ޑރ. މޫސާ އަންވަރު ޙަސަން
27 ޖޫން 2026
(2026 ޖޫން 25ގެ ޢަދަދާ ގުޅޭ)
ދުނިޔެއަކީ ފަނާވެދަނިވި ހިޔަންޏެކެވެ!
އަހަރު ނިމި، އައު އަހަރަކާ ބައްދަލުވުމަކީ މި ދުނިޔޭގެ ޙަޤީޤަތާ މެދު ވިސްނައި، ހޭލުންތެރިވުމަށް ލިބޭ މުހިންމު ފިލާވަޅެކެވެ. މި ދުނިޔެއަކީ އެއްވެސް ޙާލެއްގައި ދާއިމީކޮށް ދެމިއޮންނާނެ ތަނެއް ނޫނެވެ. އަދި އެއްވެސް މީހަކަށް ހުރިހާ ކަމެއް ފުރިހަމަވެފައިވާ ތަނެއްވެސް ނޫނެވެ. ދުނިޔޭގެ އުންމީދުތަކަކީ ކެހިވެރި އުންމީދުތަކެކެވެ. އޭގެ އައު ކަންތައްތައް ބާވެ ފަނާވެދެއެވެ. ދުނިޔޭގެ ދުވަސްތަކަކީ ގުނާލެވޭ މަދު ދުވަސްތަކެކެވެ. އަދި އޭގައި އުޅޭ ކޮންމެ ނަފުސެއްގެ މަރުގެ ވަގުތަކީ ކަނޑައެޅި ލިޔެވިގެންވާ ވަގުތެކެވެ. ދުނިޔޭގެ މިސާލަކީ ފަނާވެދަނިވި ހިޔަންޏެއްގެ މިސާލެވެ. ނުވަތަ ނިދީގައި ފެންނަ ހުވަފެނެއްގެ މިސާލެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا﴾ (سورة الكهف 45) މާނައީ: "ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثال އެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ." މިއީ ދުނިޔޭގެ ޙަޤީޤަތެވެ. އެންމެ ފުރަތަމަ ފޮޅި ފަރިވެއެވެ. ދެން މިލައި މޯޅިވެގެން ދެއެވެ. އުފާވެރިކަން ގެނެސްދީފައި ހިތާމަތަކާ ކުރިމަތިކުރުވައެވެ. އެހެންކަމުން، ކެހިވެރިކަމެއްގައިވާ މީހަކު މެނުވީ މި ދުނިޔެއަކަށް ނުހެއްލޭނެއެވެ. އަދި ދުނިޔޭގެ ސަބަބުން އާޚިރަތް ހަނދާން ނައްތައިލާނީ (ހެޔޮކަމުން) މަޙުރޫމްވެފައިވާ އަބާއްޖަވެރިއަކު މެނުވީއެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿أَفَرَأَيْتَ إِن مَّتَّعْنَاهُمْ سِنِينَ * ثُمَّ جَاءَهُم مَّا كَانُوا يُوعَدُونَ * مَا أَغْنَىٰ عَنْهُم مَّا كَانُوا يُمَتَّعُونَ﴾ (سورة الشعراء 205-207) މާނައީ: [ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعد ކުރައްވައިފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.] ކުރީގެ ބައެއް ސަލަފުއްޞާލިޙުން މި އާޔަތް ކިޔަވައިވިދާޅުވެ ކަރުނައަޅައި ކީރިތިކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. "މަރު އައިސް ކުރިމަތިލާއިރު، އިންސާނާ މިދުނިޔޭގައި އުޅުނު އުފާވެރިކަމާއި އަރާމުގެ އެއްވެސް ކަމަކުން އޭނާއަކަށް އެއްވެސް މަންފާއެއް ނުކުރާނެއެވެ.
ހިޖުރީ އައު އަހަރުގެ ފެށުމާ އެކު ހިޖުރައިގެ ހަނދާންތައް!
ހިޖުރީ އައު އަހަރެއްގެ ފެށުމާ އެކު، އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ صلى الله عليه وسلم ގެ މަތިވެރި ސީރަތުގެ ހަނދާންތައް އާވެގެންދެއެވެ. އެކަލޭގެފާނުގެ ސީރަތަކީ ފިލާވަޅުތަކާއި އިބުރަތްތަކުން ފުރިގެންވާ ސީރަތެކެވެ. އަދި އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ މަރުޙަލާއަކީ ކޮންމެ ޒަމާނެއްގައިވެސް ޙައްޤުގެ މަގުން ހިނގާ މީހުންނަށް މަގުދައްކައިދޭ އަލިގަދަ ދަންމަރެކެވެ. ޚާއްޞަކޮށް އިސްލާމްދީން ބިކަވެ، އެކަނިވެރިވެފައިވާ މިފަދަ ޒަމާނެއްގައި އެކަލޭގެފާނުގެ ސީރަތުން ލިބޭ ހިތްވަރު ވަރަށްވެސް ބޮޑެވެ. މިކަމާ ބެހޭގޮތުން ލޮބުވެތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. «بَدَأَ الإِسلَامُ غَرِيبًا، وَسَيَعُودُ كَمَا بَدَأَ غَرِيبًا، فَطُوبَى لِلغُرَبَاءِ» (أخرجه مسلم (١٤٥) މާނައީ: [އިސްލާމްދީން ފެށިގެން އައީ (ޣަރީބު) އެއްޗެއްގެ ގޮތުގައެވެ. އަދި ފެށިގެން އައި ފަދައިން އެ ދީން އަލުން ރުޖޫޢަވާނެއެވެ. ފަހެ، އެފަދަ ޣަރީބުންނަށް (އެބަހީ: އެ ފަދަ ޙާލަތުގައިވެސް ދީނުގައި ސާބިތުވެ ތިބޭ މީހުންނަށް) އުފާވެރިކަމާއި ބާއްޖަވެރިކަން ހުއްޓެވެ.]
މި ދުވަސްތަކަކީ ރަސޫލާ صلى الله عليه وسلم ގެ މަތިވެރި ސީރަތުގެ މީރުވަސްދުވާ ބަގީޗާއިން އަޅުގަނޑުމެން ފިލާވަޅުތައް ލިބިގަންނާންވީ ދުވަސްތަކެކެވެ. މި ފެށުނު އައު އަހަރާ އެކު، އަޅުގަނޑުމެންގެ ސަމާލުކަން ހުއްޓެނީ އިސްލާމީ ދައުވަތުގެ މިސްރާބު ބަދަލުކޮށްލި، އަދި އިސްލާމްދީނުގެ ފަޖުރު އެ ކަމަކުން އުޖާލާވެގެންދިޔަ މަތިވެރި ހާދިސާއަކަށެވެ. އެއީ ބަރަކާތްތެރި ހިޖުރައިގެ ދަތުރެވެ. أمير المؤمنين عمر بن الخطاب رضى الله عنه އިސްލާމީ ތާރީޚު ގުނުއްވާން ފައްޓަވާނެ ނުގުތާއެއްގެ ގޮތުގައި އިޚުތިޔާރު ކުރެއްވީ މި މަތިވެރި ހާދިސާއެވެ. މި ކަމުގެ ސަބަބުން މި ތާރީޚަށް [ހިޖުރީ ތާރީޚު]ގެ ނަމުން ނަންދެވި، އެއީ ރަސޫލާ صلى الله عليه وسلم ގެ ހިޖުރައިގެ ހަނދާންތައް އާކޮށްދޭ އަދި އިސްލާމީ ދައުވަތުގެ މަތިވެރި ދައުރެއް ފެށުނުކަން އަންގައިދޭ ރަމްޒަކަށް ވިއެވެ.
ހިޖުރައަކީ ފިއްލެވުމެއް ނުވަތަ ދުނިޔޭގެ އެދުމެއް ނޫނެވެ!
މާތް ނަބިއްޔާ صلى الله عليه وسلم ކުރެއްވި ހިޖުރައަކީ ދުނިޔަވީ އަރާމެއް ހޯއްދެވުމަށް ނުވަތަ ކުރިމަތިލުންތަކަށް ބިރުފުޅުން ފިއްލެވުމަށް ކުރެއްވި ކަމެއް ނޫނެވެ. އަދި އެއީ ދުނިޔޭގެ މުދަލާއި މަންފާއަށް އެދިވަޑައިގެން ނުވަތަ ހިތްހަމަޖައްސަވައިލެއްމަށް ކުރެއްވި ދަތުރުފުޅެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އެއީ މާތް اللهُ سبحانه وتعالى ގެ އަމުރުފުޅަށް ކުރެއްވި ދަތުރުފުޅެކެވެ. އެއީ ނަޞްރާއި ކާމިޔާބީގެ ސަބަބުތަކުގައި ހިއްޕަވައި، ތައުޙީދުގެ ކަލިމަފުޅު [لَا إِلَهَ إِلَّا اللهُ] ފެތުރުއްވުމަށް ޓަކައި ކުރެއްވި މަތިވެރި މަސައްކަތްޕުޅެކެވެ. މިއީ އިސްލާމީ ތާރީޚުގައި ހިނގައި ދިޔަ އެންމެ މަތިވެރި އެއް ހާދިސާއެވެ. މި ދަތުރުފުޅުގެ އިސްވެރިއަކީ އިންސާނިއްޔާތުގެ ސާހިބާ، ނަބީކަން ޚަތުމްކުރެއްވި، ތަޤުވާވެރީންގެ އިމާމު، ލޮބުވެތި ރަސޫލާ صلى الله عليه وسلم އެވެ. މިއީ އައު ދައުރެއްގެ އަލިކަން އުފަންކުރުވި ނޫރުގެ ދަތުރެކެވެ. އޭގެ ފެށުމަކީ ސާބިތުކަމާއި ކެތްތެރިކަމެވެ. އަދި އޭގެ ނަތީޖާއަކީ ކާމިޔާބީއާއި ނަޞްރެވެ. މި ހިޖުރައަކީ މާތް اللهُ ގެ އަމުރުފުޅަށް، ކާމިޔާބީގެ މަގުތައް އިޚުތިޔާރުކޮށް، [لَا إِلَهَ إِلَّا اللهُ]ގެ މަތިވެރި ދިދަ އުފުލުމަށް ޓަކައި ކުރެވުނު ދަތުރެކެވެ.
ހިޖުރައާއި، ތައުޙީދުގެ އަޤީދާއާއި، މާތްﷲ ހުސްޠާހިރުކުރުން:
އަޅުގަނޑުމެންގެ މާތް ނަބިއްޔާ صلى الله عليه وسلم ހިޖުރަކުރެއްވީ، މާތްﷲގެ ދީން ބަޔާންކޮށްދެއްވުމަށާއި، މަތިވެރިކަމާއި ބާރުވެރިކަމުގެ އަސާސްކަމުގައިވާ ތައުޙީދުގެ އަޤީދާ ފެތުރުއްވުމަށެވެ. މިއީ ހުރިހައި ނަބީބޭކަލުން ވެސް ގެނެސްދެއްވި އަޤީދާއެވެ. ޖާހިލިއްޔަ ޒަމާނުގެ އަނދިރިކަން ފެތުރި، މާތްﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރުން އާންމުވެފައިވަނިކޮށް، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ވަނީ މި ދަޢުވަތު އައުކުރައްވައި ފަށްޓަވައިދެއްވައިފައެވެ.
މިއީ މާތްﷲގެ މަތިވެރިކަން ބަޔާންކޮށްދޭ، އަދި އެކަލާނގެއީ އެންމެހައި އުނިސިފަތަކުން ހުސްޠާހިރުވެގެންވާ ފަރާތެއްކަން ކަށަވަރުކޮށްދޭ އަޤީދާއެކެވެ. މާތްﷲއީ ކޮންމެ އެއްޗެއްގެ ޚާލިޤުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ އަޅުތަކުންނާއި، އެ އަޅުތަކުން ކުރާ އަމަލުތައް އުފެއްދެވި ފަރާތެވެ. ހެޔޮކަމާއި ނުބައިކަން ހިމެނޭހެން، މި ކައުނުގައިވާހާ އެއްޗެއް އުފެއްދެވީ އެކަލާނގެއެވެ. [لَا إِلَهَ إِلَّا اللهُ] (މާތްﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ.) މި ކަލިމައިގެ މާނައަކީ، މާތްﷲ ފިޔަވައި އުފައްދަވާ ހަގީގީ އެއްވެސް އިލާހަކު ނުވާކަމެވެ.
މާތްﷲ އީ ހުރިހައި ތަކެއްޗެއް ހެއްދެވި ފަރާތެވެ. އެކަލާނގެއީ އަޅުތަކުންނާއި، އެ އަޅުތަކުން ކުރާ އަމަލުތައް އުފެއްދެވި ކަލާނގެއެވެ. ހެޔޮކަމާއި ނުބައިކަން، އަދި މި ދުނިޔޭގައި ވުޖޫދުގައިވާ ކޮންމެ އެއްޗެއް ހެއްދެވީ އެކަލާނގެއެވެ. [لَا إِلَهَ إِلَّا اللهُ] މި ކަލިމައިގެ މާނައިގެ ތެރޭގައި، ﷲ މެނުވީ ހުރިހާ ތަކެއްޗެއް ޚަލްގުކުރެއްވި އެހެން ފަރާތެއް ނުވާކަން ހިމެނެއެވެ. އެކަލާނގެއީ ކާއިނާތުގެ ވަގުތާއި، ތަނާއި، އުޑުތަކާއި، ޢަރުޝިއާއި، ކުރުސީއާއި، ހަ ފަރާތާއި، އިންސީންނާއި ޖިންނީން އުފެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ އުފެއްދެވި އެއްވެސް މަޚުލޫގަކަށް އެކަލާނގެ ބޭނުންވެވޮޑިގެނެއް ނުވެއެވެ. އަދި އެކަލާނގެއީ ވަކި ތަނެއްގައި ހުންނަވާ، ނުވަތަ ވަކި ފަރާތަކުން ބަންދުވެގެންވާ، ނުވަތަ ވަގުތުގެ ހިނގުމުގެ ތެރޭގައިވާ ފަރާތެއް ނޫނެވެ. މާތްﷲއީ ހަށިގަނޑެއް ނޫނެވެ. އަދި ހަށިގަނޑުތަކަށް ލިބިގެންވާ އެއްވެސް ސިފައަކުން އެކަލާނގެ ސިފައެއް ނުކުރެވޭނެއެވެ. މާތްﷲ ވަހީކުރައްވައިފައިވެއެވެ. ﴿لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ﴾ (سورة الشورى 11) މާނައީ: [އެކަލާނގެއާ އެއް ފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ.] މި މަތިވެރި އަގީދާއަކީ ދީނުގެ އަސްލެވެ. އަދި ނަޖާތުލިބުމުގެ ބިންގަލެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހިޖުރަކުރެއްވީ ވެސް މި މަތިވެރި މެސެޖު ފޯރުކޮށްދެއްވުމަށެވެ. އަދި އެކަލޭގެފާނުގެ އަސްހާބު ބޭކަލުން ދުނިޔޭގެ އިރުމައްޗާއި ހުޅަނގަށް މި ޢަޤީދާ ފަތުރުއްވައި، އުގަންނައިދެއްވިއެވެ. އަޅަމެން މި އަގީދާގެ މަތީގައި ދިރިތިބުމަށާއި، މި ޢަޤީދާގެ މަތީގައި މަރުވުމުގެ ތައުފީގު ދެއްވުން އެދި މާތްﷲގެ ހަޟުރަތުގައި ދަންނަވަމެވެ.
ދެކަލުން ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ!
މާތް الله ވަޙީކުރައްވައިފައިވެއެވެ. ﴿إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ ﴾ (سورة التوبة 40) މާނައީ: [ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.]
މި މާތް އާޔަތުން ސާބިތުވާ ގޮތުގައި، ނަބަވީ ހިޖުރައަކީ މާތް اللهُ سبحانه وتعالى ގެ ޙަޟުރަތުން ދެއްވި ނަޞްރެކެވެ. އެކަލާނގެ ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އެކުވެރިޔާ أبوبكر الصديق رضى الله عنه ހޮހަޅައިގެ ތެރޭގައި ތިއްބެވި ހިނދު، މީސްތަކުންނަށް ފެނުމެއްނުވާ މަލާއިކަތުންގެ ލަޝްކަރުތަކުން އެކަލޭގެފާނަށް ނަޞްރު ދެއްވައި، ކާފިރުންގެ މަކަރާއި ޙީލަތްތަކުން އެކަލޭގެފާނު ސަލާމަތްކުރެއްވިއެވެ.
މި މަތިވެރި ދަތުރުގެ ބައިވެރިޔާއަކީ އާދައިގެ ބޭކަލެއް ނޫނެވެ. އެއީ ތެދުބަސް ބުނުމާއި ތެދުކުރުމުގައި އެންމެ ކުރި ހޯއްދެވި، ދަތުރުގައްޔާއި ރަށުގައި ހުންނަވާއިރުވެސް ރަސޫލާ صلى الله عليه وسلم ގެ އަރިސް އެކުވެރިޔާ، أبوبكر الصديق رضى الله عنه އެވެ. ކީރިތި ޤުރުއާނުގައި "ދެމީހުންގެ ތެރެއިން ދެވަނަ މީހާ" ގެ ގޮތުގައި މާތް الله ޚާއްޞަކޮށް ޛިކުރު ކުރައްވައިފައިވާ ބޭކަލަކީ އެއީއެވެ. މިކަމުން ދޭހަވަނީ އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ މަތިވެރި ޝަރަފާއި މާތްކަމެވެ. މާތް الله އަބޫބަކުރުގެފާނަށް ރުއްސުންލައްވައި، އިސްލާމްދީނާއި މުސްލިމުންނަށް ޓަކައި އެކަލޭގެފާނު ކުރެއްވި ޚިދުމަތްތަކަށް ހެޔޮ ދަރުމަ ދެއްވާށިއެވެ! އާމީން.
ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ އަހަރެމެންނާ އެކުގައެވެ!
ސައުރު ފަރުބަދައިގެ ހަރުގެތެރެއިން ފެނިގެންދިޔައީ، މާތް ﷲ އަށް ވަކީލުކުރުމުގެ މަތިވެރި މާނައާއި، އެކަލާނގެ وعد ފުޅަށް އޮންނަންޖެހޭ ޔަގީންކަމުގެ ބޮޑުކަމެވެ. މުޝްރިކުން ކީރިތި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ މިތުރު ފިދާއީ (އަބޫބަކުރުގެފާނު) ހޯދުމަށް ފަހަތުން އައިސް ކައިރިވި ހިނދު، ރަސޫލާ صلى الله عليه وسلم ގެ ސަލާމަތާމެދު އަބޫބަކުރުގެފާނު ނުހަނު ބޮޑަށް ބިރުފުޅުގަތެވެ. އެހިނދު ރަސޫލާ صلى الله عليه وسلم އެކަލޭގެފާނަށް ވިދާޅުވިއެވެ. «لَا تَحزَن إِنَّ اللهَ مَعَنَا» މާނައީ: [ހިތާމަފުޅުނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ.]
ރަސޫލާ ﷺ އެކަލޭގެފާނުގެ މިތުރުފުޅަށް ވިދާޅުވި [ހިތާމަފުޅުނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ.] މި ބަސްފުޅުގެ މާނައަކީ، އެކަލާނގެ ރައްކާތެރިކަމާއި، ނަސްރާއި، މަދަދާއި، އަދި އިލްމުފުޅުން އަހަރެމެންނާ އެކު ވޮޑިގެންވާ ކަމެވެ. އެއީ އެކަލާނގެ ޒާތުފުޅުން އެ ހޮހަޅައިގެ ތެރޭގައި އެބޭކަލުންނާއެކު ވޮޑިގެންވުމެއް ނޫނެވެ. މާތް ﷲ އީ ވަކި ތަނެއްގައި ނުވަތަ ފަރާތެއްގައި ހުރުމުން ނުވަތަ އެއްޗަކާ ގުޅިފައި ނުވަތަ ވަކިވެފައިވުން ފަދަ އިންސާނީ ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެއްވެސް މަކާނެއް (ތަނެއް) ނެތީސް ވޮޑިގެންވި ކަލާނގެއެވެ. އަދި މިހާރުވެސް އެކަލާނގެ ވޮޑިގެންވަނީ އެގޮތުގައެވެ.
[ހިތާމަފުޅުނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ.] މިއީ މާތް ﷲ އަށް ވަކީލުކުރުމުގެ މަގު ދައްކައިދޭ އަލިގަދަ ދީލަތި ބަސްފުޅެކެވެ. އަދި ހުރިހާ ޒަމާނެއްގެ މުއުމިނުންނަށް ހުރި މަތިވެރި ފިލާވަޅެކެވެ. މި ބަސްފުޅުގެ ސަބަބުން، ރަސޫލާ صلى الله عليه وسلم އަށްޓަކައި ބިރުގަތް މިތުރުފުޅުގެ ހިތްޕުޅަށް ސާބިތުކަން ލިބިގެންދިޔައެވެ. އަދި މާތް ﷲ ރައްކާތެރިކަން ދެއްވާ އަޅަކަށް، މަކަރުވެރީންގެ މަކަރަކުން އެއްވެސް ގެއްލުމެއް ނުދެވޭނެކަން މުޅި އުންމަތަށް އުނގަންނައިދިނެވެ. އަދި ﷲ ނަސްރުދެއްވާ މީހެއްގެ މައްޗަށް ކުރިހޯދޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އެހެންކަމުން، އިމްތިހާނުތައް ކިތަންމެ ވަރުގަދަވީ ނަމަވެސް ތިޔަބައިމީހުން ހިތާމަނުކުރާށެވެ. ހަމަކަށަވަރުން ﷲ ގެ ދީނަށް ނަސްރުދޭ މީހަކަށް އެކަލާނގެ ނަސްރު ދެއްވާނެއެވެ. އަދި އެކަލާނގެ ނަބިއްޔާގެ ދައުވަތު ރައްކާތެރިކުރައްވާނެއެވެ. އަދި ތަޤުވާވެރީންނަށް ކޮންމެ ދަތިކަމަކުން ސަލާމަތްވާނެ މަގެއް ދައްކަވާނެއެވެ.
އޭ މުޙައްމަދު صلى الله عليه وسلم ގެ އުންމަތުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހިތާމަނުކުރާށެވެ. ފަހެ، މާތްﷲ އެކަލާނގެ މާތް ނަބިއްޔާ صلى الله عليه وسلم ގެ ދަޢުވަތު ރައްކާތެރިކުރައްވާނެއެވެ. ތިޔަބައިމީހުން ހިތާމަނުކުރާށެވެ. ފަހެ، ދީނަށް ނަޞްރުދޭ މީހަކަށް މާތްﷲ ނަޞްރު ދެއްވާނެއެވެ. އިމްތިޙާނުތަކާއި، ތަކްލީފުތަކާއި، ހިތްދަތިކަމާއި ފިކުރުތައް ކިތަންމެ ބޮޑުވި ނަމަވެސް ތިޔަބައިމީހުން ހިތާމަނުކުރާށެވެ. ފަހެ، އެންމެ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އެކަލާނގެ ނަބިއްޔާ صلى الله عليه وسلم އަށް ނަޞްރު ދެއްވި ފަދައިން، މާތްﷲ ވަނީ މުއުމިނުންނަށް ރައްކާތެރިކަމާއި، ނަޞްރާއި، ކާމިޔާބު ދެއްވުމުގައި އެބައިމީހުންނާ އެކުގައެވެ.
އަދި އޭގެ ފަހުގައި އުފާވެރިކަމުގެ ޚަބަރު އައިސްފައިވެއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ ﴾ (سورة التوبة 40) މާނައީ: [އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.]
ފަހެ، މާތްﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ނަޞްރު ދެއްވައެވެ. އުޑުތަކާއި ބިމުގެ ލަޝްކަރުތައް މިލްކުވެގެންވަނީ މާތްﷲ އަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ލަޝްކަރުތައް، އެކަލާނގެ މެނުވީ އެހެން އެއްވެސް ފަރާތަކަށް އެނގިގެންނުވެއެވެ. (އަދި ނުނިމޭ. ފަހު ބައި، އިރާދަކުރެއްވިއްޔާ، މާދަމާ!)