ad_banner
އީރާނުގެ ތެލުން ޓުރަންޕަށް ވައްކަންކުރެވޭނެތަ؟ - އެއީ ސަޅިބައިސާއެއް ނޫންތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

30 ޖޫން 2026

2026 ޖޫން 26ގައި ރައީސް ޓުރަންޕު ބުނެފައިވަނީ، އީރާނަށް ނޭނގި ހުރުމުޒު ކަނޑުއޮޅީން [މިލިއަނުން އެތައް ފީފާއެއްގެ ތެޔޮ] އުފުލުމަށް ޓަކައި އެމެރިކާގެ ސިފައިން ރޭގަނޑު [ސިއްރު މިޝަނެއް] ހިންގަމުންދާ ކަމަށެވެ. ނަމަވެސް، ހަގީގަތަކީ އެމެރިކާއިން އީރާނުގެ ތެޔޮ ވަގަށް ނަގަމަކުންނެއް ނުދެއެވެ. އެއީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

ޑޮނަލްޑު ޓުރަންޕު އެ ފަދަ މޭރުމަކުން ކުއްލި ސަމާލުކަމެއް ލިބޭ ފަދަ ބަޔާނެއް ދިން ނަމަވެސް، މީސްމީޑިއާގައި ހަރަކާތްތެރިވާ ކުއޯރާ (Quora) ޕޯސްޓުގައި ބޭނުންކޮށްފައިވާ އިބާރާތްތަކަކީ ވަރަށް ބޮޑަށް އޮޅުންއަރާ ފަދަ އިބާރާތްތަކެކެވެ. ޓުރަންޕުގެ ބަޔާންތަކުގެ ފަހަތުގައިވާ ހަގީގަތްތަކަށް ބަލާ އިރު، މިއަށް ވުރެ ބޮޑަށް ތަފުސީލުކޮށް ވިސްނާންޖެހޭ ކަންތައްތަކެއް ހާމަވެއެވެ.

ވައިޓު ހައުސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައްޔާއި އޭގެ ފަހުން [ޓުރުތު ސޯޝަލް]ގައި ކުރި ޕޯސްޓުތަކެއްގައި ޓުރަންޕު ބުނެފައިވަނީ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުމަށް ގޮންޖަހައި، އެމެރިކާގެ ސިފައިން [ކޮންމެ ރެޔަކު] ގެންދަނީ ބޮކިތަކާއި ރާޑަރުތަކަށް އަރާ ނިޒާމުތައް ނިއްވައިލައިގެން ރާޑަރަށް ނާރާ ގޮތަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށް އުޅަނދުފަހަރު އަމާންކަމާ އެކު، ދަތުރުކުރުމުގެ މަގުފަހިކޮށްދެމުންނެވެ. އަދި މި މާގަ ބޭނުންކޮށްގެން ސަތޭކަ މިލިޔަން ފީފާގެ ތެޔޮ ސިއްރުން ބޭރުކޮށްފައިވާކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށް ދިޔަނުދީ ހިފެހެއްޓުނީ މި ކަމުގެ ސަބަބުންކަމަށް ވެސް އޭނާ، ފަޚުރުވެރިކަމާ އެކު، ބުނެފައި ވެއެވެ.

މީސްމީޑީއާގެ ބައެއް އޮޅިތަކުގައި އެކި މީސްމީހުން ދީފައިވާ ބަޔާންތަކުން ހީވަނީ އެމެރިކާއިން އީރާނުގެ ތެޔޮ ވަގަށް ނަގަނީކަމަށެވެ. ޓުރަންޕުގެ މެސެޖުތަކުން ބައެއް މީހުންނަށް އެ ގޮތަށް މާނަ ވެސްކުރެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ އެމެރިކާގެ ސިފައިން އީރާނުގެ ތެލެއް ވަގަކަށް ނުނަގައެވެ. ނުވެސް ނޭނެއެވެ. އެ ކަން ކުރުމުގެ ފުރުސަތެއް ވެސް އީރާނަކުން ނުދޭނެއެވެ. އެމެރިކާއިން، ސިފައިން މެދުވެރިކޮށް ކުރި ކަމެއްކަމަށް ޓުރަންޕު މި ބުނަނީ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ގަލްފުގައި ހުރި އެމެރިކާއާ ރަހުމަތްތެރި ގައުމުތަކަށް (މިސާލަކަށް: ސުޢޫދީ ޢަރަބިއްޔާއާއި ޤަޠަރާއި ޔޫ.އޭ.އީ ފަދަ ގައުމުތަކަށް) ނިސްބަތްވާ ތެޔޮބޯޓުތައް، އެ ކަނޑުއޮޅީގެ ސަރަހައްދުން ރައްކާތެރިކަމާ އެކު ދަތުރުކުރުމަށް އެހީތެރިވެދިނީއެވެ. މަގުދައްކައިދިނީއެވެ. މި ވާހަކަ ބުނާން ޓުރަންޕު ބޭނުންކުރި އިބާރާތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުރާސިލުން ހައިރާންވިއެވެ. އަދި ޚުދު ޓުރަންޕުގެ ސަރުކާރުގެ އިސްވެރީންނަށް ވެސް މި ކަމުގައި އޮޅުންތަކެއްއެރިއެވެ. އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކުރިސް ރައިޓު ސާބިތުކަމާ އެކު ބުނެފައިވަނީ އެމެރިކާއިން އެތައް މިލިޔަނެއްގެ ފީފާ ތެޔޮ [ފޭރި ނުވަތަ ވަގަށްނަގައި ހެދުމުގެ] އެއްވެސް ޙަރަކާތެއް ހިނގަމުންދާކަން ނުވަތަ ހިންގިކަން އޭނާއަށް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް ވިޔަފާރި އުޅަނދުތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމުގައި ސިފައިން އެހީތެރިވަމުންދާކަން އޭނާ ކަށަވަރުކޮށްދިނެވެ.

ހަކަތައާ ބެހޭ މާހިރުން ފާހަގަކޮށްފައިވާ ގޮތުގައި، މި ގޮތަށް 100 މިލިއަން ފީފާގެ ތެޔޮ އުފުލައިފައިވާކަމަށް ޓުރަންޕު ކުރި ދައުވާއަކީ، ކަނޑުދަތުރުފަތުރު ހަގީގީ ޑޭޓާތަކަށް ބަލާ އިރު، އެކަށީގެންވާ ކަމެއް ނޫނެވެ. އެއީ މާ ބޮޑުކޮށްލައިގެން ދައްކައިފައިވާ ވާހަކައެކެވެ.

އަސްކަރީ މާހިރުން ބުނާ ގޮތުގައި ބޮކިތަކާއި ފަންނިއްޔާތުގެ އާލަތްތައް މުޅީން ނިއްވައިލައިގެން ރާޑަރަށް ނާރާ ގޮތަށް ދަތުރުކުރުމުގެ މި އުކުޅަކީ ހަގީގަތުގައި ވެސް ބޭނުންކުރާ އުކުޅެކެވެ. އެ ކަން އެ ގޮތަށް ކުރުމަކީ ޖާއިޒުކަމެކެވެ. ވެދާނެ ކަމެކެވެ. އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ހަކަތައާ ބެހޭ މާހިރުންނާއި، ކަނޑުގެ ދަތުރުފަތުރު މުރާގަބާކުރާ ކުންފުނިތަކުންނާއި، އަދި ޓުރަންޕުގެ ސަރުކާރުގެ އިސްވެރީން ވެސް ވަނީ ޓުރަންޕު ދައުވާކުރި މިންވަރާ މެދު ވަރަށް ބޮޑަށް ސުވާލު އުފައްދައިފައެވެ.

ޓުރަންޕު ބަޔާންކުރި ގޮތުގައި މި ހަރަކާތުގެ ދަށުން 200އަށް ވުރެ ގިނަ ތެޔޮބޯޓުތަކުގައި 100 މިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ ވަނީ އުފުލައިފައެވެ. ނަމަވެސް، ސެޓެލައިޓާއި ރާޑާރުގެ އެހީގައި ދުނިޔޭގެ ދަތުރުފަތުރު މުރާގަބާކުރާ މިނިވަން ކިޔާނުތަކުގެ (މިސާލަކަށް: ކްޕްލާރ، ވިންޑްވާރޑު، ލޮއިޑުސް ލިސްޓު ފަދަ މުއައްސަސާތަކުގެ) ޑޭޓާތަކުން ދައްކާ ގޮތުގައި، އެތައް ހަފުތާއަކަށް ދެމިގެންދިޔަ ހަނގުރާމައި މުއްދަތުގެ ތެރޭގައި މުޅި ގަލްފު ސަރަހައްދުން ބޭރުވެފައިވަނީ ޖުމްލަ، 80 އާއި 264އާ ދެމެދުގެ އަދަދެއްގެ އާގުބޯޓުފަހަރެވެ.

ކަނޑުދަތުރުފަތުރުގެ ޑޭޓާތަކުން ހާމަވެފައިވާ ގޮތުގައި، ހުރުމުޒު ކަނޑުއޮޅީން ދަތުރުކުރި ގިނަ އުޅަނދުތަކަކީ އެމެރިކާ ސިފައިންގެ އެހީތެރިކަމުގެ ދަށުން ސިއްރުން ދަތުރުކުރި އުޅަނދުތަކެއް ނޫނެވެ. އެއީ އީރާނުން ހުއްދަދީގެން އީރާނުގެ ރުހުމާ އެކު، އެ ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރެވެ. އެ އުޅަނދުތަކުން ވަނީ ދަތުރުކުރާން އީރާނުން ކަނޑައަޅައިފައިވާ ކަނޑުގެ ވަކި މަގުތަކެއް ބޭނުންކޮށްފައެވެ. އަދި އީރާނުން ކަނޑައަޅައިފައިވާ މިންވަރަކަށް ދަތުރުފަތުރުގެ ފީ (tolls) އީރާނަށް ރަސްމީކޮށް ދައްކައިފައެވެ.

ޑޮނަލްޑު ޓުރަންޕު އެފަދަ މޭރުމަކުން އޮޅުންއަރާ ގޮތަށް ބަޔާނެއް ދިންކަމަށް ވިޔަސް މީސްމީޑިއާގައި ކުއޯރާ (Quora) ޕޯސްޓުގައި ބޭނުންކޮށްފައިވާ އިބާރާތްތަކަކީ މީހުންނަށް މިހައި ބޮޑަށް އޮޅުން އެރި ސަބަބަށް ވެދާނެއެވެ. ޓުރަންޕު ބުނާ ގޮތަށް ހަނގުރާމައިގެ އެ އުކުޅު ބޭނުންކޮށްގެން މަދު ދެތިން އާގުބޯޓެއް އެ ކަނޑުއޮޅީން ނެރުނުކަމަށް ވިޔަސް ޓުރަންޕު އެ ބުނާހައި މިންވަރަކަ ގާތަކަށް ވެސް އޭގައި ތެޔޮ ތާނގީއެއް ނުހުންނާނެއެވެ. އެހެންކަމުން ޓުރަންޕުގެ ވާހަކައި އެއްބައިގައި ހަގީގަތެއް އޮތުމުގެ ފުރުސަތު އޮތަސް އޭނާގެ ބަޔާންތަކުގައި ގިނައިން ހުރީ ސަޅިބައިސާއާއި ހުސް ދޮގެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަކަތަ      ނ.     (1) ހަށިގަނޑު ޙަރަކާތްކުރުމުގެ ކުޅަދާނަކަން ލިބިދޭ ބާރު، ނުވަތަ ގައިގެ ވަރު. (2) އެއްޗެއްގައި ހުންނަ އެހެން އެއްޗެއް ހިންގައިދިނުމުގެ ބާރު. (3) އިރުގެ އަލި ނުވަތަ ވައި ނުވަތަ ރާޅުން ކަރަންޓު އުފައްދާ ބާރު. (4) އެއްޗެއް ވަކިވަރަކަށް ވުރެ ބާރަށް އެނބުރުމުން އުފެދޭ ކަރަންޓު އުފެއްދުމުގެ ބާރު.    energy

ރާޑަރު      ނ.     ނުފެންނަ ހިސާބު ދުރުގައިވާ އުޅަނދެއް ނުވަތަ އެއްޗެއްގެ ދުވެއްޔާއި މިސްރާބު ދެނެގަތުމަށް ރޭޑިއޯ ރާޅު ބޭނުންކުރާ އާލަތެއް. މިއިން ފޮނުވާ މަތީ ދަރަޖައިގެ ރޭޑިއޯ ރާޅުތައް އެއްޗެއްގައި ޖެހިފައި އެނބުރި އައުމުން އެއްޗެއްހުރި މިސްރާބަކާއި ދުރުމިނެއް އަންގައިދެއެވެ. މިއިން ތަންތަނުގެ ތިލަމިނާއި ފުންމިނާއި އުސްމިން ވެސް ދައްކައިދެއެވެ. radar

ކިޔާނު      ނ.     އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް. entity

އަސްކަރީ    ނއ.    އަސްކަރިއްޔާއަށް ނުވަތަ ސިފައިންނަށް ނިސްބަތްވާ.

އާގުބޯޓު     ނ.     މުދަލާއި މީހުން އަރުވައިގެން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ އިންޖީނުލީ ބޮޑެތި ބޯޓު.

އާލަތް      ނ.     މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި. tool

އުކުޅު      ނ.     (1) ހިންތާ. (2) ގަދަބައްޔަށް ހިފާއިރު ވައްޓައިލުމަށް ހަދާ ބައެއްގޮތް. (3) އަރިކަށްޓާއި ފައިގެ މަތީ ހުޅާ ބެދުނު ތަން.

އޮޅި       ނ.     (1) ގަވައިދެއްގެ މައްޗަށް އެކުލެވިގެންވާ ބަޔަކު މީހުން. (2) އަށިއަށީގެ ދެ ފަރާތުގައްޔާއި ދެކޮޅާ މެދުގައި ހުންނަ ފަތް. (3) ދޮރުދޮރުގެ މައްޗާއި ތިރީގައި ހުންނަ ހުރަސް.

މާހިރު      ނ.     (1) ކޮންމެވެސް ފަންނަކަށް ކުޅަދާނަ މީހާ. (2) ކޮންމެވެސް ފަންނަކަށް އަރައި ހުރި މީހާ.  expert

މާގަ       ނ.     މައްސަލައެއް ޙައްލުކުރުމުގައި ނުވަތަ ކަމެއް ކުރުމުގައި ވިސްނުން ބަހައްޓާ ނުވަތަ ޢަމަލުކުރާ ގޮތް.

މީސްމީޑީއާ   ނ.     ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. Social Media

މުރާސިލު    ނ.     (1) ޚަބަރުދޭ މީހާ. (2) ރިޕޯޓަރު

މުރާގަބާ     ނ.     ކަމެއް ނުވަތަ ހާލަތެއް މޮނިޓަރުކުރާކުރުން.

ފަންނިއްޔާތު  ނ.     ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު.

ފީފާ       ނ.     ޑީސަލާއި، ޕެޓުރޯލާއި އިސްޕިރެޓް ފަދަ އެއްޗެހި އަޅައި ދެކޮޅު ބަންދުކޮށްގެން ރާއްޖޭން ބޭރުން ގެންނަ، ދިގުކޮށް ވައްކޮށް އޮންނަ އެއްޗެއް. (2) ތާނގީ. barrel 

ސަޅިބައިސާ  ނ.     ފޮނިކެނޑުމުގެ ގޮތުން ދައްކާ ވާހަކަ.

ސެޓެލައިޓު   ނ.     މައުލޫމާތު ހޯމަށާއި މުއާސަލާތުކުރުމުގައި އެހީތެރިކަން ހޯދުމަށް ޓަކައި ޖައްވުތެރެއަށް ދޫކޮށްފައި ހުންނަ ދުނިޔެ ވަށައިގެން ބުރުޖަހާ ސިޔާއީ ހަނދެއް.

ޑޭޓާ       ނ.     ދިރާސާކުރުމަށް ޓަކައި ނުވަތަ ފަހުން ބޭނުންކުރުމަށް ޓަކައި އެއްކުރެވޭ ނުވަތަ ރައްކާކުރެވޭ މައުލޫމާތާއި ތަފާސްހިސާބު.  data

ކޮމެންޓު