ad_banner
އެމެރިކާގެ ގިނަ މީހުންނަށް ހަށިގަނޑަށް ބޭނުންވާ ވަރަކަށް ފައިބަރެއް ނުލިބެއެވެ.

އަބާ މުޙަންމަދު

4 ޖުލައި 2026

ފައިބަރު ނުލިބޭ ކާނާގެ ބައެއް ބާވަތްތައް

މައިގަނޑު ނުކުތާތައް:

    އެމެރިކާގެ ގިނަ މީހުންނަށް ކެވޭ ފައިބަރުގެ މިންވަރު މަދުވުމުގެ ސަބަބުން، އެއިން ލިބޭ ސިއްހީ ފައިދާތަކުން އެ މީހުން ވަނީ މަހުރޫމުވެފައެވެ.

    ފައިބަރުގެ ސަބަބުން ހަޖަމުކުރުން ފަސޭހަކޮށްދީ، ގޮހޮރުގެ ފައިދާހުރި ބެކުޓީރިއާތަކަށް ބޭނުންވާ ކާނާ ފޯރުކޮށްދީ، އަދި ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓުރޯލުކުރުމަށް އެހީތެރިވެދެއެވެ.

    ފައިބަރު މަދު ކާނާ ބޭނުންކުރުމުގެ ސަބަބުން ބަނޑުހަރުވުމާއި، ހާޓް އެޓޭކުޖެހުމާއި ނުވަތަ ހިތުގެ ބަލިތައް އިތުރުވުމާއި، ހަކުރުބައްޔާއި ނަފްސާނީ ބަލިމަޑުކަން (ޑިޕްރެޝަން) ފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެއެވެ.

އެމެރިކާގެ ރައްޔިތުން މިހާރު ކުރިއަށް ވުރެ ބޮޑަށް ޕްރޮޓީނަށް ސަމާލުކަންދޭ މިންވަރު އިތުރުވެފައިވާކަން ވަނީ ހާމަވެފައެވެ. ނަމަވެސް ގިނަ ބަޔަކު ޕްރޮޓީން ބޭނުންކުރާ މިންވަރު ވަރަށް ފަރުވާތެރިކަމާ އެކު ބަލަހައްޓަމުންދާ އިރު، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ޓަކައި ހަމަ އެހައިމެ މުހިންމު އެހެން މާއްދާއަކަށް (އެއީ ފައިބަރަށް) ސަމާލުކަންނުދެވި ދޫކޮށްލެވެއެވެ.

މީގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެމެރިކާގެ އާބާދީގެ ގާތްގަނޑަކަށް 95 އިންސައްތަ މީހުންނަށް ކޮންމެ ދުވަހަކު ބޭނުންވާ މިންވަރަށް ފައިބަރެއް ނުލިބެއެވެ. ފައިބަރަކީ ހަޖަމުކުރުމުގެ ނިޒާމަށާއި ގޮހޮރުގެ ދުޅަހެޔޮކަމުން ފެށިގެން، ލޭގައި ހަކުރު ހުންނަ މިންވަރަށާއި ހިތުގެ ސިއްހަތާ ހަމައަށް ހުރިހައި ކަމަކަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންނަމަވެސް އެ މީހުންގެ ތެރެއިން ގިނަ މީހުންނަށް އެކަށީގެންވާ މިންވަރާ ގާތަށް ވެސް ފައިބަރެއްނުލިބެއެވެ. ފައިބަރު މުހިންމުވަނީ މި ސަބަބަށްޓަކައެވެ. އަދި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފައިބަރު ލިބޭކަން ކަށަވަރުކުރާންޖެހެއެވެ.

ފައިބަރަކީ ކޮބާ؟ އަދި އެއީ އެހާ މުހިންމު އެއްޗަކަށް ވަނީ ކީއްވެ؟

ފައިބަރަކީ އަހަރެމެންގެ ހަށިގަނޑަށް ހަޖަމުނުކުރެވޭ ކާބޯހައިޑްރޭޓްގެ ބާވަތެކެވެ. އޭގެ ބަދަލުގައި، އެ ތަކެތި ދަތުރުކުރަނީ ހަޖަމުކުރާ ނިޒާމުގެ ތެރެއިންނެވެ. މިއީ ބޮޑުކަމުދިއުން ގަވާއިދުން ބެހެއްޓުމަށާއި، ބަނޑާއި ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި، އަދި ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއް ވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. ބަނޑާއި ގޮހޮރުގެ ކެންސަރު އިސްކިރީނުކުރުމުގެ ދާއިރާގެ މާހިރެއް ކަމަށްވާ، ގޭސްޓްރޯ އެންޓްރޮލޮޖިސްޓް ޑރ. އުމަރު ޚޫކަރު ވިދާޅުވާ ގޮތުގައި، ފައިބަރަކީ ހަޖަމުކުރާ ނިޒާމު "ސާފުކުރާން ހުންނަ މީހާ"ގެ ގޮތުގައި ސިފަކުރެވިދާނެއެވެ. "އެއީ ހަށިގަނޑުގެ ތެރެއިން ތަކެތި ކޮއްޕައި ފޮނުވައިލައި، ގޮހޮރު ދުޅަވުން ކުޑަކޮށްދީ، އަދި ގޮހޮރުގައި ހުންނަ ފައިދާ ހުރި ބެކުޓީރިއާތަކަށް ކާނާ ފޯރުކޮށްދޭ އެއްޗެކެވެ. ފައިބަރު ނެތިއްޖެ ނަމަ، މި ނިޒާމު ޚަރާބުވެ، ބޮޑުކަމުދާން ދަތިވެއެވެ."

ފައިބަރަކީ އަހަރެމެންގެ ހަށިގަނޑަށް ހަޖަމުކޮށް، ދަމައިނުގަނެވޭ އެއްޗަކަށް ވިޔަސް، އަހަރެމެންގެ ގޮހޮރުގައި އުޅޭ "ފައިދާހުރި" ބެކުޓީރިއާތައް ކާނާގެ ގޮތުގައި ފައިވަރު ބޭނުންކުރެއެވެ. "ގޮހޮރުގައި ހުންނަ ބެކުޓީރިއާތަކުން ފައިބަރު ބަދަލުކޮށްލަނީ ދުޅަވުން ކުޑަކޮށްދޭ އަދި ދިފާއީ ނިޒާމަށް ބާރުދޭ މާއްދާތަކަކަށެވެ. އެހެންކަމުން އިނބަގެ ހަށިގަނޑުގައިވާ ބެކުޓީރިއާގެ އާބާދީއަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމަށް ސަމާލުކަން ދޭށެވެ!" ޑރ. ޚޫކަރު އިސްތިމާސްކުރައްވައިފައިވެއެވެ.

މައިގަނޑު ދެ ބާވަތަކަށް ފައިބަރު ބެހިގެންވެއެވެ. އެއީ ފެނަށް ގިރޭ ބާވަތަކާއި ފެނަށް ނުގިރޭ ފައިބަރެވެ. މިއިން ކޮންމެ ބާވަތަކުން ވެސް ސިއްހަތަށް ތަފާތު ފައިދާތަކެއް ކުރެއެވެ. މޭވާއާއި، އެކި ބާވަތްތަކުގެ ތަރުކާރީއާއި، އެކި ބާވަތުގެ ކުދި އޮށާއި އަދި ގޮދަން ފަދަ ގޮވާމުގައި މި ދެ ބާވަތުގެ ފައިބަރު ވެސް އެކި މިންވަރަށް އެކުލެވިގެންވެއެވެ. ނަމަވެސް ބައެއް ކާނާގެ ބާވަތްތަކުގައި ވަކި ބާވަތެއްގެ ފައިބަރު ގިނައިން ހުރެއެވެ.

އެމެރިކާގެ ގިނަ މީހުންނަށް އެކަށީގެންވާ ވަރަށް ފައިބަރު ނުލިބެނީ ކީއްވެ؟

މި މައްސަލައިގެ އަސްލަކީ މި ޒަމާނުގައި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުކަމަށް ކަނާދާ ބެހޭ މާހިރެއްކަމަށްވާ ލޯރެން މެނޭކާ ވިދާޅުވެއެވެ. "ގިނަ މީހުން ގޭގައި ކައްކައިގެން ކެއުމުގެ ބަދަލުގައި އިސްކަންދެނީ ފަސޭހައިން ލިބޭން ހުންނަ ކާނާއަށެވެ. އަދި މި ފަދަ މާބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ ކާނާގެ ބާވަތްތަކުގައި ފައިބަރު ހުންނަނީ ވަރަށް މަދުންނެވެ." މީގެ ތެރޭގައި ފިހާރަތަކުން ގަންނާން ލިބޭ ގަނޑުކޮށްފައި ހުންނަ ކެއުންތަކުން ފެށިގެން، މަގުމަތީން އަވަހަށް ގަނެލައިގެން ކާ ތައްޔާރީ ކާނާ (ފާސްޓް ފުޑް)ގެ ބާވަތްތައް ވެސް ހިމެނެއެވެ. މި ފަދަ ކާނާ ކެއުމުގެ ސަބަބުން، ކާނާގެ އަސްލު ގޮތުގައި ހުންނަ ތަކެތިކަމަށްވާ މޭވާއާއި ތަރުކާރީއާއި ގޮވާމުގެ ބާވަތްތަކާއި މުގާއި ފާގައާއި އެކި ބާވަތްތަކުގެ ބަދަން ފަދަ، އަސާސީ ގޮތެއްގައި ފައިބަރު ލިބިދޭ މުހިންމު ހުރިހައި ބާވަތެއް އަހަރެމެންނަށް ކެއުމުން މަދުވެގެންދެއެވެ.

އެމެރިކާ މީހުންނަކީ ގޭގައި ކައްކައިގެން ކެއުމަށް ވުރެ، ރެސްޓޯރަންޓުތަކުންނާއި އެ ނޫނަސް ތައްޔާރީ ކާނާ ކެއުމަށް އިސްކަންދޭ ބަޔެއްކަމަށް ބުނެވެއެވެ. އެހެންވީމާ، ކަނާދުން ފައިބަރު މަދުވެގެން ދިމާވާ މައްސަލަތައް އެމެރިކާގެ މީހުންގެ މެދުގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ދިރާސާތަކުން ދައްކައެވެ.

މަރުޖާ: https://www.marthastewart.com/

ކޮމެންޓު