އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
28 ޖޫން 2026
ވާރލްޑުކަޕްގެ 2026ގެ މުބާރާތަކީ ވަރަށް ގިނަ ގޮތްގޮތުން ތަފާތު މުބާރާތެކެވެ. އަޑު ވެސް ނާހާ ކުދިކުދި ގައުމުތަކުން ފުޓުބޯޅައިގެ ބާރުތަކާ ވާދަކޮށް ހައިރާންކުރުވަނިވި ނަތީޖާތަކެއް ވަނީ ނެރެފައެވެ. އަދި މިއީ މިހައި ގިނަ ގައުމުތަކެއް ވާދަކުރާ ގޮތަށް ބޭއްވުނު ފުރަތަމަ މުބާރާތެވެ. 1930ގައި ބޭއްވި ފުރަތަމަ މުބާރާތުގައި ބައިވެރިކުރީ 13 ޓީމެވެ. 1934ގައި 16 ޓީމެވެ. ދެން ޖެހިގެން އައި މުބާރާތުގައި (1938ގައި) 15 ޓީމެވެ. އަހަރުތަކަކަށް ފަހު 1950ގައި ބޭއްވި މުބާރާތުގައި ބައިވެރިވި ޢަދަދު އަނެއްކާ ވެސް 13އަށް ދަށްވިއެވެ. މި ފަހަރު މުބާރާތަށް ކޮލިފައިވި ވަރަށް ގިނަ ޓީމުތައް މުބާރާތުގައި ބައިވެރިނުވުމުންނެވެ. 1954 އިން 1978އާ ދެމެދު ބޭއްވި މުބާރާތްތަކުގައި ކޮންމެ ފަހަރަކު ބައިވެރިވީ 16 ޓީމެވެ. 1982އިން 1994އާ ދެމެދު ބޭއްވުނު ކޮންމެ މުބާރާތެއްގައި ވެސް ބައިވެރިވީ 24 ޓީމެވެ. 1998އިން 2022އާ ދެމެދު ބޭއްވި ހުރިހައި މުބާރާތެއްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިފައި ވަނީ 32 ޓީމަކަށެވެ. 2026ވަނަ އަހަރު މި ޢަދަދު ވަރަށް ބޮޑަށް އިތުރުކޮށް 48 ޓީމު ވާދަކުރާ ގޮތަށް ހަމަޖެހުނެވެ.
ސިޔާސީ ކަންކަމާއި ޣައިރު ސުލޫކީ ޢަމަލުތައް:
2026ގެ ވާރލްޑް ކަޕް ހިމެނުނީ ސިޔާސީ ކަންތައް ވެސް ވަރަށް ބޮޑަށް ފެނުނު މުބާރާތަކަށެވެ. ހަނގުރާމައިގެ މައިދާނުގައި އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ އަސަރު މުބާރާތަށް ވެސް ފޯރުވިއެވެ. އީރާނުގެ ބައެއް އޮފިޝަލުންނާއި ސަޕޯޓަރުންނަށް ވިސާނުދީ އެމެރިކާއިން ހިފެހެއްޓިއެވެ. އަދި އެމެރިކާ ނުރުހޭ ބައެއް ގައުމުގެ ރެފްރީންނަށް ވެސް ވިސާ ނުދީ ހިފެހެއްޓިއެވެ. މި ފަދަ ކަންކަމަކީ ކުޅިވަރުގެ ސުލޫކާ ޚިލާފު ކަންތައްކަމަށް ވިޔަސް އަދި ފީފާގެ ގަވާޢިދާ ޚިލާފު ކަންތައްކަމަށް ވިޔަސް، އެމެރިކާގެ މި ނޭއްގާނީ ޢަމަލުތައް [ފީފާ]އަކަށް ނުހުއްޓުވުނެވެ.
ސިޔާސީ މުޒާހަރާތައް:
ދެން މި މުބާރާތުން ފެނުނު އެންމެ އާދަޔާ ޚިލާފު އެއް ކަމަކީ ސިއެޓުލް އިސްޓޭޑިއަމުގައި ބޭއްވުނު އީރާނާއި މިޞްރު ބައްދަލުކުރި މެޗުގެ ތެރޭގައި ކުރިއަށްދިޔަ މުޒާހަރާތަކެވެ. މި މުޒާހަރާތައް ވެސް މިއީ ކުޅިވަރުގެ ރޫޙާ ޚިލާފު ސިޔާސީ ޙަރަކާތެކެވެ. ނަމަވެސް ފީފާއިންނާއި އެމެރިކާއިން ގަބޫލުކުރީ މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ޙައްގެއްކަމެވެ. މި މުޒާހަރާ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދެ ޙަރަކާތެއްގެ މައްޗަށެވެ.
1. އިސްލާމްދީނާ އަދި އިންސާނީ ޠަބީޢަތާ ޚިލާފު ހަޑިމުޑުދާރު ޢަމަލުތަކަށް ހިތްވަރުދިނުން
އީރާނާއި މިޞްރު ވާދަކުރި މެޗާ ދިމާވީ އެ މެޗު އޮތް ސިއެޓުލް ސިޓީއިން ފާހަގަކުރާ [ފަޚުރުވެރި ހަފުތާ] (ޕުރައިޑު ވީކު)އާ ކަމަށްވުމުން، އެ ސަރަޙައްދުގެ މި މެޗު އިންތިޒާމުކުރާ ފަރާތްތަކުން ވަނީ، [އެންމެން ޝާމިލުކުރުން ބަލައިގަތުމުގެ] ނަމުގައި މި މެޗަކީ [ޕްރައިޑް މެޗެއް]ކަމަށް ކަނޑައަޅައިފައެވެ.
އެ މީހުން އެ ބުނާ އެންމެން ބައިވެރިކުރުމުގެ މާނައަކީ ކޮބައިކަމަށްތޯއެވެ؟ އެއީ އިސްލާމްދީނާއި އިންސާނީ ޠަބީޢަތާ ޚިލާފު ޢަމަލުތައް ހިންގާ، އަދި އެ ކަމަށް ބާރުދޭ މީހުން ހިންގާ އެ ކަމުގެ ޙަރަކާތްތައް އިސްޓޭޑިއަމްގައި ހިންގުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. ތަފުޞީލުކޮށް ދަންނަވާ ނަމަ، އެއީ އެއްޖިންސުން [ކާވެނިކުރުން] ރަމްޒުކޮށްދޭކަމަށް އެ މީހުން ހަދައިގެން އުޅޭ ވިއްސާރަދުނީގެ ކުލަތަކުގެ ދިދަތައް އިސްޓޭޑިއަމްގައި ބޭނުންކޮށް އެ ކަމަށް ހިތްވަރުދީ އިޝްތިހާރުކުރުމުގެ ފުރުޞަތުދިނުމެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން އީރާނާއި މިޞްރަކީ އިސްލާމީ ދެ ގައުމުކަމަށްވާތީ، މި ފަދަ ލާދީނީ ޙަރަކާތްތައް ހިންގުމަކީ އެ ދެގައުމުން ހުއްދަދޭ ކަމެއް ނޫނެވެ. އަދި މި ފަދަ ޙަރަކާތްތައް ހިންގުމަކީ އެ ގައުމުތަކުގައި ޖިނާއީކުށްތަކެކެވެ. އެހެންކަމުން މި ދެ ޤައުމުން ވެސް ވަނީ އެ ބުނާ [ޕްރައިޑް ބްރޭންޑިންގ] ކެންސަލްކޮށްދިނުމަށް ފީފާ(FIFA) ގައި ކުރީން އެދިވެސްފައެވެ. ނަމަވެސް، މި ލާދީނީ ޙަރަކާތާއި ޢަމަލުތަކަކީ މާ ވަރުގަދަ [އިންސާނީ ހައްގެއް]ކަމަށްވާތީ، ފީފާގެ އިންސާނީ ޙައްޤުތަކާ ބެހޭ އުޞޫލުތަކުގެ ދަށުން، ދަނޑު އެތެރެއަށް ވިއްސާރަދުނީގެ ކުލަތަކުގެ ދިދަ ވެއްދުމުގެ ހުއްދަ ސަޕޯޓަރުންނަށް އެންމެ ފަހުން ވަނީ ދީފައެވެ. ނަމަވެސް ސިޔާސީ ޙަރަކާތެއްކަމަށް ބަލައި ފަލަސްޠީނަށް ތާއީދުކުރާ ޙަރަކާތްތަކާއި ދިދަ އެ ފަދަ އިސްޓޭޑިއަމްތަކުގައި ކުރީން ވަނީ [އެވެރީން] މަނާކޮށްފައެވެ. އެ މީހުން އެ ބުނާ އިންސާނީ ހައްގުތަކުގެ މިންގަނޑު ކަނޑައަޅާ ގޮތަކީ މިހިރީއެވެ.
މި ހަޑިމުޑުދާރު އަދި އިންސާނީ ފިޠުރަތާއި ޠަބީޢަތާ ޚިލާފު މި ޙަރަކާތް ހިންގާން ފީފާއިން ހުއްދަދީފައި ވިޔަސް މި ލާދީނީ މީހުންނަކަށް އެ ވަރަކުން ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން މި މުޑުދާރު ޢަމަލުތަކާ ދެކޮޅަށް އަޑުއުފުއްލާ އަދި އެ ކަންކަން ބަލައިނުގަންނަ މިޞްރާއި އީރާނުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލައި އެ ކަން ހުއްދަކުރާން ގޮވައިލައި މުޒާހަރާކުރީއެވެ. މިއީ އިންސާނީ ހައްގެކޯލައެވެ. ސިޔާސީ ކަމެއް ނޫނޯލައެވެ. ނަމަވެސް ފަލަސްޠީނަށް ތާއީދުކޮށްފި ނަމަ، އެ ވަނީ ސިޔާސީ ކަމަކަށެވެ. ކުޅިވަރުގައި ސިޔާސީ ޙަރަކާތެއް ނުހިންގޭނެޔޯލައެވެ. ދުނިޔޭގެއިންސާފު ނިކަން ދެކިބަލާށެވެ! މިއީ ކޮން ކަހަލަ ދުނިޔެއެއްހެއްޔެވެ؟ ނަމަވެސް އަދިވެސް އަޅުގަނޑުމެން މި އުޅެނީ އެމެރިކާވަރެއް ނެތިގެންނެވެ. ހަމައެއްލަމައެއް އުސޫލެއް ސުލޫކެއް ނެތް ގައުމެކެވެ.
މުޒާހަރާގެ ބައިވެރީންނާއި ސަޕޯޓަރުން ވަނީ ވިއްސާރަދުނީގެ ކުލަތަކުގެ ދިދަތައް ހޫރައި، މި މުޑުދާރު ޙަރަކާތް ހިންގުމަށާއި (އެލް.ޖީ.ބީ.ޓީ.ކިއު+ގެ ޙައްޤުތަކާއި އެމީހުންގެ ވުޖޫދު ހާމަކުރުމަށް) ވަކާލާތުކުރުމުގެ ގޮތުން [ޕްރައިޑް] ރަމްޒުކޮށްދޭ ތަކެތި ބޭނުންކޮށްފައެވެ. މި ދެންނެވި ނާއިންސާފު ފުރުޞަތު ދީފައިވަނިކޮށް އަދި އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުން ގެންދިޔުމާ އެކު، އެ މީހުން މުޒާހަރާ މި ކުރީ މިޞްރާއި އީރާނުގައި ވެސް މި މުޑުދާރު ޙަރަކާތް ހިންގުމަކީ ކުށެއްކަމަށް ކަނޑައަޅައިފައިވާތީ އެ ކަމާ ދެކޮޅަށް އަޑުއުފުލުމަށެވެ.
އެމެރިކާގެ އިދާރިއްޔަތުގެ ހިތްވަރުދިނުމާ އެކު، ދެން މުޒާހަރާކުރީ އީރާނުގައި މިހާރުގެ ވެރިކަންކުރާ އިދާރިއްޔަތާ ދެކޮޅަށް އަޑުއުފުލުމަށެވެ. [ސިޔާސީ މިނިވަންކަން]ދިނުމަށާއި، [އިންސާނީ ޙައްޤުތަކަށް] ވަކާލާތުކުރުމަށެވެ. އަދި އީރާނުގައި ދައުލަތުން [އެމެރިކާއާއި އިޒުރޭލާ] ދެކޮޅުވެރިވާ ދެކޮޅުވެރިވުންތަކާއި ފިއްތުންތައް ނިމުމަކަށް ގެނައުމަށް ގޮވައިލާށެވެ. މި މުޒާހަރާގައި އާންމު ގޮތެއްގައި ބައިވެރިވެފައިވަނީ އެމެރިކާއަށް ހިޖުރަކޮށްގެން އެމެރިކާގެ ތައްޕާހުގައި އުޅޭ، އީރާނު ދަރިކޮޅުގެ މީހުންނެވެ. މި ކަމަށް ހިތްވަރުދީ އެހީތެރިވެދީފައިވަނީ އެމެރިކާގެ ޓުރަންޕު ސަރުކާރަށް ތާއީދުކުރާ މީހުންކަމަށް ބުނެވެއެވެ.
މެޗުގެ ސަލާމަތީ ކަންކަން
ސިއެޓްލް ސްޓޭޑިއަމްގައި ކުޅެވުނު، އަދި ގިނަބަޔަކު ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުންދިޔަ މި މެޗަކީ، ވަރަށް ބޮޑު ހަލަބޮލިކަމަކާއި ފޯރިއެއް ފެނުނު މެޗެކެވެ. ނަމަވެސް މި މެޗު، ސިއެޓުލްގެ އަހަރީ [ޕްރައިޑް ވީކު]އާ ދިމާވުމުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ލާދީދީ ޙަރަކާތްތަކަށް ފީފާއިން ހުއްދަދީފައިވާތީ އުފެދިދާނެ ހަމަނުޖެހުމަކުން ރައްކާތެރިވުމަށް ޓަކައި އިސްޓޭޑިއަމްގެ ސަލާމަތީ ކަންކަން ބަލަހައްޓައިފައިވާކަން ފާހަގަކޮށްލަމެވެ. މި ކަމަށް ޓަކައި ފީފާއިން ކަނޑައެޅި އަންނަނިވި އުޞޫލުތައް ވަނީ ހަރުކަށިކަމާ އެކު ތަންފީޒުކޮށްފައެވެ.
· ވިއްސާރަދުނީގެ ކުލަތަކުގެ ދިދަ މަނާކުރުމަށް މިޞްރާއި އީރާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ގުޅިގެން ހުށަހެޅި ހުށަހެޅުން ފީފާއިން ވަނީ ގަބޫލުނުކޮށް ރައްދުކޮށްފައެވެ. ފީފާއިން ދެކޭ ގޮތުގައި 2026 ގެ ވޯލްޑް ކަޕަކީ [އެންމެން ޝާމިލުވާ] ހަރަކާތަކަށްވާތީ ފީފާއިން ހުއްދަދީފައިވާ ސުލޫކީ މިންގަނޑުގެ ދަށުން [އިންސާނީ ޙައްޤުތައް] ރަމްޒުކޮށްދޭ އާންމު ނިޝާންތައް (ލާދީނީ ޢަމަލުތަކަށް ހިތްވަރުދޭ ނިޝާންތައް) އިސްޓޭޑިއަމް އެތެރެއަށް ވެއްދުމުގެ ހުއްދަ ދިނެވެ.
· ވިއްސާރަދުނީގެ ކުލަތަކުގެ ދިދައަށް ހުއްދަ ދިން ނަމަވެސް، އީރާނުގެ އިންގިލާބުގެ ކުރީން އެ ގައުމުގައި ބޭނުންކުރި ދިދަކަމަށްވާ [ސިންގާއާއި އިރު]ގެ ނިޝާން ދައްކުވައިދޭ ދިދަ ވެއްދުން ފީފާއިން ހަރުކަށިކޮށް މަނާކުރިއެވެ. އެއީ މަނާކުރެވިފައިވާ ސިޔާސީ ރަމްޒެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީއެވެ. މުބާރާތް ފެށުމުގެ ކުރީން އެމެރިކާގެ ފަނޑިޔާރަކު ވެސް ވަނީ އިސްޓޭޑިއަމްގައި މި ދިދަ މަނާކުރުމަށް ފީފާއިން ނިންމި ނިންމުމަށް ތާއީދުކޮށްފައެވެ.
· ކުރިމަތިވެދާނެ ދެބަސްވުންތަކާއި ހަމަނުޖެހުންތައް ކޮންޓުރޯލުކުރުމަށް ޓަކައި، ސިއެޓުލްގެ ސިޓީ ކައުންސިލުން ވަނީ ސިޔާސީ ހަރަކާތްތައް ތަރުތީބުން ކުރިއަށް ގެންދިއުމަށާއި، ދަނޑަށް ވަންނަ ސަޕޯޓަރުންނާ އެ މީހުން ވަކިކުރުމަށް ޓަކައި އިސްޓޭޑިއަމްގެ ބޭރުން ވަކި ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައަޅައިފައެވެ.
· މެޗުގެ ފަހު މިނެޓްކޮޅުގެ ތެރޭގައި، ބަލައިނުގަތް ލަނޑެއްގެ އުފާފާޅުކުރުމުގެ ހަލަބޮލިކަމުގެ ތެރެއިން ސަޕޯޓަރަކު ދަނޑުމައްޗަށް ފުންމައިލި ނަމަވެސް އިސްޓޭޑިއަމްގެ ސަލާމަތީ ބާރުތަކުން ވަނީ ހުސިޔާރުކަމާއެކު ވަގުތުން ހަރަކާތްތެރިވެ، އިތުރު ހާދިސާއެއް ހިނގިޔަނުދީ އެމީހާ ހިފަހައްޓައި ކޮންޓުރޯލުކޮށްފައެވެ.
ސިޔާސީ ނުތަނަވަސްކަން ދަނޑުމައްޗަށް ފެތުރިގެން ހިނގައިދާނެތީ ނުވަތަ ޓީމުތަކުން މެޗު ދޫކޮށް ހިނގައިދާނެތީ ކަންބޮޑުވުން އުފެދުނު ނަމަވެސް ދެ ޓީމުން ވެސް ވަނީ ކުޅިވަރުގެ ރީތި ސުލޫކެއް ދައްކުވައިދީފައެވެ. ފޯރިގަދަ އަދި ހިތްގައިމު މެޗަކުން 1 – 1ގެ ޑުރޯއަކާ އެކު އަމާންކަމާ އެކު މެޗު ނިންމައިލައިފައެވެ.
މެޗުގެ ފަސްވަނަ މިނިޓުގައި މަޙުމޫދު ޞާބިރު ޖަހައިދިން ލަނޑުން މިޞްރުން ކުރިހޯދިއެވެ. ނަމަވެސް، 14 ވަނަ މިނެޓުގައި އީރާނުގެ ރާމިން ރިޒާއިއަން ވަނީ އުނދަގޫ ކަންމިނަކުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުން ގިނަ ފުރުޞަތުތަކެއް ދެ ޓީމަށް ވެސް ލިބުނެވެ. އޭގެ ތެރޭގައި އީރާނުގެ މަހުދީ ތަރީމީ އަތުން ޕެނަލްޓީއެއް ބޭކާރުވުމާއި، މެޗުގެ 93 ވަނަ މިނެޓުގައި އީރާނުގެ ޝުޖާޢު ޚަލީލުޒާދޭ ޖެހި، މޮޅުވި ލަނޑު ހިމެނެއެވެ. ނަމަވެސް ބަލާން ތިބި މީހުންނަށް އޮފުސައިޑު ލަނޑެއްކަމަށް ނުފެނުނަސް ވީ.އޭ.އާރް ބެލުމަށް ފަހު، އޮފުސައިޑު ލަނޑެއްކަމަށް ރެފުރީ ނިންމުމުން އީރާނު ނާއުންމީދުވިއެވެ.
މި ނަތީޖާއާއެކު، މިޞްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވާރލްޑް ކަޕުގެ ނޮކްއައުޓް ބުރަށް އެ ގައުމު ވަނީ ދަތުރުކޮށްފައެވެ. އެއީ [ގުރޫޕު ޖީ]ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އީރާނަށް ގުރޫޕުގެ ތިންވަނަ ލިބިފައިވާތީ، އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރެއިން އެ މީހުންނަށް ފުރުޞަތު ލިބޭނެތޯ ނޫންތޯ ބަލާން ވަނީ އިންތިޒާރުކުރާންޖެހިފައެވެ.
އީރާނުގެ ޤައުމީ ޓީމުން ވަނީ ސިއެޓުލް އިސްޓޭޑިއަމްގެ ލޮކަރުރޫމުގައި ފާހަގަކޮށްލެވޭ މެސެޖެއް އަތުލިޔުމުން ލިޔެ ހާމަކޮށްފައެވެ. ލޮސް އެންޖެލިސްގައި ކުޅުނު ކުރީގެ މެޗުގައި ވެސް އެ މީހުން ދެއްކި ނަމޫނާއާ އެއް ގޮތަށް، މި ނޯޓުގައި ވެސް ހަމައެކަނި ނަތީޖާއަށް ވުރެ ބޮޑަށް އަޚުލާޤާއި ކުޅިވަރުގެ ރޫޙަށް ބާރުއަޅައިފައިވެއެވެ.
އެ މީހުން ލިޔުނު މެސެޖުގެ ތަރުޖަމާއަކީ [އަޅުގަނޑުމެންނަށް ފުޓުބޯޅައަކީ ހަމައެކަނި ނަތީޖާއަކަށް ކުޅެވޭ މުބާރާތެއް ނޫނެވެ. އެއީ އަޚުލާގާއި ސުލޫކުގެ އިމްތިޙާނެކެވެ. ފަހަރުގައި ޕޮއިންޓުތައް އެކި ގޮތްގޮތުން ހޯދިދާނެއެވެ. ނަމަވެސް އިޙުތިރާމެއް ނުހޯދޭނެއެވެ. އަޚުލާގީ ނުވަތަ ކުޅުމަކީ (ފެއަރ ޕްލޭއަކީ) ހަމައެކަނި ފުޓުބޯޅައިގެ ގަވާއިދުތަކުގައި އޮންނަ ފޮޅުވަތެއް ނޫނެވެ. އެއީ ކުޅިވަރުގެ ފުރާނައެވެ. ސިއެޓުލް ސިޓީއިން އަޅުގަނޑުމެންނަށް ބެހެއްޓި މެހެމާންދާރީއަށް ޓަކައި ޝުކުރިއްޔާއެވެ!] މިއެވެ. ކޮން ފަދަ ރީތި އަޚުލާގެއްތޯއެވެ!