ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (22)

އައްޝައިޚު އިބްރާހީމް އަޙުމަދު

27 ޖޫން 2026

(2026 މޭ 30ގެ ޢަދަދާ ގުޅޭ)

ބަސްއަހައި ކިޔަމަންވުމުގެ ބައިގައި ސަލަފުއްޞާލިޙުން ވަނީ އެންމެ ހެއު ރަނގަޅު މަބްދައަށް ޢަމަލުކުރައްވައި ހެއު ގޮތުގައި އެ ކަން ތަތުބީގުކުރައްވައިފައެވެ.

1-     عَنْ زَيْدِ بْنِ وَهْبٍ قَالَ : لَمَّا بَعَثَ عُثْمَانُ إِلَى ابْنِ مَسْعُودٍ يَأْمُرُهُ بِالْمَجِيءِ إِلَى الْمَدِينَةِ ، اجْتَمَعَ إِلَيْهِ النَّاسُ ، فَقَالُوا : أَقِمْ فَلَا تَخْرُجْ ، وَنَحْنُ نَمْنَعُكَ أَنْ يَصِلَ إِلَيْكَ شَيْءٌ تَكْرَهُهُ . فَقَالَ : إِنَّ لَهُ عَلَيَّ طَاعَةً ، وَإِنَّهَا سَتَكُونُ أُمُورٌ وَفِتَنٌ لَا أُحِبُّ أَنْ أَكُونَ أَوَّلَ مَنْ فَتَحَهَا . فَرَدَّ النَّاسَ وَخَرَجَ إِلَيْهِ . [1] މާނައަކީ،  ޒައިދު ބިން ވަހްބުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ޢުޘްމާނުގެފާނު، އިބްނު މަސްޢޫދުގެ އަރިހުން މަދީނާއަށް ވަޑައިގަތުމަށް އަމުރުކުރައްވައި އެންގެވުމަށް މީހަކު ފޮނުއްވުމުން މީސްތަކުން އެ ކަލޭގެފާނުގެ އަރިއަހަށް އެއްވިއެވެ. އަދި އެބައިމީހުން ބުންޏެވެ. މަދީނާއަށް ވަޑައިނުގެން މި ތާނގައި ހުންނަވާށެވެ! އަހަރެމެން ކަލޭގެފާނު ޙިމާޔަތްކުރުމުގައި ދެމިތިބޭނަމެވެ. ފަހެ އެހިނދު އިބްނު މަސްޢޫދު ވިދާޅުވިއެވެ. ހަމަކަށަވަރުން އެ ކަލޭގެފާނަށް ކިޔަމަންގަތުމަކީ ތިމަންގެ މައްޗަށް އޮތް ވާޖިބެކެވެ. ފަހެ ހަމަ ކަށަވަރުން އެ ކަމުގައި އަމުރުތަކަކާއި ފިތުނަވެރިކަން ވެއެވެ. އެ ކަމުގައި އެ ފަދަ ފިތުނަވެރިކަމުގެ ދޮރު ފުރަތަމައަށް ހުޅުވައިދޭ ފަރާތްކަމުގައި ތިމަންކަލޭގެފާނު ވެވަޑައިގަންނަވާކަށް ލޯތްބެއްނުކުރައްވަމެވެ. ދެން މީސްތަކުން އެކަލޭގެފާނު ދޫކޮށްފައި ދިއުމުން އެ ކަލޭގެފާނު މަދީނާއަށް ވަޑައިގަތުމަށް ނުކުމެވަޑައިގަތެވެ." [2]

2-     عن حُمَيْدُ بْنُ هِلَالٍ ، قَالَ : قَامَ زَيْدُ بْنُ صُوحَانَ إِلَى عُثْمَانَ ، فَقَالَ : يَا أَمِيرَ الْمُؤْمِنِينَ! مِلْتَ فَمَالَتْ أُمَّتُكَ ، اعْتَدِلْ يَعْتَدِلُوا . قَالَ : أَسَامِعٌ مُطِيعٌ أَنْتَ ؟ قَالَ : نَعَمْ . قَالَ : الْحَقْ بِالشَّامِ . فَطَلَّقَ امْرَأَتَهُ ، ثُمَّ لَحِقَ بِحَيْثُ أَمَرَهُ. [3]  ޙުމައިދު ބުނު ހިލާލުގެ އަރިހުން ރިވާވެގެން ވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ޢުޘްމާނުގެފާނުގެ އަރިއަހަށް ޒައިދު ބުނު ޞޫޙާނުގެފާނު ވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. އޭ އަމީރުލްމުއުމިނީނެވެ. ކަލޭގެފާނު އިހުމާލުވެއްޖައީމުއެވެ. އަދި ކަލޭގެފާނުގެ އުންމަތް ކަލޭގެފާނު ދެކެ ފޫހިވެއްޖެއެވެ. ފަހެ އެބައިމީހުންނަށް ޢަދުލުވެރިވާށެވެ! އޭރުން އެބައިމީހުން ކަލޭގެފާނާ މެދު ޢަދުލުވެރިވާނެއެވެ. ޢުޘްމާނުގެފާނު ވިދާޅުވިއެވެ. ތިބާއަކީ ކިޔަމަންތެރިޔަކީމުހެއްޔެވެ؟ އެ ހިނދު އެކަލޭގެފާނު އާދޭހޭ ވިދާޅުވިއެވެ. ދެން ޢުޘްމާނުގެފާނު ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ ތިބާ ޝާމްކަރައަށް ދާށެވެ! ފަހެ އޭނާ އޭނާގެ އަނބިމީހާ ވަރިކުރިއެވެ. ދެން އަމުރުކުރެވުނު ތަނަށް ދާށެވެ."

3-     قيل لِأَبِي وَهْبٍ الزاهد ليلة : قُمْ بِنَا لِزِيَارَةِ فُلَانٍ . قَالَ : وَأَيْنَ الْعِلْمُ ؟ وَلِيُّ الْأَمْرِ لَهُ طَاعَةٌ ، وَقَدْ مَنَعَ مِنَ الْمَشْيِ لَيْلًا . އެއް ރެއަކު އަބީވަހްބުއްޒާހިދަށް ބުނެވުނެވެ. ތިމަންމެނާއާއިގެން މިވެނި ބޭކަލަކަށް ޒިޔާރަތްކުރުމަށް އަންނާށެވެ! ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. ޢިލްމުވެރިކަން ކޮބައިހެއްޔެވެ؟ ޤައުމުގެ ވެރިޔާ ވަލިއްޔުލްއަމްރަށް ކިޔަމަންތެރިވުމަކީ އެ މީހަކަށް ކުރާންޖެހޭ ކަމެކެވެ. ރޭގަނޑު ތަންތަނަށް ދިއުން (ވަލިއްޔުލްއަމުރު) މިހާރުވަނީ މަނާކުރައްވައިފައެވެ.[4]

4-     ބުނެވޭ ގޮތުގައި އިބްނު އަބީލައިލާއާއި އިމާމު އަބޫޙަނީފާއާ ދެމެދުގައި ކޮންމެވެސް ކަމެއްގައި ޚިޔާލު ތަފާތުވުމެއް އުފެދިފައި ވިއެވެ. އިބްނު އަބީލައިލާ ކޫފާގެ މިސްކިތުގައި ދީނުގެ ކަންކަން ނިންމަވައި  ޙުކުމް ބަޔާންކުރައްވާން އިންނަވައެވެ. އެއް ދުވަހަކު އެކަލޭގެފާނު މަޖުލިސް ދޫކުރައްވައިފައި ނިކުމެ ވަޑައިގަތް ވަގުތު އަންހެނަކު ފިރިހެނަކާދިމާއަށް [އޭ ޒިނޭގެ ދަރިޔާއޭ] ކިޔައި ގޮވައިލި އަޑު އިވިވަޑައިގަތެވެ. އެއަށް ފަހު އެކަލޭގެފާނުގެ މަޖުލިސަށް ވެދެވަޑައިގަތުމަށް ފަހު، އެ މައްސަލަ ހުށައެޅުމުން އެއްކަލަ އަންހެންމީހާ ކޮޅަށް ހުއްޓައި ދެ ފަހަރަށް ޙައްދުޖަހައިފިއެވެ. ދެން މި ވާހަކަ އަބޫޙަނީފާއަށް އިވިވަޑައިގަތުމުން އެ ކަލޭގެފާނު ވިދާޅުވިއެވެ. މި ހާދިސާގައި ފަނޑިޔާރު ހަ ކުށެއް ކުރައްވައިފައި ވެއެވެ.

ހ. މަޖުލީސްގައި އިންނަވައިފައި ދޫކުރައްވައިފައި ނުކުތް މަޖުލިހަށް އަލުން ރުޖޫޢަވުން.

ށ. މިސްކިތުގައި ޙައްދު ޤާއިމުކުރުން. (ކީރިތި ރަސޫލާ ވަނީ މިސްކިތުގައި ޙައްދު ޤާއިމުކުރުން މަނާ ކުރައްވައިފައެވެ.)

ނ. އަންހެނާ ކޮޅަށް ހުއްޓައި ޙައްދު ޤާއިމުކުރުން. އަޞްލުގައި އަންހެނުންގެ ގައިގައި ޙައްދު ޤާއިމުކުރަނީ ގުދަށް އޮއްވައެވެ.

ރ. އެ އަންހެނާގެ ގައިގައި ވިދިވިދިގެން ދެ ފަހަރު ޙައްދު ޤާއިމުކުރުން. ޖަމާޢަތެއްގެ މައްޗަށް އެއް ބަހުން ޤަޛުފުކުރި މީހަކަށް ވެސް ޤާއިމުކުރާންޖެހެނީ އެންމެ ޙައްދެކެވެ.

ބ. ދެ ޙައްދު ވާޖިބުވާ ޙާލަތުގައި ވެސް ވިދިވިދިގެން ދެ ޙައްދު ޤާއިމެއްނުކުރެވޭނެއެވެ. ފުރަތަމަ ޙައްދު ޤާއިމުކުރުމަށް ފަހު އެ ތަދު ފިލުމުން ދެވަނަ ފަހަރަށް ޙައްދު ޤާއިމުކުރާނީއެވެ.

ޅ. އެއަންހެން މީހާއަށް ޙައްދު ޤާއިމުކުރީ އެ ކަމަށް މައްސަލަ ހުށައެޅުމަކާ ނުލައެވެ.

ދެން މި ވާހަކަ މުޙައްމަދު ބުނު އަބީ ލައިލާއަށް އެނގިވަޑައިގެން ކޫފާގެ ވާލީގެ އަރިއަހަށް ވަޑައިގަތެވެ. ވިދާޅުވިއެވެ. މި ތާނގައި އުޅޭ އަބޫޙަނީފާއޭ ކިޔާ މީހަކު ތިމަން ކުރެއްވި ޙުކުމަކާ ދެކޮޅަށް ވާހަކަދައްކައިފިއެވެ. އަދި އެ ޙުކުމާ ދެކޮޅަށް ފަތުވާ ދެއްވައިފިއެވެ. އަދި ތިމަން ކުށްކުރި ކަމަށް މީހުންގެ ގާތުގައި ބުނެފިއެވެ. އެހެންވެ ތިމަން ބޭނުންވަނީ އޭނާ އެ ކަންކަމުން ދުރުކޮށް ހުއްޓުވާށެވެ. މިއާ އެކު ވާލީ އަބޫޙަނީފާގެ އަރިއަހަށް މީހަކު ފޮނުއްވައި ފަތުވާދެއްވުން މަނާކުރެއްވިއެވެ.

ބުނެވޭ ގޮތުގައި އެއް ދުވަހަކު އެކަލޭގެފާނުގެ ގަޑުވަރުގައި އަނބިކަނބަލުންގެ އަރިހުގައި ދަރިކަލުން ޙައްމާދާ އެކު އިންނަވަނިކޮށް ދަރިކަނބަލުން ބައްޕާފުޅު އިމާމު އަބޫޙަނީފާއާ ސުވާލުކުރެއްވިއެވެ. މިއަދު ތިމަންކަމަނާ މި ހުންނެވީ ރޯދައަށެވެ. އެކަމަކު ދެދަތް ދޭތެރެއިން ލޭ އެބަ އާދެއެވެ. ދެން ތިމަންކަމަނާ ކުޑަކޮށް ކުޅުޖަހައި ހެދުމުން ލޭގެ ކުލަ ނެތި ކުޅުގެ އަސަރު ހުދަށް ބަދަލުވެއްޖެއެވެ. ދެން މިއަދު ތިމަން ކުޅުދިރުވައިފި ނަމަ، ރޯދަގެއްލޭނެހެއްޔެވެ؟ ފަހެ މި ހިނދު އަބޫ ޙަނީފާ ވިދާޅުވިއެވެ. ކަމަނާގެ އަޚު ޙައްމާދާ ސުވާލުކުރައްވާށެވެ! ފަހެ ހަމަކަށަވަރުން ވާލީ ވަނީ ފަތުވާދެއްވުން ތިމަންކަލޭގެފާނަށް މަނާކުރައްވައިފައެވެ.

ޢަދުލުވެރިކަމާއި ހަމަހަމަކަން

އިސްލާމް ދީނަކީ ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ ދީނެވެ. ދޮންމީހުންނާ ކަޅުމީހުން ތަފާތުނުކުރާ ދީނެވެ. މުއްސަނދިންނާއި ފަޤީރުން ތަފާތުނުކުރާ ދީނެވެ. އެ ދީނުގައި އިންސާނުން ހަމަހަމަކޮށް އެ އިންސާނުން ތަފާތު ނުކުރުމަށް ގޮވައިލައެވެ. ޢަދުލުވެރިކަމާ އެކު މުޢާމަލާތްކުރުމަށް ގޮވައިލައެވެ. އެހެންކަމުން އިސްލާމްދީނުގެ މާތްކަމަކީ ޢަދުލުވެރިކަމާއި ހަމަހަމަކަން ގުޅުވައިލެވިގެން އައިސްފައި ވުމެވެ. އަޞްލަކީ މިނިވަންކަމެއް ހަމަހަމަކަމެއް ޢަދުލުވެރިކަމާ ނުލައި ޙާޞިލެއްނުވާނެއެވެ. މިހެންވެ ކީރިތިޤުރްއާނުގައި މާތް ﷲ އަންގަވަނީ މީސްތަކުންގެ މެދުގައި ޙުކުމްކުރުމުގައި ޢަދުލަށް ޙުކުމްކުރުމަށެވެ. ފަހެ މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرًا [5] މާނައަކީ "ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރީންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمرކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكمކުރާ ނަމަ، عدلއަށް حكمކުރުމަށް ވެސް، أمرކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެ ކަމަކާ މެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّهއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ކަލަކުކަމުގައި ވެއެވެ."

އިސްލާމްދީން ބުނާ ގޮތުގައި މީސްތަކުންނަކީ ހަމަހަމަ ބަޔެކެވެ. އެބައިމީހުންގެ އެކަކު އަނެކަކުގެ މެދުގައި އެހެން އިތުރު އެއްވެސް މާތްކަމެއް ތަޤުވާވެރިކަން މެނުވީ ނުވެއެވެ. ފަހެ ކޮންމެ އިންސާނަކީ އާދަމުގެ ދަރިއެކެވެ. އާދަމުގެފާނު ހެއްދެވިފައިވަނީ މަށީންނެވެ. އެހެންވީމާ އިންސާނިއްޔަތުގެ ގޮތުން އަންހެނަކާ ފިރިހެނެއްގެ ކިބައިގައި އެއްވެސް ތަފާތެއް ނެތެވެ. އަދި އިންސާނީ އަގުތަކުގައި ފަޤީރަކާ މުއްސަންޖަކާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ. ފަރަޤެއްވާ ނަމަ، އެ ފަރަޤެއް އޮތީ އޭނާ ކުރާ ހެއުލަފާ ޞާލިޙު ޢަމަލުތަކުގެ ސަބަބުން އަންނަ ފަރަޤެކެވެ.

އިސްލާމްދީން ވަނީ ޖާހިލިއްޔަ ޒަމާނުގެ ޢަޞަބިއްޔަތާ ފަންތިތައް ނައްތައިލައިފައެވެ. އިސްލާމްދީން ގޮވައިލަނީ ޙަސަބާ ނަސަބުގެ ސަބަބުން ވެސް މީސްތަކުން ތަފާތުނުކުރުމަށެވެ.

މިނިވަންކަން

މިނިވަންކަން މި ބަހުގެ މާނައެއްކަމުގައި ހުޅަނގުގެ މުފައްކިރެއްކަމުގައިވާ ޖޯން ލުކު ލިޔުއްވަނީ [އިންސާނާ އޭނާ ބޭނުންވާ ކަމެއްކުރުމާ އެކަން ނުކޮށް ދޫކޮށްލުމުގެ ކުޅަދާނަކަން ލިބިފައިވުމެވެ.][6] އެހެން ނަމަ ވެސް އިސްލާމީ ނަޒަރަކުން ބަލާ ނަމަ، މިއީ ފުރިހަމަ ތަޢުރީފެއްނޫނެވެ. އަލްޤުޝައިރީ ވިދާޅުވަނީ [މިނިވަންކަމަކީ އިންސާނާ މަޚުލޫޤޫންގެ އަޅުވެތިކަމުން ބޭރުވުމެވެ.][7] ނުވަތަ އެހެން ތަޢުރީފެއްގައިވާ ގޮތަށް ﷲ ނޫން އެހެނިހެން ފަރާތްތަކުގެ އަޅުވެތިކަމުން ނުކުމެ ﷲއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. މިއީ ފިޠުރީ ގޮތުން އިންސާނުންގެ ކިބައިގައި ﷲ ލައްވައިފައިވާ ޚާއްޞަ ކަމެކެވެ. އަދި އިންސާނުންނާ ޙައިވާނުން ތަފާތުކުރުވާ އެންމެ ޚާއްޞަ، އެއް ކަންތަކެވެ. އިސްލާމްދީން އައިސް އެ ދީނުގެ ތެރެއިން ލައިފައި ހުރިހައި ދާއިރާއެއްގައި މިނިވަންކަން އިންސާނާއަށް ހޯދައިދިނެވެ.  

އިސްވެ ދެންނެވުނު ތާރީފުތަކަށް ބަލާ އިރު، ނުކުތް ނަތީޖާއަކީ އިންސާނާ އަޚުލާޤީ މިންގަނޑުތަކުގައި ހިފަހައްޓާ މިންވަރު މަތިވެރިވެ، ﷲ އެންގެވި އުޞޫލުތަކަށް ބޯލަނބައި ކިޔަމަންވުން އިތުރުވާ މިންވަރަކުން އޭނާގެ މިނިވަންކަން ފުރިހަމަވަމުން ދާނެއެވެ. އަދި އެއްކައުވަންތަ ﷲއަށް ޚާލިޞްކަމާ އެކު އަޅުކަންކުރާ ނަމަ، އެ ނޫން ފަރާތްތަކަށް އަޅުދާސްތުވުމުން އޭނާ ހުންނާނީ ސަލާމަތްވެ މިނިވަންވެފައެވެ. އެހެންވީމާ މިނިވަންކަމަކީ ލޯތްބާއި އޯގާތެރިކަމާއި ތެދުވެރިކަމާއި ތަވާޟުޢުވެރިކަމާއި ޝަހުވާނީ އެދުންތަކުގެ ކުރިމަތީގައި ތިމާގެ ނަފުސު ކޮންޓުރޯލުކުރުމާއި ހަމަހަމަކަމާ އެކު ބުއްދީގެ ބޭނުންހިފުމާއި ކަންކަން މަޢުރިފާކޮށް ދެނެގަންނާން އެނގުމެވެ.

އިންސާނާ އެ ގޮތެއްގެ މަތީގައި ބޮޑުވާ ފިޠުރީ ގޮތުގައި ހިމެނޭ އެންމެ މުހިންމު އެއް ސިފައަކީ މިނިވަން ޝަޚުޞިއްޔަތެއްކަމުގައި ވުމެވެ. އިންސާނާއަށް ލިބިފައިވާ މިނިވަންކަމަކީ އިންސާނާއާ ޙައިވާނަކާ ތަފާތުވާ ކަމެކެވެ. އިސްލާމްދީން އައިސްފައިވަނީ އިންސާނާއަށް ހުރިހައި މިނިވަންކަމެއް ކަށަވަރު ކޮށްދިނުމަށެވެ. އަދި އިންސާނާ ވަނީ މި ދެންނެވި މިނިވަންކަމަށް މަޖުބޫރުކުރުމާއި އެ މިނިވަންކަން ކުޅިވަރެއްގެ ގޮތުގައި ހެދުމާއި އެހެން މީހުނަށް ބިރުދެއްކުމުން ހިމާޔަތްކޮށްފައެވެ. މީހަކު އިސްލާމްވުމާއި ނުވުމުގެ މިނިވަންކަން އެ މީހަކަށް ލިބިފައިވާކަން ކީރިތިޤުރްއާނުގެ ބަސްފުޅުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ފަހެ މާތް ﷲ ވަޙީ ކުރެއްވިއެވެ. لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّـهُ سَمِيعٌ عَلِيمٌ[8] މާނައަކީ [دينއަށް ވެއްދުމުގައި مجبورކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالةގެ އަނދިރިކަމުގެ ތެރެއިން، هدايةގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطانއާއަށް كافرވެ اللَّهއަށް إيمانވާ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ، އެންމެ ވަރުގަދަ عقيدةގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّهއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]

އިސްލާމްދީން އައިތާ އެތަކެއް އަހަރު ފަހުން އިސްލާމުންގެ ލަޝްކަރުތައް އަވައްޓެރި ޤައުމުތަކަށް ވަނީ މިހެންވެއެވެ. އިސްލާމީ ފުތޫޙާތުގެ ތެރޭގައި ފަތަޙަކުރެވުނު ރަށްތަކުގެ މީހުންނަށް އިސްލާމްދީނަށް ވަނުމަށް މަޖުބޫރު ކޮށްފައިނުވަނީ ވެސް މިހެންވެގެންނެވެ. ޙައްޤު ދީނަށް ވަނުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްފައެއް ނުވެއެވެ. އަހުލުކިތާބީން ކުރެ އެއްވެސް މީހަކަށް އެ މީހުންގެ ދީނުގެ އަޅުކަންކޮށް އުޅުން މަނާކޮށްފައެއް ވެސް ނުވެއެވެ. އަދި ނުވަތަ، އިސްލާމްދީނުގައި ޙަރާމް، އެ މީހުންގެ ދީނުގައި ހުއްދަ، ކާބޯތަކެތި އެބައިމީހުން ކައިއުޅުން މަނާކޮށްފައެއްނުވެއެވެ.

އިނގިރޭސީންގެ މަޝްހޫރު މުއައްރިޚު ތޯމަސް އާނޯލްޑް ލިޔުއްވަނީ [މުސްލިމު ފާތިޙުންގެ ފަރާތުން މުސްލިމުން ނޫން އެހެނިހެން މީހުންނަށް މަޖުބޫރުކޮށްގެން އިސްލާމްދީނަށް ވެއްދުމަށް މަސައްކަތްކޮށްފައިވާކަން އެއްވެސް ގޮތަކަށް އެނގިފައެއް ނުވެއެވެ. ނުވަތަ މަސީޙީ ދީން ނައްތައިލުމަށް އިސްލާމީ ޚަލީފާއިން މަސައްކަތްކޮށްފައެއް ވެސް ނުވެއެވެ. އިޒަބެއްލާއާ ފަރޑިނާންޑް، އިސްލާމްދީން އިސްޕޭނުން ފުހެލާން މަސައްކަތްކުރި ފަދައިން އިސްލާމީ ޚަލީފާއިން އެބައިމީހުން ފަތަޙަކުރި ތަންތަނުން ކުރިސްޓިއަން ދީން ނައްތައިލުމަށް މަސައްކަތްކުރި ނަމަ ދާދި ފަސޭހައިން އެބައިމީހުންނަށް އެ ކަންކަން ވީހެވެ."[9] އެ ޒަމާނުގެ ކަނީސާތައް މި ތަންތާގައި މިހާރު ހުރި ހުރުމަކީ ވެސް އެ ކަންކަން އެ ގޮތަށް ޚަލީފާއިން ނުކުރައްވާކަން ދޭހަވާ ކަމެކެވެ.

ސިޔާސީ މިނިވަންކަން

އިސްލާމީ އުންމަތުގެ ފަރުދުން ކުރާންޖެހިފައިވާ ކަންކަމުގެ ތެރޭގައި އިޞްލާޙަށް ގޮވައިލުން ހިމެނެއެވެ. މީހުންނަށް ޞުލްޙައިގެ މަގަށް ދަޢުވަތުދީ ރަނގަޅު މަގަށް އައުމަށް ގޮވައިލާން ޖެހެއެވެ. އަދި ހަމަ އެ ފަދައިން ހެއުކަންތައްތަކަށް އަމުރުކޮށް ބިމުގައި ފަސާދަނުކުރުމަށާއި ނުބައިކަންކަން ނަހީކުރުން ވެސް އެއީ އެބައިމީހުން ކުރަންޖެހޭ ކަމެކެވެ. ޢާންމުކޮށް މުސްލިމުންނަށް ނަޞޭޙަތް ދިނުމުގެ ވާހަކަ ވަރަށްގިނަ ޙަދީޘްތަކުގައި ވާރިދުވެގެން އައިސްފައި ވެއެވެ. އަދި ވަކީން ޚާއްޞަކޮށް ވެރީންނަށް ނަޞޭޙަތާއި އިރުޝާދުދިނުމުގެ ވާހަކަ ވަރަށްގިނަ ޙަދީޘްތަކުގައި ވާރިދުވެފައި ވެއެވެ. ވެރީންނާއި މަތީމަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ނަޞޭޙަތްދޭނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތީންނެވެ. މުސްލިމުން ކުރެ ނަޞޭޙަތަށް އިސްވާ ފަރާތްތަކަށް އެދެވިގެން ވަނީ އަމިއްލަ ބޭނުންތަކާއި ހަވާނަފުސުގެ ބޭނުމަށް ނަޞޭޙަތްތެރިނުވުމެވެ. ފުޟައިލު ބިން ޢިޔާޟު ވިދާޅުވެފައި ވެއެވެ. [މިއުންމަތުގެ ސަލަފުން މީހަކަށް ނަޞޭޙަތްދޭން ބޭނުން ނަމަ އެ ކަން ކުރައްވަނީ ސިއްރުންނެވެ.] ބައެއް އެހެނިހެން ބޭކަލުންގެ އަރިހުން ރިވާވެގެންވެއެވެ. [މީހަކު އޭނާގެ އަޚަކަށް އެ މީހަކާއި އޭނާގެ އަޚާއާ ދެމެދު އޭނާގެ އަމިއްލަ ނަފުސާ ދެމެދު އޮންނާންވާ ކަމަކާ މެދު ވާހަކަދެކެވިއްޖެ ނަމަ، އެއީ ނަޞޭޙަތެކެވެ. މީސްތަކުންގެ މައްޗަށް މީހަކު ވަޢުޡުދީފި ނަމަ އެއީ ހޭލުންތެރިކުރެއްވުމެކެވެ.] މިކަމާމެދު ރަސޫލާ rގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގައި ވެއެވެ.  مَنْ أَرَادَ أَنْ يَنْصَحَ لِذِي سُلْطَانٍ فَلا يُبْدِهِ عَلانِيَةً ، وَلَكِنْ يَأْخُذُ بِيَدِهِ فَيَخْلُوا بِهِ ، فَإِنْ قَبِلَ مِنْهُ فَذَاكَ ، وَإِلا كَانَ قَدْ أَدَّى الَّذِي عَلَيْهِ [10] މާނައީ: [މީހަކު ވެރިޔަކަށް ނަޞޭޙަތްދޭ ނަމަ އެ ނަޞޭޙަތް ފާޅުގައި ނުދޭހުށިކަމެވެ. އެހެނަސް އޭނާގެ އަތުގައި ހިފައި ވަކީން ބައްދަލުކޮށް އެކަހެރިކޮށް އެ ނަޞޭޙަތްދޭހުށިކަމެވެ. އޭނާ އެ ކަން ޤަބޫލުކޮށްފި ނަމަ، އެއީ އޭނާއަށް ލިބުނު ނަޞޭޙަތެކެވެ. އެހެން ނޫން ނަމަ އެއީ ތިމާގެ މައްޗަށް އޮތް ވާޖިބުއަދާކުރުމެކެވެ.]

އެޔާ ޚިލާފަށް މި ކަމަކީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ދެކޮޅުވެރިކަން އުފައްދައި މަޞްލަޙަތު ނަގާލުމުގެ ގޮތުން ކުރާ ކަމެއް ނަމަ، އަދި މީހުން ސަރުކާރާ ދެކޮޅަށް ނެރުމަށް ކުރާ ކަމަކަށްވާ ނަމަ، އެއީ އިސްލާމީ އުޞޫލެއް ނޫނެވެ. މިސާލަކަށް ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހު ޙުދައިބިއްޔާގެ ޞުލްޙައަށް އިންކާރުކުރެއްވިއެވެ. އަދި އެކަލޭގެފާނު ދެކެވަޑައިގަތީ އޭގައި މުސްލިމުންނަށް ނިކަމެތިކަން ލިބޭކަމަށެވެ. އެއީ އޭގެ އެއް ޝަރުޠުގައި އައިސްފައި އޮތް ޢިބާރާތުން  އެ ކަން ހާމަވާކަމަށް ފެނުމުންނެވެ. އެ ޢިބާރާތަކީ [އިސްލާމްވެގެން ރަސޫލާގެ އަރިއަހަށް އަންނަ މީހާ މައްކާއަށް ރުޖޫޢަކުރާން ޖެހޭނެކަމަށް އޭގައި އޮންނަ އޮތުމެވެ. އެހެންނަމަވެސް މުސްލިމުންގެ ތެރޭގައި ހުރެފައި އެބައިމީހުންގެ ތެރެއަށް މީހަކު ދިޔަ ނަމަ ވެސް އޭނާ އަލުން މަދީނާއަށް ފޮނުވާން ނުޖެހޭނެކަމަށް އޮންނަ އޮތުމެވެ.] ޢުމަރުގެފާނު އެކަލޭގެފާނުގެ ރައުޔު ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަކީ ޙައްޤު ގޮތުގައި ﷲ ފޮނުއްވި ނަބިއްޔެއްނޫންތޯއެވެ؟  ތިމަންބޭކަލުން މި ތިއްބެވީ ޙައްޤު ގޮތުގައި ނޫންތޯއެވެ؟ ކާފަރުން އެތިބީ ބާޠިލުގެ މަތީގައި ނޫންތޯއެވެ؟ އެހެންވީ އިރު މި ފަދަ ނިކަމެތި ކަމެއް ދިނުން އެއީ އަޅުގަނޑުމެންގެ ދީނުގައި އޮތް ކަމެއްނޫނެވެ. ފަހެ ތިމަންބޭކަލުން ގެފުޅުގައި ޠަވާފުކުރާން ދާނެ ވާހަކަ ކަލޭގެފާނު ވިދާޅުވީމު ނޫންތޯއެވެ؟

އިސްލާމީ ދައުލަތުގެ ރުކުންތައް

ދައުލަތުގެ މާނަ

ޤަދީމީ ޒަމާނުގައި ދައުލަތޭ ބުނުމުން ދޭހަވާ މާނައަކީ މުޖުތަމަޢެއް އޮވެފައި އެ މުޖުތަމަޢުގެ މައްޗަށް ޙުކުމްކުރާ ބަޔަކު ތިބެފައި އެ ޙުކުމަށް ކިޔަމަންތެރިވާ ބަޔަކު އެ މުޖުތަމަޢުގައި ތިބުމެވެ. އެޔަށް ފަހު ޒަމާންތައް ފާއިތުވަމުން ދިޔަ އިރު، ދައުލަތުގެ މާނައަށް ވެސް ބަދަލުތައް އަންނަމުން ދިޔައެވެ. އެ ގޮތުން ދެން އައި ބަދަލުގައި ދައުލަތަކީ  ދިރިއުޅުމުގެ ސަބަބުތައް ފަހިވެފައިވާ ބިމުގެ ސަރަޙައްދެއް އޮވެފައި އެ ތަނުން ބޯފެނާއި ކާނާއާއި ދިރިއުޅޭ ތަނާއި ދަނޑު ބިމާއި ރަނގަޅު މޫސުމެއް ލިބިފައި އޮތުމެވެ. މި ކަންކަން ފުރިހަމައަށް އޮތް ބިމަކަށް މީސްތަކުން ދިރިއުޅޭން ގޮސް ވަޒަންވެރިވެ ކާވެނީ ޢާއިލާތައް އެކުލެވި އެ ޢާއިލާތަކުގެ އިސްފަރާތްކަމުގައި ބައްޕައިންވެ ދެން އެ ތަނުން ވިލެޖެއް އުފެދި އެ ވިލެޖު ރަށަކަށް ބަދަލުވެ އެ ރަށުން އެހެން ރަށްރަށަށް މީހުން ގޮސް އެތައް ރަށެއް އުފެދި އެ ރަށްތަކުގެ މައްޗަށް ދައުލަތެއް އެކުލެވި އެ ދައުލަތުގައި ވެރިކަންކުރާނެ ބާރެއް އުފެދިގެން ދިޔުމެވެ.

ދައުލަތުގެ މާނަ ޢިލްމުވެރީން ތަފާތު 144 ގޮތަށް ކުރައްވައިފައި ވެއެވެ.[11] މިއިން ކޮންމެ ތަޢުރީފަކުން ދައުލަތުގެ ކޮންމެވެސް ވަޒީފާއެއް ނުވަތަ ވަޒީފާތަކެއްގެ އަސަރު ހާމަވެއެވެ. އޭގެ ތެރެއިން ބައެއް ތަޢުރީފުތައް މި ތާނގައި ބަޔާން ކުރާނަމެވެ.

ފަރަންސޭސި ވިލާތުގެ މަޝްހޫރު ލޯޔަރު ކެރީ ޑި މުލޭޔަރ ވިދާޅުވަނީ [ދައުލަތަކީ ފަރުދުންގެ ބަޔަކު ވަކި ސަރަޙައްދަކަށް ޖަމާވެ އެ ތަނުގައި ޤާއިމުވެގެން ތިބުމެވެ. އަދި އެ ތަނުން ޖަމާޢަތަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި ހިންގާ ފަރުދުންނަށް ދިމާވާ އެންމެހައި ކަންކަން ޙައްލުކުރުމަށް ކުރިމަތިލާނެ އަމުރުވެރި ބާރެއް އެހެން ބާރުތަކަށް ވުރެ މަތީން ކަންކަމަށް އަމުރުކޮށް ކަންކަން މަނާކުރުމުގެ ބާރު އޮތުމެވެ."[12]

ވިލްސަން ވިދާޅުވަނީ [ދައުލަތަކީ ވަކި އިންތިޒާމެއްގެ ދަށުގައި ތިބި ރައްޔިތުން، އެބައިމީހުން ޤާނޫނަށް ތަބާވެ، ވަކި ބިމެއް ނުވަތަ ސަރަޙައްދެއްގައި ދިރިއުޅެމުން ގެންދިއުމަށް ކިޔާނަމެކެވެ.][13]

ޑރ. ބުޠުރުސް ޣާލީއާއި ޑރ. ޚައިރީ ޢީސާ އެ ދެ މީހުންގެ ފޮތް އިންޓުރޮޑަކުޝަން އޮފު ޕޮލެޓިކަލް ސައިންސްގައި ދައުލަތުގެ ތަޢާރަފުގައި ލިޔުއްވައިފައި ވެއެވެ. [އެއީ ފަރުދުންގެ އެތައް ބަޔަކު ވަކި ސަރަޙައްދެއްގައި ދާއިމީ ގޮތެއްގައި ދިރިއުޅެމުން ގެންދިއުމާ އެކު، އެ މީހުންގެ މައްޗަށް ބާރުފޯރުވުމަށް ތަންޒީމުކުރެވިފައިވާ ބާރެއް އޮތުމެވެ. އެ ބަޔަކު އެ ތާނގައި ހަމަޖެހި އުޅެމުންދާ އިރު، ބުނަމުން ދަނީ އެއީ ސަރުކާރެއް ނުވަތަ ވެރިކަމެއްކަމުގައެވެ.][14] މީގައި މި ދެ މުއައްލިފުން ވެސް ދައުލަތެއްގައި އެކުލެވެންވާނެ މައިގަނޑު ތިން ނުކުތާއެއް ހިމަނުއްވައިފައި އެބަ ވެއެވެ. އެއީ މީސްތަކުންގެ ބަޔަކާއި، ސަރަޙައްދަކާއި ސަރުކާރެއް ނުވަތަ ވެރިކަމެކެވެ.

ޑރ. ނިޡާމު ބަރަކާތާއި ޑރ ޢުޘްމާނު އައްރުވާފާއި ޑރ. މުޙައްމަދުލްޙުލްވާ، ދައުލަތުގެ މާނަކުރައްވައި [އިންޓުރޮޑަކުޝަން ޓު ޕޮލިޓިކަލް ސައިންސް]ގައި ލިޔުއްވައިފައިވަނީ އެއީ ސިޔާސީ އަދި ޤާނޫނީ ގޮތުން އުފެދިފައިވާ ބާރެއްކަމުގައެވެ. އެ ބާރު ތަމްސީލުކުރަނީ ވަކި ސަރަޙައްދެއްގައި ޤާއިމުވެގެން ދިރިއުޅެމުންދާ ބަޔަކާއި، އިޖުތިމާޢީ، ސިޔާސީ އަދި ޤާނޫނީ ގޮތުން ވަކި ބަޔެއްގެ މައްޗަށް ވަކި ބާރަކާއި ނުފޫޒެއް ލިބިގަތުމާއި ފޯރުވުމުގެ ޙައްޤު ލިބިފައި ވުމެވެ."[15] މި ތަޢުރީފަށް ބަލާ އިރު، މުއައްލިފުން މީގައި މުހިންމު ހަތަރު ނުކުތާއެއް ހިމަނުއްވައިފައި ވެއެވެ. އެއީ ރައްޔިތުން (އުންމަތް)، ސަރަޙައްދު (ވަޠަން)، އަދި ވެރިކަން، އަދި އެ ވެރިކަމުގެ ބާރެވެ.

އިސްވެ ދިޔަ ތަޢުރީފުތަކަށް ބެލުމަށް ފަހު، ދެން ވިސްނާންޖެހޭ އަނެއް ކަމަކީ އިސްލާމީ ދައުލަތެކޭ ބުނުމުން އެ ދައުލަތުގައި އިތުރު ކަމެއް އޮންނާނެތޯ ނުވަތަ ނޫންތޯއާއި އެ ފަދަ ޙާލަތުގައި އެ ދައުލަތުގެ ތަޢާރަފަކަށް ވާނީ ކޮންކޮން ކަންތައްތަކެއްތޯއެވެ. މި ގޮތުން ބަލާ އިރު، އިސްލާމީ ދައުލަތުގައި ވެސް މައިގަނޑު ހަތަރު ރުކުން ހިމެނޭކަމަށް މުއައްރިޚުން ލިޔުއްވައެވެ. އެއީ  ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރުމާއި ރައްޔިތުންނާއި އުންމަތާއި ވެރިޔާއެވެ. [16]

އިސްވެދިޔަ ބައިތަކަށް ބަލައިލުމުން ހާމަވެ އެނގެނީ ދައުލަތުގެ ތަޢުރީފު ވެސް އަދި އިސްލާމީ ދައުލަތުގެ ތަޢުރީފުގައި ވެސް އިޚުތިލާފުތަކެއް ހުރިކަމެވެ. އިސްލާމީ ދައުލަތުގެ ތަޢުރީފުގައި ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރުން އިތުރުވެފައި ވެއެވެ.  އަދި މި ގޮތުން ފާހަގަކުރެވުނު އަނެއް ކަމަކީ ރަސޫލާ r މަދީނާގައި ޤާއިމުކުރެއްވި އިސްލާމީ ދައުލަތުގައި މި ހުރިހައި ސިފަތަކެއް ފުރިހަމަވެފައިވާކަމުގައެވެ. އެ ގޮތުން އެ ތާނގައި ކުރެވެމުން ދިޔައީ ﷲ ބާވައިލެއްވި ޙުކުމެވެ. ރައްޔިތުންގެ ގޮތުގައި މުހާޖިރުންނާއި އަންޞާރުން އަދި ޔަހޫދީން އުޅެމުން ދިޔައެވެ. ދައުލަތުގެ ބިމަކީ މަދީނާއާއި މަދީނާގެ ވަށައިގެންވާ ސަރަޙައްދެވެ. އަދި ވެރިކަމުގައި ހުންނެވި އުލުލްއަމުރު ނުވަތަ ޙާކިމަކީ ﷲގެ ރަސޫލާ rއެވެ.  (ނުނިމޭ)

 

ބައެއް ލަފުޒުގެ މާނަ:

އިހުމާލުވުން        މ.     (1) އަޅައިނުލައި ދޫކޮށްލުން. (2) ފަރުވާކުޑަކޮށްލުން. (3) ސަމާލުކަންނުދިނުން.

ތަތުބީގުކުރުން      މ.     (1) ކުރިން ކަނޑައެޅިފައި އޮތް އުސޫލަކަށް ނުވަތަ ބަލައިގެންފައިވާ ހަމައަކަށް ފައްތައިގެން މައްސަލައެއްގެ ހައްލު ހޯދުން. apply (2) ތަންފީޒުކުރުން. execute

 

މަރުޖާ:

[1]  މުޙައްމަދު ބުނު އަޙްމަދު  އައްޒަހަބީ، ސިޔަރު އިޢުލާމުއްނުބަލާއި،  އަލްޤާހިރާ، މުއައްސަސަތުއްރިސާލާ، 2001/ ޞ 489

[2]  ނުޒުހަތުލްފުޟަލާއު :1/84

[3]  ނުޒުހަތުލްފުޟަލާއު :1/307

[4]  ނުޒުހަތުލްފުޟަލާއު :2/1140

[5]  ސޫރަތުއްނިސާ 58

[6] http://www.yemeress.com/algomhoriah/2171571

[7]

[8]  ސޫރަތުލްބަޤަރާ 256

[9]  ފިޤްހުއްސިޔާސަތުއްޝަރުޢިއްޔާ، ޞ70

[10]  އަލްބައިހަޤީ : އައްސުނަނުލްކުބްރާ

[11]  ނިޡާމު ބަރަކާތު ވަ އާޚަރޫން، މަބާދިއު ޢިލްމުއްސިޔާސާ (ދިމިޝްޤު،  ދާރުލްފިކުރު، ފުރަތަމަޗާޕު، 1984)ޞ142

[12]  ތަޤިއްޔުއްދީނު އައްނަބްހާނީ، ނިޡާމުލްޙުކުމް ފިލްއިސްލާމި (ކުވައިތު، ޖާމިޢަތުލްކުވައިތު، ހަވަނަޗާޕު، 2002)، ޞ21

[13]  ޔަޙްޔާ އަލްކަޢުކީ، މުޤައްދިމަތުން ފީ ޢިލްމިއްސިޔާސާ (އަލްޤާހިރާ، ދާރުއްނަހްޟާ،  ފުރަތަމަޗާޕު، 1983)،ޞ90

[14]   faculty.ksu.edu.sa/.. (3/2/2014: 10:23 am )

[15] ނިޡާމު ބަރަކާތު ވަ އާޚަރޫން، މަބާދިއު ޢިލްމުއްސިޔާސާ ،ޞ142

[16] ނުޢުމާނު ޢަބްދުއްރައްޒާޤު އައްސާމުއްރާއީ،ނިޡާމުއްސިޔާސީ ފިލްއިސްލާމް:ރިޔާޟު، މަކްތަބަތުލްމަލިކު ފަހުދު ލިއްނަޝްރި، ދެވަނަޗާޕު 2000، ޞ80

ކޮމެންޓު