ad_banner
ނަބަވީ ހިޖުރަ - ނިކަމެތިކަމުގެ ބަންދުން ދައުލަތެއްގެ ސިޔާދަތަށް

ޑރ. މޫސާ އަންވަރު ޙަސަން

19 ޖޫން 2026

ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން [ހިޖުރައަށް] ނުކުމެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަކީ ހަމައެކަނި އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ބަޔަކު ކުރި ހިޖުރައެއްގެ ތާރީޚީ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އިސްލާމީ ފިކުރު ނެތިގެންދިޔަ ނުދީ، އެ ފިކުރު ސަލާމަތްކުރެއްވުމަށް ޓަކައި ކުރެއްވުނު، އިލާހީ މަދަދާއެކު ދުރާލައި ރޭއްވުނު، ހޭލުންތެރި ޙަރަކާތެކެވެ.

މި މުހިންމު ހާދިސާއަށް ފުންކޮށް ވިސްނައިލުމުން އެނގެނީ، މިއީ އިސްލާމީ ދައުވަތުގެ މަސައްކަތަށް އައި ވަރަށް ބޮޑު ބަދަލެއްކަމެވެ. އެއީ މައްކާގެ ފިއްތުންތަކުގެ ތެރޭގައި އޮތް އިންފިރާދީ ދައުވަތުގެ މަރުހަލާއިން، ދެމިއޮތުމުގެ ބާރާއި ސިޔާދަތު ލިބިގެންވާ ސިޔާސީ ދައުލަތެއް ބިނާކުރުމުގެ އަމަލީ މަރުހަލާއަށް ބަދަލުވެގެން ދިޔަ ދިއުމެވެ.

މައްކާގެ މަގުތައް ބަންދުވުމާއި އާދަކާދަތައް މުގުރާލުން:

މައްކާގެ މާހައުލު އޮތީ އިސްލާމީ ދައުވަތަށް މުޅިން ބަންދުވެފައެވެ. ގުރައިޝުން ފިކުރީ ގޮތުން ހަމައެކަނި ދެކޮޅުވެރިވީކީ ނޫނެވެ. ނުވަތަ ޖިސްމާނީ އަނިޔާ ދިނީކީ ވެސް ނޫނެވެ. އެއާ ޚިލާފަށް، އެބައިމީހުން ދިޔައީ [މުއައްސަސީ ބަންދެއް] ތަންފީޒުކުރަމުންނެވެ. އެއީ ޝިޢުބު އަބީ ޠާލިބުގައި ހިންގި އިގުތިސާދީ އަދި އިޖުތިމާއީ ބޮއިކޮޓުން ފެށިގެން، އެންމެ ފަހުން މާތް ނަބިއްޔާ صلى الله عليه وسلم އަވަހާރަކޮށްލުމަށް ނިންމި ނިންމުމާ ހަމައަށެވެ. (محمد الصادق عرجون، محمد رسول الله منهج ورسالة، ج2، ص 185).

މި ފަދަ ހުރަސްތަކުގެ ސަބަބުން މައްކާގައި ދެމިތިބުމަކީ ދައުވަތުގެ މުސްތަގުބަލަށް އޮތް ނުރައްކަލަކަށް ވިއެވެ. އެހެންކަމުން، އުފަން ބިމަށް އޮތް ލޯބިފުޅާއި އާދަކާދަތައް ދޫކުރައްވައި، އުނދަގޫފުޅު ނިންމެވުމެއް ނިންމަވާން ޖެހިވަޑައިގަތެވެ. ޙަބުޝްކަރައަށް ކުރެވުނު ފުރަތަމަ ހިޖުރައަކީ އަމާންކަން ހޯދުމަށް ކުރެވުނު ދަތުރެއް ނަމަވެސް، މަދީނާއަށް ކުރެވުނު ހިޖުރައަކީ ސިޔާދަތީ ދައުލަތެއް ބިނާކުރުމަށް ކުރެވުނު ދަތުރެކެވެ. ބަދަލަކަށް އިންކާރުކޮށް، ފިކުރުތައް ނައްތައިލާން މަސައްކަތްކުރާ މާހައުލެއްގައި ދެމިހުރުމަކީ حضاري މަޝްރޫއެއް އޭގެ ފެށުމުގެ މަރުޙަލާގައި ފަސްއަޅައި ފޮރުވާލުމެކެވެ. (أحمد خيري العمري، السيرة مستمرة، ص 344).

މަޑުމައިތިރި ތައްޔާރުވުމާއި ތަފާތުތައް ނައްތާލުން:

ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާއަށް ބަދަލުވުމުގެ ނިންމުމަކީ ކުއްލިއަކަށް، އެއްވެސް ރޭވުމެއް ނެތި ނިންމެވި ނިންމެވުމެއް ނޫނެވެ. އޭގެ ކުރިން މަދީނާގެ ގަބީލާތަކުގެ މެދުގައި ހުރި އުނދަގޫ މައްސަލަތައް ހައްލުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެވުނެވެ. مصعب بن عمير رضى الله عنه  ފޮނުއްވުމަކީ ހަމައެކަނި ޤުރްއާން ކިޔަވައިދޭ މުދައްރިސަކު ފޮނުއްވުމެއް ނޫނެވެ. އެއީ އައުސު ވަންހައާއި ޚަޒުރަޖު ވަންހައިގެ މެދުގައި އޮތް ޒަމާންވީ ދެކޮޅުވެރިކަން ނައްތައިލައްވައި، އެންމެން އެއްބަސްވާ މަރުކަޒީ ވެރިކަމަކަށް މަގުފަހިކުރެއްވުމަށް ފޮނުއްވި ސިޔާސީ މަންދޫބެކެވެ. މި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، މާތް ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ވަޑައިގަތުމުގެ ކުރީން، މަދީނާގެ ކޮންމެ ގެއަކަށް އިސްލާމްދީނުގެ ނޫރު ފޯރިއެވެ. (ابن هشام، السيرة النبوية، ج2، ص 76).

ޢަޤަބާގެ ބައިޢަތު - ސިޔާދަތުގެ އުފަންވުން:

މި ތައްޔާރުވުންތައް ނިމިގެން ދިޔައީ ޢަޤަބާގެ ދެވަނަ ބައިޢަތުންނެވެ. މިއީ ހަމައެކަނި ދީނީ ބައިޢަތެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ދިފާޢީ އަދި ސިޔާސީ އެއްބަސްވުމެކެވެ. އަންޞާރީ ބޭކަލުން އެބޭފުޅުންގެ އަނބިދަރިން ރައްކާތެރިކުރާ ފަދައިން މާތް ނަބިއްޔާ صلى الله عليه وسلم ރައްކާތެރިކުރުމަށް ވީ އިޤުރާރަކީ، ހަމައެކަނި ސުލްހަވެރިކަމުގައި ތިބި ތިބުމުން ކުރިމަތިލުމުގެ މަރުހަލާއަށް ބަދަލުވެ، ދައުލަތެއް އުފަންވިކަމުގެ އިއުލާނެވެ. މިއީ ބޭރުގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި ވެރިޔަކަށް ބާރުދޭ ފުރަތަމަ ދުސްތޫރީ އިޢުލާނެވެ. (الصاوي، السيرة النبوية، ص 112)

ދަތުރުގެ ފުރިހަމަކަމާއި ބަޞީރަތުގެ ޔަޤީންކަން:

މި މަތިވެރި ހިޖުރައިގެ ދަތުރުފުޅު ޢަމަލީގޮތުން ތަންފީޒުކުރެވުނު ގޮތަށް ބަލާ އިރު، އެއީ އެއްވެސް ތަރުތީބެއް ނެތި ހާސްކަމުން އަމާންކަމުގެ ވެއްޓަކަށް ފިލި ފިލުމެއްގެ ގޮތުގައި ސިފަކުރާން އުޅޭ އިސްތިޝްރާޤީ ވިސްނުންތަކުގެ ބާތިލުކަން މި ކަމުން ހާމަވެއެވެ. މި ދަތުރުފުޅުގެ ރޭވުންތެރިކަން ބިނާވެފައިވަނީ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާ އެކު ބަހައިލެވިގެންނެވެ. އޭގެ ތެރޭގައި، އާންމުކޮށް މީހުން ގޮސްނޫޅޭ ނުރަސްމީ މަގުތައް ދަންނަ ކުޅަދާނަ މާހިރަކު ހޯދުމާއި، ކާބޯތަކެތި ފޯރުކޮށްދޭނެ މަގުތައް ކަށަވަރުކުރުމާއި، އަމަނާ ބެހޭ މަޢުލޫމާތު އެއްކުރުމުގެ އިތުރަށް ފިޔަވަޅުތަކުގެ ނިޝާން ފޮހެލުން ފަދަ ކަންކަން ހިމެނެއެވެ. ތާރީޚީ ފޮތްތަކުގައި ބަޔާންވެގެންވާ މި ފުރިހަމަ ނިޒާމުން ކަށަވަރުކޮށްދެނީ، ކަންކަމުގައި ދިމާވާ ގޮންޖެހުންތަކުން ދިމާވާ ހިރާސްތައް ކުޑަކުރުމަށް ފަންނީ މާހިރުންގެ ބޭނުން ހިފުމާއި، ކުޅަދާނަކަމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމާއި، ހުރި ހުރިހައި ދުނިޔަވީ ވަސީލަތްތަކެއްގެ ބޭނުން ހިފުމުގެ މުހިންމުކަމެވެ. (محمد بن يوسف الصالحي الشامي، سبل الهدى والرشاد، ج3، ص 235)

މި ކަންކަމުގެ ސަބަބުން، މި މުހިންމު ތާރީޚީ ހާދިސާއަކީ އެއްވެސް ރޭވުންތެރިކަމެއް ނުވަތަ ބުއްދީގެ ބޭނުންހިފުމެއް ނެތި ހިނގައި ދިޔަ ކަމެއްގެ ގޮތުގައި ދެއްކުމަށް ކުރެވޭ މަސައްކަތްތައް މުޅީން ބާތިލުވެގެންދެއެވެ. (شبلي النعماني، السيرة النبوية، ج1، ص 210).

މި ގޮތަށް ފުރިހަމަ ރޭވުންތެރިކަމާ އެކު ޢަމަލީ މަސައްކަތްތައްކުރެވުނު ނަމަވެސް، އެ މަސައްކަތްތައް ގުޅިފައިވަނީ ނުގުޑާ ފަދަ ވަރުގަދަ ރޫޙާނީ ޔަޤީންކަމަކާއެވެ. ދުނިޔަވީ ހުރިހާ ސަބަބުތަކެއް ހުއްޓުމަކަށް އައިސް، ދުޝްމަނުން ހޮހަޅައިގެ ދޮރުމަތީގައި ތިބި ނާޒުކު ވަގުތުގައި، މާތްﷲގެ ރައްކާތެރިކަމަށް އޮތް ފުރިހަމަ އިތުބާރާއި ހިތްހަމަޖެހުން ފެނުނެވެ. މިއީ އިންސާނީ ކުޅަދާނަކަން ހުރި މިންވަރަކުން މަސައްކަތްކުރުމާއި، ހަމައެއާ އެކު ޚާލިޤުވަންތަ ރަސްކަލާނގެއަށް ފުރިހަމައަށް ވަކީލުކުރުމުގެ މެދުގައި އޮތް ލާމަސީލު ހަމަހަމަކަމުގެ ނަމޫނާއެކެވެ. (القاضي عياض، الشفا بتعريف حقوق المصطفى، ج1، ص 315) 

މި މުހިންމު ހާދިސާއިން ދަސްކޮށްދޭ އަގުހުރި ފިލާވަޅަކީ، ކުރިއެރުމެއް ނެތް މާހައުލުތަކުން ދުރަށްޖެހި، އަޤީދާގެ މިނިވަންކަން ލިބިދޭނެ ފަދަ ފަހި ބިމެއް ހޯދުމުގެ ޙިކުމަތްތެރިކަމެވެ. އެއީ ހަމައެކަނި ދީނީ ދަޢުވަތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ދައުލަތެއްގެ ސިފައިގައި އިސްލާމީ އުޞޫލުތައް ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ މުޖުތަމަޢެއް ބިނާކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ. (محمد الغزالي، فقه السيرة، ص 165)

 

ބައެއް ލަފުޒުގެ މާނަ

ހިރާސް      ނ.     (1) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (2) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު. (3) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް. risk

ވަކީލުކުރުން   މ.     ކަމެއް ނިމިގެންދާނެ ގޮތް އޮތީ الله ސުބުޙާނަހޫ ވަތަޢާލާގެ މިންވަރުފުޅުގައިވާ ގޮތެއްގެ މައްޗަށް ކަމަށް ހިތް ނިޔަތް ޚަލާސްކުރުން.

މާހިރު       ނ.     (1) ކޮންމެވެސް ފަންނަކަށް ކުޅަދާނަ މީހާ. (2) ކޮންމެވެސް ފަންނަކަށް އަރައި ހުރި މީހާ. expert

ފަންނީ      ނއ.    ކަމެއްގެ ހުނަރުވެރިކަން ހުރި.

ލާމަސީލު     ނ.     (1) އެވަރެއްނެތް. (2) މިސާލެއް ނެތް.

ސިޔާދަތު    ނ.     ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަން.

ކޮމެންޓު