އަސްމާ އަބޫބަކުރު
26 ޖުލައި 2026
ހަސަދަވެރިކަމަކީ އިންސާނާގެ ސިކުނޑި ކައިލާ ފަނިފަކުސައެކެވެ. އަމިއްލަ އެދުމާއި ނާކާމިޔާބީގެ ހިތިކަން ހިތަށް ވެރިވާ ހިނދު، ބައެއް އިންސާނުން ޝައިޠާނާގެ މަގަށް ހުށަހެޅެނީ ދުނިޔެއާއި އާޚިރަތް ހަލާކުވެގެންދާނެކަން އެނގިހުރެއެވެ. އެކަމަކު މި ފަދަ ނުބައި ކޮންމެ ކަމެއްގެ ނިމުން އަންނާނީ ހިތި ގޮތަކަށެވެ.
ކޮންމެ ރެއެއްގެ ވެސް އާދައިގެ މަތީން ރަށްފުށުގައި އާންމުކޮށް މީހުން އަވަހަށް ނިދައެވެ. މިރޭ ވެސް މުޅި ރަށް އޮތީ މަރު ފަދަ ހިމޭންކަމެއްގެ ތެރޭގައެވެ. މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ކަނު އަނދިރީގެ ތެރެއިން ވައިރޯޅިތައް ހޫރެމުންދާ އިރު، ގަސްގަހާގެހީގެ ފަތްތަކުން އިވެނީ ބިރުވެރި މިއުޒިކެއްގެ އަޑެވެ. ރަށުގެ އިރުމަތީ އަވަށު ކޮޅުގައި ހުރި، ވީރާނާވެފައިވާ ފަޅުގެއާ ދިމާއަށް ހިޔަންޏެއް މިސްރާބުޖެހިއެވެ. އެއީ އިބްރާހީމެވެ.
އެ ގެއަކީ މީގެ ވިހި އަހަރު ކުރީން މީހުން ދިރިއުޅުން ދޫކޮށްލައިފައިވާ، މިހާރު ރަށު އެންމެން ފޫހިވެ، ބިރުގަންނަ ތަނެކެވެ. ފާރުތަކުން ސިމެންތިތައް ނެއްޓި، ކުޑަދޮރުތަކުގެ ފަތިތައް ވަނީ ގިނަ ޒަމާންތަކެއްވުމުގެ ސަބަބުން ބިނދިފައެވެ. ގޭގެ ފުރާޅުގެ ދަގަނޑުތައް ދަބަރުޖަހައިފައިވާ އިރު، އެތެރޭގައި ވަނީ ކޮޅުންނުލާ އަނދިރިކަމެކެވެ. އިބްރާހީމް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް އެގޭގެ ބަދިގެ ފަރާތުން އެތެރެއަށް ވަނެވެ. އޭރު އޭނާގެ އަތުގައި ކަޅު ކޮތަޅެއް އޮތެވެ.
ގޭގެ މެދުގޯތި ތެރޭގައި ހުރި ބޮޑު ނިކަގަހުގެ ހިޔަނި އެތެރެއަށް އެޅިފައި އޮތް އިރު، އެ މަންޒަރު ސިފަވަނީ ބޮޑު ފުރޭތައެއްގެ ސިފައިގައެވެ. އިބްރާހީމް ބިމުގައި އިށީނދެ، އަތުގައި އޮތް ކަޅު ކޮތަޅުން ފުޅިތަކާއި، ކަޅުކުލައިގެ ފޮތިގަނޑެއް ނެގިއެވެ. އޭނާގެ ހިތުގައި ވަނީ ނުބައި ނިޔަތެކެވެ. ރަށުގައި އުޅޭ ޒުވާން ދެމަފިރިއަކު އޭނާގެ ރާޑަރަށް އަރައިފިއެވެ. އޭނާގެ ހިތުގައި ވަނީ އުފާވެރި ދެމަފިރީންގެ ދިރިއުޅުން އަޅިއަށް ހަދައިލުމަށް ތަކައި ކުރެވޭ މަސައްކަތެވެ. ބަދަލުހިފުމުގެ ރޫޙެވެ. އޭނާ ކުދިކުދި ކަށިތަކަކާއި، ކަރުދާސްކޮޅުތަކެއް ނަގައި، ނޭފަތުން ނޭވާލަމުން ކިޔަވާން ފެށިއެވެ. އެ ވަގުތު ފަޅުގޭގެ ފުރާޅުމަތީން ބާރު އެއްޗެއް ދުވި އަޑު އިވުނެވެ. ނަމަވެސް އިބްރާހީމްގެ މޫނުމަތީން ބިރުވެރިކަމެއް ނުފެނެއެވެ. ފެންނަނީ ނުބައި ހިނިތުންވުމެކެވެ.
ދިރިއުޅުމަކީ ބިއްލޫރިގަނޑެއް ފަދަ އެއްޗެކެވެ. ކިތަންމެ ރީތިކޮށް، އޮމާންކޮށް އޮތް ނަމަވެސް، ކުޑަކުޑަ ހިލަކޮޅެއްގެ ހޫނުން ވެސް އެ މުޅިން ކުދިކުދިވެގެން ހިނގައިދާނެއެވެ. އިންސާނާގެ ލޮލަށް ނުފެންނަ އަނދިރި ދުނިޔޭގެ ވިހަ ތީރުތައް އަމާޒުވަނީ ކޮން ވަގުތަކު ކަމެއް އެކަކަށްވެސް ނޭނގެއެވެ.
އާޔާއާއި ޒިޔާނަކީ މުޅި ރަށަށް ވެސް ނަމޫނާ ދެމަފިރީންނެވެ. އެ މީހުންގެ ކައިވެންޏަށް އަހަރަކަށް ވުރެ ގިނަދުވަސް ވީއިރު، ހީވަނީ އިއްޔެ ރަންކީ ދެ ލޯބިވެރީން ހެންނެވެ. ޒިޔާނަކީ ހީވާގި މަސްވެރިއެކެވެ. އާޔާއަކީ ގޭގެ ކަންކަން ބަލަހައްޓާ، ރަށު އެންމެންގެ ލޯބި ހޯދައިފައިވާ މަޑުމައިތިރި އަންހެން ކުއްޖެކެވެ. އެމީހުންގެ އުފާވެރިކަން ދެގުނަވީ މީގެ ހަ މަސް ކުރީން އެމީހުންގެ ހަޔާތަށް އައި ތުއްތު ފިރިހެން ކުއްޖާގެ ސަބަބުންނެވެ.
އެ ދަރިފުޅުގެ ރީތި ހިނިތުންވުމުން ގޭގެ ހަތަރުފާރު ތެރޭގައި ވަނީ އުފާވެރިކަމުގެ މިއުޒިކެވެ. ހަވީރުގެ ވަގުތެވެ. ޒިޔާން މަހުން އައިސް ގެއަށް ވަން އިރު އާޔާ އިނީ ދަރިފުޅު އުނގަށްލައިގެން ނާނާ ކިޔާށެވެ.
"ޒިޔާން، މިއަދު ދަރިފުޅު ވަރަށް ހޭނ ދުވަހެއް. ހީވަނީ ބައްޕަ އަންނާނެ ވަގުތު އެނގޭހެން،" އާޔާ ހިނިތުންވެލަމުން ބުންޏެވެ. ޒިޔާން ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ. އެ މީހުން ހީކުރީ މި އުފާވެރިކަން އަބަދަށް ދެމިއޮންނާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ ބޯމަތީގައި ކަޅު ވިލާގަނޑެއް އެނބުރެމުންދާކަމެއް އެ ދެމަފިރީންނަކަށް ނޭނގެއެވެ.
ހިތާމައިގެ ސާލު ފެތުރިގެން އަންނަނީ ދަންވަރުގެ ހިމޭންކަމުގެ ތެރެއިންނެވެ. ބަޔާންކުރާން ނޭނގޭ ބިރުވެރިކަމެއް ހިތަށް ވަންނަ ހިނދު، ރޫޙު ތެޅިފޮޅެން ފަށައެވެ. އެއީ ހަށިގަނޑުގެ ބައްޔެއް ނޫނެވެ. އެއީ ނުފެންނަ ދުނިޔެއަކުން ފޮނުވައިލި ވިހަގަދަ ތީރެއްގެ ފެށުމެވެ.
އެއީ ބުދަ ދުވަހުގެ ރެއެކެވެ. މެންދަމުން އަލިވެ ދޭއް ޖެހިފަހުން، ގޭގެ ކޮޓަރިތެރެއިން އިވުނީ ތުއްތު ދަރިފުޅުގެ ރުއިމުގެ ބާރު އަޑެވެ. އެއީ އާދައިގެ ރުއިމެއް ނޫނެވެ. ހީވަނީ ކަމަކުން ސިހި ބިރުގެންފައި ހުރެ ރޮނީ ހެންނެވެ. އާޔާ ތެދުވެ ހޭލައި ދަރިފުޅު އަތަށް ނެގިއެވެ. ނަމަވެސް ދަރިފުޅުގެ ހަށިގަނޑު އޮތީ ގަނޑުފެންކޮޅެއް ފަދައިން ފިނިވެފައެވެ. އެއްވެސް ގޮތަކުން އެ ދަރިފުޅު މަސަލްސްކުރެވޭ ގޮތެއް ނުވިއެވެ.
"ޒިޔާން! ތެދުވޭ! ދަރިފުޅަށް ކިހިނެއް މި ވަނީ؟" އާޔާގެ އަޑުގައި ހުރީ ބިރުވެރިކަމެވެ. ޒިޔާން ސިހިފައި ތެދުވިއެވެ. ދަރިފުޅު ހުއްޓުވާން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ނުހުއްޓެއެވެ. އެވަގުތު އާޔާގެ ބޮލަށް އެނބުރުން އަރައި، އޭނާ ސޯފާމައްޗަށް ވެއްޓުނެވެ. އާޔާގެ ދެލޯ ބޮޑުވެ، ނޭވާ ކުރުވާން ފެށިއެވެ. ކޮޓަރީގެ ކަނުން ކަޅު ހިޔަންޏެއް ދިޔަހެން ޒިޔާނަށް ހީވިއެވެ. ކޮޓަރިތެރެއަށް ވަނީ ނުބައި ވަހެއް ފެތުރިފައެވެ. އެ ރެއަށް ފަހު، އެ ގޭގެ އުފާވެރިކަން މުޅިން ގެއްލިއްޖެއެވެ. އާޔާ އަބަދު އުޅެނީ ކޮންމެވެސް ތަނަކަށް ތަދެއް އަރައިގެންނެވެ. ބައެއް ފަހަރު އެ ތަދު ދުވާހެން ވެސް ހީވެއެވެ.
ބައެއް ބަލިތަކަކީ ހަށިގަނޑުގެ ލެޔާއި މަހާ ގުޅިފައިވާ އެއްޗެއް ނޫނެވެ. އެއީ ރޫޙުގެ ފުންމިނަށް ފޭދިގެންދާ، ސައިންސާއި ބޭސްވެރިކަމަށް ކޮޅުންނުލާ ފަދަ ސިއްރުތަކެކެވެ. އިންސާނާގެ ބާރު ކެނޑި، މާޔޫސްކަމުގެ ކަނޑަށް ޣަރަޤުވާ ހިނދު، ފެންނަ ކޮންމެ ދިމާއަކުން ސިފަވަނީ ނިމުމެއް ނެތް އަނދިރިކަމެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހިތާމައާއި މާޔޫސްކަމުގެ ތެރޭގައެވެ. އާޔާގެ ހަށިގަނޑު ދުވަހުން ދުވަހަށް ދިޔައީ ހިކެމުންނެވެ. އޭނާގެ ރީތި ދެލޯ ވަނީ ވަޅުވަދެ، ކަޅުވެފައެވެ. ތުއްތު ދަރިފުޅުގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ޒިޔާން ދަރިފުޅާއި އާޔާ ގޮވައިގެން މާލެއަށް ގޮސް ބޮޑެތި ހޮސްޕިޓަލްތަކުގެ މޮޅު ޑޮކްޓަރުންނަށް ދެއްކިއެވެ. އެކި ކަހަލަ އިސްކޭންތަކާއި ލޭގެ ޓެސްޓުތައް ހެދިއެވެ. ނަމަވެސް ޑޮކްޓަރުންގެ ޖަވާބަކީ އެއް ޖަވާބެކެވެ. ޖިސްމާނީ ގޮތުން އެއްވެސް ބައްޔެއް ނެކަމެވެ.
ޑޮކްޓަރުންގެ ވާހަކަތަކުން ޒިޔާންގެ ހިތް ކުދިކުދިވިއެވެ. ބަލިމަޑުކަމެއް ނެތް ނަމަ، އާޔާ އެ ފަދަ ހާލެއްގައި އެނދުމަތިވެ، ދަރިފުޅު ރެޔާއި ދުވާލު ރޮނީ ކީއްވެގެންހެއްޔެވެ؟ އެންމެ ފަހުން އުއްމީދު ކަނޑައިލައިގެން އެނބުރި ރަށަށް އައިއިރު، ޒިޔާންގެ ހިތުގައި ވަނީ ބަޔާންކުރަން ނޭނގޭ ބިރުވެރިކަމެއް އުފެދިފައެވެ. މިއީ އާދައިގެ ބައްޔެއް ނޫންކަން އޭނާއަށް ޔަގީންވާން ފެށިއެވެ.
ލޯތްބަކީ ބައެއް މީހުންނަށް ދިރިހުރުމުގެ އުންމީދެވެ. އަނެއް ބަޔަކަށް އެއީ ހަލާކާއި ސުންނާފަތީގެ ފެށުމެވެ. ތިމާ އެދޭ ގޮތް ނުވުމުން ހިތުގައި އުފެދޭ ވޭނާއި ހަސަދަވެރިކަން، އަމިއްލަ ލެޔާ ހަމައަށް ފޯރާ ހިނދު، ދެން ކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ.
އިބްރާހީމްގެ ދަރިފުޅު ނާޒިމަކީ އާޔާ ދެކެ އިންތިހާއަށް ލޯބިވި ޒުވާނެކެވެ. އާޔާ އެހެން މީހަކާ ކައިވެނިކުރި ދުވަހުން ފެށިގެން ނާޒިމް އުޅެނީ މާޔޫސްކަމުގެ ތެރޭގައެވެ. ކޮޓަރީން ބޭރަށް ނުކުމެ ނޫޅެ، ރެޔާއި ދުވާލު ހިތާމަކުރުމަކީ އޭނާގެ އާދައަކަށް ވެއްޖެއެވެ. ދަރިފުޅުގެ މި ހާލަތު ފެނި، އިބްރާހީމްގެ ހިތުގައި އާޔާގެ މައްޗަށް އުފެދުނު ނަފުރަތު ދިޔައީ ގަދަވަމުންނެވެ. އިބްރާހީމްގެ ހިތުގައި ޙަސަދައިގެ ހުޅުރޯވީ އާޔާގެ ލޯބި ނާޒިމަށް ނުލިބުނު ހިސާބުންނެވެ.
ނަމަވެސް މިހާރަކަށް އައިސް ނާޒިމަށް އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަވާން ފެށިއެވެ. އޭނާގެ ބައްޕަ ކޮންމެ ރެއަކު މެންދަމުން އަލިވުމުން ކޮންމެވެސް ތަނަކަށް ދެއެވެ. އަދި ބައްޕަގެ ކޮޓަރި ތެރެއިން ނުބައި ވަސްދުވުމާއި، ބައްޕަ އެކަނި އިނދެގެން ނާމާން އަޑަކުން ކިޔަވާ އަޑު އިވެއެވެ. އާޔާ އާއި އޭނާގެ ދަރިފުޅު ބަލިވެ އުޅޭ ޚަބަރު އިވުމުން، ބައްޕަގެ މޫނުމަތީން ފެންނަ ނުބައި ހިނިތުންވުން ފެނި ނާޒިމްގެ ހިތުގައި ބޮޑު ޝައްކެއް އުފެދުނެވެ. ބައްޕަ އެއުޅެނީ ކޮންފަދަ ނުބައި ކަމެއްގެ ތެރޭގައިހެއްޔެވެ؟ އެންމެ ފަހުން ނާޒިމް ނިންމީ ބައްޕަ ކުރާ ކަންތައް ރަނގަޅަށް ބެލުމަށެވެ.
ބައެއް ކަހަލަ ސިއްރުތައް، ދުނިޔެއަށް ހާމަވަނީ ހީނުކުރާ ފަދަ ގޮތްގޮތަށެވެ. ޝައިޠާނާގެ މަގުން ހިނގާ މީހާއަށް ހީވަނީ އޭނާގެ އަމަލުތައް ވަނީ ރައްކާތެރިކުރެވިފައި ކަމަށެވެ. އެކަމަކު ޙަޤީޤަތުގެ ޝައިޠާނާގެ ބާރު އަބަދަކު ނޯންނާނެއެވެ. އަނދިރީގެ މައްޗަށް އަލިކަން ބާރުގަދަވާހެން ނުބައިކަމުގެ މައްޗަށް ރަނގަޅުކަން ވެރިވެގަނެއެވެ.
ރަށުގެ ދުވަސްވީ މަސްވެރިއެއްކަމަށްވާ ޤާސިމްބެއަކީ ކޮންމެ ރެއަކު ފަތިސްނަމާދަށް މިސްކިތަށްދާ މީހެކެވެ. އެއްރެއަކު މެންދަމުން އަލިވެ ތިނެއް ޖަހާކަންހާއިރު، ޤާސިމްބެއަށް ފަޅުގެއާ ދިމާއިން އާދަޔާ ޚިލާފު މަންޒަރެއް ފެނުނެވެ. ފަޅުގޭގެ ބޯ ގަސްތަކުގެ ތެރެއިން އަލިފާންކުލައިގެ ނާމާން އަލިތަކެއް ފާޅުވަމުން ދިޔައެވެ. އަދި ވޭނީ އަޑަކުން މީހަކު ހަޅޭއްލަވާ އަޑުވެސް އިވުނެވެ.
ޖެހިގެން އައި ދުވަހު މުޅި ރަށުތެރޭގައި އެ ވާހަކަ ދެކެވެން ފެށިއެވެ. "އެއީ ޖިންނި އުޅޭ ގެއެއް،" ބައެއް މީހުން ބުންޏެވެ. އަނެއް ބަޔަކު ބުނީ އެއީ ސިހުރު ހަދާ ތަނެއް ކަމަށެވެ. މި އަޑުތައް އިވުމުން ޒިޔާންގެ ހިތަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅަށް ވަމުންދާ ގޮތްތަކާއި، ފަޅުގޭގެ މި ނާމާން ސިއްރާ ގުޅުމެއްވާކަމުގެ އިޙްސާސް އޭނާއަށް ކުރެވެން ފެށިއެވެ.
ޙައްޤާއި ބާޠިލުގެ ހަނގުރާމައަކީ ދުނިޔެ ފެށުނީއްސުރެ ހިނގަމުންދާ ކަމެކެވެ. އަނދިރިކަމުގެ ބާރުތައް ކިތަންމެ ގަދަޔަށް ދެއްކުނު ނަމަވެސް، ޤުރްއާނުގެ އަލިގަދަ ނޫރުގެ ކުރިމަތީގައި އެ ހުރިހާ އެއްޗެއް ވިރި އަޅިއަށްވެގެންދާނެއެވެ.
މާޔޫސްވެފައި ހުރި ޒިޔާނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އޭނާގެ ގާތް ރަހުމަތްތެރިއެކެވެ. އޭނާ ޒިޔާނަށް ނަސޭޙަތްތެރިވީ ސިހުރުގެ ކަންކަމަށް ފަރުވާކުރާ، ޤުރްއާނުން ބަލިމީހުންނަށް ކިޔަވާ މޮޅު ރާޤީއެއް ކަމަށްވާ މާހިރު ރަށަށް ގެނައުމަށެވެ. ޒިޔާން ވަގުތުން އެ ކަމަށް އެއްބަސްވިއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރު ބޯޓުން ރާޤީ މާހިރު ރަށަށް ފޭބިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާއި، ދީންވެރިކަމުގެ އަލިކަމެވެ. ޒިޔާންގެ ގެއަށް ވަދެ، އެނދުމަތީގައި އޮތް އާޔާ ފެނުމާއެކު މާހިރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
"ޒިޔާން، މިއީ އާދައިގެ ބައްޔެއް ނޫން. މިއީ ވަރަށް ނުބައި، ރޭވުންތެރި ސިހުރެއް،" މާހިރު މަޑުމައިތިރި އަޑަކުން ބުންޏެވެ. އެ ބަސްތަކުން ޒިޔާންގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. އެ ވޭނެއްގައި އާޔާ އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ކުޑަދަރިފުޅު ހަމައަކަށް އެޅުނު އިރު ވެސް އާޔާއަށް އެއް ގޮތަކަށް ވެސް ތެދުވެގެން ނޫޅެވެއެވެ. (ނުނިމޭ)