ad_banner
ކުރުވާހަކަ: މަލަކު

ފާޠިމަތު އަފާޝާ

12 ޖުލައި 2026

މި ވާހަކައަކީ އުމާންގައި ދިރިއުޅުނު އުމާންގެ ކުޑަ އަންހެން ކުއްޖެއްގެ ހަޤީޤީ ވާހަކައެކެވެ. މި އަންހެންކުއްޖާގެ ވާހަކަ ކިޔައިދީފައިވަނީ އޭނާގެ އެކުވެރީންނާއި ޢާއިލާގެ މީހުންނެވެ. މި ވާހަކަ ފެށެނީ އުމާންގެ ޒުވާން ފިރިހެނަކު ހުޅަނގުގެ އަންހެނަކާ ކައިވެނިކުރާ ހިސާބުންނެވެ. އަންހެން މީހާ ހުރީ އޭނާގެ ދީންކަމުގައިވާ ނަޞާރާ ދީނުގެ މަތީގައެވެ. ނަމަވެސް އޭނާ ދިރިއުޅުމަށް ޓަކައި، އޭނާގެ ފިރިމީހާޔާ އެކު ޢުމާނަށް އައެވެ. ފިރިހެން މީހާއަކީ ރަނގަޅު ވަޒީފާއެއްގައި އުޅޭ މުދާވެރި މީހެކެވެ. މި ދެމީހުންނަށް ލިބުނު ކުދީންގެ ތެރެއިން އެއް ކުއްޖަކީ މަލަކު ނަމަކަށް ކިޔާ މި ކުޑަ އަންހެންކުއްޖާއެވެ.

މަލަކު ދިރިއުޅެމުން ދިޔައީ ފޯރާ، މުދާވެރި ދިރިއުޅުމެއްކަމުން ދުނިޔެމަތީގައި މީހަކު ލިބޭން އެދޭނެ ފަދަ ކޮންމެ އެއްޗެއް އޭނާއަށް ލިބިގެންވިއެވެ. އެހެންނަމަވެސް މި އަންހެންކުއްޖާއަށް ހަމައެކަނި އުނިވެގެންވީ އެއްޗަކީ ޢާއިލާއެކެވެ.

މައިންބަފައިން ތިބިކަމުގައިވީ ނަމަވެސް މައިންބަފައިންގެ ލޯތްބާއި އަޅައިލުމުން މަޙުރޫމުވެގެންވާ މި ކުއްޖާ އޭނާއާ އެކު، ވަގުތު ހޭދަކުރާނެ ކޮންމެވެސް މީހަކު ވުމަށް ބޭނުންވިއެވެ. އަދި އޭނާގެ ސިއްރުތައް ކިޔައިދީހަދާނެ ގާތް އެކުވެރިއަކު ބޭނުންވިއެވެ. ނަމަވެސް މަލަކަށް ހަމައެކަނި ފެންނާށް ތިބިހައި ވެސް ބަޔަކީ އޭނާ ފަދައިން މިނިވަންކަމާ އެކު ދިރިއުޅުމުގެ ވަގުތުތައް ހޭދަކުރަމުންދާ މުއްސަނދި އަންހެންކުދީންނެވެ. އެ ކުދީން ގިނަ ވަގުތުތައް ހޭދަކުރަނީ އެކުވެރީންނާ އެކު މަޖަލާއި ސަކަރާތުގައެވެ. އެ ކުދީން ކުރާ ކަންތައްތަކަށް ހުރަސްއަޅާނެބަޔަކު ނޫޅެއެވެ. އެ ކުދީން ހިތް އެދޭހައި ގޮތަކަށް ކަންތައްކުރަމުން ގެންދެއެވެ.

މިހެން އުޅެމުން އެއް ފަހަރެއްގައި، ޗުއްޓީ ހޭދަކޮށްލުމަށް ޓަކައި މަލަކާއި އޭނާގެ އެންމެ ގާތް އެކުވެރިޔާއާއި ހަ ފިރިހެން ކުދީން ”ސަލަސަލާ“ ކިޔާ އަވަށަކަށް، ދުވަސްކޮޅަކަށް ދިޔައެވެ. އެ ކުދީން ދެކޮޓަރި ކުއްޔަށް ހިފިއެވެ. އެއީ އެއް ކޮޓަރީގައި ފިރިހެންކުދީން ނިދުމަށް ޓަކައެވެ. އަދި އަނެއް ކޮޓަރީގައި މަލަކާއި އޭނާގެ އެކުވެރިޔާ ނިދުމަށެވެ. އެ ކުދީން އެކުގައި އެއް ކޮޓަރިއެއްގައި ނުވަތަ ކުލަބުގައި، މަޖަލާއި ސަކަރާތުގައި ދުވާލުގެ ވަގުތުތައް ހޭދަކުރެއެވެ. އަދި މެންދަމުން އަލިވެ ދޭއްޖެހުމުން ނިދާން މަސަތްކަތްކުރެއެވެ. އެ ކުދީން ދެކެމުން އައި ގޮތުގައި އުފަލާއި އަރާމާއި މިނިވަންކަމަކީ އެއީއެވެ.

މަލަކުގެ ވެސް އަދި އޭނާގެ އެކުވެރިޔާގެ ވެސް ރައްޓެހިވެގެންއުޅޭ ފިރިހެން ކުއްޖަކު (ބޯއި ފްރެންޑު) ހުރެއެވެ. މަލަކުގެ މި އެއްވެސް މަންޒިލެއްނެތި ދަތުރުކުރަމުން އައި ޙަޔާތުގެ ދަތުރުގައި އެއް ދުވަހަކު އެހެން މީހުންގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާނޭ ފަދަ އެކަހެރި ތަނަކަށް ދިއުމަށް މަލަކާއި އޭނާގެ ރަހުމަތްތެރިޔާ ދެމީހުން ބޭނުންވިއެވެ. އެހެންކަމުން މަލަކުގެ އެކުވެރިޔާގެ ގެއަށް ދިއުމަށް އެ މީހުން ނިންމިއެވެ. ސަބަބަކީ އެ ގެއަކީ އެއްވެސް ބަޔަކު ނޫޅޭ ހަމަހިމޭން ތަނަކަށްވާތީއެވެ.

މަލަކާއި އޭނާގެ އެކުވެރިޔާއާ އެ ދެމީހުންނާ އެކު އުޅޭ ދެ ފިރިހެންކުދީން އެގޭގެ ފެންޑާގައި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު މަލަކުގެ އެކުވެރިޔާ އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާޔާ އެކު ވަކީން ކޮޓަރިއަކަށް ދިޔައެވެ. އަދި މަލަކު ބޭނުން ނަމަ އޭނާ ވެސް ބޭނުން ކޮޓަރިއަކަށް ދާންވީކަމުގައި އެކުވެރިޔާ ބުންޏެވެ.

އެހެނަސް މަލަކު ބޭނުންވީ ފެންޑާގައި ތިބެ އޭނާ ރައްޓެހިވެގެންއުޅޭ ފިރިހެންކުއްޖާޔާ ވާހަކަދައްކާން ތިބޭށެވެ. ކުޑަ ވަގުތުކޮޅެއް ފަހުން މަލަކުގެ އެކުވެރިޔާ އޭނާއަށް ގޮވިއެވެ. އެހެންކަމުން މަލަކާއާއި އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އެ ކޮޓަރިއަށް ދިޔައެވެ. މަލަކާއި އޭނާގެ ބޯއި ފްރެންޑު އެ ކޮޓަރިއަށް ވަން އިރު، އެކުވެރިޔާއާއި އެނާ ރައްތެހިވެގެން އުޅޭ ފިރިހެންކުއްޖާ ތިބި ހުތުރުކަން ބޮޑު ގޮތް ފެނިފައި އެ ދެ މީހުންނަށް ކުއްލި ސިހުމެއް ލިބުނެވެ. ޒިނޭގެ ތަންމަތީގައި ތިބި މި ދެމީހުންގެ ބޭނުމަކީ މަލަކު ވެސް އެމީހުންނާ އެކު އެ [މަޖަލުގައި] ބައިވެރިކުރުވުމެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މި ޅަ އަންހެންކުއްޖާއަށް ލަދުވެތިކަމުގެ އިޙްސާސްތައްކުރެވުނެވެ. މި ފާޙިޝް ޢަމަލު ހަމަލޮލުން އޭނާގެ ކުރިމަތީން ފެނުނު ހިނދު އޭނާ، އޭނާގެ ރަހުމަތްތެރިޔާއާ ދިމާއަށް ގަބޫލުކުރާންދަތި މޭރުމަކުން ބަލައިލިއެވެ. އެއަށްފަހު ނުހަނު ރުޅިވެރިކަމާ އެކު އަތްދަމައިލައިފައި އޭނާގެ އެކުވެރިޔާގެ ކަންކަށިމަތީ އެތިފަހަރެއް ޖެއްސެވެ. އަދި ބުންޏެވެ. ”ކަލެއަށް ތިޔަ ގޮތަށް ކަންތައްކުރާން ކެރުނީ ކިހިނަކުންހެއްޔެވެ؟“ އަދި ވިދުވަރެއް ފަދައިން އެގޭ ތެރެއިން ނިކުމެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް މަލަކުގެ ހަޔާތުގައި ތިމާއަކީ އެއްވެސް ގޮތެއްފޮތެއް ނެތް މީހެއްކަމުގައި ޤަބޫލުކުރެވި އޭނާގެ އެއްވެސް އަގެއް ނެތް މި ޙަޔާތާ މެދު، ވިސްނައި ފިކުރުކުރެވެން ފެށުނެވެ. މި ލިބުނު ކެހިވެރިކަމުގެ ސަބަބުން މަލަކަށް ބުނެދޭން ނޭނގޭ ފަދަ ނުތަނަވަސްކަމެއް އިހުސާސުކުރެވެމުން ދިޔައެވެ. އަދި ހިތްހަމަ ޖައްސައިލުމަށް ޓަކައި ތަނަކަށް ދުވެ ފިލާން ބޭނުންވިއެވެ.

މަލަކު އޭނާގެ ގެއަށް އެނބުރި ދިޔައެވެ. އެ ތަނުން އިވޭނެހައި ވެސް އަޑަކީ މަލަކުގެ ޢާއިލާގެ ކުދީންނާއި އެ މީހުންގެ އެކުވެރީން ލަވަޖަހައި މަޖާނަގާ އަޑެވެ. މަލަކުގެ އެކުވެރިޔާގެ ގޭގައި ކަންތައް އެ ދިމާވި ގޮތާ މެދު، މަލަކު ނުރުހުންތެރިވީ މިންވަރުގެ ބޮޑުކަމާއެވެ! ހިތްހަމަޖެހުމެއް ހޯދުމަށް ޓަކައި މަލަކު އޭނާގެ ކޮޓަރިއަށް ދުއްވައިގަތެވެ. އެ ތަނުން މަލަކަށް ފެންނާން ހުރިހައި ވެސް އެއްޗަކީ ފާރުތަކުގައި ހަރުކޮށްފައިވާ ފާޙިޝްކަންކަން ބޮޑު ތަސްވީރުތަކެވެ. އެހެންކަމުން އެ ހުރިހައި ތަސްވީރުތަކެއް ނަގައި ވީދައި ހަލާކުކޮށް ކުދިކުދިކޮށްލިއެވެ. މިހުރިހައި ކަމަކަށް ފަހު މަލަކުގެ ހަށިގަނޑަށް ވަރުބަލިކަމާއި ލޮޑުކަން ވެރިވިއެވެ. ނަމަވެސް އޭނާއަށް ލިބިފައި ހުރި ނުތަނަވަސްކަމަށް ކުޑަ ލުއިކަމެއް ލިބުނުހެން ހީވިއެވެ.

މި ހިސާބުން އޭނާ ނަމާދުކުރާން ބޭނުންވިއެވެ. މަލަކު އޭނާގެ ގޭގެ ފެންޑާއަށް ދިޔައެވެ. އެއީ އެ ތަން ހަމަހިމޭންވާނެތީއެވެ. އަދި ނަމާދުކުރާން ފަސޭހަވާނެތީއެވެ. އޭނާއަށް ކޮންމެހެން ވެސް ނަމާދުކުރާން ބޭނުންޖެހިއްޖެހެން ހީވިއެވެ. ނަމަވެސް ހިތާމައިގެ ކޮޅެއްނެތެވެ. މުސްލިމު ބައްޕައެއްގެ ހުރި މި އަންހެންކުއްޖާއަކަށް ނަމާދުކުރާނެ ގޮތެއް ނޭނގުނެވެ. އެ ވަގުތު މަލަކު ފާޚާނާއަށް ގޮސް އޭނާގެ މުޅި ހަށިގަނޑު ޠާހިރު ފެނުން ތެންމައިލިއެވެ. އެހެނީ އޭނާއަށް ވުޟޫކުރާ ގޮތާ ބެހޭ ގޮތުން އެއްވެސް ކަމެއް ނޭނގެއެވެ. ދެން މަލަކަށް އޭނާގެ މާމަގެ ނަމާދުކުރާ މުސައްލަ ފެނުނެވެ. މުސައްލަ އެޅުމަށް ފަހު އޭގެ މަތީގައި ކޮޅަށް ހުއްޓުނެވެ. ހަދާންވީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ.

އެހެންކަމުން މަލަކުގެ ހިތް އޭނާއަށް މަގުދެއްކި ގޮތަށް އެނާ ކަންތައްކުރިއެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. ސަޖިދަކުރާށެވެ. އެވަގުތު މަލަކު ސަޖިދައަށް ތިރިވެ ނިކަމެތިކަމާ އެކު، ކުށްވެރިއަކު ފަދައިން އޭނާގެ ނިތްކުރި ބިންމަތީގައި ޖެއްސިއެވެ. އަދި އޭނާގެ ވެރި ރައްބުގެ ޙަޟުރަތުގައި ދުޢާކުރުމުގައި އެއް ގަޑިއިރު ވަންދެން ސަޖިދައިގައި އޮތެވެ. މަލަކުގެ ހިތުގައިވާ ހުރިހައި އިހުސާސްތަކެއް އޭނާގެ ވެރި ރައްބުގެ ޙަޟުރަތަށް ބަންޑުންކޮށްލިއެވެ. މި ކަންތައްތަކުގެ ސަބަބުން މަލަކަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް މި ހިސާބުން ވެސް އިތުރު ކަންތައްތައް ކުރާން އޭނާގެ ހިތް އެދޭން ފެށިއެވެ. އެ ކަމަށް ބޭނުންވިއެވެ.

ކުއްލިއަކަށް ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ހުރި އޭނާގެ ބޮޑުބޭބެގެ މަތީން މަލަކު ހަދާންވިއެވެ. މަލަކުގެ ބައްޕައާއި ބޮޑުބޭބެއާ ގުޅުން މާރަނގަޅުނުވުމުގެ ސަބަބުން އެ ދެބައިމީހުން ވަނީ ވަރަށް ދުރުވެފައެވެ. މަލަކަށް ވިސްނުނު ގޮތުގައި އޭނާއަށް އެހީތެރިވެދެވޭނެ ހަމައެކަނި މީހަކީ އެއީއެވެ. ހަމަ ވަގުތުން އެ ގެއަށް ދާން އޭނާ ނިންމިއެވެ. ނަމަވެސް އޭނާ ހެދުންއަޅައިގެން ހުރި ގޮތަށް އެއް ފަހަރު ނަޒަރު ހިންގައިލުމަށް ފަހު، އެ ފަދައިން ހެދުންއަޅައިގެން ދާން ލަދުވެތިވިއެވެ. އެހެންކަމުން ނިވައިކަން ބޮޑު ހެދުމެއް ފެނޭތޯ އޭނާގެ ހެދުންތައް ހާވާންފެށިއެވެ. ނަމަވެސް އެ ވަރުގެ ހެދުމެއް ނުފެނުނެވެ. ކޮންމެ ހެދުމަކުން ވެސް މަލަކުގެ ހަށިގަނޑުގެ ބައެއް ފާޅުވާން ހުރެއެވެ. ކުއްލިއަށް މަލަކުގެ ހަނދާނަށް އައީ އެއް ފަހަރެއްގައި މަލަކުގެ ބޮޑުބޭބެގެ އަންހެނުން (ފަހަރިދައިތަ) އޭނާއަށް ދިން އަބާޔާއަކާއި މޫނުބުރުގާއަކާއި ޚަތިމެއްގެ މަތީންނެވެ. މަލަކު އެ ހެދުން ނަގައި އަބާޔާ ލައި މޫނުބުރުގާއަޅައި ނިވައިވިއެވެ. އަދި މަލަކުގެ މާމަގެ ޑުރައިވަރު ގާތުގައި ބޮޑުބޭބެގެ ގެއަށް ގެންގޮސްދޭން އެދުނެވެ.

މަލަކު ބޮޑުބޭބެގެ ގެއަށް ދިޔުމުން އެ ގޭގެ ދޮރު ހުޅުވައިލީ ބޮޑުބޭބެގެ އަންހެނުންނެވެ. މަލަކު ފަހަރީގެ އަތުތެރެއަށް ވެއްޓިގަނެފައި ތުއްތުކުއްޖެއް ފަދައިން ގިސްލައި ރޯން ފެށިއެވެ.

ވެގެން އުޅޭ ގޮތް މަލަކުގެ ފަހަރިއަށް ކޮންމެ ވެސް ވަރަކަށް ވިސްނުނެވެ. އެހެންކަމުން މަލަކުގެ ބޮޑުބޭބެއަށް ގޮވިއެވެ. މަލަކުގެ ބޮޑުބޭބެ ފެނުމުން ވެސް އޭނާއަށް ކަންތައް ކުރެވުނީ ހަމަ އެފަދައިންނެވެ. ބޮޑުބޭބެގައިގައި ބައްދައިގަނެފައި ރޯންފެށިއެވެ. ނިވައިވެގެން ހުރި މަލަކު ފެނުމުން ބޮޑުބޭބެއަށް، އެއީ މަލަކުކަން ވެސް ނޭނގުނެވެ. ބޮޑުބޭބެއަށް އެއީ މަލަކުކަން އެނގުމުން އޭނާ ހަމަޖައްސައިފައި ގޮނޑިއެއްގައި ބޭންދިއެވެ. އަދި މަލަކާ އެކު، އިށީނދެ ވާހަކަދައްކާން ފެއްޓިއެވެ.

މަލަކު ބުނި ގޮތުގައި މަލަކަށް އެންމެ ފުރަތަމަ ފަހަރަށް ލޯތްބާއި އަޅައިލުމަކީ ކޮބައިކަން އިޙުސާސްކުރެވުނީ އެ ހިސާބުންނެވެ. ދެން އޭނާ އޭނާގެ ބޮޑުބޭބެގެ ދަރިފުޅާ ބައްދަލުކުރުމަށް އެދުނެވެ. އަދި ބޮޑު ބޭބެގެ ދަރިފުޅު އައުމުން، މަލަކަށް ނަމާދުކުރާން ދަސްކޮށްދޭން އޭނާގެ ކިބައިން މަލަކު އެދުނެވެ. މަލަކަށް ނަމާދުކުރާން ދަސްވުމުން، އޭނާ ހުރި ކޮޓަރިއަށް އެއްވެސް މީހަކު ނައުމަށް އެދުނެވެ. އަދި ތިން ދުވަސް ވަންދެން އެކަނިމައިއެކަނި ހުންނާން ބޭނުންވާކަމަށް ބުންޏެވެ.

އެއަށް ފަހު، މަލަކު އޭނާގެ ބޮޑުބޭބެ ގާތުން އެހިއެވެ. ”އަހަރެން ޤުރުއާން ހިތުދަސްކުރާން ކިހައި ދުވަހެއް ބޭނުން ވާނެހެއްޔެވެ؟“ މަލަކަށް، މަދުވެގެން ފަސް އަހަރު އެ ކަމަށް ބޭނުންވާނެކަމުގައި ބޮޑުބޭބެ ބުންޏެވެ. ނަމަވެސް އޭނާ މި ވަރުން ހިތްހަމައެއް ނުޖެހުނެވެ. އަދި ބުންޏެވެ. ”އެހައި ދުވަސްވާ އިރު އަހަރެން މަރުނުވެ ދުނިޔޭގައި ހުރެދާނެބާއެވެ؟“

އެހެންކަމުން މަލަކު އޭނާގެ މަސައްކަތް ފެށިއެވެ. ޤުރުއާން ހިތުދަސްކުރުމުގެ ބުރަ ބޮޑު މަސަތްކަތް ފެށިއެވެ. މަލަކަށް މިލިބުނު އާ ޙަޔާތުގައި އޭނާ ވަރަށް އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ވިއެވެ. އޭގެ ފަހުން ދެ މަސް ފާއިތުވި ތަނާ މަލަކުގެ ބައްޕައަށް މަލަކު ގޭގައި ނޫޅޭކަން އެނގުނެވެ. އެހެންކަމުން މަލަކު ވީތަނެއް ހޯދާން ފެށިއެވެ.

މަލަކު ވީ އޭނާގެ ބޮޑުބޭބެގެ ގޭގައިކަން އެނގުމުން ވަރަށް ރުޅިއައެވެ. މަލަކު ބައްޕަ މަލަކު އަނބުރައި ގެންދާން އެ ގެއަށް ބަލައި ދިޔައެވެ. ނަމަވެސް އެ ގެއަށް އެނބުރި ދާން އޭނާ އިންތިހާއަށް ދެކޮޅު ހެދިއެވެ. އެންމެ ފަހުން މަލަކު ނިންމީ އޭނާގެ ކާފަގެ ގޭގައި ގޮސް އުޅުމަށެވެ. އެއީ އެ މައްސަލަގަނޑު ނިންމައިލުމަށެވެ.

މަލަކަށް މުހިންމު ކަމަކަށްވީ އޭނާގެ މަގުސަދު ހަސިލުކުރުމެވެ. އެއީ ޤުރުއާން ހިތުދަސްކުރުމެވެ. މަލަކު ﷲގެ ޢިނާޔަތާއި މަދަދާ އެކު، އެންމެ ތިން މަސް ދުވަސް ތެރޭ ޤުރުއާން ހިތުދަސްކޮށް ނިންމިއެވެ. މި ކަމުގެ އުފަލުގައި އޭނާގެ ބޮޑުބޭބެއަށާއި އޭނާގެ ޢައިލާ މީހުނަށް ގުޅައި އޭނާގެ ގާތަށް އައުމަށް އެދުނެވެ. އެއީ އޭނާއަށް ޤުރުއާން ހިތުދަސްވީކަމުގެ އުފާފާޅުކުރުމަށެވެ. އަދި މި އުފާވެރި މުނާސަބާ ވަރަށް އަވަސްކުރުމަށް މަލަކު އެދުނެވެ. އެ މީހުން މިކަމާއި ވަރަށް ގަޔާވެ އުފާވިއެވެ. އެހެންކަމުން އަވަހަށް މަލަކު ގާތަށް އެންމެން ދިޔައެވެ.

މަލަކު ހުރި ގެއަށް އެމީހުން ދިއުމުން، މަލަކު ނަމާދުކުރާން ހުރިކަމަށް އެ މީހުންނަށް ބުނެވުނެވެ. އަދި މަލަކުގެ އުފާވެރި މޫނު ދުށުމަށް އެދި ކެތްމަދުވެފައި އިންތިޒާރުގައި ތިއްބެވެ. ވަގުތުތައް ހިނގަމުންދެއެވެ. އެތައް އިރެއް ފާއިތުވެގެން ދިޔައިރު ވެސް މަލަކުގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން މަލަކުގެ ތިމާގެ އަންހެން ކުއްޖާ މަލަކުގެ ކޮޓަރިއަށް ދާން ނިންމިއެވެ. ކެތްމަދުވެފައިވާ ހިތްތަކަށް ހިތާމަވެރިކަން ވެރިވެއްޖެ އެވެ. މަލަކުގެ ކޮޓަރިއަށް އެ ކުއްޖާ ވަން ހިނދު ޤުރުއާނުގެ މުޞްހަފު މޭމަތީގައި ބާއްވައިގެން މުސައްލަމަތީ އަބަދުގެ އަބަދަށް ދެމިގެންވާ ނިންޖަކުން ނިދައިފައިވާ މަލަކު ފެނުނެވެ. އާނއެކެވެ! އިނބަ، އެ ޖުމުލަ ތިޔަ ކީ ހަމަ ރަނގަޅަށެވެ. މަލަކު އޮތީ އޭނާގެ މޭމަތީގައި މުޞްހަފު ޖައްސައިލައިގެން، އޭނާ އެ ޤުރުއާނު ރައްކާކުރި ހިތުގެ ކައިރީގައި ބާއްވައިގެން އޭނާގެ ނަމާދުކުރާ މުސައްލަމަތީ މަރުވެފައެވެ. މަލަކުގެ މުޅި ޢާއިލާއަށް ބޮޑު ހިތާމައެއް ލިބުނެވެ. ނަމަވެސް އެމީހުންނަށް ދެން ޖެހޭނީ މަލަކު ވަޅުލާށެވެ. އެހެންކަމުން އެމީހުން މަލަކުގެ ބައްޕައަށް ގުޅިއެވެ. ނަމަވެސް މަލަކު އޭނާގެ ކާފަގެ ގާތުގައި، އޭނާގެ މަންމަ އިސްލާމްވުމުގެ ކުރީން އޭނާ ގާތަށް އަންނާން ނޭދޭކަމުގައި ބުނެފައިވެއެވެ. މަލަކުގެ ބޭބެއިންނާއި ދައްތަމެން ވެސް އައެވެ. އަދި އެ މީހުން މަލަކު ހިނަވަން ފެށިއެވެ. މަލަކު ހިނެވީ މަލަކުގެ ބޮޑުބޭބެގެ އަންހެން ދަރިފުޅެވެ. އެ ފަހަރުވީ މަލަކުގެ ބޮޑުބޭބެގެ އަންހެން ދަރިފުޅު މައްޔިތަކު ހިނެވި ފުރަތަމަ ފަހަރުކަމުގައެވެ. އެހެނަސް އެ މީހުން އެ ކަން ކުރީ އެމީހުންނަކީ މަލަކުގެ އެންމެ ގާތް މީހުންކަމުގައިވާތީއެވެ. އެ މީހުން ބުނި ގޮތުގައި އެ މީހުނަށް މަލަކު ހިނެވުމުގައި އެހެން ބަޔަކު ވެސް އެހީވަމުން ދިޔަކަމަށް އިޙުސާސްކުރެވެމުން ދިޔައެވެ. ނަމަވެސް އެ ތަނުން އެއްވެސް އިތުރު ބަޔަކު ނުއެއް ފެނެއެވެ. މަލަކު ކަފުންކުރުމަށް ޓަކައި އެ މީހުން ކަފުން ފޮތި ހޯދައި ތައްޔާރުކުރިއެވެ. ނަމަވެސް ފަހުން ހޯދައި ބެލި އިރު، އެޔެއް ފެންނާކަށް ނެތެވެ.

އެ މީހުން އެ ހޯދަހޯދައި ވެސް ނުއެއްފެނުނެވެ. އެ މީހުންގެ ހައިރާންކަން އިތުރުވީ ކޮޓަރީގެ އެއް ކަނެއްގައި ބާއްވައިފައި އޮތް އެހެން ކަފުނެއް ފެނުމުންނެވެ. އެއިން ވަރަށް ވެސް މީރުވަހެއް ދުވައެވެ. އެހެންކަމުން އެމީހުނަށް ޖެހުނީ އެ ކަފުން ފޮތިގަނޑު ބޭނުންކޮށްގެން މަލަކު ކަފުންކުރާށެވެ. ހުރިހައި ފިރިހެނުން މަލަކުގެ މައްޗަށް ކަށުނަމާދުކުރަމުން ދިޔަ އިރު، ފެހި ކުލައިގެ ފޭރާމެއްގައި ތިބި، ނުދަންނަ ބީރައްޓެހި ހަ ފިރިހެނުން (އެ ތާނގައި) ތިއްބެވެ.

އެ ހަ ފިރިހެނުން ވެސް މަލަކުގެ ކަށުނަމާދުގައި ބައިވެރިވިއެވެ. ދެން އެ މީހުން (މަލަކުގެ ޢާއިލާ މީހުން) މަލަކު ވަޅުލުމަށް ޓަކައި ޤަބުރުސްތާނަށް ގެންދިޔައެވެ. ފެހި ފޭރާމެއްގައި ތިބި އެ ހަފިރިހެނުންނަކީ މަލަކުގެ ޢައިލާގެ ބަޔެއް ނޫނެވެ. އެއީ ބީރައްޓެހީން ތަކެކެވެ. މަލަކު ވަޅުލައި ނިމުނުތަނާ މި ހަ މީހުންނަށް ވީ ގޮތެއް ނޭނގުނެވެ. އެ މީހުންނަކީ ކޮން ބަޔެއްކަމެއް އަދި އެ މީހުން އައީ ކޮންތާކުންކަމެއް އަދި ދިޔައީ ކޮންތާކަށްކަމެއް ވެސް އެކަކަށް ވެސް ނޭނގެއެވެ.

ކޮމެންޓު