އަބާ މުޙަންމަދު
20 ޖޫން 2026
ޒީލޭންޑިއާއަކީ ބިމުގެ އަށްވަނަ ބައްރުގެ ގޮތުގައި ސައިންސުން ކަށަވަރުވުމުން، ދުނިޔޭގެ ޖިއޮގުރަފީއާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށްލައިފިއެވެ. މި ކަމުން ސާބިތުވަނީ ބައްރެއްގެ އޮނިގަނޑު ކަނޑައެޅުމަށް ޓަކައި ކޮންމެހެން ހިކިފަސްތަނެއް (ބިމެއް) ބޭނުންނުވާކަމެވެ.
ރަސްމީކޮށް ބައްރެއްގެ ގޮތުގައި ކަނޑައެޅުމަށް ޓަކައި، ދުނިޔޭގެ ބިމާއި އޮނިގަނޑު ދިރާސާކުރާ ސައެންސީން (ޖިއޮލޮޖިސްޓުން)ނަށް އޮނިގަނޑުގެ ހަތަރު ސިފައެއް ކަށަވަރުކުރާން ޖެހުނެވެ. އެއީ:-
· ވަށައިގެންވާ ކަނޑުގެ އަޑީގެ ފަށަލައަށް ވުރެ އެ ސަރަހައްދެއް އުސްވުން
· ތަފާތު ބާވަތްތަކުގެ ހިލަ ހުރުން (އިގުނިއަސް، މެޓަމޯފިކު އަދި ސެޑިމެންޓަރީ)
· ބޯ އަދި ބާރުމިން ދަށް (ލޯ ޑެންސިޓީ) ބިމުގެ ފަށަލައެއް އޮތުން
· ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އަދި ސަރަހައްދީ އިން (ބައުންޑަރީ) ސާފުކޮށް ވަކިވާން އޮތުން
ޒީލޭންޑިއާގައި މި ހުރިހާ ޝަރުތުތަކެއް ފުރިހަމަވެއެވެ. މީގެ ބައްރުގެ ފަށަލައިގެ ބޯމިނުގައި 10 ކިލޯމީޓާރާއި 30 ކިލޯމީޓަރާ ދެމެދުގެ ބޯމިނެއް ހުރެއެވެ. މިއީ ވަށައިގެންވާ ކަނޑުގެ އަޑީގެ ބަސާލްޓް ބޭސިންތަކުގެ އާންމު ބޯމިންކަމަށްވާ ހަތް ކިލޯމީޓަރާ އަޅައިބަލާ އިރު މާ ބޯ، އަދި ބާރުމިން ދަށް ފަށަލައެކެވެ.
ފަސް މިލިއަން އަކަކިލޯމީޓަރުގެ މި ބޮޑު ބިން ކަނޑުގެ އަޑީގައި އޮތުމުގެ އަސްލަކީ މާޒީގައި ހިނގައިފައިވާ ޓެކުޓޯނިކު ޕުލޭޓުތަކުގެ ހަރަކާތްތަކެވެ. ކުރީގެ ގޮންޑުވާނާ ސުޕަރކޮންޓިނެންޓުގެ ދެކުނު އިރުމަތީ ބައެއްގެ ގޮތުގައި އޮތް އިރު، ޒީލޭންޑިއާ އޮތީ އޮސްޓުރޭލިއާ އާއި އެންޓާކުޓިކާއާ އިންވެގެންނެވެ. ގާތްގަނޑަކަށް 85 މިލިއަން އަހަރުގެ ކުރީން، ކުރިމަތިވި ބާރުގަދަ ބާރުތަކެއްގެ ސަބަބުން ބިމުގެ ފަށަލަ އިދިކޮޅު މިސްރާބުތަކަށް ދެމި، ބިމުގެ ފަށަލަ ވަރަށް ބޮޑަށް ތުނިވެގެންދިޔައެވެ.
މިއަދު މީގެ ތެރެއިން ކަނޑުގެ ލެވެލަށް ވުރެ މައްޗަށް ފެންނަން ހުރީ އެންމެ 5% އެވެ. މީގެ ސަބަބުން އެކަހެރި ދިރުންތަކެއް އާލާވާ މާހައުލެއް ރައްކާތެރިކުރެވިފައިވާ އިރު، މިއީ އެތައް މިލިއަން އަހަރުތަކުގެ ތެރޭގައި ބައްރުތަކުގެ ފަށަލަ ރެނދުލައި ބަދަލުވަމުންދާ ގޮތާ ބެހޭ މުހިންމު މައުލޫމާތުތަކެއް ދިރާސާކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ކަނޑުގެ އަޑީގެ މުހިންމު ހެތްކެކެވެ.