އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
1 ޖުލައި 2026
ބުރުކީނާ ފާސޯއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ޑިޕުލޮމެޓިކު ގުޅުން ކަނޑައިލުމަކީ ހުޅަނގު އެފުރިކާގެ ސަރަޙައްދީ ސިޔާސަތަށާއި ބައިނަލްއަގުވާމީ މަސްރަޙަށް އައި ވަރަށް ބޮޑު ބަދަލެކެވެ. ކޮންމެއަކަސް މި ހުސްވި ޖޫންމަހު 26ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރާ ގޮތަށް މި ގުޅުން ކަނޑައިލިކަން މި ހާރުވަނީ ބުރުކީނާ ފާސޯއިން ރަސްމީކޮށް އިޢުލާނު ވެސް ކޮށްފައެވެ. ސަބަބަކީ ކޮބައިބާވައެވެ؟ ކުރީން ފަރަންސޭސި އިސްތިއުމާރުގެ ދަށުގައި އޮތް ބުރުކީނާ ފާސޯއިން މި ފަދަ ހަރުކަށި ނިންމުމެއް ނިންމާންޖެހުނު މައިގަނޑު ސަބަބުތައް ގުޅިފައިވަނީ އެ ޤައުމުގެ ދާޚިލީ ސަލާމަތާއި، ސިޔާސީ ބަދަލުތަކާއި އަދި މިނިވަންކަމުގެ ރޫޙާއެވެ.
1. ސަލާމަތީ ނާކާމިޔާބީއާއި ހަނގުރާމަވެރީންގެ ނުރައްކާ
ފަރަންސޭސިވިލާތާ ގުޅުން ކަނޑައިލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެފުރިކާގެ [ސާހިލު] ސަރަޙައްދުގައި ހަރަކާތްތެރިވާ ހަރުކަށި ހަނގުރާމަވެރީން ފަރަންސޭސި ސިފައިންނަށް ނުހުއްޓުވުމެވެ. ގަސްތުގައި ނަމަވެސް ނުވަތަ ނާގާބިލުކަމުން ނަމަވެހެވެ. އެ ކަމެއް އެ މީހުންނަކަށް ނުވިއެވެ. ނުވަތަ އެ ކަމެއް ނުކުރިއެވެ. ބުރުކީނާ ފާސޯގައި ނިރުބަވެރީން ދެމުންދިޔަ ޙަމަލާތަކުން ސަލާމަތްވުމަށް ޓަކައި ފަރަންސޭސި ސިފައިންގެ އެހީތެރިކަމަށް އެދުމުން، އެ ކަން ކުރުމުގެ ނަމުގައި އެ ގައުމުގެ ސިފައިން އެތައް އަހަރެއްވަންދެން ބުރުކީނާ ފާސޯގައި ތިއްބެވެ. ނަމަވެސް، ދުވަހުން ދުވަހަށް މަސްރަޙު ދިޔައީ ގޯހުން ގޯހަށެވެ. ފަރަންސޭސި ސިފައިން ފަދަ ޒަމާނީ ޢަސްކަރީ ބާރަކަށް އެ ކަން ނުކުރެވޭނެކަމަކަށް ބުރުކީނާ ފާސޯއަކުން ގަބޫލެއްނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ފަރަންސޭސި ސިފައިން [ދޭ] އަސްކަރީ އެހީތެރިކަމާ މެދު، ބުރުކީނާ ފާސޯގެ ރައްޔިތުންނާއި ސިފައިން ޝައްކުކުރާން ފެށިއެވެ. އެ މީހުންނަށް އޮތް އިތުބާރު މުޅީން ގެއްލުނެވެ.
2. އަސްކަރީ ބަޣާވާތާއި ސިޔާސީ ބަދަލުތައް
ވެރީންގެ ކޮރަޕުޝަނާއި ފަސާދަ އާންމުވެ، ގައުމުގެ މުއްސަނދިކަމުގެ ފައިދާ ވިލާތުގެ ގައުމުތަކުން ޚާއްޞަކޮށް ފަރަންސޭސީންނާއި އިނގިރޭސިވިލާތުން ނަގަމުން ގެންދިޔަމާ އެކު، އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ހިސާބަށް ދިޔުމުން، ބުރުކީނާ ފާސޯއަށް ގެނައި އަސްކަރީ ބަޣާވާތްތަކަށް ފަހު، ވެރިކަމަށް ވަޑައިގަތް ކެޕުޓަން އިބްރާހީމް ޓްރައޮރޭ ބޭނުންފުޅުވީ ފަރަންސޭސި ނުފޫޒުން އެ ޤައުމު މުޅީން މިންޖުކުރާށެވެ. ފަރަންސޭސިވިލާތުން އަސްކަރީ ސަރުކާރަށް ފާޑުކިޔައި، ޑިމޮކުރަސީއަށް ރުޖޫޢަވުމަށް ބާރުއެޅުމަކީ ވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވި ސަބަބެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބުރުކީނާ ފާސޯއިން ވަނީ އެ ޤައުމުގައި ތިބި ފަރަންސޭސި ސިފައިން ޤައުމުން ބޭރުވާން އަމުރުކޮށްފައެވެ.
3. އިސްތިއުމާރީ ނުފޫޒާ އިދިކޮޅުހެދުން
ބުރުކީނާ ފާސޯގެ ރައްޔިތުންގެ މެދުގައި ފަރަންސޭސީންނާ ދެކޮޅު ރޫޙެއް ވަރަށް ބޮޑަށް އުފެދުނެވެ. ފަރަންސޭސިވިލާތުން ބުރުކީނާ ފާސޯގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައްކުރެވުނެވެ. ރައްޔިތުން ދުށް ގޮތުގައި ހަޤީޤީ މިނިވަންކަމެއް ލިބޭނީ ފަރަންސޭސިވިލާތުގެ "ނިއޯ-ކޮލޯނިއަލް" (އަލުން އިސްތިއުމާރުކުރުމުގެ) ސިޔާސަތުތަކުން ދުރުވެގެންނެވެ.
އައު ބައިވެރީން ހޯދުން
ފަރަންސޭސިވިލާތާ ގުޅުން ކަނޑައިލުމަށް ފަހު، ބުރުކީނާ ފާސޯއިން އިސްކަންދިނީ އެ ޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ޓައި އާ ބައިވެރީން ހޯދުމަށެވެ. އެހެންކަމުން ރަޝިޔާއާ އެކު އަސްކަރީ ގުޅުން ބަދަހިކޮށް، ރަޝިޔާގެ އެހީތެރިކަން ހޯދާން ފެށިއެވެ. މިއީ ފަރަންސޭސިވިލާތުގެ ބަދަލުގައި އެހެން ބާރެއްގެ އެހީގައި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރާން އެ ޤައުމުން ނިންމި ނިންމުމެކެވެ.
ޝައްކެއްނެތެވެ. ބުރުކީނާ ފާސޯއިން ފަރަންސޭސިވިލާތާ ޑިޕުލޮމެޓިކު ގުޅުން ކަނޑައިލީ ހަމައެކަނި ވަގުތީ ޙާދިސާއަކާ ގުޅިގެންނެއް ނޫނެވެ. އެއީ އެތައް އަހަރެއްގެ ސަލާމަތީ ނާކާމިޔާބީއާއި، އިސްތިއުމާރީ ނުފޫޒަށް އޮތް ނުރުހުމާއި، އަދި އަމިއްލަ ސިޔާދަތު ދިފާޢުކުރާން އެ ޤައުމުގެ އައު އިދާރިއްޔަތުން ބޭނުންވުމުގެ ނަތީޖާއެކެވެ. މިއީ މުޅި ސާހިލް ސަރަޙައްދުން ފަރަންސޭސި ނުފޫޒު ކުޑަވެ، ބައިނަލްއަޤްވާމީ ބާރުތަކުގެ އަސަރު އެ ސަރަޙައްދަށް ފެތުރޭން ދިމާވި މުހިންމު ސަބަބެކެވެ. އާދޭހެވެ! ބުރުކީނާ ފާސޯއިން ފަރަންސޭސިވިލާތާ އެކު އޮތް ޑިޕުކޮމެޓިކު ގުޅުން ކަނޑައިލީ އެ ގައުމުގެ ކުރިއެރުމާއި ސިޔާދަތު ޙިުމާޔްތަކުރުމަށް ޓަކައި އެހެން ގޮތެއް ނެތްކަމަށް ގަބޫލުކުރެވުމުންނެވެ.