ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
22 ޖޫން 2026
ރިބާގެ ހުކުމަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެއެވެ. ކީރިތީ ޤުރުއާނުގައި ވަރަށް ސާފުކޮށް ވަރަށް ސަރީހަކޮށް ރިބާގެ ހުކުމް ބަޔާންކުރެވިފައިވާތީއެވެ. ކީރިތި ޤުރުއާނުގައި ރިބާ ވަނީ ވަރަށް ހަރުކަށި އިބާރާތުން ހަރާންކޮށް މަނާކުރެވިފައެވެ. ރިބާގެ ބައެއް އާޔަތްތަކުގެ މައްޗަށް ބަލައިލުމުން މި ކަން ފެނި އެނގެއެވެ. )يا أيها الذين آمنوا لا تاكلوا الربا أضعافا مضاعفة واتقوا الله لعلكم تفلحون. ( (އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން، [ދަރަނިތައް، ނުދެއްކުމުން، އެ ދަރަނިތައް] އެތައް ގުނައަކުން ގުނަވެގެންވާ ގޮތުގައި އިތުރުކޮށް ރިބާ ކައި ނުހަދާ ހުށިކަމެވެ. އަދި، ތިޔަބައި މީހުން ދިންނެވިދިޔުމަށް ޓަކައި މާތްރަސްކަލާނގެއަށް ތަގުވާވެރިވާށެވެ!) (سورة آل عمران: 130) އަދިވެސް އެހެން އާޔަތެކެވެ. )يا أيها الذين آمنوا اتقوا الله وذروا ما بقي من الربا إن كنتم مؤمنين & فإن لم تفعلوا فأذنوا بحرب من الله ورسوله، وإن تبتم فلكم رؤوس أموالكم لا تظلمون ولا تظلمون.( ([އޭ إيمانވެއްޖެ މީސްތަކުންނޭވެ! اللَّهއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمنން ކަމުގައިވާނަމަ، رِباގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! ފަހެ، ތިޔަބައިމީހުން (ނަށް أمرވެވިގެންވާ ގޮތަށް) عمل ނުކޮށްފި ނަމަ، اللَّهއާއި، އެކަލާނގެ رسولއާގެ حضرةން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقينކޮށް ދެނެގަންނަހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوعވެ توبةވެއްޖެނަމަ ތިޔަބައިމީހުންގެ رأس المالތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.]) (سورة البقرة: 278-279)
އިހުގައި، (މާނައަކީ: ކީރިތި ގުރުއާން ބާވައިލެއްވެމުން ދިޔަ ދުވަސް ވަރު،) އަރަބީންގެ މެދުގައި ރިބާގެ މުއާމަލާތުތައް އޮތްގޮތް ވެސް އެނގޭން އެބަ އޮތެވެ. މީހަކު ދަރަންޏަށް ފައިސާ ހޯދައި، އެއް އަހަރު ދުވަހުގެ ތެރޭގައި އެ ދަރަނި އަދާކުރާން ބުނެ، އެ މުއްދަތުގެ ތެރޭގައި އެ ދަރަނި އަދާނުކުރެވުމުން، ދަރަނި ފަސްކޮށްދިނުމުގެ ގޮތުން، ދަރަނި ދެގުނައަށް ބޮޑުކުރާކުރުމުގެ މުއާމަލާތެވެ. أضعافا مضاعفة [ދަރަނިތައް، ނުދެއްކުމުން، އެ ދަރަނިތައް] އެތައް ގުނައަކުން ގުނަވެގެންވާ ގޮތުގައި އިތުރުކޮށް، މަތީގައި ނަކަލުކުރެވިފައިވާ އާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. ދެން ވެސް، އެ ދަރަނި ނުދެއްކުމުން، އަނެއްކާ ވެސް އިތުރު ގުނަތަކުން ގުނަކޮށް ދަރަނި ބޮޑުކޮށް، އެންމެ ފަހުން، ދަރަނި އަދާ ނުކުރެވި، ދަރަނިވެރިޔާ އޭނާގެ ނަފުސު ވިއްކައިލައި އަޅުވެތިވާން ވެސް ޖެހެއެވެ.
ރިބާގެ މި ސޫރަ ސާފުވާން އޮތަސް، ރިބާގެ ހަގީގަތާ މެދު، ސުއާލު އުފެދުނެވެ. ރިބާއާ ބެހޭ ގޮތުން ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާއާ ސުއާލުކުރައްވައި އިތުރަށް އޮޅުންފިލުވުނު ނަމައޭ މާތްރަސްކަލާނގެ ރުއްސުންލެއްވި، އުމަރުގެފާނު ވިދާޅުވިކަމަށް އޮންނަ އޮތުމުން މި ކަން އެނގެއެވެ.
މި ފަދައިން އުމަރުގެފާނުގެ ހިތްޕުޅުގައި ސުއާލު އުފެދޭން ދިމާވީ ކީއްވެ ބާވައެވެ؟ ރިބާއަކީ، ޝައްކެއްނެތް ގޮތުގައި، ދަރަންޏަށް ފައިސާ ނަގައި، ދަރަނި ދެއްކުމުގައި އިތުރަށް ފައިސާ ދައްކާ ދެއްކުމެކެވެ. ނަމަވެސް، ސުއާލަކީ މި އިތުރަށް ދައްކާން ޖެހޭ ޖެހުން ރިބާއަށް ވަނީ ކިހައި ވަރަކަށް އިތުރަށް ދައްކާންޖެހުމުންހެއްޔެވެ؟ ދަރަނީގެ އަދަދަށް އެންމެ ލާރިއެއް ވެސް އިތުރުކުރުން ރިބާއަށް ވާނޭހެއްޔެވެ؟ ނުވަތަ، އެ އިތުރުކުރުން ރިބާއަށްވުމަށް، އެކަން އެތައް ގުނައަކަށް އިތުރުވެ، ދަރަނި ދެއްކުމަށް ނުކުޅަދާނަވެ، ދަރިނިވެރިޔާ އަޅުވެތިވާން ވެސް ޖެހޭހެއްޔެވެ؟
މިފަދަ ސުއާލުތައް އުފެދޭ އެހެން ސަބަބެއް ވެސް އޮވެއެވެ. ދަރަންޏަށް ފައިސާ ނަގާ އިރު، އެ ނަގާ ފައިސާއަކީ ހަގީގަތުގައި އެ ފައިސާގެ އަގެކެވެ. މާނައަކީ އެ ފައިސާގެ ބާރެވެ. ދަރަނީގެ ފައިސާގެ އަދަދެއް ނޫނެވެ. މިސާލަކަށް މީހެއްގެ އަތުން ދަރަންޏަށް ސަތޭކަ ރުފިޔާ ނަގައިފި ނަމަ، އެ ނަގަނީ ސަތޭކަ ރުފިޔާއެއް ނޫނެވެ. އެ ދަރަނި ނަގާ ވަގުތުގައި ސަތޭކަ ރުފިޔާގެ އަގު ހުރި މިންވަރެވެ. އެ ސަތޭކަ ރުފިޔާއަށް ގަނެވޭ ތަކެއްޗަށް ބަލައި، ކަނޑައަޅައިލެވޭ އަގެވެ.
މި ކަން ފަސޭހައިން ވިސްނައިގަތުމަށް ޓަކައި، މީހެއްގެ އަތުން މީގެ ވިއްސަކަށް އަހަރު ކުރީން ނެގި އެއް ހާސް ރުފިޔާގެ ދަރަންޏެއް ހިތަށް ގެންނާށެވެ. ދެން، އެ ދަރަނި އަދާކުރުމުގެ ގޮތުން، ވިހި އަހަރު ފަހުން، މިއަދު، އޭނާއަށް އެއް ހާސް ރުފިޔާ އަނބުރައި ދޭން ނިންމާށެވެ. މިއަދު އެ އެއް ހާސް ރުފިޔާގެ އަގު ވެއްޓި، ސަތޭކަ ރުފިޔާއަށް ވެފައި އޮވެދާނެއެވެ. އެހެން ކަމަށްވާ އިރު، އަނބުރައި އެއް ހާސް ރުފިޔާ ދިނުމުން، ހަގީގަތުގައި އެ ދެވެނީ އެންމެ ސަތޭކަ ރުފިޔާއެވެ.
އާދޭހެވެ! މި ދެންނެވި މިސާލުތަކުން އޮޅުންފިލުވައިދިނުމަށް މަސައްކަތްކުރެވެނީ ފައިސާގެ އަގު، އެއް ހަމައެއްގައި ހަމަޖެހިފައި ނޯންނަކަމެވެ. އެހެންވެ، ދަރަނީގެ ފައިސާގެ އަދަދު ދައްކާ ނަމަ، ދަރަންޏަށް ދުވަސް ވުމުން، ފައިސާގެ އަގަށް ބަދަލު އައިސް، ދަރަނި ދޭ މީހާއަށް ގެއްލުންވާ ތަން އައުމެވެ. މި ސަބަބާ ހުރެ، ރިބާއަކީ ކޮބައިކަން ކަނޑައަޅައިލުމުގައި ސުއާލު އުފެދިފައިވަނީއެވެ.
ރިބާގެ މައްސަލަ މި ގޮތަށް އޮތުމުން، ބޭންކު އިންޓަރެސްޓާ މެދު، މުސްލިމު ޢިލްމުވެރީންގެ މެދުގައި، ޚިޔާލު ތަފާތުވެފައި އޮވެއެވެ. އެއް ބައި ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ބޭންކު އިންޓަރެސްޓަކީ ރިބާކަމުގައެވެ. އަނެއް ބައި ޢިލްމުވެރީން ދެކެވަޑައިގަންނަވަނީ ކޮންމެ ބޭންކު އިންޓަރެސްޓަކީ ރިބާއަށް ނުވެ ހިނގައިދާނޭކަމެވެ.
ބޭންކު އިންޓަރެސްޓަކީ ރިބާކަމުގައި ބުނުމާއި އަދި ބޭންކު އިންޓަރެސްޓަކީ ރިބާއެއް ނޫންކަމަށް ބުނާ ބުނުން ބިނާވަނީ ކޮން ކަމެއްގެ މައްޗަށްހެއްޔެވެ؟ ބޭންކު އިންޓަރެސްޓަކީ ރިބާކަމުގައި ވިދާޅުވާ ޢިލްމުވެރީންގެ ރައުޔު ބިނާވަނީ އިސްލާމީ ފިގުހުގައި ރިބާއަކީ ކޮބައިކަން ކަނޑައަޅައިފައިވާ ގޮތުގެ މައްޗަށް ބަލައިފައެވެ. އިސްލާމީ ފިގުހުގައި، ދަރަނީގެ ރައުސްމާލު – ދަރަނީގެ އަދަދު – އަނބުރައި ދެއްކުމުގައި، އެ އަދަދަށް އެންމެ ލާރިއެއް އިތުރުކުރެވުނަސް އެ ވާނީ ރިބާކަމަށް ކަނޑައެޅިފައި އޮވެއެވެ. މި ތައުރީފުގެ މައްޗަށް ބައްލަވައި، 'ގާނޫނީ ސިފައެއްގައި' ރިބާ މާނަކުރައްވާ ޢިލްމުވެރީން ބޭންކު އިންޓަރެސްޓަކީ ރިބާކަމުގައި ކަނޑައަޅުއްވައެވެ.
ބޭންކު އިންޓަރެސްޓަކީ ރިބާތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމުގައި އަނެއްބައި އިލްމުވެރިން ރިބާ މާނަކުރައްވަނީ 'އަޚުލާގިއްޔަތީ މިންގަނޑެއްގެ' މައްޗަށް ބައްލަވައިފައެވެ. އެ ބޭކަލުން ދެކެވަޑައިގަންނަވަނީ ބޭންކު އިންޓަރެސްޓު ރިބާއަށް ވާނީ، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި އޮތް ފަދައިން، އިންޓަރެސް ރޭޓު 'އެތައް ގުނައަކުން ގުނަވެ'، އިންޓަރެސްޓު އިންތިހާއަށް ބޮޑުވެ، އެ ކަމަކީ އުފުލާން އުނދަގޫ ބޮޑު ބުރައަކަށްވެ، ދަރަނި ނަގާ މީހާ 'އަޅުވެތިވެ' އިނދަޖެހޭ ގޮތްވާ ނަމައެވެ. މި ފަދައިން ރިބާ މާނަކުރުމުގައި، ފައިސާގެ އަގު ކަނޑައެޅޭ ގޮތާއި އަދި އެ އަގަށް އަންނަ ބަދަލުތަކަށް ވެސް ރިއާޔަތްކުރެއެވެ. ރިބާގެ މި މާނަ ދައްކުވައި ދިނުމުގެ ގޮތުން ކީރިތި ގުރުއާނުގެ ބައެއް އިނގިރޭސި ތަރުޖަމާތަކުގައި ރިބާގެ އާޔަތްތައް ތަރުޖަމާކުރެވޭ އިރު، ރިބާއަށް 'ޔޫޝަރީ' ބޭނުން ކުރެވެއެވެ.
ކޮންމެއަކަސް ރިބާގެ މައްސަލައަކީ އިތުރަށް ވިސްނާން ޖެހޭ މައްސަލައެކެވެ. މި މައްސަލަ ފަދަ، އެހެން މައްސަލައެއްގެ ވާހަކަ ލިޔެލާން ޖެހެއެވެ. ކުލީގެ މައްސަލައެވެ. ތަންތަނުގެ ކުލި ބޮޑުވެ، އެކަމުގެ ސަބަބުން މީސްތަކުން ދަރަނިވެރިވެ، ހަދާނެ އެއް ގޮތެއް ވެސް ނެތް ތަން ފެނުމެވެ. ރިބާ ހަރާންވުމުގެ މައްސަލަ ގުޅެނީ އިންޓަރެސްޓު ރޭޓާކަމަށް ވެފައި، އަދި އެ ރޭޓު އިންތިހާއަށް މައްޗަށް ގޮސް، މީހުން ދަރަނިވެރިވެ، އެ ކަމުން ސަލާމަތް ނުވެވޭ ހިސާބަށް ގެންދާކަމަކަށްވީ އިރު، މިފަދަ ހާލަތް މެދުވެރިކުރުވާ ކަންކަމާ މެދު ވެސް ވިސްނާން ޖެހެއެވެ. ކުއްޔަކީ މުޖުތަމައުގެ އެއްބައި އަފުރާދުން މަދު ބައެއްގެ އަޅުވެތިކަމުގައި ޖައްސާކަމަކަށް ވެއްޖެ ނަމަ، އެ ކަމާ މެދު، ފިޔަވަޅުއަޅާން ޖެހެއެވެ. ކުލި ކޮންޓުރޯލުކޮށް، ކުއްޔަށް ތަންތަން ހިފާ މީހުންނަކީ ކުއްޔަށް ތަންތަން ދޭ މީހުންގެ އަޅުވެތިކަމުގެ ދަށުގައިވާން ޖެހޭ ގޮތަށް ކަންތައްތައް އޮވެގެން ނުވާނެއެވެ. އެހެންވެ، ކުއްޔަކީ މީސްތަކުން އަޅުވެތި ކުރުމުގެ ވަސީލަތަކަށްވެ ނުދިޔުމަށް ޓަކައި، ގާނޫނުތަކާއި ގަވާއިދުތައް ހަދާން ޖެހެއެވެ. އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް – ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް – އިންސާފުވެރި ގޮތެއްގައެވެ. ބޭންކު އިންޓަރެސްޓު ވެސް، އިންތިހާއަށް މަތިވެ، އެއް ބަޔެއްގެ ނަޒަރުގައި، ރިބާއަށް ފުރޮޅިގެން ދިޔުން ހުއްޓުވުމުގެ ގޮތުން، ކަމާ ބެހޭ ރަސްމީ އިދާރާތްތަކުން ގަވާއިދުތައް ހަދައި، އެ ކަން ކޮންޓުރޯލުކުރާން ޖެހޭ ފަދައިންނެވެ.