ad_banner
ނަޖާކުރަނިވި ތިން ކަމެއް.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

26 ޖޫން 2026

ކައު ރަސޫލާ صلّي الله عليه وسلّم ޙަދީސްކުރެއްވިއެވެ. ((ثلاثٌ مُهلِكاتٌ وثلاثٌ مُنجِياتٌ وثلاثٌ كفّاراتٌ وثلاثٌ درجاتٌ فأمّا المُهلِكاتُ فشُحٌّ مُطاعٌ وهوًى مُتَّبَعٌ وإعجابُ المَرءِ بنَفْسِه وأمّا المُنْجِياتُ فالعَدْلُ في الغَضَبِ والرِّضا والقَصْدُ في الفَقرِ والغِنى وخشيةُ اللهِ في السِّرِّ والعَلانيةِ وأمّا الكفّاراتُ فانتظارُ الصَّلاةِ بعدَ الصَّلاةِ وإسباغُ الوُضوءِ في السَّبَراتِ ونَقْلُ الأقدامِ إلى الجماعاتِ وأمّا الدَّرجاتُ فإطعامُ الطَّعامِ وإفشاءُ السَّلامِ وصلاةٌ باللَّيلِ والنّاسُ نِيامٌ   - ހަލާކުކުރަނިވި ތިންކަމެއް، ނަޖާކުރަނިވި ތިންކަމެއް، ފާފަފުއްސަވަނިވި ތިންކަމެއް، ދަރަޖަ އުފުއްލަވަނިވި ތިން ކަމެއް ވެއެވެ. ފަހެ ހަލާކުކުރަނިވި ތިންކަމަކީ: އެއަށް ބޯލަނބައިފައިވާ ދަހިވެތިކަމާއި އެއަށް ތަބާވެފައިވާ ހަވާނަފުސާއި އޭނާގެ ނަފުސު އޭނާއަށް ފެނި ހެއްލުންތެރިވުމެވެ. ނަޖާކުރަނިވި ތިން ކަމަކީ: ރުޅީގެ ވަގުތުގައްޔާއި ރުހުމުގެ ވަގުތުގައި އިންސާފުވެރިވުމާއި، ފަޤީރުކަމާއި މުއްސަނދިކަމުގެ ވަގުތުގައި އިގުތިސާދުކުރުމާއި، ސިއްރާއި ފާޅުގައި ﷲ އަށް ބިރުވެތިވުމެވެ. ފާފަފުއްސަވަނިވި ތިން ކަމަކީ: އެއް ނަމާދު ނިމިގެން އަނެއް ނަމާދަށް އިންތިޒާރުކުރުމާއި، ފިނިގަދަކަމާ އެކުގައި ވެސް ފުރިހަމަކޮށް ރިވެތިކޮށް  ވުޟޫކުރުމާއި، ހިނގައިފައި މިސްކިތަށް ޖަމާޢަތަށް ދިޔުމެވެ. ދަރަޖަ އުފުއްލަވަނިވި ތިން ކަމަކީ: ފަޤީރުންނަށް ކާންދިނުމާއި ސަލާންފެތުރުމާއި މީސްތަކުން ނިދައިފައި ތިބޭ ވަގުތު ރޭގަނޑު ނަމާދުކުރުމެވެ.))

ކީރިތި ރަސޫލާ صلّي الله عليه وسلّمގެ މި މާތް ޙަދީސްފުޅަކީ ހަމައެކަނި ހިތުގެ ބަލިތަކުގެ ނަފުސާނީ ޑަކްޓަރެއްގެ ތަޙުލީލުތަކެއްނޫނެވެ. އެކަލޭގެފާނު މި ބަސްފުޅުގައި އެ ބަލިތަކަށް ބޭސް ވެސް މި ވަނީ ލިޔުއްވައިދެއްވައިފައެވެ. މި ބޭސްސިޓީއާ އެއް ގޮތަށް ބޭސް ބޭނުންކުރަމުންދާ ނަމަ، އަޅުގަނޑުމެންނަށް މި ބަލިތަކުން ޝިފާ ލިބޭނެއެވެ. ނަޖާކުރަނިވި ތިން ކަމަކީ ހަލާކުކުރަނިވި ތިން ކަންތަކުގެ އިދި ފަރުވާއެވެ. އެ ކަންތައްތަކުން ހިތް ޠާހިރުވެއްޖެ ނަމަ، އިންސާނާގެ ޙަޔާތަށް ތަވާޒުނު ލިބެއެވެ.

ނަޖާކުރަނިވި ތިން ކަންތައް

1- ސިއްރާއި ފާޅުގައި ﷲއަށް ބިރުވެތިވުން: އެހެނީ ﷲއަށް ބިރުވެތިވުމަކީ އީމާންކަމުގެ އަސާސެވެ. ޞާލިޙު ޢަމަލުތަކުގެ ތާޖެވެ. ﷲއަށް ބިރުވެތިވާ މީހާ ހުރިހާ ޙާލަތުތަކެއްގައި ވެސް އޭނާގެ ވެރި ރަސްކަލާނގެ މަނާކުރައްވައިފައިވާ ކަމަކަށް އަރައެއްނުގަންނާނެތެވެ. އޭނާ އެކަނި ހުއްޓަސް އަދި މީހުންގެ ތެރޭގައި ފެންނަ ހިސާބުގައި ހުއްޓަސް ﷲ ދެކެ ބިރުން އޭނާ އެ ކަންކަމާ ދުރުހެލިވާނެއެވެ. މި ބިރުގަތުމުގެ ސަބަބުން އޭނާ ހެޔޮ ކަންތައް ކުރާނެއެވެ. ނުބައި ކަންތަކާ އެކަހެރިވާނެއެވެ. ސިއްރިއްޔާތުގައި ﷲއަށް ބިރުވެތިވާ މީހާ އޭނާގެ ޢަމަލުތަކަށް ހެއްލުންތެރިއެއް ނުވާނެތެވެ. އޭނާގެ ހަވާނަފުސަށް ތަބައެއްނުވާނެތެވެ. އޭނާ ދަހިވެތިކަމަށް ބޮލެއްނުލަބާނެތެވެ. އޭނާގެ ޢަމަލުތަކަށް ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނެކަން އޭނާއަށް އެނގޭތީ ﷲ ރުހިވޮޑިނުގަންނަވާ ކަމެއް ކުރުމަށް ޖެހިލުންވާނެއެވެ. އޭނާގެ ހިތަކީ ﷲގެ ރަޙުމަތާއި ފުއްސެވުމަށް އެދޭ އެދުންތަކުން އާރާސްތުވެފައިވާ ހިތަކަށް ވާތީއެވެ.

2- ތަވާޟުޢުވެރިވުމާއި ﷲގެ ހެޔޮފުޅުވަންތަކަމާއި ފަޟުލުވަންތަކަން ޤަބޫލުކުރުން: އޭނާއަކީ އޭނާއަށް ލިބޭ ކޮންމެ ކާމިޔާބީއަކީ ﷲ ދެއްވަވާ އެއްޗެއްކަން، ﷲގެ ނިޢުމަތެއްކަން ޤަބޫލުކުރާ މީހެކެވެ. އެއީ އޭނާގެ މަސައްކަތުން ކުރެވުނު ކަމެއްނޫންކަމަށް އޭނާ އިޢުތިރާފުވާނެއެވެ. މި ކަމުގެ  ސަބަބުން އޭނާގެ ކިބައިގައި ހެއްލުންތެރިކަމެއް ނުހުންނާނެތެވެ.

3- މަންހަޖުގެ މަތީގައި ސީދާވެގެން ހުރުން: އޭނާއަކީ ހަވާނަފުސަށް ތަބާވާ މީހެއްނޫނެވެ. އޭނާ ހުންނާނީ އިސްލާމްދީނުގެ  މަންހަޖުގެ މަތީގައެވެ. އޭނާއަކީ ﷲގެ މަގު އޭނާއަށް ގެއްލިދާނެތީ ބިރުން ހުންނަ މީހެކެވެ. މާތްﷲ ރަޙުމަތްލެއްވި އިބްނުލް ޤައްޔިމު، މަދާރިޖުއްސާލިކީން ނަމަކަށް ކިޔާ ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި [ބިރުވެތިވުން އަންނާނީ ﷲ ގެ  މަޢުރިފާއާއެކުގައެވެ. ބިރުވެތިކަމަކީ ޢިލްމާއި ﷲގެ މަޢުރިފާގެ މޭވާއެވެ.] މިއިން އެނގެނީ ތަވާޟުޢުވެރިކަމާއި އިނާބަތްތެރިކަމުގެ މޭވާގަންނުވާ ގަހަކީ ﷲ ދެކެ ބިރުވެތިވުންކަމެވެ.

ފަޤީރުކަމާއި މުއްސަނދިކަމުގައި އިގުތިސާދުކުރުން

އިގުތިސާދުކުރުމުގެ މާނައަކީ ހޭދަކުރުމުގައި މެދުމިންވަރުގައި ހިފެހެއްޓުމެވެ. އެއަށް ކިޔަމަންވެ ބޯލަނބައިފައިވާ ދަހިވެތިކަމަށް އޮތް ސީދާ ފަރުވާއަކީ އިގުތިސާދުކުރުމެވެ. މުއުމިނު އިންސާނާއަކީ އޭނާގެ މާލީ ހުރިހައި ކަމެއްގައި ތަވާޒުނު ދަމަހައްޓާ މީހެކެވެ. އޭނާ ވަކި އަތަކަށް ބުރަވެގެން ނުދާނެއެވެ. އޭނާ މުށްބާރު މީހަކަށް ނުވާނެތެވެ. އަދި އިސްރާފުކުރާ މީހަކަށް ވެސް  ނުވާނެތެވެ. މެދުމިންވަރުގެ ސަބަބުން އިންސާނާ މުދަލުގެ އަޅުވެތިކަމުން މިނިވަންވާނެއެވެ. އޭނާ މުދާ ހަދާނީ އޭނާގެ ސާހިބަކަށެވެ. މުދަލުގެ އަސީރަކަށް އޭނާއެއް ނުވާނެތެވެ. އޭނާގެ ހިތް ފުރިފައިވާނީ ފުދުންތެރިކަމާއި ރުހުންތެރިކަމުންނެވެ. އޭނާ އޭނާގެ ވެރިރަސްކަލާނގެ މިންވަރުކުރައްވާ އެއްޗަކާ މެދު ހުންނާނީ ހިތްހަމަޖެހިގެންނެވެ. ޤަޟާޤަދަރަށް އީމާންވެގެންނެވެ. އޭނާ ﷲގެ މިންވަރުފުޅަށް ކެތްތެރިވާނެއެވެ. މާތް ﷲ ރަޙުމަތްލެއްވި އިމާމު ޣަޒާލީ، [އިޙުޔާއު ޢުލޫމިއްދީން] ފޮތުގައި ވިދާޅުވެފައި ވެއެވެ. [މަޢީޝަތުގައި އިގުތިސާދުކުރުމަކީ އިހުގެ މީހުންނާއި ފަހުގެ މީހުންގެ ގޮތެވެ. އެއީ ނަބީބޭކަލުންނާއި   ޞިއްދީޤުންގެ މަގެވެ. އެއީ އީމާންކަމުގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިޙުސާންތެރީންގެ ސިފައެއް ވެސް މެއެވެ. އިގުތިސާދުކުރުމަކީ ފަޤީރުކަމާއި މުއްސަނދިކަމުގެ އާފަތްތަކުން މީހާ ރައްކައުތެރިކޮށްދޭނެ ކަމެކެވެ.

ރުޅިވެރިކަމާއި ރުހުމުގެ ވަގުތުގައި ޢަދުލުވެރިވުން   

ޢަދާލަތްތެރިކަމަކީ އަޚުލާޤުގެ ކުންނައެވެ. އިންސާނާ ރުޅީގެ ވަގުތުގައްޔާއި ރުހުމުގެ ވަގުތުގައި ޢަދާލަތްތެރިވުމަކީ އޭނާގެ އީމާންކަމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ. އޭނާގެ ހިތް ރަނގަޅުކަން އަންގައިދޭ ކަމެކެވެ. ރުޅިއަކީ ހިތް ކަނުކުރާ އެއްޗެކެވެ. ހަވާނަފުސަށް ތަބާވުމަކީ ހަމަބުއްދި މަގުފުރައްދާ ކަމެކެވެ. ތެދުވެރި މުއުމިނަކީ ﷲގެ ޝަރުޢާ އެއް ގޮތަށް ޙުކުންކޮށް ނިޔާ އިއްވާ މީހާއެވެ. އޭނާ ދެކެ އަހުރެން މި ހުރީ ރުޅިއައިސްފައޭ ކިޔައިފައި އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. ވަކި މީހަކު ދެކެ ލޯބިވާތީ އޭނާއާ އެއްކޮޅަށް މަސްއަލައެއް ނުނިންމާނެއެވެ. އޭނާ އޭނާގެ ޝަޚުޞީ މަސްލަޙަތުގެ މައްޗަށް އިސްކުރާނީ އިންސާފެވެ. މި ކަމުގެ ސަބަބުން އޭނާ ނިޔާތައް އިއްވުމުގައި އަވަސްއަރުވައެއް ނުގަންނާނެތެވެ. ދެ ފަރާތުގެ އަޑު ރަނގަޅަށް އަހާނެއެވެ. މި ކަމުގެ ސަބަބުން މުޖުތަމަޢުގެ ގުޅުންތައް  ތަވާޒުނުގެ މަތީގައި ދެމެހެއްޓޭނެއެވެ. މާތް ﷲ ރަޙުމަތްލެއްވި އިބްނު ތައިމިއްޔާ [މަޖްމޫޢުލް ފަތާވާ] ފޮތުގައި ވިދާޅުވިއެވެ. [ކޮންމެ އިންސާނަކު އަނެއް އިންސާނަކަށް ޢަދުލުވެރިވުން ވާޖިބު ވެގެންވެއެވެ. އިންސާނަކު ވަކި މީހަކު ދެކެ ލޯބިވިޔަސް ނަފުރަތްތެރިވިޔަސް ޢަދުލުވެރިވާން ޖެހޭނެއެވެ.] މިއިން އެނގެނީ ޢަދުލުވެރިކަމަކީ ޝަޚުޞީ އިޙުސާސްތަކުގެ ސަބަބުން ވެއްޓިގެންނުދާނެ ކަމެއްކަމެވެ.

 

ބައެއް ލަފުޒުގެ މާނަ:

ނަޖާ       ނ.     (1) ސަލާމަތް. (2) މިންޖު.

ކުންނަ      ނ.     (1) މުއިނަރު. (2) މުއިރު. (3) އެންމެ ހިމަ ކަންވާރު.

އިދި       ނ.    އިދިކޮޅު ދޭހަކޮށްދޭ އެކަ.

އިދިކޮޅު     ނ.     (1) ހުންނަންވީ ގޮތުގެ އަނެއްކޮޅު. (2) ޚިލާފު. (3) ނޭއްގާނީ. (4) އިދިކީލަ.

މަންހަޖު     ނ.     އިސްކޫލާއި ކޮލެޖު ފަދަ ކިޔަވައިދޭ ތަނެއްގައި ކިޔަވައިދޭން ބޭނުންކުރާ ތަރުބަވީ އުސޫލުތަކާއި މުގައްރަރުތަކާއި މާއްދާތައް.

ތަވާޒުނު     ނ.     ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.

ކޮމެންޓު