އަބާ މުޙަންމަދު
18 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުން ދިޔަ ކުރިމަތިލުންތައް ނިމުމަކަށް އައުމަކީ ދުނިޔެއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެމެރިކާއާއި އީރާނާ ދެމެދު ވެވިފައިވާ އެއްބަސްވުމަށް މިހާރު އަމަލުކުރާން ފެށިއްޖެކަމަށް ޕާކިސްތާނުން ޚަބަރު ދެއެވެ.
ޕާކިސްތާނުން ބުނެފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕާއި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި، ފަހުމުނާމާއެއްގައި އޮންލައިނުކޮށް ސޮއިކޮށްފައެވެ. ޕާކިސްތާނު ބުނާ ގޮތުގައި [އިސްލާމްއާބާދު ފަހުމުނާމާ]އަށް މިހާރު ވަނީ ޢަމަލުކުރާން ފެށިފައެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އީރާނުން ނިއުކުލިއަރު ހަތިޔާރެއް ނުއުފެއްދުމާއި، އެ ފަދަ ހަތިޔާރެއް ނުގަތުމާއި، ހުރިހައި ދިމާއަކުން ހަނގުރާމަ ހުއްޓައިލުމުގެ އިތުރަށް ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލުން ހިމެނެއެވެ.
އެމެރިކާއާއި އީރާނުގެ ފަހުމުނާމާގައި ލުބުނާން ހިމެނިފައިވީ ނަމަވެސް، އިޒުރޭލުގެ ސިފައިން މިހާރު ވެސް ގެންދަނީ ލުބުނާނުގައި އަސްކަރީ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި އެކި މަސްދަރުތަކުން ޚަބަރުދޭ ގޮތުގައި، ނަތަންޔާހޫ ބުނެފައިވަނީ އެމެރިކާގެ ރައީސް ޓުރަންޕު ރުހުނަސް ނުރުހުނަސް ލުބުނާނުގެ ބައެއް އެ މީހުން ހިފާނެކަމަށެވެ. އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް ބާވަތެއްގެ ސުލްހައެއް ގާއިމުކުރުމަކީ އިޒުރޭލު އެއްވެސް ހާލެއްގައި ރުހޭ ކަމެއް ނޫނެވެ. އެހެންކަމުން މިއަދު މި ސޮއިކުރެވުނު އެއްބަސްވުން ނާކާމިޔާބު ކޮށްލެވޭތޯ އިޒުރޭލަށް ކުރެވުނުހައި މަސައްކަތެއް ކުރާނެއެވެ.
ހިޒުބުﷲގެ ލީޑަރު ނައީމް ގާސިމް ވަނީ މި އެއްބަސްވުމަކީ [ބޮޑު ކާމިޔާބީއެއް]ގެ ގޮތުގައި ސިފަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި ލުބުނާނުން އިސްރާއީލާ އެކު ކުރާ މަޝްވަރާތައް ހަމައެކަނި އަމާޒުކުރަންޖެހޭނީ [ދެފަރާތުގެ ސަލާމަތާއި ރައްކާތެރިކަމަށް]ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރ ރޮޖަރ މާޝަލް ވަނީ އީރާނާއި އެމެރިކާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއަށް ތައުރީފުކުރައްވައިފައެވެ. އެކުސްގައި ކުރި ޕޯސްޓެއްގައި މިއީ [ކާމިޔާބު އެއްބަސްވުމެއް]ގެ ގޮތުގައި އޭނާ ސިފަކޮށްފައި ވެއެވެ. އަދި މިއީ ކުރީގެ ރައީސް ބަރަކު އޮބާމާގެ ދައުރުގައި އެކުލަވައިލި އެއްބަސްވުމަށް ވުރެ މާ ފުރިހަމަ އެއްބަސްވުމެއްކަމަށް ވެސް ބުނެފައި ވެއެވެ. އޮބާމާގެ ރިޔާސަތުގައި އެއްބަސްވި އެ އެއްބަސްވުމުން 2018ވަނަ އަހަރު އެމެރިކާއިން ވަނީ ނުކުމެފައެވެ. އެއީ ޓުރަންޕުގެ ރިޔާސީ ފުރަތަމަ ދައުރެވެ.
މާޝަލް އިތުރަށް ބުނެފައިވާ ގޮތުގައި އީރާނުގެ ނިއުކުލިއަރު ޕުރޮގުރާމާ ގުޅޭ ގޮތުން އެކުލަވައިލެވޭ އެންމެ ފަހުގެ އެއްބަސްވުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ބާރުލިބޭނެކަމަށާއި، މި އެއްބަސްވުމަށް އަރަބި ގައުމުތަކުން ލިބުނު ތާއީދަކީ ޚާރިޖީ ގޮތުން އެމެރިކާއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށެވެ.
ކެންސަސްގެ ގާނޫނު ހަދާ މަޖިލީހުގެ މި މެންބަރުގެ ފަރާތުން މި އެއްބަސްވުމަށް މިހައި ބޮޑަށް މި ތާރީފުކުރީ، ޓުރަންޕުގެ ރިޕަބުލިކަން ޕާޓީގެ ތެރޭގައްޔާއި އިސްރާއީލުގައި މި އެއްބަސްވުމާ މެދު ވަރަށް ބޮޑު ނުރުހުންތެރިކަމަކާއި ފާޑުކިއުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެހެނީ ހަގީގަތުގައި ހުރުމުޒު ކަނޑުއޮޅި ހުޅުވައިލުން ފިޔަވައި އެމެރިކާއަށް ލިބުނު ކާމިޔާބީއެއް ނެތެވެ. ހުރިހައި ވެސް ކާމިޔާބީއެއް އޮތީ އީރާނަށެވެ.