އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
13 ޖުލައި 2026
ފީފާއިން ވަކި ކޮޅަކަށް ޖެހޭކަމަށް ކުޅިބަލާ މީހުން ކުރާ ތުހުމަތުތަކަށް އަނެއްކާ ވެސް މި ވަނީ ބޮޅެއް އިތުރުވެފައެވެ. އެއީ ނޯވޭއާއި އިނގިރޭސިވިލާތް ބައްދަލުކުރި ކާލު ނިހާއީ (ކުއާޓާރ ފައިނަލް) ގައި ހިނގި ހާދިސާއަކާ ގުޅިގެން ރެފްރީ ނިންމި ނިންމުމާ ގުޅޭ ގޮތުން ރެފްރީގެ ދިފާޢުގައި ފީފާއިން ވާހަކަދެއްކުމުންނެވެ. ނޯވޭއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗަށް ފަހު، އިންގްލޭންޑް މޮޅުވި މެޗުގައި ރެފުރީން ނިންމި ނިންމުންތަކުގެ ދިފާޢުގައި ފީފާއިން މިހާރު މި ވަނީ ވާހަކަދައްކައިފައެވެ. ފީފާއިން މި ގޮތަށް ވާހަކަދައްކައިފައި މި ވަނީ، ޖޫޑު ބެލިންހަމު ޖެހި (އެއްވަރުވި) ލަނޑުގެ ކުޑަ ހިނދުކޮޅެއް ކުރީން، ދަނޑުގެ މަތީގައި ހަރުކޮށްފައި ހުރި ކެމެރާ ކޭބަލެއްގައި ބޯޅަ ޖެހުނު ތަން ރީޕުލޭތަކުން ފެންނާން ހުރި ނަމަވެސް، އެ ލަނޑު ބަލައިގަންނާން ރެފުރީން ނިންމި ނިންމުމާ ގުޅިގެން އުފެދުނު ބަހުސަށް ރައްދުދެމުންނެވެ.
މި ހާދިސާ ހިނގައިފައިވަނީ މިއާމީ އިސްޓޭޑިއަމުގައި ކުޅެވުނު އެ މެޗުގެ ފުރަތަމަ ބައިގައެވެ. ނޯވޭގެ ގޯލުކީޕަރު އޮރުޔަން ނީލޭންޑު، ކުރިއަށް ފޮނުވައިލި ބޯޅަ، އިސްޓޭޑިއަމްގެ ރޮބޮޓިކު "ސުކައިކެމް" ނިޒާމާ ގުޅިފައިވާ ކޭބަލުތަކުން ކޭބަލެއްގައި ކޭއްތިގެންދިޔަ ތަން ބަލާން ތިބި މީހުންނަށް ފެނުނެވެ. އަދި ބަލާން ތިބި މީހުންނަށް އެ ކަން ޔަގީން ވެސްވިއެވެ. ސަބަބަކީ އެ ކޭބަލުގައި ޖެހުނުކަމަށް ބެލެވޭ ވަގުތު ބޯޅައިގެ މިސްރާބު ބަދަލުވިކަން އެންމެންނަށް ވެސް އެނގޭތީއެވެ. ހަމަ ގައިމުވެސް ރެފުރިއަށް ވެސް އެ ތަން ފެންނާނެއެވެ. އަދި ބޯޅަ ދިޔަ މިސްރާބު ބަދަލުވެގެން ގޮސް ވެއްޓުނީ އެލިއޮޓު އެންޑަސަންގެ ފަޔަށެވެ.
އެންޑަސަނަށް ބޯޅަ ލިބުމާ އެކު، އިނގިރޭސި ކުޅުންތެރީން ބޯޅަ ކުރިއަށް ފާސްކޮށް، ދެ ފާހަކަށް ފަހު ބެލިންހަމަށް ބޯޅަ ފޯރުކޮށްދިނެވެ. އަދި ފުރަތަމަ ހާފު ނިމެން ކުޑަ ތަންވެފައި ވަނިކޮށް، ބެލިންހަމް ވަނީ ވަރަށް ފުރިހަމައަށް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވައިލައި މެޗުގެ ނަތީޖާ 1-1އަށް ބަދަލުކޮށްފައެވެ.
މި ލަނޑާއެކު، ނޯވޭގެ މެނޭޖަރު ސުޓޭލު ސޮލުބަކެން ހިމެނޭ ގޮތަށް އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ އިސްޓާފުން ވަގުތުން ރެފުރީންގެ ގާތުގައި އިހުތިޖާޖުކުރިއެވެ. އެ މީހުން ޝަކުވާކުރި ގޮތުގައި، ކުޅިވަރުގެ ދަނޑުން ބޭރުގައިވާ އެއްޗެއްގައި ބޯޅަ ޖެހުމާ އެކު، އެ ބޯޅައަކީ ދަނޑުން ބޭރުވެފައިވާ ބޯޅައެއްގެ ގޮތުގައި ނިންމާންޖެހޭނެއެވެ.
ނަމަވެސް ވީޑީއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު)ގެ އެހީ ހޯދުމަކާ ނުލައި މެޗު ކުރިއަށް ގެންދާން ރެފުރީ ނިންމީއެވެ. ރެފުރީ ކުލެމެންޓު ޓާޕިން، ވީއޭއާރުގެ އެހީއަކާ ނުލައި މެޗުގެ ކުޅުން ކުރިއަށް ގެންދާން ނިންމި ސަބަބު ފީފާއިން ފަހުން ވަނީ ރެފުރީގެ ދިފާޢުގައި ވާހަކަދައްކަމުން ބަޔާންކޮށްދީފައެވެ. ފީފާއިން ހާމަކުރި ގޮތުގައި، މި މުބާރާތުގައި ބޭނުންކުރާ ބޯޅައިގައި ހަރުކޮށްފައިވާ ސެންސަރަކީ އެންމެ ކުޑަ ކޭއްތިލުމެއް (ބީހުމެއް) ވިޔަސް ދެނެގަނެވޭ ސެންސަރެކެވެ. އަދި އެ ޑޭޓާ ޗެކުކުރި އިރު، ސުވާލު އުފެދުނު ވަގުތު އާދަޔާ ޚިލާފު އެއްވެސް ބަދަލެއް ދައްކައިފައި ނުވާކަމަށް ވެސް ފީފާއިން ބުނެއެވެ. އެހެންކަމުން ފީފާއިން ބުނަނީ ކޭބަލުގައި ބޯޅަ ޖެހުނުކަމުގެ އެއްވެސް ރެކޯޑެއް ފެންނާކަށްނެތްކަމަށެވެ. ނަމަވެސް ފީފާއިން މި ބުނާ ބުނުމަކީ ހަގީގަތެއްކަން ޝަކުވާކުރި ފަރާތްތަކަށް ދައްކައިގެން ސާބިތުކޮށެއް ނުދެއެވެ. އެހެންކަމުން ފީފާއިން ދޮގުހަދައިގެން ރެފުރީ ދިފާޢުކުރަނީކަމަށް ޝައްކުކުރުމުގެ ފުރުޞަތު ނޯވޭ ޓީމަށް އެބަ އޮތެވެ. އަދި އެއްޗެއްގައި ނުޖެހޭ ނަމަ އެ ވަގުތު ބޯޅައިގެ މިސްރާބު ބަދަލުވީ ކީއްވެގެންތޯ ވެސް ސުވާލު އުފެދެއެވެ. މިއީ ވެސް ރެފުރީންނާއި ފީފާ ވަކި އަތަކަށް ޖެހިފައިވާކަމަށް އެހެން ޓީމުތަކުން ޝައްކުކުރުމުގެ ފުރުޞަތު އިތުރަށް ބޮޑުވި ކަމެކެވެ. ފީފާއިން އެ ބުނަނީ ތެދަކަށް ވެސް އަދި ދޮގަކަށް ވެސް ވެދާނެތާއެވެ.
އާދޭހެވެ! މުބާރާތުގެ ފަހު ހަތަރަކުން ޖާގަ ކަށަވަރުކޮށްފައިވާ އިނގިރޭސިވިލާތަށް މިހާރު އެނގެނީ ކުރިއަށް އޮތް ކުރިމަތިލުމުގެ އެއް ބައެވެ. ބައި ނިހާއީ މެޗު (ސެމީފައިނަލު)ގައި އިނގިރޭސިވިލާތް ބައްދަލުކުރާން ޖެހޭނީ އާޖެންޓީނާއާއި ސުވިޒަލޭންޑު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެ ގައުމު ބައްދަލުކުރާނީ މުބާރާތުގެ ބައިނިހާއީ (ސެމީ ފައިނަލް)ގެ ފަހު ޖާގައަށް ކެންސަސް ސިޓީ ސްޓޭޑިއަމްގައެވެ. އިނގިރޭސިވިލާތް ކުޅޭ ބައިނިހާއީ މެޗު އޮންނާނީ ޖުލައި 15 ވާ ބުދަ ދުވަހު އެޓުލާންޓާ އިސްޓޭޑިއަމްގައެވެ.
ފަރަންސޭސިވިލާތާއި އިސްޕޭނުވިލާތް ބައްދަލުކުރާނީ އެގެ އެއް ދުވަސް ކުރިން، ޖުލައި 14 ވާ އަންގާރަ ދުވަހު ޑަލަސް ސްޓޭޑިއަމްގައެވެ. މިއީ 2024ވަނަ އަހަރުގެ ޔޫރޯ ބައިނިހާއީގެ ރީތި މެޗެކެވެ. އަދި މި މެޗުން މި މުބާރާތުގެ ނިހާއީ މެޗު (ފައިނަލް) ކުޅޭނެ ފުރަތަމަ ޓީމު ކަށަވަރުވާނެއެވެ.
ބައެއް ލަފުޒުގެ މާނަ:
ނިހާއީ ނއ. ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ. final
ކާލު ނ. ހަތަރުބައިކުޅަ އެއްބައި. quarter
ޑޭޓާ ނ. ދިރާސާކުރުމަށް ޓަކައި ނުވަތަ ފަހުން ބޭނުންކުރުމަށް ޓަކައި އެއްކުރެވޭ ނުވަތަ ރައްކާކުރެވޭ މައުލޫމާތާއި ތަފާސްހިސާބު. data