ad_banner
ޢާޝޫރާ ދުވަހާއި ޝަހީދުންގެ ސާހިބާ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

25 ޖޫން 2026

އިސްލާމީ ތާރީޚު ވަނީ ފިލާވަޅުތަކާއި، ޢިބުރަތްތަކުން ފުރިފައެވެ. މި ތާރީޚުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދުވަހަކީ މުޙައްރަމް މަހު 10ވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހެވެ. މި ދުވަހަކީ ކީރިތި ރަސޫލާ صلّي الله عليه وسلّم ގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ވެސް މުސްލިމުންގެ ހިތްތަކުގައި ވަރަށް މަތީ ގަދަރަކާއި އަހަންމިއްޔަތެއް ދެވިފައިވާ ދުވަހެކެވެ. މި ދުވަހުގެ ޒިކުރާ އާކުރާ އިރު، އިސްލާމުންގެ ހިތްތަކަށް ވެރިވާނެ އެއް ޝުޢޫރަކީ ހިތާމަވެރި ޝުޢޫރެކެވެ. އެއީ [ޝަހީދުންގެ ސާހިބާ]ގެ ލަގަބު ލިބިވަޑައިގެންފައިވާ، އަދި ރަސޫލާ صلّي الله عليه وسلّمގެ ލޮބުވެތި ކާފަދަރިކަލުން، އަލްއިމާމު އަލްޙުސައިން ބިން ޢަލީ رضي الله عنه ، ވަރަށް އަނިޔާވެރި ގޮތުގައި ޝަހީދުކޮށްލެވުނު ހިތާމަވެރި ޙާދިސާގެ ހިތާމަވެރި ޝުޢޫރެވެ. އާދޭހެވެ! ހިޖުރައިން 61ވަނަ އަހަރުގެ ޢާޝޫރާ ދުވަހު ކަރުބަލާގެ ބިމުގައި ހިނގައިދިޔަ ހާދިސާއަކީ މުޅި އިސްލާމީ އުންމަތް ލަދުގަންނަވައި ރޮއްވައިލި، އަދި ހައްގާއި ބާތިލުގެ ހަނގުރާމަ ސިފަކޮށްދިން މުހިންމު ހާދިސާއެކެވެ.

ޢާޝޫރާ ދުވަހަކީ ހަމައެކަނި ކަރުބަލާގެ ހާދިސާއާ ގުޅިފައިވާ ދުވަހެއް ނޫނެވެ. އޭގެ މާ ކުރީން ވެސް މި ދުވަހަކީ މުގައްދަސް ދުވަހެކެވެ. މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުން، ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކުރައްވައި، ރަތްކަނޑަށް ފިރުޢައުނު ޣަރަޤުކުރެއްވި ދުވަހަކީ ވެސް މިއީއެވެ. މިކަމަށް ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނު މި ދުވަހު ރޯދަފުޅު ހިއްޕެވިއެވެ.

ކީރިތި ރަސޫލާ صلّي الله عليه وسلّم މަދީނާއަށް ހިޖުރަކުރެއްވި އިރު، މަދީނާގެ ޔަހޫދީން މި ދުވަހު ރޯދަ ހިފާތީ ދެކެވަޑައިގެން އެކަމާ ބެހޭ ގޮތުން އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. އެ މީހުން ދެންނެވި ޖަވާބާ ގުޅިގެން ރަސޫލާ صلّي الله عليه وسلّم ޙަދީޘްކުރެއްވިކަމަށްވަނީ [މޫސާގެފާނާ އިޤުތިދާވެގެން ރޯދަހިއްޕެވުން ތިޔަބައިމީހުންނަށް ވުރެ ތިމަންކަލޭގެފާނު މާ އައުލާކަން ބޮޑު]ކަމަށެވެ. އެއަށް ފަހު އެކަލޭގެފާނު އެ ދުވަހު ރޯދަ ހިއްޕެވުމަށް މުސްލިމުންނަށް އަމުރުކުރެއްވިއެވެ. އިސްލާމްދީނުގައި ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރެއްވުމާ ހަމައަށް ޢާޝޫރާ ދުވަހުގެ ރޯދައަކީ ކޮންމެހެން ހިފާންޖެހޭ ރޯދައެއްގެ ގޮތުގައި އޮތެވެ. ފަހުން އެއީ ސުންނަތް ރޯދައެއްގެ ގޮތުގައި ހަމަޖެހުނެވެ.

އިބްނު ޢައްބާސް  ވިދާޅުވާ ގޮތުގައި ރަސޫލާ  މަދީނާއަށް ވަޑައިގަތް އިރު، އޭރު މަދީނާގައި އުޅުނު ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފަމުން ގެންދާތީ އެބައިމީހުން އެ ދުވަހު ރޯދަހިފަނީ ކީއްވެގެންތޯ ރަސޫލާ ސުވާލުކުރެއްވުމުން ދެންނެވިއެވެ. (هذا يَوْمٌ صالِحٌ؛ هذا يَوْمٌ نَجّى اللَّهُ بَنِي إسْرائِيلَ مِن عَدُوِّهِمْ،  فَصامَهُ مُوسى. قالَ: فأنا أحَقُّ بمُوسى مِنكُمْ، فَصامَهُ، وأَمَرَ بصِيامِهِ  (މިއީ ޞާލިޙު ދުވަހެކެވެ. މިއަދަކީ ބަނީ އިސްރާއީލު ބާގައިގެ މީހުން އެމީހުންގެ ޢަދުއްވުގެ ކިބައިން  ސަލާމަތްކޮށް  ދެއްވި ދުވަހެވެ. ފަހެ، މި ކަމަށް ޓަކައި މޫސާގެފާނު ރޯދަފުޅުހިއްޕެވިއެވެ.  އެ ހިނދު ރަސޫލުالله صلّي الله عليه وسلّم ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންނަށް ވުރެ އެ ކަން ކުރުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ. މިހެން ޙަދީސް ކުރައްވައި އެކަލޭގެފާނު ރޯދަފުޅުހިއްޕަވައި މީސްތަކުންނަށް ރޯދަހިފުމަށް އަމުރު ކުރެއްވިއެވެ.)

އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި ޢާޝޫރާ ދުވަހަކީ ޖާހިލީ ޒަމާނުގައި ޤުރައިޝުން ވެސް ރޯދަހިފަމުން އައި ދުވަހެކެވެ. ރަސޫލާ صلّي الله عليه وسلّم ވެސް އެ ދުވަހު ރޯދަފުޅުހިއްޕެވިއެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމަށް ފަހު ވެސް އެ ދުވަހު ރޯދަފުޅުހިއްޕެވިއެވެ. އަދި އެ ދުވަހު ރޯދަހިފާން މީސްތަކުންނަށް އަމުރުކުރެއްވިއެވެ. ރަމަޟާންމަހު ރޯދަހިފުން ފަރުޟުކުރެއްވުމުން ޢާޝޫރާދުވަހު ރޯދަފުޅުހިއްޕެވުން ހުއްޓަވައިލެއްވިއެވެ. އަދި  ޙަދީސްކުރެއްވިއެވެ. މި ދުވަހު ބޭނުން މީހަކު ރޯދަހިފާށެވެ.

އާދޭހެވެ! ޢާޝޫރާ ދުވަހުގައި ރޯދަ ހިފުން ރަސޫލު اللهގެފާނު ވަނީ ސުންނަތެއްކަމުގައި ލައްވަވައިފައެވެ. މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ދެއްވިކަމަށް ޓަކައި ޝުކުވެރިވުމުގެ ގޮތުންނެވެ.

ޢާޝޫރާ ދުވަހަކީ އުފަލާއި ހިތާމައިގެ އެތައް ހާދިސާތަކެއް އެ  ދުވަހާ ގުޅިފައިވާ މުހިންމު ދުވަހެކެވެ. ނަމަވެސް ފާހަގަކޮށްލާން ޖެހޭ ކަމަކީ، ޢާޝޫރާ ދުވަހު ރޯދަހިފުން ނޫން އެހެން އަޅުކަމެއް އެ ދުވަހަށް ޝަރުޢުކުރެވިފައިނުވާކަމެވެ. އެ ދުވަހަށް ޚާއްޞަވެފައިވާ އަޅުކަމަކީ ހަމައެކަނި ރޯދައެވެ. އެހެންކަމުން އަޅުކަމެއްގެ ގޮތުގައި އެއްވެސް އެހެންކަމެއް އެ ދުވަހަށް ޚާއްޞަކޮށްފި ނަމަ، އެ ވާނީ ރައްދުކުރެވިގެންނެވެ.

އެހެންނަމަވެސް އެ ދުވަހުގެ ޙާދިސާތަކުން ޢިބުރަތް ލިބިގަނެ އިނބަގެ ނަފުސަށް މަޑުމައިތިރިކަން ގެނައުމަށް ޓަކައި އެ ދުވަހާ ގުޅިފައިވާ ވާޤިޢާތައް ކިޔުމަކީ އެންމެ ރަނގަޅު ކަމެކެވެ. އަދި އެ ދުވަހު ރޯދަވީއްލާން އެ މީހަކަށް އެންމެ މީރު އެއްޗެއް ވެސް ހެދިދާނެއެވެ. އަދި ރޯދަވީއްލާން ނުވަތަ ރޭގަނޑުގެ ކެއުމަށް ޢާއިލާއަށާއި ރަޙުމަތްތެރީންނަށް ދަޢުވަތުވެސްދެވިދާނެއެވެ. ނަމަވެސް އެއީ ދީނީ ކަންކަމެއް ނޫނެވެ. ޝަރުޢުކުރެވިފައިވާ އަޅުކަމެއް ނޫނެވެ. މި ފަދަ ކަންކަން ވާނީ އިޖުތިމާޢީ ކަންކަމަށެވެ. ދުނިޔެވީ ކަންކަމަށެވެ. މި ކަން ހަނދުމަފުޅުގައި ބަހައްޓަވާށެވެ!

އިމާމް ޙުސައިން ބިން ޢަލީ رضي الله عنه އަކީ ކީރިތި ރަސޫލާ ގެ ދަރިކަލުން ފާޠިމަތުގެފާނާއި، ޢަލީގެފާނުގެ ހަގު ދަރިކަލުންނެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ބޭބޭފުޅު އިމާމް ޙަސަން رضي الله عنه އަށް ނިސްބަތްކުރައްވައި ރަސޫލުالله صلّي الله عليه وسلّم ޙަދީސްކުރައްވާފައިވަނީ އެ ދެބޭކަލުންނަކީ "ސުވަރުގޭގެ ޒުވާނުންގެ ސާހިބުން"ކަމުގައެވެ.

އިމާމް ޙުސައިން رضي الله عنه ބޮޑުފުޅުވީ ނަބަވީ ތަރުބިއްޔަތުގެ ހިޔަލުގައެވެ. އެކަލޭގެފާނަކީ އަޅުވެރި، ދީލަތި، އަދި ހައްގުބަސް ވިދާޅުވުމުގައި ޖެހިލުންވެވަޑައިނުގަންނަވާ ބޭފުޅެކެވެ. މުޢާވިޔަތުގެފާނުގެ ބަޣާވާތަށްފަހު، ޔަޒީދު ބިން މުޢާވިޔަތު ވެރިކަމަށް އިސްވުމުން، އިސްލާމީ އުންމަތުގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، އަދުލުވެރިކަން ގެއްލިގެންދާން ފެށިއެވެ. މި ހާލަތުގައި ޔަޒީދަށް ބައިޢަތުހިއްޕެވުމަކީ އިސްލާމީ އުސޫލުތަކާ ޚިލާފު ކަމެއްކަމަށް ދެކެވަޑައިގެން، އިމާމް ޙުސައިން رضي الله عنه އެކަމާ ދެކޮޅު ހެއްދެވިއެވެ.

ކަރުބަލާގެ ބިރުވެރި ހާދިސާ

ޢިރާގުގެ ކޫފާގެ ރައްޔިތުން އިމާމް ޙުސައިން رضي الله عنه އަށް ސިޓީތައް ފޮނުވައި، ޔަޒީދުގެ އަނިޔާވެރިކަމުން އެ މީހުން ސަލާމަތްކޮށްދިނުމަށް އެދުނެވެ. އެހެންކަމުން، ދީނުގެ ހައްގުގައި އަދި އުންމަތުގެ އިސްލާހަށް ޓަކައި އެކަލޭގެފާނު އެކަލޭގެފާނުގެ އަހުލުބައިތުންނާއި މަދު އަސްޙާބުންކޮޅަކާ އެކު ކޫފާއަށް ދަތުރުފުޅުކުރެއްވިއެވެ.

ނަމަވެސް، ޔަޒީދުގެ ގަވަރުނަރު ޢުބައިދުﷲ ބިން ޒިޔާދު، ކޫފާގެ ރައްޔިތުން ބިރުގަންނަވައި، އިމާމު ޙުސައިން رضي الله عنه އާ ދެކޮޅަށް ތެދުވާން މަޖުބޫރުކުރުވިއެވެ. ބައެއް ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުން ކަރުބަލާގެ ސިޓީތަކަކީ ޔަޒީދުގެ މަކަރުވެރިކަމުގެ ސިޓީތަކެކެވެ.

ހިޖުރައިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ކުރީކޮޅުގައި، އިމާމު ޙުސައިން رضي الله عنه ގެ ގާފިލާ ކަރުބަލާގެ ހަނަފަސް މައިދާނެއްގައި ހިފެހެއްޓުނެވެ.

ޔަޒީދުގެ ލަޝްކަރުން އިމާމު ޙުސައިން رضي الله عنه ގެ ގާފިލާއަށް ފެން ލިބޭނެ މަގުތައް ބަންދުކުރިއެވެ. ކުޑަކުދީންނާއި އަންހެން ބޭފުޅުން ތިއްބެވި އެ ގާފިލާފެންފޮދެއް ލިބުނަނުދީ ތިން ދުވަސްވާންދެން ހިފެހެއްޓިއެވެ. މުޙައްރަމް މަހުގެ 10 ވަނަ ދުވަހު (ޢާޝޫރާ ދުވަހު)، އިމާމު ޙުސައިން رضي الله عنه ގެ 72 މީހުންގެ ކުޑަކުޑަ ޖަމާޢަތާ ޔަޒީދު ފޮނުވި އިބްނު ސަޢުދުގެ ބިޔަ ލަޝްކަރާ ދެމެދު ހަނގުރާމަކުރިއެވެ. ޔަޒީދުގެ ލަޝްކަރުގައި އެތައް ހާސް ހަނގުރާމަވެރީންނެއް ތިއްބެވެ.

މި ނާމާން ހަނގުރާމާގައި އިމާމް ޙުސައިންގެ އަހުލުބައިތުން، ކޮއްކޯފުޅުންނާއި، ދަރިކަލުން، އެކަލޭގެފާނުގެ ކުރިމަތިފުޅުގައި ޝަހީދުވިއެވެ. އެންމެ ފަހުން، އެކަލޭގެފާނު ގިނިކަންޏާވެވަޑައިގަތުމުން ވެސް ކަނޑި ހިއްޕަވައިގެން ސާބިތުކަމާއެކު ހަނގުރާމަކުރެއްވިއެވެ. އަދި އަނިޔާވެރި ގޮތަކަށް އެކަލޭގެފާނު ޝަހީދުކޮށްލެވުނެވެ. އެކަލޭގެފާނުގެ އިސްފުޅު ހަށިކޮޅުން ވަކިކޮށްލެވުނު ހިނދަކީ އިސްލާމީ ތާރީޚު ދުށް އެންމެ ކަޅު އަދި ހިތާމަވެރި އެއް ވަގުތެވެ.

މި ލަޝްކަރުން، ހަމައެކަނި އިމާމު ޙުސައިން رضي الله عنه ޝަހީދުކޮށްލީކީ ނޫނެވެ. އެއަށް ވުރެ، އެ މީހުންގެ އަނިޔާވެރިކަން މާބޮޑެވެ. ރިވާޔަތްތަކުގައިވާ ގޮތުން، ކަރުބަލާގެ ދުވަހު، އިމާމް ޙުސައިން رضي الله عنه ގެ ޠާހިރު ހަށިކޮޅު ޗިސްޗިސްކޮށްލެވުނެވެ. އެކަލޭގެފާނުގެ ހަށިކޮޅު މަތީގައި އެތައް ބައިވަރު އަސްތކެއް ދުއްވީއެވެ. އެއީ ބަރު ފައިތަކެއް ލިބިފައިވާ ޚާއްޞަ ޢަރަބި އަސްތަކެއްކަމަށް ބުނެވެއެވެ. އެ ވައްތަރުގެ އަސްތައް އެހެން އަސްތަކާ ތަފާތުވެފައި، އެހެން އަސްތަކަށް ވުރެ މާ މޮޅުކަމަށްވެއެވެ.

ކަރުބަލާގެ ހިތާމަވެރި ހާދިސާއަކީ ހަމައެކަނި ހިތާމަވެރި ވާޤިޢާއެއް ނޫނެވެ. އެއީ ދިރިތިބީންނަށް ލިބިފައިވާ ޢިބުރަތުން ފުރިގެންވާ ފިލާވަޅުތަކެކެވެ.

އިމާމް ޙުސައިން ދަސްކޮށްދެއްވީ ދުނިޔެމަތީގައި ކިތަންމެ ބޮޑު ނިކަމެތިކަމެއް ދިމާވިނަމަވެސް، ބާތިލުގެ ކުރިމަތީގައި އިސްތަށިފުޅު ގުދުކޮށްނުލައްވާށެވެ. ޙައްޤަށް ނޫނީ ނަސްރުދެއްވުމެއް ނެތްކަމެވެ.

އިސްލާމްދީނުގެ އަސްލުތައް ހިމާޔަތްކުރެއްވުމަށް ޓަކައި އަމިއްލަފުޅު ފުރާނަފުޅާއި އަހުލުބައިތުން ގުރުބާންކުރައްވާން ޖެހިވަޑައިގަތުމުން ވެސް އެކަލޭގެފާނު ފަސްޖެހިވަޑައެއް ނުގަންނަވައެވެ. ކޮން ފަދަ މަތިވެރި ޤުރުބާނީއެއްތޯއެވެ!

ކަރުބަލާގެ މައިދާނުގައި ފަރީއްކޮޅާއި ފެންފޮދުން މަޙުރޫމުކުރެވިފައިވާ އިރު ވެސް އަދި އެ ކަލޭގެފާނުގެ ލޯފުޅުގެ ކުރިމަތީގައި އެ ކަލޭގެފާނުގެ އަހުލުވެރީން ލޯފުޅުގެ ކުރިމަތީގައި ޝަހީދުވަމުންދިޔަ އިރު ވެސް އެ ބޭފުޅުން ދެއްކެވި ކެތްތެރިކަމަކީ މިއަދުގެ މުސްލިމުންނަށް ހުރި ނަމޫނާއެކެވެ.

އާދޭހެވެ! ޢާޝޫރާ ދުވަހަކީ މުސްލިމުންނަށް ދެގޮތަކުން މުހިންމު ދުވަހެކެވެ. އެއީ މޫސާގެފާނަށް الله ނަސްރުދެއްވައި މުސްލިމުން ނަޖާކުރައްވައި ކާމިޔާބުދެއްވި ދުވަހެވެ. ފިރުޢައުނާއި މުޝްރިކުން ނިކމެތިކުރެއްވި ދުވަހެވެ. އުފާވެރކަމުގެ ޝުޢޫރުތައް ފާޅުކޮށް ޝުކުރުވެރިވުމުގެ ދުވަހެވެ. ހަމައެހެންމެ، އެއީ ރަސޫލާ صلّي الله عليه وسلّم ގެ ލޮބުވެތި ކާފަދަރިކަލުން އިމާމް ޙުސައިން رضي الله عنه ހައްގުގެ މަގުގައި ޝަހީދުވި ހިތާމަވެރި ދުވަހެވެ.

މި ދުވަހުގެ ރޯދަ ހިފާ އިރު، އަޅުގަނޑުމެންގެ ހިތްތަކުގައި ޝަހީދުންގެ ސާހިބާގެ ގުރުބާނީގެ ހަނދާންތައް އާކުރުމަކީ މުހިންމު ކަމެކެވެ. އަދި އެކަލޭގެފާނު ދެއްކެވި ސާބިތުކަމާއި ކެތްތެރިކަމާއި އަދުލުވެރިކަމުގެ މަގުން އަޅުގަނޑުމެން ވެސް ހިނގާން އަޒުމުކަނޑައެޅުމަކީ މުހިންމު ކަމެކެވެ. އިސްލާމް ދީނުގައި އަޅުކަމެއްގެ ގޮތުގައި ޝަރުޢުކުރެވިފައި ނުވާ އެއްވެސް ކަމެއް އަޅުކަމެއްގެ ގޮތުގައި ކުރުމަކީ ހުއްދަވެގެންވާނެކަމެއް ނޫންކަން ވެސް އަޅުގަނޑުމެން ހަނދާންކުރާންޖެހޭނެއެވެ.

ކޮމެންޓު