ad_banner
އައިސީއައިއޭގެ ކާމިޔާބީތައް - ކާމިޔާބު އެއް ދަހަރު (2016–2025)

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް

1 ސެޕްޓެންބަރު 2026

[އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) 2026] ވަރަށް ކާމިޔާބުކަމާ އެކު، އޮގަސްޓު 31ވަނަ ދުވަހު ހަވީރު ނިންމައިލައިފައިވާ އިރު، މި ކޮންފަރެންސްގެ ކާމިޔާބީގެ މައްޗަށް ހުރިހައި ބައިވެރީން ވާނީ ވާހަކަދައްކައިފައެވެ. އިންތިޒާމުތަކުގެ ފުރިހަމަކަމާއި ލިބުނު ފައިދާތަކުގެ މައްޗަށް ހުރިހައި ބައިވެރީން ވެސް އިޤުރާރުވެއެވެ. އަދި ދިވެހިރާއްޖެއިން ލިބުނު މެހުމާނުދާރީއާއި ދިވެހިރާއްޖޭގެ ރީތިކަމުގެ މައްޗަށް ބައިނަލްއަޤުވާމީ ބައިވެރީން ތަޢުރީފުކުރިއެވެ. އެހެންކަމުން ވޭތުވެ ދަހަރުގައި ކޮންމެ އަހަރު ބޭއްވެމުން އައި މި ކޮންފަރެންސްގެ ކާމިޔާބީތަކުގެ މައްޗަށް ބަލައިލުމަކީ މުނާސަބު ކަމެއްކަމަށް ދެކެމެވެ.

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި، އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ވެފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދިރާސާތަކާއި، ފިކުރީ ވިސްނުންތަކާއި، އަދި އިލްމީ މުހާވަރާތަކުގެ ބަދަލުކުރުންތައް ހާމަކޮށްދޭ އެންމެ ފާހަގަކޮށްލެވޭ އެއް މަންސައަށެވެ. ވަރަށް އާދައިގެ މަދު ޢިލްމުވެރީންކޮޅަކާ އެކު ފެށުނު މި ހަރަކާތް ވަނީ، މިދިޔަ 10 އަހަރުގައި ޢަދަދު ނުކުރެވޭ ކުރިއެރުތަކެއް ހޯދައި އެ ކަން ހާމަކޮށްފައެވެ. އޭގެތެރޭގައި ހުށަހެޅިފައިވާ ދިރާސީ ކަރުދާސްތައް އިތުރުވުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. އައި ސީ އައި އޭ ވަނީ ތަފާތު ދާއިރާތަކުން ކަރުދާސް ހުށަހެޅުމާއި މެދު ކެނޑުމެއް ނެތި 10 އަހަރުވަންދެން ކުރިޔަށް ގެންދެވުނު ބޮޑު ޢިލްމީ މަހާސިންތާއަކަށް ބަދަލުވެފައެވެ. 10 އަހަރު އެއްކުރެވިފައިވާ ރިކޯޑްތަކުން ފާހގަކޮށްލެވެނީ އުފާވެރި ކަންތައްތަކެކެވެ. މިގޮތުން 2016 އިން 2025 އަށް އައިސީއައިއޭ އައި ކުރިއެރުންތަކަށް ބަލައިލައި، ކާމިޔާބީގެ ފުރަތަމަ ދިހަ އަހަރު ސިފަކޮށްދޭ މުހިންމު ނުކުތާތަކަށް މި ލިޔުމުގައި އަލިއަޅުވައިލައިފައިވާނެއެވެ.

އައިސީއައިއޭގެ ރެކޯޑުތަކަށް ބިނާކޮށް، މި މައުޟޫޢާ ގުޅުންހުރި ތިން ދާއިރާއަކަށް ބަލާފައިވާނެއެވެ: އެއީ އެބްސްޓްރެކްޓް ހުށަހެޅުންތަކާއި ބައިވެރީންގެ މަޢުލޫމާތާއި އަދި ކަރުދާސް ހުށަހެޅިފައިވާ ތަފާތު ބަސްބަހެވެ. މި ކަންކަމުން އެނގި ހާމަވަނީ އައިސީއައިއޭގެ ހަރަކާތްތައް ފުޅާވެގެން ދިއުމުގެ އިތުރަށް، އޭގެ މަގުސަދުގައި ސާބިތުކަން ހާމަވެފައިވާ މިންވަރާއި، އަދި  ބައިވެރިވުން އިތުރުވެފައިވާ ޢަދަދުތަކާއި އަދި މީގެ އިތުރަށް ޢިލްމީ މުޖުތަމައެއް ބިނާކުރުމުގައި އައި ސީ އައި އޭ އަދާކޮށްފައިވާ މުހިންމު ދައުރެވެ.

ކުރިއެރުމާއި އިލްމީ ބައިވެރިވުމުގެ ދިހަ އަހަރު

2016 ވަނަ އަހަރު އައި ސީ އައި ފެށުނީއްސުރެ، އައިސީއައިއޭ އިން އަންނަނީ ޢިލްމީ މުހާވަރާތަކާއި، ދިރާސާތައް ހިއްސާކުރުމަށާއި، އަދި ތަފާތު ދާއިރާތަކުގެ މެދުގައި ކުރެވޭ މަޝްވަރާތަކަށް ކޮންމެ އަހަރަކު މެދުކެނޑުމެއް ނެތި އަހަރީ ފުރުސަތު ޢިލްމުވެރިންނަށް ހޯދައިދެމުންނެވެ. އެންމެ ފުރަތަމަ މި ކޮންފަރެންސް މަޝްހޫރުވެފައިވަނީ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އަވޭކެނިންގ" ގޮތުގައެވެ. ނަމަވެސް 2019 ވަނަ އަހަރު މި ނަން "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" އަށް ބަދަލުކުރެވުނެވެ. މި ބަދަލުން ދައްކުވައިދިނީ ދާއިރާ ފުޅާ އިލްމީ މިސްރާބަކަށް ދިއުމާއި، ދިރާސީ ހިއްސާކުރުމުގެ މަންސައެއްގެ ގޮތުގައި އައިސީއައިއޭގެ ގާބިލުކަން އިތުރުވެގެން ދިއުމެވެ.

ދިހަ އަހަރުގެ ދިރާސާގެ ރިކޯޑްތައް އެއްކޮށްލެވުނު ގޮތް

މި ލިޔުމުގައި ބޭނުންކޮށްފައިވަނީ 2016 އިން 2025 އަށް ހުރި އައިސީއައިއޭގެ ރަސްމީ ރެކޯޑުތަކެވެ. މި ގޮތުން ލިޔުން އެކުލަވާލެވިފައިވަނީ މައިގަނޑު 3 ބަޔަކަށް ބަލާލެވިގެންނެވެ.

·       ކަރުދާސް ހުށަހެޅުނު އަދަދު: އަހަރަކު ހުށަހެޅުނު އެބްސްޓްރެކްޓްގެ އަދަދާއި އަހަރަކުން އަހަރަށް އައި ބަދަލުތައް.

·       ބައިވެރީންގެ ޢަދަދު: ރާއްޖެއާއި ބޭރުގެ ބައިވެރިންގެ ބައިވެރިވުމުގެ ނިސްބަތް.

·     އެކި ބަސްބަހުން ކަރުދާސް ހުށަހެޅުނު ޢަދަދު: އިނގިރޭސި، ޢަރަބި، އަދި ދިވެހި ބަހުން ހުށަހެޅުނު އަދަދުތައް.

ދިހަ އަހަރުގެ މުހިންމު ބަދަލުތައް

އައިސީއައިއޭގެ ފުރަތަމަ ދިހަ އަހަރު ތިން މަރުޙަލާއަކަށް ބަހާލެވިދާނެއެވެ. ބިންގާ އަޅުނު މަރުޙަލާ، އަލުން އިއާދަވުމާއި ފުޅާވުމުގެ މަރުޙަލާ، އަދި އެންމެ ބޮޑު އިތުރުވުން ފެނުނު މަރުޙަލާއެވެ.

ބަދަލު ފާހަގަކުރެވުނު

ބިންގާ އެޅުމުގެ މަރުޙަލާ (2016–2020)

އަލުން އިއާދަވުމާއި ފުޅާވުން (2021–2023)

އެންމެ ބޮޑު އިތުރުވުން (2024–2025)

އެބްސްޓްރެކްޓް ހުށަހެޅުން

ހުށަހެޅުންތައް އުޅުނީ އާދައިގެ މިންވަރެއްގައި އާންމުކޮށް އަހަރަކު 30 އާއި 40 ދެމެދުގައެވެ. މި މަރުޙަލާ ނިމުނީ ދިހަ އަހަރުގެ އެންމެ ދަށް އަދަދާއެކު، 2020 ގައި 24 ހުށަހެޅުމާއެކުގައެވެ.

2021 ގައި ހުށަހެޅުންތައް 55 އަށް އިއާދަވެ، އިތުރުވަމުން ގޮސް 2023 ގައި 76 އަށް އަރާފައެވެ. މި ދުވަސްވަރު ފާހަގަކުރެވުނީ 2020 ގެ ދަށަށް ދިއުމަށްފަހު އަލުން ކުރިއެރުން ހޯދި ދުވަސްވަރެއްގެ ގޮތުގައެވެ.

ހުށަހެޅުންތައް 2024 ގައި އިތުރުވެ 184 އަށް އަރައި، 2025 ގައި 181 ގައި މަތީގައި ހިފެހެއްޓުނެވެ. މިއިން ދައްކުވައިދެނީ އައިސީއައިއޭ ފާހަގަކޮށްލެވޭ އިތުރުވުމަކަށް ވާސިލުވެފައިވާ ކަމެވެ.

ބައިވެރިންގެ މަޢުލޫމާތު

ކުރީކޮޅުގެ އަހަރުތަކުގައި ޚާއްޞަކޮށް 2016 އަދި 2017 ގައި، އެތެރޭގެ ބައިވެރިވުން ވަރުގަދައެވެ. މިއިން ދައްކައިދެނީ ދިވެހި އިލްމީ މުޖުތަމައުގައި އައިސީއައިއޭގެ ބިންގާ އެޅުނު ގޮތެވެ.

ފުޅާވި އަހަރުތަކުގައި ބައިނަލްއަގުވާމީ ބައިވެރިވުން އިތުރުވިކަން ފާހަގަކުރެވުނެވެ. މިއިން ދައްކުވައިދެނީ އައިސީއައިއޭގެ އިލްމީ މަގުބޫލުކަން ފުޅާވެ، ކުރީގެ މަހައްލީ އިމުން ބޭރަށް ފެތުރިގެން ދިޔަ ކަމެވެ.

2025 ގައި އެތެރޭގެ ބައިވެރިވުން 70 އަށްވުރެ މައްޗަށް ދިޔަ ދިޔުން ދައްކުވައިދެނީ ބައިނަލްއަގުވާމީ ފެންވަރު ދަމަހައްޓަމުން، ގައުމީ ވަރުގަދަކަން އަލުން އިތުރުވިކަމެވެ.

ކަރުދާސް ހުށަހެޅުނު ބަސްތައް

ހުށަހެޅުންތަކުގެ މައިގަނޑު ބަހަކީ އިނގިރޭސި ބަހެވެ. ނަމަވެސް 2019 ގައި ޢަރަބި ބަހުން 25 ހުށަހެޅުމާއެކު ފާހަގަކޮށްލެވޭ މަތީ އަދަދަކަށް ދިޔައެވެ.

އަލުން އިއާދަވި ދުވަސްވަރު އިނގިރޭސި ބަސް ބޭނުންކުރުން އިތުރުވަމުން ދިޔައެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސެއްގެ ގޮތުގައި އައިސީއައިއޭގެ ދައުރަށް ބާރުލިބުނު ކަމެކެވެ.

2024 ގައި އިނގިރޭސި ބަސް އެންމެ މަތީ މިންވަރަކަށް، އެއީ 80 އާ ކައިރިއަށް ދިޔައެވެ. އަދި 2025 ގައި ދިވެހި ބަހުން 25 ހުށަހެޅުމަށް އިތުރުވެ، ގައުމީ ބަހުން ބައިވެރިވުން ވަރުގަދަވިކަން ދެއްކިއެވެ.

އައިސީއައިއޭ ރެކޯޑުތަކުގެ ނަތީޖާ ޚުލާޞާ

ތިރީގައި ހޫލައަކުން އެއް ފަހަރާ ޚުލާސާކޮށް ތިޔަ ފެނިވަޑައިގަންނަވަނީ 2016–2025 ގެ އައިސީއައިއޭގެ މުހިންމު ރެކޯޑުތަކެވެ. މި އަދަދުތަކުން ހުށަހެޅުންތަކުގެ އިތުރުވުމާއި ކުރިއެރުންތަކާއި، ބައިވެރިންގެ ޢަދަދާއި އަދި އެކި ބަސް ބަހުން ހުށަހެޅުނު ކަރުދާސްތަކުގެ މިންވަރު ފާހަގަކޮށްލެއްވޭނެވެ.

މަތީގައި ވާ ހޫލައިން ދައްކައިދެނީ އައިސީއައިއޭގެ ކުރިއެރުން ތިން މަރުޙަލާއަކަށް ބެހިގެންދިޔަ ގޮތެވެ: އެއީ 2016 އިން 2019 އަށް އާދައިގެ އަދަދެއްގައި ހިފެހެއްޓުނު ދުވަސްވަރާއި، 2020ގެ ދަށަށް ދިއުމާއި، އަދި 2021އިން ފެށިގެން އައި ވަރުގަދަ އިއާދަވުމާއި އަވަސް ފުޅާވުމެވެ. ޚާއްޞަކޮށް 2020ގައި ދަށަގޮސްފައިވާ ވުން އެއީ ކޮވިޑް 19ގެ ދުވަސްވަރުގެ އައި ޢާލަމީވަބާގެ ހާލަތާ އެކު ދަށަށް ދިޔަ ދިއުމެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް 2024ގައި އައި ބޮޑު އިތުރުވުމާއި 2025ގައި މަތީ އަދަދެއްގައި ދެމިއޮތުމުން އަންގައިދެނީ، ކުރީ އަހަރުތަކަށް ވުރެ އައިސީއައިއޭ ކުރިއެރުން ބޮޑު ބަދަލަކަށް މިސްރާބު ޖަހައިފައިވާކަމެވެ. މީގެ އިތުރަށް ކޮންފަރެންސްގެ ބައިވެރީން ރަޖިސްޓްރީވި ޢަދަދުތަކުން އައިސީއައިއޭގެ ދިހަ އަހަރުގެ ތެރޭގައި ހޯދައިފައިވާ ކުރިއެރުންތަކަށް ފާޅުކަން ބޮޑުކޮށް ހާމަވެއެވެ.

މަތީގައިވާ ރިކޯޑުތަކުން ދައްކައިދެނީ 10 އަހަރުގެ ތެރޭގައި އައިސީއައިއޭގެ ބައިވެރީންގެ ޢަދަދު އަހަރުން އަހަރަށް ރާއްޖެއާއި ބައިނަލްއަގުވާމީ ފެންވަރުގައި އިތުރުވަމުން އައި ގޮތެވެ. ދިހަ އަހަރުގެ މެދުތެރޭގައި ބައިނަލްއަގުވާމީ ބައިވެރިވުން އިތުރުވެ، އައިސީއައިއޭއަށް އޮތް ޝައުގުވެރިކަން ބޭރުގައުމުތަކުގައި ވެސް ފުޅާވިކަން ހާމަވެއެވެ. މިއީ ގައުމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކާއި، ނުވަތަ އެތެރޭގެ ދިރާސާވެރީންނަށް ފުރުސަތުތައް ފަސޭހަވެގެން އައުމުގެ ނަތީޖާއަކަށް ވެއެވެ.

ދިހަ އަހަރުގެ ތެރޭގައި ހުށަހެޅުނު ކަރުދާސްތަކަށް ފުންކޮށް ބަލައިލުމުން، އައިސީއައިއޭގައި ތަފާތު ބަސްބަހުން، ބަސް ބޭނުންކުރުމުގެ ޢިލްމީ ކަރުދާސްތައް ހުށަހެޅުން އިތުރުވެގެން އައި މިންވަރު ހާމަވެއެވެ. އިނގިރޭސި ބަހަކީ އެންމެ ގިނައިން ކަރުދާސްތައް ހުށަހެޅުނު ބަސްކަމުގައިވީ ނަމަވެސް، ކޮންފަރެންސްގެ ކުރިއެރުމުގެ ތަފާތު މަރުޙަލާތަކުގައި ޢަރަބިބަހާއި ދިވެހިބަސް ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މަތީގައިވާ މަޢުލޫމާތުތަކުން ދައްކައިދެނީ ދިހަ އަހަރުގެ ތެރޭގައި ކަރުދާސްތައް ހުށަހެޅުނު ބަސްތަކާއި އޭގެ ނިސްބަތެވެ. މިއިން ކަށަވަރުވަނީ ގިނަ އަހަރުތަކުގައި އެބްސްޓްރެކްޓް ހުށަހެޅުމުގެ މައިގަނޑު ބަހަކީ އިނގިރޭސި ބަސްކަމެވެ. މިއީ އިލްމީ އަދި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ މައިގަނޑު ވަސީލަތުގެ ގޮތުގައި އެބަހުގެ ދައުރު ދައްކުވައިދޭ ކަމެކެވެ. އޭގެ އިތުރަށް 2019ގައި ޢަރަބި ހުށަހެޅުންތައް އިތުރުވުމާއި 2025ގައި ދިވެހިބަހުން ހުށަހެޅުންތައް އިތުރުވުމުން އެނގެނީ އަނެއް ދެބަހުގެ ކަރުދާސްތައް ހޯދުމުގައި ވެސް އައިސީއައިއޭގެ އިންތިޒާމުގެ ތެރެއިން ސަމާލުކަން ދެވިފައިވާ ކަމެވެ. 

ޖުމްލަކޮށް، އައިސީއައިއޭ ރެކޯޑުކުރެވުނު ދިހަ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ހާމަވެއްޖެއެވެ. އެންމެ ގިނައިން އެބްސްޓްރެކްޓް ހުށަހެޅުނީ 2024ވަނަ އަހަރުއެވެ. އެއީ 184 ހުށަހެޅުމާ އެކުގައެވެ. އަދި އެއާ ދާދި ކައިރީން 2025ވަނަ އަހަރު 181 ހުށަހެޅުން ލިބިފައިވެއެވެ. މީގެ އިތުރަށް، 2024ވަނަ އަހަރަކީ 53 ބައިވެރިންނާއެކު އެންމެ ގިނައިން ބައިނަލްއަގުވާމީ ޢިލްމުވެރިން ބައިވެރިވި އަހަރެވެ. އަދި އެ އަހަރު ވަނީ ކޮންފަރެންސްގެ ކުރީން ބޭއްވޭ 12 ވަރކްޝޮޕް (އެންމެ ގިނަ އަދަދަކަށް) ބާއްވައިފައެވެ.

މުޅި 10 އަހަރަށް ބަލާލާއިރު، ގައުމީ ފެންވަރުގެ ބައިވެރިވުން އެންމެ މައްޗަށް ދިޔައީ 2025 ވަނަ އަހަރުއެވެ. އެއީ 72 ދިވެހި ބައިވެރިންނާއެކުގައެވެ. އަދި އެ އަހަރަކީ 25 ހުށަހެޅުމާ އެކު ދިވެހި ބަހުން އެންމެ ގިނައިން ހުށަހެޅުންތައް ހުށަހެޅުނު އަހަރު ވެސް މެއެވެ. އިނގިރޭސި ބަހުން ހުށަހެޅުނު ހުށަހެޅުންތައް އެންމެ މައްޗަށް ދިޔައީ 2024ވަނަ އަހަރު 78 ހުށަހެޅުމާ އެކުގައެވެ. އަދި ޢަރަބި ބަހުން ހުށަހެޅުނު ހުށަހެޅުންތައް އެންމެ މައްޗަށް ދިޔައީ 2019ވަނަ އަހަރު 25 ހުށަހެޅުމާ އެކުގައެވެ.

އިސްވެދިޔަ ރިކޯޑްތަކަށް ޚުލާޞާކޮށް ބަލައިލުން:

·      ހުށަހެޅުންތައް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުން: އަހަރީ ހުށަހެޅުންތައް 30 (2016) އިން 181–184 (2024–2025)އަށް އިތުރުވުމަކީ ހަ ގުނައިގެ އިތުރުވުމެކެވެ. މި ނަތީޖާތަކުން ސާބިތުވަނީ އައިސީއައިއޭއަކީ ޢިލްމުވެރިން ޝައުގުވެރިވާ ޢިލްމީ މަންސައެއްކަމެވެ.

·      ރާއްޖޭގައި އައި ސީ އައިއޭގައި ބައިވެރިވުން އިތުރުވުން: 2025ގައި އެތެރޭގެ ބައިވެރީން 70 އަށްވުރެ މައްޗަށް ދިއުމާއި، ދިވެހި ބަހުން 25 ހުށަހެޅުން އައުމުން ދައްކުވައިދެނީ، ގައުމީ ދިރާސީ ބައިވެރިވުން އިތުރުވެ، ދިވެހި އިލްމީ މުޖުތަމައުގެ ތެރޭގައި މުއައްސަސާގެ ދައުރު ފުންވެގެން ގޮސްފައިވާ ކަމެވެ.

ކުރިއަށް ބަލައިލުން

އައިސީއައިއޭ އަންނާނ އޮތް ދަހަރަށް ކުރިމަތިލާ އިރު، 2016 އިން 2025އަށް ހުރި ރެކޯޑުތަކުން ފެންނަނީ ފުޅާވުމާއި، އާބަދަލުތަކާއި، އަދި އިލްމީ ތަސައްރަފުފުދުމުގެ ސާފު ތަޞައްވުރެކެވެ. އެބްސްޓްރެކްޓް ހުށަހެޅުންތައް ވަރަށް ބޮޑަށް އިތުރުވުމުން އެނގެނީ މިއީ ޢިލްމީ ހިއްސާކުރުމަށް ޝައުޤުވެރިކަން ބޮޑު މަންސައަކަށްވެފައިވާކަމެވެ. އަދި 2025ގައި އެތެރޭގެ ބައިވެރިވުން އިތުރުވުމުން ދައްކައިދެނީ ދިވެހި ދިރާސީ މުޖުތަމައުގައި އޭގެ ބިންގާ ވަރުގަދަ ވެފައިވާ ކަމެވެ. އިނގިރޭސިބަހާއި ޢަރަބިބަހުގެ އިތުރަށް ދިވެހިބަހުން ހުށަހެޅޭ ހުށަހެޅުންތައް އިތުރުވުމުން އައިސީއައިއޭގެ ގިނަ ބަސްބަހުގެ ކަރުދާސްތައް އިތުރުވަމުންދާކަން ވަރަށް ބޮޑަށް ފާހަގަވެއެވެ. މި ސާބިތު ކަންކަމުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް މަރުޙަލާގައި އައިސީއައިއޭއަށް އިސްކަންދެވިދާނެ ދެ ކަމެއް ވަކި ކުރެވިދާނެއެވެ: އެއީ:

(ހ) އެހެން ޔުނިވަރސިޓީތަކާ ގުޅި ބައިވެރިވެގެން ބައިނަލްއަގުވާމީ އެއްބާރުލުން ފުޅާކުރުމާއި، ތަފާތު ބަސްބަހުން ހުށަހެޅޭ ދާއިރާތައް ފުޅާކުރުމާއި،

(ށ) އަދި މުއައްސަސާތަކުގެ މެދުގައި މަޝްވަރާކުރުމަށް އިތުރު ފުރުސަތުތައް ހުޅުވައިލުމެވެ.

  • ބައިނަލްއަގުވާމީ އެއްބާރުލުން ފުޅާކުރުން: ދެމެހެއްޓެނިވި ޢިލްމީ ބައިވެރިން އުފެއްދުމާއި، ހައިބްރިޑްކޮށް ބައިވެރިވެވޭނެ ގޮތްތައް ރަނގަޅުކުރުމާއި، އަދި ޔުނިވަރސިޓީތަކާއި، ދިރާސީ މަރުކަޒުތަކާއި، ސިނާޢީ ވިއުގަތައް މެދުވެރިކޮށް އަމާޒުކުރެވިގެން މަސައްކަތްކޮށްގެން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި އައިސީއައިއޭގެ ދައުރު ވަރުގަދަކުރެވިދާނެއެވެ.
  • މަޝްވަރާއަށް އިތުރު ފުރުސަތުތައް ހުޅުވައިލުން: ކުރިއަށް އޮތް ކޮންފަރެންސްތަކުގައި ހަމައެކަނި ކަރުދާސް ހުށަހެޅުމުގެ ބަދަލުގައި، އެކަކު އަނެކަމާ ގުޅި މަޝްވަރާކުރެވުނު ވަށްމޭޒު ބައްދަލުވުންތަކާއި، ތަފާތު ބަސްބަހުން ކުރިއަށްގެންދާ އިސް ދަންފަޅިތަކާއި، ވިއުގައިގެ ޖާގަތަކާއި، އަދި ދެމެހެއްޓެނިވި އިލްމީ ބަދަލުކުރުންތަކަށް އެހީތެރިވެދޭ، އަދި ގުޅިގެން ކުރިއަށްދާ މަސައްކަތުބައްދަލުވުންތައް ހިމެނިދާނެއެވެ.

ފެށުނުތާ އެއްދަހަރު ފަހުން، އައިސީއައިއޭ ދެމިއޮތީ ޢިލްމުވެރިކަން އާލާކުރުމަށާއި، ގައުމީ ދިރާސީ މަސައްކަތްތައް ވަރުގަދަކުރުމަށާއި، އަދި މާނަހުރި ޢިލްމީ މުހާވަރާތައް ދެމެހެއްޓުމަށް އައިޔޫއެމްއިން ދޭ އަހައްމިއްޔަތުކަމުގެ ހެތްކެއްގެ ގޮތުގައެވެ. އައި ސީ އައި އޭގެ 11ވަނަ އަހަރާ އެކު، އޮގަސްޓް 30ވަނަ ދުވަހު މިފެށުނީ އާ ދަހަރަކަށެވެ. އާ ދަހަރުގެ ލިޔުންތަކުގެ ރިކޯޑުތައް އިތުރު ހަރުދަނާކަމަކާ އެކު، ފެށިގެންދާނެކަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ވިދާޅުވެފައިވެއެވެ. އައިސީއައިއޭގެ ކާމިޔާބީގެ ތާރީޚުތަކުން ހާމަކޮށްދެނީ، އައިސީއައިއޭއަކީ ޢިލްމީ ޚިޔާލުތައް ހިއްސާކުރެވޭ، އަދި އެކި ބަސްބަހުން ލިޔެވޭ ޢިލްމީ ލިޔުންތަކަށް ގަދަރުކުރެވޭ ހަރުދަނާ މަންސައެއްކަމެވެ. އެކި ދާއިރާތަކުގެ އިލްމީ ދިރާސާތަކަށާއި މުޖުތަމައުގެ ކުރިއެރުމަށް ދާއިމީ ގޮތެއްގައި މަސައްކަތްކުރާ މަންސައެއް ބިނާކުރުން މަތީގައި އައިސީއައިއޭ ދެމިއޮންނާނެކަމެވެ.

[އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) 2026]ގެ ވާހަކަ [ފަރަގު]ން މާގިނައިން މި ލިޔަނީ ކީއްވެގެންތޯ ކިޔުންތެރީން ސުވާލުކޮށްފާނެއެވެ. އޭގެ ސަބަބަކީ [ފަރަގު]ގެ ފަރަގުކަމެވެ. [ފަރަގު] ނޫހަކީ އެކި ފަރާތްތަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެ ކަންކަމަށް ހިތްވަރުދޭ ނޫހެކެވެ. ގިނަ ނޫސްތައް ފަދައިން އެކި ފަރާތްތަކުގެ ނާކާމިޔާބީ ފާހަގަކޮށް މާޔޫސްކުރުމަކީ [ފަރަގު]ގެ ސިޔާސަތެއް ނޫނެވެ. އެހެންކަމުން އައިޔޫއެމްގެ ކާމިޔާބީތަކަށް [ފަރަގު] މީޑިއާގެ ފަރާތުން ތަހުނިޔާ ދަންނަވަމެވެ.

 

ބައެއް ލަފުޒުގެ މާނަ:

މަންސަ     ނ.     ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު.  platform

ދަހަރު      ނ.     ދިހަ އަހަރު  decade

ތަހުނިޔާ     ނ.     އުފާވެރި މުނާސަބަތުތަކާ ގުޅިގެން ފާޅުކުރާ ހެޔޮއެދުމުގެ ޝުޢޫރު.  congratulation

ކޮމެންޓު