އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
24 ޖޫން 2026
ޤަޠަރުގެ ބޮޑު ގޭސްކުންފުނިކަމަށްވާ 'ރަސް ލައްފާން' ލިކުއިފައިޑް ނެޗުރަލް ގޭސް (LNG) އެކުވެނީގައި ހިނގި ގޮވުމެއްގައި މަރުވި 13 މީހުންގެ ތެރޭގައި ޕާކިސްތާނާއި އިންޑިއާގެ ރައްޔިތުން ހިމެނޭތީ އެންމެ ފުރަތަމަ ވެސް އުޚުއްވަތްތެރި ޕާކިސްތާނާއި އަވަށްޓެރި އިންޑިއާގެ ވެރީންނާއި ރައްޔިތުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރަމެވެ. އަދި ޤަޠަރު ސަރުކާރަށް ވެސް ތަޢުޒިޔާ ރައްދުކުރަމެވެ. ޤަޠަރުގެ ހަކަތައާ ބެހޭ ވަޒީރު ސައުދު އަލްކައުބީ ހޯމަ ދޯހާގައި ހުންނަވައިގެން މި ހާދިސާ ވަނީ ކަށަވަރުކޮށްދެއްވައި ތަޢުޒިޔާ ވިދާޅުވެފައެވެ.
މި ދެންނެވި ހިތާމަވެރި ހާދިސާ ހިނގާން މެދުވެރިވި ސަބަބު، ކަމާ ބެހޭ ފަރާތްތަކުން ތަޙުޤީޤުކުރަމުންދާ މި ދަނޑިވަޅުގައި އެކި މީހުން އެކި ގޮތަށް ވާހަކަތައް ފަތުރައިފާނެތީ، ސައުދު އަލްކައުބީ ވިދާޅުވީ މިއީ [އެކްސިޑެންޓެއްކަމަށާއި، މިއީ އެއްވެސް ބަޔެއްގެ ނުބައި ރޭވުމަކުން ނުވަތަ ބަޔަކު ދިން ހަމަލާއަކުން ހިނގި ކަމެއްނޫން]ކަމަށެވެ. އަދި [ޕާކިސްތާނާއި އިންޑިއާގެ ރައްޔިތުންގެ ތެރެއިން 13 މީހަކު މި ހާދިސާގައި ދުނިޔެއާ ވަކިވެފައިވާކަން] އޭނާ ވަރަށް އަސަރާ އެކު، އިޢުލާނުކުރެއްވިއެވެ.
ސަޢުދު ވިދާޅުވެފައިވަނީ މީގެ އިތުރަށް ވެސް 66 މީހަކަށް އެކި ވަރުގެ އަނިޔާވެގެން ފަރުވާދެމުންދާކަމަށާއި، ނަމަވެސް އެއިން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތެއްގައި ނެތްކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި ޤަޠަރުގެ ރައްޔިތުންނާއި އިންޑިއާއާއި ޕާކިސްތާނާއި ކެންޔާއާއި ގާނާއާއި، ޓެންޒޭނިއާއި، ނައިޖީރިއާއާއި ނޭޕާލާއި ބަންގްލަދޭޝްގެ ރައްޔިތުން ހިމެނޭކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގައިފައިވަނީ މާރިޗު މަހު އީރާނުން ދިން ހަމަލާއަކާ ގުޅިގެން މެދުކަނޑައިލައިފައިވާ މަސައްކަތްތައް މުވައްޒަފުން އައިސް އަލުން ފަށާން އުޅުމުގެ ތެރޭގައެވެ. މި ހާދިސާ ހިނގީ އެ ގައުމުގެ ވަޠަނީ ކުދި ކުންފުނިތަކަށް ގޭސް ފޯރުކޮށްދޭ ޔުނިޓެއްގައިކަމަށް މަޢުލޫމާތު ލިބފައިވެއެވެ. ނަމަވެސް މި ގޮވުމުގެ އަޑު ބާރުކަމުން މުޅި ދޯހާއަށް އެ އަޑު އިވުނުކަމަށް ވެއެވެ.
ހަކަތައާ ބެހޭ ވަޒީރުކަމުގެ އިތުރަށް[ޤަޠަރު އެނަރޖީ]ގެ ސީއީއޯގެ މަޤާމު ވެސް ފުރުއްވާ ކައުބީ ވިދާޅުވީ މި ހާދިސާގެ ތަޙުޤީޤު މިހާރު ފަށައިފައިވާކަމަށެވެ. [މިކަމުގެ ސަބަބުން ގޭސް އެކްސްޕޯޓުކުރުމަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި. އަދި ޤަޠަރުގެ ވަޠަނީ ޚިދުމަތްތަކަށް ވެސް އެއްވެސް އަސަރެއް ނުކުރާނެ]ކަމަށް ވެސް ކަޢުބީ ވިދާޅުވެފައިވެއެވެ. އަދި މި ގޮވުމުގެ ސަބަބުން [ތިމާވެއްޓަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިނުވާ]ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޤަޠަރުގެ ދާޚިލީ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި އާދީއްތަ ދުވަހު ހަވީރު [ޓެކްނިކަލް މައްސަލައެއް] ދިމާވިކަމަށެވެ. ކަމާ ބެހޭ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި މި ހާދިސާ ހިނގައިފައިވަނީ ރައްޔިތުންނަށް ގޭސް ސަޕްލައިކުރާ ވަޠަނީ މަރުކަޒުގައެވެ.
މި ގޮވުން ގޮވި ވަގުތު، ޤަޠަރުގެ ވެރިރަށުގައި ތިބި ނޫސްވެރިންނަށް، އެ ރަށާ 64 ކިލޯމީޓަރު ދުރުގައި އޮންނަ އެ ޤައުމުގެ އުތުރު އައްސޭރީން އެ އަޑު އިވުނެވެ. އަދި 20 ކިލޯމީޓަރު ދުރުގައި ހުރި އެހެން މީހަކަށް، ދުނިޔޭގެ އެންމެ ބޮޑު ގޭސް މަރުކަޒު ހުންނަ އެ ސަރަހައްދުން އޮރެންޖު ކުލައިގެ ބޮޑު އަލިފާންގަނޑަކާއި ދުންއަރަމުންދިޔަ ތަން ފެނުނެވެ.
އެމެރިކާގެ އަސްކަރީ ބޮޑު މަރުކަޒެއް ހުންނަ ޤަޠަރަކީ، އެމެރިކާ-އީރާނު ހަނގުރާމައިގެ ތެރޭގައި އީރާނުގެ މިސައިލާއި ޑުރޯނުން ތަކުރާރުކޮށް ހަމަލާތަކެއް އަމާޒުވި ޤައުމެކެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ގޭސް ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ގަލްފު ސަރަހައްދުގައި ތާށިވި ނަމަވެސް، ފަހަކަށް އައިސް ސިނާޢީ މި ޙަރަކާތްވަނީ އަލުން ފަށައި ދުނިޔޭގެ ގައުމުތަކަށް ގޭސް ބޭރުކުރާން ވެސް ފަށައިފައެވެ.
ޤަޠަރުގެ ސަރުކާރު ހިއްސާވާ މި ހަކަތަ ކުންފުނީން ބުނީ މި ގޮވުން ހިނގައިފައިވަނީ [ރަސް ލައްފާން ސިނާޢީ ސަހަރުގެ ސިނާޢީ މަސައްކަތްތައް އަލުން ފެށުމުގެ ތެރޭގައި، 'ބަރްޒާން ލޯކަލް ގޭސް ސަޕްލައި ފެސިލިޓީ'ގައި އެއްޗެއް ގޮވައި އަލިފާން ރޯވުމުގެ ސަބަބުން]ކަމަށެވެ.
އާދީއްތަ ދުވަހުގެ ރޭ ވަރަށް ދަންވި ފަހުން [ޤަޠަރު އެނަރޖީ]އިން ބުނީ ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ފޮނުވައިގެން އަލިފާންގަނޑު ކޮންޓުރޯލުކުރެވިފައިވާކަމަށެވެ.
ޤަޠަރުގައި ހުންނަ ޕާކިސްތާނުގެ ސަފާރާއިން ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކޮށް ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްފައެވެ. އަދި [މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ރައްޔިތުންނަށާއި އެ މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށް] ބުނެފައިވެއެވެ. (މަޢުލޫމާތު: ޑޯން.ކޮމް)
ލަފުޒެއްގެ މާނަ:
އެކުވެނި ނ. ތަފާތު މަސައްކަތްތައް ހިންގާ ނުވަތަ ޚިދުމަތްތައް ދޭ ބައިތަކެއް ހުންނަ ބޮޑު އިމާރާތެއް ނުވަތަ ގުޅިފައިވާ އިމާރާތްތަކެއް. complex