ އާޔަތްތަކުގެ ތަފްސީރު ބައްލަވައިލައްވާށެވެ!
* * *
އާޖެންޓީނާގައި މިހާރު އޮތް ސަރުކާރު ވެރިކަމަށް އައުމާ ހަމަޔަށް ވެސް، އާޖެންޓީނާއަކީ ހުޅަނގުގެ އެހެން ޤައުމުތައް ފަދައިން އިސްރާއީލާ ގާތް ގުޅުންތަކެއް ބާއްވަމުން އައި ޤައުމެކެވެ. ނަމަވެސް، އެއިރު އެމީހުންގެ ސިޔާސަތުތަކުގައި ފަލަސްޠީނުގެ ޙައްޤުތައް ގަބޫލުކުރުން ވެސް އޮތެވެ. އިސްރާއީލުން ފަލަސްޠީނާ ދެކޮޅަށް ހިންގާ ޢަމަލުތައް ކުށްވެރިކުރުމާއި، ފަލަސްޠީނުގެ މައްސަލައިގައި ބައިނަލްއަގުވާމީ ގާނޫނާއި އިންސާފަށް ބެލުން ކޮންމެވެސް މިންވަރަކަށް އޮތެވެ. އެހެންކަމުން، އެއިރު ޚުދު އަޅުގަނޑަކީ ވެސް އާޖެންޓީނާގެ ފުޓުބޯޅަ ޓީމަށް ބައެއް ފަހަރު ތާއީދުކުރި މީހަކީމެވެ. އެ ތާއީދުކުރި ސަބަބަކީ، އާޖެންޓީނާއަކީ ޔޫރަޕާ ޚިލާފަށް ދެކުނު އެމެރިކާގެ ޤައުމަކަށް ވުމެވެ. ޔޫރަޕުގެ ޤައުމުތަކަށް ވުރެ ދެކުނު އެމެރިކާގެ ޤައުމުތަކަށް ހެޔޮ އެދެވުމެވެ. މިދިޔަ ވޯރލްޑް ކަޕުގެ ފައިނަލުގައި ވެސް ޚުދު އަޅުގަނޑު ވެސް ތާއީދު ކުރީ އާޖެންޓީނާއަށެވެ.
ނަމަވެސް އަބަދުވެސް ފާހަގަކުރެވޭ ކަމަކީ، އާޖެންޓީނާ އަކީ ދެކުނު އެމެރިކާގައި އެންމެ ނަސްލީ އިމްތިޔާޒު ފެންނަ އެއް ޓީމުކަމެވެ. މިސާލެއްގެ ގޮތުން، ބްރެޒިލާއި އާޖެންޓީނާއަށް ބައްލަވާށެވެ! ވޯރލްޑް ކަޕުގެ ދިގު ތާރީޚުގައި، އެ މުބާރާތަށް އާޖެންޓީނާއިން ފޮނުވި ޤައުމީ ޓީމުތަކުގައި ކަޅު ނަސްލުގެ ކުޅުންތެރީން އެއްގޮތަކަށް ވެސް ކުޅެފައެއް ނުވެޔޭ ދެންނެވިދާނެއެވެ. އާޖެންޓީނާގެ ވޯރލްޑު ކަޕު އިސްކޮޑުތަކުން ތާރީޚުގައި ފެނިފައިވަނީ ކަޅު ނަސްލަށް ނިސްބަތް ވާ ދެތިން ކުޅުންތެރިޔެކެވެ. އެކަކީ ބަދަލު ގޯލްކީޕަރެކެވެ. އަނެއް ދެ މީހުންނަކީ ނަސަބުގައި ކަޅުމީހުން ތިއްބަސް، ބަލާ ބެލުމަށް ދޮން މީހުންނެވެ. އަނެއް ކޮޅުން، ބުރެޒިލަށް ބައްލަވާށެވެ! ބުރެޒިލްގެ ޓީމުގައި އަބަދުވެސް ނަގައިކިޔާ އެތައް ތަރީންނަކީ ހަމުގެ ކުލަ ކަޅު ނުވަތަ އަނދިރި ކުޅުންތެރީންނެވެ. ހަމައެކަނި ބުރެޒިލެއް ނޫނެވެ. ދެކުނު އެމެރިކާގެ ގިނަ ޓީމުތަކުން ގިނަގިނައިން ކަޅު ކުޅުންތެރީން ފެނެއެވެ. އާޖެންޓީނާ ޓީމަކުން ނުފެނެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ އާޖެންޓީނާގައި ކަޅު މީހުން ބަލައިނުގަތުމެވެ. ކަޅު މީހުންގެ "އެތުނިކު ކުލެންޒިންގ"ގެ ތާރީޚެއް އެ ޤައުމުގައި އޮތުމެވެ.
މިއަދު އާޖެންޓީނާގައި އެ އޮތް އަނިޔާވެރި ނުބައި ސަރުކާރަކީ، އާޖެންޓީނާގެ މި ދެންނެވި ނަސްލީ އިމްތިޔާޒުގެ ޝަޚުޞިއްޔަތުގެ ފައުޅުވުމެކެވެ.
* * *
އާޖެންޓީނާ-މިޞްރުގެ މެޗާ ބެހޭ ގޮތުން ކުރެވޭ ބަހުސްތަކުގައި، އާޖެންޓީނާގެ ބައެއް ސަޕޯޓަރުން މިޞްރަށް އެއްޗެހި ގޮވައި، މިޞްރުގެ ސަރުކާރުން ފަލަސްޠީނަށް ޣައްދާރު ވެ، އިސްރާއީލާއި އެމެރިކާ އެދޭ ގޮތަށް ކަންކުރާ ވާހަކަދައްކައެވެ. އެކަމާ ހުރެ، މިޞްރުގެ ފުޓުބޯޅަ ޓީމަށް ތާއީދުކުރާން އިންކާރުކުރެވިދާނެކަމަށް ބުނެ ޖަދަލުކުރެއެވެ. މިއީ ވެސް، ކަންކަމުގެ ޙަޤީޤަތަށް ސިކުނޑި ފޯރުވުމަށް ބޭނުންނުވާތީ، ތިމާމެންގެ ތަޢައްޞުބުގެ ދުންމާރީން ފުމޭ ވަރަށް ވެސް ހުތުރު ގޮވުމެކެވެ.
އިސްރާއީލާއި އެމެރިކާއަށް މިޞްރުގެ މުސްލިމު ރައްޔިތުން ތާއީދެއް ނުކުރެއެވެ. އެމީހުން ތިބީ ފަލަސްޠީނު ރައްޔިތުންނާ އެކުގައެވެ. ފަލަސްޠީނުގައި ހިނގާ ކަންކަމާ މެދު ހިތާމަ ކޮށް ރޮއި ކަރުނައެޅުމުގައެވެ. މިޞްރުގެ އެތައް ބަޔަކު ޣައްޒާގައި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ދިނުމުގައި މިހާރު ވެސް ޙަރަކާތްތެރި ވަމުން އެބަދެއެވެ. މިޞްރުގެ ސަރުކާރާއި، މުޖުތަމަޢުގެ މަދު ދިމަދިމާއިން ފެންނަ މަދު ޣައްދާރުންނަކީ އިސްރާއީލާއި ހުޅަނގުގެ ފައިސާއާއި ނުފޫޒުގައި ޖެހި، މިޞްރުގެ ރައްޔިތުންގެ ޝުޢޫރުތަކާއި އެދުމާ ޚިލާފަށް ދައުލަތުގެ ސިޔާސަތުތައް ހިންގާ ބަޔެކެވެ. މިޞްރުގެ ފުޓުބޯޅަ ޓީމަކީ ސީސީގެ ގޭކުދީންނެއް ނޫނެވެ. އެއީ އެ ޤައުމުގެ އާދައިގެ މުސްލިމް ޒުވާނުންނެވެ. އޭގެ އެތައް ބަޔަކު ވަނީ ފަލަސްޠީނަށް ފާއިތުވި އަހަރުތަކުގައި ފައުޅުގައި ސަޕޯޓުކޮށްފައެވެ. 2026ގެ ވޯރލްޑުކަޕު މުބާރާތުގެ ތެރޭގައި، މިޞްރުގެ ކޯޗު ހުސާމް ޙަސަން، ދަނޑުގައި ފަލަސްޠީނުގެ ދިދަ އުފުލުމުން، އެ ކަމަށް ބަދަލު ހިފުމުގެ ގޮތުން ޖައްބާރު ޒައިނިސްޓު އިސްރާއީލުން ޖެހިގެން އައި ދުވަހު ޣައްޒާގައި ޙަރަކާތްތެރިވާ "އިޖިޕްޝަން ރިލީފް ކޮމިޓީ"ގެ މެންބަރަކު ދަތުރުކުރި އުޅަނދަށް ސީދާ މިސައިލް ޙަމަލައެއް ދީ އޭނާ ވަނީ ޝަހީދުކޮށްފައެވެ. މިޞްރުގެ އަނިޔާވެރި ސަރުކާރަކީ، އެ ޤައުމުގެ މުސްލިމް ރައްޔިތުން ގެނައި އިސްލާމީ ސަރުކާރެއް ހުޅަނގުގެ އެހީއާ އެކު ބަޣާވާތަކުން ވައްޓައިލައިގެން ވެރިކަމަށް އައިސް، އެ ކަމާ ދެކޮޅަށް ތެދުވި މިޞްރުގެ މުސްލިމް ރައްޔިތުންގެ ފަސް ހާސް މީހުން މަގުތައްމަތީ ޝަހީދުކޮށްލި ޖައްބާރު ސަރުކާރެކެވެ! އެފަދަ ސަރުކާރެއްގެ ސިޔާސަތުތައް، މިޞްރުގެ މުސްލިމް ރައްޔިތުން ތަމްސީލުކުރާ ޓީމަކަށް ތާއީދުނުކުރުމަށް ބަހަނާއެއްގެ ގޮތުގައި ދައްކާން ކެރޭނީ ލައްކަ ޖާހިލުކަން ބޮޑުވެގެންނެވެ.
ތެދެކެވެ! ހަގީގީ އިސްލާމީ ޝަޚުޞިއްޔަތެއް ހުރެފައި، "އިސްލާމީ ޕެރަޑައިމް"ގައި ހިތާއި ބުއްދި ސީދާވެ ޤާއިމުވެފައިވަންޏާ، ތިމާގެ މުސްލިމް އަޚާ ކޮންމެ މައިދާނަކަށް ނުކުތަސް، ތިމާގެ ޠަބީޢަތަކަށް ވާނީ އޭނާއަށް ކާމިޔާބުލިބުން އެދެވުމެވެ. އެ ކަންވާނީ "އޮޓޯ"އިން ވާ ކަމަކަށެވެ. އިސްލާމީ ހިތެއް އޮތް މީހަކަށް، "މުޙައްމަދު ޞަލާޙު"އާއި "ލައެނަލް މެސީ" ކުޅެ ޞަލާޙު ބަލިވެގެން ރޯ ތަން ބަލާކަށް އުފަލަކުން ނުހުރެވޭނެއެވެ. [ލައެނަލް މެސީއަކީ މާލީ ގޮތުން އިޒުރޭލަށް، ފަލަސްތީނާ ދެކޮޅަށް އެންގެ ބޮޑަށް އެހީވާ މީހާއެވެ.] ހަމަ އެހެންމެ، އިސްރާއީލާއި ހުޅަނގުގެ ޖައްބާރު ބާރުތަކުން ފަލަސްޠީނުގައި ޅަކުދީންނާއި އަންހެނުންނާއި މުސްކުޅީން މަރަމުން، އަންދަމުން، ކަތިލަމުން، ޖަލަށްލައިގެން ހާނީއްކަކޮށް ރޭޕުކުރަމުންދާ ދިޔުމަށް ތާއީދުކުރާ ބަޔަކަށް، އެ ފަދަ ޓީމަކަށް އެއްވެސް މައިދާނެއްގައި އެއްވެސް ކަމެއްގައި ސަޕޯޓުކުރާން ކެރޭނީ، އިސްލާމީ އުޚުއްވަތާއި އިސްލާމީ ޣީރަތުގެ ކުނޑިފަށެއް ވެސް ތިމާމެންގެ ހިތްތަކުގައި ނެތް ބަޔަކަށެވެ. މިހެން ބުނުމުން، "ކޮންމެ ކަމަކަށް ދީން ވައްދަނީއޭ" ބުނެ ޖަދަލުކުރާނީ ހަގީގަތްތަކުގެ މައްޗަށް ހިތާއި ސިކުނޑި ނުފޯރާ މީހުންނެވެ.
ލަފުޒެއްގެ މާނަ:
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values