އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
21 ޖޫން 2026
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އެ މުއައްސަސާގެ ތަރައްގީއަށް ޓަކައި އަޅުއްވާ ފިޔަވަޅުތަކުގެ ވާހަކަ ދޭތެރެ ދޭތެރެއިން ގެނެސްދެވެނީ އެ ޔުނިވަރސިޓީގެ ޙަރަކާތްތެރިކަމުންނެވެ. މުއައްސަސާގެ ތަރައްގީއަށް ޓަކައި ތަޢުލީމީ އެހެން މުއައްސަސާއަކުން މި ހައި ހަލުވި އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވާ ތަން ނުފެންނާތީއެވެ.
ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދެއްވުމަށް ޓަކައި އައިޔޫއެމްގެ ފަރާތުން ލީގަލް ކުލިނިކެއް ހުޅުއްވި ވާހަކަ ދާދި މިދާކަށް ދުވަހަކު، [ފަރަގު]ން ގެނެސްދިނީ އެ ކަމުން މުޖުތަމަޢަށް ކުރާނެ ފައިދާތައް ބޮޑުކަމުންނެވެ.
އަނެއްކާ ވެސް މި ވަނީ އައިޔޫއެމްގެ ޢިލްމީ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ޓަކައި ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އިތުރު މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްޕުޅު ފައްޓަވައިފައެވެ.
އާދޭހެވެ! ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ގާއިމްކުރައްވާން ނިންމަވައިފައިވާ ކެމްޕަސް ބިނާކުރެއްވުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވީއެވެ. މި ކަމަށް ޓަކައި ނ. މަނަދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވައިފައެވެ.
2026 ޖޫން 19 (ހުކުރު) ދުވަހު ހަވީރު މަނަދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު ހުސްނީ މުބާރަކު ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ހުސްނީ މުބާރަކު ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢަކީ މަނަދޫގެ ޢުމްރާނީ އަދި ތަޢުލީމީ ތަރައްޤީއަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް މުހިންމު ނިންމެވުމެއްކަމަށާއި މި އިންޤިލާބީ މުހިންމު މަޝްރޫޢުގެ ސަބަބުން ރަށުގައި ތިބެގެން މަނަދޫގެ ދަރިވަރުންނަށް ޕީއެޗްޑީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިވެގެންދާކަމީ މަނަދޫއަށް ނިޞްބަތްވާ ކޮންމެ ރައްޔިތަކު ވެސް ފަޚުރުވެރިވާނެ ކަމެއްކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑޮކުޓަރ ޢަލީ ޒާހިރު ދެއްކެވި ވާހަކަފުޅުގައި މަތީތަޢުލީމުގެ މި ފަދަ މަޝްރޫޢުއަކީ ހަމައެކަނި ކޮންކުރީޓު ޢިމާރާތްތަކެއް ނޫންކަމަށާއި އެހެނެއްކަމަކު އެއީ މަނަދޫގެ އިތުރަށް ކައިރީގައިވާ އެހެން ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން، ބާއްޖަވެރި އަދި ހެޔޮ މިޞްރާބަކަށް ގެންދިޔުމަށް ޓަކައި ލިބޭނެ އެންމެ އަގުހުރި ރަން ފުރުޞަތުކަން ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ތައާރަފެއް ދެއްވީ އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޒު އަޙުމަދު އަމީން މުޙައްމަދެވެ.
މި މަޝްރޫޢުގެ ތަފުޞީލުތައް:
v މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވެނީ ކެމްޕަސް އިމާރާތަކާއި އެކޮމޮޑޭޝަން ޢިމާރާތެއް.
v ކެމްޕަސް ޢިމާރާތުގައި ހަތަރު ކުލާސްރޫމާއި، ސެމިނަރ ރޫމަކާއި، އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، މީޓިންގ ރޫމެއް ހިމެނޭ.
v އެކޮމޮޑޭޝަން ޢިމާރާތުގައި 20 ދަރިވަރުންގެ ދަނާލަކާއި، މުވައްޒަފުންގެ ސްޓޫޑިއޯ-ޓައިޕް އެކޮމޮޑޭޝަން ދެ ފުލެޓާއި، އެތެރެވެށި ކުޅިވަރުތައް ކުޅޭނެ ވަސީލަތްތަކާއި ޖިމަކާއި ކެންޓީނުގެ ޚިދުމަތް ހިމެނޭ.
v މީގެ އިތުރުރަށް ދަރިވަރުން ކިޔަވާން ބޭނުންވާނެ ވަސީލަތްތަކާއި އިޖުތިމާޢީ ކަންކަމަށް ބޭނުންކުރުމަށް ގޯތި ތެރޭގައި އިތުރު ވަޞީލަތް ގާއިމްކުރެވޭނެ.
v މި މަޝްރޫޢުއަށް މަނަދޫއިން 19000 އަކަފޫޓުގެ ބިމެއް އެ ރަށު ކައުންސިލުން ވަނީ ކަނޑައަޅުއްވައި ރަޖިސްޓްރީ ކޮށްދެއްވައިފައި.
v ޢިމާތާރްކުރުމުގެ މަސައްކަތާ ޙަވާލުވެފައިވަނީ ޓުރަސްޓުއެންޖު ކުންފުނި.
v މަޝްރޫޢުއަކީ ދައުލަތުގެ ޕަބްލިކު ސެކުޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނޭ މަޝްރޫޢުއެއް
v އެއް އަހަރުދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިންމާން ވަނީ ކަނޑައެޅިފައި.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އެންމެ ފުރަތަމަ ކޮންކުރީޓު އޮއްސައިދެއްވީ ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު ހުސްނީ މުބާރަކާއި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑޮކުޓަރ ޢަލީ ޒާހިރާއި މަނަދޫ ކައުންސިލްގެ ރައީސް ޢަލީ ޒާފިރާއި އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޒު އަޙްމަދު އަމީން މުޙައްމަދެވެ. އޭގެ ފަހުން މަނަދޫ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މަނަދޫގެ ކަމުވޮށިވެގެންވާ އިސްރަށްވެހީން ވެސް ވަނީ ކޮންކުރީޓު އަޅާން ފެށުމުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.