ޑރ. މޫސާ އަންވަރު ޙަސަން
22 ޖޫން 2026
(2026 ޖޫން 21ގެ ޢަދަދާ ގުޅޭ)
ސޫރަތުގައި އަމާނާތްތައް އަދާކުރުމަށާއި ޙުކުމްކުރުމުގައި ޢަދުއިންޞާފަށް ޙުކުމް ކުރުމަށް އަމުރުކުރައްވައި ވަޙީ ކުރައްވައިފައިވެއެވެ. ﴿إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا ﴾ މާނައީ: [ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރީންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكمކުރާ ނަމަ، عدلއަށް حكمކުރުމަށް ވެސް، أمرކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެ ކަމަކާ މެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّهއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ކަލަކުކަމުގައިވެއެވެ.]
އުޙުދު ހަނގުރާމައަށްފަހު މުނާފިޤުންގެ ނުރައްކާ ބޮޑުވި ދަނޑިވަޅެއްކަމުން، މި ސޫރަތުގައި މުނާފިޤުންގެ ސިފަތަކާއި، އެ މީހުން މުސްލިމުންގެ ސަފުތައް ބަލިކަށިކުރާން ކުރާ މަސައްކަތްތައް ބަޔާންކުރައްވައިފައިވެއެވެ. އަދި ދީނާއި ވަޠަން ދިފާޢުކުރުމަށް ޖިހާދުކުރުމުގެ މުހިންމުކަން ބަޔާންކުރައްވައިފައިވެއެވެ.
އަހުލުލްކިތާބީންނަށް (ޔަހޫދީންނާއި ނަޞާރާއިންނަށް) ރައްދުދެއްވައިއި ޢީސާގެފާނާ މެދު މުސްލިމުންގެ ޢަޤީދާއަކީ ކޮބައިކަން ބަޔާންކުރައްވައިފައިވެއެވެ. މީގެ އިތުރުން ނަޞާރާއިން ޢީސާގެފާނަކީ ކަލެއްގެ ދަރިއެއްކަމަށް ބުނާ ބުނުމާއި، ޔަހޫދީން އެ ކަލޭގެފާނު ޤަތުލުކޮށް ޞަލީބަށް އެރުވިކަމަށް ބުނާ ބުނުން ދޮގުކުރައްވައި، ޞައްޙަ ޢަޤީދާ ބަޔާންކޮށްދެއްވިއެވެ. ޢީސާގެފާނު ޞަލީބަށް ނާރުވާކަމަށާއި، ﷲ އެކަލޭގެފާނު އުޑަށް އުފުއްލެވީކަމަށް ސޫރަތުގެ ސަތޭކަ ފަންސާސް ހަތްވަނަ އާޔަތާއި ސަތޭކަ ފަންސާސް އަށްވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا * بَل رَّفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا ﴾ މާނައީ: [އަދި، ހަމަކަށަވަރުން، ތިމަންމެން اللَّه ގެ رسول، مريم ގެފާނުންގެ ދަރިކަލުން المسيح عيسىގެފާނު، قتلކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު قتلއެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު صليبއަކަށް ވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން قتل ކޮށް صليبއަށް އެރުވީ އެހެންމީހެކެވެ.) އެ މީހާ، އެ ކަލޭގެފާނާ އެއް ސިފަ ޖައްސަވައިފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާ މެދު خلافވީ މީހުންވަނީ، އެ ކަމާ މެދު شكއެއްގައިކަން ކަށަވަރެވެ. ހީޔަކަށް تبعވުން މެނުވީ، އެ ކަމާ މެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ يقينން، އެއުރެން އެކަލޭގެފާނު قتلއެއް ނުކުރެއެވެ. އަދި ކިއެއްތަ! اللَّه، އެކަލާނގެ حضرةއަށް އެކަލޭގެފާނު އުފުއްލެވީއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. ]
ސޫރަތުއްނިސާ ނިމިގެންދަނީ ވާރުތަމުދަލުގެ ވަރަށް މުހިންމު ޙުކުމަކުންނެވެ. އެއީ [ކަލާލާ] (އަޞްލެއް އަދި ފަރުޢެއް ނެތް މީހާ - އެބަހީ: މައިންބަފައިންނާއި ދަރީން ނެތް މީހާ) މަރުވުމުން އޭނާގެ މުދާ ބެހޭނެ ގޮތުގެ ޙުކުމެވެ. މިއީ ކީރިތި ރަސޫލާއަށް މި ސޫރަތުގެ އެންމެ ފަހުން ބާވައިލެއްވުނު އާޔަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޙަދީޘްތަކުން ސާބިތުވާ އާޔަތެކެވެ. ކަލާލަތާގެ ވާހަކަ ބަޔާން ކުރައްވައި ސޫރަތުގެ އެންމެ ފަހު އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلَالَةِ ۚ إِنِ امْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَا إِن لَّمْ يَكُن لَّهَا وَلَدٌ ۚ فَإِن كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوا إِخْوَةً رِّجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۗ يُبَيِّنُ اللَّهُ لَكُمْ أَن تَضِلُّوا ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ ﴾ މާނައީ: [(كلالة އާމެދު) ކަލޭގެފާނުގެ އަރިހުން، އެއުރެން فتوىއަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! كلالة އާމެދު (އެބަހީ: أصل އެއް فرع އެއް ނެތި މަރުވާމީހާގެ ތަރިކަޔާމެދު) اللَّه ތިޔަބައިމީހުންނަށް بيان ކޮށް ދެއްވަތެވެ. އެމީހަކަށް ދަރިޔަކު (ނުވަތަ ބަފަޔަކު) ނެތި، އަދި އެމީހަކަށް (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ) أخت އަކުވާ حال، މީހަކު މަރުވެއްޖެނަމަ، ފަހެ، އެމީހާ ދޫކުޅަ މުދަލުގެ ދެބައިކުޅައެއްބައި، އެ أخت އަށެވެ. އަދި، އެ أخت އަށް ދަރިޔަކު ނުވާނަމަ، އެމީހާ އެ أخت ވާރުތަކުރާނެއެވެ. (މަރުވިމީހާގެ وارث ންނަށް ތިބި) ދެ أخت ން ކަމުގައިވާނަމަ، ފަހެ، އެ ދެ أخت ންނަށް (އެ أخ) ދޫކުޅަ މުދަލުގެ ތިންބައިކުޅަ ދެބަޔެވެ. (وارث ންނަށް ތިބީ) އަންހެން ފިރިހެން، އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައިވާނަމަ، ދެ އަންހެނުންގެ ބައިފަދަ ބަޔެއް ފިރިހެނަކަށެވެ. ތިޔަބައިމީހުންނަށް މަގު އޮޅިދާނެކަމަށްޓަކައި، ތިޔަބައިމީހުންނަށް اللَّه، بيان ކޮށް ދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިވެގެންވާ ރަސްކަލާނގެއެވެ.]
ނަބަވީ ބަސްފުޅުތަކަށް ބަލާއިރު، ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ސޫރަތުއް ނިސާގައިވާ ޙުކުމްތައް އިތުރަށް ތަފްޞީލުކޮށްދެއްވައި، އަންހެނުންނަށް ކަމޭހިތުމަށް ވަޞިއްޔަތް ކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހެއްގެ އަނބިންނަށް އެންމެ ހެޔޮ މީހާއެވެ." އަދިވެސް ޙަދީޘްކުރައްވައިފައިވެއެވެ. "އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން ވަޞިއްޔަތްކުރައްވަމެވެ. ފަހެ، ހަމަކަށަވަރުން އެކަނބަލުން ހައްދަވައިފައިވަނީ އަރިކަށީގެ ކަށިގަނޑަކުންނެވެ..."
ސޫރަތުއް ނިސާއަކީ އޭގެ މާނަތަކާއި ޙުކުމްތައް މުޅި އިސްލާމީ އުއްމަތުގެ ދިރިއުޅުމާ ގުޅިފައިވާ، ގިނަގުނަ މުހިންމު ކަންތައްތަކެއް އެކުލެވިގެންވާ ސޫރަތެކެވެ. ކުރީން ދެންނެވުނު ނުކުތާތަކުގެ އިތުރުން، މި ސޫރަތުގައިވާ ފާހަގަކޮށްލެވޭ ބައެއް މުހިންމު ކަންކަން ތިރީގައި އެވަނީއެވެ.
ދީނުން ބޭރުވާ ބޮޑެތި ފާފަތަކުގެ ތެރެއިން ދުނިޔެއާއި އާޚިރަތުގައިވެސް އެންމެ ނުރައްކާތެރި ޝިރުކާއި ނުޙައްގުން މީހުން މެރުން ފަދަ ބޮޑެތި ފާފަތަކުގެ ހުރި ނުރައްކާތެރިކަންވެސް ބަޔާންވެގެންވެއެވެ. ސޫރަތު ސާޅީސް އަށްވަނަ އާޔަތާއި ސަތޭކަ ސޯޅަވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވެއެވެ ޝިރުކުކުރުމެވެ. ވަޙީ ކުރައްވައިފައިވެއެވެ. ﴿إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا﴾ މާނައީ: [ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ." ސަތޭކަ ސޯޅަވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވެއެވެ. ﴿إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا﴾ މާނައީ: "ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ."
އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއްކަން ބަޔާންކޮށްދޭ މުހިންމު ފިޤުހީ ޙުކުމެއް މި ސޫރަތުގައިވެއެވެ. ބަލިމަޑުކަމެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ މަތީގައި އުޅެނިކޮށް ފެން ނުލިބިއްޖެ ހާލަތެއްގައި، ސާފު ފަސްގަނޑުން ތަޔައްމުމު ކުރާނެ ގޮތް ބަޔާންކުރައްވައިފައިވެއެވެ. ސޫރަތުގެ ސާޅީސްތިން ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا﴾ މާނައީ: [އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ حال ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ! އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރީން މެނުވީ، جنب ވެރިވެގެންވާ حال ވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާނދެން، (ނަމާދާ ގާތްނުވާށެވެ!) އަދި، ބަލިމީހުން ކަމުގައި ތިޔަބައިމީހުން ވާނަމަ، ނުވަތަ، ދަތުރެއްގެ މަތީގައިވާނަމަ، ނުވަތަ، ތިޔަބައިމީހުން ކުރެ މީހަކު ހަނޑަހުން އައިނަމަ، (އެބަހީ: ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެ ނަމަ) ނުވަތަ، އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ، ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، طاهر ވެލީން ތިޔަބައިމީހުން تيممކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި، (އެ ވެލީން) ފުހޭށެވެ! ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން عفوކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައި ވެއެވެ.]
ހަނގުރާމައިގެ ބިރުވެރި ދަނޑިވަޅުތަކުގައިވެސް ނަމާދު ދޫކޮށްނުލައި، ޚާއްޞަ ގޮތަކަށް ނަމާދުކުރާނެ ގޮތް (ޚައުފު ނަމާދުގެ ޙުކުމްތައް) މި ސޫރަތުގައި ބަޔާންވެގެންވެއެވެ. ސޫރަތުގެ ސަތޭކަ ދެވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. ﴿وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوا أَسْلِحَتَهُمْ فَإِذَا سَجَدُوا فَلْيَكُونُوا مِن وَرَائِكُمْ وَلْتَأْتِ طَائِفَةٌ أُخْرَىٰ لَمْ يُصَلُّوا فَلْيُصَلُّوا مَعَكَ وَلْيَأْخُذُوا حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ الَّذِينَ كَفَرُوا لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم مَّيْلَةً وَاحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن مَّطَرٍ أَوْ كُنتُم مَّرْضَىٰ أَن تَضَعُوا أَسْلِحَتَكُمْ ۖ وَخُذُوا حِذْرَكُمْ ۗ إِنَّ اللَّهَ أَعَدَّ لِلْكَافِرِينَ عَذَابًا مُّهِينًا﴾ މާނައީ: [އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު قائمކުރައްވައިފި ނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް قائمވާހުށިކަމެވެ! އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ! (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާ ހުށިކަމެވެ!) ދެން، އެއުރެން سجدةކޮށްފި ނަމަ (އެބަހީ: ފުރަތަމަ ركعة ފުރިހަމަކޮށްފުމަށް ދާނދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެއުރެންގެ ފަހަތުގައި ތިބޭހުށިކަމެވެ! އަދި، ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ! އަދި، އެއުރެން ހަތިޔާރުތަކާއި، ރައްކާތެރިކަމުގައި ހިފާހުށިކަމެވެ! ތިޔަބައިމީހުން ގެންގުޅޭ ތަކެއްޗާއި، ހަތިޔާރުތަކާމެދު، ތިޔަބައިމީހުން غافلވާނެ ނަމައޭ ހިތައި، كافرވި މީހުން (އެކަމަށް) އެދުނެވެ. އޭރުން، އެއްފަހަރާ ލެނބިގަންނަ ލެނބިގަތުމަކުން ތިޔަބައިމީހުންގެ މައްޗަށް އެއުރެން ލެނބިގެންފާނެތެވެ. (އެބަހީ: އެއްފަހަރާ އައިސް حملةދީފާނެތެވެ.) ވާރެއިން ތިޔަބައިމީހުންނަށް އުނދަގުލެއް ލިބިފައިވާނަމަ، ނުވަތަ، ތިޔަބައިމީހުން ބަލިވެއުޅޭ ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުންގެ ހަތިޔާރުތައް (ނާޅައި) ބެހެއްޓުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން ރައްކާތެރިކަމުގައި ހިފާށެވެ! ހަމަކަށަވަރުން، ކާފިރުންނަށް، إهانةތެރި عذاب، اللَّه ތައްޔާރުކުރެއްވިއެވެ.]
އިސްލާމީ މުޖުތަމަޢުގެ ޚާރިޖީ ސިޔާސަތު، މާނައަކީ މުސްލިމުން އެހެން މީސްތަކުންނާ މުޢާމަލާތް ކުރާނެ ގޮތުގެ ބައެއް އަސާސްތަކާއި، ހަނގުރާމައިގެ ޙާލަތުގައިވެސް މުސްލިމުންގެ ގާތުން ރައްކާތެރިކަމަށް (އަމާންކަމަށް) އެދޭ މީހުންނަށް އަމާންކަން ދިނުމަށް އަމުރުކުރައްވައިފައިވެއެވެ. އަދި މީހަކު ސަލާމް ގޮވައިލައިފި ނަމަ، އެއަށް ވުރެ ރީތި ބަހަކުން ނުވަތަ އެއާ އެއް ވަރަށް ސަލާމް ރައްދުކުރުމަށް އަމުރުކުރައްވައި ވަހީކުރައްވައިފައިވެއެވެ. ﴿وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا ﴾ މާނައީ: [ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حسابބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.]
މައްކާގައި ދީން ފާޅުކުރަން ނުކުޅެދި، އަނިޔާ ލިބެމުންދިޔަ މުސްލިމުންނަށް، މާތް ﷲ ގެ ބިން ތަނަވަސްވެގެންވާ ކަމަށާއި، ދީން ހިމާޔަތްކުރުމަށްޓަކައި ހިޖުރަކުރަން ޖެހޭނެކަމާއި، ނިކަމެތިކަމުގައި ހުރެ، ހިޖުރަނުކޮށް ތިބޭ މީހުންގެ އުޒުރު ޤަބޫލުނުކުރެވޭނެ ކަމަށް ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް ހިޖުރަޔަށް ދާނޭ މަގެއް ފެނިވައިނުވާ ބަލިމީހުންނާއި، އަންހެނުންނާއި ކުޑަކުދީން އިސްތިސްނާވެގެންވާކަން އަންގަވައިފައިވެއެވެ. ސޫރަތުގެ ނުވަދިހަ ހަތެއް ނުވަދިހަ އަށްވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. ﴿إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا * إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا ﴾ މާނައީ: [ހަމަކަށަވަރުން އެއުރެންގެ نفسތަކަށް އަނިޔާވެރިވެގެން ތިބޭ حالގައި، ملائكةން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކުކަމުގައެވެ. އެ ބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން، އެ ބިމުގައި هجرةކުރުމަށް اللَّهގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (قيامة ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ. (هجرةކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި، (هجرةއަށް) ދާނެ މަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދީން މެނުވީއެވެ.
ސޫރަތުއްނިސާގެ ސާޅީސް އެއްވަނަ އާޔަތަކީ ކީރިތި ރަސޫލާ صلى الله عليه وسلمގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރުކުރުވި އާޔަތެކެވެ. عبد الله بن مسعود رضى الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނަށް މި ސޫރަތް ކިޔަވައިދިނުމަށް އެދިވަޑައިގަތުމުން، މި އާޔަތާ ހަމައަށް ކިޔެވުނުތަނާ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 'މިހާރު ތިޔަވަރު ފުދިއްޖެއެވެ.' އެހިނދު ތިމަންކަލޭގެފާނު ބައްލަވައިލިއިރު އިތުރު އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އޮހޮރެމުންދެއެވެ.] ﴿فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدًا މާނައީ: [ފަހެ، ތިމަންރަސްކަލާނގެ ކޮންމެ أمّةއަކުން ހެކިވެރިޔަކު، (އެބަހީ: އެއުރެންގެ މައްޗަށް ހެކިވުމަށްޓަކައި އެ أمّةއެއްގެ ނަބިއްޔަކު) ގެންނަވައި، އަދި، މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހިނދު، (كافرންގެ حال) ކޮންފަދަތޯއެވެ؟]
ޢިލްމުވެރީންގެ ރައުޔުތައް
ސޫރަތުއްނިސާގައިވާ ޙުކުމްތަކާ މެދު އިސްލާމީ ފިޤުހުވެރީން (ޖުމްހޫރު ޢިލްމުވެރީން) އިއްތިފާޤުވާ މުހިންމު ނުކުތާތަކަށް ބަލާއިރު ކައިވެނީގެ ރަނަކީ ހަމައެކަނި އަންހެނާގެ ޙައްޤެކެވެ. ބަޕާއަށް ނުވަތަ ފިރިމީހާއަށް އޭނާގެ ހުއްދައާ ނުލައި އޭގެއިން އެއްވެސް އެއްޗެއް ނެގުން ޙަރާމްވެގެންވެއެވެ.
ގިނަ އަނބީން ގެންގުޅޭ އިރު ކާބޯއެއްޗެއްސާއި، އަންނައުނާއި، ރޭކުރުމުގައި ޢަދުލުވެރިވުމަކީ ފަރުޟެކެވެ. ނަމަވެސް ހިތުގެ ލޯތްބަކީ އިންސާނާގެ ބާރުގެ ދަށުގައިވާ އެއްޗެއް ނޫނެވެ.
އަންހެނާގެ މާލީ މިނިވަންކަމަށް ބަލާ އިރު، އިސްލާމްދީނުގައި އަންހެނާއަށް އަމިއްލައަށް ވިޔަފާރިކުރުމާއި، މުދާ ހޯދުމާއި، މިލްކުކުރުމުގެ ފުރިހަމަ ޤާނޫނީ ޙައްޤު ލިބިގެންވެއެވެ. ފިރިމީހާގެ މުދަލާއި އަންހެނާގެ މުދާ ވަނީ ވަކިކުރެވިފައެވެ.
ނިންމުން
ސޫރަތުން ލިބޭ މައިގަނޑު އިރުޝާދަށް ބަލާއިރު، ސޫރަތުގެ މުޅި މެސެޖު ބިނާވެގެންވަނީ [ތަޤުވާވެރިކަމާއި ޢަދުލުވެރިކަމުގެ] މައްޗަށެވެ. ސޫރަތް ފެށެނީ ވެސް ﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ...﴾ މާނައީ: [އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ!] މި ބަސްފުޅުންނެވެ. އިންސާނާ ﷲ އަށް ބިރުވެތިވެއްޖެ ނަމަ، އޭނާގެ ދަށުގައިވާ ނިކަމެތީންނަށާއި (ޔަތީމުންނާއި އަންހެނުންނަށް) އަނިޔާވެރިއެއްނުވާނެއެވެ. ޚުލާޞާކޮށް ދަންނަވާ ނަމަ، ސޫރަތުއްނިސާއަކީ ޖާހިލިއްޔަ ޒަމާނުގައި ނިކަމެތިކޮށްލެވިފައި އޮތް އަންހެނާގެ މަޤާމު، މުޖުތަމަޢުގެ އެންމެ މަތީ ދަރަޖައަށް އުފުލައިދިން ދުސްތޫރެކެވެ. (މުޅީން ނިމުނީ)
_________________________________________
|
ސޫރަތުއްނިސާއިން ފެންނަ ބައެއް ކަންކަން: މުޖުތަމަޢުގެ ބިންގާ ވަރުގަދަކުރުމުގެ އުސޫލުތައް. |