ad_banner
ކާބޯ ވާޑުގެ ކޯޗު ބުބިސްޓާއަށް ސާބަހާއި ތާރީފު ހައްގުވާ ސަބަބު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

6 ޖުލައި 2026

ފީފާ ވޯލްޑު ކަޕުން ފެންނަ އެންމެ ރީތި ސިފައަކީ، ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި ބާރުތަކާއި އެތައް މިލިއަން ރުފިޔާގެ އަގުބޮޑު ކުޅުންތެރީންނަށް ދެވިފައިވާ ސަމާލުކަން، މީގެ ކުރީން ފާހަގަކުރެވިފައިނުވާ ކުދިކުދި ގައުމުތަކުގެ ޓީމުތަކާ ދިމާއަށް އަނބުރައިލާން މަޖުބޫރުކުރުވުމެވެ. މި ފަހަރުގެ މުބާރާތުން ފެނުނު އެންމެ އާދަޔާ ޚިލާފު އެއް ކަމަކީ މިއީއެވެ. 2026ވަނަ އަހަރުގެ ވޯލްޑު ކަޕުގައި، ކާބޯ ވާޑު (ނުވަތަ ކޭޕުވާޑު)ގެ "ބްލޫ ޝާކްސް" (ނޫ މިޔަރު) ޓީމުން ދެއްކި ކުޅުމަށް ވުރެ ވަކިން ބޮޑަށް ދުނިޔެ ހައިރާންކޮށްލި ދެވަނަ ކަމެއް މި މުބާރާތަކުން ފެނިފައެއް ނެތެވެ.

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރީން ހިމެނޭ އިސްކޮޑުތައް ގޮވައިގެން ނުކުންނަ މޮޅު ކޯޗުންގެ ޓެކުޓިކަލް މޮޅުކަމަށް ދުނިޔެ ސަމާލުކަންދެމުން ދިޔަ އިރު، ޕެޑުރޯ ލެއިޓާއޯ ބްރީޓޯ (އާންމު ނަމުން ނަމަ ބުބިސްޓާ) ވަނީ ހިމޭންކަމާ އެކު، މަޑުމަޑުން ހުރެ، ޒަމާނީ ފުޓުބޯޅައިގެ ތާރީޚުގައި ފެނުނު އެންމެ ވަރުގަދަ އެއް ޓީމުގެ ކާމިޔާބީ ފަރުމާކޮށްފައެވެ. އެހެންކަމުން، އޭނާގެ މި ބުރަ އަދި ކާމިޔާބު މަސައްކަތުގެ އަގުވަޒަންކޮށް، އޭނާއަށް ތާރީކުކޮށް ސާބަސްދޭން މުޅި ދުނިޔެއަށް މި ވަނީ މަޖުބޫރުވެފައެވެ.

ސުމަކުން ފަށައިގެން ވަރުގަދަ ޓީމެއް ބިނާކުރުން

ކޭޕު ވާޑަކީ ގާތްގަނޑަކަށް 500,000 މީހުންގެ އާބާދީއެއް އޮންނަ، ޖަޒީރާ ގައުމެކެވެ. ތަފާސްހިސާބުތަކަށާއި އިގުތިސާދަށް ބަލާ އިރު، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅައިގައި އެ ގައުމު ވާދަކުރުމަކީ އެކަށީގެންވާ ކަމެއްކަމަކަށް މީގެ ކުރީން އެކަކު ވެސް ގަބޫލެއް ނުކުރާނެއެވެ. އަދި މިއީ މީގެ ކުރީން ވަރަށް މަދު މީހެއް ނޫނީ އެ ގައުމުގެ ނަން ވެސް އަހައިފައިވާ ގައުމެއް ނޫނެވެ. ނަމަވެސް، ކޯޗު ބުބިސްޓާ ވަނީ ދުނިޔޭގެ މަސްރަޙުގައި ހަމައެކަނި ބައިވެރިވުމުގެ ބަދަލުގައި، އެހެން ޓީމުތަކުން އިޙުތިރާމުކުރާން މަޖުބޫރުވާ ފަދަ ޓީމެއް ބިނާކޮށްފައެވެ.

ބުބިސްޓާގެ މި ކާމިޔާބީ އެންމެ ޚާއްޞަވާ ސަބަބަކީ، އެ ޓީމުގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެއްވެސް ކުޅުންތެރިއެއް ނެތުމެވެ. [ޕުރިމިއަރ ލީގު]އާއި [ލަލީގާ]ގެ ތަރީންގެ މައްޗަށް ބަރޯސާވާ އެފުރިކާގެ ބޮޑެތި އެހެން ޓީމުތަކާ ޚިލާފަށް، ކޭޕު ވާޑުގެ އިސްކޮޑަކީ އާދައިގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނާއި، ރަށްފުށުގެ ހުނަރުވެރިންނާއި، އަދި ދަށް ޑިވިޝަންތަކުގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރީންގެ މައްޗަށް އެކުލެވިގެންވާ ޓީމެކެވެ.

އެހެންނަމަވެސް، ބުބިސްޓާގެ އިރުޝާދުގެ ދަށުން މި ޓީމުން ދެއްކީ ފުރިހަމަ ގުޅުންތެރިކަމެއް އޮތް އެއްބައިވަންތަ ބަދަހި ކުޅުމެކެވެ. އޭނާގެ ފުޓުބޯޅަ ފަލަސަފާ ބިނާވެފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ:

       ފުރިހަމަ ސުލޫކީ އުކުޅު: ވަރުގަދަ ދިފާއެއް އުފައްދައި ދިފާޢީ ކުޅުންތރީންގެ އެހީގައި، އިދިކޮޅު މޮޅު ކުޅުންތެރިންނަށް ލަނޑުޖަހާނެ ޖާގަނުދިނުން.

       ޓީމުގެ ހިތްވަރު: ކޮންމެފަދަ ދަތި ހާލަތަކުން ވެސް އަރައިގަނެވޭނެކަމުގެ ވަރުގަދަ ޔަޤީންކަން އަބަދުވެސް ކުޅުންތެރީންގެ ވިސްނުމުގައި އޮތުން.

       ޖެހިލުންކުޑަކަން: ހަމައެކަނި ބައިކޮޅަށް ލަނޑެއް ނުވައްދާން ޓީމު ދިފާޢުކުރުމުގެ ބަދަލުގައި، އަމިއްލަ ކުޅުމުގެ ވައްޓަފާޅި ދޫނުކޮށް އެ ސުލޫކުގައި އަބަދުވެސް ކުޅުން.

ދުނިޔޭގެ އެންމެ މޮޅު ޓީމުތަކާ ކުރިމަތިލައިގެން ހޯދި އާދަޔާ ޚިލާފު ނަތީޖާ

ބުބިސްޓާ ކުރި މަސައްކަތުގެ ބޮޑުމިން ދެނެގަތުމަށްޓަކައި، ކޭޕު ވާޑުން 2026 ވަނަ އަހަރުގެ ވޯލްޑު ކަޕުގައި ހޯދި ތާރީޚީ ކާމިޔާބީއަށް ބަލާލުން ފުދެއެވެ. ފުޓުބޯޅައިގެ ބޮޑެތި ބާރުތައް ހިމެނުނު ގްރޫޕަކުން ޖާގަ ލިބުމުން، ބުބިސްޓާގެ ޓީމުން ވަނީ ހީވެސް ނުކުރާފަދަ ނަތީޖާތަކެއް ނެރެފައެވެ:

     ޔޫރަޕުގެ ގަދަފަދަ ސްޕެއިން އަތުން 0-0 އިން ތާރީޚީ އެއްވަރުވުމެއް ހޯދިއެވެ.

     ދުނިޔޭގެ ކުރީގެ ޗެމްޕިއަން އުރުގުއާއީއާ ވާދަކޮށް ވަރުގަދަ ކުޅުމަކަށްފަހު 2-2 އިން އެއްވަރުކުރިއެވެ.

     އެއްވެސް މެޗަކުން ބަލިނުވެ، ގުރޫޕު އިސްޓޭޖު ފަހަނައަޅައި ދިޔައެވެ.

އެމީހުންގެ މި ހުވަފެނީ ދަތުރުގެ އެންމެ ފާހަގަކޮށްލެވުނު ވަގުތަކީ، އޭރުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ގަދަ 32ގެ މެޗެވެ. އަމިއްލަ ހާފަށް ފަހަތަށް ޖެހުމުގެ ބަދަލުގައި، ބުބިސްޓާގެ ޓީމުން ދެއްކީ ބިރުކުޑަ ހިތްވަރެކެވެ. ލިއޮނަލް މެއްސީގެ ވަރުގަދަ ޓީމުން މެޗުގެ 90 މިނިޓުގެ ތެރޭގައި ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓައިލިއެވެ. އާޖެންޓީނާގެ ގޯލަށް ނުރައްކާ ޙަމަލާތަކެއްދީ މެއްސީ ވެސް ސިއްސުވައިލިއެވެ. 120 މިނެޓަށް މެޗުގެ ވަގުތު ދަންމައިލިއެވެ. އެންމެ ލަނޑެއްގެ ތަފާތުން އެ މެޗުން 3-2 އިން ބަލިވި ނަމަވެސް، ކޭޕު ވާޑުން ވަނީ ވަރަށް ގިނަ ދިވެހީންނާއި ދުނިޔޭގެ އެތައް މިލިޔަން ސަޕޯޓަރުންގެ ހިތްތައް އަތުލައިފައެވެ.

މެޗަށް ފަހު ކޯޗު ބުބިސްޓާ ބުނެފައި ވެއެވެ. "އަހަރެމެންގެ ޓީމުން ދެއްކީ މި މެޗު ކާމިޔާބުކުރަން ބޭނުންވެފައި ތިބި މިންވަރެވެ. އާޖެންޓީނާ ކޮޅަށް ދެ ލަނޑު ޖަހައި، މެޗު އިތުރު ވަގުތަށް ގެންދެވޭނެ އެހެން ޓީމެއް އޮތް ކަމަކަށް އަހަރެން ނުދެކެމެވެ. މިއީ އަހަރެމެން ކުރިއަށްދާން ލިބުނު ހިތްވަރެކެވެ. އަދި މިއީ މި ޓީމުގެ ކިބައިގައި ފުރާނައެއް ހުރިކަން ސާބިތުކޮށްދިން ކަމެކެވެ."

ކޯޗު ދުށް ހުވަފެންތައް ކާމިޔާބީއާ އެކު ތަކުރާރު

[ބުލޫ ޝާކުސް]އާއި ބުބިސްޓާގެ ގުޅުމަކީ ހަމައެކަނި ވަޒީފާގެ ގުޅުމެއް ނޫނެވެ. އެއީ ރޫޙާނީ ގުޅުމެކެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ކޯޗުކަމާ ހަވާލުވުމުގެ ކުރިން، 11 އަހަރު ވަންދެން ސެންޓަރ-ބެކް އެއްގެ ގޮތުގައި ކުޅެމުން ގައުމީ ޓީމުގެ ކެޕުޓަންކަން ކޮށްފައެވެ. މަގުމަތީގެ ދަނޑުތަކުން ކޮލިފައިން ކުޅެމުން އައި ޓީމު، 2025ވަނަ އަހަރު ކެފް (CAF)ގެ އެންމެ މޮޅު ކޯޗުގެ މަޤާމު ހޯދައި، އެމެރިކާގެ ބޮޑެތި އިސްޓޭޑިއަމްތަކުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކާ ފައިހަމަކުރިއެވެ.

ބައިނަލްއަޤުވާމީ ކާމިޔާބީތައް މި ޒަމާނުގައި އާންމުކޮށް ވަޒަންކުރަނީ ކުޅުންތެރީންގެ މާރުކޭޓު އަގަށް ބަލައިގެންނެވެ. މި ފަދަ ދުނިޔެއެއްގައި ބުބިސްޓާ އެ ސާބިތުކޮށްދިނީ ފަންނީ ހުނަރާއި، އަޒުމާއި، ސަގާފަތާއި، އަދި އެއްބައިވަންތަ ރޫޙެއް އޮތް ނަމަ ކޮންމެ ފަދަ ބޮޑު ހުރަހެއް ވެސް ގިރާކޮށް ކާމިޔާބުކުރެވިދާނެކަމެވެ. އޭނާ ވަނީ ކާބޯވާޑު ދުނިޔޭގެ ފުޓުބޯޅައިގެ ޗާޓުގައި ރަންއަކުރުން ފަވައިލަދީފައެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗެއް ހޮވާން އަޅުގަނޑާ ހަވާލުކޮށްފި ނަމަ، ހަމަ ގައިމު ވެސް އެންމެ ގިނަ ވޯޓުދޭނީ ބުލޫ ޝާކުސް ޓީމުގެ ކޯޗު ޕެޑުރޯ ލެއިޓާއޯ ބްރީޓޯ (ބުބިސްޓާ)އަށެވެ.

ބުބިސްޓާގެ މި ކާމިޔާބީއަކީ ހަމައެކަނި އެ ގައުމުގެ ފުޓުބޯޅައަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. މި ކާމިޔާބީގެ ސަބަބުން ކާބޯވާޑު ދުނިޔެއަށް މަޝްހޫރުވެއްޖެއެވެ. އެ ގައުމަކީ ހިތްހެޔޮ ބަޔަކު ދިރިއުޅޭ އަމާންގައުމެއްކަން ވެސް ދުނިޔެއަށް ހާމަވެއްޖެއެވެ. އަދި އެފުރިކާ ބައްރުގައި އޮތް އެންމެ އަންހެންކުދީން ރީތި ގައުމުކަން ވެސް ދުނިޔެއަށް އެނގިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ ފަތުރުވެރިކަމަށް ވެސް އާދަޔާ ޚިލާފުކުރިއެރުމެއް ލިބޭނެކަން ކަށަވަރެވެ. މިހާރު ވެސް ލިބޭން ފަށައިފިއެވެ. ދިވެހީންގެ ތެރެއިން ވެސް ބައެއް މީހުން ކާބޯވާޑަށް ޒިޔާރަތްކުރާން އަޒުމުކަނޑައަޅައިފައިވާކަން ވަނީ އެނގިފައެވެ. އަދި އެ ގައުމުން ކުޅުންތެރީން ގެންނާން ވެސް ބައެއް މީހުން އެބަ ވިސްނައެވެ. އެހެންކަމުން، އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ބުބިސްޓާއަށް ޝުކުރާއި ތާރީފު ހައްގެވެ. އާދޭހެވެ! އޭނާއަށް ލިބޭ ކޮންމެ ތާރީފަކީ ހަމަ ހައްގު ތާރީފެކެވެ.

 

ލަފުޒެއްގެ މާނަ:

ތާރީފު      ނ.     މީހެއްގެ ނުވަތަ ކަމެއްގެ ނުވަތަ އެއްޗެއްގެ ރަނގަޅުކަމާއި ފުރިހަމަކަމުގެ ވާހަކަ. (2) ސަނާ.  praise

ކޮމެންޓު
ކޮމެންޓުތައް
ކޯޗު
6 ޖުލައި 2026 07:37
މިހާރު އެ މީހުން ރަށަށް ހިނގައްޖެ. މުޅި ގައުމުގެ އެންމެން އެ މީހުންނަށް މަރުހަބާކި.