ad_banner
ޢާޝޫރާދުވަހުގެ މަފުހޫމަށް ބަލައިލުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

22 ޖޫން 2026

އިސްލާމީ ކޮންމެ އައު އަހަރަކާ އެކު ޙުރުމަތްތެރިވެގެންވާ މުޙައްރަމު މަހުގައި ތާރީޚީ މުހިންމު   ޙާދިސާއެއްގެ ހަނދާން އަޅުގަނޑުމެން އައުކުރަމުއެވެ. މުޙައްރަމު މަހުގެ ދިހަވަނަ  ދުވަހަކީ (ޢާޝޫރާދުވަސް) ޢައްޒަ ވަ ޖައްލަ އެކަލާނގެ ރަސޫލާ  މޫސާ عليه السلام  ފިރުޢައުނާއި އޭނާގެ ބިޔަ ލަޝްކަރުގެ ކިބައިން ސަލާމަތްކުރެއްވި ދުވަހެވެ. އެއީ ޖާހިލީ ޒަމާނުގައި ޤުރައިޝުންގެ ގާތުގައި ވެސް މާތް ދުވަހެކެވެ. ތާރީޚު ބުނާ ގޮތުގައި ޤުރައިޝުން ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އައިސްފައިވަނީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަހުގައެވެ.

ޢާޝޫރާދުވަހަކީ އިސްލާމްދީނުގައި މާތްވެގެންވާ ދުވަހެކެވެ. އެއީ ހެޔޮކަމާއި މާތްކަމާއި، ޒިކުރާތަކާއި، ޢިބުރަތްތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވީ އެ ދުވަހުގައެވެ.

މި ފަދަ ޙާދިސާތަކުގައި ގިނަގުނަވެގެންވާ އިބްރަތްތަކާއި ދަރުސުތައް ވެއެވެ. الله ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުޞީބާތްތަކުންނާއި ބަލާތަކުން ސަލާމަތް ކުރައްވާ ގޮތް އެނގި އީމާންކަން ހަރުދަނާ ކުރެއްވުމަށް ޓަކައެވެ. މާތް الله ވަޙީ ކުރައްވައިފައިވެއެވެ. (ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ حَقًّا عَلَيْنَا نُنجِ ٱلْمُؤْمِنِينَ [1] - ދެން ތިމަންރަސްކަލާނގެ رسولންނާއި، إيمان ވި މީހުން ސަލާމަތް ކުރައްވަމެވެ. ހަމައެފަދައިން، مؤمنން ދިންނަވައި ސަލާމަތްކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް حقއެކެވެ.)  މި ފަދަ ޙާދިސާތަކުން އެނގެނީ މި ފަދަ މުޞީބަތްތަކުން ސަލާމަތް ވެވޭނީ އީމާންކަމާއި އިސްލާމުކަމުންކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީ ކަމެވެ. މިއިން އެނގެނީ اللهއަށް އިތުބާރުކޮށް އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެގެން މެނުވީ އެއްވެސް ދުނިޔެއެއްގައި ސަލާމަތެއް ނެތްކަމެވެ. މި ޙާދިސާއިން އެނގެނީ މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭމީހުންނަށް މާތްالله ގަދަފަދަ ޢަޒާބުން ޢަޒާބުދެއްވައި ނެތިކުރައްވާނެ ކަމެވެ.

މުޙައްރަމު މަހަކީ މާތްالله ޙުރުމަތްތެރި ކުރައްވައިފައިވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މައްސަރެކެވެ. މާތްالله ވަޙީ ކުރެއްވިއެވެ.  إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ  فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ[2] - ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللهކަނޑައަޅުއްވައިފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عددއަކީ، اللهގެ حضرةގައި ބާރަ މަހެވެ. އޭގެ ތެރެއިން، ހަތަރު މަސް، حرمةތެރި ވެގެންވެއެވެ. އެއީ حق ތެދު دينއެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް ތިޔަބައިމީހުން އަނިޔާނުކުރާހުށިކަމެވެ!)  ލޮބުވެތި ރަސޫލާ r ޙަދީޘްކުރެއްވިއެވެ. (السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاَثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبٌ شَهْرُ مُضَرَ الَّذِى بَيْنَ جُمَادَى وَشَعْبَانَ [3] - އަހަރުގައި އޮތީ ބާރަ މަހެވެ. އޭގެ ތެރޭގައި ޙުރުމަތްތެރިވެގެންވާ ހަތަރު މަހެއް ވެއެވެ. އެއީ ވިދިވިދިގެން އަންނަ ތިން މަސް ކަމުގައިވާ ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމު މަހެވެ. ދެން ޖުމާދާއާއި ޝަޢުބާނާ ދެމެދުގައި އަންނަ މުޟަރުގެފާނުގެ ރަޖަބުމަހެވެ.)[4]

މުޙައްރަމު މަހަށް މުޙައްރަމޭ ކިޔައި ނަންދީފައި ވަނީ އެ މަހުގައި ހަނގުރާމަކުރުން ޙަރާމްކޮށްފައި ވާތީއެވެ.[5] އައްސައްޔިދާ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. (كانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ في الجَاهِلِيَّةِ، وكانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ يَصُومُهُ، فَلَمَّا قَدِمَ المَدِينَةَ صَامَهُ، وأَمَرَ بصِيَامِهِ، فَلَمَّا فُرِضَ رَمَضَانُ تَرَكَ يَومَ عَاشُورَاءَ، فمَن شَاءَ صَامَهُ، ومَن شَاءَ تَرَكَهُ[6] -ޢާޝޫރާ ދުވަހަކީ ޖާހިލީ ޒަމާނުގައި ޤުރައިޝުން ރޯދަހިފަމުން އައި ދުވަހެކެވެ. ރަސޫލާ e ވެސް އެ ދުވަހު ރޯދަފުޅުހިއްޕެވިއެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އެ ދުވަހު ރޯދަފުޅުހިއްޕެވިއެވެ. އަދި އެ ދުވަހު އެކަލޭގެފާނު ރޯދަފުޅު ހިއްޕަވައި މީސްތަކުންނަށް ރޯދަހިފުމަށް އަމުރުކުރެއްވިއެވެ. ރަމަޟާންމަހު ރޯދަހިފުން ފަރުޟުކުރެއްވުމުން ޢާޝޫރާދުވަހު ރޯދަފުޅުހިއްޕެވުން ހުއްޓަވައިލެއްވިއެވެ. އަދި  ޙަދީސްކުރެއްވިއެވެ. މި ދުވަހު ބޭނުން މީހަކު ރޯދަހިފާށެވެ.)

މާތް الله އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވާ ގޮތުގައި ރަސޫލާ r  މަދީނާއަށް ވަޑައިގެން އިރު މަދީނާގައި އުޅުނު ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފަމުން ދިޔައެވެ. އެބައިމީހުން އެ ދުވަހު ރޯދަހިފަނީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން ދެންނެވިއެވެ. (هذا يَوْمٌ صالِحٌ؛ هذا يَوْمٌ نَجّى اللَّهُ بَنِي إسْرائِيلَ مِن عَدُوِّهِمْ،  فَصامَهُ مُوسى. قالَ: فأنا أحَقُّ بمُوسى مِنكُمْ، فَصامَهُ، وأَمَرَ بصِيامِهِ[7] - މިއީ ޞާލިޙު ދުވަހެކެވެ. މިއަދަކީ ބަނީ އިސްރާއީލު ބާގައިގެ މީހުން އެމީހުންގެ ޢަދުއްވުގެ ކިބައިން  ސަލާމަތްކޮށް  ދެއްވި ދުވަހެވެ. ފަހެ، މި ކަމަށް ޓަކައި މޫސާގެފާނު ރޯދަފުޅު ހިއްޕެވިއެވެ.  އެހިނދު ރަސޫލުالله r ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންނަށް ވުރެ އެ ކަން ކުރުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ. މިހެން ޙަދީސް ކުރައްވައި އެކަލޭގެފާނު ރޯދަފުޅުހިއްޕަވައި މީސްތަކުންނަށް ރޯދަހިފުމަށް އަމުރު ކުރެއްވިއެވެ.)

ޢާޝޫރާ ދުވަހުގައި ރޯދަ ހިފުން ރަސޫލު اللهގެފާނު ވަނީ ސުންނަތެއްކަމުގައި ލައްވަވައިފައެވެ. މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ދެއްވިކަމަށް ޓަކައި ޝުކުވެރިވުމުގެ ގޮތުންނެވެ. މިއީ اللهގެ ދީނަކީ އެއް ދީނެއްކަން ހާމަކޮށްދޭ ރަމްޒެކެވެ.

 ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އޭގެ ކުރީ ދުވަހު (އެ ބަހީ ނުވަވަނަ ދުވަހު) ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. ރަސޫލުالله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (لَئِنْ بَقِيتُ إلى قابلٍ، لَأصومَنَّ التّاسِعَ والعاشِرَ.[8]  - މިއަންނަ އަހަރުގެ މި ދުވަހާ ޖެހެން ދެން ތިމަންކަލޭގެފާނު ދުނިޔޭގައި ލަހައްޓަވައިފި ނަމަ ހަމަކަށަވަރުން ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަފުޅުހިއްޕަވާހުށީމެވެ!)

އިތުރު ކަމެއް ނެތް

މުޙައްރަމު މަހުގެ ތާސޫޢާ ދުވަހާއި ޢާޝޫރާ ދުވަހުގައި ރޯދަހިފުން ފިޔަވައި އިތުރު ކަމެއް ކުރާކަށް اللهގެ ލޮބުވެތި ރަސޫލާ r އަންގަވައިފައެއް ނެތެވެ. ޢާޝޫރާ ދުވަހު ފެންވަރައި އަނދުންއެޅި މީހާ އެ އަހަރުގެ ތެރޭގައި ލޮލު ރޯގާއެއް ނުޖެހޭނެކަމަށް ބުނާ ވާހަކައަކީ އެއްވެސް އަޞްލެއް ނެތް ވާހަކައެކެވެ. އެ ދުވަހުގައި ހީނާފަތް އެޅުމާއި އެ ދުވަހު ބައްދަލުވާ ހައި ބަޔަކާ ސަލާންގަލާން ކުރުމުގެ މަތްކަމާ ބެހޭ ގޮތުން އެއްވެސް ޞައްޙަ ޙަދީސްފުޅެއް ނެތެވެ.[9] ޢާޝޫރާ ވިލޭރޭގައި [ޢާޝޫރާ ދުޢާ]ގެ ނަމުގައި ވަކި ދުޢާއެއްކުރުމާއި އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތެވެ. ޢާޝޫރާ ވިލޭރޭގައި ޢާޝޫރާ ދުޢާ ކީ މީހަކު އެ އަހަރު މަރުނުވާނެކަމަށާއި، އެރޭ އަޅުކަންކުރާ އިރު މޫސާގެފާނުގެ ވާހަކަ އައިސްފައިވާ ޤުރުއާނުގެ ސޫރަތްތައް ކިޔެވުމާ ބެހޭ ގޮތުން ލޮބުވެތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ އެއްވެސް ޞައްޙަ ބަސްފުޅެއް ނެތެވެ.

މާތް الله ރަޙުމަތްލެއްވި އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި [ޢާޝޫރާ ވިލޭރެއަކީ އެއްވެސް ޚާޢްޞަކަމެއް ލިބިގެންވާ ރެއެއް ނޫނެވެ. އެ ރޭގައި ވަކި ނަމާދެއްކުރާކަށް އަންގަވައިފައެއް ނެތެވެ.

ކީރިތި ރަސޫލާ ޢާޝޫރާ ދުވަހު ރޯދަފުޅު ހިއްޕެވުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވިއެވެ. އެއީ މާތް ﷲ މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކުރެއްވީތީ އެ ކަމަށް ޝުކުރުދެންނެވުމުގެ ގޮތުންނެވެ. މޫސާގެފާނު އެ ދުވަހު ރޯދަފުޅު  ހިއްޕަވައިފައިވާތީއެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ރަސޫލުﷲގެފާނު މައްކާގައި ވެސް ޢާޝޫރާ ދުވަހު ރޯދަފުޅު ހިއްޕެވިއެވެ. އެކަމަކު މުސްލިމުންނަށް ޢާޝޫރާދުވަހު ރޯދަހިފުމަށް އެންގެވީ މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހުގައެވެ. އަދި ޔަހޫދީންނާ ޚިލާފުވުމަށް ޓަކައި ޢާޝޫރާ ދުވަހާ އެކު ތާސޫޢާ ދުވަހު ރޯދަހިފާން އެންގެވިއެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެންވެއެވެ. ((صوموا اليومَ التاسعَ والعاشرَ وخالِفوا اليَهودَ [10] -ތިޔަބައިމީހުން ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު  ރޯދަހިފާށެވެ! އަދި ޔަހޫދީންނާ ތަފާތުވާށެވެ!) ސުންނަތުގެ ނަވަށް އަރައިފި މީހާއަށް ހަމަކަށަވަރުން ކާމިޔާބު ލިބިއްޖެއެވެ.   

ޢާޝޫރާގެ މަފުހޫމުގެ ހިޔާވަހިކަން

ޢާޝޫރާގެ މަފުހޫމުން ލިބިގަންނާންޖެހޭ ދަރުސްތަކާއި ޢިބުރަތްތައް ގިނައެވެ. އޭގެ ތެރޭގައި:

1-    ނަބީބޭކަލުންގެ މެދުގައިވާ އީމާންކަމުގެ ވަރުގަދަ ގުޅުން: ކައު ރަސޫލާގެ ބަސްފުޅުން އެނގޭ ގޮތުގައި ހުރިހައި ރަސޫލުބޭކަލުންނަކީ  ބަފައިފުށުން ތިމާގެ ބޭކަލުންނެވެ. އެ ހުރިހައި ބޭކަލުން ވެސް ގެންނެވީ ހަމަ އެއް ދީނެކެވެ. އެއީ ގެ ދީނެވެ. މި ގުޅުމުގެ ވަރުގަދަކަން ބަޔާންކޮށްދެއްވުމުގެ ގޮތުން ރަސޫލާ މުސްލިމުން މި ދުވަހު ރޯދަހިފުމަށް އެންގެވީއެވެ. މާތްﷲ މޫސާގެފާނަށް ދެއްވި ބޮޑު ނިއުމަތަށް ޝުކުރުދެންނެވުމަށް ޓަކައެވެ.

2-    ތަޢާލާއަށް ޝުކުރުދެންނެވުމުގެ އަހަންމިއްޔަތު: މާތް އަށް ދުލުންނާއި ހިތުންނާއި ގުނަވަނުން ޝުކުރުދެންނެވިދާނެއެވެ. ހިތުން ދަންނަވާ ޝުކުރަކީ ގެ ނިޢުމަތް ޤަބޫލުކުރުމެވެ. އެކަން ހަނދާނުގައި ބެހެއްޓުމެވެ. ދުލުގެ ޝުކުރަކީ މާތް އަށް ދަންނަވާ ސަނާއާއި ތާރީފާއި ޒިކުރެވެ. ގުނަވަނުން އަދާކުރާ ޝުކުރަކީ ކިޔަމަންގަތުމެވެ. ގެ އަމުރުފުޅުތަކަށް ބޯލެނބުމެވެ. ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމެވެ.

3-     މުއުމިނުން އެހެން މުއުމިނުންގެ އުފާތަކާއި ހިތާމަތަކުގައި ބައިވެރިވުން: ރަސޫލާ މުސްލިމުންނަށް ޢާޝޫރާ ދުވަހު ރޯދަހިފާން އެންގެވި އެންގެވުމަކީ މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުންނަށް މާތް ދެއްވި ނަޞްރަށް ޓކައި އުފާކުރުމުގައި ބައިވެރިވުމެކެވެ. މިއީ މުސްލިމުންގެ ހިތްތަކުގައި އީމާންކަމުގެ ގުޅުމުން އެންމެހައި މުއުމިނުން ގުޅިފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

4-     އަބަދުވެސް ތަޢާލާ ޙައްޤަށް ނަޞްރު ދެއްވާނެކަން އެންގެވުން:  ބާޠިލު ކަންތައްތައް ކިތަންމެ ގިނަޔަސް، ބާޠިލު ކަންތައްތައް ކިތަންމެ ބާރުގަދަ ވިޔަސް މާތްﷲ ޙައްޤަށް ނަޞްރުދެއްވާނެއެވެ. ބާޠިލު ނިކަމެތިކުރައްވާނެއެވެ. މޫސާގެފާނު ހުންނެވީ ހައްޤުގެމަތީގައެވެ. ފިރުޢައުނު ހުރީ އޭނާގެ ބޮޑާކަމާއި ފޮނިކަމުގެ މަތީގައި ބާޠިލުކަން މަތީގައެވެ. މާތް ﷲ ބާޠިލު ބަލިކުރައްވައި ޙައްޤަށް ގަދަކަންދެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( فَأَخَذْنَٰهُ وَجُنُودَهُۥ فَنَبَذْنَٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلظَّٰلِمِينَ [11]- ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑުލެއްވީމެވެ. ފަހެ، އަނިޔާވެރީންގެ ނިމުންވަނީ ކޮން ފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!)

5-    ނަޞްރު ލިބުން ވަނީ ކެތްތެރިކަމާއެކުގައިކަން: މުޞީބާތަކީ ކުރިމަތިކުރައްވާ އިމްތިޙާނެކެވެ. ނަޞްރު ލިބުން ވަނީ ކެތްތެރިކަމާއެކުގައެވެ. މުއުމިނުންނާ ކުރިމަތިވާ ކޮންމެ މުޞީބަތަކުން ބޭރަށް ނުކުމެވޭނެ މަގެއް ވަނީ ލައްވައިފައެވެ. މުސްލިމުންނަށް މައްކާގައި ބޮޑެތި ބުރަތަކާއި ގޯނާތައް ތަޙައްމުލުކުރާން ޖެހުނެވެ. އެއަށްފަހު މުސްލިމުން މަދީނާއަށް ކުރި ހިޖުރައިގެ ސަބަބުން މާތްﷲ ވަނީ އެ މީހުންނަށް ނަޞްރުގެ ދޮރުތައް ހުޅުއްވައިދެއްވައިފައެވެ.

6-    ތަޢާލާ އެކަލާނގެއަށް އިޚްލާޞްތެރި އަޅުންނާއެކު އަބަދުވެސް ވޮޑިގެންވާނެއެވެ. މާތް ވަނީ ފަހަތުގައި ދުޝްމަނުން ކުރިމަތީގައި ކަނޑު އޮއްވައި މޫސާގެފާނަށް ނަޞްރުދެއްވައިފައެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ކީރިތި ރަސުލާ އިންނެވި އިރު ނަޞްރުދެއްވި ގޮތަށެވެ.

7-    މާތް އޭނާއާ އެކުގައި ނަޞްރުދެއްވުމުގައްޔާއި ޙިމާޔަތްކުރެއްވުމުގައި ވޮޑިގެންވާ މިންވަރު އޮންނާނީ އޭނާގެ އީމާންކަމުގެ ފުރިހަމަކަމުގެ މިންވަރާ ގުޅިފައެވެ. ބަނޫއިސްރާއީލު ބާގައިގެ މީހުންނަށް ފިރުޢައުނާއި އޭނާގެ ލަޝްކަރު އެ މީހުންނާ އަރައިހަމަކޮށް އެ މީހުން އަތުލައިގަންނާނެކަމަށް ހީވި ހިނދު، މޫސާގެފާނު ވިދާޅުވީ ކީކޭތޯއެވެ؟ (فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ ﴿٦١﴾‏ قَالَ كـَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ  [12]- ފަހެ، އެއުރެން އެއް ބަޔަކު އަނެއް ބަޔަކަށް ފެނުނު ހިނދު، موسىގެފާނުގެ أصحاب ން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާ އެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.)) ހިޖުރައިގެ ދަތުރުފުޅުގައި ޘައުރު ފަރުބަދައިގެ ހޮހަޅައިގެ ތިއްބެވިއިރު މުޝްރިކުންނަށް ރަސޫލުﷲގެފާނު ފެނިދާނެތީ އަބޫބަކުރުގެފާނު ބިރުފުޅުގަތެވެ. އެކަލޭގެފާނު ރަސޫލާއަށް ދެންނެވިއެވެ. އެއިން މީހަކު ގުދުވެ ބަލައިލައިފިނަމަ އޭނާއަށް އަޅުގަނޑުމެން ފެންނާނެއެވެ. އެހިނދު ރަސޫލުﷲގެފާނު އިތުބާރާއި ޔަޤީންކަމާއެކު ވިދާޅުވީ ކީކޭތޯއެވެ؟ ((إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ [13] - ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصرދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافرވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكرތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافرވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.))  

 

މަރުޖާ:

[1] - يونس: ١٠٣

[2]  - التوبة: ٣٦

[3] -    رواه البخاري (1690) ومسلم (1136).

5 - ކުރީ ޒަމާނުގެ ޢަރަބިން ދެ ރަޖަބު މަހެއް ގެންގުޅުނެވެ. އެއީ މުޟަރުގެ  ރަޖަބާއި ރަބީޢާގެ ރަޖަބެވެ. ރަބީޢާގެ ރަޖަބަކީ ރަމަޟާން މަހެވެ. ކީރިތި ރަސޫލަ ރަޖަބު މަސް މުޟަރުގެފާނަށް ނިސްބަތް ކުރައްވައިފައި މި ވަނީ މިހެންވެގެންނެވެ.

[5]  - الإقناع في حل ألفاظ أبي شجاع 2/ 393

[6]  - أخرجه البخاري (٢٠٠٢)، ومسلم (١١٢٥)

[7]  -  أخرجه البخاري (٢٠٠٤)  ومسلم (١١٣٠

[8] - أخرجه مسلم (١١٣٤)، والطبراني (١١/ ١٦) (١٠٨٩١)، وابن أبي شيبة (٩٤٧٣) ، وابن ماجه (١٧٣٦)، وأحمد (١٩٧١)

[9]  - الفتاوى 4/512 

[10]  - أخرجه الطحاوي في ((معاني الآثار)) (٣٣٠٢)  وعبد الرزاق (٧٨٣٩)، والبيهقي في ((شعب الإيمان)) (٣٥٠٩)

[11]  - القصص: 40

[12]  - (الشعراء: 61- 62

[13]  - التوبة : 40

ކޮމެންޓު
ކޮމެންޓުތައް
އަބޫބަކްރު ޢަލީ
22 ޖޫން 2026 14:52
ﷲ އަށް އީމާންވީ މީހުންނަށް ނަސްރުދެއްވައި ފިރުޢަނުގެ ކިބައިން ސަލާމަތްވީ ދުވަހާ ބެހޭ ފުރިހަމަ މަޢުލޫމާތު ހިމެނޭ ލިއުމެއްއް