އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
20 ޖޫން 2026
ދުނިޔޭގެ ޗާޓު ބަލަމުން ދާ ބައެއް ފަހަރު އެފުރިކާ ބައްރުގެ ހުޅަނގު އައްސޭރި ފަށުގައި ކާބޯ ވާޑު ނަމަކަށް ކިޔާ ޖަޒީރާތަކެއް ހުއްޓައި ފެނިފައި ވިޔަސް އެ ޖަޒީރާތަކަށް ދުވަހަކު ވެސް ސަމާލުކަމެއް ދެވިފައެއް އަޅުގަނޑަކަށް ނެތެވެ. އަދި އެއީ މިނިވަން ގައުމެއްކަމެއް ވެސް ހަމަގައިމު ވެސް އަޅުގަނޑަކަށް ފާހަގަކުރެވިފައެއް ނެތެވެ. މި ގައުމާ މެދު ވިސްނާން އަޅުގަނޑަށް މަޖުބޫރުކުރީ މި އަހަރު ވަރލްޑުކަޕުގައި ކާބޯ ވާޑުން ކުޅުނު ފުރަތަމަ މެޗު ބަލާން އިން އިރުގައެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ވަރުގަދަ ބާރެއްކަމަށް ދުނިޔެ ގަބޫލުކުރާ އިސްޕާނާ ދެކޮޅަށް ޖޫން 15ގައި ކުޅުނު މެޗުގައި ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓައިލީ ގިނަ މީހުން އަޑުވެސް ނާހާ ކުޑަކުޑަ ގައުމަކުންނެވެ. އެހެންކަމުން މިއީ ހާދަ ވަރުގަދަ ބަޔެކޭ ހިތަށްއަރައިގެން އެ ގައުމާ ބެހޭ ގޮތުން ތަންކޮޅެއް ބޮޑަށް މަޢުލޫމާތު ހޯދައިލާ ހިތްވީއެވެ. އަދި ލިބުނު މަޢުލޫމާތު [ފަރަގު]ގެ ކިޔުންތެރީންނާ ހިއްސާކޮށްލާހިތް ވެސް ވީއެވެ.
ކާބޯ ވާރޑު (Cabo Verde)އަކީ އެފުރިކާ ބައްރުގެ ހުޅަނގު އައްސޭރިން ބޭރުގައި، އެޓުލާންޓިކު ކަނޑުގައި އޮންނަ ޖަޒީރާ ގައުމެކެވެ. މި ގައުމު އެކުލެވިގެންވަނީ އަލިފާންފަރުބަދަތަކުން އުފެދިފައިވާ 10 ޖަޒީރާ ރަށާއި ބައެއް ކުދި ރަށްތަކުގެ މައްޗަށެވެ. މީގެ ތެރެއިން މީހުން ދިރިއުޅެނީ ނުވަ ރަށުގައެވެ. ކާބޯ ވާރޑުގެ ވެރިރަށަކީ ސެންތިއާގޯ ޖަޒީރާގައި އޮންނަ [ޕުރިއާ]އެވެ.
ޖަޒީރާތަކެކޭ ދަންނަވައިލުމުން އަޅުގަނޑުމެން ދިވެހީންގެ ވިސްނުމަށް އަންނާނީ ދިވެހިރާއްޖޭގައި މި ހުންނަ އަކަކިލޯމީޓަރެއް ވެސް ހަމަނުވާ ކުދިކުދި ރަށްރަށެވެ. ނަމަވެސް ކާބޯ ވާޑުގެ 10 ޖަޒީރާގެ ތެރެއިން އެންމެ ބޮޑު ޖަޒީރާގެ ބޮޑުމިނުގައި 991 އަކަކިލޯމީޓަރު ހުރެއެވެ. އެއީ [ސަންތިއާގޯ]އޭ ކިޔާ ޖަޒީރާއެވެ. މީހުން ދިރިއުޅޭ އެންމެ ކުޑަ ޖަޒީރާކަމަށްވާ ބުރާވާ (Brava)ގައި ވެސް 67 އަކަކިލޯމީޓަރު ހުރެއެވެ. [ސަންތާ ލޫޒިއާ] ޖަޒީރާގައި މީހުން ވަޒަންވެރިވެގެން ނޫޅުނަސް އެ ޖަޒީރާގެ ބޮޑުމިނުގައި ވެސް 35 އަކަކިލޯމީޓަރު ހުރެއެވެ.
ކާބޯ ވޭޑު (ބައެއް މީހުން ކިޔާ ގޮތުން ކޭޕު ވޭޑު)ގެ ޖަޒީރާތަކުގެ ބިންގަނޑު އުފެދިފައިވަނީ ފަރުބަދަ ގިނަ، ހިކިފަސް ބިމެއްގެ ގޮތުގައެވެ. ކާބޯ ވާރޑުގެ މޫސުމަކީ އަހަރުގެ ގިނަ ދުވަސްތަކުގައި ހޫނު އަދި ހިކި މޫސުމެކެވެ. ނަމަވެސް، ކޮންމެ ޖަޒީރާއެއްގެ ވަށައިގެން ކަނޑު އޮންނާތީ ކަނޑުން އަންނަ ފިނި ވައިރޯޅީގެ ސަބަބުން މޫސުން ވަރަށް ބޮޑަށް ހިތްފަސޭހަ ކޮށްދެއެވެ.

މި ހިނގާ 2026ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގެ އާބާދީ ފަސް ލައްކައަށް ވުރެ މައްޗަށް އަރައެވެ. އާބާދީގައި އަންހެނުންނާއި ފިރިހެނުން ވަރަށް ހަމަހަމަ ނަމަވެސް ކުޑަ ތަންކޮޅެއް އިތުރީ ފިރިހެނުންގެ އާބާދީއެވެ. ފިރިހެނުންގެ އަބާދީއަކީ 269,260ކަމަށް ވާ އިރު އެއީ އާބާދީގެ %50.8އެވެ. އެހެންކަމުން އާބާދީގެ %49.2އަކީ އަންހެނުންވެ. އެއީ ޖުމުލަ 260,370އެވެ. މުޅ އާބާދީގެ %70 (ހަތްދިހަ އިންސައްތަ) އަކީ ރޯމަން ކެތޮލިކު ނަޞާރާއީންނެވެ. މުސްލިމު އާބާދި ކުޑަ ނަމަވެސް މުސްލިމުންގެ އާބާދީ އަހަރުން އަހަރަށް އިތުރުވަމުން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ކާބޯ ވާޑުގެ އަންހެންކުދީންނަކީ އެ މީހުންގެ ޚަލްޤުގެ ރީތިކަމާއި ޚުލްޤުގެ މާތްކަމުން އެ ގައުމަށް ޒިޔާރަތްކުރާ އެންމެންގެ ލޯބި ހޯދައިފައިވާ ހިތްހެޔޮ ބަޔެކެވެ. މިއީ އެ ގައުމުގެ ތާރީޚާއި ސަގާފަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމަށް ވެއެވެ.
އެފުރިކާ ދަރިކޮޅުގެ ކަޅުކަމާއި ޕޯޗުގީޒު ދަރިކޮޅުގެ ދޮންކަން އެކުވެގެން އުފެދިފައިވާ މި ނަސްލުގެ ސަބަބުން، ކާބޯ ވާރޑުގެ އަންހެންކުދީންގެ ކިބައިން ތަފާތު އަދި ހިތްގައިމު ސިފަތަކެއް ފެނެއެވެ. މީގެ ތެރޭގައި ތަފާތު ކުލަކުލައިގެ ލޮލާއި، އިހާ އިސްތަށިގަނޑާއި ބުޅި އިސްތަށިގަނޑާއި، ހަންގަނޑުގެ ރީތި ކުލައާއި ހިތްގައިމު އޮމާންކަން ހިމެނެއެވެ.
ދުނިޔޭގެ ފެޝަނުގެ ޞިނާޢަތާއި މިސް ޔުނިވަރސް ފަދަ ރީތީގެ މުބާރާތްތަކުގައި ކާބޯ ވާރޑުގެ ކުދީން ދަނީ އެ މީހުންގެ ގުދުރަތީ ރީތިކަން ދައްކައިލަމުންނެވެ.
އަންހެންކުދީންގެ ޚަލްޤީ ރީތިކަމުގެ އިތުރަށް، އެ ކުދިންގެ ކިބައިގައި ހުންނަ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، މިއުޒިކީ ހުނަރާއި، ހިނިތުންވުމާ އެކު މީހުންނާ މުއާމަލާތްކުރުމުގެ ޚުލްޤީ މާތް ސިފައަކީ އެ މީހުންގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ކަންކަމެވެ.
15ވަނަ ގަރުނާ ހަމައަށް ކާބޯ ވާރޑުގެ ޖަޒީރާތަކަކީ އެއްވެސް ބަޔަކު ދިރިއުޅުނު ރަށްތަކެއް ނޫނެވެ. މި ޖަޒީރާތައް 1456ވަނަ އަހަރު ހޯދީ ޕޯޗުގީޒު ދަތުރުވެރީންނެވެ. އޭގެ ފަހުން، މި ރަށްތައް ވެފައިވަނީ އެފުރިކާގެ އަޅުންގެ ވިޔަފާރީގެ މައި ހަބަކަށެވެ. މި ދުވަސްވަރު މި ޖަޒީރާތަކަށް ވެރިވެގެންފައިވަނީ ޕޯޗުގީޒުންނެވެ. ގިނަ އަހަރުތަކެއްގެ އިސްތިއުމާރަށް ފަހު، ކާބޯ ވާރޑުއަށް ފުރިހަމަ މިނިވަންކަން ލިބުނީ ވަރަށް ފަހުން 1975 ޖުލައި 5ގައެވެ.
މި ތާރީޚީ ސަބަބުތަކާ ހުރެ، ކާބޯ ވާރޑުގެ ސަގާފަތް ބިނާވެފައިވަނީ އެފުރިކާއާއި ޕޯޗުގީޒު ސަގާފަތް އެކުވެގެން އުފެދިފައިވާ ތަފާތު [ކުރިއޯލް] ސަގާފަތެއްގެ މައްޗަށެވެ. ގައުމުގެ ރަސްމީ ބަހަކީ ޕޯޗުގީޒު ބަސް ނަމަވެސް، އާންމު ދިރިއުޅުމުގައި ބޭނުންކުރަނީ ކޭޕު ވާރޑިއަން ކްރިއޯލް ބަހެވެ. މި ގައުމަކީ މިއުޒިކާއި ނެށުމަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ގައުމެކެވެ. ޚާއްޞަކޮށް [މޯރނާ] ކިޔާ މިއުޒިކުގެ ބާވަތަކީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު އެއްޗެކެވެ.
ގައުމުގައި ގުދުރަތީ ވަސީލަތްތައް މަދުވުމުގެ ސަބަބުން، ކާބޯ ވާޑުގެ އިގުތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޚިދުމަތުގެ ދާއިރާއާއި ފަތުރުވެރިކަމުގެ މައްޗަށެވެ. ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި، މޫދުގެ ކުޅިވަރުތަކަށް ރަނގަޅު މާހައުލެއް އޮތުމުން، ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ފަތުރުވެރީން މި ގައުމަށް ޒިޔާރަތްކުރެއެވެ. މީގެ އިތުރަށް، ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުން ގައުމަށް ފޮނުވާ ފައިސާއަކީވެސް އިގްތިސާދުގެ މުހިންމު ބައެއްކަމުގައި ބެލެވެއެވެ.
ބޮޑު ނުވަ ޖަޒީރާއެއްގައި ދިރިއުޅެމުން ގެންދާ މި ގައުމުގައި ދަތުރުފަތުރުކުރުމަށް ޓަކައި ހަތް އެއަރުޕޯޓެއް ގާއިމުކޮށްފައި ވެއެވެ. މީގެ ތެރެއިން ހަތަރު އެއަރުޕޯޓަކީ ބައިނަލްއަގުވާމީ އެއަރުޕޯޓެވެ. އެއް ޖަޒީރައިން އަނެއް ޖަޒިރާއަށް ކަނޑުމަގުން ވެސް ދަތުރުކުރެވޭނެ ފެރީގެ ނިޒާމު ވަނީ ގާއިމުކުރެވިފައެވެ. ނަމަވެސް މި ސަރަހައްދުގައި ކަނޑުތައް އެހައި މަޑެއް ނޫނެވެ. އެހެންކަމުން މިއީ ދުރު ޖަޒީރާއަކަށް ދާން ޖެހިއްޖެ ނަމަ، އެހައި ހިތްފަސޭހަ ދަތުރަކަށް ނުވާނެއެވެ. އަދި ގިނަ ވަގުތު މި ކަމަށް ހޭދަވާނެއެވެ.
މި ގައުމާ މެދު އަޅުގަނޑުގެ ހިތުގައި ޝައުޤު އުފެދުނީ މި އަހަރުގެ ވާރލްޑު ކަޕުގައި އެ މީހުން ދެއްކި ހުނަރުގެ ސަބަބުންނެވެ. އެހެންކަމުން އެ މީހުންނާ ފުޓުބޯޅައާ ހުރި ގުޅުމުގެ މައްޗަށް ވެސް ބަލައިލުމަކީ މުހިންމު ކަމެކެވެ.
ކާބޯ ވާޑު (Cabo Verde) އަކީ އާބާދީގެ ގޮތުން ކުޑަ ގައުމެއް ނަމަވެސް، ފުޓުބޯޅައިގެ ދުނިޔޭގައި އެ ގައުމަކީ ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ގައުމެއްކަން މި އަހަރުގެ ވާރލްޑުކަޕުގައި ވެސް އެ މީހުން ވަނީ ސާބިތުކޮށްދީފައެވެ. ގައުމީ ފުޓުބޯޅަ ޓީމަށް އެ މީހުން ކިޔަނީ [ބުލޫ ޝާކުސް]އެވެ.
އެފުރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ "އެފުރިކާ ކަޕު އޮފު ނޭޝަންސް" (AFCON)ގައި އެ ގައުމުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައި، ބޮޑެތި ގައުމުތައް ސިއްސުވައިލައިފައެވެ. ޚާއްޞަކޮށް 2013އާއި 2023ވަނަ އަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރުމުން އެ މީހުންގެ ހުނަރު ވަނީ ސާބިތުކޮށްދީފައެވެ. އެހެންކަމުން އެ މީހުން މި ފަހަރުގެ ވާރލްޑުކަޕަށް ހޮވިފައިވަނީ އިއްތިފާގަކުން ނުވަތަ ނަސީބަކުން ނޫންކަން އެނގެއެވެ. އެއީ ފުޓުބޯޅައަށް ލޯބިކުރާ ފުޓުބޯޅައިގެ ހުނަރުވެރި ގައުމެކެވެ.
މީގެ ކުރީން ކާބޯ ވާރޑަށް މިހައި ތަނަށް ފީފާ ވާރލްޑު ކަޕުގެ މައި މުބާރާތުން ދުވަހަކު ވެސް ޖާގައެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ވާރލްޑު ކަޕުގެ ކޮލިފައިންގ މަރުހަލާތަކުގައި އެފުރިކާ ބައްރުގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް އެ ގައުމުން ދައްކައިފައިވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު، ރޭވުންތެރި ކުޅުމެކެވެ. ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރީންތަކެއް (އެހެން ގައުމުތަކަށް ކުޅޭ ކުޅުންތެރިން ހިމެނޭހެން) މި ގައުމުގެ ނަސްލަށް ނިސްބަތްވެއެވެ. އެންމެ ފަހުން މި އަހަރުގެ ވާރލްޑުކަޕުން އެ މީހުން އެ ވަނީ ޖާގަ ހޯދައި އަދި ކުޅެގެން ދުނިޔޭގެ ގައުމުތައް ހައިރާންކޮށްލައިފައެވެ. 
ފީފާ ވޯލްޑު ކަޕު 2026ގައި ކާބޯ ވާރޑު ހިމެނެނީ [ގުރޫޕު އެޗު]ގައެވެ. މި ގުރޫޕުގައި އެ ގައުމުގެ އިތުރަށް ދެން ހިމެނެނީ އިސްޕޭނާއި އުރުގުއޭއާއި ސުޢޫދީ ޢަރަބިއްޔާއެވެ.
ކުރީން ވެސް ދެންނެވުނު ފަދައިން 2026 ޖޫން 15ގައި އެ މީހުން ވަނީ ގުރޫޕުގެ ފުރަތަމަ މެޗުގައި އިސްޕޭނާ ވާދަކޮށް އެއްވަރުކޮށްގެން އެއް ޕޮއިންޓު ހޯދައިފައެވެ. އުރުގުއޭއާ އެކު ކުޅޭ މެޗު އޮތީ ޖޫން 21ގައެވެ. ގުރޫޕު މަރުޙަލާގައި އެ މީހުން ގުޅޭނެ އެންމެ ފަހު މެޗުގައި ސުޢޫދީ ޢަރަބިއްޔާއާ ބައްދަލުކުރާނީ ޖޫން 26ގައެވެ.
ކާބޯ ވާރޑަކީ އެފުރިކާ ބައްރުގައި އޮތް އެންމެ އަމާން، ޑިމޮކުރެޓިކު އަދި ސިޔާސީ ގޮތުން އެންމެ ހަމަޖެހުން ބޮޑު އެއް ގައުމެވެ. އެ ގައުމުގެ ގުދުރަތީ ރީތިކަމާއި، މުއްސަނދި ސަގާފަތާއި، ރައްޔިތުންގެ ހިތްހެޔޮކަމުގެ ސަބަބުން، އެއީ ދުނިޔޭގެ ޗާޓުގައި އެއީ ފާހަގަކޮށްލެވޭ ފަދަ ހިތްގައިމު ޖަޒީރާ ގައުމެކެވެ. ދިވެހިރާއްޖެއިން ސީދާ އުދުހުމުގެ ފުރުޞަތު ނެތަސް މެދުއިރުމަތީގެ ގައުމުތަކާއި ވިލާތުގެ ގައުމުތައް މެދުވެރިކޮށް ކާބޯ ވޭޑަށް ދާދި ފަސޭހައިން ދަތުރުކޮށްލެވެއެވެ.
ދެ ލަފުޒެއްގެ މާނަ:
ހަބު ނ. (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި.
ޖަޒީރާ ނ. ވަށައިގެން ކަނޑު ނުވަތަ ފެން އޮންނަ ހިކި ބިން. island