ad_banner
ކީރިތި ރަސޫލާގެ ހިޖުރައާއި ހިޖުރީ އާ އަހަރުގެ ފެށުން: ޢިބުރަތާއި ތައުބާވުމާއި ޢަހުދު އާކުރުން (1)

ޑރ. މޫސާ އަންވަރު ޙަސަން

25 ޖޫން 2026

އަހަރުތައް ބަދަލުވެ، ދުވަސްތައް ފާއިތުވެދިއުމަކީ ބުއްދީގެ އަހުލުވެރީންނަށް ހުރި މަތިވެރި ޢިބުރަތެކެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރީން މާތް ﷲގެ ޙަޟުރަތަށް ރުޖޫޢަވާން އެދޭ މީހަކަށް ހުރި ހަނދާންކޮށްދިނުމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ﴾ (سورة المؤمنون 115)  މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރު ގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرة އަށް رجوع ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީހެއްޔެވެ؟" އިންސާނާގެ ޢުމުރަކީ ކުޅިވަރާއި މަޖަލުގައި ހޭދަކޮށްލާން އޮތް އެއްޗެއް ނޫނެވެ. އަދި މި ދުނިޔެއަކީ އަބަދަށް ދެމިއޮންނާނެ، އެއަށް ހިތްޖައްސާންވީ ތަނެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި މިއީ އާޚިރަތަށް ޓަކައި ގޮވާންކުރާ ދަނޑެވެ. އަދި މަސައްކަތާއި އިމްތިޙާނުގެ ގޮވައްޗެވެ. ތިމާގެ ޢުމުރުގެ އަގު ވަޒަންކުރާން ދަންނަ މީހަކު އެ ޢުމުރު ބޭކާރުކޮށެއްނުލާނެއެވެ. އަދި ތިމާ އެނބުރިދާން އޮތީ މާތް ﷲގެ ހަޟުރަތަށްކަން ދަންނަ މީހާ، ތައުބާވުމާއި ހެޔޮ ޢަމަލުތަކުން އެކަލާނގެއާ ބައްދަލުކުރާން ތައްޔާރުވާނެއެވެ.

ދުނިޔެއަކީ ފާލަމެކެވެ. އެހެންކަމުން އެ ފާލަން ހުރަސްކޮށް (އާޚިރަތަށް) ދަތުރުކުރާށެވެ. އެ ތަނަކީ އަބަދަށް ދެމިއޮންނާނެ ތަނެއްކަމުގައި ބަލައިގެން އެ ތަން ބިނާކުރުމުގައި މަޝްޣޫލުނުވާށެވެ. ޝަރުޢީ ހަމަތަކާ ޚިލާފަށް، ނުބައި ގޮތުގައި ދުނިޔޭގެ ފަހަތުން ދުވުމާއި، ނަފުސުގެ އެދުންތަކަށް ތަބާވުމާއި، މަރު ހަނދާންނައްތައިލުމަކީ ދީނުގައި ނަހީކުރައްވައިފައިވާ މޫސުމީ ކަންކަމެވެ. އޭގެ ބަދަލުގައި ދީން ބާރުއަޅަނީ އާޚިރަތް ހޯދުމަށާއި އެ ކަމަށް ޓަކައި ހެޔޮ ޢަމަލުކުރުމަށެވެ. ﴿مَن كَانَ يُرِيدُ ثَوَابَ الدُّنيَا فَعِندَ اللهِ ثَوَابُ الدُّنيَا وَالآخِرَةِ﴾ (سورة النساء 134)  މާނައީ:"ދުނިޔޭގެ ثواب އެދޭކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ދުނިޔެއާއި آخرةގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ." މި ކަން މި ގޮތަށް އޮތީ، ދުނިޔެއަކީ ހުރަސްކޮށްލާންޖެހޭ ވަގުތީ މަންޒިލަކަށްވެފައި، އާޚިރަތަކީ ދާއިމީ ހިމޭންކަމާއި އަބަދަށް ދެމިއޮންނަނިވި މަންޒިލް ކަމުގައިވާތީއެވެ."

عِيسَى عَلَيهِ الصَّلَاةُ وَالسَّلَامُ  އެކަލޭގެފާނުގެ ޙަވާރީންނަށް ވިދާޅުވިއެވެ. «الدُّنيَا قَنطَرَةٌ فَاعبُرُوهَا وَلَا تَعمُرُوهَا».  މާނައީ: "ދުނިޔެއަކީ (އާޚިރަތަށް ދިއުމަށް އޮތް) ފާލަމެކެވެ. އެ ފާލަން ހުރަސްކުރާށެވެ. އެތަނުގައި (ދާއިމީކޮށް އުޅެން) ޢިމާރާތް ނުކުރާށެވެ." މިއީ ދުނިޔޭގެ ޙަޤީޤަތް ވަރަށް ފުރިހަމައަށް ސިފަކޮށްދެއްވައިފައިވާ ބަސްފުޅެކެވެ. ދުނިޔެއަކީ މީހަކު ހުރަސްކޮށްފައިދާ ފާލަމެއް ފަދަ ތަނެކެވެ. އެއީ ދާއިމީކޮށް ދިރިއުޅެން ހަދާ ގެއެއް ނޫނެވެ. ބުއްދިވެރިޔަކީ މާތް ﷲގެ ރުހިވޮޑިގަތުމާ ހަމައަށް ދިއުމަށްޓަކައި ދުނިޔެއަކީ ހުރަސްކުރަންޖެހޭ މަގެއްކަމުގައި ދެކޭ މީހާއެވެ. އަދި ދުނިޔޭގެ އެދުންތަކަކީ އޭނާގެ ހިތާއި އަމަލުތައް ކޮންޓްރޯލްކުރާ މަޤްޞަދެއް ކަމުގައި ނުހަދާ މީހާއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم އިބުނު ޢުމަރު (رضى الله عنهما) އަށް ވަޞިއްޔަތްކުރައްވައި ޙަދީޘްކުރެއްވިއެވެ. «كُن فِي الدُّنيَا كَأَنَّكَ غَرِيبٌ أَو عَابِرُ سَبِيلٍ» މާނައީ: "ދުނިޔޭގައި އުޅޭ އިރު، ބޭރު ރަށަކުން އައިސް އުޅޭ މީހަކު ފަދައިން ނުވަތަ މަގު ހުރަސްކުރާ ދަތުރުވެރިއަކު ފަދައިން އުޅޭށެވެ." އަދި އިބުނު ޢުމަރު (رضى الله عنهما) ވިދާޅުވާ ކަމަށްވެއެވެ. «إِذَا أَمسَيتَ فَلَا تَنتَظِرِ الصَّبَاحَ، وَإِذَا أَصبَحتَ فَلَا تَنتَظِرِ المَسَاءَ، وَخُذ مِن صِحَّتِكَ لِمَرَضِكَ، وَمِن حَيَاتِكَ لِمَوتِكَ» (رَوَاهُ البُخَارِيُّ) މާނައީ: "ތިބާއަށް އިރުއޮއްސޭ ވަގުތު ޖެހިއްޖެ ނަމަ، ހެނދުނު ވަންދެން މަޑުނުކުރާށެވެ. އަދި ހެނދުނުވެއްޖެ ނަމަ، ހަވީރު ވަންދެން މަޑުނުކުރާށެވެ. ބަލިވުމުގެ ކުރީން ތިބާގެ ޞިއްޙަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. އަދި މަރުވުމުގެ ކުރީން ތިބާގެ ދިރިއުޅުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ."  މީގެ މާނައަކީ، ދުނިޔޭގެ ޙަޔާތާ މެދު މީހާ ކުރާ އުންމީދުތައް މަދުކުރުމެވެ. ތައުބާވުން ލަސްނުކުރުމާއި، ހެޔޮ އަމަލުތައް ކުރުން ފަސްނުކުރުމެވެ. ތިމާއަށް ލިބިފައިވާ ޞިއްޙަތާއި ހުސްވަގުތުގެ ސަބަބުން ބޮޑާވެ ހެއްލުމެއްގެ ތެރެއަށް ނުވެއްޓުމެވެ. އޭގެ ބަދަލުގައި، ބަލިވުމުގެ ކުރީން ޞިއްޙަތުގެ ފައިދާ ލިބިގަންނާން ޖެހެއެވެ. މަޝްޣޫލުވުމުގެ ކުރީން ހުސްވަގުތުގެ ބޭނުން ހިފާންޖެހެއެވެ. އަދި މަރުވުމުގެ ކުރީން ދިރިހުރި ވަގުތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާންޖެހެއެވެ. ޒުވާންކަމުގެ ފައިދާ މުސްކުޅިވުމުގެ ކުރީން ލިބިގަންނާން ޖެހެއެވެ. މި މާނައިގައި ބުނެވިފައިވެއެވެ. «اعمَل لِدُنيَاكَ كَأَنَّكَ تَعِيشُ أَبَدًا، وَاعمَل لِآخِرَتِكَ كَأَنَّكَ تَمُوتُ غَدًا» މާނައީ: "ތިބާ އަބަދަށް ދިރިހުންނާނެ މީހަކު ފަދައިން ދުނިޔެއަށް ޓަކައި މަސައްކަތްކުރާށެވެ. އަދި މާދަމާ މަރުވާނެ މީހަކު ފަދައިން އާޚިރަތަށް ޓަކައި މަސައްކަތްކުރާށެވެ."

އުމުރަކީ އަޅާގެ ރައުސްމާލެވެ!

الحَافِظُ أَبُو الفَرَجِ ابنُ الجَوزِيِّ  ވިދާޅުވެފައިވެއެވެ. «يَا عَجَبًا كَيفَ أَنِسَ بِالدُّنيَا مُفَارِقُهَا، وَأَمِنَ النَّارَ وَارِدُهَا، كَيفَ يَغفَلُ مَن لَا يُغفَلُ عَنهُ، كَيفَ يَفرَحُ بِالدُّنيَا مَن يَومُهُ يَهدِمُ شَهرَهُ، وَشَهرُهُ يَهدِمُ سَنَتَهُ، وَسَنَتُهُ تَهدِمُ عُمرَهُ، كَيفَ يَلهُو مَن يَقُودُهُ عُمرُهُ إِلَى أَجَلِهِ، وَحَيَاتُهُ إِلَى مَوتِهِ» މާނައީ: "އަޖައިބެކެވެ! ދުނިޔެއާ ވަކިވާންޖެހޭ މީހަކު، މި ދުނިޔެއަށް ހިތްޖެހި އުފަލުގައި އުޅެނީ ކިހިނެއްހެއްޔެވެ؟ އަދި ނަރަކައަށް ވަންނާންޖެހޭ މީހަކު (އެ ކަމުން ސަލާމަތްވުމުގެ އަމަލެއް ނެތި) އަމާންކަން އިހުސާސްކުރަނީ ކިހިނެއް ހެއްޔެވެ؟ އެ މީހަކާ މެދު ޣާފިލުވެވުމެއް ނެތް ފަރާތެއް (ﷲ)ވާ އިރު، އޭނާ ޣާފިލުވެގެން އެއުޅެނީ ކިހިނެއްހެއްޔެވެ؟ އެ މީހެއްގެ ދުވަސްތައް ފާއިތުވެދިއުމުން މަސްތައް ބޭކާރުވެ، މަސްތައް ފާއިތުވުމުން އަހަރުތައް ނިމި، އަދި އަހަރުތައް ފާއިތުވުމުން މުޅި ޢުމުރު ފަނާވެދާ އިރު، އެ ފަދަ މީހަކު ދުނިޔޭގެ އުފަލުގައި މަޝްޣޫލުވަނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ޢުމުރު އޭނާގެ އަޖަލާ ދިމާއަށް ގެންދާ އިރު، އަދި އޭނާގެ ދިރިއުޅުން މަރާ ދިމާއަށް މިސްރާބު ޖަހައިފައިވާ އިރު، ކުޅިވަރާއި މަޖަލުގައި އޭނާ ވަގުތުތައް ބޭކާރުކުރަނީ ކިހިނެއްހެއްޔެވެ؟"

ލުޤުމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްތެރިވަމުން ވިދާޅުވިއެވެ. «يَا بُنَيَّ، لِكُلِّ إِنسَانٍ بَيتَانِ: بَيتٌ شَاهِدٌ وَبَيتٌ غَائِبٌ، فَلَا يُلهِيَنَّكَ بَيتُكَ الحَاضِرُ الَّذِي فِيهِ عُمرُكَ قَلِيلٌ، عَن بَيتِكَ الغَائِبِ الَّذِي عُمرُكَ فِيهِ طَوِيلٌ» މާނައީ: "އޭ ދަރިފުޅާއެވެ! ކޮންމެ އިންސާނަކަށްވެސް ދެ ގެއެއްވެއެވެ. އެއީ މިހާރު ފެންނަން ހުރި ގެއަކާއި (ދުނިޔެ)، ފެންނަން ނެތް ޣައިބުގައިވާ ގެއެކެވެ. ފަހެ، ދަރިފުޅުގެ ޢުމުރުން މަދު ދުވަސްކޮޅެއް ހޭދަކުރަންޖެހޭ މިހާރު މި ފެންނަ ގޭގެ ކަންކަމުގައި މަޝްޣޫލުވެ، ދަރިފުޅުގެ ޢުމުރު ދިގުދެމިގެންދާނޭ ފެންނާން ނެތް ގެއާ މެދު ޣާފިލުނުވާށެވެ." ދުނިޔެ މަތީގެ ގެއަކީ ކިތަންމެ ދިގުލައިދިޔަސް ކުރު އެއްޗެކެވެ. އަދި އާޚިރަތުގެ ގެއަކީ ދުވަހަކު ވެސް މެދުކެނޑުމެއް ނެތް، ދާއިމަށް ދެމިގެންވާ ތަނެކެވެ. ބުއްދިވެރިއަކީ، ﷲ އަށް ކިޔަމަންތެރިވުމުގެ ތެރެއިން ދާއިމީ ހިޔާވަހިކަން (އާޚިރަތް) އާބާދުކޮށް، ފަނާވެދަނިވި ދުނިޔޭގެ ސަބަބުން ދާއިމީ ގޮވައްޗާ މެދު ޣާފިލުނުވާ މީހާއެވެ.

ޢުމުރުގެ އަގު ވަޒަންކުރާން އެނގޭ މީހަކު، އެ ޢުމުރު ބޭކާރު ގޮތުގައި ދޫކޮށެއްނުލާނެއެވެ. އަދި އޭނާގެ ނޭވާތަކަކީ ގުނިކަނޑައެޅިފައިވާ އެއްޗެއްކަން ދަންނަ މީހަކު، އޭނާގެ ވަގުތުތައް ފަރުވާކުޑަކަމާއި އުރެދުންތަކުގައި ނަގައެއްނުލާނެއެވެ. ޒުވާނުން އެބައިމީހުންގެ އަތުގައިވާ އެންމެ އަގުބޮޑު ރައުސްމާލު (އުމުރު) ރައްކާތެރިކުރުމަށް ސަމާލުވާންޖެހެއެވެ. މެދުއުމުރުގެ މީހުން ކުޅަދާނަވީ މިންވަރަކުން ހޭލުންތެރިވާންޖެހެއެވެ. އަދި އުމުރުން ދުވަސްވީ މީހުން، އިސްވެދިޔަ މީހުންނާ ބައްދަލުކުރުމަށް ޓަކައި (އާޚިރަތަށްޓަކައި) ޒާދު ތައްޔާރުކުރަންޖެހެއެވެ. އަދި މުސްކުޅިބަލީގައިވާ މީހާ، ކޮންމެ ވަގުތަކު ވެސް އޭނާގެ ފުރާނަ ހިއްޕަވައިފާނެކަމަށް ބަލައި ތައްޔާރުވާންޖެހެއެވެ. އުމުރުން ފާއިތުވެދާ އެއްވެސް އެއްޗަކީ އަނބުރައި ލިބޭނެ އެއްޗެއް ނޫންކަން ކޮންމެ މީހަކު ވެސް ދަންނާންޖެހެއެވެ. ފާއިތުވާ ކޮންމެ ދުވަހަކީ އަނބުރައި އަންނާނެ ދުވަހެއް ނޫނެވެ. އަދި ގެއްލިދާ ކޮންމެ ވަގުތަކީ، ތެދުވެރި ތައުބާއަކުންނާއި ހެޔޮ އަމަލަކުން މެނުވީ އަލުން ހޯދޭނެ އެއްޗެއް ނޫނެވެ.

އަހަރު ނިމި އާ އަހަރަކާ ބައްދަލުކުރާ ދުވަސްވަރު!

އަހަރެއް ނިމި، އާ އަހަރަކާ ބައްދަލުކުރާ އިރު، މުސްލިމާގެ މައްޗަށް އޮތީ އޭނާގެ ތައުބާ އާކުރުމެވެ. އަދި ފާއިތުވި ކަންކަމާ މެދު އަމިއްލަ ނަފުސު ހިސާބުކުރުމެވެ. މީގެ އިތުރުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވެ ހުރުމަށާއި، އެކަލާނގެ ޙަރާމްކުރެއްވި ބަސްތަކާއި އަމަލުތަކުން ދުރުހެލިވުމަށް ޢަޒުމު ކަނޑައަޅާންޖެހެއެވެ. ޙަޤީޤަތުގައި ޢުމުރަކީ އަހަރުތަކާއި، މަސްތަކާއި، ދުވަސްތަކާއި ވަގުތުތަކެވެ. ތެދުވެރި މުއުމިނަކީ، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އޭނާގެ ހެޔޮކަމާއި، ޞާލިޙުކަމާއި ތަޤުވާވެރިކަން އިތުރުވަމުންދާ މީހާއެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، ތިމާގެ ޢުމުރު ބޭކާރު ގޮތުގައި ހޭދަވެގެން ހިނގައިދާނެ ކަމަށްޓަކައި ނުހަނު ބޮޑަށް ސަމާލުވާންޖެހެއެވެ. އަދި ހަމައެހެންމެ، އެމީހެއްގެ ވެރި ރަސްކަލާނގެ ފުއްސެވުމާއި މަޣްފިރަތަށް އަވަސްވެގަންނާން ޖެހެއެވެ. މާތް الله ވަޙީކުރައްވައިފައިވެއެވެ. ﴿وَسَارِعُوا إِلَى مَغفِرَةٍ مِن رَبِّكُم وَجَنَّةٍ عَرضُهَا السَّمَاوَاتُ وَالأَرضُ أُعِدَّت لِلمُتَّقِينَ﴾ (سورة آل عمران 133)  މާނައީ: " އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވައިފައިވަނީ، تقوى ވެރީންނަށެވެ." ސަލަފުއްޞާލިޙުންގެ ބޭކަލަކު ވިދާޅުވެފައިވެއެވެ. «كُلُّ يَومٍ يَعِيشُ فِيهِ المُؤمِنُ غَنِيمَةٌ» މާނައީ: "މުއުމިނަކު ދިރިހުންނަ ކޮންމެ ދުވަހަކީވެސް އޭނާއަށް ލިބޭ ވަރަށް ބޮޑު ޣަނީމާއެކެވެ (ނުވަތަ ފުރުޞަތެކެވެ.)" ހަމަކަށަވަރުން، ޢަމަލުތައް ބިނާވެގެންވަނީ އެމީހެއްގެ ނިމުމުގެ މައްޗަށެވެ. ވީމާ، ޢުމުރުން ބާކީ އޮތް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަވަސްވެގަންނާށެވެ. އަދި މަރުގެ ވަގުތު އައިސް ޖެހުމުގެ ކުރީން އިޞްލާޙުވުމަށް އަވަސްވެގަންނާށެވެ. އެހެނީ، ޢުމުރުން ބާކީ އޮތް ދުވަސްތަކުގައި ޢަމަލުތައް އިޞްލާޙުކޮށްފި މީހަކަށް، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ނަމަވެސް، ބާކީ އޮތް ދުވަސްތަކުގައި ނުބައި ޢަމަލުތައް ކުރާ މީހާ، އޭނާގެ ކުރީގެ ޢަމަލުތަކާއި ފަހުގެ ޢަމަލުތަކަށް ވެސް ޒިންމާދާރު ކުރެވޭނެއެވެ. އެހެންކަމުން، މި ފެށުނު އައު އަހަރަކީ ތައުބާ އައުކުރާ، ވަރުގަދަ އަޒުމަކާ އެކު މާތް اللهގެ ހަޟުރަތަށް ރުޖޫޢަވާ އަހަރެއްކަމުގައި ހަދަމާ ހިނގާށެވެ! (ނުނިމޭ)

ކޮމެންޓު