އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
16 ޖޫން 2026
ދުނިޔޭގައި ކަންކަން ހިނގަނީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެމެރިކާއާއި އީރާނާ ދެމެދު މި ދިޔަ ފެބުރުވަރީ މަހު 28އިން ފެށިގެން ހިނގަމުން އަންނަ ހަމަނުޖެހުންތައް ފެށީ އެމެރިކާއާއި އިޒުރޭލުންނެވެ. އެ ކަމާ އެ ދެ ގައުމުގެ ރައްޔިތުން ވަރަށް ދެކޮޅެވެ. ހަރުކަށި ފިކުރުގެ މަދު ބަޔެއް ނޫނީއެވެ. މި ހަނގުރާމަ ފެށީ އީރާނުގައި އެމެރިކާއާއި އިޒުރޭލުން އެހީވެދީގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާން ފެށުމަށް ފަހުގައެވެ. ސީދާ އިޒުރޭލުގެ މޮސާޑުން ނުވަތަ އެ މީހުންގެ އެޖެންޓުން އީރާނުގެ ތެރެއަށް ވަދެ، ތަންތާނގައި ހުޅުޖަހައި ބިނާރުތަކަށް ގެއްލުންދިނެވެ.
މި ދަނޑިވަޅުގައި ހަނގުރާމަ ފަށައި އިގުތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށް ޓަކައެވެ. ފުރަތަމަ ޙަމަލާތަކުގައި އީރާނުގެ ކުރީ ޒަޢީމު އާޔަތުﷲ، ރޫޙުﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލީ މި މަގުސަދުގައެވެ. ނަމަވެސް އެމެރިކާގެ މަގުސަދު ހާސިލެއް ނުކުރެވުނެވެ. އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވުނެވެ. އީރާޏުގެ އިދާރިއްޔަތުން ދެއްކީ އާދަޔާ ޚިލާފު ހިތްވަރެކެވެ. ނަތީޖާއެއްގެ ގޮތުން މި ހަމަނުޖެހުންގަނޑުގެ ތެރޭން ނުކުންނާނެ މަގެއް ހޯދާން އެމެރިކާއިން މަސައްކަތް ފެށިއެވެ.
ހަނގުރާމަ ކުރުމަކީ އީރާނަކަށް ވެސް މަސްލަހަތު ކުރި ކަމެއް ނޫނެވެ. ނަމަވެސް އެ މީހުން ތިބީ [މަރު ނުވަތަ ކާމިޔާބު]ގެ މޮޓޯގައި ދެބިތިބޭށެވެ. ރައްޔިތުން ވެސް ފަހުން މުޒާހަރާތައް ހުއްޓައި ސަރުކާރަށް ތާއީދުކުރާން ފެށިއެވެ. ގިނަ މީހުން ބޭނުންވަނީ ކާފަރުންނާ ހަނގުރާމަކޮށްގެން ޝަހީދުވާށެވެ.
ކޮންމެއަކަސް 100 ދުވަހަށް މި ހަނގުރާމަ ދެމިގެން ދިޔަ ފަހުން މިހާޜުވަނީ އީރާނުން ހުށަހެޅި ޝަރުޠުތައް ގަބޫލުކޮށް ހަނގުރާމަހުއްޓާން ދެ ފަރާތުން އެއްބަސްވެފައެވެ. މީޑިއާ ރިޕޯޓުތަކުން ކަށަވަރުވާ ގޮތުގައި މި ކަމުގެ ފަހުމުނާމާގައި އަންނަ ހުކރު ދުވަހު ޖެނީވާގައި ސޮއިކުރާނެއެވެ.
ނަމަވެސް މި އެއްބަސްވުން އެކުލަވައިލާތީ އީރާނުގެ އިދިކޮޅު ފަރާތްތަކުންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ނުރުހުންފާޅުކޮށް މުޒާހަރާކުރާން ފަށައިފައެވެ. އަދި ޚާރިޖީ ވަޒީރު ޢައްބާސް އަރަޣުޗީއާއި ބަރުލަމާނުގެ ރައީސް މުޙަންމަދު ބަޣާރު ޣަލިބާފު އިސްތިއުފާ ދޭން ވެސް ގޮވަމުން އެބަ ގެންދާކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ އެމެރިކާއާ އެކު ސުލްހައިގެ ފަހުމުނާމާއެއް އެކުލަވައިލުމަކީ އެ މީހުން އެދޭ ކަމަކަށް ނުވާތީއެވެ.
މި ކަންތައްގަނޑާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣުޗީ އިސްތިއުފާދެއްވައިފިކަމަށް ވެސް މީސްމީޑިއާގައި ވަރަށް ބޮޑަށް އެބަ ވިރަވެއެވެ. ފޭސްބުކާއި މިފަދަ މަންސަތަކުގައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣުޗީ އިސްތިއުފާއެއް ނުދެއްވައެވެ. މިހެން މި ދެންނެވީ އެއްވެސް މީޑިއާއަކުން އިތުބާރުކުރެވޭ މަސްދަރަކުން ނުވަތަ އެއްވެސް މަރުޖާއަކުން މި ފަދަ މަޢުލޫމާތެއް އަދި މިހައިތަނަށް ޢާންމުކޮށްފައިނުވާތީއެވެ. މީސްމީޑީއާގައި މި ފަދަ ދޮގު ޚަބަރުތައް ފެތުރުމަކީ ވަރަށް އާންމުކަމެކެވެ. އެއީ ސިޔާސީ ގޮތުންނާއި ނަފުސާނީ ގޮތުން މީހުންގެ ވިސްނުން ބަދަލުކޮށްލާން ކުރާ ކަންކަމެވެ. ނަމަވެސް، މިފަދަ އަޑުތަކެއް ފެތުރެން ދިމާވި ސަބަބުތަކެއް އެބަ ހުއްޓެވެ. އެ ކަން ދެނެގަތުމަކީ އުނދަގޫ ކަމެއް ވެސް ނޫނެވެ. ޢައްބާސް އަރަޣުޗީއަށް މިހާރު ދަނީ ގައުމުގެ އެތެރެއިން ސިޔާސީ ބޮޑެތި ފިއްތުންތަކަކާއި ރައްޔިތުންގެ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިވަޑައިގެންފައެވެ. އެއީ އެމެރިކާއާ އެކު [ޑީލެއް ހައްދަވާން] އޭނާ އެއްބަސްވެވަޑައިގަތުމުންނެވެ. އެ މީހުން ބޭނުންވަނީ ހަނގުރާމަ ކުރިއަށް ގެންދާށެވެ. ކާފަރުންނާ ހަނގުރާމަކޮށް [ﷲގެ މަގުގައި ޝަހީދުވާށެވެ.] އެހެންނަމަވެސް އަދި އޭނާ އިސްތިއުފާއެއްނުދެއްވައެވެ.
އިސްތިޢުފާދެއްވިކަމަށް އަޑު ފެތުރޭން ދިމާވި ސަބަބުތައް:
· ހަރުކަށި ފިކުރުގެ މީހުންގެ މުޒާހަރާތައް: ސަރަހައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެމެރިކާއާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެކަމަށާއި މި ކަމާ ބެހޭ ގޮތުން އަރާޣުޗީ ޓީވީ އިންޓަވިއުއެއްގައި ވިދާޅުވުމާ ގުޅިގެން، އީރާނުގެ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކުރަން ފަށާފައެވެ.
· އިސްތިއުފާއަށް ގޮވުން: ތެހެރާނާއި މަޝްހަދުގައި ހުންނަ ޚާރިޖީ ވުޒާރާގެ އޮފީސްތައް ދޮށަށް އެއްވެ، މުޒާހަރާގެ ބައިވެރިން ދަނީ [އަރާޣުޗީ، އިސްތިއުފާދީ]އޭ ގޮވައި އަޑުއުފުލަމުންނެވެ. އަދި އިސްތިރާޖީ ސަރަހައްދެއްކަމަށްވާ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓުރޯލާ ގުޅޭ ގޮތުން އެމެރިކާއަށް މާ ގިނަ، ދޫތަކެއް އޭނާ ދެއަވަމުންގެންދަވާކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ދަނީ ކުރަމުންނެވެ.
· ކެބިނެޓުގެ އެތެރޭގެ ނުތަނަވަސްކަން: މި ފާޑުކިޔުންތައް އައިސްފައިވަނީ އެތެރޭގެ ޚިޔާލު ތަފާތުވުންތަކަށް މަސްތަކެއް ވެފައިވަނިކޮށެވެ. ޚާރިޖީ ސިޔާސަތުތަކާ މެދު ޑިޕްލޮމެޓިކް އިދާރާއާއި އިސްލާމީ އިންގިލާބީ ލަސްކަރު (އައި.އާރް.ޖީ.ސީ)ގެ ހަރުކަށި އަސްކަރީ ފިރުގާތަކާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަން ރިޕޯޓުތަކުން ހާމަވެއެވެ.
މުޒާހަރާއަށް އެއްވެފައިވާ މީހުން ޢައްބާސް އަރާޣުޗީ ސިޔާސީ މަސްރަހުން ދުރުވުމަށް ބާރުއަޅަމުންދިޔަ ނަމަވެސް، އަރާޣުޗީ އަދިވެސް ހުންނެވީ އީރާނުގެ އެންމެ އިސް ޑިޕުލޮމެޓު (ޚާރިޖީ ވަޒީރު)ގެ މަގާމުގައެވެ. އަދި ރަސްމީ ގޮތުން އިސްތިއުފާއެއް ހުށަހަޅުއްވައި ނުވަތަ އިސްތިއުފާދެއްވައި އިސްތިއުފާ ގަބޫލުކޮށް މި ފަދަ އެއްވެސް ކަމެއް ހިނގައިފައެއް ނުވެއެވެ. ހުޅަނގުގެ މީޑީއާތަކާއި މެދުއިރުމަތީގެ މީޑިއާތަކާއި ޚުދު އީރާނުގެ މީޑީއާއަކުން ވެސް އެ ފަދަ މަޢުލޫމާތެއް އާންމުކޮށްފައެއް ނެތެވެ. ހަމަ އެކަނި މީސްމީޑީއާގައި މީހުން ފަތުރާ މައުލޫމާތުގެ 90 އިންސައްތައަކީ އިތުބާރުކުރެވޭ ޚަބަރުތަކަކަށް ނުވާނެއެވެ.
ބައެއް ލަފުޒުގެ މާނަ
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure
އިސްތިއުފާ ނ. ތިމާއާ ހަވާލުވެފައިވާ ކަމަކުން ދުރުވުމަށް ނުވަތަ ވަކިވެގަތުމަށް ހުށަހަޅާ ހުށަހެޅުން. Resignation, to resign
މަރުޖާ ނ. ސައްހަ ސަނަދަކުން ކަށަވަރުވާ މަސްދަރު. authoritative source
މަސްދަރު ނ. (1) ކަމެއް ނުވަތަ އެއްޗެއް އުފެދެން ފެށޭ ތަން ނުވަތަ ފަރާތް. (2) ދިވެހިބަހުގެ ގަވާއިދުގައި ކަން އުފެދުމުގެ އަސްލު. source
މީސްމީޑިއާ. ނ. ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. social media
މީޑިއާ ނ. ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށް ކިޔާ ޖަމާ ނަން.media
ފިރުގާ ނ. ކަމެއް ކުރުމަށް ޓަކައި ނުވަތަ އަމާޒަކަށް ވާސިލުވުމަށް ޓަކައި އެއް ޚިޔާލެއް ނުވަތަ ވަކި ރައުޔެއް ގެންގުޅޭ ޖަމާޢަތެއް. faction