ޑރ. މޫސާ އަންވަރު ޙަސަން
23 ޖޫން 2026
މުޤައްދިމާ:
މީސްތަކުންގެ މެދުގައި އިޞްލާޙުކުރުމަށާއި، ދެބަސްވުންތައް ނައްތައިލުމަށް ޓަކައި މަސައްކަތްކުރުމަކީ، އަޅާ އޭނާގެ ވެރިރަސްކަލާނގެއާ ކުއްތަންވުމަށް ޓަކައި ކުރެވޭ އެންމެ މަތިވެރި އަދި އެންމެ މާތް އަޅުކަންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ދީނުގެ ޙިކުމަތްތެރި ޝާރިޢު (ﷲ ތަޢާލާ)، އިޞްލާޙުކުރާ މީހުންގެ ދަރަޖަ ސުންނަތް އަޅުކަންތަކަށް ވުރެ މަތިވެރިކުރައްވައިފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «أَلَا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلَاةِ وَالصَّدَقَةِ؟ قَالُوا: بَلَى، قَالَ: إِصْلَاحُ ذَاتِ الْبَيْنِ» (رواه أبو داود) މާނައީ: "ރޯދަހިފުމާއި، ނަމާދުކުރުމާއި، އަދި ޞަދަޤާތްދިނުމުގެ ދަރަޖައަށް ވުރެ މާތްވެގެންވާ ކަމެއްގެ ޚަބަރު ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ދެއްވަންތޯއެވެ؟" އެބޭކަލުން ދެންނެވިއެވެ. "އާދޭހެވެ!" ޙަދީޘްކުރެއްވިއެވެ. "އެއީ ދެބަސްވެ، ދުރުވެފައިވާ ދެ މީހެއްގެ މެދު އިޞްލާޙުކުރުމެވެ."
"ޢުރުފީ މަޖިލިސްތައް" (ފިޤުހީ ގޮތުން ނަމަ "ޞުލްޙަކުރުން" ނުވަތަ "އާބިޓްރޭޝަން") އަކީ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަދި އަބުރު ރައްކާތެރިކުރުމަށް ޓަކައި އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައި ހުރި ރައްކާތެރިކަމުގެ އައްޑަނައެކެވެ. ނަމަވެސް، މި ފަދަ މަޖިލީހަކީ ﷲގެ ޙަޟުރަތުގައި ޒިންމާއިން ބަރީއަވެގެންވާ، އަދި އެދެވޭ ޢަދުލުވެރިކަން ޤާއިމުކޮށްދޭ މަޖިލީހަކަށް ހެދުމަށް ޓަކައި، މެދުވެރީން (ނުވަތަ ނިޔާކަނޑައަޅާ މީހުން) ހަރުދަނާ ޝަރުޢީ އުޞޫލުތަކަކަށް ތަބަޢަވާންޖެހެއެވެ. އެ އުޞޫލުތަކުން ބޭރުވުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އެ އުޞޫލުތައް ތިރީގައިވާ މައިގަނޑު ބައިތަކަށް ބަހައިލެވިދާނެއެވެ:-
ފުރަތަމަ: އަސާސީ ޤާޢިދާ (ޝަރީޢަތާ ޚިލާފު އެއްވެސް ޞުލްޙައެއް ނުވޭ)
ކޮންމެ ޢުރުފީ މަޖިލީހެއްގައި ވެސް ވެރިވެގެންވާ އަސާސީ އުޞޫލަކީ، އާދަކާދަ (ޢުރުފު) ޝަރީޢަތުގެ މައްޗަށް ގަދަވެނުގަތުމެވެ. އަދި ޚަޞްމުން (މައްސަލަ ޖެހިގެން އުޅޭ މީހުން) ރުއްސުމަކީ ﷲގެ އިންތަކުގެ ބަދަލުގައި ކުރެވޭ ކަމަކަށް ނުވުމެވެ. މިއީ ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘްފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. «الصُّلْحُ جَائِزٌ بَيْنَ الْمُسْلِمِينَ، إِلَّا صُلْحًا حَرَّمَ حَلَالًا، أَوْ أَحَلَّ حَرَامًا» (رواه أبو داود) މާނައީ: "ޙަލާލުކަމެއް ޙަރާމްކުރާ، ނުވަތަ ޙަރާމްކަމެއް ޙަލާލުކުރާ ޞުލްޙައެއް މެނުވީ، މުސްލިމުންގެ މެދުގައި ޞުލްޙަވުން ހުއްދަވެގެންވެއެވެ." ދެ ފަރާތުން ކިތަންމެ ވަރަކަށް ރުހުނު ނަމަވެސް، އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ނިންމުމެއް ނިންމުން އެ މަޖިލީހަށް ހުއްދައެއްނުވާނެއެވެ.
މިސާލަކަށް: އަމިއްލަ ޙައްޤު ދޫކޮށްލުމުގެ ބާރު ލިބިގެންނުވާ ޅަފަތުގެ ޔަތީމު ކުއްޖެއްގެ ޙައްޤެއް އުނިކުރުމަށް ނިންމުމެއް ނުނިންމޭނެއެވެ. އަދި ރިބާ ދިނުމަށާއި، ފައިސާ ދެއްކުން ލަސްވުމުން އަރާ ޖޫރިމަނާ (ރިބާ) ދިނުމަކަށް ނުނިންމޭނެއެވެ. އަދި ޢާއިލާގެ ނުވަތަ އާދަކާދައިގެ މަޖުބޫރުކުރުމުގެ ދަށުން، މީހަކަށް ލިބޭންޖެހޭ ޝަރުޢީ ތަރިކަ ދޫކޮށްލުމަށް މަޖުބޫރެއް ނުކުރެވޭނެއެވެ. ޝަރުޢީ ނައްޞަކާ (ދަލީލަކާ) ޚިލާފުވާ ކޮންމެ އާދަކާދައަކީ "ފާސިދު އާދަކާދައެކެވެ." އެއަށް ޢަމަލެއްނުކުރެވޭނެއެވެ.
ދެވަނަ: މަޖިލިސް ކުރިއަށްދާއިރު "ޢަދުލުވެރިކަން" ޤާއިމުކުރުމުގެ އުޞޫލުތައް (ހަމަހަމަކަން)
ނިޔާކަނޑައަޅާން އިންނަ މީހާއަކީ "ޤާޟީއެއްގެ" މަޤާމުގައި އިންނަ މީހަކަށްވާތީ، މަޖިލީހުގެ ހުރިހައި ތަފުޞީލެއްގައި ދެ ޚަޞްމުންގެ މެދުގައި ފުރިހަމައަށް ހަމަހަމަކަން ޤާއިމުކުރުން ޝަރުޢީގޮތުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. ސަބަބަކީ، އެއް ފަރާތަކަށް ކުޑަކޮށް ވެސް ބުރަވުމަކީ، މަޖިލީހުގެ ޢަދުލުވެރިކަމަށް އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.
މާއްދީ އަދި މައުނަވީ ހަމަހަމަކަން: އިށީންނާނެ ތަނުގެ ގޮތުން ވެސް (އެކަކު ކައިރީގައި ބައިންދައިފައި އަނެއް މީހާ ދުރުގައި ބޭންދުން ހުއްދައެއް ނުވާނެއެވެ.)، ވާހަކަ އަޑުއެހުމުގައި، އަދި ބެލުމާއި ހިނިތުންވުމުގައި ވެސް ދެމީހުން ހަމަހަމަ ކުރާންޖެހޭނެއެވެ. މަޖިލިސުން ނިންމި، ޙުކުމް އިއްވެންދެން އެއްވެސް ފަރާތަކަށް ލެނބުމެއް ހުރިކަން ދައްކައިގެން ނުވާނެއެވެ.
ދެ ފަރާތުގެ ވާހަކަ އިންޞާފާއެކު އަޑުއެހުން: އެއް ފަރާތެއްގެ ވާހަކަ ކިތަންމެ ޤަބޫލުކުރެވޭ ގޮތަކަށް ހުއްޓަސް، ނުވަތަ އޭނާއަކީ އަނިޔާލިބިފައިވާ މީހެއްގެ ގޮތުގައި ފެނުނަސް، ނުވަތަ ރޮމުން ވާހަކަދެއްކި ނަމަވެސް، ހަމައެކަނި އެއް ފަރާތެއްގެ ވާހަކައަށް ބިނާކޮށް ޙުކުމްކޮށްގެން ނުވާނެއެވެ. ޤާޟީންނަށް އޮންނަ ކަށަވަރުވެގެންވާ ޤާޢިދާއެއްގައިވެއެވެ. (إذا جاءك الخصم وقد فُقئت عينه، فلا تحكم له حتى ترى خصمه، فلعله قد فُقئت عيناه الاثنتان). މާނައީ: "މައްސަލަ ހުށަހަޅާ މީހާ އޭނާގެ އެއްލޯ ފަޅައިގެންގޮސްފައިވާ ޙާލު ތިބާގެ ގާތަށް އައި ނަމަ ވެސް، އަނެއް ފަރާތް ދެކެފުމަށް ދާންދެން އޭނާއަށް ޙުކުމްނުކުރާށެވެ. ފަހަރެއްގައި އަނެއް މީހާގެ ދެލޯ ވެސް އޮތީ ފަޅައިގެން ގޮސްފައިކަމަށް ވެދާނެއެވެ."
ތިންވަނަ: "ސާބިތުކުރުމުގެ" އުޞޫލުތައް: (ހެތްކާއި ހުވައި)
ޢުރުފީ މަޖިލީހަކީ ހީތަކަކަށް، ނުވަތަ ޖަޒުބާތަށް، ނުވަތަ ދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާވާ އެއްޗެއް ނޫނެވެ. އެއާ ޚިލާފަށް އެއީ، ބާޠިލު ދަޢުވާތަކުން ޙައްޤުތައް ހިމާޔަތްކޮށްދޭ، ސާބިތު ހަރުދަނާ ޝަރުޢީ ޤަވާޢިދުތަކެއްގެ މައްޗަށް ބިނާވާ އެއްޗެކެވެ.
ނަބަވީ ޤާޢިދާއަކީ: «الْبَيِّنَةُ عَلَى مَنِ ادَّعَى، وَالْيَمِينُ عَلَى مَنْ أَنْكَرَ» (رواه البخاري) މާނައީ: "ހެކި ދެއްކުމަކީ ދަޢުވާކުރާ މީހާގެ މައްޗަށް އޮތް ކަމެކެވެ. އަދި ހުވައިކުރުމަކީ އިންކާރުކުރާ މީހާގެ މައްޗަށް އޮތް ކަމެކެވެ." ވުމާއެކު، ޙައްޤަކަށް އެދޭ މީހާ (ދަޢުވާކުރާ މީހާ)ގެ މައްޗަށް އޮތީ ހެކި (ޢަދުލުވެރި ހެކިން، ލިޔެކިޔުންތައް، ރެކޯޑިންގްތައް، ނުވަތަ ރަސީދު ފަދަ ތަކެތި) ހުށަހެޅުމެވެ. އޭނާއަށް ހެކި ހުށަނޭޅިއްޖެ ނަމަ، ހީއަކަށް ބަލައި އޭނާއަށް ކާމިޔާބެއް ނުދެވޭނެއެވެ. އެހެންނަމަވެސް، އަނެއް ފަރާތުގެ (ދަޢުވާ ރައްދުވާ މީހާގެ) ކިބައިން، އޭނާގެ ބިރުވެރިކަމެއް ނެތްކަމަށް ނުވަތަ ދަރަންޏެއް ނެތްކަމަށް ބުނެ ﷲގެ އިސްމުފުޅުން ގަދަ ހުވައެއް ކުރުމަށް އެދެވޭނެއެވެ. އެއާއެކު އެ މައްސަލަ ނިމޭނެއެވެ.
ހަތަރުވަނަ: "ބަދަލާއި ޖޫރިމަނާ" ކަނޑައެޅުމުގެ އުޞޫލުތައް:
މި ނުކުތާއަކީ، އަދަބުދިނުމުގެ ނަމުގައި، މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެއުމުގެ ފާފައަށް ގިނަ ޢުރުފީ މަޖިލިސްތައް ވެއްޓޭ އެންމެ ނުރައްކާތެރި ދިމާއެވެ.
މާއްދީ ގެއްލުމުގެ ބަދަލު ދިނުން: މީހެއްގެ ކާރެއް، ނުވަތަ މުދަލެއް ހަލާކުކޮށްލި މީހާ، ނުވަތަ ބޭސްފަރުވާގެ ޚަރަދު ހިނގާ ފަދަ އަނިޔާއެއް ދިން މީހާގެ މައްޗަށް، އެ ގެއްލުން ފޫބެއްދުމަށް ޓަކައި، އިތުރު އިސްރާފެއް ނެތި، އެ އެއްޗެއްގެ އަޞްލު އަގު ދެއްކުމަށް ޙުކުމްކުރެވޭނެއެވެ. (ގެއްލުން ފިލުވައިލެވޭނީ އޭގެ މިންވަރަށެވެ.) އަދަބުދިނުމުގެ ގޮތުން ކުރާ ޖޫރިމަނާއާއި، ހައްދު ފަހަނައަޅައިފައިވާ ޝަރުޠީ އަދަބަކަށް ހަދައިގެން ނުވާނެއެވެ. ކުށްވެރިވި މީހާ "ލަދުގަންނަވައިލުމަށް" ނުވަތަ އަދަބުދިނުމަށް ޓަކައި، ލިބުނު ޙަޤީޤީ ގެއްލުމަށް ވުރެ މާ ބޮޑެތި، ނުއުފުލޭނެ ފަދަ ފައިސާގެ އަދަދުތަކެއް ކަނޑައެޅުން ޢުރުފީ މަޖިލީހަށް ހުއްދައެއް ނުވާނެއެވެ. މީސްތަކުންގެ މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. ޝަރުޢީ އެއްވެސް އަސާސެއް ނެތް، އަނިޔާވެރި ޢުރުފީ ޖޫރިމަނާތަކުން އެ މުދާ ޙަލާލެއް ނުކުރެވޭނެއެވެ.
ފަސްވަނަ: "ރުހުމާއި އިޚުތިޔާރުގެ" އުޞޫލުތައް:
ޙަޤީޤީ ޞުލްޙައަކީ ފުރިހަމަ ރުހުމާ އެކު، ހިތްތައް ސާފުވާ ޞުލްޙައެވެ. އެހެންކަމުން، ދީނުގައި އިޚުތިޔާރުގެ މިނިވަންކަން ޝަރުޠުކުރައްވައިފައިވެއެވެ. ދެ ފަރާތުން ވެސް މަޖިލީހުގެ މެދުވެރީންނަށް ރުހުނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚުތިޔާރުގައެވެ. ޞުލްޙަ ޤާއިމުކުރުމަށް ޓަކައި، އެއްވެސް ފަރާތަކަށް "ބިރުދެއްކުން" ނުވަތަ "ނަފުސާނީ ގޮތުން ބޮޑު ނުފޫޒެއް ފޯރުވުން" ނުވަތަ "ބާރުގެ ބޭނުންކޮށްގެން" އޭނާގެ މާއްދީ ޙައްޤެއް ދޫކޮށްލުމަށް މަޖުބޫރުކުރުން ހުއްދައެއްނުވާނެއެވެ. ޙައްޤު ދޫކޮށްލާންވާނީ ހިތުގެ ސާފުކަމާއި ޙަޤީޤީ ރުހުމާ އެކުގައެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘްފުޅާ އެއް ގޮތްވުމަށެވެ. «لَا يَحِلُّ مَالُ امْرِئٍ إِلَّا بِطِيبِ نَفْسٍ مِنْهُ». މާނައީ: "މީހެއްގެ މުދާ، އޭނާގެ ހިތުގެ ހެޔޮކަމުން މެނުވީ (އެހެން މީހަކަށް) ޙަލާލެއް ނުވާނެއެވެ." ލަދުގަންނަވައިލައިގެންނާއި، ޢާއިލީ ނުފޫޒުން އަތުލެވޭ އެއްޗެއް ވާނީ ފޭރިގަނެވޭ، ޙަރާމް އެއްޗަކަށެވެ.
ޚުލާޞާ:
މި ފަދަ މަޖިލިސްތައް އިސްވެ ހިންގާ މީހާ، އޭނާގެ ސިކުނޑީގައި އަބަދު ވެސް ދެ މަގަކުން ކަންކަން ވަކިކުރާންޖެހެއެވެ. ޞުލްޙަކުރުމާއި ޙުކުމްކުރުމެވެ. ޞުލްޙަކުރުމަކީ އެންމެ ހެޔޮ މަގެވެ. މީގައި މެދުވެރިޔާ މަސައްކަތްކުރާނީ ދެ ފަރާތުގެ ޚިޔާލުތައް ދެމެދަކަށް ފެއްތުމަށެވެ. އަދި މެދުތެރެއިން ބައްދަލުވެ، ލޯތްބާއި ކުލުނު އާލާވެ، ހިތްބަރުކަން ފިލުވައިލުމަށް ޓަކައި، ކޮންމެ ފަރާތަކުން ވެސް އެ މީހެއްގެ ޙައްޤުގެ ބައެއް (ހިތުގެ ހެޔޮކަމާއި މާތްކަމާ އެކު) ދޫކޮށްލުމަށް އެދޭނެއެވެ.
ޙުކުމްކުރުން (އާބިޓްރޭޝަން): ޞުލްޙަވުން މުސްތަޙީލުވެ، ޙައްޤު ދޫކޮށްލުމަށް ދެ ފަރާތުން ވެސް އިންކާރުކޮށްފި ނަމަ، ދެން ބަދަލުވާންޖެހޭނީ ހެކިތަކުގެ މައްޗަށް ބިނާކޮށް ހަރުދަނާ ޙައްޤު ގޮތުގައި "ޙުކުމްކުރުމުގެ" މަގަށެވެ. އެ ހިނދު، އެއްވެސް މީހަކަށް މޫނަކަށް ބެލުމެއްނެތި، ޙައްޤުގެ ވެރިޔާއަށް އޭނާގެ ޙައްޤު ފުރިހަމައަށް ހޯދައިދޭންޖެހޭނެއެވެ.
ކޮންމެ މަޖިލީހެއްގެ ވެސް ނިމުމުގައި، މި ކުރެވުނު މަސައްކަތް ފަވައިލާންވާނީ، އެއްބަސްވީ ކަންތައްތައް ސާފު، ތަފުޞީލީ ލިޔުމަކުން ލިޔެ، ދެފަރާތާއި، ހެކީންނާއި، އަދި މެދުވެރީން އޭގައި ސޮއިކުރުމުންނެވެ. އެއީ ދެބަސްވުމުގެ ދޮރު ބަންދުކުރުމަށާއި، މުސްތަޤުބަލުގައި ޝައިޠާނާގެ ވަސްވާސްތައް ކަނޑައިލުމަށް ޓަކައެވެ.
އިޞްލާޙުކުރާ މީހުން އަޅާ ކޮންމެ ފިޔަވަޅަކީ އެ މީހެއްގެ ހެޔޮކަމުގެ ތިލަފަތަށް އިތުރުވާ ކަމެއްކަމުގައި ލައްވައި، އެމީހުންގެ ދޫތަކުގެ މަތީގައި ޙައްޤާއި ޢަދުލުވެރިކަން ދަމަހައްޓަވާށިއެވެ! އާމީން. وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
(ނޯޓު: މިއީ ޑރ. އަޙުމަދު ބަހްދަރު އަލްޣަޒާލީ ލިޔުއްވައިފައިވާ ލިޔުއްވުމެއްގެ އަވަސް ތަރުޖަމާއެކެވެ.)