ad_banner
2026ގެ ވޯލްޑް ކަޕްގައި މިޞްރާއި އީރާނަށް ކުރިމަތިވީ އެމެރިކާގެ ނުފޫޒުން ފީފާއިން ނިންމި ރަހުމެއްނެތް ނިންމުންތަކެއްހެއްޔެވެ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

9 ޖުލައި 2026

2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ ފޯރިގަދަ އަދި ހަނދާނުން ފޮހެލަން ދަތި މެޗުތަކެއް ފެނުނު މުބާރާތެއް ނަމަވެސް، މިޞްރާއި އީރާނުގެ ގައުމީ ޓީމަށް މިއީ ވަރަށް ހިތްދަތި ހަނދާންތަކެއް އާވެއާވެ ހުންނާނެ ހިތްދަތި މުބާރާތެކެވެ. އަދި  މި ދެ ގައުމުގެ ސަޕޯޓަރުންގެ ހިތްތަކުގައި އެމެރިކާއާއި ފީފާއަށް ނަފުރަތު އުފެއްދި މުބާރާތެކެވެ. މި ނަފުރަތުގައި މެޗުގެ އޮފިޝަލުން ހިމެނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މުބާރާތުގެ ހިންގުމާއި، ސިޔާސީ ނުފޫޒު (ނުވަތަ މި ކިޔާ ޖިއޯޕޮލިޓިކްސް)އާއި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު)ގެ ނިންމުންތަކުގެ ޢަދުލުވެރިކަމާއި އިންސާފާ މެދު ސުވާލު އުފައްދައި، މި ދެ ގައުމުން ވެސް ވަނީ މުބާރާތުގައި ބޭއިންސާފާއި "މަކަރުވެރިކަން" ވަރަށް ބޮޑަށް އެކުލެވިގެންވާކަމަށް ބުނެ ޝަކުވާކޮށްފައެވެ. އަދި މީގެ ފަހުން މި މުބާރާތުގެ އެއްވެސް މެޗެއް ނުބަލާނެކަމަށް މިޞްރުގެ ކޯޗު ބުނެފައިވެސް ވެއެވެ.

މިއީ ހަމައެކަނި ތުހުމަތުތަކެއްތޯ ނުވަތަ ހަގީގީ ބުރަދަނެއް ހުރި ވާހަކައެއްތޯ ބަލައިލުމަށް ޓަކައި، މި ކަމުގެ ހަގީގަތްތަކަށް ނަޒަރެއް ހިންގައިލާން ޖެހެއެވެ.

އެޓްލާންޓާގައި ވީއޭއާރުގެ މައްސަލައިގައި މިޞްރުގެ ޝަކުވާ:

ގަދަ 16ގެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަތުން ބަލިވެ މިޞްރު މުބާރާތުން ވަކިވާން ޖެހުމަކީ މި ބޭއިންސާފުގެ ވާހަކަތަކުގެ މައިގަނޑު ސަބަބެވެ. މެޗު ފެށުނުއިރު ބަލިވާނެކަމަށް ގިނަބަޔަކު ހީކުރި މިޞްރުން ވަނީ މޮޅު ކުޅުމެއް ދައްކައި 2-0 އިން ކުރިހޯދިއެވެ. ނަމަވެސް އޭގެ ފަހުން ހިނގާދިޔަ ކަންތައްތައް ވެގެންދިޔައީ ބޮޑު ބަހުސަކަށެވެ.

މެޗުގެ ނަތީޖާ ބަދަލުކޮށްލި ނިންމުންތައް

މިޞްރު 1-0 އިން ކުރީގައި އޮއްވައި، މުޞްޠަފާ ޒީކޯ ގޯލެއް ޖަހައި މިޞްރުން ލީޑު ފުޅާކުރިކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ނަމަވެސް، ގިނައިރުތަކެއް ވަންދެން މެޗުގެ ރެފުރީ ވީއޭއާރު ބެލުމަށްފަހު، އެ ގޯލު ބާތިލުކުރިއެވެ. އެއީ އެ ގޯލް ޖެހުމުގެ މާ ކުރީން އާޖެއްޓީނާގެ ލިސަންދްރޯ މާޓީނޭޒަށް ފައުލެއް ކޮށްފައިވާކަމަށް ބުނެ ނިންމި ނިންމުމެކެވެ. މި ފައުލަކާ އެ ގޯލަކާ އެއްވެސް ގުޅުމެއް ނެތެވެ. އެހެންކަމުން މިއީ ބޭއިންސާފު ނިންމުމެއްކަމަށް ގިނަ ކޯޗުންނާއި ބެލުންތެރީން އެއްބަސްވެއެވެ. ނަމަވެސް ރާއްޖޭގައި ވެސް އުޅޭ އާޖެންޓީނާގެ ސަޕޯޓަރުން މި ކަމާ އެއްބަސްނުވެދާނެއެވެ. ނަމަވެސް ވަކި އަތަކަށް ނުޖެހި ޚިޔާޅު ފާޅުކުރާ މީހެއް ނަމަ، އެ ނިންމުން އިސންސާފުވެރިކަމަކަށް ނުބުނާނެއެވެ.

އެންމެ ބޮޑު މައްސަލައަކަށްވީ މެޗުން މޮޅުވި ގޯލި އާޖެންޓީނާއިން ޖެހުމުގެ ކުރީން ހިނގި ހާދިސާއެވެ. އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓާ، މިޞްރުގެ ޙަމްދީ ފަތުޙީގެ ޖާޒީއަށް ދަމައި ކޮށްޕައިލިކަމަށް ބުނެ، މިޞްރުގެ ކުޅުންތެރީންނާއި ކޯޗުން ވަރަށް ބޮޑަށް ޝަކުވާކުރިއެވެ. ނަމަވެސް، މި ޝަކުވާއަކަށް ނަމެއްގައި ނަމަވެސް ރެފުރީ ވީއޭއާރު ބަލާކަށް އެއްބަހެއް ނުވިއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، މިޞްރުގެ ޝަކުވާތަކަށް ރެފުރީ އަޅައެއްނުލިއެވެ. ހަގީގަތުގައި ރެފުރީ އެ ކަމަށް ރިޢާޔަތްކުރި ނަމަ، މިޞްރުގެ އެ ޝަކުވާތަކަށް ރިޢާޔަތްނުކުރީ އާޖެންޓީނާ ކޮޅަށް ރެފުރީ ބުރަވެފައި ހުރިކަމުގެ ހެތްކެއްކަމަށް ބުނާނެ ޖާގަ އެބަ އޮތެވެ. އެ ޝަކުވާއަށް ރިޢާޔަތްކުރި ނަމަ، މިޞްރަށް ޕެނެލްޓީއެއް ދޭންޖެހެއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އާޖެންޓީނާއިން ގޯލް ޖަހައި 3-2 އިން މެޗު ކާމިޔާބުކުރިއެވެ. މިޞްރުން ޖެހި ލަނޑެއް، މާކުރީން ފައުލެއް ކޮށްފައި އޮތްކަމަށް ބުނެ ބާތިލު ކުރުމާއި ޕެނެލްޓީއެއް ދޭންޖެހޭ މައްސަލައެއް މުޠާލިޢަކޮށް އިންސާފުކުރާން ރެފުރީ އެއްބަސް ނުވުމަކީ ރެފުރީ އާޖެންޓީނާ ކޮޅަށް ޖެހިފައި ހުރިކަމަށް ބުނާނެ ޖާގަ އޮތް ހަގީގަތްތަކެކެވެ.

ޙަސަން މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޞްރުގެ ހެޑް ކޯޗު ޙުސާމް ވިދާޅުވީ، އޭނާގެ ޓީމަށް [ވަރަށް ބޭއިންސާފުން ކަންތައްކޮށްފައިވާކަމަށާއި މުބާރާތުގައި މިޞްރުގެ ޓީމަށް އިހުތިރާމާއި އިނސާފެއް ނެތްކަމަށެވެ. އެއީ މުސްލިމު ގައުމުތަކާ މެދު ހުޅަނގުން ގެންގުޅޭ ނަފުރަތާ ހުރެ ވީ ކަމެއްކަމެއް ނުވަތަ، އެމެރިކާގެ ނުފޫޒުކަމެއް ދަންނަވާކަށް ނޭނގެއެވެ. އެނގޭ ހަގީގަތަކީ މިޞްރުގެ ޝަކުވާތަކުގައި ބުރަދަނެއް އެބަހުރިކަމެވެ.

ސިއެޓްލްގައި ހުރި އިދާރީ ހުރަސްތަކާއި މެޗުގައި އީރާނަށް ދިމާވި ކަންތައް

މިޞްރުގެ ޝަކުވާތައް ހުރީ ހަމައެކަނި ދަނޑުމަތީގައި ދިމާވި ކަންތައްތަކުގެ މައްޗަށް ނަމަވެސް އީރާނުގެ ކަންބޮޑުވުންތައް ބެހިގެންވަނީ ދެބައަކަށެވެ. އެއީ ދަނޑުން ބޭރުން ކުރިމަތިކުރި އިދާރީ ހުރަސްތަކާއި ދަނޑުމަތީގެ ބޭއިންސާފުނިންމުންތަކަށެވެ.

އިދާރީ ގޮތުން ދިމާވި ދަތިތައް

މުބާރާތުގައި ވާދަކުރި އެހެން ގައުމުތަކާ ހިލާފަށް، ވިސާގެ މައްސަލަތަކުގެ ސަބަބުން އީރާނަށް ބަނޑަހަޖަހާންޖެހުނީ އެމެރިކާގެ ބަދަލުގައި މެކްސިކޯގައެވެ. އެ ޓީމަށް މެޗުތައް ކުޅެން އެމެރިކާގެ ބޯޑަރު ހުރަސްކުރަން ޖެހެނީ މެޗު ކުޅޭން 24 ގަޑި އިރަށްވީމާ އޭގެ ފަހުންނެވެ. އަދި މެޗު ނިމުމާއެކު ވަގުތުން އެނބުރި ދާން ޖެހެއެވެ. މިއީ މާއްދީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން ވެސް ބުރަ ބޮޑު އުނދަގޫ ނިންމުންތަކެކެވެ. މީގެ އިތުރަށް އީރާނުގެ ގިނަ އޮފިޝަލުންނާއި ސަޕޯޓަރުންނަށް ވިސާ ނުލިބުނު މައްސަލަ ވެސް ކުރިމަތިވިއެވެ. ހެޑް ކޯޗު އާމިރު ގަލެނޮއީ ވިދާޅުވި ގޮތުގައި އޭނާގެ ޓީމަކީ މުބާރާތުގައި އެންމެ ބޮޑަށް "ނިކަމެތިކޮށް، އިހާނާތްތެރިކޮށްލެވުނު" ޓީމެވެ. އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިޔާން ވެސް ވަނީ އެމެރިކާ ސަރުކާރުން ހުރަސްތައް ކުރިމަތިކުރިކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ދަނޑުމަތީގައި ލިބުނު ބޭ އިންސާފު:

ދަނޑުމަތީގައި، ގްރޫޕް ޖީގެ ފަހު މެޗުގައި މިޞްރާ ދެކޮޅަށް ކުޅުނު މެޗުގެ 93 ވަނަ މިނެޓުގައި އީރާނުން ލަނޑެއް ޖަހައި މެޗުން މޮޅުވި ކަމަށް ހީވިއެވެ. ޝުޖާޢު ޚަލީލްޒާދޭ ޖެހި މި ގޯލާއެކު އީރާނުގެ ބެންޗުން ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ. ނަމަވެސް، ރެފްރީ ސައިމަން މާސީނިއަކް ވީއޭއާރު ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމައި އެ ލަނޑު ބާތިލުކުރިއެވެ. މެޗު 1-1 އިން އެއްވަރުވުމުން، ޖެހި ގޯލާއި ވަން ގޯލުގެ ތަފާތުން އީރާނަށް މުބާރާތުގެ އަނެއް ބުރަށް ނުގޮސް ކަޓާން ޖެހުނެވެ.

ފީފާއިން މިޞްރާއި އީރާނަށް "ވަރަށް ބޭއިންސާފު"ކޮށް ކަންތައް ކުރިކަމަށް ބުނާ ބުނުމަށް ބަލާ އިރު، ސިޔާސީ ނުފޫޒުތަކާއި ދަނޑުމަތީގެ ރެފުރީންގެ ނިންމުންތަކުގެ އެއްގޮތްނުވުން އެއީ ވަކި ދެ މައްސަލައެއްކަމަށް ބަލާން ޖެހެއެވެ.

އީރާނަށް ދަނޑުން ބޭރުން ކުރިމަތިވި ކަންތައްތަކަކީ ބޭއިންސާފުގެ ތުހުމަތުތަކަށް އެންމެ ބޮޑަށް ބާރުލިބޭ ކަންތަކެވެ. ވޯލްޑް ކަޕް ބާއްވާ ގައުމަކުން މުބާރާތުގައި ވާދަކުރާ ހުރިހައި ގައުމަކަށް ހަމަހަމަ ފުރުސަތުތަކާއި އިދާރީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. ނަމަވެސް އެމެރިކާއިން އީރާނަށް ކުރިމަތިކުރި ދަތުރުފަތުރުގެ ހުރަސްތަކާއި ވިސާގެ ދަތިތަކުގެ ސަބަބުން އީރާނުގެ ކުޅުމަށް އަސަރުކުރިކަން ކަށަވަރެވެ. މި ކަމުގެ ސަބަބުން، ސިޔާސީ ނުފޫޒުތަކުން މުބާރާތް ސަލާމަތްކޮށް ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމުގައި ފީފާ ވަނީ ނާކާމިޔާބުވެފައެވެ. އަދި ފީފާގެ މައްޗަށް އެމެރިކާގެ ނުފޫޒު ވަރަށް ބޮޑަށް ހިގާކަން މީހުންނަށް ފާހަގަވި އެއް ކަމަކީ އެމެރިކާގެ ކުޅުންތެރިއަކަށް ދަނޑުމަތީގައި ދެއްކި ރަތްކާޑެއް، އެމެރިކާގެ އެދުމަށް ފީފާއިން ބާތިލިކުރި ކުރުމެވެ.

ނަމަވެސް، ދަނޑުމަތީގެ ހާދިސާތަކަށް ބަލާ އިރު މިއީ މުޅިން ތަފާތު ކަމެކެވެ. މިޞްރާއި އީރާނަށް ކުރިމަތިވި ހިތްދަތިކަމަކީ ޒަމާނީ ފުޓުބޯޅައިގައި ރެފުރީން ވީއޭއާރު ބޭނުންކުރުމުގައި ހަމަހަމަކަމާއި އިންސާފު ނެތުމުގެ މައްސަލައެކެވެ.

ޒަމާނީ ރެފްރީންގެ ނިންމުންތަކުގައި ފަންނިއްޔާތުގެ ސައްހަކަން ބައެއް ފަހަރު ފެންނަނީ އިންސާނިއްޔަތުކަމެއް ނެތް ހަރުކަށި ނިންމުންތަކެއްގެ ގޮތުގައެވެ.

ވީއޭއާރުން ބެލުމަށް ފަހު، އީރާނުގެ ގޯލް އޮފްސައިޑުކަމަށް ބުނުމާއި މިޞްރުގެ ގޯލުގެ ކުރީން ފައުލެއް އޮތްކަމަށް ބުނެ އެ ގޯލު ބާތިލުކުރި ކުރުމަކީ މިހާރުގެ ގަވާއިދަށް ބަލާއިރު ސައްހަ ނިންމުންތަކަކަށް ވެދާނެއެވެ. ނަމަވެސް، އާޖެންޓީނާ ކަހަލަ ބޮޑު ޓީމަކަށް ފައިދާވާ ގޮތަށް، އޭރިއާ ތެރެއިން މިސްރުގެ ކުޅުންތެރިއެއްގެ ޖާޒީއަށް ދަމައި ކުރި ފައުލު ބަލައިނުގަތުމަކީ، ރެފުރީ އާޖެންޓީނާ ކޮޅަށް ޖެހިފައިވާކަމަށް ބުނާ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެކެވެ.

މިއީ އީރާނާއި މިޞްރާ ދެކޮޅަށް ފީފާއިން ރާވައިގެން ހިންގި ކަނތައްގަނޑެއްކަމަށްވުން އެއީ ވަރަށް ދުރު ކަމެކެވެ. ފީފާއިން ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ކަންކަން ކުރުމަށް ވުރެ، ބޮޑަށް އަޅުގަނޑަށް ބުރަވެވެނީ ރެފުރީންގެ ނުކުޅެދުންތެރިކަމާއި އެ މީހުންގެ ބޭ އިންސާފެވެ. މުސްލިމު ގައުމުތަކާ މެދު އެ މީހުންގެ ހިތްތަކުގައި އޮންނަ ނަފުރަތެވެ. ބައެއް މީހުން ބުނާހެން އާޖެންޓީނާއަކީ [ފީފާގެ ދަރިއެކޭ] ބުނާ ބުނުމަށް ވުރެ ބޮޑަށް އަޅުގަނޑަށް ބުރެވެވެނީ މިއީ މެޗުގެ އޮފިޝަލުންނާ ހަމައިން ދިމާވާ މައްސަލައެއްކަމަށެވެ.

ކޮންމެއަކަސް މި ފަހަރުގެ ފީފާ ވޯލްޑުކަޕުގައި މިޞްރާއި އީރާނަކީ މި އުނި ނިޒާމުގެ ބޭއިންސާފު ލިބުނު ދެ ގައުމުަކަށް ދެންނެވިދާނެއެވެ. އީރާނަށް އެންމެ ބޮޑަށް ދަތިވީ ބާއްވާ އެއް ގައުމުކަމަށްވާ އެމެރިކާއިން ގެންގުޅުނު ބޭއިންސާފު [ޑިޕުލޮމެސީ]ގެ ސަބަބުންނެވެ. އަދި މިޞްރަށް ދިމާވި ހިތްދަތިކަމަކީ ކުދިކުދި ކަންތައްތައް ރެފުރީން ވީއޭއާރުން ބަލައި މިސްރަށް ދެރަވާ ގޮތަށް ނިންމުންތައް ނިންމި އިރު، ބޮޑެތި ފައުލުތަކަށް ފަރުވާލެއް ނުބަހައްޓައި ބޭއިންސާފުން ކަންތައް ކރުމުންނެވެ. އެހެންކަމުން، މިއީ ފީފާއިން ދުރާލައި ރާވައިގެން ހިންގި ޢަމަލުތަކެއް ނޫން ނަމަވެސް، މި މުބާރާތުގައި އީރާނާއި މިޞްރާ މެދު ކަންތައް ދިމާވެފައިވަނީ ވަރަށް ބޭއިންސާފުންކަމަށް ބުނާނެ ޖާގަ ވަރަށް ބޮޑަށް އެބަ އޮތެވެ. ހަމަ ގައިމު ވެސް އަޅުގަނޑު ގަބޫލުކުރަނީ މިހެންނެވެ.

 

ލަފުޒެއްގެ މާނަ:

ފައުލު      ނ.     (1) ހަމަޖެހިފައި އޮންނަ ހަމައާ ނުވަތަ ގަވާއިދާ ނުވަތަ އުސޫލާ ޚިލާފަށް ކުރާ އަމަލު. އާންމުކޮށް މި ލަފުޒު ބޭނުންކުރަނީ ކުޅިވަރުގެ މައިދާނުގައެވެ. (2) ކުޅިވަރެއް ކުޅުމުގެ ތެރޭގައި، އެ ކުޅިވަރެއްގެ ގަވާއިދާ ޚިލާފަށް ކުރާ ކަމެއް.

 

ކޮމެންޓު