ad_banner
ނަތަންޔާހޫ ވެރިކަމުގައި ހުރިހައި ހިނދަކު މެދުއިރުމަތީގައި ހަނގުރާމައެއް ނުހުއްޓޭނެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

25 ޖޫން 2026

ނަތަންޔާހޫއަކީ އޭނާގެ މައްޗަށް ފަސާދައިގެ އެތައް ތުހުމަތުތަކެއްކުރެވި ޝަރީޢަތުގައި އޭނާގެ ގިނަ މައްސަލަތައް ހުރި މީހެކެވެ. އެހެންކަމުން އޭނާގެ ވެރިކަން ދިފާޢުކުރުމަށް ޓަކައި އަބަދު ވެސް ހަނގުރާމައެއްގެ ތެރޭގައި އިޒުރޭލު ބޭއްވުމަކީ އޭނާގެ ސިޔާސަތެކެވެ. ދާދި ފަހުން ޢަރަބި މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނެފައިވަނީ [ޣައްޒާއާއި، ލުބުނާނާއި އީރާނުގައި ވެސް ކުރާންޖެހޭ ކަންތައްތަކެއް އެބަހުރި]ކަމަށެވެ. މިއީ ވަރަށް ބޮޑު ވާހަކައެކެވެ. މާނައަކީ އޭނާގެ ހަނގުރާމައިގެ ޙަރަކާތްތައް ދުވަހަކު ވެސް ހުއްޓައިނުލާނެ ވާހަކައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނީ، އޭނާގެ ސަރުކާރުން އަސްކަރީ ބާރުގެ ބޭނުންކޮށްގެން [ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި] އަބަދު ވެސް ދެމިއޮންނާނެކަމަށެވެ. އަދި އިސްރާއީލަށް ހަމަލާދޭން ގަސްތުކުރާ ކޮންމެ މީހަކަށް އަމާޒުކޮށް ހަމަލާދިނުމުގެ އުސޫލެއް އޭނާގެ ސަރުކާރުން ކަނޑައަޅައިފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ. މިއީ ވެސް ވަރަށް ބޮޑު ވާހަކައެކެވެ. ނުރައްކާތެރި ސިގުނަލެކެވެ. އިސްރާއީލަށް ހަމަލާދޭން މީހަކު ގަސްތުކުރުން ކަނޑައަޅަނީ އޭނާ އަމިއްލައަށެވެ. މީހުންގެ ހިތުގެ ނިޔަތް ވެސް އޭނާއަށް އެނގެނީތާއެވެ. އެހެންވީމާ ކޮންމެ ގައުމަކަށް ކޮންމެ ހިނދެއްގައި ހަމަލާދިނުމަށް ފަހު ވެސް [މި ހަމަލަދިނީ އިޒުރޭލަށް ޙަމަލާދޭން ގަސްތުކުރީމައޭ] ބުނެލީމާ އެ ނިމުނީތާއެވެ. ކިހައި މޮޅު އިންސާފެއްތޯއެވެ!

ތައްލުއަބީބުގައި ބޭއްވުނު ލޯކަލް ގަވަރންމަންޓް ކޮންފަރެންސްގައި ވާހަކަދައްކަމުން، އޭނާގެ ސަރުކާރުން ޣައްޒާއާއި ލުބުނާނާއި އީރާނާ މެދު ގެންގުޅޭ އަސްކަރީ އަދި ސިޔާސީ ހަރަކާތްތަކުގެ މައިގަނޑު ސިފަތައް ނަތަންޔާހޫ ވަނީ ހާމަކޮށްފައެވެ. އެ ސިޔާސަތުތަކަކީ:-

1.  އީރާނުގެ މައްސަލައާއި ނިޔުކުލިޔަރު މަޝްރޫޢު

އީރާނަކީ ނިޔުކުލިޔަރު ހަތިޔާރު އުފައްދާން އުޅޭ ގައުމެއްކަމަށް އެއްވެސް ތަޙުލީލަކުން އަދި ތަހުގީގަކުން ހާމައެއް ނުވެއެވެ. އަދި ނިޔުކުލިޔަރު ހަތިޔާރު އުފެއްދުމަކީ ހުއްދަ ކަމެއް ނޫންކަމަށް އީރާނުގެ ކުރީގެ ދީނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވަނީ ފަތުވާދެއްވައިފައެވެ. އަދި ނިޔުކުލިއަރު ހަތިޔާޜު އުފައްދާން އީރާނުން މަސައްކަތް ކުރާނެކަމަކަށް ދުވަހަކު ވެސް އީރާނަކުންނެއް ނުބުނެއެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައިވަނީ ތެހެރާނަށް ނިޔުކުލިޔަރު ހަތިޔާރު ލިބުމުގެ ފުރުސަތަކީ އިސްރާއީލުގެ ދެމިއޮތުމަށް ކުރިމަތިވެފައިވާ ސީދާ އަދި ނުރައްކާތެރި ބިރެއްކަމަށެވެ.

އަދި ލިބޭންހުރި ނަމަ، ހުރިހައި ވަސީލަތްތަކެއް ބޭނުންކޮށްގެން އެކަން ހުއްޓުވުމަށް އޭނާގެ ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް އޭނާ ދިނެވެ. އޭނާގެ ވާހަކައިގައި ތިރީގައިވާ އިސްތިރާޖީ ކަންތައްތަކަށް އަލިއަޅުއްވައިލިއެވެ.

·     އިޒުރޭލުގެ ސަރުކާރުގެ ރިޔާސަތުގައި އޭނާ ހުންނަ މުއްދަތުގައި އީރާނަށް ނިޔުކުލިޔަރު ބޮން ހޯދުން ހުއްޓުވުން.

·     އީރާނުގެ ނިޔުކުލިޔަރު މަޝްރޫޢު ނާކާމިޔާބުކޮށްލުމުގެ މަގުސަދުގައި އީރާނުގެ އެތެރޭގައި އަސްކަރީ އަދި ސަލާމަތީ ހަރަކާތްތައް ހިންގުން.

·     އިސްރާއީލަށް ކުރިމަތިވެފައިވާ ހަލާކުވުމުގެ ބިރު ނައްތައިލުން.  އަދި މި ހަރަކާތަކީ މިހާރުގެ ހާލަތުގައި އޭނާގެ ސަރުކާރުން ހޯދި އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ވެސް ނަތަންޔާހޫ ވަނީ ސިފަކޮށްފައެވެ.

2.  ސަލާމަތީ ހުރަހެއް (ބަފަރ ޒޯނެއް) އުފެއްދުން

އުތުރު ފަރާތުގެ ހަނގުރާމައިގެ މައިދާނުގެ ހާލަތާ ބެހޭ ގޮތުން ވާހަކަދައްކަމުން ނަތަންޔާހޫ އިޢުލާނުކުރީ، ލުބުނާނުގެ ދެކުނު ސަރަހައްދުގައި ސަލާމަތީ ހުރަހެއް ނުވަތަ ބަފަރ ޒޯނެއް ހެދުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށައިފައިވާކަމަށެވެ.

އޭނާ ބުނީ ސަލާމަތީ މި ހުރަހުގެ ބޭނުމަކީ ޙިޒުބުﷲއިން އިޒުރޭލުގެ އާބާދީތަކަށް ހަމަލާދިނުމާއި، މީހުން ވަގަށް އެތެރެވުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުންކަމަށެވެ. އެހެންނަމަވެސް އަބަދު ވެސް ޙިޒުބުﷲއިން ޙަމަލާދީފައިވަނީ އިޒުރޭލުން އިސްވެ ޙަމަލާދޭ ޙާލަތްތަކުގައެވެ.

މީގެ އިތުރަށް، ދުރޫޒު (Druze) މުޖުތަމަޢަށް ރައްކާތެރިކަން ފޯރުކޮށްދޭނެކަމަށް ނަތަންޔާހޫ ވައުދުވިއެވެ. އަދި އުތުރުގެ ރަށްތަކުގެ ބާސީންނަށް ޚާއްޞަ މެސެޖެއްދެމުން، އަސްކަރީ ހަރަކާތްތައް ނިމުމުން އެ މީހުން އަނބުރައި ގެތަކަށް ފޮނުވައިލުމުން އެކަނި ނިންމާނުލާނެކަމަށާއި، އެ ސަރަހައްދުތަކުގެ އިގުތިސާދު ކުރިއެރުވުމަށް މަސައްކަތްކުރާނެކަމަށް ބުންޏެވެ.

3.  ޣައްޒާގެ ހަނގުރާމައިގެ މައިދާނާއި ރަފަޙު ސަރަހައްދު

ނަތަންޔާހޫ ވަނީ ޣައްޒާ ސަރަހައްދާ ބެހޭ ގޮތުން އޭނާގެ ސަރުކާރުން ކުރީން ނިންމި އަސްކަރީ ނިންމުންތަކުގެ ދިފާއުގައި ވާހަކަދައްކައިފައެވެ. އަދި ރަފަޙު ސިޓީއަށް އެއްގަމު މަގުން ވަނުމަށް ނިންމި ނިންމުމަކީ، ސަރަހައްދީ ރޮނގު ހުރަސްކޮށް ޙަމާސް ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުގެ ބޮޑުވަޒީރު އިތުރަށް ވާހަކަދައްކަމުން ބުނި ގޮތުގައި، ކުރިމަތިލުންތަކުގެ މަރުހަލާ އަދިއެއް ނުނިމެއެވެ. އަދި ސަރަހައްދުގެ ހާލަތު ބަދަލުކުރުމުގެ މަގުސަދުގައި އިސްނަގައިގެން ދުރާލައި ހަމަލާދިނުމުގެ އިސްތިރާޖެއްގެ މައްޗަށް ބިނާކޮށް، ޣައްޒާއާއި ލުބުނާނާއި އީރާނުގައި އަސްކަރިއްޔާއިން ފުރިހަމަކުރާންޖެހޭ އަސްކަރީ މަސައްކަތްތަކެއް އަދި ވެސް އެބަހުއްޓެވެ.

ނަތަންޔާހޫގެ މި ވާހަކަތަކުން އެނގި ކަށަވަރުވަނީ އެމެރިކާއިން ހަނގުރާމަކުރާން ބޭނުން ނުވިޔަސް ނަތަންޔާހޫ އިޒުރޭލުގެ ޒަޢާމަތުގައި ހުރިހައި ދުވަހަކު އޭނާގެ ސަލާމަތަށް ޓަކައި އަބަދުވެސް ކޮންމެވެސް ގައުމަކާ ދެކޮޅަށް އޭނާ ހުންނާނީ ޙަމަލާދީދީކަމެވެ. ނަމަވެސް މިހާރު އެމެރިކާގެ ބަރުލަމާނުން ވަނީ ބަލުލަމާނުގެ ހުއްދަ ނެތި ޓުރަންޕަށް ހަނގުރާމަނުކުރެވޭ ގޮތަށް ގަރާރެއް ފާސްކޮށްފައެވެ. ވަރަށް ގިނަ ދުވަހުގެ މަސައްކަތުން މި ގަރާރު ފާސްކުރީ 48-50ގެ ހަނި އަޣުލަބިއްޔަތަކުންނެވެ. އެހެންކަމުން އިޒުރޭލު ބޭނުންހައި އިރަކު ގައުމުތަކަށް ޙަމަލާދޭކަށް ދެން އެމެރިކާއަކުން ބައިވެރިއެއް ނުވާނެއެވެ. ނަމަވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިޒުރޭލަށް އެހީތެރިވެދިނުމުގައި އެމެރިކާއިން ދެމިއޮންނާނެކަން އެއީ ކަށަވަރު ކަމެކެވެ. ވީމާ، ނަތަންޔާހޫ ވެރިކަމުގައި ހުރިހައި ދުވަހަކު މެދުއިރުމައްޗަކަށް ހަމަޖެހުމެއް ނެތެވެ.

 

ދެ ލަފުޒެއްގެ މާނަ:

އިސްތިރާޖު      ނ.         ލަނޑުދަނޑިއެއް ހާސިލުކުރުމަށް ޓަކައި ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް. strategy

އިސްތިރާޖީ     ނއ.        މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic

ކޮމެންޓު