އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
24 ޖޫން 2026
ލ. މާވަށަކީ އާބާދީގެ ގޮތުންނާއި އިގުތިސާދީ ގޮތުން ހައްދުންމަތީގައި ފާހަގަކޮށްލެވޭ މުހިންމު ރަށެކެވެ. ހައްދުންމަތީގެ [ވިންދު]ކަމަށް ބެލެވޭ މި ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 2300 މީހުންނެވެ. ރަށަށް ޒިޔާރްތަކުރާ މެހުމާނުންނަށް ހިތްހެޔޮކަމާ އެކު މަރުޙަބާ ކިޔާ ރަށެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ރަށުގައި ވެސް ސަރުކާރުގެ ފަރާތުން ވަރަށް ގިނަ މަޝްރޫޢުތަކެއް މިހާރު ގެންދަވަނީ ހިންގަވަމުންނެވެ. މިހާރު އެ ރަށުގައި ސަރުކާރުން ކުރިއަށްގެންދާ އަދި ދާދިފަހުން ފަށައިފައިވާ ތަރައްގީގެ މުހިންމު މަޝްރޫޢުތަކަށް ބަލައިލާ އިރު، މިއީ މާވަށުގެ ތާރީޚުގައި ވެސް އެއް ފަހަރާ އެންމެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ ދުވަސްވަރެވެ. މީގެ ކުރީން ދުވަހަކު ވެސް މިހައި ގިނަ މަޝްރޫޢުތަކެއް އެއް ފަހަރާ އެ ރަށުގައި ހިންގައިފައި ނުވާކަމަށް މާވަށު ކައުންސިލުން ވިދާޅުވެއެވެ.
ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތަށްފަހު، ރަށުގެ އުމްރާނީ އަދި އިޖުތިމާއީ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފެށިފައެވެ. މި ކަން އެ ރަށު ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކުގައެވެ. އެހެންކަމުން މިއަދު އަޅުގަނޑު ޚުލާޞާ ގޮތެއްގައި މި ބަލައިލަނީ މާވަށުގައި މިހާރު ފެށިގެން ކުރިއަށްދާ މަޝްރޫޢުތަކުގެ މައްޗަށެވެ.
1. ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ތަރއްގީކުރުން:
މާވަށް ކުރިމަތިލަމުންދާ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށްޓަކައި ބިން ހިއްކުމުގެ ބޮޑު މަޝްރޫޢެއް މިހާރު ގެންދަނީ ހިންގަވަމުންނެވެ. ސަރުކާރުން ވަނީ މި ރަށުން ޖުމްލަ 30 ހެކުޓަރުގެ ބިން ހިއްކުމަށް ނިންމަވައިފައެވެ. މިހާރު މި މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައިކަމަށް ޚަބަރު ލިބިފައި ވެއެވެ. މީގެ އިތުރަށް މާވަށަށް ދިމާވެފައިވާ ރަށުގެ ގިނަ ހިސާބުތަކެއް ގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވެސް އެމްޓީސީސީއާ ވަނީ ޙަވާލުކުރައްވައިފައެވެ. ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔްތަކުރުމާއި މި ދެ މަސައްކަތަކީ ވެސް އެމްޓީސީސީއިން ކުރިއަށް ގެންދަވާ ދެ މަސައްކަތެވެ. އެހެންކަމުން ބިންހިއްކުމުގެ މަސައްކަތް ނިމުމާއެކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެއެވެ. މި މަސައްކަތް ނިމޭ އިރު، ރަށުގެ މަދުވެގެން ހަތަރު ދިމާއެއްގައި ރައްޔިތުން މޫދަށް އެރުމަށް ޓަކައި ހެދިގޮނޑުދޮށްތައް ގާއިމުކުރެވޭނެއެވެ. ނަމަވެސް ގަލްފުގައި ހިނގަމުންދާ ހަލަބޮލިކަމުގެ ސަބަބުން މި ވަގުތު މި މަސައްކަތަށް މަޑުޖެހުމެއް އައިސްފައިވާކަން މާވަށު ރައްޔިތުން ފާހަގަކުރެއެވެ.
2. ޒަމާނީ ފެންވަރަށް މަގުތައް ހެދުން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 51 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފެށިފައެވެ.
އެނގިފައިވާ ގޮތުގައި މި މަޝްރޫޢޫގެ ދަށުން މާވަށުގެ ބޮޑެތި މަގުތަކުގެ ތެރެއިން މަދުވެގެން 1.8 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައިޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. އަދި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ޒަމާނީ ފެންހިންދާ ނިޒާމެއް (ޑުރެއިނޭޖު ސިސްޓަމެއް) ގާއިމުކުރުމުގެ އިތުރަށް މަގުބައްތި ހަރުނުކުރެވި ހުރި ސަރަހައްދުތަކުގައި މަގުބައްތި ހަރުކުރާނެއެވެ.
ފާހަގަކޮށްލާންޖެހޭ ކަމަކީ މާވަށު ކައުންސިލުގެ އަމިއްލަ ވިސްނުމާއި ފާރުގެ ދަށުން މިހާރު ވެސް މާވަށުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަނީ ވަގުތީ ޙައްލެއް ހޯދިފފައިކަމެވެ. އެއީ ރަށުގެ 11 ސަރަހައްދެއްގައި ކާނުތައް ހަދައިގެންނެވެ. ވީމާ ސަރުކާރުން މި ގާއިމުކުރާ ފެންހިންފާ ޒަމާނީ ނިޒާމާ އެކު، މާވަށުގައި ފެން ބޮޑުވުމުގެ މައްސަލަ ދާއިމީ ގޮތެއްގައި ޙައްލުވާނެއެވެ.
މި މަޝްރޫޢު ފެށިގެން ކުރިއަށް ދިޔަކަމުގައި ވިޔަސް، މަސައްކަތް ހިނގަނީ ވަރަށް ލަސް ދުވެއްޔެއްގައިކަމަށް މާވަށު ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ. މިހެން ދިމާވަނީ، އަތޮޅުގެ ދެތިން ރަށުގައި މި މަސައްކަތްކުރާ އިރު، ފަންނީ ލަފާދެއްވާން ހުންނަވަނީ އެންމެ [މާހިރެއް]ކަމަށްވާތީކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި މަސައްކަތް ކައިރި މުސްތަގުބަލެއްގައި ހަލުވިވެގެން އަންނާނެކަމަށް އުންމީދުކުރެވެއެވެ.
3. ބަނދަރު ތަރައްގީކުރުން:
މިހާރުވެސް މާވަށުގައި އެކަށީގެންވާ ހިތްގައިމު ބަނދަރެއް އެބަ އޮތެވެ. ނަމަވެސް މާވަށަކީ އާދާޔާ ޚިލާފަށް ލާންޗުފަހަރާއި ޑިންގީތައް ގިނަ ރަށަކަށްވާތީ ބަނދަރުގެ ވަރަށް ބޮޑު ސަރަހައްދެއްގެ ތޮށިގަނޑާ ކައިރި ސަރަހައްދު އޮންނަނީ ފުރިފައެވެ. މި ކަމުގެ ސަބަބުން ބޮޑެތި އުޅަނދުފަހަރު ގާތްކުރާން އުނދަގޫތަކެއް ކުރިމަތިވެއެވެ. މި ކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ޓަކައި ބަނދަރުގެ ބޭރުތޮށްޓާ ވެސް އުޅަނދު ފަހަރަށް ކައިރިކުރެވޭ ގޮތަށް ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫޢެއް ވަނީ ރޭވިފައެވެ. މި ކަމުގެ ތަދުބީރުގެ އެންމެ ފަހުގެ ނޫޗާޕު ރަނގަޅުކަމަށް މާވަށު ކައުންސިލުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގައިވަނީ ދަންނަވައިފައެވެ. މި މަޝްރޫޢަކީ ތަދުބީރުކުރެވިފައިވާ މަޝްރޫޢެއް ނަމަވެސް މިއީ އަދި ޢަމަލީ ގޮތުން ފެށިފައިވާ މަސައްކަތެއް ނޫނެވެ.
[ފަރަގު] މީޑިއާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަސައްކަތް ވެސް ޙަވާލުކުރައްވާންހަމަޖެހިފައިވަނީ ކުރީން ވެސް ބަނދަރުގެ މަސައްކަތްކުރި ކުންފުނި އެމްޓީސީސީއާއެވެ. މި މަސައްކަތް އަދި އެމްޓީސީސީއާ ޙަވާލުކުރެއްވިކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ސާފެއް ނޫނެވެ. މި ހައި ތަނަށް ޙަވާލުނުކުރެވި އޮތް ނަމަ، ވަރަށް އަވަހަށް ޙަވާލުކުރެވޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި މަސައްކަތް ނިމުމުން، މާވަށު ބަނދަރުގެ ވަށައިގެންވާ ހުރިހައި ސަރަހައްދަކަށް އުޅަނދުފަހަރު ކައިރިކުރެވޭނެއެވެ. އެހެންކަމުން އެކި ގިންތީގެ އެކި އުޅަނދުތަކަށް އެކި ސަރަހައްދު ކަނޑައެޅުމުން ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބޭނެއެވެ.
4. މާލީ އަދި އިގުތިސާދީ ފަސޭހަތައް
· ބީއެމްއެލް ބްރާންޗެއް ގާއިމުކުރުން: މާވަށުގައި މިހާރު ވެސް ނަފުސީ ގޮތުން ޚިދުމަތް ލިބޭ ގޮތަށް ވަނީ ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރުގެ މުޢާމަލާތުތަކަށް އޭޓީއެމް ބެހެއްޓިފައެވެ. މީގެ އިތުރަށް ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރީން މާލީ އެކިއެކި މުޢާމަލާތްތައްކުރުމަށް ޓަކައި މިހާރު ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ފުރިހަމަ ގޮތްޕެއް (ބުރާންޗެއް) ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ރަށުގައި ތިބެގެން ބޭންކުގެ ހުރިހައި ޚިދުމަތެއް ލިބޭނެ ފުރިހަމަ ވަސީލަތަކަށް ވާނެއެވެ.
· އައިސް ޕުލާންޓު: މާވަށަކީ ލ. އަތޮޅާއި މުޅި ސަރަހައްދުގައި ވެސް އެންމެ މަޑު އެންމެ އަމާން ބަބދަރު އޮންނަ ރަށެވެ. އެހެންކަމުން މާވަށުގައި އައިސް ޕުލާންޓެއް ގާއިމުވުމަކީ މާވަށުގެ އިތުރަށް ހައްދުންމައްޗާއި މުޅި ސަރަހައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ ވަސީލަތަކަށް ވާނެއެވެ. މި ކަމުގެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި މާވަށުގައި އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެކަމަށް [ފަރަގު] މީޑިއާއަށް މަޢުލޫމާތު ލިބިފައި ވެއެވެ.
5. ތަޢުލީމާއި ސަލާމަތީ ކަންކަން
· މާވަށު ސްކޫލުގެ އާ އިމާރާތް: މާވަށު ސުކޫލުގެ ކިޔަވައިދޭނެ ޖާގަ އިތުރުކޮށް، ވަސީލަތްތައް ތަރައްގީކުރުމަށް ޓަކައި ގިނަ ކުލާސްރޫމުތަކެއް ހިމެނޭ ގޮތަށް ސުކޫލުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
· ފުލުސް މަރުކަޒު (ޕޮލިސް އިސްޓޭޝަން): ރަށުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި ފުލުހުންގެ ޚިދުމަތް މާވަށުގައި ވެސް ގާއިމުކުރެވިފައި ވިޔަސް އެ ޚިދުމަތް ދެމުން ގެންދަވަނީ ކުއްޔަށް ހިފައިފައިވާ ކުޑަ ޢިމާރާތެއްގައެވެ. އެހެންކަމުން ފުލުހުންގެ އާ މަރުކަޒެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެ ފަދަ ފުރިހަމަ ބޮޑު މަރުކަޒެއް ބިނާކުރުމުގެ މަސައްކަ ތްވެސް ގެންދަވަނީ ކުރައްވަމުންނެވެ.
6. ޞިއްޙަތާއި ތިމާވެށި:
· މާވަށު ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުން: މާވަށުގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ވަނީ ރަސްމީކޮށް ކުންފުންޏަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އޮޕްޓިމާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ލެބޯޓްރީގެ ޚިދުމަތްތަކާއި، އިމަޖެންސީ ފަރުވާގެ ނިޒާމު މިހާރަށްވުރެ ހަރުދަނާވެގެންދާނެއެވެ.
· ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރުން: މާވަށު ޞިއްޙީ މަރުކަޒު ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާވަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މާވަށު ޞިއްޙީ މަރުކަޒަކީ ހޮސްޕިޓަލުން ލިބޭ ފެންވަރުގެ ޚިދުމަތް ލިބޭ ތަނަކަށް ކުރިމަގުގައި ވާނެކަމަށް މާވަށު ރައްޔިތުން އުންމީދުކުރެއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން، ރަށުގެ ރައްޔިތުން ބޭސްފަރުވާއަށް އެހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ރަށުން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.
· ކުނި މެނޭޖްކުރާ މަރުކަޒު: މަގޭ ސާފު ރާއްޖެ" ޝިއާރުގެ ދަށުން މާވަށުގައި ހުރި، ކުނިމެނޭޖުކުރާ މަރުކަޒު ޒަމާނީ ކުނި މެނޭޖްކުރާ މަރުކަޒަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. މިއީ ރަށުން އުފެދޭ ކުނި ތިމާވެއްޓަށް ގެއްލުން ނުވާނޭހެން ނައްތައިލުމަށް މަގުފަހިވާނެ މުހިންމު ފިޔަވަޅެކެވެ.
7. ކުޅިވަރާއި ހަށިހެޔޮކަން:
· ހަށިހެޔޮކަމުގެ މަރުކަޒު: މާވަށުގެ ޒުވާނުންނާއި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށާއި، ކަސްރަތަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް (ޖިމް) އެޅުމުގެ ޢަމަލީ މަސައްކަތް ވަނީ ފެށިފައެވެ. މި ސެންޓަރު އިމާރާތް ކުރެވެނީ ކަސްރަތު ކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ މެޝިނަރީޒްތަކާއި ވަސީލަތްތަކާއެކުގައެވެ.
· އެތެރެވެއްޓާއި ބޭރުވެށީގެ ޚިދުމަތް: ސަރުކާރުގެ އެހީތެރިކަމާ އެކު މާވަށު ކައުންސިލުން ގާއިމުކޮށްފައިވާ ބޭރުވެށި (އައުޓުޑޯ) ޖިމެއް މިހާރު ވެސް މާވަށުގައި ހުރެއެވެ. ނަމަވެސް އަލަށް މި ގާއިމުކުރެވޭ މަރުކަޒުގެ ސަބަބުން އެތެރެވެށީގެ ކަސްރަތުތަކަށް ވެސް ފުރުޞަތު ފަހިވާނެއެވެ. މި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު، ރައްކާތެރި މާހައުލެއްގައި އެތެރެވެށީގެ ކަސްރަތުތައްކުރުމުގެ ފުރުސަތު ލިބޭނެއެވެ.
· ކުޅިވަރުގެ ބިނާރު: ކަސްރަތު މަރުކަޒުގެ އިތުރަށް ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އާ ވޮލީކޯޓެއް އެޅުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކުރެވިފައިވެއެވެ. މި ދެންނެވި އާ ވޮލީކޯޓުގެ މަސައްކަތާއި، ރަށުގެ ފުޓުބޯޅަ ދަނޑާއި ފުޓުސަލް ދަނޑުގެ ވަސީލަތްތައް މާވަށުގައި އިތުރަށް ތަރައްގީކުރުން ވެސް ދުޅަހެޔޮކަމުގެ މި ސިޔާސަތުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަނުން މުޅި ރާއްޖޭގައި ހިންގާ ދުޅަހެޔޮކަމުގެ ޚާއްޞަ މަޝްރޫޢުތަކުގެ ތެރެއިން މާވަށް ހިމަނައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ހަށިހެޔޮކަމުގެ މި މަޝްރޫޢުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތަކުން (NCDs) ރައްކާތެރިވުމަށްޓަކައި ކަސްރަތު ކުރާނެ ރަނގަޅު މާހައުލެއް މާވަށުގައި ގާއިމުވެ، ރަށުގެ ކުޅިވަރުގެ ދާއިރާއަށް ވެސް ބޮޑު ދިރުމެއް ލިބިގެން އަންނާނެއެވެ.
މާވަށުގައި މިހާރު ހިނގަމުންދާ އަދި ހިންގާން ތަދުބީރުކުރެވިފައިވާ މި ބޮޑެތި މަޝްރޫޢުތައް ނިމުމުން، ރަށުގެ އިގުތިސާދީ ޙާލަތު ރަނގަޅުވެ، އިޖުތިމާޢީ ގުޅުން ވަރުގަދަވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ. މީގެ އިތުރަށް މާވަށާ ކައިރި ދެތިން ރަށެއްގައި ފަތުރުވެރިކަމުގެ ސިނާޢަތް ފެށި، އަދި މާވަށު ރައްޔިތުން އުންމީދުކުރާ [މިއަށް ވުރެ ބޮޑު މަޝްރޫޢެއް] މި ރަށުގައި ހިންގައި ނިމުމުން މާވަށުގެ ބިމުގެ ދަތިކަމާއި، މަގުތަކުގެ ހާލަތާއި، އަސާސީ ޚިދުމަތްތަކުގެ ދަތިކަން ޙައްލުވެ، އިގުތިޞާދީ ގޮތުންނާއި ވިޔަފާރިއާއި ދަތުރުފަތުރުގެ ގޮތުން ހައްދުންމަތީގައި މާވަށް ހިމެނޭނީ ތަރައްގީގެ މުހިންމު ހަބެއްގެ ގޮތުގައެވެ.
ބައެއް ލަފުޒުގެ މާނަ:
ހަބު ނ. (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި. hub
ނޫޗާޕު ނ. (1) ކަމަކަށް ރާވައިފައިވާ ރޭވުމެއް ނުވަތަ ކޮށްފައިވާ ފަރުމާއެއް. (2) ފަންނީ ކުރެހުމެއް. blueprint
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure
ބޭރުވެށި ނ. ހިޔާވައްސެއްގެ ބޭރުގައި ހިޔާ ނުކޮށް އޮންނަ ހާމަ ތަން. outdoor
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް. plan