ad_banner
ކިޔުރަސާއޯ - ވާރލްޑުކަޕުގައި މީހުންގެ ސަމާލުކަން ހޯދި ކުޑަކުޑަ ގައުމު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

26 ޖޫން 2026

2026ވަނަ އަހަރުގެ ވާރލްޑުކަޕު ފުޓުބޯޅަ މުބާރާތުގައި ކިޔުރަސާއު (ކުރަސާއޯ) ބައިވެރިވެ، ދެލައްކަ ވެސް ހަމަނުވާ އެ ކުޑަކުޑަ އާބާދީއިން ދެއްކި ހުނަރުވެރި ކުޅުމަށް ޓަކައި އެ ގައުމުގެ ނަން ގިނަ ބަޔަކަށް މިހާރު އެބަ އެނގެއެވެ. އެއީ ދޮޅުލައްކައެއްހައި މީހުންގެ އާބާދީއެއް އޮންނަ، ޤުދުރަތީ ގޮތުން ރީތި، އަދި މުއްސނދި ތާރީޚަކާއި ސަގާފަތެއް ލިބިފައިވާ ގައުމެއްކަން ވެސް މިހާރު އެނގިއްޖެއެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ހަގީގަތަކީ އެ ގައުމުގެ ވެރިކަން ހިނގާ ނިޒާމާއި އިގުތިސާދާއި މުޅި އިދާރިއްޔަތު ހަމަޖެހިފައިވާ ގޮތެވެ.

އާދޭހެވެ! ކިއުރަސާއު (Curaçao)އަކީ ކެރީބިއަން ކަނޑުގައި، ވެނެޒުއޭލާގެ އައްސޭރިފަށާ ކައިރީގައި އޮންނަ އެންމެ ޖަޒީރާއެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ. ކިޔުރަސާއު އޮންނަނީ ކެރީބިއަންގެ [އޭ.ބީ.ސީ] (އަރޫބާ، ބޮނެއާ، ކުރަސާއޯ) ޖަޒީރާތަކުގެ ތެރޭގައެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ތިން ޖަޒީރާގެ ތެރެއިން އެންމެ ބޮޑު ޖަޒީރާއަކީ (މެދުގައި އެ އޮތީ) ކިޔުރަސާއުއެވެ. ފޮޓޯ ބައްލަވާ އިރު ކަނާތްޕުޅު ފަރާތުން ތިޔަ ފެނިވަޑައިގަންނަވާނީ [ބޮނެއާ] ޖަޒީރާއެވެ. ވާތްފަރާތުގައި އެ ވަނީ [އަރޫބާ] ޖަޒީރާއެވެ. ފޮޓޯއިން އަރޫބާ ވަރަށް ކައިރިކަމަށް ފެނިވަޑައިގަތަސް ޗާޓުން ބައްލަވައިފި ނަމަ، މިއަށް ވުރެ މާ ދުރުވާނެއެވެ. މި ދެ ރަށަކީ ވެސް ކިޔުރަސާއުގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނޭ ދެ ފަޅުރަށެވެ.

ކިޔުރަސާއުގެ ދިގުމިނަކީ ގާތްގަނޑަކަށް 38 މޭލު (61 ކިލޯމީޓަރ)އެވެ. ފުޅާމިނަށް ބަލާ އިރު އެކި ދިމާގައި ހުންނަނީ އެކި ވަރެވެ. އެންމެ ފުޅާ ދިމާގައި ނުވަ މޭލު (14 ކިލޯމީޓަރު) ހުންނަކަމަށް ވެއެވެ. ރަށުގެ ބޮޑުމިނަކީ 171 އަކަމޭލު (44400 ހެކުޓަރ)އެވެ. 

މި ޖަޒީރާގެ މޫސުމަކީ އަހަރުގެ އެކި ދުވަސްވަރު ހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ، ސަރަހައްދީ ހޫނު (tropical) މޫސުމެކެވެ. ނަމަވެސް، ކެރީބިއަންގެ އެހެން ގިނަ ރަށްތަކާ ޚިލާފަށް، ކިއުރަސާއު އޮންނަނީ ތޫފާންތައް އަންނަ ސަރަހައްދާ ދުރުގައި ކަމުން، ބާރުގަދަ ތޫފާންތަކުގެ ނުރައްކާ މި ރަށަށް ކުރިމަތިވަނީ ވަރަށް ވެސް މަދުންނެވެ. ދިވެހިރާއްޖެ ފަދައިން މި ރަށުގެ އައްސޭރިފަށުގައި ވެސް ހުދު ދޮންވެލީގެ ރީތި ގޮނޑުދޮށްތަކާއި، ސާފު ނޫކުލައިގެ ރީތި މޫދެއް އޮވެއެވެ.

ތަފާތު ސަގާފަތްތަކާއި، ކުލަގަދަ ބިނާތަކާއި، އަދި ހިތްގައިމު ގުދުރަތީ ރީތިކަމުގެ ސަބަބުން ކުރަސާއުއަކީ މުޅި ދުނިޔެއަށް މިހާރު މަޝްހޫރުވެފައިވާ މަންޒިލެކެވެ. މިއީ ނެދަރލޭންޑްސްގެ ރަސްކަމުގެ (Kingdom of the Netherlands) ބައެއްގެ ގޮތުގައި ހިމެނޭ، އަމިއްލަ ދާޚިލީ މިނިވަންކަން ލިބިފައިވާ ގައުމެކެވެ. ޚާރިޖީ މިނިވަންކަން ލިބިފައިވާ މިނިވަން މުސްތަގިއްލު ގައުމެއް ނޫނެވެ. އެހެންވީ އިރު އެ މީހުން ވަކި ގައުމެއްގެ ގޮތުގައި ވާރލްޑްކަޕުގައި ބައިވެރިވީ ކިހިނެއްތޯ ސުވާލު އުފެދިދާނެއެވެ. ހިތްޕުޅަށް ތިޔައަރާ ހުރިހައި ސުވާލެއްގެ ޖަވާބު ހޯއްދެވުމަށް މި މަގާލު ވިދާޅުވަމުން ގެންދަވާށެވެ!

ކުރަސާއޯގެ ތާރީޚަކީ ވަރަށް ދިގު އަދި އެހާމެ ފާހަގަކޮށްލެވޭ ތާރީޚެކެވެ. އެންމެ ފުރަތަމަ މި ރަށުގައި ދިރިއުޅުނީ [އަރަވަކު] ދަރިކޮޅުގެ މީހުންނެވެ. އެއަށްފަހު، 1499ގައި އިސްޕޭން މީހުން މި ރަށް ހޯދިއެވެ. ނަމަވެސް، 1634ގައި ޑަޗް (ނެދަރލޭންޑްސް) މީހުން މި ޖަޒީރާ އިސްތިއުމާރުކުރިއެވެ. އެފުރިކާގެ އަޅުންގެ ވިޔަފާރީގެ މައި މަރުކަޒަކަށް މި ރަށް ވީ ދުވަސްވަރަކީ މި ރަށުގެ ތާރީޚުގެ އެންމެ ހިތްދަތި އަދި އަނދިރި ސަފުހާތަކެވެ.

މި ތަފާތު ތާރީޚީ ބަދަލުތަކުގެ ސަބަބުން ކުރަސާއޯގައި ވަނީ ވަރަށް މުއްސަނދި ސަގާފަތެއް އުފެދިފައެވެ. ރަސްމީ ބަސްތަކުގެ ގޮތުގައި ޑަޗުބަހާއި، އިނގިރޭސި ބަހާއި އެފުރިކާނާއާއި، ޕޯޗުގީޒާއި ސްޕެނިޝް އެކުވެގެން އުފެދިފައިވާ [ޕަޕިއާމެންޓޫ]ބަސް ބޭނުންކުރެއެވެ.

ގައުމުގެ ވެރިރަށްކަމަށްވާ [ވިލެމްސްޓަޑް]އަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ސިޓީއެކެވެ. މި ސިޓީގައި ހުންނަ ޑަޗް މިއުމާރިއްޔަތުގައި ބިނާކޮށްފައިވާ، ތަފާތު ކުލަގަދަ ޢިމާރާތްތަކަކީ މި ރަށުގެ އެންމެ ޚާއްޞަ އެއް ރަމްޒެވެ.

ކިޔުރަސާއުގެ އިޤްތިޞާދު އެންމެ ބޮޑަށް ބިނާވެފައިވަނީ ތެޔޮ ސާފުކުރުމުގެ ސިނާޢަތާއި، ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތަކާއި، ދަތުރުފަތުރާއި (ޝިޕިންގް) އަދި ފަތުރުވެރިކަމުގެ މައްޗަށެވެ. އިގުތިސާދީ ޙަރަކާތްތަކަށް ތަފުސީލުކޮށް ބަލައިލާ ނަމަ:

·     ތެޔޮ ސާފުކުރުން: ތެޔޮ ސާފުކުރާ ކާރުޚާނާއެއް މި ގައުމުގައި ހުރެއެވެ.

·     މާލީ ޚިދުމަތްތައް: ބައިނަލްއަގުވާމީ މާލީ އެކި ޚިދުމަތްތަކާއި ބޭންކިންގް ޚިދުމަތްތައް ދިނުން.

·     ބަނދަރުގެ ޚިދުމަތް: ދުނިޔޭގެ ބޮޑެތި އާގުބޯޓުފަހަރަށް ޚިދުމަތްދޭ ބޮޑު ބަނދަރަކާއި، ބޯޓުފަހަރު މި ގައުމުގައި ހުރެއެވެ.

·     ފަތުރުވެރިކަން: ރީތި ގޮނޑުދޮށްތަކާއި، ތާރީޚީ އިމާރާތްތަކުގެ ސަބަބުން ފަތުރުވެރިކަމަކީ މިއަދު އެ ގައުމުގެ އިގުތިސާދުގެ އެންމެ ބޮޑު އެއް ތަނބެވެ.

ޚާއްޞަކޮށް، ފަތުރުވެރިކަމަކީ މިހާރު ގައުމުގެ އެންމެ މުހިންމު އެއް ސިނާޢަތެވެ. މޫދަށް އެރި ފީނައި ހަދާން ލޯބިކުރާ މީހުންގެ މެދުގައި ކިޔުރަސާއުއަކީ މިހާރު މަގުބޫލު ތަނެކެވެ. ސަބަބަކީ އެ ރަށުގެ ކަނޑުގެ ދިރުންތަކާއި ފަރުތައް ވަރަށް ފުރިހަމައަށް ރައްކާތެރިކުރެވިފައި ހުރުމެވެ.

މީގެ އިތުރަށް، މި ރަށުގައި އުފައްދާ، ރަށުގެ ނަމުން ނަންދެވިފައިވާ [ބްލޫ ކުރަސާއޯ] (އޮރެންޖު ރަހަދޭ މަޝްހޫރު ބުއިމެއް)އަކީ ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލު އެއޗަކަށް ވަނީ ވެފައެވެ.

އާބާދީއާއި ނަސްލު

ގާތްގަނޑަކަށް158,000  މީހުންގެ އާބާދީއެއް އޮންނަ ކިޔުރަސާއުގައި ދިރިއުޅޭ ގިނަ މީހުންނަކީ އެފްރިކާގެ ނަސްލުން އައިސްފައިވާ (Afro-Curaçaoan)  [އެފްރޯ – ކިޔުރަސާއުއަން] މީހުންނެވެ. މީގެ އިތުރަށް ލަންދޭސީންނާއި އިސްޕޭނާއި ކެރީބިއަންގެ އެހެން ގައުމުތަކުގެ މީހުންނާއި އޭޝިއާ ދަރިކޮޅުގެ މީހުން ވެސް މި ގައުމުގައި އުޅެއެވެ.

ބޭނުންކުރާ ބަސްތައް:

މި ގައުމުގެ ރަސްމީ ބަސްތަކުގެ ގޮތުގައި ޕަޕިއަމެންޓޫއާއި ޑަޗު ބަހާއި އިނގިރޭސި ބަސް ބޭނުންކުރެއެވެ. އެހެންނަމަވެސް އާއްމު ދިރިއުޅުމުގައި އާބާދީގެ ގާތްގަނޑަކަށް %80 މީހުން ބޭނުންކޮށް އުޅެނީ "ޕަޕިއަމެންޓޫ" ބަހެވެ. މިއީ ޕޯޗުގީޒް، ސްޕެނިޝް، ޑަޗް އަދި އެފްރިކާގެ ބަސްތައް އެކުލެވިގެން އުފެދިފައިވާ ކްރިއޯލް ބަހެކެވެ. މީގެ އިތުރުން ސްޕެނިޝް ބަސްވެސް ވަރަށް ގިނައިން ބޭނުންކުރެއެވެ.

ވެރިކަމާއި އިދާރިއްޔަތު

ކިއުރަސާއޯއަކީ ލަންދޭސީވިލާތް (ނެދަލޭންޑްސް)ގެ ރަސްކަމުގެ ދަށުގައި އޮންނަ އަމިއްލަ ދާޚިލީ މިނިވަންކަން ލިބިފައިވާ ގައުމެކެވެ. މި ގައުމުގައި އޮންނަނީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ދައުލަތުގެ ކަންކަން ހިންގުމާއި ގައުމުގެ ދާޚިލީ ކަންކަމުގައި ގޮތް ނިންމަނީ ބޮޑުވަޒީރާއި ބަރުލަމާނުންނެވެ. ނަމަވެސް ބޭރުގެ ގުޅުންތަކާއި ދިފާއީ ކަންކަން ބަލަހައްޓަނީ ނެދަލޭންޑްސް ސަރުކާރުންނެވެ. އެހެންކަމުން ދައުލަތުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ބަލަނީ ނެދަލޭންޑްސްގެ ރަސްގެފާނު ވިލެމް-އެލެގްޒެންޑަރެވެ. ރަސްގެފާނު ތަމްސީލުކުރެއްވުމަށް ޓަކައި ހުންނަވަނީ ގަވަރުނަރެކެވެ. 202ވަނަ އަހަރު ގަވަރުނަރުގެ މަގާމުގައި ހުންނަވަނީ ގަވަރުނަރު މައުރިޓުސް ޑީ ކޯޓު ނަމަކަށް ކިޔާ ބޭފުޅެކެވެ. މިއީ ރަސްގެފާނު ތަމްސީލުކުރެއްވުމަށް ޓަކައި ގައުމުގައި ހުންނަވާ ވެރިޔާއެވެ.

ސަރުކާރުގެ ހުރިހައި ކަމެއް ހިންގަވަނީ ބޮޑުވަޒީރެވެ. 2026ވަނަ އަހަރު މި މަގާމުގައި ހުންނަވަނީ ގިލްމާ ޕީސާސް ނަމަކަށް ކިޔާ ބޭފުޅެކެވެ.

މިހިސާބުން އުފެދިދާނެ ސުވާލަކީ މިއީ މިނިވަން މުސްތަގިއްލު ގައުމަކަށް ނުވާ އިރު، މި މީހުންނަށް ވާރލްޑުކަޕުގައި ވަކި ގައުމެއްގެ ގޮތުގައި ބައިވެރިވެވުނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރުގެ ދަށުގައި އޮންނަ އިސްކޮޓުލަންޑު މުބާރާތުގައި ބައިވެރިވީ ކިހިނެއްތޯ މީހަކު ސުވާލެއް ނުކުރެއެވެ. ހަގީގަތުގައި އިސްކޮޓުލެންޑާއި ކިޔުރަސާއުއަކީ އެއް ހައިސިއްޔަތެއް އޮންނަ ދެ ގައުމެވެ. އިދާރިއްޔަތާއި ދާޚިލީ ހުރިހައިކަމެއްގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ، ނަމަވެސް ޚާރިޖީ އަދި ދިފާޢީ މިނިވަންކަން ލިބިފައިނުވާ ދެ ގައުމެވެ. މި ކަމުގެ ތަފުސީލާއި މި ގައުމުން ވާރލޑްކަޕުގައި ބައިވެރިވި ގޮތް ފަހަތުން އަދި އެބަ އާދެއެވެ. ވިދާޅުވަމުން ކުރިއަށް ވަޑައިގަންނަވާށެވެ!.

ކިއުރަސާއޯއާއި ފުޓުބޯޅަ:

މީގެ ކުރީން ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ކިއުރަސާއޯ ވާދަކުރަމުން އައީ ވަކި ގައުމީ ޓީމެއްގެ ގޮތުގައެއް ނޫނެވެ. [ލަންދޭސީ ކިޔާނު]ގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް 2010 ވަނަ އަހަރު ސިޔާސީ ގޮތުން އައި ބަދަލުތަކާ އެކު، އަމިއްލަ ވަކި ގައުމީ ޓީމެއްގެ ގޮތުގައި ފީފާ(FIFA) އާއި ކޮންކާކަފް(CONCACAF) ގެ މުބާރާތްތަކުގައި ވާދަކުރާން ފުރުޞަތު ލިބި، ބައިވެރިވާން ފެށީއެވެ.

މި ގައުމުގެ ފުޓުބޯޅައިގެ ރޫހު ބަދަލުކޮށްލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ނެދަލޭންޑުސްގެ މަޝްހޫރު ލެޖެންޑު ޕެޓުރިކު ކުލައިވާޓާއި ތަޖުރިބާކާރު ކޯޗު ގޫސް ހިޑިންކު ފަދަ މަޝްހޫރު މީހުންނެވެ. އެ މީހުންގެ އިރުޝާދުގެ ދަށުން، ޔޫރަޕުގެ (ޚާއްސަކޮށް ނެދަލޭންޑުސްގެ) މަތީ ފަންތީގެ ލީގުތަކުގައި ކުޅޭ، ކިއުރަސާއޯއަށް ނިސްބަތްވާ ދަރިކޮޅުގެ ހުނަރުވެރި ކުޅުންތެރީން ގައުމީ ޓީމަށް ގެނެސް، ޓީމު ވަރުގަދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ މައިދާނުގައި ކިއުރަސާއޯއިން ވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ. މި ފަދަ ކާމިޔާބީތަކުކގެ ތެރޭގައި:

·     ކެރީބިއަން ކަޕްގެ ޗެމްޕިއަންކަން: 2027ވަނަ އަހަރު ކިއުރަސާއޯއިން ވަނީ ޖެމެއިކާ ބަލިކޮށް ކެރީބިއަން ކަޕު ކާމިޔާބުކޮށް، ސަރަހައްދުގައި ފުޓުބޯޅައިގެ ރަސްކަން ހޯދައިފައެވެ.

·     ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލް: ކޮންކާކަފު ގޯލްޑު ކަޕުގައި ބޮޑެތި ގައުމުތަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި، 2019 ވަނަ އަހަރު އެ މުބާރާތުގެ ކާލު ނިހާއީއަށް (ކުއާޓަރ ފައިނަލަށް) ދަތުރުކުރިއެވެ.

·     ފީފާއިން ދަރަޖަކުރުމުގައި ހޯދި ކުރިއެރުން: އެއް ދުވަހަކުން އަނެއް ދުވަހަށް ދަރަޖައިގެ ގޮތުން ކުރިއަށް ޖެހިލައި، ދުނިޔޭގެ ގަދަ 80 ގައުމުގެ ތެރޭގައި މިހާރު ވެސް އެ ގައުމު ހިމެނެއެވެ.

ކިޔުރަސާއޯގެ ގައުމީ ފުޓްބޯޅަ ޓީމު (The Blue Wave) އަކީ 2026 ވަނަ އަހަރުގެ ފީފާ ވޯރލްޑް ކަޕުން ފެންނަ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ތާރީޚީ އެއް ޓީމެވެ. މިއީ އެ ގައުމުން ވޯރލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ވާރލްޑް ކަޕުގައި ކިޔުރަސާއު

ކިޔުރަސާއޯއަކީ ވާރލްޑް ކަޕްގެ ތާރީޚުގައި ވެސް މި މުބާރާތަށް ކޮލިފައިވި އެންމެ އާބާދީ ކުޑަ އަދި ބިމުގެ ގޮތުން ވެސް އެންމެ ކުޑަ ގައުމެވެ. ތަޖުރިބާކާރު ޑަޗު ކޯޗު ޑިކު އެޑުވޮކާޓުގެ އިރުޝާދުގެ ދަށުން އެމީހުން ކޮލިފައިވީ ކޮންކާކަފު (CONCACAF) ސަރަހައްދުގެ ގަދަ ހިފުމަކަށްފަހުއެވެ.

ކޮލިފިކޭޝަންގެ ފަހު ބުރުގައި ކިޔުރަސާއޯ ހިމެނުނީ ޖެމެއިކާއާއި ޓުރިނިޑާޑު އެންޑް ޓޮބޭގޯއާއި ބާމިއުޑާއާ އެކު ގުރޫޕު ބީގައެވެ.

2025 ނޮވެންބަރު މަހު ޖެމެއިކާއާ ވާދަކޮށްގެން ގުރޫޕުގެ އެއްވަނަ ހޯދައިގެން ކިޔުރަސާއޯއިން ވަނީ ސީދާ ވާރލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށް، ދުނިޔެ ސިއްސުވައިލައިފައެވެ.

ވާރލްޑު ކަޕު 2026 މުބާރާތުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކިޔުރަސާއޯއިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފައެވެ. ފުރަތަމަ މެޗުގައި ޖަރުމަނު އަތުން ބަލިވި ނަމަވެސް ވަރުގަދަ ޖަރުމަނުގެ ގޯލަށް ލަޑެއްޖެހުމަކީ ވެސް އެ މީހުންނަށް ލިބުނު ކާމިޔާބީއެކެވެ. އެ މެޗުގެ 21 ވަނަ މިނެޓުގައި ލިވާނޯ ކޮމެނެންސިއާ ޖެހި ލަނޑަކީ އެ ގައުމުގެ ތާރީޚުގައި ވާރލްޑުކަޕުގައި އެ ގައުމުން ޖެހި ފުރަތަމަ ލަނޑެވެ.

ދެވަނަ މެޗުގައި ކިޔުރަސާއޯއިން ވަނީ އެކުއާޑޯއާ ދެކޮޅަށް މޮޅު ކުޅުމެއް ކުޅެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުކޮށްފައެވެ. މިއީ ވާރލްޑުކަޕުގެ ތާރީޚުގައި ކިޔުރަސާއޯއިން ހޯދި ފުރަތަމަ ޕޮއިންޓެވެ. މި މެޗުގައި ކިޔުރަސާއޯގެ ގޯލްކީޕަރު އެލޯއި ރޫމް ވަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކައިފައެވެ. ގުރޫޕު އިސްޓޭޖުގައި ކިޔުރަސާއުއިން އެންމެ ފަހު މެޗުގައި ކުޅުނީ  އައިވަރީ ކޯސްޓާ ދެކޮޅަށެވެ. 2-0ގެ ނަތީޖާއަކުން ބަލިވިޔަސް އެ މެޗުގައި ވެސް ކިޔުރަސާއުއިން ރީތި ވަރަުގަދަ ކުޅުމެއް ވަނީ ދައްކައިފައެވެ.

ނިންމައިލަމުން ދަންނަވާން އޮތީ ކުރަސާއޯއަކީ ހަމައެކަނި ރީތި ގޮނޑުދޮށްތަކެއް އޮތް ޖަޒީރާއެއް ނޫނެވެ. އެއީ ތަފާތު ނަސްލުތަކާއި، ބަސްތަކާއި، އަދި ސަގާފަތްތައް އެކުވެގެން އުފެދިފައިވާ، ވަރުގަދަ އަމިއްލަވަންތަކަމެއް އޮތް ގައުމެކެވެ. ނެދަރލޭންޑްސްގެ ހިޔަލުގައި އޮވެ، ކުރަސާއޯ އަންނަނީ ދުނިޔޭގެ ކުރިއަރަމުން އަންނަ ޒަމާނީ ފަތުރުވެރިކަމުގެ މަރުކަޒަކަށް ވަމުންނެވެ. އަދި ކެރީބިއަން ސަރަހައްދުގެ ފުޓުބޯޅައިގެ ބާރަކަށް ވަމުންނެވެ.

ބައެއް ލަފުޒުގެ މާނަ:

ނިހާއީ      ނއ.    ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ. final

ކާލު       ނ.     ހަތަރުބައިކުޅަ އެއް ބައި. quarter

ކިޔާނު      ނ.     އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް. entity

ލަންދޭސީން   ނ.     ނެދަރލެންޑު މީހުންނަށް އިހުގައި ކިޔައި އުޅުނު ނަމެއް.

ކޮމެންޓު